އަލްފާޟިލް މުޙައްމަދުދީދީ
ކުއްޅަވައްގެ ސ. ހުޅުދޫ

މުޙައްމަދުދީދީ، މަސްވެރިކަމުގެ ޞިނާޢަތުގައި މަސައްކަތް ކުރައްވަމުން ގެންދަވާތާ ވަރަށްދިގު މުއްދަތެއް ވެއްޖެއެވެ. އެގޮތުން، މަސްވެރިންގެ އަތުން މަސްގަނެ، މަސް ފިނިކޮށް، ރައްކާކޮށް އަދި އެކްސްޕޯޓް ކުރުމުގެ މަސައްކަތް ކުރަމުންގެންދާ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓެޑް (މިފްކޯ) ގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 35 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. މިހާރު ހުންނެވީ، އެ ކުންފުނީގެ އޮޕަރޭޝަން ކޮންސަލްޓަންޓްގެ މަގާމުގައެވެ.

މުޙައްމަދުދީދީ ވަނީ މިފްކޯއިން އޮޕަރޭޓްކުރާ މަސްބޯޓުފަހަރުގެ ކެޕްޓަންކަމުގެ މަގާމުން ފެށިގެން އެ ކުންފުނީގެ އެގްޒެކެޓިވް ލެވެލްގައިވެސް މަސައްކަތް ކުރައްވައިފައެވެ. މަސްކިރުވާ ބޯޓުތަކުގައި، ކަނޑުމަތީގައި 12 އަހަރަށްވުރެ ގިނަދުވަހު މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި އެ ކުންފުނީގެ ސެންޓަރެއް ކަމަށްވާ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް ޤާއިމުކުރެވުނުއިރު އެތަން ހިންގެވުން ހަވާލުކުރެއްވީ މުޙައްމަދުދީދީއާއެވެ.

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ދުވަސްވަރު، އެތަނުގެ ކަންކަން ތަރައްޤީ ކުރައްވައި، މަސް ފިނިކޮށް ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރެއްވުމާއި، މަސްވެރިން ބާނާ މަސް، ތާޒާކަންމަތީ ކިރުވުމަށް ކުރަންޖެހޭ ކަންކަން ކުރެއްވުމުގައި، މުޙައްމަދުދީދީ އިސް ދައުރެއް އަދާކުރެއްވިއެވެ. މިހާރު އެ ސެންޓަރުގައި ޤާއިމުކުރެވިފައިވާ ބައިނަލްއަޤްވާމީ ކޮލިޓީ މިންގަނޑުތަކަކީވެސް، މި ދެންނެވި ދުވަސްވަރު ކޫއްޑުއަށް ތަޢާރުފު ކުރެވުނު ކަންކަމެވެ. ހަމައެއާއެކު، މަސްވެރިންގެ އަތުން ގަންނަ މަހުގެ ތާޒާކަން ހިފެހެއްޓުމަށްޓަކައި މަހަށް އައިސްއެޅުމަށް މަސްވެރިންނަށް ބާރުއަޅުއްވައި، އެކަމަށް ހޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް މުޙައްމަދުދީދީ ވަނީ ކުރައްވައިފައެވެ. އެހެންކަމުން، މިފްކޯއިން ބޭރުކުރާ މަހަކީ، ބޭރު ދުނިޔޭގެ މާރުކޭޓުގައި އިތުބާރު ކުރެވޭ، ކޮލިޓީ މިންގަނޑުތަކާ އެއްގޮތަށް ބޭރުކުރެވޭ މަހަށް ހެއްދެވުމުގައި، މުޙައްމަދުދީދީގެ ހިއްސާ ވަރަށްބޮޑެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، މިފްކޯގެ ތަރައްޤީއަށާއި ކުރިއެރުމަށް މުޙައްދަމުދީދީ ކޮށްދެއްވައިފައިވާ މަސައްކަތްތައްވެސް ޚާއްޞަގޮތެއްގައި ފާހަގަކޮށްލަން ޖެހެއެވެ. އަދި މިމަސައްކަތްތަކުގައި ވަރަށްގިނަ ދަތި އުނދަގޫ ކަންކަމާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކަމުގައިވީނަމަވެސް، އެއްވެސް ފަސްޖެހުމެއްނެތި އެކަންކަން ޙައްލުކުރައްވައި، ކުންފުނީގެ ހިންގުމަށް އެކަށީގެންވާ ހެޔޮ ބަދަލުތަކެއް މުޙައްމަދުދީދީ ވަނީ ގެނެސްދެއްވައިފައެވެ.