އަލްފާޟިލާ ޢާއިޝަތު ޙުސައިން
ބޮންތި ހދ. މަކުނުދޫ

ޢާއިޝަތު ޙުސައިން، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ރާއްޖެތެރޭގެ މަދްރަސާ/މަކްތަބުތަކުގެ މުދައްރިސެއްގެ ވަޒީފާއިން ސަރުކާރުގެ ޚިދުމަތާ ގުޅިވަޑައިގަތީ، 22 ފެބުރުވަރީ 1981 ގައެވެ. ޢާއިޝަތު ޙުސައިނަކީ، ރާއްޖެތެރޭގެ މުދައްރިސުން ތަމްރީނު ކުރުމުގެ ކޯސް ފުރިހަމަކުރެއްވުމަށްފަހު، ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހދ.އަތޮޅަށް ޚިދުމަތް ކުރައްވަން ފެށްޓެވި ފުރަތަމަ އަންހެން މުދައްރިސެވެ. ޢާއިޝަތު ޙުސައިން ވަނީ ހދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އިތުރުން، ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގައްޔާއި، ހދ.އަތޮޅު މަދަރުސާގައިވެސް ޓީޗަރެއްގެ ގޮތުން މަސައްކަތް ކުރައްވައިފައެވެ.

ޢާއިޝަތު ޙުސައިން، މަކުނުދޫ ސްކޫލްގައި ފުރަތަމަ ޚިދުމަތް ކުރައްވަން ފަށްޓަވައި، އެސްކޫލްގައި ރަސްމީ ތަޢުލީމު ތަޢާރުފު ކުރެއްވުމުގައިވެސް މުހިންމު މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ. އަދި އެކި ދުވަސްވަރު ސަރުކާރުން އެކުލަވައިލެއްވި ތަޢުލީމާ ގުޅޭ ސިޔާސަތުތައް ތަންފީޒު ކުރެއްވުމަށް ސްކޫލް ފެންވަރުގައްޔާއި، ރަށު ފެންވަރުގައި މަސައްކަތްތައް ކޮށްދެއްވައިފައި ވެއެވެ. ޚާއްޞަކޮށް، އަސާސީ ތަޢުލީމުގެ މަޝްރޫޢު ހިންގަވައިދެއްވުމުގައި ޢަމަލީގޮތުން އުޅުއްވައިފައި ވެއެވެ. ސްކޫލްގައި ހިންގާ އިތުރު ހަރަކާތްތައް ރާވައި ހިންގެވުމުގައްޔާއި، ގްރޭޑް 1 ނިންމާ ދަރިވަރުންނަށް ލިޔަންކިޔަން ދަސްކޮށްދޭ ޕްރޮގްރާމް ހިންގެވުމުގައްޔާއި، ސްކޫލްގެ ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުންނަށް ކޮންމެ އަހަރަކު ސްކޫލުން ހިންގަމުންގެންދާ ޕްރޮގްރާމް ހިންގެވުމުގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

ޢާއިޝަތު ޙުސައިނަކީ، އަލަށް ސްކޫލާ ގުޅިވަޑައިގަންނަވާ މުދައްރިސުންގެ ތެރެއިން ޤުރްއާނާއި އިސްލާމް މާއްދާ ކިޔަވައިދެއްވާ މުދައްރިސުންނަށް އެހީތެރިކަން ފޯރުކޮށްދެއްވައި، އެ ދެ ޑިޕާޓްމަންޓްގެ ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅު ކުރެއްވުމަށް އަމިއްލައަށް އިސްނަންގަވައިގެން މަސައްކަތް ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި ދަރިވަރުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި، އެސްކޫލްގައި ޚިދުމަތްކުރާ މުދައްރިސުންގެ ގުޅުން ރަނގަޅުކޮށް، އެ ގުޅުން ދެމެހެއްޓުމަށް ހިންގާ އެކިއެކި ޕްރޮގްރާމްތައް ހިންގަވައިދެއްވައިފައިވާ ބޭފުޅެއްވެސް މެއެވެ.

ޢާއިޝަތު ޙުސައިން 2017 ވަނަ އަހަރުގެ މާރިޗު މަހުގެ 10 ވަނަ ދުވަހު ވަޒީފައިން ރިޓަޔަރ ކުރެއްވިއިރު، 36 އަހަރަށްވުރެ ދިގު މުއްދަތެއްގައި މަކުނުދޫ ސްކޫލަށް ޚިދުމަތް ކޮށްދެއްވައިފައިވެއެވެ.