ޓިއުނީޝިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހަޔެތް ތަލްބީ ބިލެލް އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.

މިއަދު މެންދުރުކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ރަސްމިއްޔާތުގައި ޓިއުނީޝިއާގެ އައު ސަފީރު އެކަމަނާ ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަމަނާއަށް މަރުޙަބާ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުންނާއި ކޮވިޑް-19 ގެ ހާލަތާއި ގުޅޭގޮތުންނާއި ތަރައްޤީގެ ދާއިރާއިން ގުޅުންބަދަހިކުރުމާއި އަދި ބައިނަލްވާމީ ގުޅުންތައް ބަދަހިކުރުންފަދަ މައުޞޫޢުތަކުގައި މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޓިއުނީޝިއާ އަކީ ވެސް ރާއްޖެފަދައިން އައްސޭރިފަށުގެ ޤައުމެއްކަމާއި އިސްލާމީ ގުޅުންތަކުގެ މައްޗަށް ބިނާވެފައި އޮންނަ ޤައުމެއްކަން ފާހަގަކުރައްވައި ދެ ޤައުމުގެ ހުރި އެއްގޮތް ކަންތައްތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ދެ ޤައުމުން ވެސް އިންކަންދޭ ކަންކަމުގައި، ބޭނުންވާ އަމާޒަށް ވާޞިލުވުމަށްޓަކައި ޓިއުނީޝިއާއާއެކު ރާއްޖެއިން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. މީގެ އިތުރުން ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެއްވުމާއި އަދި މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަން ތަރައްޤީ ކުރެއްވުމުގެ ދާއިރާއިން ދެޤައުމުގެ ދެމެދުގައި ފަންނީ ތަޖުރިބާ ބަދަލުކުރުމުގެ ޝައުޤުވެރިކަން ރައީސުލްޖުމްހޫރިއްޔާ ފާޅުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އ.ދ. އާއި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އާއި، ނޮން-އެލައިންޑް މޫވްމަންޓް (ނާމް) ފަދަ ބައިނަލްއަޤްވާމީ ފަރާތްތަކާއި ގުޅިގެން، އިންސާނީ ޙައްޤުތަކާއި، ކައުންޓަރ ޓެރަރިޒަމާއި، ޞުލްޙައާއި، ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާތައް ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޓިއުނީޝިއާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ބައިނަލްއަޤްވާމީ މައިދާނުގައި ޚާއްޞަކޮށް އ.ދ.ގައި ރާއްޖެއިން އަދާކުރަމުންދާ ދައުރަށް ތަޢުރީފުކުރެއްވިއެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި ޓިއުނީޝިއާއިން ރާއްޖެއަށް އަބަދުވެސް އެއްބާރުލުން ދެމުންގެންދާނެކަމުގައި ސަފީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ޓިއުނީޝިއާގެ ސަފީރުގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ މުސްތަޤުބަލުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންނަވާފައެވެ.

ދިވެހިރާއްޖެއާ ޓިއުނީޝިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1983 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 10 ވަނަ ދުވަހުގައެވެ.