بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم ގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލްމަންނާން ޔޫސުފް، ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީ، ސްޓޭޓް މިނިސްޓަރ ފޮރ އެޑިޔުކޭޝަން ޑޮކްޓަރ ޢަބްދު ރަޝީދު، ސްކޫލްތަކުގެ ޕްރިންސިޕަލުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެގްޒެކެޓިވް އޮފިސަރުން، އެޑިޔުކޭޝަން މިނިސްޓްރީގެ އިސްވެރިން، އަދި މި ޕްރޮގްރާމުގެ ޕާޓްނަރުން، ސްކޫލްތަކުގެ އެންމެހައި މުދައްރިސުން، މި ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުންގެ ބެލެނިވެރިން، އަދި ވަކިން ޚާއްޞަކޮށް، އަޅުގަނޑުމެންގެ ލޮބުވެތި ދަރިވަރުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑު އެންމެ ފުރަތަމަވެސް ޚާއްޞަކޮށް، މިރޭ މި ޕްރޮގްރާމުގައި މި ބައިވެރިވި ތިން ސްކޫލްގެ ދަރިވަރުންނަށް، މަރުޙަބާ ދަންނަވައި ތަހުނިޔާ ކިޔަން. ހަމަ އެއާއެކު އެކުދިންގެ ބެލެނިވެރިން، މިކަމުގައި ސްކޫލަށާއި، އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އިތުބާރުކުރައްވައި، މި ޕްރޮގްރާމުގައި ކުދިން ބައިވެރި ކުރެއްވީތީވެ، އެންމެހައި ބެލެނިވެރިންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، މިއީ ވަރަށް ބޮޑު އިސް ނެގުމެއް. މިފަދަ ކަމެއްގައި ދަރިވަރުން ބައިވެރިކުރުވުމަކީ އެއީ، އަޅުގަނޑު ދަންނަވާނީ ވަރަށް މުހިންމު، އަދި އެކަމެއް ވަރަށް ބޮޑަށް ފާހަގަކުރަންޖެހޭ ކަމެކޭ. އެނގިވަޑައިގަންނަވާނެ، މިއަދާ ހަމަޔަށް އައިއިރު ގާތްގަނޑަކަށް ފަނަރަސަތޭކައަށްވުރެ ގިނަ ދަރިވަރުން މިވަނީ ޓްރެފިކް މޮނިޓަރސް ޕްރޮގްރާމުގައި ބައިވެރިވެފައި. އަދި ގާތްގަނޑަކަށް، ފަންސާހަށްވުރެ ގިނަ ސްކޫލްތަކުގައި މި ޕްރޮގްރާމް މިވަނީ ހިންގިފައި.

މުޅި ދިވެހިރާއްޖޭގެ ހުރިހާ ރަށްތަކަށާއި އަދި ވަކިން ޚާއްޞަކޮށް، މާލޭ އޭރިއާއަށް، މާލެއާއި ހުޅުމާލެއަށް ބަލައިފިކަމަށްވަންޏާ، އެންމެ ކަންބޮޑުވާ ކަމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މި ފެންނަނީ މަގުމަތީގައި ހިނގާ އެކްސިޑެންޓްތަކާއި ދިމާވާ ކަންތައްތައް. މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތަކީ އެއީ، އަޅުގަނޑު ދަންނަވާނީ، އެއްވެސް މީހަކު އިސްތިސްނާ ނުވާގޮތަށް، ކޮންމެ މީހެއްގެވެސް ޒިންމާއެއްކަމަށް ދެކިގެން އަޅުގަނޑުމެން ކުރަންޖެހޭ ކަމެކޭ. އާދެ، ޚާއްޞަކޮށް، ސްކޫލްތެރޭގައި، ސްކޫލް ދަރިވަރުންނަށް މިފަދަ މުހިންމު ޕްރޮގްރާމެއް ފަށްޓަވައި އަދި އެކަން ކުރިޔަށް ގެންދަވާތީ އެކަން ފާހަގަކޮށް، މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ދަރިވަރުން ހުރިހާ ކަމެއް ދަސްކުރަން އެބަޖެހޭ. މިއަދު އަޅުގަނޑުމެންގެ ޤައުމީ މަންހަޖަކީ އެއީ. ހަމައެކަނި ސްކޫލް ތެރެއިން، ހަމައެކަނި ކްލާސްރޫމް ތެރެއިން ފިލާވަޅުތައް ދަސްކޮށްގެން، މިހާރު މި ދުނިޔޭގައި ކުރިއަރަމުންދާ މިންވަރަށް ފައިތިލަ ހަމަކޮށް، އަޅުގަނޑުމެންނަށް ހިފަހައްޓައިލެވޭކަށްނެތް. މަދަރުސާގެ ތެރެއިން، ސްކޫލް ތެރެއިން އެ ކުއްޖާ މުޖުތަމަޢަށް ނުކުންނައިރު ތަފާތު އެކި ކަންތައްތައް ދަސްކުރަން އެބަޖެހޭ.

އެނގިވަޑައިގަންނަވާނެ، މި އުމުރުގައި ދަރިވަރުންނަށް ދަސްވާ މި ބާވަތުގެ ކަންތައްތަކަކީ، އޭގެ ނަތީޖާ އަދި މާ ރަނގަޅުވާނެ ކަންތައްތައް. ގިނަ ދުވަސްތަކެއް ވަންދެން އެކަމުގެ ހަނދާންތައް ހުރެ، އަދި ސްކޫލްގައި އެކުދިންގެ ރަށްޓެހިންނަށާއި، ރަޙްމަތްތެރިންނާއި އަދި އެހެނިހެން ފަރާތްތަކަށްވެސް އޭގެ ހެޔޮ އަސަރު، ރަނގަޅު މެސެޖު، އެކުދިންގެ ފަރާތުން ލިބިގެންދާނެ ކަމެއް.

މިއަދު އަޅުގަނޑު ހަމަ ހުރިހާ ދަރިވަރުން ކައިރީގައި ބުނެލަން އޮތީ، ދެންމެ ޕްރިންސިޕަލް އެ ވިދާޅުވިފަދައިން، ހުރިހާ ދަރިވަރުންނަކަށް މި ފުރުޞަތެއް ނުލިބެއޭ. އެހެންކަމާއެކު، ތިޔަކުދިންގެ އިތުރު ޒިންމާއެއްގެ ގޮތުގައި ތިޔަކުދިންނަށް ދަސްވި އެއްޗެއް އެހެން ކުދިންނަށް ޕާސްކުރުމާއި، އެ މެސެޖް ރައްދުކޮށްދިނުމަކީ، އެއީ އަޅުގަނޑު މިއަދު ހުރިހާ ދަރިވަރުންގެ ކިބައިން ވަރަށް ބޮޑަށް އެދޭ ކަމެއް.

އާދެ، އަޅުގަނޑު ކުރީގައިވެސް މި ދެންނެވީ ރާއްޖޭގައި އަޅުގަނޑުމެން އެންމެ ކަންބޮޑުވާ ކަމެއްގެ ގޮތުގައި މި ހިނގާ މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓްތަކުގެ ވާހަކަ. އަޅުގަނޑު ދަންނަވާނީ މިއީ، އަޅުގަނޑުމެން ސީރިއަސްކޮށް ނަގަންޖެހޭ މައްސަލައެކޭ. ވޭތުވެދިޔަ އަހަރުތަކުގައި ތަފާތު އެކި މަސައްކަތްތައް، ވަރަށް ގިނަ ކަންތައްތައް ސަރުކާރުގެ އެކި ފަރާތްތަކުން، އެކިއެކި މުއައްސަސާތަކާ ގުޅިގެން ކުރެވިފައި އެބަހުރި.

އެނގިވަޑައިގަންނަވާނެ، 2019ވަނަ އަހަރު މުޅި ރާއްޖޭގައި އަޅުގަނޑުމެން ފެށިން ރޯޑް ސޭފްޓީ އެވެއަރނަސް ޕްރޮގްރާމެއް. ވަކިން ޚާއްޞަކޮށް، މާލެއާއި އަދި ރާއްޖޭގެ ބިން ބޮޑެތި މަގުތައް ހުންނަ ރަށްރަށަށް ބޮޑަށް އަމާޒުކޮށްގެން އަޅުގަނޑުމެން މަސައްކަތްތަކެއް ކުރިން. އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ، އެ ޕްރޮގްރާމް ހުއްޓުމެއްނެތި ކުރިޔަށް ގެންދިޔުމުގެ ސަބަބުން، ރަނގަޅު ނަތީޖާތަކެއް ފެނިގެން ދިޔަތަން. އެހެންނަމަވެސް، އަޅުގަނޑު ދަންނަވަން އޮތީ، ހޭލުންތެރި ކުރުވުމުގެ މިފަދަ ޕްރޮގްރާމްތަކަކީ، ކިތަންމެ ވަރަކަށް ހިންގި ނަމަވެސް، އެކަށީގެންވާ ސަމާލުކަމެއް ނުދެވޭ ކަމަށްވާނަމަ، އަދި އަޅުގަނޑުމެންނަށް ފަރުވާތެރިކަން ބަހައްޓަންޖެހޭ މިންވަރަށް ފަރުވާތެރިކަން ނުބެހެއްޓޭ ކަމަށްވަންޏާ، އޭގެ މާ ބޮޑު ފައިދާތަކެއް ނުކުރާނެ ޕްރޮގްރާމުތަކެކޭ.

އާދެ، އަޅުގަނޑު ކުރީގައިވެސް މި ދެންނެވީ ގިނަ ޕްރޮގްރާމުތަކެއް ހިންގޭ ވާހަކަ. މީގެ ދެ ހަފްތާ ކުރިންވެސް ރޯޑް ސޭފްޓީ ހަފްތާއެއްގެ ގޮތުގައި، އަޅުގަނޑުމެންނަށް ޕްރޮގްރާމެއް ކުރިޔަށް ގެންދެވުނު. އެ ދެމެދުގައިވެސް އެކިއެކި ތަންތަނުގައި، އެކިއެކި ސްޓޭޖްތަކުގައި، އެކިއެކި ބޭފުޅުން ހަމަ މިކަމާ ގުޅޭގޮތުން ވަރަށް ގިނަ ވާހަކަތަކެއް ދައްކަވައިފި. އެހެންވެ، އަޅުގަނޑު ގަބޫލުކުރަނީ، މި މައްސަލައަކީ މިހާރު އެ މައްސަލައެއްގެ މައްޗަށް އެންމެ ގިނަ ބޭފުޅުންނަށް އެންމެ ގިނައިން ވާހަކަ ދެއްކެވޭ މައްސަލައޭ. އެހެންވީމާ، އެއާއެކުވެސް އަޅުގަނޑު ހަމަ ތަކުރާރުކޮށްވެސް ހަމަ ހުރިހާ ބޭފުޅުންގެ އަރިހުން އެދެން، ސީރިއަސްކޮށް މި މައްސަލަ ނަންގަވަން.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ މި ރަށްތަކަށް، މާލެއަށް ބަލައިފިކަމަށްވަންޏާ، ކިހާ ބޮޑުމިނެއްކަން. ދެން މިހާރު ތަންކޮޅެއް ދުރަށް ދާން އެބަޖެހޭ. އެއީ، ބުރިޖް ހުރަސްކޮށް ހުޅުމާލެއަށް އެބަ ދާންޖެހޭ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ވަރަށް ގިނައިން އެބަ ފެނޭ، ވަރަށް ބާރު ސްޕީޑުގައި ވަރަށް ނުރައްކާތެރިކޮށް ދުއްވާ މަންޒަރުތައް. މި ކަންތައްތައް ދެންމެ، ޑެޕިޔުޓީ ކޮމިޝަނަރ ވިދާޅުވިގޮތަށް، ކަންކަން ތަންފީޒު ކުރުމަށްޓަކައި ބާރުގެ ބޭނުން ނޫނީ އިޚްތިޔާރުގެ ބޭނުން ކުރުމަށްވުރެ، ރަނގަޅީ އަޅުގަނޑުމެން ކަހަލަ މުޖުތަމަޢެއްގައި، ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ޢަމަލުކުރުމޭ. ސަލާމަތާއި ރައްކާތެރިކަން އެއީ ވަކި ޤާނޫނަކުން، ވަކި ގަވާއިދުތަކަކުން ކޮންޓްރޯލް ކުރުމަށްވުރެ ބޮޑަށް އަޅުގަނޑުމެން އަމިއްލައަށް ވިސްނައިގެން ކުރަންޖެހޭނެ ކަމެއް.

އަޅުގަނޑު ވަރަށް ބޮޑަށް ނަސޭހަތްތެރިވަން، ދިވެހި ހުރިހާ ޒުވާނުންނަށް ޚާއްޞަކޮށް، އެއްޗެތި ދުއްވުމުގައި ވީހާވެސް ބަލައިގެން ދުއްވުމަށް. އާދެ، ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، އަޅުގަނޑު މި ވާހަކަ ނުދެންނެވިޔަސް އެނގިވަޑައިގަންނަވާނެ، މަގު ހުރަސް ކުރުމުގައިވެސް އަޅުގަނޑުމެންނަށް އެކިކަހަލަ މަންޒަރު ހަމަ ފެނޭ. ބައެއްފަހަރު ހަމަ ދެރަވާ މަންޒަރުތައްވެސް ފެނޭ. އުމުރުން ދުވަސްވީ އަންހެނެއް ނުވަތަ މާބަނޑު އަންހެނަކު ކާރަކަށް އަރަން އުޅޭ ވަގުތުވެސް ބައެއްފަހަރު ހަމަ ފުރުޞަތު ނުދެވި އަޅުގަނޑުމެންނަށް ފެނިގެންދޭ ބަރުގޮނު އަޅާ، ނުވަތަ ލަސްވެގެން އުޅޭ މަންޒަރު. އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން ކަހަލަ މުޖުތަމަޢަކުން މި ކަންތައްތައް ރަނގަޅުވާން ޖެހޭނެހެން. އާދެ، މިއީ ކޮންމެ ދުވަހަކު ފެންނަ ކަމަކަށް ވާތީވެ، އަޅުގަނޑު ހަމަ ތަކުރާރުކޮށް މިވާހަކަ ދަންނަވާލީ.

އާދެ، އަޅުގަނޑުވެސް ފާހަގަކޮށްލަން، ވަރަށް ބުރަކޮށް ސްކޫލްގެ މުދައްރިސުން، އަދި ސްކޫލްގެ ޕްރިންސިޕަލުން މަސައްކަތް ކުރައްވަމުން ގެންދެވި ދުވަސްވަރެއްގައި މިފަދަ ޕްރޮގްރާމެއް ބޭއްވިގެން މިދަނީ. ސްކޫލްތެރޭގައި ޚާއްޞަކޮށް، ޓީޗަރުން ކުރައްވާ މަސައްކަތްތައް، ޕްރިންސިޕަލުން ކުރައްވާ މަސައްކަތްތައް ހެޔޮލަފާ ޖީލެއް ބިނާކުރުމަށްޓަކައި، އެކުރައްވާ މަސައްކަތް ފާހަގަކޮށް، އެކަމަށްޓަކައި ދިވެހިރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ހުރިހާ ހިންގުންތެރިންނަށާއި އަދި ހުރިހާ މުދައްރިސުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް ފެނިގެންދިޔަ ދެ އަހަރަކީ ވަރަށް ދަތި އުނދަގޫ ދެ އަހަރު. އޭގެ ގޮންޖެހުން އެންމެ ބޮޑަށް ކުރިމަތިވީ އަޅުގަނޑުމެންގެ ދަރިވަރުންނަށް، ސްކޫލްތަކަށް. ބެލެނިވެރިން ކުރެއްވި މަސައްކަތްތައް އަޅުގަނޑުމެންނަށް ވަރަށް ގާތުން ފެނިގެންދިޔަ. ދަރިންނަށް ގެއްލިގެންދާ ފިލާވަޅުތައް ހޯދުމަށާއި، ސްކޫލަށް ނުދެވިގެން ގެއްލިގެންދާ ފިލާވަޅުތައް މުދައްރިސުންނާ އެކީގައި މަސައްކަތްކޮށްގެން ހޯދައިދިނުމަށްޓަކައި ރެޔާއި ދުވާލު ބެލެނިވެރިން އެ ކުރެއްވި މަސައްކަތްތައް އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ. އަޅުގަނޑަށް ހީވަނީ މިއީހެން މިކަހަލަ މުޖުތަމަޢެއްގައި ބޭނުންވާ ކަމަކީ. ޚާއްޞަކޮށް، ކޯވިޑް ދުވަސްވަރުގައި ކުދިންނަށް ތަޢުލީމު ހޯދައިދިނުމަށްޓަކައި، ފޯރުކޮށްދިނުމަށްޓަކައި ހުރިހާ ބެލެނިވެރިންނާއި ޓީޗަރުން އެ ކޮށްދެއްވި މަސައްކަތްތައް ފާހަގަކޮށް ވަރަށް އިޚްލާޞްތެރިކަމާއެކު އެބޭފުޅުންނަށް ޝުކުރު ދަންނަވަން.

އާދެ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ރެޔާއި ދުވާލު ކުރައްވާ މަސައްކަތްތައް ވަރަށް ގާތުން އަޅުގަނޑަށް ފެނޭ. ޚާއްޞަކޮށް، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރެވޭ މަސައްކަތްތައް ވަރަށް ގާތުން އަޅުގަނޑަށް ފެނޭ. ވަރަށް ގިނައިން އެ މަސައްކަތްތައް ކުރެވޭ. މި ކަންތައްތައް ރަނގަޅު ކުރުމަށްޓަކައި ވަރަށް ގިނަ ކަންތައްތަކެއް ކުރެވިފައި އެބަހުރި. އެކަމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްވެރިންނަށާއި، އަދި ވަކިން ޚާއްޞަކޮށް، ރޯޑް ޕޮލިސް. ޓްރެފިކް ޕޮލިސްގައި މަސައްކަތް ކުރައްވާ އެންމެހައި ފަރާތްތަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، ބުރަ އުނދަގޫ ދިރާސީ އަހަރެއް މާދަމާ މި ނިމެނީ. މާދަމާ އަކީ މިއީ، އެންމެ ފަހު ދުވަސް. އަޅުގަނޑު ދަރިވަރުންނަށް ބުނެލަން އޮތީ، އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތީ އުޖާލާ ދުވަސްތަކެކޭ. ތިޔަކުދިން މާދަމާ ޗުއްޓީއަށް ދާއިރު ޗުއްޓީގައި އާއިލާއާއެކީ، ރައްޓެހިންނާއެކީ، ރަޙްމަތްތެރިންނާއެކީ ހެޔޮގޮތުގައި ތިޔަކުދިންގެ ވަގުތުތައް ހޭދަކުރާށޭ. ޗުއްޓީގައި ދާއިރުވެސް ކޮންމެ ދުވަހަކީވެސް ރަނގަޅު ކަމެއް ދަސްކުރާ، ރަނގަޅު ކަމެއް ކުރާ، މީހަކާ ދޭތެރޭގައި ރަނގަޅަށް ކަންތައްތައްކުރާ ދުވަހެއްގެ ގޮތުގައި ހަދާށޭ. ޗުއްޓީ ލިބުމަކީ މުޅިން ސްކޫލުގެމަތިން، ދަސްކުރި ފިލާވަޅުތަކުގެމަތިން، ދަސްވެފައި ހުރި ރަނގަޅު ކަންތައްތަކުގެ މަތިން، އެއްގޮތަކަށްވެސް ހަނދާން ނައްތައިލައިގެން ވާނޭ ކަމެއް ނޫން. ކުޅިވަރާއި އުފަލުގައި އަދި އާއިލާއާއެކީ އެހެނިހެން ކަންކަމުގައި ތިޔަކުދިން ވަގުތު ހޭދަކުރާ އިރުގައިވެސް، މިދެންނެވި ގޮތަށް ރަނގަޅު ކަންތައްތައް ކުރުމުގެ ވިސްނުން އަބަދުވެސް ގެނެސް އެކަކުއަނެކަކަށް، އެއްކުއްޖަކު އަނެއް ކުއްޖަކަށް އެހީތެރިވެ، އަޅައިލައި، ކިޔައިދީ، ނޭނގޭ ކަންތައްތައް ދަސްކޮށްދިނުމަކީ، އަސްލު ދަރިވަރުންގެ ގައިގައި ހުންނަން ޖެހޭނެ ސިފައަކީ.

އަޅުގަނޑުގެ އުންމީދަކީ، ކުރިޔަށް އޮތް ޗުއްޓީ ދުވަސްތަކަކީވެސް ތިޔަކުދިންނަށް ވަރަށް އުފާވެރި، ވަރަށް ބާއްޖަވެރި ދުވަސްތަކަކަށް ވެގެން ދިޔުން. އަދި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިމަތިލާ އާ ދިރާސީ އަހަރަކީ، މިކަހަލަ ގޮންޖެހުންތައް ނެތި އަޅުގަނޑުމެންނަށް މާ ކާމިޔާބު، ދިރާސީ އަހަރެއްގެ ގޮތުގައި ވެގެންދިޔުން.

اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން އެންމެން ކުރާ މަސައްކަތުގައި ބަރަކާތް ލައްވައި، ޚާއްޞަކޮށް، އަމާން މުޖުތަމަޢެއް، އަމާން މަގުތައް ޤާއިމުކުރުމަށްޓަކައި، ކަށަވަރު ކުރުމަށްޓަކައި އަޅުގަނޑުމެން ދިވެހި އެންމެހައި ރައްޔިތުން ކުރާ މަސައްކަތުގައި ބަރަކާތް ލައްވައި، އެކަމުގެ ހެޔޮ ތައުފީޤު، އަޅުގަނޑުމެން އެންމެންނަށް މިންވަރު ކުރައްވާށި. އާމީން.
 

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.