އަލްއުސްތާޛާ ޙައްވާ މުޙައްމަދު
މާހާ ހދ. ވައިކަރަދޫ

ރާއްޖެތެރޭގެ ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ޙައްވާ މުޙައްމަދު، ސަރުކާރުގެ ޚިދުމަތް ފެށްޓެވީ، 1 ޖަނަވަރީ 1985 ގައެވެ. ފުރަތަމަ ވަޒީފާ އަދާކުރެއްވީ، ހދ.ވައިކަރަދޫގައި ހުންނަ ހދ.އަތޮޅު މަދަރުސާގައެވެ. ޙައްވާ މުޙައްމަދަކީ، ތަމްރީނު ފުރިހަމަ ކުރައްވައިގެން ކިޔަވައިދޭން ފެށި، ހދ.ވައިކަރަދޫގެ ފުރަތަމަ ޓީޗަރެވެ. ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހދ.އަތޮޅު މަދަރުސާގައި އެކި ގްރޭޑްތަކުގައި އެކި މާއްދާތައް ކިޔަވައިދެއްވިއެވެ. ކިޔަވައިދެއްވުމުގެ އިތުރުން، ދަރިވަރުންގެ ޖިސްމާނީ ދުޅަހެޔޮކަމާއި، ދަރިވަރުންގެ އެކިއެކި ހުނަރުތައް ކުރިއެރުވުމަށާއި، އަތޮޅު މަދަރުސާގެ ކަންކަން ކުރިއަށް ގެންދިޔުމަށް އިސްނަންގަވައިގެން މަސައްކަތް ކުރެއްވިއެވެ. އަދި ސްކޫލްގައި އޮންނަ ކްލަބު ޖަމުޢިއްޔާތަކުގައި ހިންގާ ތަފާތު ހަރަކާތްތައް ވިލަރެސް ކުރައްވައިފައި ވެއެވެ. ހދ.އަތޮޅު މަދަރުސާގައި އޮތް މާވާ ހައުސްގެ އިންޗާޖެއްގެ ގޮތުގައި ޙައްވާ މުޙައްމަދު ކުރެއްވި މަސައްކަތްވެސް ފާހަގަކޮށްލަންޖެހެއެވެ. ޙައްވާ މުޙައްމަދަކީ، ރާއްޖޭގައި ހިންގުނު އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ ދަށުން ވޮލަންޓިއަރެއްގެ ގޮތުގައި، ބޮޑެތި މީހުންނަށްވެސް ކިޔަވައިދެއްވައިފައިވާ ޓީޗަރެކެވެ.

ޙައްވާ މުޙައްމަދު، ތާޖުއްދީން ސްކޫލްގެ މުދައްރިސަކަށް ބަދަލުވެވަޑައިގަތީ، 25 ޖަނަވަރީ 1992 ގައެވެ. އެ ސްކޫލްގެ ޤުރްއާން ޕޫލްގެ ދަރިވަރުންނަށް ޤުރްއާން އުނގަންނައިދެއްވުމުގެ އިތުރުން، އިންޓަރހައުސް އަދި އިންޓަރ ސްކޫލް ޤުރްއާން މުބާރާތްތަކަށް ދަރިވަރުން ތައްޔާރުކޮށްދެއްވައި، އެ ސްކޫލަށް ކާމިޔާބީތައް ހޯއްދަވައިދެއްވުމުގައި ޙައްވާ މުޙައްމަދުގެ ހިއްސާ ވަރަށްބޮޑެވެ. މީގެއިތުރުން، ދަރިވަރުންގެ ދިވެހި އަދަބީ ފެންވަރު ރަނގަޅު ކުރެއްވުމަށާއި، ދަރިވަރުންގެ ވާހަކަދެއްކުމުގެ ހުނަރު މަތިކުރެއްވުމަށް، ތަފާތު ގޮތްގޮތުން މަސައްކަތް ކޮށްދެއްވައިފައި ވެއެވެ.

ޙައްވާ މުޙައްމަދު، މިހާރު ޚިދުމަތް ކުރައްވަމުން ގެންދަވަނީ، ޖަމާލުއްދީން ސްކޫލްގެ ޤުރްއާން ޓީޗަރެއްގެ ގޮތުގައެވެ. އަދި އޭގެކުރިން، އެ ސްކޫލްގެ ސްޕެޝަލް އެޑިޔުކޭޝަން ޓީޗަރެއްގެ މަގާމުވެސް ފުރުއްވިއެވެ. ޙައްވާ މުޙައްމަދަކީ، ޖަމާލުއްދީން ސްކޫލުގެ ދަރިވަރުންނަށް އިސްލާމާއި، ކީރިތި ޤުރްއާން ކިޔަވައިދެއްވުމުގެ އިތުރުން، ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ހިންގި ޚަތިމް ކުލާސްތަކުގައިވެސް ކިޔަވައިދެއްވައިފައިވާ ޓީޗަރެކެވެ. މީގެ އިތުރުން، ޙައްވާ މުޙައްމަދަކީ، ޤުރްއާން މުބާރާތްތަކަށް ދަރިވަރުން ތައްޔާރުކޮށްދެއްވުމުގެ މަސައްކަތްވެސް ކުރައްވާ ބޭފުޅެކެވެ. އަދި، ސްކޫލް ފެއަރ، ކޮންސަރޓް، ސްވިމިންގއާއި، ކެޑޭޓްފަދަ އިތުރު ހަރަކާތްތަކުގައި އެހީތެރިކަން ފޯރުކޮށްދެއްވައިފައިވާ ޓީޗަރެކެވެ.

ޙައްވާ މުޙައްމަދަކީ، ސްކޫލްގެ މެނޭޖްމަންޓާއި ބެލެނިވެރިންނާއި ދަރިވަރުން ގަޔާވާގޮތަށް، ފަހުގެ ޓެކްނޮލޮޖީ ބޭނުންކުރައްވައިގެން ކުދިންނަށް ކިޔަވައިދެއްވަމުން ގެންދަވާ ޚިދުމަތްތެރި ނަމޫނާ ޓީޗަރެކެވެ.

ޙައްވާ މުޙައްމަދަކީ، ޤުރްއާނުގެ ޢިލްމުން ޑިޕްލޯމާ އަދި ކިޔަވައިދިނުމުގެ ދާއިރާއިން ޕޯސްޓް ގްރެޖުއޭޓް ޑިޕްލޯމާ ހާސިލު ކުރެއްވުމަށްފަހު، އިސްލާމީ ޝަރީޢާއިން އޮނަރސް ޑިގްރީ ހާސިލު ކުރައްވައިފައިވާ ޤާނޫނީ ވަކީލެއްވެސްމެއެވެ.