އިންޑިޔާއަށާ، އިންޑިއާގެ ވެރިންނަށާ، އަދި އިންޑިޔާގެ ސިޔާސީ ބޭފުޅުންނަށް ބަދުބަސް ނުބުނުމަށް އިލްޠިމާސްކުރައްވާ އިންޑޔާއަކީ ދިވެހިރާއްޖެއާ އެންމެ ގާތް ޤައުމުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ހަވީރު ނ. ވެލިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން މި ސަރުކާރުން އިންޑިޔާއަށް ބަދުބަސް ނުބުނާނެކަމަށާއި، އިންޑިޔާއަކީ ދިވެހިރާއްޖެއަށް އެންމެ އެހީތެރިވާ ދައުލަތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވެވިއެވެ. އަދި އިންޑިޔާގެ ވެރިންނާއި ސިޔާސީ ބޭފުޅުންނަށް ބަދު ބަސްތައް ރައްދުކޮށް މީޑިޔާގައި ވެސް ލިޔުންތައް ނުލިޔުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ. މީގެ އިތުރުން އިންޑިޔާއާއެކު މިނިވަން ވިޔަފާރީގެ އެގްރީމަންޓެއް ޤާއިމު ކުރެއްވުމުގެ މަސައްކަތް ކުރެވެމުންދާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޗައިނާއާއާއި ދިވެހިރާއްޖެއާދެމެދު ވެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ވަރަށް ގިނަ ފުރުޞަތުތަކެއް ލިބިގެންދާނެކަމަށެވެ. އަދި ވެލިދޫއަކީ ކުރިއަށް ދިއުމުގެ ރޫހު ވަރަށް ވަރުގަދައަށް އޮންނަ ބަޔަކު ދިރިއުޅޭ ރަށެއްކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ޗައިނާއާއެކު ވެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ތެރެއިން ފުރުޞަތުތައް ހުޅުވާލުމުން އޭގެ ބޭނުން ވެލިދޫގެ ރައްޔިތުންވެސް ކުރަންވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާ ވެލިދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ބަނދަރު ހުޅުއްވައިދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު ފެއްޓެވި މިދަތުރުފުޅަކީ މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށާއި، ފާދިއްޕޮޅު ހިންނަވަރަށާއި، މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ 3 ދުވަހުގެ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަރުފުޅުގައި ޒިޔާރަތް ކުރައްވާ އެހެން ބައެއް ރަށްތަކުގައި ވެސް ސަރުކާރުން ކުރިއަށް ގެންދަވާ ބައެއް މަޝްރޫޢުތައް ފައްޓަވައި ދެއްވުމާއެކު، ބައެއް މަޝްރޫޢުތަކުގެ ނިންމުން ފާހަގަ ކުރުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.