އަލްފާޟިލާ ޚަދީޖާ ލީނާ
ގ. ވެރޯނާ

ޚަދީޖާ ލީނާ، ޕްރީސްކޫލް ޓީޗަރެއްގެ ގޮތުން ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 35 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. ޚަދީޖާ ލީނާގެ ރަސްމީ ވަޒީފާއަކީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕްރީސްކޫލް ޓީޗަރެއްގެ މަގާމު ކަމަށްވިޔަސް، ޕްރީސްކޫލް ޓީޗަރުންނަކީ، މާލޭގެ އަވަށު މަދަރުސާތަކަށާއި، އެހެން ސްކޫލްތަކަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދޫކުރައްވަމުން ގެންދަވާ ބައެކެވެ. އެހެންކަމުން، ޕްރީސްކޫލް ޑިޕްލޮމާ ފުރިހަމަކުރެއްވުމަށްފަހު، ޚަދީޖާ ލީނާ 1985 ވަނަ އަހަރު ފުރަތަމަ ޚިދުމަތް ކުރައްވަން ފެށްޓެވީ، މަދްރަސަތުލް އަޙްމަދިއްޔާގައެވެ. އަޙްމަދިއްޔާގައި 1985 ވަނަ އަހަރުން ފެށިގެން 2003ވަނަ އަހަރުގެ ނިޔަލަށް ޚިދުމަތް ކުރައްވައިފައި ވެއެވެ. އޭރު ކިޔަވައިދިނުމުގައި ކުރިމަތިވި ދަތިތަކާއެކުވެސް ޚަދީޖާ ލީނާ މަސައްކަތް ކުރައްވައިފައި ވަނީ ފަރުވާތެރިކަމާއި އިޚްލާޞްތެރިކަމާ އެކުގައެވެ.

އެއަށްފަހު ޚަދީޖާ ލީނާ ޚިދުމަތް ކުރައްވަމުން ގެންދަވަނީ ފަލާޙް ޕްރީސްކޫލްގައެވެ. އެސްކޫލްގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 18 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. ޚަދީޖާ ލީނާވަނީ އަރލީ ޗައިލްޑްހުޑް އެޑިޔުކޭޝަންގެ ރޮނގުން ބެޗްލަރސް ޑިގްރީ ހާސިލު ކުރައްވައިފައެވެ. އަދި ޚަދީޖާ ލީނާއަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި މުދައްރިސުން ތަމްރީނު ކުރެއްވުމާއި، ބެލެނިވެރިން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ރާއްވަވައި ހިންގަވަމުން ގެންދަވައެވެ. މީގެއިތުރުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން ހިންގާ ތަފާތު ތަމްރީނު ޕްރޮގްރާމްތަކުގައިވެސް ޚަދީޖާ ލީނާ ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި އެކި ކަންކަމުގައި މަޝްވަރާއާއި ޚިޔާލު ދެއްވަމުން ގެންދަވައެވެ.

ޚަދީޖާ ލީނާ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ، ފަލާޙް ޕްރީސްކޫލްގެ ހެޑް ޓީޗަރެއްގެ ގޮތުގައެވެ.