އަލްފާޟިލް މުޙައްމަދު ސިރާޖް
މ. ބޮލިފުށި

މުޙައްމަދު ސިރާޖަކީ، 17 މާރިޗު 1984ން ފެށިގެން ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ފުރަތަމަ އަދާކުރެއްވީ، އެތަނުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމެވެ. އޭގެފަހުން އެސިސްޓެންޓް ޖޫނިއަރ އިންޖިނިއަރ ކަމާއި، ޖޫނިއަރ އިންޖިނިއަރ ކަމާއި، އެސިސްޓެންޓް އިންޖިނިއަރ ކަމާއި، އިންޖިނިއަރކަން ކުރައްވައިފައި ވެއެވެ.

މުޙައްމަދު ސިރާޖް، މި ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 37 އަހަރަށްވުރެ ދިގު މުއްދަތެއް ވަނީ ވެފައެވެ. ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި، މަސައްކަތަށް ދުވަހަކުވެސް ގަޑިޖެހިފައި ނުވުމާއި، އެއްވެސް އިޞްލާޙީ ފިޔަވަޅެއް އަޅައިފައިނުވާކަން ޚާއްޞަގޮތެއްގައި ފާހަގަކުރެވެއެވެ. މިވަގުތު ސިރާޖް ހުންނެވީ، އެ އޮތޯރިޓީގެ ކޮންސިއުމަރ ޕްރޮޓެކްޝަން އެންޑް ސަރވިސަސް ސެކްޝަންގެ އިސްބޭފުޅެއްގެ ގޮތުގައެވެ.

މުޙައްމަދު ސިރާޖަކީ، 1980 ގެ އަހަރުތަކުގެ ތެރޭގައި، އަތޮޅުތެރެއަށް ޓެލެފޯނުގެ ޚިދުމަތް ތަޢާރުފްވުމުގެ ކުރީގައި، މާލެއިން އެކި ރަށްރަށަށް މެސެޖް ފޮނުވުމަށް ބޭނުންކުރެވުނު އެސް.އެސް.ބީ. ޓްރާންސްރިސީވަރުގެ މަސައްކަތްތަކުގައި ވަރަށްބުރަކޮށް އުޅުއްވި ބޭފުޅެކެވެ. އަދި، ރާއްޖޭގައި އޮޕަރޭޓް ކުރަން ފެށުނު ކޯސްޓަލް ރޭޑިއޯ ސްޓޭޝަން ޤާއިމުކުރުމަށްޓަކައި ޢަމަލީގޮތުންވެސް ގިނަ މަސައްކަތްތަކެއް ސިރާޖު ވަނީ ކުރައްވައިފައެވެ. މުޙައްމަދު ސިރާޖަކީ، އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޯލޮޖީއާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އަތޮޅުތެރޭގައި ބާއްވަމުންދިޔަ އެކިއެކި ޕްރޮގްރާމްތަކުގައި އިސްކޮށް މަސައްކަތް ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި، އެ އޮތޯރިޓީއަށް ބޭނުންވާ އިންފޮމޭޝަން ޓެކްނޮލޮޖީގެ އެޕްލިކޭޝަންތައް ޑިވެލޮޕް ކުރެއްވުމާއި، ގްރެފިކް ޑިޒައިންގެ ކަންކަމުގައިވެސް ޢަމަލީގޮތުން އުޅުއްވައިފައިވާ ބޭފުޅެކެވެ.

މުޙައްމަދު ސިރާޖަކީ ފަންނީ ބޭފުޅެއް ކަމުގައިވީނަމަވެސް، ފަންނީ ރޮނގުން ޚިދުމަތް ކުރެއްވުމުގެ އިތުރަށް، އެ އޮތޯރިޓީގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން، ދުވަހުން ދުވަހަށް އޮތޯރިޓީ ހިންގުމުގައްޔާއި، އެ އޮތޯރިޓީގެ އިދާރީ ދާއިރާގައިވެސް އިޚްލާޞްތެރި ޚިދުމަތްތަކެއް ވަނީ ކޮށްދެއްވައިފައެވެ. އަދި، ވަޒީފާގެ ސީދާ މަސްއޫލިއްޔަތުގެ ބޭރުންވެސް އެ އޮތޯރިޓީއަށް ފައިދާހުރި ގިނަ ޚިދުމަތްތަކެއް ވަނީ ކޮށްދެއްވައިފައެވެ.