އަލްފާޟިލާ އާމިނަތު ނަޢީމް
ގ. ގުޑްލަކް

އާމިނަތު ނަޢީމަކީ، ތަޢުލީމީ ދާއިރާގައި 36 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. އާމިނަތު ނަޢީމް ވަނީ ސްރީލަންކާގެ ލޭޑީސް ކޮލެޖުން ޕްރީސްކޫލް އަދި ސަބް ޕްރައިމަރީ އެޑިޔުކޭޝަން ފުރިހަމަކުރައްވައި، އެޑިޔުކޭޝަނަލް ލީޑަރޝިޕް އެންޑް މެނޭޖްމަންޓް އިން އެޑިޔުކޭޝަންގެ ރޮނގުން މާސްޓަރޒް ޑިގްރީ ހާސިލު ކުރައްވައިފައެވެ. ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، ޕްރީސްކޫލް ޓީޗަރެއްގެ ވަޒީފާއިން ފެށިގެން އެސިސްޓެންޓް ހެޑް ޓީޗަރކަމާއި، ޕްރައިމަރީ ޓީޗަރުކަމާއި، ގްރޭޑް ކްލާސްތަކުގެ ކޯޑިނޭޓަރކަމާއި، ސަބްޖެކްޓް ކޯޑިނޭޓަރކަމާއި، ގްރޭޑް ސުޕަވައިޒަރުކަން ކުރައްވައިފައި ވެއެވެ. އަދި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ލީޑިންގ ޓީޗަރެއްގެ ގޮތުންނެވެ.

1983 ވަނަ އަހަރު އިސްކަންދަރު ސްކޫލްގެ ވަޒީފާއެއްގައި ތަޢުލީމީ ދާއިރާއާ ގުޅިވަޑައިގެންނެވި ހިސާބުން ފެށިގެން ދާއިރާގެ ކުރިއެރުމަށާއި ތަރައްޤީއަށްޓަކައި ގިނަ މަސައްކަތްތަކެއް އާމިނަތު ނަޢީމް ވަނީ ކުރައްވައިފައެވެ. އަދި އެގޮތުން ހަވާލުކުރެވުނު ކޮންމެ މަސްއޫލިއްޔަތެއް އާމިނަތު ނަޢީމް އަދާކުރައްވައިފައިވަނީ، ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު، ކަމަށްކަމޭހިއްތަވައިގެން ފަރުވާތެރިކަމާއެކުގައެވެ. 1983 ވަނަ އަހަރު ތަޢުލީމީ ޚިދުމަތުގައި ފެށްޓެވި ދަތުރުގެ ކުރީކޮޅުގައި، މާލޭގައި އޭރު ހިނގަމުންދިޔަ ޕްރީސްކޫލްތައް، އަވަށު ސްކޫލްތަކަށް ސަރުކާރުން ބަދަލުކުރެއްވުމާ ގުޅިގެން، 1984 ވަނަ އަހަރު ހަނިއްޔާ ސްކޫލަށް އާމިނަތު ނަޢީމް ބަދަލުކުރެއްވިއެވެ. އަދި އޭގެފަހުން މާފަންނު މަދަރުސާގެ ޓީޗަރުކަމާއި، އެސިސްޓެންޓް ހެޑް ޓީޗަރެއްގެ ޒިންމާވެސް އަދާކުރައްވައިފައި ވެއެވެ. އަދި ދަރިވަރުންނަށް އުނގަންނައިދިނުމަށްޓަކައި މާފަންނު މަދަރުސާއިން ތައްޔާރުކުރި ފޮތްތައް ތައްޔާރުކުރުމުގައި ޢަމަލީގޮތުން އިސް ދައުރެއް އަދާކުރައްވައިފައި ވެއެވެ.

އާމިނަތު ނަޢީމް، އިސްކަންދަރު ސްކޫލްގެ ޕްރައިމަރީ ޓީޗަރެއްގެ މަގާމަށް އަލުން ބަދަލުކުރެއްވީ 1 މާރިޗު 1996 ގައެވެ. އެ ސްކޫލްގައި މި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، އެ ސްކޫލްގެ ދަރިވަރުންގެ ހުނަރުވެރިކަމާއި ޤާބިލުކަން އިތުރުކުރުމަށްޓަކައި އަމިއްލައަށް އިސްނަންގަވައިގެންނާއި، ސްކޫލްގެ ފަރާތުން ހިންގި އެކި ޕްރޮގްރާމްތަކުގައި، އާމިނަތު ނަޢީމް ވަނީ ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ. އަދި ސްކޫލުން ހިންގައިފައިވާ ތަފާތު އެކި ކުޅިވަރު ހަރަކާތްތަކަށާއި، އިންޓަރސްކޫލް އަދި އިންޓަރހައުސް މުބާރާތްތަކަށް ދަރިވަރުން ތައްޔާރުކޮށްދެއްވައި، ސްކޫލަށް ރީތި ނަން ހޯއްދަވައިދެއްވުމުގައި، އެންމެ އިސް ސަފުގައި މަސައްކަތް ކުރައްވައިފައި ވެއެވެ. މީގެއިތުރުން، އިސްކަންދަރު ސްކޫލްގެ ހުރާހައުސްގެ އިންޗާޖްގެ ހައިސިއްޔަތުން އެކި ހަރަކާތްތައް ހިންގަވައި، ދަރިވަރުން ތަމްރީނު ކުރެއްވުމުގައި، އިސް ދައުރެއް އަދާކުރައްވައިފައި ވެއެވެ.

2005 ވަނަ އަހަރު އިސްކަންދަރު ސްކޫލްގެ ލީޑިންގ ޓީޗަރެއްގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ދަރިވަރުންގެ ކިޔެވުމާ ގުޅޭ ކަންކަން ރާއްވަވައި ހިންގެވުމުގައްޔާއި، އެކަންކަން ހިނގާނުހިނގާގޮތް ބައްލަވައި، މުދައްރިސުންނަށް އިރުޝާދު ދެއްވުމުގައިވެސް މުހިންމު ދައުރެއް އާމިނަތު ނަޢީމް އަދާކުރައްވައިފައި ވެއެވެ. ސްކޫލްގެ ކެޑޭޓް، ގައިޑް، ލިޓްލްމެއިޑްސް، އެންވަޔަރަންމަންޓް ކްލަބް، ކަލްޗަރަލް ކްލަބުގެ ކަންތައް ރާވައި، ހިންގަވައި ބެލެހެއްޓެވުމާއި، އިންޓަރސްކޫލް ބެޑްމިންޓަން، އިންޓަރސްކޫލް އެތުލެޓިކްސް، އިންޓަރސްކޫލް ސްވިމިންގ، އަދި ސްކޫލުން ރާއްވަވައި ހިންގާ އެކި ހަރަކާތްތައް ހިންގުމުގައި، އިސް ދައުރެއް އަދާކުރައްވައިފައި ވެއެވެ. އަދި ސްކޫލްގެ ޕީ.ޓީ.އޭ.ގެ ކޯޑިނޭޓަރކަމާއި، ޕީ.ޓީ.އޭ.ގެ އެންމެހައި ކަންތައް ރާއްވަވައި ހިންގެވުމުގައިވެސް އިސް ދައުރެއް އަދާކުރައްވައިފައި ވެއެވެ.

އާމިނަތު ނަޢީމް ވަނީ ރާއްޖޭގެ ދަރިވަރުން ކިޔުމަށް ފޮތް ތައްޔާރުކުރުމަށް، ސަރުކާރުން އެންމެ ފުރަތަމަ ހުޅުއްވައިލެއްވި ފުރުޞަތުގައި، ފޮތް ތައްޔާރު ކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާގެ އިނާމު ހޯއްދަވައިފައެވެ. އާމިނަތު ނަޢީމަކީ މަސައްކަތުގެ މާޙައުލުގައި މުވައްޒަފުންނާއި ދަރިވަރުން އަދި ބެލެނިވެރިންގެ ރުހުމާއި ލޯބި ހާސިލު ކުރައްވައިފައިވާ، ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއި، ރޭވުންތެރިކަމާއެކު މަސައްކަތް ކުރައްވާ ބޭފުޅެކެވެ.