އަލްފާޟިލް މުޙައްމަދު ޢަފީފް
ދަފްތަރު. ނަންބަރު ރސ 12533

މުޙައްމަދު ޢަފީފަކީ، 20 ސެޕްޓެންބަރު 1980 އިން ފެށިގެން މިނިސްޓްރީ އޮފް އެގްރިކަލްޗަރގައި ދަނޑުވެރިކަމުގެ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ފުރަތަމަ އަދާކުރެއްވީ، ފީލްޑް އޮފިސަރެއްގެ ވަޒީފާއެވެ. އޭގެފަހުން، ސީނިއަރ ފީލްޑް އޮފިސަރ ކަމާއި، އެކްސްޓެންޝަން އޮފިސަރ ކަމާއި، އެސިސްޓެންޓް އެގްރިކަލްޗަރ އޮފިސަރ ކަމާއި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ އެގްރިކަލްޗަރ އޮފިސަރ ކަމާއި، ސީނިއަރ އެގްރިކަލްޗަރ އޮފިސަރ ކަމާއި، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްގެ ސީނިއަރ އެގްރިކަލްޗަރ އޮފިސަރކަން ކުރައްވައިފައި ވެއެވެ. ރާއްޖެއިން ބޭރުގައި ފުރިހަމަކުރެއްވި ކޯސްތަކަށް ފުރާވަޑައިގަތުމާ ގުޅިގެން ހަމަޖައްސާފައި އޮންނަ އުސޫލުގެ ތެރެއިން ވަޒީފާއިން ވަކިކުރައްވައިފައިވާ މުއްދަތާއި، ޔޫ.އެން.ޑީ.ޕީ.ގެ ޕްރޮޖެކްޓެއްގައި މަސައްކަތް ކުރެއްވުމަށް ވަޒީފާއިން ވަކިވެވަޑައިގެންނެވި މުއްދަތު އުނިކޮށްލުމުންވެސް، މުޙައްމަދު ޢަފީފް މި ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ 37 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.

މުޙައްމަދު ޢަފީފަކީ، ދަނޑުވެރިކަމުގެ ރޮނގުން ތަފާތު އެތައް ކޯސްތަކެއް، ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކުން ފުރިހަމަކުރައްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، ޖަޕާނު، ފިލިޕީންސް، ތައިލެންޑް އަދި ސްރީލަންކާގައި ފުރިހަމަކުރެއްވި ތަމްރީނުތަކުގެ ތެރޭގައި، އެގްރިކަލްޗަރަލް އެކްސްޓެންޝަން އެންޑް ކޮމިއުނިކޭޝަންގެ ރޮނގުންނާއި، ކްރޮޕްސް ޕްރޮޑަކްޝަންގެ ރޮނގުން އަދި ޕްލާންޓް ޕްރޮޓެކްޝަންގެ ރޮނގުން ފުރިހަމަކުރެއްވި ތަމްރީނުތައް ހިމެނެއެވެ. މީގެއިތުރުން، މުޙައްމަދު ޢަފީފް ވަނީ ރާއްޖޭގައިވެސް ދަނޑުވެރިކަމުގެ ތަފާތު ދިރާސާތައް ކުރައްވައި، ގިނަ ތަޖުރިބާތަކެއް ހާސިލު ކުރައްވައިފައެވެ.

މުޙައްމަދު ޢަފީފް ކުރައްވައިފައިވާ ޚިދުމަތްތަކަށް ބަލާއިރު، 1980 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ، ޒަމާނާ ގުޅޭގޮތަށް ތަރައްޤީ ކުރެއްވުމުގެ ގޮތުން މިނިސްޓްރީން ހިންގެވި ގިނަ ޕްރޮގްރާމްތަކެއްގައި ބައިވެރިވެވަޑައިގެން ޢަމަލީގޮތުން އިސް ދައުރެއް އަދާކުރައްވައިފައި ވެއެވެ. މިގޮތުން ހިންގި ބައެއް ކާމިޔާބު ޕްރޮގްރާމްތަކުގެ ތެރޭގައި، ރާއްޖޭގައި ކުރިން ނުހައްދާ ތަރުކާރީއާއި މޭވާގެ ގިނަ ބާވަތްތައް، ރާއްޖެއަށް ތަޢާރުފް ކުރެއްވުމާއި، ގަސްތަކަށް ބޮޑެތި ގެއްލުންތައްދޭ ބައެއް ސޫފާސޫފި، ތިމާވެށްޓާ ރައްޓެހި ބައޮލޮޖިކަލް ކޮންޓްރޯލް މެތަޑްސް ބޭނުންކޮށްގެން ކޮންޓްރޯލް ކުރެއްވުމާއި، ދަނޑުވެރިކަމުގެ ތަފާތު މުހިންމު ރޮނގުތަކުން ގިނަ އަދަދެއްގެ މީހުން ތަމްރީނު ކުރެއްވުން ހިމެނެއެވެ. އަދި ވިޔަފާރީގެ އުސޫލުން ދެމެހެއްޓެނިވި ގޮތުގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރުމުގެ މަސައްކަތް، އެކި ސަރަޙައްދުތަކަށް ފުޅާކުރެއްވުމާއި، ދަނޑުވެރިކަމާބެހޭ އަތްމަތީ ފޮތްތައް އެކުލަވައިލައްވައި، މިނޫންވެސް އެގްރިކަލްޗަރަލް އެކްސްޓެންޝަން މެޓީރިއަލްސް ތައްޔާރުކުރެއްވުމާއި، ދަނޑުވެރިކަން ކުރާ ފަރާތްތަކަށް، ދަނޑުވެރިކަމުގެ ފަންނީ ގިނަ މަޢުލޫމާތުތައް، ރޭޑިއޯއާއި ޓީ.ވީ. އަދި މޯބައިލް ފޯނު މެދުވެރިކޮށް، ދެއްވުންވެސް ހިމެނެއެވެ.