ސަރުކާރުން މިހާރު ޑްރާފްޓްކޮށްފައިވާ "ޒުވާނުން ބިނާކުރުމާއި ހުނަރުވެރިކުރުމުގެ ބިލު"ގެ އެންމެ މުހިންމު މަޤްޞަދަކީ، އިސްލާމް ދީނަށް ލޯބިކުރާ ދީނުގެ އަސާސްތަކަށް ޙުރުމަތްތެރިކޮށް ހިތާ، އަދި ދިވެހި ޤައުމިއްޔަތުގެ ސިފަތައް ލިބިގެންވާ ޒުވާނުންތަކެއް ބިނާކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ކުޅުދުއްފުށި ސިޓީގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ޒުވާނުން ބިނާކުރުމާއި ހުނަރުވެރިކުރުމުގެ ބިލާބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ބިލްގެ އަނެއް އަމާޒަކީ، ޒިންމާދާރު ހުނަރުވެރި ޒުވާން ރައްޔިތުންތަކެއް ބިނާކުރުންކަމުގައެވެ. އަދި ޒުވާނުންގެ އުންމީދުތައް ޙަޤީގަތަކަށް ހެދުމަށް މަގު ދައްކައިދީ، ކުރިމަގުގެ ފުރުޞަތުތަކަށް މަގުފަހުކޮށްދިނުމަކީ ވެސް ބިލްގެ ވަރަށް މުހިންމު މަޤްޞަދެއްކަމަށާއި މިބިލްގެ ސަބަބުން، ޤައުމު ކުރިއަރުވައި ރާއްޖެއަށް ޝަރަފާއި ފަޚުރު ހޯދައި ދިނުމުގައި، މިހާރަށްވުރެ ބޮޑަށް ޒުވާނުންގެ ބައިވެރިވުން ލިބޭނެކަމަށް ޤަބޫލުކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ މަސައްކަތުގެ ބާޒާރުގައި ގިނަ ފުރުޞަތުތަކެއް ހުރިނަމަވެސް މަސައްކަތެއް ނުކޮށް އަދިވެސް ގިނަ ޒުވާނުންތަކެއް ތިބިކަން ފާހަގަކުރައްވައި ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތަކުގެ ބޭނުން ހިފުމަށް ޒުވާނުންނަށް އިލްތިމާސްކުރެއްވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޤައުމުގެ ތަރައްޤީގައި ޒުވާނުންގެ ޙިއްޞާ އިތުރުކުރުމަށް ސަރުކާރުން ކުރިޔަށްގެންދާ މުހިންމު ބައެއް މަސައްކަތްތަކުގެ މައްޗަށް ވެސް އަލިއަޅުވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކުރިޔަށް އޮތް 2 އަހަރުގެ ތެރޭގައި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކަށް އަމާޒުކޮށް، ސަރުކާރުގެ ބަޖެޓުން 1.2 ބިލިޔަން ރުފިޔާ ޚަރަދުކޮށްގެން ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ހިންގަވާނެ ކަމަށާއި އަދި ކުޅުދުއްފުށީގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ޙައްލުހޯދައިދިނުމަށް އަމާޒުކޮށް އަންނަ އަހަރުގެ ބަޖެޓުގައި އެކަނިވެސް 400 ހައުސިންގ ޔުނިޓް ކުޅުދުއްފުޓަށް ރިޒާވްކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި މީގެ އިތުރުން އިތުރު 1000 ހައުސިންގ ޔުނިޓް ކުޅުދުއްފުށި ސިޓީގައި އެޅުމުގެ އަގުގެ މަސައްކަތް ބޭރުގެ ފަރާތަކާ މަޝްވަރާކޮށް ނިމުމަކަށް އައިސްފައިވާކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ޖަލްސާގައި ޔޫތް އެވޯޑް ހާސިލުކުރި ޒުވާނުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެވޯޑް ހަވާލުކޮށްދެއްވާފައެވެ.
މި ޖަލްސާގައި 10 ޒުވާނަކު ޒުވާނުންގެ އެވޯޑް ހާސިލުކޮށްފައިވެއެވެ. އެ ދިހަ ޒުވާނުންނަކީ:-

1- މަސްވެރިކަމުގެ ދާއިރާއިން - ޢަބްދުﷲ ޔަމާން (ގުރުވަ، ލ.ގަން ތުނޑި)
2- ތިމާވެށި ޙިމާޔަތްކުރުމަށް މަސައްކަތްކުރުމުގެ ދާއިރާއިން - ޢަފާ ޙުސައިން (ޕާކް، ކުޅުދުއްފުށި)
3- ކުޅިވަރަށް ޚިދުމަތްކުރުމުގެ ދާއިރާއިން - އަޙްމަދު ޢަބްދުލްކަރީމް (ތިބުރޯޒުގެ، ވ. ކެޔޮދޫ)
4- ދަރުމައަށް މަސައްކަތްކުރުމުގެ ދާއިރާއިން - ޢާއިޝަތު ޠާއިފާ (ޓޯޓަލްގެ، ކުޅުދުއްފުށި ސިޓީ)
5- ދަނޑުވެރިކަމުގެ ދާއިރާއިން - ޢަލީ ފަވާޒް (މިލާޒް، އއ. ތޮއްޑޫ)
6- ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން - އަރުޝަދު އަޙްމާދު (ފަހިވާ، ހއ. އުލިގަން)
7- ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމުގެ ދާއިރާއިން - ޙަސަން ފަރުޙާން މުޙައްމަދު (މ. މިޓްރީޕާރކް، މާލޭ ސިޓީ)
8- ދިވެހިބަހާއި ޘަޤާފަތަށް ޚިދުމަތްކުރުމުގެ ދާއިރާއިން - އިއްޒަތު އަޙްމަދު ނިޒާރު (ސެލްވިން، ހދ. މަކުނުދޫ)
9- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމަށް މަސައްކަތްކުރުމުގެ ދާއިރާއިން - މަރިޔަމް ސަހުދާ (ދަފްތަރު ނަންބަރު ރސ 4356)
10- އާރޓް، ފަންނުވެރިކަމުގެ ދާއިރާއިން - ނާޒިމް ޙަސަން (ކޯނަރ، ކުޅުދުއްފުށި ސިޓީ) މިއެވެ.

ޒުވާނުންގެ އެވޯޑަކީ ތަފާތު ދާއިރާތަކުން ޤައުމުގެ ތަރައްޤީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އެވޯޑެކެވެ. އަދި މި އިނާމަކީ ޤައުމުގެ ތަރައްޤީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމަޢަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.

މި ޖަލްސާއަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށި ސިޓީގައި ބޭއްވި ޒުވާނުންގެ މިއުޒިކް ޝޯވް ބައްލަވާލައްވާފައެވެ.