بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ އާއި، އެ ކަމަނާގެ ފިރިކަލުން، ދައުލަތުގެ ވަޒީރުން، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، ޖެނެރަލް އޮފިސަރުން، އެހެނިހެން ރޭންކުތަކުގެ އޮފިސަރުންނާއި، ސީނިއަރ އެންލިސްޓެޑް އޮފިސަރުން، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެންމެހައި ސިފައިން، އަދި ހާޒިރުވެވަޑައިގެން ތިއްބެވި ޢިއްޒަތްތެރިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ 130 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި، ހުރިހާ ރޭންކުތަކުގެ ސިފައިންނަށާއި، ސިފައިންގެ ޢާއިލާތަކަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަން. އަދި މީގެ ކުރިން ޢަސްކަރިއްޔާގައި ޚިދުމަތް ކުރައްވައި ރިޓަޔަރ ކުރައްވާފައިވާ ހުރިހާ ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަންކޮށް، އެ ހުރިހާ ބޭފުޅުންނަށްވެސް، ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

އާދެ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ އައްޑަނައަކީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ހިތްވަރުގަދަ ސިފައިން. ދިވެހިންގެ ލޭގައި ހިނގާ މިނިވަންކަމުގެ ވިންދަކީ، ދިވެހި ސިފައިންގެ ސަފުތަކުގެ ބަދަހިކަން. ދިވެހި ޤައުމިއްޔަތުގެ ދިރުމަކީ، ޤައުމަށްޓަކައި ޤުރުބާންވާން ތިޔަ ހިތްވަރުގަދަ ފަހުލަވާނުންގެ ހިތްތަކުގައި ސާބިތުކޮށްފައިވާ ދެގޮތެއްނުވާ ވަރުގަދަ ޢަޒުމް.

ހިންދު ކަނޑުގެ ތެރެއިން މަހަލްދީބުގެ ތާރީޚު ލިޔަން ފެށީއްސުރެ މިއަދާ ހަމައަށްވެސް، ދިވެހިންގެ ކުރިމަތީގައި އެންމެ އަގުބޮޑު އެއްޗަކީ މި ރާއްޖޭގެ މިނިވަންކަން. އެ މިނިވަންކަން ދިފާޢުކޮށްދެނީ އެއިރަކު މި ރާއްޖޭގައި ތިބޭ ޢަސްކަރީންގެ ޤައުމީ ޖިހާދު. ޢަލީ ރަސްގެފާނުގެ ޒިކުރާ އަޅުގަނޑުމެން މިހާރުވެސް އާކުރަމުން މި އަންނަނީ، މި ދެންނެވި ޤައުމީ ޖިހާދުގެ ސަބަބުން.

އުތީމު މަހާރަދުންނަށް ޝުކުރުގެ ޖިޒީތައް މިއަދުވެސް އަޅުގަނޑުމެން ބަރުތީލަކުރަނީ، ހަމަ ދިވެހި ޢަސްކަރިއްޔާގެ ޤައުމީ ޖިހާދުން ލިބިދޭ މަދަދުން. ދޮންބަންޑާރައިންގެ ޤައުމީ ޖިހާދުވެސް އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވަނީ، އެއިރުގެ ދިވެހި ސިފައިންގައި ހުރި ފަންވަރާއި ހިތްވަރުގެ ސަބަބުން.

ކުޅުދުއްފުށީ ޝަހީދު ޙުސައިން އާދަމާއި، ތިނެއް ނޮވެންބަރުގެ ޢުދުވާނީ ޙަމަލާގައި، ނަން ފެވިގެންދިޔަ ދިވެހި ސިފައިންނަކީ، މި ދެންނެވި ޤައުމީ ބަޠަލުންނާއި ހިތްވަރުގަދަ ދިވެހި ފަހުލަވާނުންގެ ވިންދާއި ދިރުން، އަޅުގަނޑުމެންގެ މި ޖީލަށްވެސް ވާރުތަވެފައިވާ ކަމުގެ އަލިގަދަ ހެއްކެއް.

އާދެ، މިއަދު އެ މަތިވެރި ޤައުމީ ވާޖިބާ ޙަވާލުވެ ތިބީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ސިފައިން. ބަވަނަވަމުން މިދާ ދުނިޔޭގައި، ނިރުބަވެރި އުދަބާނިތައް ދަނީ މުޅި ދުނިޔެއަށް ފެތުރެމުން. އަޅުގަނޑުމެންގެ މި ރާއްޖެއަށްވެސް އެ ނުރައްކާ އެބައޮތް. އެފަދަ ކަންކަމަށް އަޅުގަނޑުމެން ސަމާލުވާންޖެހޭ މިންވަރުވެސް، މިއަދު ވަނީ ކުރިއަށްވުރެ މާ ބޮޑުވެފައި.

ޒަމާނީ ޓެކްނޮލޮޖީ އާއި މުވާޞަލާތީ ލުއިފަސޭހަތަކާއެކު، ޓެރަރިޒަމްގެ ނުރައްކާތައް ދަނީ ދުވަހުން ދުވަހަށް ފުޅާވެ އިތުރުވަމުން. ޓެރަރިޒަމްގެ އުކުޅުތައްވެސް ދަނީ ބަދަލުވަމުން، ނުރައްކާތެރިކަން އިތުރުވަމުން. އެތެރެއާއި ބޭރުންވެސް އެ ނުރައްކާތައް އަންނަނީ އަޅުގަނޑުމެންނާ ކުރިމަތިވަމުން.

އެފަދަ ކޮންމެ ނުރައްކަލަކުން ދިވެހިންނާއި ދިވެހިރާއްޖެ ސަލާމަތްކޮށްދިނުމަށް ތައްޔާރުވެ ތިބެނީ، ތިޔަ ހިތްވަރުގަދަ ސިފައިން. އެކަމަށްޓަކައި، ދިވެހި ޢަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށް އަޅުގަނޑުމެން އަބަދުވެސް ޚާއްޞަ ސަމާލުކަމެއް ދެން.

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަކީ ޢަސްކަރީ ވާޖިބުތަކުގެ އިތުރުން، މަދަނީ އެތައް ޚިދުމަތްތަކެއްވެސް ޢާންމު ރައްޔިތުންނަށް ފޯރުކޮށްދޭ، ވަރަށް ވަރުގަދަ ޤައުމީ މުއައްސަސާއެއް. ދިވެހި މަސްކަނޑުތައް ޙިމާޔަތްކުރުމާއި، މަސްވެރިން ޙާލުގައި ޖެހުމުން އެހީތެރިކަން ފޯރުކޮށްދިނުމުގައި، ކޯސްޓްގާޑުން އަދާކުރަމުން އަންނަނީ ޝުކުރާއި ތަޢުރީފު ޙައްޤު މަސައްކަތެއް. ކަނޑުމަތީގެ ހާދިސާތަކުގައި މީހުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމުގައިވެސް ދިވެހި ސިފައިން ދެމުން އަންނަނީ ވަރަށް އަގުހުރި ޚިދުމަތެއް.

ވައިގެ މަގުންނާއި ކަނޑުމަގުން، އެކި ތަންތަނަށް ބަލިމީހުން އުފުލައިދިނުމުގައިވެސް ދިވެހި ސިފައިން ކުރަމުން އަންނަނީ އަގުނުކުރެވޭހާ ބުރަ މަސައްކަތްތަކެއް. މިދިޔަ އަހަރު އެކަނިވެސް، މެޑިކަލް އިވެކުއޭޝަންގެ 16921 އޮޕަރޭޝަން، ދިވެހި ސިފައިން ވަނީ ކާމިޔާބުކަމާއެކު ހިންގާފައި. އަލިފާނުގެ ހާދިސާތަކުން މީހުންގެ ފުރާނައާއި މުދަލާއި ގެދޮރު ސަލާމަތްކުރުމުގައިވެސް، އެންމެ މުހިންމު މަސައްކަތެއް ކުރަމުން އަންނަނީ ދިވެހި ސިފައިން.

އެނގިވަޑައިގަންނަވާނެ، ދުނިޔެ ހޫނުވުމުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން، ރާއްޖޭގެ ރަށްރަށަށް އުދައަރާ މިންވަރު ވަރަށްބޮޑުތަން އިތުރުވެއްޖެ. އުދައަރައިގެންނާއި ވާރޭވެހިގެން ކުރިމަތިވާ ފެންބޮޑުވުމުގެ ހާދިސާތައްވެސް އިތުރުވެއްޖެ. އެފަދަ ޤުދުރަތީ ހާދިސާތަކުގައިވެސް، މީހުންގެ ފުރާނައާއި މުދަލާއި ގެދޮރު ސަލާމަތްކުރުމުގައި އެންމެ ކުރީ ސަފުގައި ޙަރަކާތްތެރިވަމުން އަންނަނީ ދިވެހި ސިފައިން.

ކޯވިޑް-19ގެ ބަލިމަޑުކަމުން ސަލާމަތްވުމަށް މިދިޔަ ދެ އަހަރެއްހާ ދުވަހު ކުރި ބުރަ މަސައްކަތްތަކުގައި، ރެޔާއި ދުވާލު ވަރުބަލިކަމެއްނެތި ދިވެހި ސިފައިން ވަނީ ވަރަށް ފުރިހަމަ ދައުރެއް އަދާކޮށްފައި. އެ ޙަރަކާތްތަކުގެ ލޮޖިސްޓިކް ގިނަ މަސައްކަތް ކޮށްދިނީ ސިފައިން. ބަލިމީހުން އެކަހެރިކޮށްގެން ބަލަހައްޓާނެ ފެސިލިޓީތައް ބިނާކޮށްދިނުމާއި، ކަރަންޓީނު ކުރަންޖެހޭ މީހުންނާއި، އެކަހެރިކުރަންޖެހޭ މީހުން ބައިތިއްބާ ފެސިލިޓީތައް ހިންގުމުގައިވެސް ސިފައިން އަދާކުރެއްވި ދައުރު، ދިވެހި ރައްޔިތުން ޝުކުރުވެރިކަމާއެކު ބަލައިގަނޭ.

ސިފައިންގެ ސެނެހިޔާ ޢަސްކަރީ ހޮސްޕިޓަލުން ހިންގި ފުލޫ ކްލިނިކަކީ، ރާއްޖޭގައި ކޯވިޑް-19 އާ ގުޅިގެން މެދުނުކެނޑި އެންމެ ގިނަ ދުވަހު ޚިދުމަތްދިން ފުލޫ ކްލިނިކް. ކޯވިޑުން ދިފާޢުވުމަށް ސަރުކާރުން ހިންގި ވެކްސިން ޕްރޮގްރާމްގައިވެސް، ދިވެހި ސިފައިންވަނީ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ދެއްވާފައި.

އަޅުގަނޑު މިހެން ދެންނެވިޔަސް، ކޯވިޑުގެ ތެރޭގައި ދިވެހި ސިފައިން ރައްޔިތުންނަށް ކޮށްދެއްވާފައިވަނީ، ބަޔާންނުކުރެވޭހާ ފުރިހަމަ އިންސާނީ ޚިދުމަތެއް. ކޯވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި، ދިވެހި ޤައުމަށާއި ދިވެހި ރައްޔިތުންނަށް ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތުގެ އަގުވަޒަންކޮށް، "އިންސާނީ ޚިދުމަތުގެ މެޑެލް-ކޯވިޑް19" ދިވެހި ސިފައިންނަށް ދިނުމަށް އަޅުގަނޑު ވާނީ މީގެކުރިން ނިންމާފައި.

ޢަސްކަރިއްޔާއެއްގެ ވާޖިބުތަކާއި ޒިންމާތަކަކީ ވަކި ދުވަހެއްގެ ވަކި ވަގުތަކަށް ނިމިގެންދާ މަސައްކަތެއް ނޫން. ކޮންމެ ދުވަހެއްގެ 24 ގަޑިއިރު، ޤައުމީ ޚިދުމަތުގައި ސިފައިން ސާބިތުވެ ތިބުމުގެ ފަހަތުގައިވަނީ، ސިފައިންގެ ޢާއިލާތަކުން ވަމުންދާ މަތިވެރި ޤުރުބާނީ. ޢާއިލާއާ ވަކިން އެތައް ދުވަހެއް ވަންދެން ޤައުމީ ޚިދުމަތުގައި ސިފައިން ދެމިތިބޭއިރު، ކެތްތެރިކަމާއެކު ސިފައިންގެ ޢާއިލާތަކުން ދެއްވާ އެއްބާރުލުމާއި އެހީތެރިކަމަށް އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން.

އެފަދަ އެއް ބަޔަކީ، އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަންގައި ޚިދުމަތް ކުރުމަށް މިވަގުތު ސަޢޫދީ ޢަރަބިއްޔާގައި ތިބި ދިވެހި ސިފައިން. އެ ކޯލިޝަންގައި ރާއްޖެ ބައިވެރިވެ، ދިވެހި ސިފައިން ކުރަމުން އެ އަންނަނީ، ބައިނަލްއަޤްވާމީ ޞުލްޙައިގެ ދާއިރާއިން ވަރަށް މުހިންމު މަސައްކަތްތަކެއް. މި ދެންނެވި ސިފައިން ޤައުމުން ބޭރުގައި ޚިދުމަތް ކުރަމުން އަންނައިރު، އެ ބޭކަލުންގެ ޢާއިލާތަކުން ވަމުން އެ އަންނަނީ ވަރަށް މަތިވެރި ޤުރުބާނީއެއް.

އާދެ، ބައިނަލްއަޤްވާމީ ޓެރަރިޒަމާ ދެކޮޅު މަސައްކަތްތަކުގަޔާއި، ދިވެހި ރައްޔިތުންނަށް މަދަނީ ޚިދުމަތްތައް ދިނުމުގައި ދިވެހި ސިފައިން ބައިވެރިވަމުން އެ އަންނަނީ، ޢަސްކަރިއްޔާއެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބުތަކާއި، އުފުލަންޖެހޭ ޒިންމާތައްވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒު ކުރަމުން. އޭގެ ތެރެއިންވެސް އެންމެ މުހިންމު ކަމަކީ، ޤައުމުގެ އިސްތިޤްލާލާއި ސިޔާދަތީ މިނިވަންކަން ރައްކާތެރިކުރުން.

ދިވެހިރާއްޖޭގެ މިނިވަންކަމުގެ މަރުކާއަކީ، ފަޚުރުވެރި ދިވެހި ސިފައިންގެ ޢަސްކަރީ ޤާބިލުކަން. އެހެންކަމުން ޢަސްކަރިއްޔާގެ އޮޕަރޭޝަނަލް ޤާބިލުކަން އިތުރުކުރުމަށް ފާއިތުވި ދެ އަހަރުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ކުރެވިއްޖެ. ޒަމާނީ ވަސީލަތްތައް ހޯދައި، ޓެރަރިޒަމްގެ ހާދިސާތަކާ ކުރިމަތިލުމުގެ ޤާބިލުކަން އެތައް ގުނައެއް އިތުރުކުރެވިއްޖެ.

ޤައުމުގެ ދިފާޢުގެ އެންމެ ކުރީ ސަފުގައި ޙަރަކާތްތެރިވާ ސިފައިންނަށް ބޭނުންވާ އެންމެ ޒަމާނީ ހަތިޔާރާއި އާލާތްތައް މިހާރުވަނީ ހޯދިފައި. ހަމައެހެންމެ، ސިފައިންގެ ސިފަވަންތަކަން ދަމަހައްޓައިދޭ ޢިލްމީ އަދި ފަންނީ ތަމްރީނުތައް ދަނީ ސިފައިންނަށް ބަރާބަރަށް ދެމުން.

މިންތީ ހަމަހަމަކަމުގައިވެސް ދިވެހި ޢަސްކަރިއްޔާ މިއަދު ފެންނަނީ، ނަމޫނާ މުއައްސަސާއެއްގެ ގޮތުގައި. ދިވެހި ސިފައިންގެ ތެރެއަށް ފުރަތަމަ ފަހަރަށް އަންހެނުން ވެއްދީ 1989 ވަނަ އަހަރު. އޭރު އަންހެން ސިފައިންނަށް އޮތް ޒިންމާއަކީ އިދާރީ މަސައްކަތްތައް ކުރުން. ނަމަވެސް، މިއަދުގެ އަންހެން ސިފައިންނަކީ، އެންމެފަހުގެ ޢަސްކަރީ ތަމްރީނުތައް ހޯދައިގެން، ޤައުމުގެ ދިފާޢުގައި އެންމެ ކުރީ ސަފަށް ނުކުންނަން ތައްޔާރަށް ތިބި ބައެއް.

އެމީހެއްގެ ކެރުމާއި ޤާބިލުކަން ހުރި މިންވަރަކުން ޢަސްކަރިއްޔާގެ ކޮންމެ މީހަކަށްވެސް މިހާރު ކުރިއަށް ދެވޭނެ. އެކަމުގައި އަންހެނެއް ފިރިހެނެއް ތަފާތުނުކޮށް އަޅުގަނޑުމެން ފުރުޞަތު ދޭނަން. ލެފްޓިނެންޓް ކާނަލްގެ ރޭންކަށް ފުރަތަމަ ފަހަރަށް، މިދިޔަ އަހަރު ވަނީ އަންހެން ސިފައިން ހަމަޖައްސާފައި. އެ ރޭންކުގައި ތިއްބެވި ދެ އަންހެން ސިފައިން މިހާރު ގެންދަވަނީ، ސިފައިންގެ ލަފާދޭ މަޖިލީހުގައިވެސް ވަރަށް މުހިންމު ދައުރެއް އަދާކުރައްވަމުން.

ދިވެހި ސިފައިންގެ ޢަސްކަރީ ޤާބިލުކަން އިތުރުކުރުމުގެ ވާހަކަ ދައްކާއިރު، އަޅުގަނޑުމެންގެ ރަޙްމަތްތެރި ހެޔޮއެދޭ ޤައުމުތަކުން މިކަމުގައި ވެދޭ އެހީތެރިކަން އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަން. ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް އަޅުގަނޑުމެން ގެނައި ހެޔޮ ބަދަލުގެ ސަބަބުން، ރާއްޖޭގެ ޢަސްކަރީ ޤާބިލުކަން އިތުރުވެ، ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް މިވަނީ ވަރަށް ބޮޑު ރައްކާތެރިކަމަކާއި ޔަޤީންކަމެއް ލިބިފައި.

އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތަކީ ރަޙްމަތްތެރިކަމުގެ މައްޗަށް ބިނާވެފައިވާ ސިޔާސަތެއް. އެ ރަޙްމަތްތެރިކަމުގެ ތަރަހައަކީ އިޙްތިރާމާއި އިތުބާރާއި ޔަޤީންކަން. ސިޔާސީ ގުޅުންތަކުން ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ރާއްޖެއަށް ލިބެނީ އިޙްތިރާމާއި ޤަދަރު. އިތުރަށް ކަށަވަރުވަމުން ދަނީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށްދިނުމުގައި، އެ ޤައުމުތަކުންވެސް ފުރިހަމަ އެއްބާރުލުން ދޭނެކަން.

ތިޔަ ހިތްވަރުގަދަ ސިފައިންވެސް، އެންމެ މުޤައްދަސް ވާޖިބެއް ކަމުގައި ދެކޭނީ، ރާއްޖޭގެ ސިޔާދަތީ މިނިވަންކަމާއި އިސްތިޤްލާލު ޙިމާޔަތްކޮށް ރައްކާތެރިކުރުންކަން އަޅުގަނޑަށް ޔަޤީން. ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނީ، ސަރަޙައްދީ ޞުލްހަޔާއި ހަމަޖެހުން ދެމިއޮތް މިންވަރެއްގެ މައްޗަށް. އެހެންކަމުން، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި، އަޅުގަނޑުމެން ދިވެހިންވެސް އަދާކުރަންޖެހޭ ދައުރެއް އެބަވޭ. މިއަދުގެ ދިވެހި ޢަސްކަރިއްޔާއިން އެ ޒިންމާ ވަރަށް ފުރިހަމައަށް އަދާކުރަމުން އަންނަކަން އަޅުގަނޑު ޤަބޫލުކުރަން.

ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް، އެތެރެއިންނާއި ބޭރުން ކުރިމަތިވާ ކޮންމެ ނުރައްކަލަކާ ކުރިމަތިލައި ޤައުމު ދިފާޢުކުރުމުގައި، އަބަދުވެސް ކޮމާންޑް އެންޑް ކޮންޓްރޯލް އޮންނަންވާނީ ދިވެހި ސިފައިންގެ އަތްމަތީގައި. އެކަން، ދިވެހި ޢަސްކަރިއްޔާގެ ހަމަ ކޮންމެ ފަރުދަކު އަބަދުމެ ހަނދާނުގައި ބަހައްޓަންވާނެ. އެއަށްވުރެ މަތީ ޒިންމާއެއް ދިވެހި ސިފައިންގެ ކޮނޑުގައި އެޅިފައެއް ނޯންނާނެ.

އިދާރީ ހިންގުންތެރިކަމުގެ ރޮނގުންވެސް ދިވެހި ޢަސްކަރިއްޔާ ޒަމާނީ ކުރުމުގެ މުހިންމު މަސައްކަތްތަކެއް މިދިޔަ އަހަރުތަކުގައި ކުރެވިއްޖެ. އެ މަސައްކަތުގެ ތެރެއިން މިދިޔަ އަހަރު ކުރެވުނު އެންމެ މުހިންމު އެއްކަމަކީ، ސިފައިންގެ ތެރޭގައި ޢަސްކަރީ ޢަދުލުގެ ނިޒާމެއް ޤާއިމުކުރުން. ސިފައިންގެ އަދަބު އަޚްލާޤު ދެމެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް މިއަދު އަޅަމުން އެ އަންނަނީ އެ ނިޒާމުގެ ތެރެއިން.

ފަންނީ ގޮތުންނާއި ޢަސްކަރީ ޤާބިލުކަމުގެ ގޮތުން ދިވެހި ޢަސްކަރިއްޔާ ޒަމާނީކުރުމަށް، މިދިޔަ ހަތަރުވަރަކަށް އަހަރުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ. އެ ރޮނގުން ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދުދީދީ އާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ކުރައްވާ ބުރަ މަސައްކަތްތައް އަޅުގަނޑަށް ވަރަށް ގާތުން ފެނޭ.

އެ ބޭފުޅުންނާއެކު ޖެނެރަލް އޮފިސަރުންވެސް ކުރައްވަމުން ގެންދަވަނީ ވަރަށް އިޚްލާޞްތެރި މަސައްކަތްތަކެއްކަން އަޅުގަނޑު ފާހަގަކުރަން. ހަރުދަނާ ވެރިންތަކެއްގެ އިރުޝާދުގެ ދަށުން، މުޅި ޢަސްކަރިއްޔާ މިއަދު މަސައްކަތް ކުރަމުން އަންނަނީ، ވަރަށް ބަދަހި އެއް ޢާއިލާއެއްގެ ގޮތުގައި.

އެކަމަށްޓަކައި ޗީފް އޮފް ޑިފެންސް ފޯސްއަށާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސްއަށް އަދި ޖެނެރަލް އޮފިސަރުންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. ވަރުގަދަ ޕްރޮފެޝަނަލް ޢަސްކަރިއްޔާއެއްގެ ގޮތުގައި ދެމިއޮތުމަށް، އެއް ޢަޒުމެއްގައި ކުރަމުން އަންނަ މަސައްކަތުގެ އަގު ވަޒަންކޮށް، ހުރިހާ ރޭންކުތަކުގެ ސިފައިންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، ދިވެހިރާއްޖޭގެ ސިޔާދަތީ މިނިވަންކަމާއި، ޤައުމީ ސަލާމަތާއި ދިފާޢުގެ ނާރެހަކީ ދިވެހި އަސްކަރިއްޔާ. ދިވެހިންގެ ނަޞްރާއި ނަޞީބާއި ކާމިޔާބުގެ ރަމްޒަކީ ހިތްވަރުގަދަ ދިވެހި ސިފައިން. ދިވެހި ކޮންމެ ފަރުދަކުވެސް، ދިވެހި ޢަސްކަރިއްޔާއަށް އެދެނީ ކުރިއެރުމާއި ކާމިޔާބީ.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤްލާލު ދިފާޢުކޮށް ރައްކާތެރިކުރުމުގައި ސާބިތުވެ ތިބި ހިތްވަރުގަދަ ކެރޭ ދިވެހި ސިފައިންނަށް، اللهُ سُبْحَانَهُ وَتَعَالَى އަބަދުވެސް ނަޞްރު ދެއްވުން. އިސްލާމްދީނާއި ދިވެހި ޤައުމުގެ ޙައްޤުގައި ދިވެހި ސިފައިން ކުރަމުންދާ އިޚްލާޞްތެރި މަސައްކަތުގައި އެކަލާނގެ ބަރަކާތް ލައްވައި ދިވެހި ސިފައިންނަށް ހިތްވަރާއި ސާބިތުކަން މިންވަރުކުރައްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.