بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

އައިލެންޑަރސް އެޑިޔުކޭޝަންގެ ޗެއަރމަން ޢަބްދުއްރަޝީދު، ކެންގަރޫ ކިޑްސް ޕްރީސްކޫލްގެ ޕްރިންސިޕަލް އާމިނަތު ތަހުމީނާ، އައިލެންޑަރސް އެޑިޔުކޭޝަން ގްރޫޕްގެ އިސްވެރިން، ކެންގަރޫ ކިޑްސް ޕްރީސްކޫލްގެ މުދައްރިސުން، ބެލެނިވެރިން، އަދި އަޅުގަނޑުމެންގެ ތުއްތު ދަރިވަރުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް މި އުފާވެރި ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، ޚާއްޞަކޮށް ހުރިހާ ލޮބުވެތި ބެލެނިވެރިންނަށް އަޅުގަނޑު އަރިސްކުރަން. އަދި ހަމައެއާއެކު، މިއަދުގެ ހެޔޮއެދުންތައް އެންމެހައި ހީވާގި ޓީޗަރުންނަށް އަރިސްކޮށް، އަދި ތުއްތު ކުދިންނަށް ވަރަށްބޮޑަށް އަޅުގަނޑު މަރުޙަބާ ކިޔަން.

އާދެ، އެނގިވަޑައިގަންނަވާނެ، ވޭތުވެގެން މިދިޔަ އަހަރުތަކަކީ ތުއްތު ކުއްޖާގެ އުމުރުގެ އެންމެ މުހިންމު ދުވަސްތައް. މިއީ، ބެލެނިވެރިން އެންމެބޮޑު ސަމާލުކަމެއްދޭ އެންމެބޮޑަށް އަޅައިލުމާއި އޯގާވެރިކަމާއި، ލޯބި ތުއްތު ކުއްޖާއަށް ދޭ، އެންމެ މުހިންމު އުމުރު. އާދެ، ހިނގާ ކޮންމެ ކަމެއް ކުއްޖާއަށް ރަނގަޅަށް ބުނެދޭން ނޭނގޭ އުމުރެއްގައި، ޚާއްޞަކޮށް، މުދައްރިސުންނާ މި ޙަވާލުކޮށްލަނީ ވަރަށްބޮޑު އިތުބާރަކާ އެކު. ވަރަށްބޮޑު ޔަޤީންކަމަކާ އެކު. އާދެ، އަޅުގަނޑު ހަމަ މި ފުރުޞަތުގައި ފާހަގަކުރަން ބޭނުންވޭ، ވޭތުވެދިޔަ އަހަރުތަކުގައި، ޚާއްޞަކޮށް މުދައްރިސުން، ސްކޫލްގެ ފަރާތުން އެ ބެހެއްޓެވި އޯގާތެރިކަމާއި ތުއްތު ކުދިންނަށް، އެ ދިން ލޯބި، އަދި ޕޭރެންޓެއްގެ ހައިސިއްޔަތުންނާއި މި ހުރިހާ ކަމެއް އަޅުގަނޑަށްވެސް ތަޖުރިބާ ކުރެވިފައި ހުރީމާ، އެކަން ފާހަގަކޮށް ހުރިހާ ޕޭރެންޓުންނާއި ހުރިހާ މައިންބަފައިންގެ ނަމުގައި، ޚާއްޞަކޮށް، ސްކޫލްގެ ހުރިހާ މުދައްރިސުންނަށާއި، މެނޭޖްމަންޓަށާއި އަދި ޕްރިންސިޕަލަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަން.

އާދެ، އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ މި ތުއްތު ކުދިން ޕްރީސްކޫލް ފަށާއިރު، އެކުދިންނަކަށް މާބޮޑު އެއްޗިއްސެއް ނޭނގޭ. އެހެންނަމަވެސް، އާރލި ޗައިލްޑްހުޑުގެ ދުވަސްވަރު މިއީ، ކުއްޖާގެ ހެދިބޮޑުވުމަށް ޚާއްޞަކޮށް، ކުއްޖާގެ ބްރެއިން ޑިވެލޮޕްމަންޓަށާއި، ކަންތައްތައް ދެނެގަތުމަށާއި، ބިހޭވިއަރ ރަނގަޅުގޮތުގައި ބައްޓަން ކުރުމަށްވެސް ލިބޭ އެންމެ މުހިންމު ދުވަސްވަރު. މިއަދު ނިމިގެން ކުދިން ގްރޭޑަށް ގުރެޖުއޭޓް ވެގެންދާއިރު، ކުދިންނަށް ހަމައެކަނި ދަސްވެފައި އޮތީކީ، އެއްކޮށް ކަނޑައި، ގުނަކުރާކަށް ނޫން. އަދި ލިޔަންކިޔަން އެކަންޏެއްވެސް ނޫން. ކުދިންނަށްވަނީ، ވަރަށް ގިނަ ކަންތައްތަކެއް ދަސްވެފައި.

އެނގިވަޑައިގަންނަވާނެ މި ދުވަސްވަރަކީ، އެ ކުރާ ކަމެއް މުޅި އުމުރަށް ދެމިގެންދާ ދުވަސްތަކެއް. ކުއްޖާގެ ސިކުނޑީގައި އެންމެ ފަސޭހައިން ކަންތައްތައް ހަރުލެއްވުމަކީވެސް އެއީ، މިދުވަސްވަރު އެންމެ ކްރިޓިކަލް އޭޖުގައި ކުރެވޭ ކަމެއް. އާދެ، އަޅުގަނޑުމެން ވަރަށްބޮޑަށް އުފާކުރަން، މިއަދު މި ދަރިންނަށް، ތުއްތު ކުދިންނަށް ދަސްވީކީ މި ދެންނެވި ކަންތައްތައް އެކަންޏެއްނޫން. އެ ކުދިންނަށް ތިޔަބޭފުޅުންގެ ބުރަ މަސައްކަތުން، އާދެ އަޅުގަނޑުމެންގެ ބެލެނިވެރިންނާއި، އެންމެންގެ ހީވާގި މަސައްކަތުން، ދަސްވެފައި މިއޮތީ، ރައްޓެހިން ހޯދުމަށާއި، ކަންކަން ދަސްކުރުމަށާއި، މައްސަލަތައް ހައްލު ކުރުމަށާއި، ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމަށާއި، އެހެން ކުދިން ބަލައިގަތުމަށާއި، އެހެން ކުދިންނަށް އިޙްތިރާމް ކުރުމަށް. އާދެ، މުޖުތަމަޢުގެ ތެރޭގައި ހުރި އެހެނިހެން ކަންތައްތަކުގެ ތެރެއިންވެސް އެކުދިންނަށް ﷲ އިރާދަކުރެއްވީތީ މިއަދު ދަސްވެފައި މިވަނީ، ރަނގަޅު ކަންތައްތައް. ޕޮޒިޓިވް ކަންތައްތައް ކުރުމަށް. އެހެންވީމާ، މިއީވެސް އަޅުގަނޑު ގަބޫލުކުރާގޮތުގައި ހަމަ ޝުކުރުވެރިކަމާއެކު ބަލައިގަނެ، ހުރިހާ ޕޭރެންޓުންގެ ނަމުގައި ޚާއްޞަކޮށް، ޓީޗަރުންނަށް އަޅުގަނޑުމެން ޝުކުރު އަދާކުރަންޖެހޭ ކަމެއް.

އާދެ، އެނގިވަޑައިގަންނަވާނެ، މިހާރު، ދުނިޔޭގެ އޮއިވަރާއި މަސްރަޙު ހުރީކީ އަޅުގަނޑުމެން ކުޑައިރު ކަންތައްތައް ހުރިގޮތަކަށްނޫން. އަޅުގަނޑުމެންގެ ތެރެއަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ހިނގާ ހުރިހާ ކަމެއްވެސް އާދޭ. އަޅުގަނޑުމެން މި ކަންތައްތަކަށް ސަމާލުވެ، އޮއިވަރުގެ ތެރެއިން، މަސްރަޙުގެ ތެރެއިން، ރަނގަޅު ކަންތައްތަކަށް ސަމާލުކަން ދީގެން، އަޅުގަނޑުމެންގެ ދަރިންނަށް އިތުރަށް އަޅައިލައި، މަސައްކަތްތަކެއް ކުރަން އެބަޖެހޭ. އަޅުގަނޑު މާ ތަފްސީލުކޮށް ނުދެންނެވި ނަމަވެސް، މިތަނުގައި އިންނެވި ކޮންމެ ބެލެނިވެރިޔަކީ، އަޅުގަނޑެކޭ އެއްފަދައިން، މި ޤައުމުގެ ކަންތައްތަކަށާއި، އަދި މި ދުނިޔޭގެ މި ދެންނެވި ފަދަ ކަންތައްތަކަށް، މާބޮޑަށް ލޯހުޅުވިފައިވާ ބެލެނިވެރިއެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އަޅުގަނޑު ހަމަ މިތަނުގައި ހުއްޓިހުރެ ދަންނަވާލަން ބޭނުން، އަޅުގަނޑުމެންނަށް ނަތީޖާ ހާސިލުކުރެވޭނީ މިއަދު އަޅުގަނޑުމެން ކުރި މަސައްކަތަކުންނޭ. އަޅުގަނޑު ކުރީގައިވެސް މި ދެންނެވިހެން މާދަމާ، އޭގެ ފޮނި ނަތީޖާ އަޅުގަނޑުމެންނަށް ލިބިގެން މިދަނީ، ކުދިންނަށް އަޅައިލައި، ކަންތައްތައް ދަސްކޮށްދިނުމުން.

އާދެ، އަޅުގަނޑުމެން މިފަދަ ދުވަހެއްގައި، ފާހަގަކުރަންޖެހޭ، އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ، ޓީޗަރުންގެ ބުރަ މަސައްކަތްތައް. ކުދިންގެ ވީޑިއޯ އަޅުގަނޑަށް ފެނުނު. އެކިކަހަލަ ހަރަކާތްތަކާއި، އެކިކަހަލަ ކަންތައްތައް ސްކޫލްގެ ތެރެއިންނާއި ސްކޫލް ބޭރުން ކުދިންނަށް ދަސްކޮށްދެވިފައި އެބަހުރި. ދެން އޮތީ އަޅުގަނޑުމެންގެ ބެލެނިވެރިން، ރެޔާއިދުވާލު އެކި މަސައްކަތްތައް ކުރަމުން، ވަޒީފާ އަދާކުރަމުން، ގޭތެރޭގެ ކަންތައްތައް ކުރަމުން، ބުރަ މަސައްކަތުގެ ތެރެއިން، ދަރިން ތަރުބިއްޔަތުކޮށް، ހެޔޮލަފާ ރަނގަޅު ދަރިންތަކަކަށް ހެދުމަށްޓަކައި ކުރާ މަސައްކަތް. އާދެ، އަޅުގަނޑު ދަންނަވަން އޮތީ ހަމައެކަނި ސްކޫލުން، ހަމައެކަނި ބެލެނިވެރިން ކުރާ މަސައްކަތަކުން މިއަދު އަޅުގަނޑުމެންނަކަށް ނަތީޖާ ހާސިލެއް ނުކުރެވޭނެއޭ. އަޅުގަނޑުމެންގެ މުޅި މުޖުތަމަޢު މިކަމަށް ހޭލުންތެރިވާން އެބަޖެހޭ. މުޅި މުޖުތަމަޢު ސީރިއަސްކޮށް މިކަމަށް އަހަންމިއްޔަތުކަން ދޭން އެބަޖެހޭ. އަޅުގަނޑުމެންގެ ފުށުން ފެންނަ ކަންތައްތައް މި އުމުރުގައި ކުދިން ގައިގައި ހަރުލާނެ. އެކަންތައް މުޅި އުމުރަށް ދެމިގެންދާނެ.

އަޅުގަނޑުމެންގެވެސް ހަނދާންތައް އެބަހުރި. މިފަދަ ގޮތަކަށް ޕްރީސްކޫލްގެ ކަންތައްތައް ހަމަޖެހިފައި ނެތް ނަމަވެސް، އަޅުގަނޑުމެންގެ ރަށުގައި، އަޅުގަނޑުމެން ތަންކޮޅެއް އާދައިގެ ގޮތަކަށް އުޅެމުން ދިޔައިރު، އަޅުގަނޑުމެންގެ އުމުރުން ހަ އަހަރުގެ، ހަތް އަހަރުގެ، އަށް އަހަރުގެ ކަންތައްތަކުގެ ހަނދާންތައް މިއަދުވެސް އެބަހުރި. ކާކުތޯ އަޅުގަނޑުމެންނާ ދޭތެރޭގައި އެންމެ ރަނގަޅަށް ކަންތައްތައް ކުރީ. މުޖުތަމަޢުގެ ތެރޭގައި، އެދުވަހު ކިހިނެއްތޯ ކަންތައްތައް ވެގެންދިޔައީ. އެއީ، މިއަދު އަޅުގަނޑުމެންގެ ހަނދާނުގައި، އަދި ތިޔަ ހުރިހާ ބޭފުޅުންގެ ހަނދާނުގައި ހުންނާނެ ކަންތައްތައް.

އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މުޅި މުޖުތަމަޢުން، މަގުމަތިން، އެހެން ތަންތަނުންވެސް ކުދިންނަށް އެ އިޙްތިރާމާއި، އެ ލޯތްބާއި އަޅައިލުމާއި، އެ ސަމާލުކަން ދޭން އެބަޖެހެއޭ. އެއްކަމަކަށް އަޅުގަނޑުމެންގެ ބަސްމޮށުންތެރިކަމާއި ބަހުރުވައިގެ ތެރެއިން ކުދިންނަށް ގެއްލުންވާނޭފަދަ އެއްވެސް ކަމެއް އަޅުގަނޑުމެން ބޮޑެތި މީހުންގެ ކިބައިން ފެނިގެންނުވާނެ. އެއްފަރާތުން ޤައުމީ ތަރައްޤީގެ ވާހަކަ، ހެޔޮލަފާ ޖީލެއްގެ ވާހަކަ މި ދައްކަނީ. އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ ދަރިޔަކީވެސް ރަނގަޅު ކުއްޖެއްގެ ގޮތުގައި ބޮޑުކުރާ ވާހަކަ ދައްކައިފައި، އޭގެ ފަހަތުން ނުބައި ނަމޫނާތަކެއް ނުވަތަ އެ ކުދިންނަށް ފެންނަން ނުވާ، ނުވަތަ އަޑުއިވެން ނުވާ ކަހަލަ ކަންތައްތައް އަޑުއިވި، ފެނި، އެގޮތަށް ކަންތައްތައް ވެއްޖެކަމަށްވަންޏާ، އަޅުގަނޑުމެން ދައްކާ ވާހަކައިގެ މާބޮޑު ބޭނުމެއް ނުހިފޭނެ. އެހެންވީމާ، ދުނިޔޭގެ މަސްރަޙާއި އަޅުގަނޑުމެންނަށް ނޫސްތަކުން ފެންނަ މަންޒަރުތަކާއި، ޓީ.ވީ. މަންޒަރުތަކާއި، އެނޫން ގޮތްގޮތަށްވެސް މި ފެންނަ މަންޒަރުތަކުން، ޚާއްޞަކޮށް، އަޅުގަނޑުމެންގެ ކުޑަކުދިން ރައްކާތެރިކޮށް، ހިމާޔަތްކޮށް، ކުދިންނަށް ހުރިހާ ގޮތަކުންވެސް ބޭނުންވާ އަޅައިލުން ހޯދައިދިނުމަކީ މުޅި މުޖުތަމަޢުގެ، މުޅި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންގެ ޒިންމާއެއް ކަމުގައި ދަންނަވަން. އަދި އަޅުގަނޑުވެސް އެގޮތަށް ހަމަ އެދޭ ވާހަކަ ދަންނަވާލަން.

އާދެ، އަޅުގަނޑު ޚާއްޞަ ޝުކުރެއްވެސް ދަންނަވާލަންޖެހޭ. ޚާއްޞަކޮށް އައިލެންޑަރސް އެޑިޔުކޭޝަން ގްރޫޕަށް. ކެންގަރޫ ކިޑްސް ޕްރީސްކޫލް ފެށިގެންދިޔައިރު، އެންމެ ފުރަތަމަ އަހަރުވެސް އަޅުގަނޑުގެ ކުއްޖެއް ޕްރީސްކޫލްގައި ހުރި. ދެން ކަންދިމާކުރި ގޮތުން، އަޅުގަނޑަށް އެނގޭ، މުދައްރިސުންނަށް އެހާ ފަސޭހަގޮތަކަށް ނޫން ދިޔައީ. އަޅުގަނޑުގެ ދަރިފުޅަކީ، ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖެއް. އެދުވަސް އަޅުގަނޑަށް ފެނިގެންދިޔަ. އެ އަޅައިލުންދީ، ވަރަށް ބުރަކޮށް ޓީޗަރުން، މުދައްރިސުން ކަންތައްތައް ކުރަންޖެހުނުކަން. އެހެންވީމާ، އެ ދުވަހު އެކުލާހުގައި މަސައްކަތް ކުރެއްވި ފަރާތްތަކުން ކުރެއްވި މަސައްކަތްތައް ފާހަގަކޮށް، އެފަރާތްތަކަށާއި މުޅި ސްކޫލަށް އަޅުގަނޑު ޚާއްޞަ ޝުކުރެއް އަދާކުރަން.

އާދެ، އަޅުގަނޑުމެންގެ ކުރިއެރުމުގައި ވަރަށް މުހިންމު ރޯލެއް އަދާކުރާ ބައެއް ޕްރައިވެޓް ސްކޫލްތަކަކީ. ޕްރީސްކޫލްތަކާއި ޕްރައިވެޓް ސްކޫލްތަކާއި އަދި އެހެނިހެން ސްކޫލްތަކުން މުޖުތަމަޢުގެ ކުރިއެރުމަށް އެކުރާ މަސައްކަތްތައް ވަރަށް މުހިންމު. އަޅުގަނޑު ހަމަ ފާހަގަކުރަން، އައިލެންޑަރސް އެޑިޔުކޭޝަންގެ ފަރާތުން ރާއްޖޭގެ ތަޢުލީމީ ދަރިންތަކެއް އުފެއްދުމަށްޓަކައި ވަރަށްބޮޑު ސަމާލުކަމެއް ދެއްވައިގެން މަސައްކަތްތައް އެބަ ކުރައްވާ. އަޅުގަނޑަށް ފާހަގަކުރެވޭ، ވަރަށް ރަނގަޅު ސްޓޭންޑެޑެއް ހިފަހައްޓަވައިގެން މަސައްކަތްތައް ކުރައްވާކަން.

އާދެ، ހަމައެކަނި ސަރުކާރުން ކުރާ މަސައްކަތްތަކަކުން ޤައުމު ކުރިއެއްނޭރުވޭނެ. ތަޢުލީމީ ގޮތުންވިޔަސް، އިޤްތިޞާދީ ގޮތުންވިޔަސް، އަދި އިޖުތިމާޢީ ގޮތުންވިޔަސް، އަޅުގަނޑުމެންނަށް މިކަން ކުރެވޭނީ، އަޅުގަނޑުމެންގެ ހުރިހާ އެންމެން ކުރާ މަސައްކަތުން. ޚާއްޞަކޮށް ރާއްޖޭގެ ޕްރައިވެޓް ސްކޫލްތަކުން ކުރާ މަސައްކަތް ފާހަގަކޮށް، ވަކިން ޚާއްޞަކޮށް، އައިލެންޑަރސް އެޑިޔުކޭޝަނަށާއި، އަދި ކެންގަރޫ ކިޑްސް ޕްރީސްކޫލްގެ މަސައްކަތްތައް ފާހަގަކޮށް، ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑު ހަމަ ނިންމާލަމުންވެސް ދަންނަވާލަން އޮތީ، ޕޭރެންޓުން، އާދެ، ތިޔަބޭފުޅުންނަކީ ތަޢުލީމީ ބޭފުޅުން. އަޅުގަނޑު ކަހަލަ މީހަކު ކޮންމެހެން ދަންނަވާނެ މާގިނަ ވާހަކަތަކެއް ނުހުންނާނެ. އެހެންނަމަވެސް، މިއަދު އަޅުގަނޑުމެން ކުރާ މަސައްކަތުގެ ގޮތުންވެސް، ކޮންމެ ފަހަރަކު މިކަހަލަ ސްޓޭޖަކަށް އަރައިފި ކަމަށްވަންޏާ، ކޮންމެވެސް އެއްޗެއް ބުނެލަން އެބަޖެހޭ. ޙަޤީޤަތަކީ މައްސަލަތައް އެބަހުރިކަން. ކުރީގައިވެސް އަޅުގަނޑު ފާހަގަކުރިން، އަޅުގަނޑުމެންގެ ތެރޭގައި އެކްސިޑެންޓެއް ނުހިނގާ ދުވަހެއް ނުދޭ. އަޅުގަނޑުމެންގެ ތެރޭގައި ކޮންމެވެސް ކަހަލަ ހަމަނުޖެހުމެއް ނުހިނގާ ދުވަހެއް ނުދޭ. މިއީ، ހުރިހާ މުޖުތަމަޢުތަކެއްގައިވެސް ހިނގާ ކަންތައްތައް. އެހެންނަމަވެސް، ސައްތައިންސައްތަ މުސްލިމް ޤައުމެއް، ކުޑަކުޑަ ކޮމިއުނިޓީއެއް، ވަރަށް އެކުވެރި ބަޔަކު އުޅޭ ތަނެއްގައި، އަޅުގަނޑުމެން ރަނގަޅަށް މަސައްކަތްކޮށްފި ކަމަށްވަންޏާ، އަޅުގަނޑު ގަބޫލުކުރަނީ، މިކަހަލަ ކަންތައްތަކުން އަޅުގަނޑުމެންނަށް އަރައިގަނެވިދާނެ ކަމަށް. އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު އެދެން، މަގުމަތީގައި ދުއްވާއިރާއި، އަދި އުޅޭއިރު، އެ ދޭންޖެހޭ ސަމާލުކަން ދެއްވުމަށާއި، އަޅުގަނޑުމެން ތުއްތުކުދިންނަށް މަގުމަތިންވެސް ރީތި ނަމޫނާ ދެއްކެވުމަށް. އެއީ، އަޅުގަނޑުމެން ކޮންމެހެންވެސް ސަމާލުކަން ދޭންޖެހޭނެ ކަމެއް.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، ކެންގަރޫ ކިޑްސް ޕްރީސްކޫލުން ކުރާ މަސައްކަތްތަކަށް އަޅުގަނޑު ކާމިޔާބީއަށް އެދެން. އަދި ވަކިން ޚާއްޞަކޮށް، މިއަދުގެ ތުއްތު ކުދިން، މިއަދު ގްރެޖުއޭޓްވެގެން، އަންނަ އަހަރު އެކުދިން ގްރޭޑަށް ބަދަލުވެ ކިޔަވަން ފަށާއިރު، އަޅުގަނޑު އެދެނީ ވަރަށް އުޖާލާ، ތަޢުލީމީ ޙަޔާތެއް އެކުދިންނަށް ލިބިގެންދިޔުމަށް. ﷲ އިރާދަކުރެއްވިއްޔާ ތިޔަ ބެލެނިވެރިން، ތިޔަ ބޭފުޅުން ކުރައްވާ މަސައްކަތް ކާމިޔާބުވެގެންދާނެ.

އަޅުގަނޑުގެ ދުޢާއަކީ للهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން އެންމެ ލޯބިވާ، ތުއްތު ކުދިންނަށް ތަޢުލީމީ ރަނގަޅު ޙަޔާތެއް ދެއްވައި، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، އަޅުގަނޑުމެން އެންމެންނަށް ކާމިޔާބު މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.