ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު
ހުޅުމާލެ. ފްލެޓް ނަންބަރު 04-2-133

ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރަކީ 1984 ވަނަ އަހަރުގެ މާރިޗުމަހުގެ 13 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި، ތެދުވެރިކަމާއި ވަފާތެރިކަމާއި އިޚްލާޞްތެރިކަމާއެކު 37 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. ދިވެހި އަސްކަރިއްޔާގައި ހޭދަކުރެއްވި މި ދިގު މުއްދަތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުން ތަފާތު ގިނަ ކޯސްތަކާއި ތަމްރީނުތައް ފުރިހަމަ ކުރައްވައިފައިވެއެވެ. އަދި ދިވެހި އަސްކަރިއްޔާގެ ތަފާތު ގިނަ ދާއިރާތަކުގައި ވަރަށް އަގުހުރި ޚިދުމަތްތަކެއް މަތީ ފެންވަރެއްގައި ކޮށްދެއްވައިފައިވެއެވެ. މިގޮތުން އެމްއެންޑީއެފްގެ ބައެއް އޭރިއާ ކޮމާންޑްތަކާއި ކޯރތަކާއި ޔުނިޓްތަކުގެ އެންމެ އިސް ކޮމާންޑަރެއްގެ ގޮތުގައި ކުރައްވައިފައިވާ ޚިދުމަތްތަކާއި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ އިޚްލާޞްތެރި އަގުހުރި މަސައްކަތްތައް ފާހަގަކުރެވެއެވެ. ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު މިހާރު ހުންނެވީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓަރ ޖެނެރަލްގެ މަގާމުގައެވެ.

ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު ފުރިހަމަ ކުރައްވާފައިވާ ކޯސްތަކުގެ ތެރޭގައި، އެން.ސީ.އޯ ކޭޑަރ ތަމްރީނު ކޯހާއި، އިންޓަރނޭޝަނަލް ރިވަރައިން އެންޑް ކޯސްޓަލް އޮޕަރޭޝަން ކޯހާއި، އިންޓަރނޭޝަނަލް މިޑްޝިޕްމަންސް ކޯހާއި، ބޭސިކް ސްޓާފް ކޯހާއި، އިންޓަރނޭޝަނަލް އެއަރ ސަރޗް އެންޑް ރެސްކިޔު ކޯހާއި، ނޭވަލް ސްޓާފް ކޮލެޖް ފޮރ އިންޓަރނޭޝަނަލް އޮފިސަރސް ކޯސް ހިމެނެއެވެ. ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު ވަނީ ނޭޝަނަލް ސެކިއުރިޓީގެ ދާއިރާއިން މާސްޓަރޒް ޑިގްރީ ހާސިލުކުރައްވައިފައެވެ.

ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު ދިވެހި އަސްކަރިއްޔާގައި ޚިދުމަތް ކުރެއްވި ދިގު މުއްދަތުގައި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވަނީ އެމް.އެން.ޑީ.އެފް ކޯސްޓްގާޑުގައެވެ. ދިވެހި އަސްކަރިއްޔާގައި މިއަދު މި އޮތް ކޯސްޓްގާޑުގެ ޚިދުމަތް ތަރައްޤީވެ ފުޅާވެގެން ދިޔުމުގައި، ޚާއްޞަކޮށް އިންސާނީ ވަސީލަތް ތަރައްޤީކޮށް ކުރިއެރުވުމުގައި ކޯސްޓްގާޑުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައްޔާއި ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައި އަދި ކޯސްޓްގާޑުގެ ކޮމަޑާންޓުގެ ހައިސިއްޔަތުން ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު ކުރައްވައިފައިވާ އަގުހުރި މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. އެމް.އެން.ޑީ.އެފް. ކޯސްޓްގާޑުގައި އަދާކުރެއްވި އިސް މަގާމުތަކުގެ އިތުރުން، އެމް.އެން.ޑީ.އެފް. ސެންޓްރަލް އޭރިއާގެ ކޮމާންޑަރުކަމާއި، ސިފައިންގެ އެކުވެރި ކުންފުންޏާއި، ސިފައިންގެ ކޯޕަރޭޓިވް މެނޭޖްމަންޓް ކޮމެޓީގެ ޗެއަރމަންކަމާއި، ޓްރޭނިންގ ރިސަރޗް އެންޑް އިވެލުއޭޝަން ކޮމެޓީގެ މެންބަރުކަމާއި، ދިވެހި ސިފައިންގެ ކުލަބުގެ ހިންގާ ކޮމެޓީގެ މެންބަރުކަމާއި، ކައްދޫ އެއަރޕޯޓް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރކަމާއި، އެމް.އެން.ޑީ.އެފް.ގެ ޗީފް ސްޕޯކްސްޕަރސަންކަން ހިމެނެއެވެ. އަސްކަރިއްޔާގައި ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު މިހާރު އަދާކުރައްވަމުން ގެންދަވާ މަގާމުތަކުގެ ތެރޭގައި، ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓަރ ޖެނެރަލްކަމާއި، އެމް.އެން.ޑީ.އެފް. ލަފާ ދޭ މަޖިލީހުގެ މެންބަރުކަމާއި، އެމް.އެން.ޑީ.އެފް ޕްރޮމޯޝަން ބޯޑުގެ ވައިސް ޗެއަރމަންކަމާއި، އެމް.އެން.ޑީ.އެފް. ގްރީވަންސް ބޯޑުގެ ޗެއަރމަންކަމާއި، އެމް.އެން.ޑީ.އެފް.ގައި އުފައްދަވައިފައިވާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ކުރުން ހުއްޓުވާ ކޮމެޓީގެ ޗެއަރމަންކަން ހިމެނެއެވެ.

ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު ދިވެހި އަސްކަރިއްޔާއަށާއި ދިވެހި ޤައުމަށް ކޮށްދެއްވި ޚާއްޞަ ޚިދުމަތްތަކުގެ ތެރޭގައި 1988 ނޮވެންބަރު 3ވަނަ ދުވަހު ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ގުޅިގެން އަމިއްލަ ފުރާނައަށް ބެއްލެވުމެއްނެތި ޤައުމަށްޓަކައި ކުރެއްވި އަގުހުރި ޚިދުމަތް ފާހަގަކުރެވެއެވެ. އަދި 2004 ޑިސެންބަރު 26 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ދިވެހި އަސްކަރިއްޔާއިން ކުރިއަށް ގެންދިޔަ ޚާއްޞަ އޮޕަރޭޝަންގައި ޢަމަލީ ގޮތުން ވަރަށް އިސް ދައުރެއް އަދާކުރެއްވިއެވެ. އަދި ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓަރ ޖެނެރަލްގެ މަގާމުގައި ހުންނަވައިގެން އެ ދާއިރާއިން ދިވެހި ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ބޭރުގެ ޤައުމުތަކާ ގުޅުން ބަދަހިކުރައްވައި، ކަމާބެހޭ ދިރާސާތައް ހައްދަވައި، ޢަމަލީ ގޮތުން ކުރައްވަމުން ގެންދަވާ އަގުހުރި މިންނެތް މަސައްކަތްތައް ފާހަގަކުރެވެއެވެ.

ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު ދިވެހި އަސްކަރިއްޔާގައި ކުރައްވައިފައިވާ އިޚްލާޞްތެރި ޚިދުމަތްތަކާއި ހޯއްދަވައިފައިވާ ކާމިޔާބީތައް އަދި ސާބިތުކޮށްދެއްވައިފައިވާ ހަރުދަނާ އަސްކަރީ އަދަބު އަޚްލާޤުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 10 މެޑެއްޔާއި 11 ކުލައެއް ލިބިވަޑައިގެންފައިވެއެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ މެޑެލް، މަތިވެރި ޚިދުމަތުގެ މެޑެލް، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލް، އިޚްލާޞްތެރި ޚިދުމަތުގެ މެޑެލް، ސިފައިންގެ ޚިދުމަތުގެ މެޑެލް، އަޚްލާޤީ މެޑެލް، 3 ނޮވެންބަރުގެ މެޑެލް، ސައްތައިގެ މެޑެލް، 17 ވަނަ ސާރކް ސަމިޓް މެޑެލް، އަދި މިނިވަން 50 ގެ މެޑެލް ލިބިވަޑައިގެންފައި ވެއެވެ. ޝަރަފުގެ ނިޝާނުގެ ކުލައިގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލަ، އިޚްލާޞްތެރި ޚިދުމަތުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ، ކާމިޔާބުގެ ކުލަ، ހުނަރުވެރިކަމުގެ ކުލަ، ޚާއްޞަ ޚިދުމަތުގެ ކުލަ ދެ ފަހަރަށް، އަޚްލާޤީ ކުލަ ދެ ފަހަރަށް އަދި ހިތްވަރުގަދަކަމުގެ ކުލަ ލިބިވަޑައިގެންފައިވެއެވެ.