އަލްފާޟިލާ ޢާއިޝަތު ރަޟިއްޔާ ޢަބްދުލްޙަކީމް
ސަނދުބަރަކާގެ ހއ. ދިއްދޫ

ޢާއިޝަތު ރަޟިއްޔާ ޢަބްދުލްޙަކީމް، އެންމެ ފުރަތަމަ އަދާކުރެއްވީ، ހއ.އަތޮޅުއޮފީހުގެ 2 ނަންބަރު ކާތިބާކަމުގެ ވަޒީފާއެވެ. އޭގެފަހުން، ސީނިއަރ ކްލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓަރީ ކަމާއި، ސެކްރެޓަރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. މެދުނުކެނޑި 29 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަތޮޅުއޮފީހުގައި ޚިދުމަތް ކުރެއްވުމަށްފަހު، 11 މޭ 2015އިން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދަވަނީ ކަލާފާނު ސްކޫލްގައެވެ. ކަލާފާނު ސްކޫލްގެ އޮފީސް އެސިސްޓެންޓެއްގެ ވަޒީފާ އަދާކުރެއްވުމަށްފަހު، މިހާރު ހުންނެވީ، އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމުގެ މަގާމުގައެވެ.

ޢާއިޝަތު ރަޟިއްޔާ ޢަބްދުލްޙަކީމް، ހއ.އަތޮޅުއޮފީހުގައި ވަޒީފާ އަދާކުރެއްވިއިރު، އަތޮޅުއޮފީހުގެ އިދާރީ ހިންގުމާބެހޭ ކަންކަން ބަލަހައްޓަވައިފައި ވެއެވެ. އަދި ދިއްދޫގައި ޤައުމީ ފެންވަރުގައި ފާހަގަކުރެވުނު އެކިއެކި މުނާސަބަތުތައް ފާހަގަކުރުމުގައިވެސް ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ. މީގެއިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަންވެސް ކުރައްވައިފައި ވެއެވެ. ޢާއިޝަތު ރަޟިއްޔާ، މިހާރު ކަލާފާނު ސްކޫލްގައިވެސް ކުރައްވަމުން ގެންދަވަނީ އިދާރީ މަސައްކަތްތަކެވެ.

ޢާއިޝަތު ރަޟިއްޔާ ޢަބްދުލްޙަކީމް ދެކެވަޑައިގަންނަވާ ގޮތުގައި، ޙަޔާތުގެ އެންމެބޮޑު އެއް ކާމިޔާބީއަކީ، ދައުލަތަށް މެދުނުކެނޑި 35 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވުމެވެ.