އަލްފާޟިލް އިސްމާޢީލް ޢަލީ
ޒިކުރާ ފ. ނިލަންދޫ

އިސްމާޢީލް ޢަލީއަކީ ވަރަށް ކުރިއްސުރެން ފެށިގެން ތަޢުލީމީ ދާއިރާގައި ޚިދުމަތް ކުރެއްވުމުގެ ޝައުޤުވެރިކަން އޮތް ބޭފުޅެކެވެ. އެ ޝައުޤުވެރިކަން ހިތްޕުޅުގައި އުފެދުނީ، އުނގަންނައިދިނުމުގެ ދާއިރާއަކީ، ވަރަށް އިޙްތިރާމް ލިބޭ އަދި ފަހި މާޙައުލެއް އޮތް ދާއިރާއަކަށްވެފައި، އެ ފަންނުގައި އަމިއްލައަށް ކުރިއަށް ވަޑައިގަންނަވާހިތްޕުޅުވެގެންނެވެ.

އިސްމާޢީލް ޢަލީ، ތަޢުލީމީ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 37 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ފުރަތަމަ ޚިދުމަތް ފެށްޓެވީ، 1982 ވަނަ އަހަރު ފ.އަތޮޅު މަދަރުސާ، ފ.ފީއަލީގައެވެ. 5 އަހަރު ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު، އަމިއްލަފުޅު ރަށުގައި ފ.ނިލަންދޫގައި ހުންނަ ފ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ޕްރައިމަރީ ޓީޗަރެއްގެ ވަޒީފާ އަދާކުރެއްވިއެވެ. އޭގެފަހުން މާލެއަށް ދިރިއުޅުން ބަދަލުކުރެއްވުމަށްފަހު، 1991 ވަނަ އަހަރު މަޖީދިއްޔާ ސްކޫލްގެ މުދައްރިސެއްގެ ގޮތުން ޚިދުމަތް ކުރައްވަން ފެށްޓެވީއެވެ.

މަޖީދިއްޔާ ސްކޫލްގައި ވަޒީފާ އަދާކުރައްވަން ފެށްޓެވި ދުވަސްވަރަކީ، ކިޔަވައިދިނުމުގައި ވަރަށްބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން ޖެހުނު ދުވަސްވަރެކެވެ. އެހެންނަމަވެސް، އެ ގޮންޖެހުންތަކާވެސް ކުރިމަތިލައްވައި، ތަފާތު ކުރިއެރުންތަކާއި ކާމިޔާބީތައް، އިސްމާޢީލް ޢަލީ ހާސިލުކުރެއްވިއެވެ. ޓީޗަރުކަމުން ސުޕަވައިޒަރު ކަމަށް ބަދަލުވެވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގަތެވެ. 2000 ވަނަ އަހަރުގެ ނިޔަލަށް މަޖީދިއްޔާ ސްކޫލްގައި ޚިދުމަތް ކުރެއްވުމަށްފަހު، 2001 ވަނަ އަހަރުން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދެވީ ޢިމާދުއްދީން ސްކޫލްގެ ސުޕަވައިޒައިރެއްގެ ގޮތުގައެވެ. އޭގެފަހުން އަނެއްކާވެސް މަޖީދިއްޔާ ސްކޫލްގައި ޚިދުމަތް ކުރައްވަން ފެށްޓެވިއެވެ.

އިސްމާޢީލް ޢަލީ މިހާރު ޚިދުމަތް ކުރައްވަމުން ގެންދަވަނީ، މަޖީދިއްޔާ ސްކޫލްގެ ލީޑިންގ ޓީޗަރެއްގެ ގޮތުގައި ސީނިއަރ މެނޭޖްމަންޓްގައެވެ. މަޖީދިއްޔާ ސްކޫލްގައި 29 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައި ވެއެވެ.