السّلام عليكم ورحمـة اللّـه

اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކޮށް، އެކަލާނގެ ފޮނުއްވި މާތް ރަސޫލާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އެއަށްފަހު، މިއަދުގެ މިއުފާވެރި ޖަލްސާގައި، އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބެއް ކަމަށް ދެކެނީ، އަނގޮޅިތީމުގެ ރައްޔިތުންނާއި ވެރިންގެ ފަރާތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ޝުކުރު ދެންނެވުން.

އަޅުގަނޑު މިހާރު މިކުރާ ދަތުރަކީ، މިއަތޮޅުގެ، މީހުން އުޅޭ ރަށްރަށަށް ކުރާ ދަތުރެއް. މީގެކުރިން، ރާއްޖޭގައި މީހުން އުޅޭ އެހެން ހުރިހާ އަތޮޅުތަކަށް އަޅުގަނޑަށް ދެވިއްޖެ. މިކުރާ ދަތުރުތަކުގެ ބޭނުމަކީ، ރާއްޖެތެރޭގައި ކަންތައްތައް ހުރިނެތްގޮތް ބަލައިލައި، ރާއްޖެތެރޭގެ ރައްޔިތުންނާ ބައްދަލުކޮށް، އެމީހުންގެ މަސައްކަތްތައް، ދިރިއުޅުމަށް ކުރާ މަސައްކަތްތައް ހުރިނެތްގޮތްވެސް ބެލުމާއެކު، އެމީހުންނަށް ސަރުކާރުން ވެވެންއޮތް އެހީއެއް ވެދިނުން. މިގޮތުން، މީގެ ކުރިންވެސް ކުރެވުނު ދަތުރުތަކުގެ މައްޗަށްބަލައި ވިސްނުމަށްފަހު، ރާއްޖެތެރޭގެ ކަންތައްތައް ރަނގަޅުކޮށް ތަރައްޤީ ކުރުމަށްޓަކައި، ސަރުކާރުން "ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢު" މިނަމުގައި މަޝްރޫޢެއް ރާވައިގެން މިހާރު ހިންގަމުން އެބަގެންދޭ. އެ މަޝްރޫޢުގެ ދަށުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް ވަރަށްގިނަ ކަންތައްތައް ކުރެވެމުން އެބަދޭ. ގާތްގަނޑަކަށް ކޮންމެ ރަށެއްގައިވެސް ކޮންމެވެސް މަސައްކަތެއް، އެ މަޝްރޫޢުގެ ދަށުން ހިނގަމުން އެބަދޭ.

އެ މަޝްރޫޢުގެ އެންމެ މުހިންމު އެއްބަޔަކީ ރާއްޖެތެރޭގެ ދަރިވަރުންނަށް، ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ހޯދައިދިނުން. އެގޮތުން ކޮންމެ ރަށެއްގައި ނުވަތަ ކޮންމެ އަތޮޅެއްގައި، ސަރުކާރުގެ ޚަރަދުގައި ހިންގާ މަދަރުސާއެއް މިހާރު ހިނގަމުން އެބަދޭ. އޭގެއިތުރަށް ބައެއް އަތޮޅުތަކުގައި، ބޭރުގެ ޤައުމުތަކުގެ އެހީގައި އެހެނިހެން މަދަރުސާތައްވެސް ޢިމާރާތް ކުރެވިގެން ހިނގަމުން އެބަދޭ. ހަމައެފަދައިން، މެދުނުކެނޑި ދިހަ އަހަރުވަންދެން ހިންގާފައިވާ، އަމިއްލަ ފަރާތްތަކުން ހިންގާ މަކުތަބު، މަދަރުސާފަދަ ތަންތަނަށް، ސަރުކާރުގެ އެހީ ލިބޭގޮތަށް މިހާރުވަނީ ހަމަޖެހިފައި. އެ އެހީ ލިބޭ ވަރަށްގިނަ މަކުތަބުތަކާއި، މަދަރުސާތައް މިހާރު ރާއްޖެތެރޭގައި އެބަހުރި. އަދި މާލޭގައިވެސް އެބަހުރި.

މިފަދަ އެހީ ލިބޭ، ބައެއް މަދަރުސާތަކަށް ސަރުކާރުން މުދައްރިސުން ހަމަޖައްސައިދިނުން ނުވަތަ މުދައްރިސުންގެ މުސާރަ ހަމަޖައްސައިދިނުން، ނޫނީ ޢިމާރާތް ބާވެފައިވަންޏާ، ޢިމާރާތް މަރާމާތުކުރުމަށް އެހީވެދިނުން. މިބާވަތުގެވެސް ވަރަށްގިނަ އެހީ، ތަޢުލީމީ ރޮނގުން ރާއްޖެތެރެއަށް ސަރުކާރުން މިހާރު ވަމުން އެބަގެންދޭ. އޭގެ ސަބަބަކީ ތަޢުލީމުގެ މުހިންމުކަން ބޮޑުކަން. ތަޢުލީމާނުލައި އަޅުގަނޑުމެންގެ ޤައުމަށް ކުރިއަށްދެވެން ނޯންނާނެކަން. ހަމަ އެރޮނގުން އަސާސީ ތައުލީމުގެ ނަމުގައި މަޝްރޫޢެއް ސަރުކާރުން ކުރިއަށް އެބަގެންދޭ. އެއީ ވޭތުވެދިޔަ ތާނގައި މަދަރުސާއަށް ދިޔުމުގެ އުފާ ލިބިފައިނުވާ މީހުންނަށް، ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ލިބިފައިނުވާ މީހުންނަށް، އެފުރުޞަތު ކޮންމެވެސް މިންވަރަކަށް ހޯދައިދިނުމުގެ މަޤްޞަދުގައި ހިންގާ މަޝްރޫޢެއް. އޭގެތެރެއިން އެންމެބޮޑު ކަމަކީ، ލިޔަންކިޔަން ނުދަންނަ މީހުންނަށް ލިޔަންކިޔަން ދަސްކޮށްދިނުން. އެމީހުންނަށް ލިޔަންކިޔަން ދަސްކޮށްދިނުމާއެކު، މުސްލިމެއްގެ ޙައިޘިއްޔަތުން، އެމީހުންނަށް އެނގެން ބޭނުންވާނެ މަޢުލޫމާތު އަންގައިދިނުމާއި، އަދި ދިވެއްސެއްގެ ޙައިޘިއްޔަތުންވެސް އެނގެން ބޭނުންވާނެ މަޢުލޫމާތު އަންގައިދިނުމާއި، އަޅުގަނޑުމެންގެ ރާއްޖޭގައި ކަންތައްތައް ހުރިނެތްގޮތަށް ބަލާއިރު، ކޮންމެހެން އެނގެންޖެހޭނެ މަޢުލޫމާތުތައް އަންގައިދިނުން، އެއީ، އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ ބޭނުމަކީ. އެހެންވީމާ، އެމަޝްރޫޢަށްވެސް ރާއްޖޭގެ ކޮންމެ ރަށެއްގައި އެކަށީގެންވާ އަހަންމިއްޔަތެއް ލިބުމަކީ ބޭނުންކަމެއް. ސަރުކާރުން މަޝްރޫޢެއް ރޭވިޔަސް އަދި އެކަމަށް ޚަރަދުކުރިޔަސް އެކަމުން ނުކުންނާނެ ނަތީޖާއެއް ނުކުންނާނީ، ރައްޔިތުން އެމަސައްކަތްތަކުގައި، ނޫނީ އެކަމުގައި ބައިވެރިވެވަޑައިގެންނެވި މިންވަރަކުން.

މިރަށުގައިވެސް ހިސާބަކަށް، ލިޔަންކިޔަން ނުދަންނަ މީހުން ތިބިކަމަށް، އަޅުގަނޑުގެ ކުރިމަތީގައި މިއޮތް ފޯމުގައި އެބައޮތް. އެހެންވީމާ، އެމީސްމީހުންނަށް ލިޔަންކިޔަން ދަސްކޮށްދިނުން އެއީ މި މަޝްރޫޢުގެ ދަށުން ކުރެވިދާނެ ކަމެއް، ކުރަންޖެހޭނެ ކަމެއް. އެކަންވެވޭނީ، އެކަމަށް ރައްޔިތުންގެ އެއްބާރުލުން ލިބުނު މިންވަރަކުން. ޚާއްޞަކޮށް، ލިޔަންކިޔަން ނުދަންނަކަމަށް ނޯޓުކުރެވިފައި އެވާ މީހުން، އަސާސީ ތަޢުލީމުގެ ކުލާސްތަކަށް ޤަވާޢިދުން ހާޒިރުވެގެން. އެހެންވީމާ، އެކަން ކުރިއަށްދާނެ ކަމަށް، އަޅުގަނޑު ވަރަށްބޮޑަށް ޔަޤީންކުރަން.

އަޅުގަނޑު މިދެންނެވި، ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢުގައި، ތަޢުލީމުގެ އިތުރަށް، އެހެންވެސް ކަންތައްތައް ހިމެނިފައިވޭ. ބައެއް ރަށްރަށުގައި ހުރި މިސްކިތްތަކަކީ ކަމުދާވަރަށްވުރެ މާބޮޑަށް ބާވެ ހަލާކުވެފައިވާ ތަންތަން ކަމަށްވާތީ، އަލުން މިސްކިތް ޢިމާރާތްކުރުން ނުވަތަ ހުރި މިސްކިތެއް މަރާމާތުކޮށްދީ ހެދުން، ރަށްރަށުގެ އޮފީސްތައްވެސް ހަމައެފަދައިން މަރާމާތުކުރުން، ނުވަތަ އަލުން ޢިމާރާތްކުރުން، ރަށްރަށަށް މުވައްޒަފުން އިތުރުކުރުން، އަތޮޅުއޮފީސްތަކަށް މުވައްޒަފުން އިތުރުކުރުން، ކޮންމެ ރަށެއްގައި ރަށުކޯޓެއް އުފެއްދުން، ބައެއް ރަށްރަށުގެ ފަޅު ފުންކުރުން، ޑައިނަމައިޓް އަޅައިގެން ނެރު ގޮއްވުން، މިހެންގޮސް ރައްޔިތުންނަށް ބޭނުންވެފައިވާ އެންމެ ބޮޑެތި ކަންތައްތައް ކޮށްދިނުން. މިދެންނެވި މަޝްރޫޢުގެ ދަށުގައި އެކަންތައްތައް ކުރިއަށް އެބަދޭ.

މިރަށަށް ބަލާއިރު މިދެންނެވި މަޝްރޫޢުގައި، ރަށުގެ ފަޅުކޮނުން އެބައޮތް. އެއަށް ބޭނުންވާ ފައިސާގެ އެއްބައި މިހާރުވަނީ ޚަރަދުކުރެވިފައި ނުވަތަ މިހިސާބަށް ފޮނުވިފައި. އެ މަސައްކަތް މިހާރުވަނީ ކޮންމެވެސްވަރަކަށް ކުރިއަށް ގޮސްފައި. އެ މަސައްކަތުގައި ދެން ނުނިމި އޮތްބައި، ރަށުގެ ރައްޔިތުން ކުރިއަށް ގެންދަވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އޭރުން ފަޅުގެ މައްސަލަ ކޮންމެވެސްވަރަކަށް އޮންނާނީ ހަމަޖެހިފައި. ދެންއޮތީ ޑައިނަމައިޓް އަޅައިގެން ގޮއްވުމުގެ މައްސަލަ. އެއީ، މިރަށަށްވެސް ބޭނުންވެފައިވާ ކަމެއްކަން އެނގޭ. އަދި އެއީ، މި ޕްރޮޖެކްޓްގައިވެސް، މި މަޝްރޫޢުގައިވެސް ހަމަޖެހިފައިވާ ކަމެއް. އެކަން އަދި އޮތީ ނުވެވި. ސަބަބަކީ، އެކަން ކުރަން ބޭނުންވާ ރަށްތަކުގެ ގިނަކަން. ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް އެކަން ކުރަންޖެހޭ، ވަރަށްގިނަ ރަށްތަކެއް އެބަހުރި. އެއީ، ކަމުގެ ބާވަތުން އެމަސައްކަތަކީ ވަރަށް ޚާއްޞަގޮތަކަށް ކުރަންޖެހޭ ކަމަކަށްވެފައި، އެކަމުގެ ބާވަތުން އެމަސައްކަތް ކެނޑިނޭޅި ކުރަމުން ގެންދިޔަކަމުގައިވިޔަސް އަދި މިހިސާބަށް ފޯރާވަރުނުވަނީ. އެހެންނަމަވެސް، މަޝްރޫޢުގައި އެމަސައްކަތް ހަމަޖެހިފައި އޮތުމާއެކު، އުންމީދު ކުރެވެނީ މާލަސްތަކެއްނުވެ މިރަށަށްވެސް އެކަންތައް ހަމަޖެހޭނެކަމަށް. ކޮންމެއަކަސް އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ކުރަންޖެހިފައި ހުރި އެތަކެއް މަސައްކަތްތަކެއް އެބަހުރި. އެހުރިހާ ކަމެއް އެއްފަހަރަކާ ނުވެވޭނެ. އެހެންވީމާ، ވެވުނުވަރަކުން ސަރުކާރުން އެމަސައްކަތްތައް ކުރިއަށް ގެންދަނީ.

އާދެ، ދެން އަޅުގަނޑުމެންގެ ދިރިއުޅުން ތަރައްޤީކުރަން ބޭނުންވާތީ، ކޮންމެ ރަށެއްގެ ރައްޔިތުންވެސް ބޭނުންވާނެ، އެބަޔަކު އެ ދިރިއުޅޭ ފެންވަރު، އެއްދުވަހުން އަނެއްދުވަހަށް މައްޗަށް ގެންދަން. އިތުރު ތަނަވަސްކަމެއް ހޯދުމަކީ، ހަމަ ކޮންމެ މީހެއްގެވެސް އުންމީދަކަށްވާނެ. އެކަން އެހެންވާނީ، ކޮންމެ މީހަކުވެސް އެކުރާ މަސައްކަތެއް ވީހާ ރަނގަޅަކަށް ކޮށްގެން. ދިރިއުޅުމަށް އެކަށީގެންވާގޮތަކަށް މަސައްކަތްކޮށްގެން. އެކުރާ މަސައްކަތަކީ މަސްވެރިކަން ކަމުގައިވިޔަސް، ނުވަތަ މަސްވެރިކަމާ ގުޅިފައިވާ އެހެން ބާވަތެއްގެ މަސައްކަތެއް ކަމުގައިވިޔަސް، އެއީ ނުވަތަ ރަށުގައި ތިބެގެން ކުރާ ޒާތުގެ މަސައްކަތްތަކުގެ ތެރެއިން މަސައްކަތަކަށްވިޔަސް، އެއީ ކޮންމެ މަސައްކަތެއް ނަމަވެސް، ވެވުނު އެންމެ ރަނގަޅަކަށް ކޮށްގެން، ތިމާއަށް ލިބޭ އެއްޗެއް އިތުރުވާނީ. އެކަމަށް އަޅުގަނޑުމެން ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެ. ފިރިހެނުން ކުރާ މަސައްކަތްތައްވެސް، ކުރިއަށްވުރެ ރަނގަޅަށް ކުރެވޭތޯ ބަލަންވާނެ. މަސައްކަތުގައި ގިނަވަގުތު ހޭދަކޮށްގެންނަމަވެސް، އެމީހަކަށް ލިބޭ އެއްޗެއް އިތުރުކުރެވޭތޯ ބެލުމަކީ، ކޮންމެހެން ކުރަންޖެހޭނެ ކަމެއް. އަންހެނުންވެސް، އަންހެނުންގެ ކޮމިޓީގެ ރައީސާއާއި މެންބަރުން މިއަދު ބުނުއްވި، މިރަށުގައިވެސް އެކަހަލަ މަސައްކަތްތައް ކުރަމުންގެންދާ ވާހަކަ. އެއީ، ވަރަށް ރަނގަޅު ކަމެއް. އެހެންވީމާ، އަންހެނުންނަށްވެސް ކުރެވޭ ބާވަތުގެ ހުރިހާ ކަމެއް، އެމީހުން ކުރަމުން ގެންދަންވާނެ. އެގޮތަށް މަސައްކަތް ކުރުމުގެ ސަބަބުން ތަނަވަސްކަން ލިބޭނީ ހަމަ އެމީހުންނަށް. އަދި އެމީހުންގެ ޢާއިލާތަކަށް އަދި ރަށަށް.

އެހެންވީމާ، އަޅުގަނޑު ދާ ކޮންމެ ރަށެއްގެ ރައްޔިތުންނާ ވާހަކަދައްކާއިރުވެސް، މި ނުކުތާއަށް ވަރަށްބާރުލައި ވާހަކަދައްކަން. ކޮންމެ ބަޔަކުވެސް އެކުރާ މަސައްކަތެއް ވީހާ ރަނގަޅަކަށް ކުރެވޭތޯ ބެލުމުގެ މުހިންމުކަން ބޮޑުކަން އެމީހުންނަށް އިޙްސާސް ކޮށްދެވޭތޯ އަޅުގަނޑު މަސައްކަތްކުރަން. އަޅުގަނޑުހިތުން އެއީ ހަމަ ހުރިހާ ރަށެއްގެ ރައްޔިތުންވެސް ގަބޫލުކުރައްވާނެ ކަމެއް.

ދެން، މި އަތޮޅުގައި ޚާއްޞަ އެހެން މަޝްރޫޢެއްވެސް ހިނގަމުން އެބަދޭ. އެއީ ސަރުކާރު މެދުވެރިވެގެން، ބޭރުގެ ޖަމުޢިއްޔާއެއްގެ އެހީ ހޯދައިގެން، މި އަތޮޅުގައި ހިންގާ މަސައްކަތްތަކެއް މިރަށަށް ކަނޑައެޅިފައި އެބައޮތް. މިރަށުގައި ފެންތާނގީއެއް ބެހެއްޓުން. މިހާރު އެފެންތާނގީ ރާނައި ނިމިފައިވަނީ. ވައިރުކޮށްވެސް ހަދާފައި. އެހެންވީމާ، ދެން އަންނަ، ވިއްސާރަ މޫސުމެއްގައި، އެ ތާނގީގެ ބޭނުން ކުރެވޭނެކަމަށް ލަފާކުރެވޭ. އެއީވެސް ވަރަށްބޮޑު އެހީއަކަށްވާނެ.

އާދެ، އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންޖެހޭ، ވަރަށް މުހިންމު ކަންތައްތަކެއް އެބަހުރި. އޭގެތެރެއިން އެއްކަމެއް، އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިންކަން އަބަދުވެސް ހަނދާންކުރުން. އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް، އަޅުގަނޑުމެންގެ ހުރިހާ ކަމެއްވެސް ބެހެއްޓޭތޯ އަބަދުވެސް މަސައްކަތްކުރަމުން ގެންދިޔުން. މުސްލިމުން ކަމުގައިވީތީ، އަޅުގަނޑުމެން އަދާކުރަންޖެހޭ ވާޖިބުތަކެއް، ފަރުޟުތަކެއް އެބަހުރި. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް އެނގޭ ކަންތައްތައް އެއީ. ދީނުގައި ވާޖިބުކުރައްވާފައިވާ ކަންތައްތައް، ދީނުގައި ފަރުޟު ކުރައްވާފައިވާ ކަންތައްތައް. އެކަންކަން ބަރާބަރަށް ވަގުތުންވަގުތަށް އަދާކުރެވޭތޯ ބަލަންވާނެ. އެ ވާޖިބުތައް އަދާކުރުމުން، އޭގެ ފައިދާ ލިބޭނީ ހަމަ އަޅުގަނޑުމެންނަށް، އެކަންކުރާ ބަޔަކަށް، އެބައެއްގެ މުޖުތަމަޢަށް، އެބައެއް ދިރިއުޅޭ ޖަމާޢަތަކަށް. ހަމައެފަދައިން، ދީނުގައި މަނާކުރައްވައި ޙަރާމްކުރައްވާފައި ހުރި ކަންތައްތަކެއްވެސް އެބަހުރި. އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކަށްވެސް އެކަންތައްތައްވެސް އެނގޭ. އެކަންތައްތަކުން އެއްކިބާވުމުން ނުވަތަ ދުރުހެލިވުމުން، އެ ލިބޭ ހެޔޮ ނަތީޖާ، ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ލިބޭނީ އެކަން އެކުރާ ބަޔަކަށް، އެބައެއްގެ ޖަމާޢަތަށް. އެހެންވީމާ، އެކަންތައްތަކަށް ރައްކާތެރިވެގެން، ދީނުގައި ކޮންމެ ކަމެއްވެސް އަންގަވާފައިވާ ގޮތަށް ކުރެވޭތޯ ބެލުމަކީ އަޅުގަނޑުމެންގެ ވާޖިބަކަށްވާންވާނެ.

ހަމައެފަދައިން، އަޅުގަނޑުމެންގެ ގުޅުންތަކާ ބެހޭގޮތުންވެސް ދީނުގައި ޚާއްޞަ އުސޫލުތަކެއް ކަނޑައަޅުއްވާފައިވޭ. އެއީ އުޚުއްވަތްތެރިކަމުގެ އުސޫލު. އެންމެންނަކީ އެއްބަނޑުއެއްބަފާ ބަޔަކަށްވުމުގެ އުސޫލު. މުސްލިމުންނަކީ އެއްބަނޑުއެއްބަފާ ބައެއް. ﷲ ވަޙީކުރައްވަނީ، "إِنَّمَا الْمُؤْمِنُونَ إِخْوَةٌ." "ހަމަކަށަވަރުން މުއުމިނުންނަކީ އަޚުންތަކެކޭ." އެހެންވީމާ، އަޅުގަނޑުމެންގެ މެދުގައި އޮންނަންވާނީ އަޚުންތަކެއްގެ މެދުގައި އޮންނަންވާ ކަހަލަ ގުޅުން. އެއްބަނޑުއެއްބަފާކަމުގެ، އެހީތެރިކަމުގެ، އޯގާތެރިކަމުގެ ގުޅުން. އެއްބަޔަކު އަނެއްބަޔަކަށް އެހީވެދީގެން، ކޮންމެބަޔަކުވެސް އަނެއްބައެއްގެ ހާލުދެކިގެން ކުރިއަށް ދިޔުމުގެ އުސޫލު. އެ އުސޫލު ފެތުރުމަކީ ހަމައެކަނި ވަކިފަރާތެއްގެ މަސްއޫލިއްޔަތެއް ނޫން. އެއީ އެންމެންގެވެސް މަސްއޫލިއްޔަތެއް. ވެރިފަރާތުގެވެސް މަސްއޫލިއްޔަތު. އަދި ރައްޔިތުންގެވެސް މަސްއޫލިއްޔަތު. އަދި ރައްޔިތުންގެ ތެރެއިން ކޮންމެ މީހެއްގެވެސް މަސްއޫލިއްޔަތެއް. އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި އެކުވެރިކަން އާލާކޮށް އެންމެން އެކަތިގަނޑަކަށްވެގެން، ކޮންމެ މީހަކުވެސް އެހެން މީހުންގެ ޙައްޤުތަކަށް ރައްކާތެރިވެގެން ކުރިއަށްދާގޮތް އޮތުން، އެއީ އިސްލާމީ އުސޫލަކީ. ރަށުގެ ރައްޔިތުން އެކަމަށް ވަރަށްބޮޑަށް ސަމާލުކަން ދެއްވަންޖެހޭނެ. ރައްޔިތުންނާ ވެރިންނާވެސް ގުޅެންވާނެ. އެ ދެމެދުގައިވެސް އޮންނަންވާނީ އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން. ވެރިން ތިބެނީ ރައްޔިތުންނަށް އިރުޝާދުދީ، ރައްޔިތުންގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށް. އެހެންވީމާ، ވެރިންގެ އިރުޝާދަށް ރައްޔިތުން ތަބަޢަވެގެން، ހުރިހާ ކަމެއްވެސް ކުރިއަށް ގެންދިޔުމަކީ އެދެވިގެންވާ ކަމެއް.

އާދެ، ރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތައް ތަންދޭ ގޮތުގެމަތިން އަދި ސަރުކާރުގެ ކަމާބެހޭ އޮފީސްތަކުންނާއި މިނިސްޓްރީތަކުން ދެއްވާ އިރުޝާދާ އެއްގޮތްވާ ގޮތުގެމަތިން، އަތޮޅުވެރިންނާއި ރަށްރަށުގެ ވެރިން، ކަންތައްތަކަށް ރައްޔިތުންނަށް އިރުޝާދު ދެއްވަނީ. އެހެންވީމާ، އެ ދެއްވާ އިރުޝާދާ އެއްގޮތަށް މަސައްކަތް ކުރުމުން، ރަށަށް ފައިދާވާނެކަމާމެދަކު ޝައްކެއްނެތް. އަޅުގަނޑުގެ ވާހަކައަކީ، އެންމެންގެ މެދުގައި އޮންނަންވާނީ، އެކުވެރިކަމޭ، އެއްބާރުލުމޭ. އެކުވެރިކަމާއި އެއްބާރުލުން އޮވެއްޖެއްޔާ، އަޅުގަނޑުމެން ކުރާ ހުރިހާ މަސައްކަތެއްގެ ފައިދާ އަޅުގަނޑުމެންނަށް އަވަސް މަގަކުން ފެނިގެންދާނެއޭ. އަޅުގަނޑުމެންގެ މެދުގައި ހަމަނުޖެހުން ނުވަތަ ދެކޮޅުވެރިކަން އޮވެއްޖެނަމަ، އަޅުގަނޑުމެން ކިތަންމެ މަސައްކަތެއް ކުރިޔަސް، އެ ކުރާ މަސައްކަތެއްގެ ނަތީޖާއެއް އަޅުގަނޑުމެންނަކަށް ނުފެންނާނެއޭ. މިއީ ޙަޤީޤަތެއް. އެންމެންވެސް ގަބޫލުކުރާނެ ޙަޤީޤަތެއް. އެހެންވީމާ، މި ޙަޤީޤަތަށްވެސް ވަރަށްބޮޑަށް ވިސްނެވުމަކީ، ހަމަ ކޮންމެހެން ބޭނުންކަމެއް.

އާދެ، އެހެންވީމާ، އަޅުގަނޑުގެ މި ވާހަކަކޮޅުގައި މި ފާހަގަކުރި ނުކުތާތަކުގެ މައްޗަށް، ރަށުގެ ވެރިންނާއި ރައްޔިތުން ވަރަށްބޮޑަށް ސަމާލުކަން ދެއްވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން. އަދި ރަށް ކުރިއެރުވުމަށްޓަކައި މިހާރު ކޮމިޓީތަކެއްވެސް އުފެދިފައި އޮތުމާއެކު، އެ ކޮމިޓީތަކުގެ މަސައްކަތްވެސް އެކަށީގެންވާ ގޮތަކަށް ކުރިއަށްދާންވާނެ. އެކަމަށް ކޮމިޓީތަކުގެ މެންބަރުންވެސް ސަމާލުކަން ދެއްވަންވާނެ. އެ ކޮމިޓީތައް އުފެދިފައިވަނީ، ހަމައެކަނި ނަމެއްގައި އޮންނާކަށެއްނޫން. މަސައްކަތްތަކެއް ކުރުމަށް ލަފާދިނުމަށް. އެހެންވީމާ، އެމަސައްކަތްތައް ކޮމިޓީގެ ފަރާތުން ކުރައްވަންވާނެ. އަދި އެ ކޮމިޓީއަށް އެކަނި ކަމެއް ނުކުރެވޭނެ، ރައްޔިތުންގެ އެއްބާރުލުން ނުލިބޭކަމަށްވަންޏަކާ. އެހެންވީމާ، ރައްޔިތުންވެސް ކޮމިޓީއާ ގުޅިގެން، ހުރިހާ ކަމެއްވެސް ކުރިއަށް ގެންދަންވާނެ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަނގޮޅިތީމުގެ ވެރިންނާއި ރައްޔިތުންގެ ފަރާތުން އަޅުގަނޑާމެދު ތިޔަ ފާޅުކުރެއްވި އިޚްލާޞްތެރި، ތެދުވެރި، ޝުޢޫރުތަކަށްޓަކައި އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އެދުމަކީ، އުއްމީދަކީ، އަނގޮޅިތީމުގެ ރައްޔިތުން ކުރައްވާ މަސައްކަތްތަކުގައި، اللّـه سبحـانـه وتعـالى ބަރަކާތްލެއްވުން. އަދި އެމީހުންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން މިންވަރުކުރެއްވުން. އެ ކުރާ މަސައްކަތްތަކުގެ ނަތީޖާ، ދިރިއުޅުން ތަނަވަސްވުމުގެގޮތުން ދުނިޔޭގައިވެސް ފެނިގެންދިޔުން. އަދި ދީނަށް ރައްކާތެރިވުމާއި، ﷲ އަންގަވާފައިވާ ކަންތައްތައް ކުރުމުގެ ހެޔޮ ޘަވާބު އާޚިރަތުގައިވެސް ހުރިހާ އެންމެންނަށް ދެއްކެވުން. ދިވެހިރާއްޖެ ތަރައްޤީ ކުރުމުގެ ގޮތުން، ސަރުކާރާއި ރައްޔިތުން ކުރަމުންގެންދާ މަސައްކަތްތަކުގައިވެސް اللّـه سبحـانـه وتعـالى ބަރަކާތްލެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.