ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އިބްރާހީމް މުޙައްމަދުދީދީ
ލެގޫންވިއު ސ. ހިތަދޫ

ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އިބްރާހީމް މުޙައްމަދުދީދީއަކީ، 1979 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު 32 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު، 2012 ވަނަ އަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހު، ދިވެހި ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގެންފައިވާ ސިފައިންގެ އިސް ޚިދުމަތްތެރިއެކެވެ.

ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އިބްރާހީމް މުޙައްމަދުދީދީގެ ޚާއްޞަ ޚިދުމަތްތަކަށް ބަލާއިރު، ސިފައިންގެ މުވާޞަލާތީ ޚިދުމަތްތައް ތަރައްޤީ ކުރުމުގެ މަސައްކަތް، 1980 ވަނަ އަހަރު ފަށާފައިވަނީ މަދު ވަސީލަތްތަކާއެކު، އިބްރާހީމް މުޙައްމަދުދީދީގެ ހިތްވަރުފުޅުގަދަކަމާއި، ޚިދުމަތުގެ ނަމޫނާ މިސާލެއްގެ ގޮތުގައިކަން ފާހަގަކުރެވެއެވެ. މިއަދު ތަރައްޤީވެފައިވާ އެ މުއައްސަސާގެ ކޮމިއުނިކޭޝަންގެ މޭސްތިރިއަކީ، ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އިބްރާހީމް މުޙައްމަދުދީދީއެވެ.

މީގެއިތުރުން، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލައިގައި، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި، އިބްރާހީމް މުޙައްމަދުދީދީ ކުރެއްވި ހިތްވަރުފުޅުގަދަ މަސައްކަތްޕުޅުތަކުގެ ތެރޭގައި، ސިފައިންގެ ހަތިޔާރު ގުދަނުގެ ތަޅުދަނޑިފަތި ހިއްޕަވައިގެން ވަޑައިގެން، ސިފައިންގޭގެ މައި މަރުކަޒުގެ ބޭރުން މަރުކަޒުގެ އެތެރެއަށް ފޯރުކޮށްދެއްވުމުގައި ކުރައްވައިފައިވާ އާދަޔާޚިލާފު ޙިކުމަތްތެރި، ހިތްވަރުފުޅުގަދަ، އިޚްލާޞްތެރި، ނުރައްކާތެރި މަސައްކަތްޕުޅު މަތިން ޚާއްޞަގޮތެއްގައި ހަނދާންކޮށްލަންޖެހެއެވެ. މީގެއިތުރުން، 2004 ވަނަ އަހަރު، ޑިސެންބަރު މަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި، ދިވެހި ސިފައިން އިސްނަންގަވައިގެން ކުރެއްވި އެންމެހައި މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަތުމާއި، 2011 ވަނަ އަހަރު، އައްޑޫސިޓީގައި ސާރކް ސަމިޓް ބޭއްވުމަށްޓަކައި ސަރުކާރުން ކުރެއްވި ބުރަ މަސައްކަތްތައް ރާއްވަވައި ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި އެންމެ އިސް އޮފިސަރުގެ ހައިސިއްޔަތުން ކުރެއްވި މަސައްކަތްޕުޅުތައްވެސް ފާހަގަކޮށްލަންޖެހެއެވެ.

ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އިބްރާހީމް މުޙައްމަދުދީދީއަކީ، އެން.އެސް.އެސް.ގެ ތަފާތު އެތައް ރޭންކްތަކެއްގައި ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. އެގޮތުން ފުރުއްވި އިސް ރޭންކްތަކުގެ ތެރޭގައި، ލެފްޓިނަންޓް، ފަސްޓް ލެފްޓިނަންޓް، މޭޖަރ، ލެފްޓިނަންޓް ކާނަލް، ކާނަލްކަން ހިމެނެއެވެ. އަދި، ސީޓްސްގެ އޮފިސަރ އިންޗާޖް ކަމާއި، ކޮމާންޑިންގ އޮފިސަރ ކަމާއި، ކުއާޓަރ މާސްޓަރ ސަރވިސްގެ ކޮމާންޑިންގ އޮފިސަރ ކަމާއި، ސަޕޯޓް ބެޓޭލިއަންގެ ކޮމާންޑިންގ އޮފިސަރ ކަމާއި، ސީ.އެމް.އެސް.ގެ ކޮމާންޑިންގ އޮފިސަރ ކަމާއި، އެމް.އެން.ޑީ.އެފް. ސަދަން އޭރިޔާގެ ކޮމާންޑަރު ކަމާއި، އެމް.އެން.ޑީ.އެފް.ގެ މާލޭ އޭރިޔާގެ ކޮމާންޑަރުކަންވެސް ކުރައްވައިފައި ވެއެވެ.

ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އިބްރާހީމް މުޙައްމަދުދީދީގެ ޚިދުމަތުގެ ކާމިޔާބީތަކުގެ ތެރޭގައި، ޔޫ.އެސް.އާރމީގައި އޮފިސަރ ބޭސިކް ކޯސް އަދި އޮފިސަރ އެޑްވާންސް ކޯސް ފުރިހަމަކުރެވްވުމާއި، ޕާކިސްތާނު ކޮމާންޑް އެންޑް ސްޓާފް ކޮލެޖުން ބީ.އެސް.ސީ. އޮނަރސް ވޯރ ސްޓަޑީޒް ފުރިހަމަކުރައްވައި، ޕީ.އެސް.ސީ. ލަޤަބް ހާސިލުކުރެއްވުމާއި، އިންޑިއާގެ ނޭޝަނަލް ޑިފެންސް ކޮލެޖުން ނޭޝަނަލް ސެކިއުރިޓީ ސްޓަޑީޒް ދާއިރާއިން އެމް ފިލް ފުރިހަމަކުރައްވައި، އެން.ޑީ.ސީ.ގެ ލަޤަބް ހާސިލުކުރައްވައިފައި ވެއެވެ.

ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އިބްރާހީމް މުޙައްމަދުދީދީ، ސިފައިންގޭގައި އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރެއްވި ޚިދުމަތްތަކުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި، 10 މެޑެއްޔާއި 8 ކުލަ ލިބިވަޑައިގެންފައިވެއެވެ. އެގޮތުން ލިބިވަޑައިގެންނެވި ޝަރަފުގެ މެޑެލްތަކަކީ، ރައީސުލްޖުމްހޫރިއްޔާގެ މެޑެލް، މަތިވެރި ޚިދުމަތުގެ މެޑެލް، ހުރަވީ ރަން މެޑެލް، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލް، 3 ނޮވެންބަރުގެ މެޑެލް، ސައްތައިގެ މެޑެލް، އިޚްލާޞްތެރި ޚިދުމަތުގެ މެޑެލް، ސިފައިންގެ ޚިދުމަތުގެ މެޑެލް، އަޚްލާޤީ މެޑެލް އަދި 17 ވަނަ ސާރކް ސަމިޓް މެޑެއްޔެވެ. ލިބިވަޑައިގެންފައިވާ ޝަރަފުގެ ކުލަތަކުގެ ތެރޭގައި، ސިފައިންގެ ޚިދުމަތުގެ ކުލަ، ޚާއްޞަ ޚިދުމަތުގެ ކުލަ، ކާމިޔާބުގެ ކުލަ، އިޚްލާޞްތެރި ޚިދުމަތުގެކުލަ، ރައީސުލްޖުމްހޫރިއްޔާގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ ހިމެނެއެވެ. އަދި، އަޚްލާޤީ ކުލަ ދެފަހަރަށް ލިބިވަޑައިގެންފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އައްޑުއަތޮޅު ހިތަދޫ މެދު ދާއިރާގެ މެންބަރެއްގެ ގޮތުން، ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އިބްރާހީމް މުޙައްމަދުދީދީ ވަނީ ޚިދުމަތް ކޮށްދެއްވައިފައެވެ. ރައްޔިތުންގެ މަޖިލީހުގައި އުޅުއްވި މުއްދަތާއެކު، ދައުލަތަށް 37 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައި ވެއެވެ.