السّلام عليكم ورحمـة اللّـه

اللّـه تبارك وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކޮށް، އެކަލާނގެ ފޮނުއްވި ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އެއަށްފަހު، އިންނަމާދޫގެ ރައްޔިތުންނާއި ވެރިންގެ ފަރާތުން މިއަދު އަޅުގަނޑަށް ތިޔަ ދެއްވި ހޫނު ތަރުޙީބަށްޓަކައި ތެދުވެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑަށް މިރަށަށް މިއާދެވުނީ މެންދުރުގެ އެންމެ ހޫނުގަދަ ވަގުތު. އެހެންނަމަވެސް، މިހާ ހޫނު ދުވަހެއްގައިވެސް މިރަށުގެ ރައްޔިތުން، އާދެ، އަޅުގަނޑު ދަންނަވާނީ ކުދި ބޮޑު އެންމެން ފާލަންދޮށަށް ނުކުމެ، އަޅުގަނޑުގެ އިންތިޒާރުގައި ތިއްބެވިކަމުން ދޭހަވަނީ މި ރަށުގެ ރައްޔިތުންގެ ހިތްތަކުގައި ދިވެހި ސަރުކާރާ ދޭތެރޭގައި އުފެދިފައިވާ އިޚްލާޞްތެރިކަމުގެ ބޮޑުކަން. ހަމައެހެންމެ، މިއަދަށްޓަކައި މިރަށް ތައްޔާރު ކުރައްވާފައިވަނީވެސް ވަރަށް ފުރިހަމަ ދަރަޖައަކަށް. އަޅުގަނޑުމެން ހިނގާފައި މިއައި މިއޮތް ދިގުމަގު އެއޮތީ އެއްކޮޅުން އަނެއްކޮޅަށް ދޮންވެލި ލައްވައި ޒީނަތްތެރިކުރައްވާފައި. އެހުންނަނީ ވަރަށް ބޮޑެތި މަސައްކަތް. އެ މަސައްކަތްތައް ކުރެއްވީ އިޚްލާޞްތެރިކަމާ އެކުގައިކަން އަޅުގަނޑު ގަބޫލުކުރަން. އެހެންވުމުން، އެކަމަށްޓަކައި ރައްޔިތުންނަށާއި ވެރިންނަށް އަޅުގަނޑު ޝުކުރު މިދަންނަވަނީ.

ރާއްޖެތެރެއަށް އަޅުގަނޑު މިކުރާ ދަތުރުތަކުގެ މުނާސަބަތުގައި، އެކި ރަށްރަށުގެ ރައްޔިތުން މިފަދަ ބޮޑެތި މަސައްކަތްތައް ކުރައްވާފައިހުއްޓާ ވަރަށްގިނަ ރަށްރަށުން ފެނޭ. އަޅުގަނޑު ދަންނަވަމުން މިގެންދަނީ އަޅުގަނޑު އެރަށަކަށް ދިޔުމުން ނުވަތަ ދިޔުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ނުވަތަ އެދާ ދުވަހަށްޓަކައި އެރަށް ޒީނަތްތެރި ކުރެއްވުމުގެ ގޮތުން ކުރައްވާ ކަންތައްތަކަކީ އޭގެ ސަބަބުން، ދާއިމީ ފައިދާއެއް ރައްޔިތުންނަށް ލިބޭނެ ކަންކަން ކަމަށްވަންޏާ، އެއީ، ވަރަށް ރަނގަޅު ކަންތައްތަކެކޭ. އެއާ ޚިލާފަށް އެކަމަކީ، އެކަމެއްގެ ސަބަބުން ރައްޔިތުންނަށް އޭގެފަހުން މާބޮޑު ފައިދާއެއް ނުކުރާނެ ކަންތައްތަކެއް ކަމަށްވަންޏާ އެއީ، މާބޭނުންތެރި ކަންތައްތަކެއް ނޫނޭ. އަޅުގަނޑު އެއްގޮތަކަށްވެސް ނޭދެން، އަޅުގަނޑު ރާއްޖެތެރޭގެ ރަށަކަށްދާތީ ރަށުގެ ރައްޔިތުން އެއްވެސް ބުރައެއް އުފުއްލެވުމަކަށް. އެއްވެސް ތަކުލީފެއް އުފުއްލެވުމަކަށް. އަދި އެކުރާ ކަމަކުން ހަމައެކަނި އެދުވަހަށް އެކަންތައް ދެމިއޮވެފައި، އޭގެފަހުން ނެތިގެންދާ ކަމަކަށްވާކަށް. ފާލަންހެދުން، މަގުހެދުން، އަދި މިނޫންވެސް ތަނަށް ގިނަދުވަހު، ރަށުގެ ރައްޔިތުންނަށް އިތުރުފަސޭހަތައް ލިބިދޭކަހަލަ ކަންތައްތައް، މިކަހަލަ މުނާސަބަތުތަކުގައި ކުރެއްވުމަކީ ހަމަ އެންމެ ރަނގަޅު ކަމެއް. އެހެންކަމުގައިވިޔަސް، ބައެއްފަހަރަށް އެނޫން ކަންތައްތައްވެސް ކުރެވޭ. އެހެންނަމަވެސް، އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން އެއީ ރައްޔިތުން ހިތުން ރުހުމުން އެމީހުންގެ ހިތުގައި އޮތް ތެދުވެރި އިޚްލާޞްތެރި ޝުޢޫރުތަކެއް ފާޅުކުރުމުގެ ގޮތުން ކުރައްވާ ކަންތައްތަކެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭތީ އެކަމާ ދޭތެރޭގައި މާބޮޑު އިޢުތިރާޒެއް ނުކުރަނީ.

އާދެ، ކޮންމެއަކަސް އަޅުގަނޑު ރާއްޖެތެރެއަށް މިހާރު މިކުރާ ދަތުރުތަކުގެ ބޭނުން ނުވަތަ މީގެކުރިން ފަށައިގެން، މީގެ ގާތްގަނޑަކަށް ހަތަރު އަހަރު ދުވަސް ކުރިން ފަށައިގެން މިކުރަމުންގެންދާ ދަތުރުތަކުގެ ބޭނުން، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. ދެންމެ މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން އެވިދާޅުވިފަދައިން، އެއީ ސީދާ ރައްޔިތުންނާ ބައްދަލުކޮށްލުން. ރައްޔިތުންގެ ހާލު އަހުވާލު ބަލައި އަދި ރައްޔިތުންނަށް ސަރުކާރުން ވެވެން އޮންނާނެ އެހީތައްވެސް ވެދިނުމުގެ މަގު ފަހިކުރުން. ރާއްޖެތެރޭގެ ކަންތައްތައް މިއަދު ހުރިގޮތަށް ވިސްނާއިރު، ހުރިހާ ކަމެއްވެސް ވަނީ ވަރަށްބޮޑަށް ތަރައްޤީކުރަންވެފައިކަން، އަޅުގަނޑު ފަދައިން ތިޔަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އަދި އަޅުގަނޑަށްވުރެވެސް ބޮޑަށް ތިޔަބޭފުޅުންނަށް އިޙްސާސް ކުރެއްވޭނެ ކަމެއް އެއީ. އެހެންވީމާ، ރާއްޖެތެރޭގެ ކަންތައްތައް ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން ވަރަށްބޮޑު މަޝްރޫޢެއް ރާވައިގެން މިހާރު ހިންގަމުން އެބަގެންދޭ. އެމަޝްރޫޢުގެ ދަށުން ވަރަށް ގިނަ ރަށްރަށުގައި ކަންތައްތައް ކުރެވެމުންވެސް އެބަގެންދެވޭ.

އާދެ، ހުރިހާ ކަމެއް އެއްފަހަރަކާ ނުކުރެވޭނެ. އެހެންވީމާ، ކޮންމެ ރަށަކަށްވެސް އިސްކަންމިދެނީ އެރަށަކަށް އެންމެބޮޑަށް ބޭނުންވާނެކަމަށް ރަށުގެ ވެރިންގެ ފަރާތުންނާއި، އަދި އަތޮޅުވެރިންގެ ފަރާތުންނާއި، އަދި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށްވެސް ފެނިވަޑައިގަންނަވާ ކަންތައްތަކަށް އިސްކަންދޭގޮތަށް. އެހެންވީމާ، އެ މިދެންނެވި މަޝްރޫޢުގައި ހިމެނިފައިވާ ކަންތައްތައް، އެއްފަހަރާ ނުކުރެވުނަސް އެއީ، ކުރެވެމުންދާނެ ކަންތައްތަކެއް. އަޅުގަނޑުމެންގެ ރާއްޖެތެރެ އެތަކެއް އަހަރު ވަންދެން އިހުމާލުކޮށްލެވިފައި އޮތުމުގެ ސަބަބުން އިހުމާލުކުރެވިފައި ހުރި ކަންތައްތައް، އަހަރެއް ދެ އަހަރު ދުވަހުގެ ތެރޭގައި ރަނގަޅެއް ނުކުރެވޭނެ. ތިންހަތަރު އަހަރު ދުވަހުގެ ތެރޭގައިވެސް ރަނގަޅެއް ނުކުރެވޭނެ. އެ ކަންތައްތައް ރަނގަޅުކުރަން އެއަށްވުރެ މާގިނަ ދުވަސް ބޭނުންވާނެ.

އާދެ، ރާއްޖެތެރޭގެ އެންމެ މުހިންމު ކަމަކަށް ސަރުކާރުން ބަލައިގެން މި ގެންދަނީ ރާއްޖެތެރޭގެ ދަރިންނަށް ތަޢުލީމު ހާސިލުކުރުމުގެ މަގު ތަނަވަސްކޮށްދިނުން. އެއީ، ތަޢުލީމުގެ ބޭނުންތެރިކަން ބޮޑުކަމުން ތަޢުލީމާނުލައި ޤައުމަށް ތަރައްޤީވެވެން ނޯންނާނެތީ. އެގޮތުން ކޮންމެ އަތޮޅެއްގައިވެސް ސަރުކާރުގެ ޚަރަދުގައި ހިނގާ މަދަރުސާއެއް މިހާރު ހިނގަމުން އެބަދޭ. އޭގެ އިތުރަށް، ބޭރުގެ ބައެއް ފަރާތްތަކުގެ އެހީ ސަރުކާރުން ހޯދައިގެން އިތުރު މަދަރުސާތައްވެސް ހަދަމުން، އެތަންތާނގައި ކިޔަވައިދެމުން އެބަގެންދޭ. މިއަތޮޅުގައިވެސް އެމަސައްކަތްތައް ހަމައެގޮތަށް ކުރިޔަށް އެބަދޭ. ހަމައެފަދައިން، ރާއްޖެތެރޭގައި އަދި މާލޭގައިވެސް ހިނގާ އަމިއްލަ މަކުތަބުތަކާއި މަދަރުސާތަކުގެ ތެރެއިން މެދުނުކެނޑި ދިހަ އަހަރު ވަންދެން ހިނގާފައި ހުރި ތަންތަނަށް ސަރުކާރުން އެހީވެދޭގޮތަށް ވަނީ ހަމަޖެހިފައި. އެއީ ފައިސާގެ އެހީއެއް. އެ އެހީ އެ ދެނީ އެހާގިނަ ދުވަސް ވަންދެން ތަޢުލީމުގެ މައިދާނުގައި ހިތްވަރުކޮށްފައިވާ ތަންތަންކަމަށް އެތަންތަން ހިމެނޭތީ.

އާދެ، މިރަށުގައި މިހުރި "މަކުތަބުއްނޫރު" އެއީވެސް މިހާރު ހިނގާތާ ދިހަ އަހަރަށްވުރެ ގިނަދުވަސް ވެފައިވާ ތަނެއް. އެހެންވުމާއެކު، އެތަނަށްވެސް މިހާރުދަނީ ސަރުކާރުގެ އެހީ ލިބެމުން. އަޅުގަނޑު ކުރިން ދެންނެވި، ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން މިރަށަށް އެނޫންވެސް އެހެން އެހީތައް ވަނީ ލިބޭގޮތަށް ހަމަޖެހިފައި. ބައެއް ކަންތައްތައްވެސް ވަނީ ކޮށްނިމިފައި. އޭގެތެރެއިން އެއްކަމެއް، މިރަށުގެ މިސްކިތް މަރާމާތުކުރުން. އެތަން އެހެރީ ވަރަށް ރަނގަޅު ގޮތަކަށް ނިމިފައި. ހަމައެފަދައިން، އޮފީސް މަރާމާތުކުރުންވެސް އެއީ އެ މަޝްރޫޢުގެ ދަށުން ހިނގައި މިހާރު ނިމިފައި ހުރި ކަމެއް. ފަޅު ކޮނުމަށްޓަކައިވެސް އެމަޝްރޫޢުގައި ފައިސާ ހަމަޖެހިފައިވޭ. އޭގެތެރެއިން މިހާރު ފައިސާގެ ބައެއްވަނީ މިރަށުގެ ރައްޔިތުންނަށް ލިބި، އެމަސައްކަތް ކޮންމެވެސްވަރަކަށް ކުރިޔަށް ގެންދަވާފައި.

ދެން އޮތް ކަމަކީ މިރަށުގެ ނެރު ދަތިކަމުން ޑައިނަމައިޓް އަޅައިގެން ނެރުގޮއްވުން. އެކަމަކީ އަދި ނުކުރެވި އޮތް ކަމެއް. ސަބަބަކީ އެކަން ކުރަން ތިބޭ ބަޔަކީ އެއްބަޔަކަށްވެފައި، ވަރަށް ގިނަ ރަށްރަށުގައި އެމަސައްކަތް ކުރަން ޖެހިފައިވާކަން. ރާއްޖެތެރޭގެ ބައެއް ރަށްރަށުގައި މިހާރު އެމަސައްކަތްކޮށް ނިމިއްޖެ. އަނެއްބައި ރަށްރަށުގައި އަދި އެމަސައްކަތް ނުފެށޭ. ކޮންމެއަކަސް އުންމީދު ކުރެވެނީ މުސްތަޤްބަލުގައި މާލަސްތަކެއްނުވެ، އެގޮތަށް ދެން އެމަސައްކަތް ނުކުރެވި ހުރި ތަންތާނގައިވެސް ކުރެވޭނެކަމަށް.

އާދެ، ރ. އަތޮޅުގައި ނުވަތަ މާޅޮސްމަޑުލު އުތުރުބުރީގައި މިހާރު ތަރައްޤީގެ އެހެން މަސައްކަތްތަކެއްވެސް ހިނގަމުން އެބަދޭ. އެއީ ސަރުކާރު މެދުވެރިވެގެން ބޭރުގެ ޖަމާޢަތަކުން އެހީ ހޯދައިގެން ކުރެވެމުންދާ މަސައްކަތްތަކެއް. އެމަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެއް މިރަށުގައިވެސް ކުރާގޮތަށްވަނީ ހަމަޖެހިފައި. އެއީ، ރައްޔިތުންނާ އެކުވެގެން ސްކޫލެއް އެޅުން، ސްކޫލެއްގެ ޢިމާރާތް ކުރުން. މިހާރު އެމަސައްކަތްވެސް ކޮންމެވެސްވަރަކަށް އެބަކުރެވޭ. އެއަށް ބޭނުންވާ ގަލާއި، އަކިރި ޖަމާކޮށް އުވަދެވުމުގެ މަސައްކަތް މިހާރު ހިނގަމުންދާކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވަނީ. އެހެންވީމާ، އެމަސައްކަތްވެސް ވަރަށް ހަލުވިކަމާއެކު މިރަށުގެ ރައްޔިތުން ކުރިޔަށް ގެންދަވާނެކަމަށް އަޅުގަނޑު އުންމީދުކުރަން. އެމަސައްކަތް ނިމުމާއެކުގައި މިރަށުގެ މަދަރުސާ އެތަނަށް ބަދަލުވުމުން، މަދަރުސާއަށް ވަރަށްބޮޑު ތަނަވަސްކަމެއް އަދި ކުދިންގެ ތަޢުލީމަށް އިތުރު ތަރައްޤީއެއް ލިބޭނެކަމާމެދަކު ޝައްކެއްނެތް.

އާދެ، ދިރިއުޅުން ތަރައްޤީކުރުން އެއީ މިވަގުތު އަޅުގަނޑުމެން އެންމެބޮޑަށް ވިސްނަންޖެހޭކަމަކީ. ދިރިއުޅުން ތަރައްޤީވާނީ ދިރިއުޅުން ތަރައްޤީކުރުމަށް އަޅުގަނޑުމެން ވަރަށްބޮޑަށް މަސައްކަތްކޮށްގެން. ދިރިއުޅުމަށް އެކިބާވަތުގެ މަސައްކަތް ކޮށްގެން އަޅުގަނޑުމެން ދިރިއުޅެމުން މިގެންދަނީ. ބައެއް ރަށްރަށަކީ މަސްވެރި ރަށްރަށް. އަނެއްބައި ރަށްރަށަކީ މަސްވެރި ރަށްރަށެއް ނޫން. އާދެ، އިންނަމާދޫ ހިމެނެނީ މަސްވެރިރަށެއް ނޫން ގޮތުގައި. މިރަށުގެ ގިނަ މީހުން ކުރާ މަސައްކަތަކީ ވަޑާންކުރުން. އެއީވެސް ވަރަށްމޮޅު، ވަރަށް ރަނގަޅު މަސައްކަތެއް. ރ.އަތޮޅުގެ ވަރަށްގިނަ ރަށްރަށުގައި މިކަންތައް ފެތުރިފައިވޭ. ވަރަށް ރަނގަޅު ދަރަޖައަކަށް، ވަރަށްމަތީ ފެންވަރަކަށް އެމަސައްކަތް ވަނީ ގެންދެވިފައި. އެއީ ޒަމާނުއްސުރެ އަޅުގަނޑުމެންގެ ރާއްޖޭގެ ވަރަށް މުހިންމު މަސައްކަތަކަށްވާތީ، އެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ސަރުކާރުން ވަރަށް ބާރުއަޅާ. އޭގެ ހެތްކެއް، މިއަތޮޅުގެ ރައްޔިތަކަށް ސަރުކާރުގެ ފަރާތުން، ދައުލަތުގެ މަތީ އިނާމެއް މިދިޔަ އަހަރު ލިބިފައިވާކަން. އާދެ، ވަޑާންކުރުމުގެ ގޮތުން މިދިޔަ އަހަރު މިއަތޮޅުގެ ބޭކަލަކަށް އިނާމު ލިބުނުކަން، ތިޔަ ހުރިހާ ބޭކަލުންނަށް އެނގިލައްވާނެ. އެހެންވީމާ، އެބާވަތުގެ މަސައްކަތް ކުރަމުން ގެންދިޔުމާއި، އެ މަސައްކަތްތައް ތަރައްޤީކުރުމާއި އަދި އެ މަސައްކަތް ކޮށްގެން ލިބޭ އެއްޗެއް އިތުރުކުރުމާ، މިހުންނަނީ ވަރަށް މުހިންމު ކަންތައްތައް. މިރަށުގެ ރައްޔިތުން އެގޮތަށް މަސައްކަތް ކުރައްވާނެކަމާމެދަކު އަޅުގަނޑު ޝައްކެއް ނުކުރަން.

އާދެ، ހަމައެފަދައިން ތަންކޮޅެއް ކުރިއްސުރެ އިންނަމާދުއަކީ ދަނޑުހެއްދުމުގެ މަސައްކަތްވެސް ކުރަމުން އައިސްފައިވާ ރަށެއް. މިވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތެއް ނުކުރެވިއޮތަސް، އަޅުގަނޑުހިތުން މި އަހަރުވާނެ އެ މަސައްކަތް ވަރަށް ރަނގަޅު ފެންވަރަކަށް ކުރިޔަށް ގެންދެވެން. އެއީ ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، މިއަހަރަކީ އާދެ، އަޅުގަނޑުމެން މިހާރު މިވޭތުކުރަމުންދާ 1983 ވަނަ އަހަރަކީ، ގަސް އިންދުމާއި ދަނޑުގޮވާންކުރުމުގެ އަހަރު ކަމުގައި ސަރުކާރުންވަނީ ހަމަޖައްސައި އެކަން އިޢުލާނުކޮށްފައި. އެހެންވީމާ، އެމަސައްކަތް މިއަހަރު ވަރަށް ވަރުގަދަ ޢަޒުމަކާއެކު ކުރިޔަށް ގެންދެވުމަކީ ސަރުކާރުން ވަރަށްބޮޑަށް އެދޭ ކަމެއް. އެމަސައްކަތް ކުރިޔަށް ގެންދިޔައިމާ އެއިން ލިބޭ ފައިދާ ލިބޭނީ އެ މަސައްކަތްކުރާ ބަޔަކަށް. މިރަށުގައި ތަންކޮޅެއް ކުރިން ބިންބި ހައްދާކަން އަޅުގަނޑަށްވަނީ އެނގިފައި. މިއަހަރުވެސް ދަނޑުކޮށަން ޤަޞްދުކުރާކަމަށް އަޅުގަނޑަށް މިރަށުގެ ކަތީބުގެ ފަރާތުން އޮތީ އެނގިފައި. އަދި އަންހެނުން ކޮމިޓީގެ ރައީސާވެސް އެހެން ބުނުއްވި. މިއަހަރު ދަނޑުކޮށާގޮތަށް ހަމަޖެހިފައޭ އޮތީ. އެ މަސައްކަތް ކުރައްވާނެކަމަށް އޭނާ ބުނުއްވި. އެހެންނަމަވެސް އޭނާއެކަނި އެމަސައްކަތް ކުރައްވައިގެން ނޯންނާނެ، އެއިން އަދި ނަތީޖާއެއް ފެންނާކަށް.

އެހެންވީމާ، އެހެން އަންހެނުން ރައީސާއާ އެއްބައިވެގެން، ރަށުގެ އެންމެން ދަނޑުހެއްދުމުގެ މަސައްކަތް ކޮށްގެން ނޫނީ އެއިން އެކަށީގެންވާ ފައިދާއެއް ލިބެން ނޯންނާނެކަން މިރަށުގެ އެންމެންވެސް ގަބޫލުކުރެއްވުން އެދެން. މިރަށުގައި ހެއްދޭނެ އަދި އެނޫން ތަކެތިވެސް ހުރިކަމަށްވޭ، ބިންބި ފިޔަވައި. އެހެންވީމާ، ބިންބި ހެއްދުމުގެ އިތުރަށް އެހެންތަކެތިވެސް ހައްދައިގެން އެއިން ލިބޭ އާމްދަނީ އިތުރުކުރުން އެއީ، ހަމަ ކޮންމެހެން ބޭނުންކަމެއް. އަޅުގަނޑުމެން އާމްދަނީ އިތުރުކުރަމުން މިގެންދަނީ އަޅުގަނޑުމެންގެ ފެންވަރު މައްޗަށް ގެންދިޔުމަށްޓަކައި. އެގޮތަށް މަސައްކަތް ކުރާއިރު، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން އަންގަވާފައިވާ ގޮތްތަކަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެ.

އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެ މަތިވެރި ނިޢުމަތަކީ، އެންމެ ހެޔޮ ނަޞީބަކީ މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތު. އެހެންވީމާ، އެހިދާޔަތު އަޅުގަނޑުމެންނަށް ލިބުނުކަމަށްޓަކައި اللّـه تعـالى އަށް ޝުކުރުކުރަމުން އެކަލާނގެ އަންގަވާފައިވާގޮތަށް ހުރިހާ ކަމެއްވެސް ކުރެވޭތޯ ބަލަމުން ގެންދަންވާނެ. ދީނުގެ ފަރުޟުތަކަށް ރައްކާތެރިވާންވާނެ. ދީނުގައި ނަހީކުރައްވާފައިވާ ކަންތައްތަކުން އެއްކިބާވާންވާނެ. ހަމައެފަދައިން، އިޖުތިމާޢީ ކަންތައްތަކުގައި ދީނުގައި ކަނޑައަޅުއްވާފައިވާ މަތިވެރި އުސޫލަށް ބޯލަނބައިގެން، އެ އުސޫލާ އެއްގޮތަށް ހުރިހާ ކަމެއްވެސް ކުރެވޭތޯ ބަލަންވާނެ. އާދެ، އެ އުސޫލަކީ އެއްބަނޑުއެއްބަފާކަމުގެ އުސޫލު. ކޮންމެ މީހަކުވެސް، އެހެން މީހުންނަކީ ތިމާގެ އަޚުންތަކެއް ކަމުގައި، ނުވަތަ ތިމާގެ އުޚުތުންތަކެއް ކަމުގައި ދެކިގެން އެމީހުންނާ އޯގާތެރިކަން ބަހައްޓައިގެން ކުރިޔަށް ދިޔުމުގެ އުސޫލު. އެ އުސޫލު އެއީ އަޅުގަނޑުމެންގެ މެދުގައި ހަމަ ކޮންމެހެން ފެތުރެން ޖެހިފައިވާ އުސޫލެއް. ވަރަށްގިނަ ރަށްރަށުގައި ކަންތައް އޮންނަނީ އެ އުސޫލުގެ މަތިން. އަޅުގަނޑަށް އެނގޭގޮތުގައި މިރަށަކީވެސް ވަރަށް އެކުވެރި ބައެއް ދިރިއުޅޭ ރަށެއް. އަންހެނުންނާއި ފިރިހެނުން ގުޅިގެން، ހުރިހާ ކަމެއްގައިވެސް އެންމެން އެކުވެރިވެގެން ކުރިޔަށް ގެންދަނީ. އެއްވެސް ކަމެއްގައި، މީހުންގެ މެދުގައި ދެކޮޅުވެރިކަމެއް ނަފްރަތެއް އުފެދިފައެއް ނުވޭ. އެހެންވީމާ، އެގޮތުގެމަތިން އަޅުގަނޑުމެންގެ ކަންތައްތައް ބަހައްޓަންވާނީ. އަދި ދޭދޭ މީހުންގެ ދެމެދުގައި އޮންނަ ގުޅުންވެސް އޮންނަންވާނީ މިދެންނެވި ގޮތުގެމަތިން. އެކަންވާންޖެހޭނީ، އުޚުއްވަތްތެރިކަމުގެ ގުޅުމަކަށް. ކޮންމެ މީހަކުވެސް، ތިމާގެ އަމިއްލަ ކަންތައްތަކަށް ރައްކާތެރިވެ، އަމިއްލަ ޙައްޤުތަކަށް ރައްކާތެރިވާފަދައިން، އެހެން މީހުންގެ ޙައްޤުތަކަށާއި ކަންތައްތަކަށް ރައްކާތެރިވާންވާނެ. ކޮންމެ މީހަކުވެސް ތިމާގެ ގެދޮރަށާއި މުދަލަށް ޙުރްމަތްތެރިކޮށްހިތާފަދައިން، އެހެން މީހުންގެ ގެދޮރަށާއި މުދަލަށްވެސް ޙުރްމަތްތެރިކޮށްހިތަންވާނެ.

އާދެ، އަޅުގަނޑުމެންގެ އުސޫލަކީ އެއީ، މާތްވެގެންވާ އިސްލާމްދީނުގައި އަޅުގަނޑުމެންނަށް އަންގަވާފައިވާ ގޮތް. އެހެންވީމާ، އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވީތީ އެ އުސޫލު ހިފެހެއްޓުމަކީ ހަމަ ކޮންމެހެން ބޭނުންކަމެއް. އާދެ، މިވަގުތުގެވެސް ގޮތުންނާއެކު، ވާހަކަ މާދިގުކުރުމަކީ އަޅުގަނޑުހިތުން ބޭނުންކަމެއްނޫން. އެހެންވުމާއެކު، އަދިވެސް އެއްފަހަރު، އިންނަމާދޫގެ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ރައްދުކުރަމުން. އަދި ރައްޔިތުންނާއި ވެރިން އެކުވެރިވެގެން، ދައުލަތުގެ ޤާނޫނުތަކާއި ޤަވާއިދުތައް ތަންދޭ ގޮތުގެމަތިން އަދި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކާ އެއްގޮތްވާ ގޮތުގެމަތިން ރަށް ކުރިއެރުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާނެކަމަށް އަޅުގަނޑު އުންމީދުކުރަން. އަދި އެކުރައްވާ މަސައްކަތެއްގެ ނަތީޖާ ވަރަށް އަވަސް ފުރުޞަތެއްގެ ތެރޭގައި ﷲ ތިޔަބޭފުޅުންނަށް ދައްކަވާނެކަމަށް އަޅުގަނޑު ޔަޤީންކުރަން.

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން އެންމެން، ދިވެހިރާއްޖޭގެ އެންމެން، ދިވެހިރާއްޖޭގެ ސަރުކާރާއި ރައްޔިތުން އެކުވެގެން ރާއްޖޭގެ ތަރައްޤީއަށްޓަކައި މިކުރަމުންގެންދާ މަސައްކަތްތަކުގައި ﷲ ބަރަކާތްލައްވައި އެ މަސައްކަތްތަކުގެ ފައިދާ އަޅުގަނޑުމެންނަށް ދެއްކެވުން.

وَالسَّــلاَمُ عَلَيْكُمْ وَرَحْمَــةُ اللَّــهِ وَبَرَكَــاتُهُ.