މީލާދީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރަމެވެ.


ނިމިގެން މިދިޔަ 2016 ވަނަ އަހަރަކީ، މާތްﷲގެ ވާގިފުޅާއެކު، ދިވެހިރާއްޖޭގެ ރައްޔިތުން، ޞުލްޙަވެރިކަމާއި އަމަންއަމާންކަންމަތީގައި އުފާވެރިކަމާއެކު ހޭދަކުރި ފާގަތި އަހަރެކެވެ. ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމުގައި ގިނަގުނަ ކާމިޔާބީތަކެއް ހާސިލު ކުރެވުނު އަހަރެކެވެ. ހަމައެއާއެކު، ރައްޔިތުންނަށް ދަތިވެފައިވާ އެތައްކަމަކަށް ޙައްލު ހޯދައިދިނުމުގަޔާއި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި މަސައްކަތްތަކެއް ކުރެވިފައިވާ އަހަރެކެވެ.


ހަމައެއާއެކު، ވޭތުވެދިޔަ 2016 ވަނަ އަހަރަކީވެސް ރާއްޖޭގައި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް ފަށައި، ހިންގަމުން ގެންދެވުނު އަހަރެކެވެ. އޭގެއިތުރުން، ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރުމަށްޓަކައި، ގިނަގުނަ ފިޔަވަޅުތަކެއް އަޅައި، ކާމިޔާބީތަކެއް ވަނީ ހާސިލު ކުރެވިފައެވެ. މި ކާމިޔާބީތައް ހާސިލު ކުރެވިފައި މިވަނީ، ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރެވުނު ވަރަށްބުރަ މަސައްކަތްތަކެއްގެ ސަބަބުންނެވެ. މިކަންކަން ކުރުމުގައި އަޅުގަނޑުމެންނާ ކުރިމަތިލާންޖެހުނު ގޮންޖެހުންތައް ޙައްލުކުރުމަށްވެސް ސަރުކާރާއި ރައްޔިތުން ގުޅިގެން، ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައި ވާކަން އަޅުގަނޑު އުފަލާއެކު ހަނދާންކުރަމެވެ.


ވޭތުވެދިޔަ އަހަރުވެސް ޒުވާނުންގެ ހުނަރާއި ޤާބިލުކަން އިތުރުކޮށް، މުޖްތަމަޢަށް ފައިދާކުރަނިވި ބަޔަކަށް ޒުވާނުން ހެދުމަށްޓަކައި، ވަރަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދު ކަމަށްވާ، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ވަޢުދުގެ ދަށުން، މިދިޔަ އަހަރަކީ، ގިނަ އަދަދެއްގެ ޒުވާނުންނަށް ވަޒީފާ ހަމަޖައްސައި ދެވުނު އަހަރެކެވެ. ހަމައެހެންމެ، ޒުވާނުންނަކީ ފުދުންތެރި، ބާރުވެރި ބަޔަކަށް ހެދުމަށްޓަކައި ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދީގެން، ހަމަހަމަ ގޮތެއްގައި އެއްވެސް މީހަކު ބާކީނުކޮށް، މި ފެށުނު އަހަރުވެސް ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަންވެސް އަޅުގަނޑު ފާހަގަކުރަމެވެ.


މިއަދު މި ފެށުނު، 2017 ވަނަ އަހަރަކީ، މިދިޔަ އަހަރު ހިންގަންފަށައި، ނުނިމިހުރި ވަރަށްގިނަ މަޝްރޫޢުތަކެއް އިރާދަކުރެއްވިއްޔާ ނިމޭނެ އަހަރެކެވެ. އަދި މިއަހަރަކީ، އިރާދަކުރެއްވިއްޔާ ތަރައްޤީގެ އާ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ހިންގޭނެ އަހަރަކަށް ވާނެއެވެ. ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކޮށްދެއްވި ބަޖެޓަކީ، އެފަދަ އެތައް މަޝްރޫޢުތަކަކަށް ފުރުޞަތު ފަހިވެގެންދާގޮތަށް ފާސްކޮށްދެއްވާފައިވާ ބަޖެޓެކެވެ. ރާއްޖޭގެ އިޤްތިޞާދީ ފުދުންތެރިކަމާއި، އިޖްތިމާޢީ ޙާލަތު ރަނގަޅުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރުމަށް އެ ބަޖެޓުގައި ވަރަށްބޮޑު އިސްކަމެއް ވަނީ ދީފައެވެ.


މި ފެށުނު 2017 ވަނަ އަހަރަކީ، ރާއްޖެއަށާއި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، ހުރިހާގޮތަކުންވެސް ކާމިޔާބު އަދި ބާއްޖަވެރި އަހަރެއްކަމުގައި މާތްﷲ ލައްވާށިއެވެ! ރާއްޖެއަށް އަމަންއަމާންކަމާއި، ސުލްހަމަސަލަސްކަމާއި ހަމަޖެހުން ލިބިގެންވާ އަހަރެއް ކަމުގައި ލައްވާށިއެވެ! ތަރައްޤީއަށްޓަކައި އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި ސާބިތުވެތިބުމުގެ ހެޔޮ ތައުފީޤު މިންވަރުކުރައްވާށިއެވެ! އާމީން.