ދެތިން އެއްޗެއް ބުނެލަން ބޭނުންވޭ، މާދަންފުރާތީ. އެއީ، މިހާރު ތިޔަކުދިން ތިޔަ ފުރަނީ 6 ވަނަ އޭޝިއަން ޓޭބަލްޓެނިސް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް. ދިވެހިރާއްޖެ މި މަސައްކަތް ކުރަނީ ބޭރު ދުނިޔެއަށް ނުކުމެވޭތޯ. ދިވެހިރާއްޖެ ކުރިން ތިބިގޮތަށް ނުތިބެ، ބޭރު ދުނިޔެއަށް ތަޢާރަފުވޭތޯ. ބޭރުޤައުމުތަކާ ގުޅުން ބަހައްޓައި، އެމީހުންނާ އޮންނަ ގުޅުން ކުރިޔަށްވުރެ ރަނގަޅުކޮށް، ދުނިޔޭގެ އެހެން ޤައުމުތައްވެސް އެމަސައްކަތް ކުރާގޮތަށް މަސައްކަތް ކުރެވޭތޯ މިހާރު ސަރުކާރުން މި ބަލަނީ.

އެހެންވީމާ، ކުޅިވަރަކީ މިގޮތުން ވަރަށް ޚާއްޞަ ކަމެއް. ކުޅިވަރުގެ ދާއިރާގައިވެސް ދިވެހިރާއްޖެ މިހާރު ބޭރަށް މި ނުކުންނަނީ. ކުރިންވެސް ހިސާބަކަށް ނުކުމެފައި އޮންނަނީ. ޚާއްޞަކޮށް މި ޓޭބަލްޓެނިސްގައި. ދެން މިހާރު އެއަށްވުރެ އިތުރަށް އެހެން ބައެއް ކުޅިވަރުތަކުގައިވެސް ދިވެހިރާއްޖެއިން، ބޭރު ޤައުމުތަކުގެމެދުގައި ކުޅެވޭ ބައެއް ކުޅިވަރުތަކުގައިވެސް ބައިވެރިވަމުން މި ގެންދަނީ.

ދެން، އަހަރެމެންނަކީ އަދި މާބޮޑު ޤައުމަކަށްނުވާތީއާއި، ކުޅިވަރަށް މީގެކުރިން މާބޮޑު ސަމާލުކަމެއް ދީފައިނުވާތީ، އެކިއެކި ކުޅިވަރުތަކުގައި އަހަރެމެންގެ ފެންވަރުވެސް މާރަނގަޅެއް ނުވާނެ، އެހެން ޤައުމުތަކާ އަޅައިބަލާއިރު. އެގޮތަކީ، އަދި ކިރިޔާ އަހަރެމެން މިފަށަނީ. މި މަސައްކަތް މިގޮތަށް ކުރިޔަށް ގެންދާކަމަށް ވަންޏާ، މުސްތަޤުބަލުގައި ފެންވަރުވެސް ދާނީ ރަނގަޅުވަމުން. މިފަހަރު މި އޭޝިއަން ޗެމްޕިއަންޝިޕްގައިވެސް ބައިވެރިވާން ސަރުކާރުން ގަސްދުކުރީ އެ ސަބަބަށްޓަކައި. ދެން އެގޮތަށް ޓީމެއްދާއިރު ހަމައެކަނި މާލޭގައި، ތިޔަކުދިން އާދައިގައި ކުޅޭހެން ކުޅެފައި ދިޔުމަށްވުރެ، ބޭރުގެ ކަމާބެހޭމީހަކު ގެނެސްގެން، އެމީހެއްގެ ރޭވުމުގެ ދަށުން ކޮންމެވެސްވަރަކަށް ތަމްރީނުކޮށްގެން ދިޔައިމާ ވަރަށް ބޮޑުތަން ރަނގަޅުވާނެ ކަމަށް ފެންނާތީ، މިސްޓަރ ޕެރޭރާ ސަރުކާރުން ގެންނެވީ. ދެން އޭނާ އެހުރި ދުވަސްކޮޅު ޓީމަށް ލިބުނު އިރުޝާދުން ކޮންމެވެސްވަރަކަށް ކުރިޔަށްދާނެކަން ޔަޤީން. މުއްދަތަކީ މާދިގު މުއްދަތެއް ނޫން. އެއީ އަހަރެމެންނަން ފުރަތަމަ މި ޗެމްޕިއަންޝިޕް އޮންނަކަން، ސަރުކާރަށް އެނގުނީވެސް ވަރަށްފަހުން. އަދި ހަމަ އެނގުނު ތަނުން ޕްރެކްޓިސް ފެށުނީވެސް. މަސައްކަތް ފަށައިގަނެގެން އެންމެ އަވަހަށް ކޯޗެއް ލިބެން އޮންނާނީ އަހަރެމެންނާ އެންމެ ކައިރީގައި އޮންނަ ޤައުމަކުން ކަމަށްވާތީ، އެގޮތުން ހަމަޖައްސައިގެން ކޯޗެއް ގެނައީ.

ދެން ބޭރަށްދާއިރު އަހަރެމެން އަބަދުވެސް ހަނދާންކުރަން ޖެހޭނެ، އަހަރުމެންނަކީ ދިވެހިންކަން. ކޮންމެ ހައިސިއްޔަތަކުން ދިޔަކަމުގައިވިއަސް އެ ދާ މީހަކު އެ ދަނީ ސަރުކާރު ތަމްސީލުކުރާގޮތުގައި. ވަރަށްމަތީ ފެންވަރެއްގެ ބޭފުޅެއް ކަމުގައިވިޔަސް ނޫނީ އެއަށްވުރެ އާދައިގެ ފެންވަރެއްގެ މީހެއް ކަމުގައިވިޔަސް، ކޮންމެ ކަމެއްގައިވެސް އަހަރެމެން ބަލަންޖެހޭނެ. ބޭރުގައި އުޅޭއިރު އަހަރެމެންނަކީ ދިވެހިންކަން އަބަދުވެސް ހަނދާންކުރަންޖެހޭނެ. އަހަރެމެން ކަންތައް ކުރާގޮތުންކަން ދިވެހިރާއްޖެއަށް ރީތިނަމެއް، ނޫނީ ހުތުރު ލިބުން އޮތީވެސް ހަނދާން ކުރަންޖެހޭނެ. އެހެންވީމާ، އެންމެ ބޮޑަށް ބަލަންވީ ކަމަކީ އެއީ.

ދެން މުބާރާތުގައި ރަނގަޅު ވަނައެއް ހޯދުން ނުވަތަ ހޯދޭތޯ މަސައްކަތްކުރުން އެއީ ވަރަށް ބޭނުންތެރިކަމެއް. އަހަންނަށް ވަރަށް ބޮޑަށް ޔަޤީންކުރެވޭ، ތިޔަހުރިހާ ކުދިންވެސް ވަރަށް ބޮޑަށް އިޚުލާޞްތެރިކަމާއެކު މަސައްކަތް ކުރާނެކަން. ދެން އެހެންނަމަވެސް އެއީކީ އަހަރެމެންގެ އަތުގައި އޮންނާނެ ކަމެއްނޫން. އަހަރެމެންގެ އޮންނާނީ މަސައްކަތްކުރުން. މަސައްކަތްކޮށްގެން ކާމިޔާބު ވެއްޖެއްޔާ ވަރަށް ރަނގަޅު. މަސައްކަތް ކޮށްގެންވެސް ކާމިޔާބު ނުވެއްޖެއްޔާ ދެން ކުރާނެ ކަމެއްނެތް. އެ ދެން މިފަހަރު ވީގޮތް. ދެން އަންނަފަހަރު މިއަށްވުރެ ރަނގަޅުވޭތޯ ބަލަންވާނެ. އެހެންވީމާ، އޭގައި ވިސްނަންވީ ހަމައެކަނި މޮޅުވާކަށްނޫން. މޮޅުވޭތޯ މަސައްކަތް ކުރަންވީ. އެހެން މަސައްކަތް ކުރާއިރު، ކުރަންވާނީ އެކަމަށް ހަމަޖެހިފައި އޮންނަ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން. ކޮންމެ ކަމެއްގައިވެސް އުސޫލުތަކެއް ހުންނާނެ. އެ އުސޫލާ އެއްގޮތަށް މަސައްކަތް ކުރަންވާނީ.

ދެން މީގެކުރިންވެސް ދިވެހިރާއްޖެ ބައެއް އިންޓަރނޭޝަނަލް މެޗްތަކުގައި ބައިވެރިވެފައިވޭ. އެހެންވީމާ، އެހެން ފަހަރުފަހަރަށްވުރެ ތަންކޮޅެއް ރަނގަޅު ގޮތެއް މިފަހަރު ވުމަކީ ހަމަކޮންމެ މީހަކުވެސް އެދޭނޭކަމެއް. ސަރުކާރުންވެސް އެގޮތަށް ބޭނުންވޭ. އަނެއްކާ ތިޔަކުދިންވެސް އެދޭނެ، ރާއްޖެ ކުރިއެރުމަށް. ރާއްޖެތެރޭގެ މީހުންވެސް ބޭނުންވާނެ، ދިވެހިރާއްޖޭގެ ނަން ރަނގަޅުވުން. އެހެންނަމަވެސް އެއީ ހަމަ ފަށައިގަންނައިރަށް ވާނެކަމެއްނޫން. އަނެއްކާ މިކުޅެން ދިމާވާ ކުޅުމުގައި ދެންތިބީވެސް ވަރަށް މަތީ ފެންވަރުގެ މީހުން. ޚާއްޞަކޮށް ޗައިނާ އެއީ އޭގެ އެއްޤައުމު. ދެން ހޮންގްކޮންގްގެ ގޮތެއް މާ ރަނގަޅަކަށް ނޭނގެ. އެހެންނަމަވެސް އެތާނގައިވެސް މިހާރު އުޅެނީވެސް ޗައިނާ މީހުން. އެއީ އަޞްލުގައި ޗައިނާގެ ތަނެއް. އެހެންވީމާ އެމީހުންގެ ފެންވަރުވެސް ދަށެއްނުވާނެ. އެމީހުންގެ ފެންވަރުވެސް ހަމަ ރަނގަޅުވާނެ ކަމަށް ލަފާކުރެވެނީ.

ދެން ކޮންމެގޮތެއް ދިމާވި ކަމުގައިވިޔަސް، އަހަރެމެން އޮންނާނީ މަސައްކަތްކުރުން. އެއްގޮތަކަށްވެސް އެންމެ ފުރަތަމަ، މެޗު ކުޅެންފަށާއިރު ދެރަވާނެއޭ، ހިތުގައި ބާއްވައިގެން ނުވާނެ. މޮޅުވާނޭކަމަށް ގަސްދުކޮށްގެން ފަށައިގަންނަންޖެހޭނީ. ހަމަ އެގޮތަށް ހިފަހައްޓަންޖެހޭނީ، އެންމެފަހު ސިކުންތަށްވެސް. ކިތަންމެބޮޑު ތަފާތެއް އޮތްކަމުގައިވިޔަސް އޭގެ މީހަކަށް ވިހި، ނޫނީ އޮނަވިހި، ލިބުނުއިރު މިކޮޅުގައި އުޅެނީ ދޭއް، ތިނެއް ކަމުގައިވިޔަސް، އެއްގޮތަކަށްވެސް އުންމީދު ކަނޑައިލައިގެން ނުވާނެ.

ދެން ބައެއްފަހަރު ވާގޮތަކީ ބިރު ހިތަށް ވަންނާނެ. ތިމަންނާ މި ކުޅެމުންދަނީ ތިމަންނައަށްވުރެ މާމޮޅު މީހަކާ އެކުގައޭ. މާމޮޅު ބަޔަކާއެކުގައޭ، އެހެން ހިތަށް ވަންނާނެ. ފުރަތަމަ އެ ބިރު އިހުސާސް ވެއްޖެއްޔާ ދެބައިކުޅަ އެއްބައި އެ ދެރަވީ. އެހެންވީމާ، އެއްގޮތަކަށްވެސް އެހެން ހިތަށްއަރުވައިގެން ނުވާނެ. ހަމަ މޮޅުވާން ބައިވެރިވާންޖެހޭނީ. މިދޭތެރެއިން އަހަރެމެން މިކުޅުނު ކްރިކެޓް މެޗުގައިވެސް ހަމަ އެކަހަލަ ގޮތެއްވި. އަޅުގަނޑުމެންގެ ކުޅުންތެރިންގެ ހިތުގައި އަދިވެސް އެތަންކޮޅު އޮންނާތީ، އެމީހުން މޮޅުވާނެއޭ އޮންނާތީ، މޮޅުނުވެވޭތަން އެބައާދޭ. އެންމެފަހު މެޗުގައިވެސް އެހެންވީމާ ހަމައެދުވަހު މޮޅުނުވީ ހަމަ ކިރިޔާ. އެދުވަހު މޮޅުކުރެވުނީސް ހިސާބަކަށް ނަމަވެސް ޔަޤީންކަމެއް އޮތްކަމަށްވީނަމަ. ދެން އެހެންނަމަވެސް އެއީހަމަ ވާނެގޮތް. އެހެންވީމާ ކޮންމެދުވަހަކުވެސް ހަމަ މެޗުކުޅެން ނުކުންނައިރު ހަމަ ހިތުގައި ބާއްވަންޖެހޭނީ، އިރާދަކުރެއްވިއްޔާ ހަމަމޮޅުވާނެއޭ. ވެވެސްދާނެ. އެއްވެސް ކުޅިވަރަކީ ހަމަ އޭގެ ނަތީޖާ އެނގުނީމާނޫނީ އިތުބާރުކުރަން އެނގޭނޭ އެއްޗެއްނޫން. ކިތަންމެ މޮޅު މީހަކުވެސް ދެރަވެދާނެ. ކިތަންމެ މޮޅު މީހުންނެއް ދެރަވެސްވެފައި އެބަހުރި. އެހެންވީމާ، މިފުރުޞަތު އޮންނާނޭކަން ހަނދާންކޮށްގެން، މޮޅުވާނެކަމުގެ ޔަޤީންކަން އަދި އުންމީދުން ކުޅެން ފަށަންވާނީ. ދެން އެހެން ކުޅެގެން ހިތްވަރު ކޮށްގެން، ދެރަވެއްޖެއްޔާ ދެންކުރާނެ ކަމެއްނެތް. އެއީ ކަމެއްނޫން. ހުރިހާ މެޗަކުން ދެރަވިޔަސް މައްސަލައެއްނެތް. އެހެންނޫންތޯ؟

އެގޮތަށް ވަރަށްބޮޑަށް ޔަޤީންކޮށްގެން ބައިވެރިވާންޖެހޭނީ. ދެން މިދޭތެރެއިން އަހަރެން ގަސްދުކޮށްގެން ހުރީވެސް ތިޔަކުދިން ކުޅޭތަން ބަލައިލަންވެސް ދާންކަމަށް. އެހެންނަމަވެސް ދެން، ދިމާވި ކަންތައްތަކެއްގެ ސަބަބުން، ޢާއިލާއަށް ދިމާވި ވަރަށް ބޮޑު ހިތާމައަކާ ކުރިމަތިލާންޖެހުނީ. އޭގެފަހުން ރަސްމީ ދަތުރެއްގައި ބޭރަށް ފުރަންވެސް ޖެހުނު. މިކަހަލަ ކަންތައްތަކެއް މިދުވަސްކޮޅު ދިމާވެގެން އެއްގޮތަކަށްވެސް ތިޔަކުދިން ޕްރެކްޓިސް ކުރާތަނަށް ނާދެވުނީ. އެހެންވީމާ، ދެން އެކަމާ ވަރަށް ހިތާމަކުރަން. އެހެންނަމަވެސް އެކަން ދިމާވިގޮތް އެއީ. ދެން ކޮންމެއަކަސް ފުރުމުގެ ކުރިން ތިޔަކުދިންނާ ބައްދަލުކޮށްލައި ވާހަކަ ދައްކައިލުމުގެ ބޭނުންތެރިކަން ބޮޑުކަމަށް ފެންނާތީ، މިރޭ މި ބައްދަލުކޮށްލީ.

ދެން އަހަރެން ބުނަން ބޭނުންވާ ވާހަކައަކީ، އަބަދުވެސް އަހަރެމެންގެ ތެރޭގައި، ކުޅުންތެރިންގެ ތެރޭގައިވެސް ވަރަށްބޮޑު އެކުވެރިކަން ބާއްވަން. އެއްގޮތަކަށްވެސް އެއްވެސްކަހަލަ މައްސަލައެއް ތިޔަކުދިންގެ މެދުގައި ނުޖެހިވޭތޯ ބަލަންވާނެ. ޚާއްޞަކޮށް ރާއްޖޭން ބޭރުގައި އުޅޭއިރު ދިމާވާ ކަންތައްތަކާމެދު އެއްކުއްޖަކު އަނެއްކުއްޖަކަށް ދޫކޮށް، ވީހާވެސް އެކުވެރިކަމާއެކު ގެންދެވޭތޯ ބަލަންވާނީ. އަދި އެއަށްވުރެވެސް ބޮޑަށް ކުދިންނާއި، ތިޔަކުދިންގެ ވެރިންގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅުންނާ ދޭތެރޭގައިވެސް އެއްވެސްކަހަލަ މައްސަލައެއް ޖެހިގެންނުވާނެ. އަދި ކުޅިވަރާބެހޭ ކަންތައްތަކުގައިވެސް އެބޭފުޅުންނާއި ކޯޗު އިރުޝާދު ދެއްވާ ގޮތެއްގެމަތިން ހުރިހާކަމެއް ގެންދަންވާނީ. އެއްގޮތަކަށްވެސް އެބޭފުޅުން ވިދާޅުވާ އެއްޗަކަށް ދެކޮޅުހަދައިގެން ނުވާނެ. އެބޭފުޅުން ވިދާޅުވާގޮތަކަށް ހުރިހާކަމެއްވެސް ގެންދަންޖެހޭނީ. އެބޭފުޅުން ވިދާޅުވާނީ އަހަރެމެންނަށް ފައިދާހުރި ގޮތަކަށް. އެހެންވީމާ، އެގޮތް ވަރަށްބޮޑަށް ހަނދާންކުރަންޖެހޭނެ. ހުރިހާކުދިންވެސް ކިޔަމަންތެރިވާން ޖެހޭނެ، ވެރިންނަށް. ތިޔަކުދިން އަދި ތިޔަތިބީ ކުޅިވަރުގެވެސް ފަށައިގަތުމުގެ ހިސާބުގައި. މުސްތަޤުބަލު އަދި އޮތީ ތިޔަކުދިންގެ އަތްމަތީގައި. އެހެންވީމާ، މިކަހަލަ ކަންތައްތަކަށް އާދަވެއްޖެއްޔާ އެއީ، ވެރިންނަށް ތިއްބަވާ ބޭފުޅުންނަށް ކިޔަމަންތެރިވުމާއި، ކުދިންގެ މެދުގައި ހަމަނުޖެހުން ނެތުމާއި، ކުދިންގެ އަމިއްލަ ސުލޫކުވެސް، އުޅުންވެސް ރަނގަޅުވުމާއި، މިކަހަލަ ކަންތައް ރަނގަޅަށް ބަލަހައްޓައިފިއްޔާ މުސްތަޤުބަލުގައި ކުރިޔަށް ދެވޭނީ. އަނެއްކާ ކުރިޔަށް ދިޔުމުގެ މަގުވެސް ތަނަވަސްވާނީ. އެއާޚިލާފަށް ކުދިން ޢަމަލުކުރާކަމަށްވަންޏާ ސަރުކާރުންވެސް ތިޔަކުދިންނަކަށް، ދެން ކުރިޔަށްއޮތްތާނގައި މިފަދަ ފުރުޞަތެއް ނުވެސްދޭނެ. ދޭކަށް ނުވެސްކެރޭނެ. ތިޔަކުދިން ބޭރުތާކަށް ފޮނުވާކަށްވެސް ނުކެރޭނެ. އެއީ ތިޔަކުދިން ބޭރަށް ގޮސްގެން ރާއްޖޭގެ ނަމަށް ހުތުރެއް އަރުވައިފިއްޔާ، ތިޔަކުދިން މުސްތަޤުބަލުގައި ބޭރަށް ފޮނުވާކަށްވެސް ނުކެރޭނެ. އަދި އަނެއްކާ ތިޔަކުދިންގެ ވެރިންނަށް މިފޮނުވާ ބޭފުޅުންނާ ދޭތެރޭގައިވެސް އެކަށީގެންނުވާ ގޮތަކަށް ޢަމަލުކޮށްފީވިއްޔާ ހަމައެހެންވާނެ. އެހެންވީމާ، އެނުކުތާތަކާދޭތެރޭގައި ވަރަށްބޮޑަށް ވިސްނަންޖެހޭނެ. މި ވަޑައިގަންނަވަނީ އަލްފާޟިލް މުޙައްމަދު ޒާހިރު ނަޞީރާއި، މުޙައްމަދު ޚާލިދާ ދެބޭފުޅުން. ވީމާ، އެދެބޭފުޅުން އިރުޝާދު ދެއްވާ ގޮތެއްގެ މަތިން ނުވަތަ ހަމަޖައްސަވާ ގޮތެއްގެމަތިން ހުރިހާ ކަމެއްވެސް ކުރަންޖެހޭނީ.

ދެން މާގިނަ އިތުރު ވާހަކައެއް ދައްކާކަށް ބޭނުންވާނެހެނެއް ހީއެއްނުވޭ. ކުރިން މިބުނި ދެތިން ނުކުތާއަށް ވިސްނައިގެން ކަންތައް ކުރީމާ ރަނގަޅުވާނެ. ކުޅުމުގެ ކަންތަކުގައި، ކޯޗު ލަފާދެއްވާ އުސޫލެއްގެ މަތިން ގެންދިޔައިމާ ރަނގަޅުވާނެ. މިބޭފުޅުން މި ވަޑައިގަންނަވަނީ މިޓީމުގެ ވެރިންގެ ގޮތުން. ކޯޗު އެ ދުރުވަނީ ހަމައެކަނި ކުޅުމުގެ ކަންތަކުގައި ތިޔަކުދިންނަށް ނަޞޭޙަތް ދެއްވައި ލަފާދެއްވައި ހައްދަވަން. އެހެންވީމާ، އޭނާ ނަޞޭޙަތް ދެއްވާގޮތަކަށް، ލަފާދެއްވާ ގޮތަކަށް ކުޅުމުގެ ކަންތައްތައް ބަހައްޓަވައި، ޕްރެކްޓިސް ކުރުމާއި، ކުޅުމާ ހުރިހާ ކަމެއް ގެންދިޔައިމާ ރަނގަޅުވާނެ. ދެން ޒާހިރު ނަޞީރާއި، މުޙައްމަދު ޚާލިދާ ދެބޭފުޅުން ވިދާޅުވާގޮތަކަށް އެހެން ހުރިހާކަމެއް ގެންދިޔައިމާ މުޅިން ރަނގަޅުވާނެ. ދެން ހުރިހާކުދިންވެސް ރީތިނަމެއް ދިވެހިރާއްޖެއަށް ހޯދައިދެވޭތޯ މަސައްކަތް ކޮށްގެން، އެމަސައްކަތް ކާމިޔާބު ވެއްޖެއްޔާ އެއީ ރާއްޖެއަށް ލިބުނު ވަރަށްބޮޑު ފަޚުރަކަށްވާނެ. ވަރަށްބޮޑު އުފަލަކަށްވާނެ. ދެން މަސައްކަތްކޮށްގެން ކާމިޔާބު ނުވިޔަސް، އޭގައި ކުރާނެކަމެއް ނޯންނާނެ. މިފަހަރު ކާމިޔާބު ނުވިޔަސް، ދެން އަންނަފަހަރު އިރާދަކުރެއްވިއްޔާ ކާމިޔާބުވޭތޯ މަސައްކަތްކުރާނީ.

އެހެންވީމާ، މި ދެތިން ނުކުތާ ތިޔަކުދިންނަށް ހާމަކޮށްދިނުމުގެގޮތުން މިރޭ އަޅުގަނޑު މިއައީ. ދެން އިރާދަކުރެއްވިއްޔާ މާދަމާ ފުރައިގެންގޮސް ތިޔަކުދިން އެނބުރި އަންނާނީ އެކަށީގެންވާ ކާމިޔާބެއް ހާސިލުކޮށްގެން ކަމަށް އަހަރެން ވަރަށްބޮޑަށް އުންމީދު ކުރާނަން. އޭގެ މާނައަކީ ކޮންމެހެން އެއްވަނައަށް އަންނަ ވާހަކައެއް ނޫން. އެހެންނަމަވެސް ފުދޭވަރެއްގެ ކާމިޔާބީއެއް ހާސިލުކޮށްގެން އަންނާނެކަމަށް ވަރަށް ބޮޑަށް އުންމީދުކުރަން.

ދެން ހިސާބަކަށް ދަތިކަންތައްތަކާ ދިމާވާނެ. އެއީ މިކަހަލަ ޓޯނަމެންޓުތަކުގައި އެހެން ދިމާވޭ. ބޭރު ޤައުމުތަކަށްގޮސް އުޅޭއިރު ބައެއް ކަހަލަ ކަންތައްތައް ކުރިމަތިވެދާނެ. ނަމަވެސް އެކަންތައްތަކާ ޖެހޭނީ ވަރަށް ބޮޑަށް ކެތްތެރިވާން. އެއީ ޕްރެކްޓިސް ކުރުމުގައިވެސް އަދި ޓީމުގެ މީހުން ތަންތަނަށް ދާއިރުވެސް ބައެއް ދަތިތައް އަރާގޮތް ދިމާވޭ. ކުދިކުދި މިކަހަލަ މައްސަލަތައް މިބާވަތުގެ ބޮޑެތި މުބާރާތްތައް މިގޮތަށް ގެންދާ ތަންތާނގައި ދިމާވެދާނެ. އެކަންތައްތަކާ ޖެހޭނީ ވަރަށް ބޮޑަށް ކެތްތެރިވުމާއެކު ހިތްވަރުކޮށްލަން. މިފަދަ މައްސަލައެއް ދިމާވިނަމަވެސް ހިތްވަރު ކޮށްލައިފައި ކުރިޔަށް ދާންވާނީ.

ސަރުކާރުން މިކަމަށް ވަރަށްބޮޑު ހަރަދު އެބަކުރެވޭ. އެކަންވެސް ތިޔަކުދިން ރަނގަޅަށް ހަނދާން ކުރަންވާނެ. ކޯޗުގެ ހަރަދާއި، ޓީމާބެހޭގޮތުން ކުރެވޭ ހަރަދުތަކާ، މިހެންގޮސް ވަރަށް ގިނަ ހަރަދުތައް އެބަކުރެވޭ. ވީމާ، ތިޔަކުދިންނަށް މިލިބޭ ފުރުޞަތަކީ ވަރަށްރަނގަޅު ފުރުޞަތެއްކަމަށް ދެކެންވާނެ. ވަރަށް ގިނަ ކުދިންތަކެއްގެ ތެރެއިން ތިޔަކުދިން ހޮވުނީ. ހޮވިފައި ތިޔައޮތީ ހަމަ އެންމެ ހޮވެންވީގޮތަށް. ހަމަ ކުޅެގެން މޮޅުކަމަށް ފެންނަ ކުދިން. އެހެންވީމާ، އޭގެތެރެއިން އެންމެ އެކަށީގެންވާ ކުދިން ހޮވުނީ. އެހެންވީމާ، އެއީ ނަޞީބު ރަނގަޅު ކުދިންކޮޅެއް ކަމަށް ފެންނަނީ.

އާދެ، އެސޯސިއޭޝަންތަކުގެ މައްސަލަ އެބައުޅޭ. އެއީ ފުރަތަމަ އާންމު އުސޫލުތައް ހަމަޖައްސައިފައި، އޭގެފަހުން ގަވާއިދުތަކާއި ކަންތައްތައް ނިމުނީމާ، [ފުޓްބޯޅަ އެސޯސިއޭޝަން] [ކުރިކެޓް އެސޯސިއޭޝަން] [ޓީޓީ އެސޯސިއޭޝަން] މިއެސޯސިއޭޝަންތައް އުފެދޭނީ.