بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ނިޢުމާތު ޝަފީޤު، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު ޖީހާން، ޔުނިސެފުގެ އިސްވެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ކުޑަކުދިންގެ ޙައްޤުތަކާ ބެހޭ މަހާސިންތާއެއް އިންތިޒާމު ކުރެއްވި ކަމަށްޓަކައި، ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ނިޢުމާތު ޝަފީޤަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މި މަހާސިންތާގެ އެންމެހައި ބައިވެރިންނަށް މަރުޙަބާ ދަންނަވައި، ތިޔަބޭފުޅުންގެ މަސައްކަތަށް ފުރިހަމަ ކާމިޔާބަށް އެދެން.

މި އަހަރުގެ ތެރޭގައި އަޅުގަނޑު ވަރަށްގިނަ ބައްދަލުވުންތަކަށް، ވަރަށްގިނަ ކޮންފަރެންސްތަކަށް، މަހާސިންތާތަކަށް ދެވިއްޖެ. އެހެން ނަމަވެސް، ޙަޤީޤަތުގައި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އަޅުގަނޑަށް މި އަހަރުގެ ތެރޭގައި އާދެވުނު އެންމެ މުހިންމު، އެންމެ ބޭނުންތެރި ބައްދަލުވުމަކީ މިއީ.

އަޅުގަނޑުމެން މި ދައްކަނީ ރާއްޖޭގެ މުސްތަޤްބަލް އޮންނާނެ ގޮތް. ރާއްޖޭގެ މުސްތަޤްބަލް ބިނާކުރާނެ ގޮތުގެ ވާހަކަ. ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތް ކުރެވި، ކުޑަކުދިންނަށް ރަނގަޅު މާޙައުލެއްނެތި، ޤައުމުގެ މުސްތަޤްބަލެއް ރަނގަޅަކަށް ބައްޓަން ކުރެވިގެނެއް ނުދާނެ. އެކަމަށްޓަކައި މި މަހާސިންތާ އިންތިޒާމު ކުރެއްވި ކަމަށްޓަކައި، އަދިވެސް އެއްފަހަރު ނިޢުމާތު ޝަފީޤަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.

މި މަހާސިންތާއަކީ ރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތް ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް ލިބޭ ވަރަށް ބޮޑު އެހީތެރިކަމަކަށް ވާނެ ކަމަށް އަޅުގަނޑު ދެކެން. މި މަހާސިންތާ މި ބޭއްވެނީ، ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް ވަރަށް ބޮޑަށް އަޑު އުފުލަމުން އަންނަ ދުވަސްވަރެއްގައި. އަދި ކުޑަކުދިންގެ ޙައްޤުތަކާ މެދު ޢާންމު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުވަމުން އަންނަ ދުވަސްވަރެއްގައި. ހަމައެފަދައިން، ކުޑަކުދިންގެ ޙައްޤުތަކުގެ ޙިމާޔަތުގައި މަދަނީ ޖަމުޢިއްޔާތަކުން ކުރާ މަސައްކަތްވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ދުވަސްވަރެއްގައި.

ޙަޤީޤަތުގައި ކުޑަކުދިންގެ ޙައްޤުތަކާބެހޭ ޤާނޫނު، އެތައް ދުވަހެއް ވާންދެން ބަދަލެއް ނުގެނެސް އޮތުމަށްފަހުގައި ގެނެވުނު ބޮޑެތި ބަދަލުތަކާ އެކުގައި، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މިކުރާ މަސައްކަތުގައި، ހުރިހާ ފަރާތަކަށް އުންމީދެއް ލިބިއްޖެ. ކަންތައްތަކެއް ކުރެވިދާނެ ކަމުގެ ޔަޤީންކަން، ރައްޔިތުންނަށާއި ބެލެނިވެރިންނަށާއި، ޖަމުޢިއްޔާތަކަށް ލިބިއްޖެ. އެހެންކަމުން، މިފަދަ ދުވަސްވަރެއްގައި މިފަދަ މަހާސިންތާއެއް ބޭއްވުމަކީ ވަރަށްބޮޑު ހެޔޮ ފާލެއް. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ހުރި ގޮންޖެހުންތަކަކީ ކޮބައިކަން، މަހާސިންތާގެ މަޝްވަރާތަކުން ދެނެގަނެވޭނެ. ކުޑަކުދިންގެ ޙައްޤުތަކަށް ކުރިމަތިވާ ހުރަސްތަކަކީ ކޮބައިކަން، ބައިވެރިންގެ ވާހަކަތަކުން ފާހަގަކުރެވޭނެ. ބައިވެރިންގެ މަޝްވަރާތަކާއި ޚިޔާލުތައް ފުރޭނި، އަޅުގަނޑުމެން ބޭނުންވާ އަރަގުކޮޅު ހޯދައިގަނެވޭނެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދީ ކަށަވަރުކޮށްދިނުމުގައި އަޅުގަނޑުމެން ކަންކަން ކުރަމުން މި އަންނަނީ ވަރަށް ހަރުދަނާ ބިންގަލެއްގެ މަތީގައި. އެއީ، ރާއްޖޭގެ ޤާނޫނުއަސާސީއާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި، ކުޑަކުދިންގެ ޙައްޤުތަކާ ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ.

މިފަދަ މަހާސިންތާއެއްގައި ހުންނައިރު، އަޅުގަނޑަށް ފާހަގަކުރެވޭ އެންމެ މުހިންމު ކަމަކީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި، ކަމާގުޅޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން. މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން މިފަދަ މަސައްކަތްތަކެއް މިހާރު ފަށްޓައިގެން ކުރިއަށް އެބަގެންދޭ. "އިބަމަ"އިގެ ނަމުގައި "އިޖުތިމާޢީ ބަދަހި މަދަދުވެރި"ގެ ނަމުގައި ފަށައިގެން ކުރިއަށް އެގެންދާ މަސައްކަތަކީ، ކުޑަކުދިންގެ ޙައްޤުތަކާބެހޭ ހުރިހާ މުއައްސަސާއެއްގެ ބައިވެރިން އެއްތަންވެ، އެކުގައި މަސައްކަތް ކުރުމަށް އިންތިޒާމު ކުރެވިގެން ކުރިއަށްގެންދާ ޕްރޮގްރާމެއް. މިކަމުގައި ޔުނިސެފްގެ ފުރިހަމަ އެހީތެރިކަން އަޅުގަނޑުމެންނަށް ލިބެމުންދާކަން އަޅުގަނޑު މިއަދު ފާހަގަކޮށް، ޔުނިސެފަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

މި މަހާސިންތާގެ ބައިވެރިންގެ މެދުގައި ވަރަށް ބަދަހި ގުޅުމަކާއި ގާތްކަމަކާއި އެކުވެރިކަމެއް އޮތް ތަން އަޅުގަނޑަށް އެބަ ފެނޭ. އަޅުގަނޑުމެން މި އުންމީދު ކުރަނީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ޝާމިލުވާ ހުރިހާ މުއައްސަސާތަކެއްވެސް، ކޮންމެ ދުވަހަކުވެސް ހަމަ މިހާ އެކުވެރި ރޫޙެއްގައި މަސައްކަތް ކުރުން.

ކިތަންމެ ގިނަ ޤާނޫނުތަކެއްވެސް ހެދިދާނެ. އަދި ޤަވާޢިދުތައްވެސް ހަރުކަށި ކުރެވިދާނެ. ނަމަވެސް، އަޅުގަނޑުމެން ބޭނުންވާ ނަތީޖާ ނެރެވޭނީ، މުޅި ދައުލަތް އެކުގައި މަސައްކަތް ކޮށްގެން. ރައްޔިތުންވެސް، ސަރުކާރުގެ މުއައްސަސާތައްވެސް، ތަޙުޤީޤީ އިދާރާތަކާއި ޝަރުޢީ ކޯޓުތައްވެސް، އަދި އަމިއްލަ ޖަމުޢިއްޔާތަކާއި ޖަމާޢަތްތައްވެސް، އެއް ވާނެއްގައި މަސައްކަތް ކޮށްގެން.

ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކުރުމާ ގުޅޭގޮތުން ޤައުމީ ސިޔާސަތުތައް އެކަށައަޅާއިރުވެސް، ސަމާލުކަން ދޭންޖެހޭނީ، ކުޑަކުދިންނަށް އެންމެ މަޞްލަޙަތު ހުރި ގޮތަކަށް އިސްކަންދިނުމަށް. ކުޑަކުދިންނާ ގުޅޭ ކަންކަމުގައި ސަރުކާރުން ސިޔާސަތުތައް އެކަށައަޅާއިރު، ކުޑަކުދިންގެ ޚިޔާލާއި މަޝްވަރާވެސް ހޯދުމަކީ ވަރަށް މުހިންމު ކަމެއް.

ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ސިޔާސަތުތައް އެކުލަވައިލާއިރު، އަޅުގަނޑުމެން މިހާރުވެސް މި އަންނަނީ ދަރިވަރުންގެ މަޝްވަރާއާއި ޚިޔާލު ހޯދަމުން. މިނޫން ދާއިރާތަކުންވެސް ސިޔާސަތުތައް އެކުލަވައިލުމުގައި ކުޑަކުދިން ބައިވެރިކޮށް، އެ ކުދިންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން ކުރިއަށްދިޔުމުން، ޙާޞިލުކުރެވޭ ނަތީޖާ ރަނގަޅުވާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ.

މި މަހާސިންތާގެވެސް އެންމެ މުހިންމު އެއް ބޭނުމަކީ، ކުޑަކުދިންގެ ޙައްޤުގައި ކުރާ މަސައްކަތްތައް ރާވައި އިންތިޒާމު ކުރުމުގައި، ކުޑަކުދިންގެ މަޞްލަޙަތަށް އިސްކަންދިނުމުގެ ރޫޙު އާލާކުރުން. ހަމައެފަދައިން، ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި ކުރެވިދާނެ ކަންކަމާ ގުޅޭ މަޢުލޫމާތު ޙިއްޞާކުރުން.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި، ތަފާތު އެތައް ދާއިރާއަކުން އަޅުގަނޑުމެން މިއަދު މަސައްކަތް ކުރަންޖެހޭ. މަސްތުވާތަކެތީގެ ނުރައްކަލުން ކުދިން ސަލާމަތް ކުރުމަކީ، މިއަދު އަޅުގަނޑުމެންގެ ބޮލުގައި އެޅިފައިވާ އެންމެ ބޮޑު ޒިންމާ. މަސްތުވާތަކެތީގެ ވަބާގައި ކުޑަކުދިން ޖެހުމުން، އިތުރު އެތައް ކުށްތަކަކަށް އެ ކުދިން ހުށަހެޅިގެން އެބަދޭ. އެކަމުގެ ސަބަބުން، ޒުވާން ޢުމުރުގައި ލިބެންޖެހޭ އެތައް ޙައްޤުތަކަކުން އެ ކުދިން އެބަ މަޙްރޫމްވޭ.

ތަފާތު އަނިޔާތަކުގެ ޝިކާރައަކަށްވާ ކުދިންވެސް މަދެއް ނޫން. ޖިސްމާނީ އަނިޔާއާއި، ޖިންސީ އަނިޔާ ލިބޭ ކުދިން އެބައުޅޭ. ނަފްސާނީ އަނިޔާތައް ތަޙައްމަލުކުރާ ކުދިންވެސް އަޅުގަނޑުމެންގެ މުޖުތަމަޢުގައި އެބަތިބި. އެފަދަ އަނިޔާތަކުން ކުދިން ރައްކާތެރިކުރުމަކީ، ހަމައެކަނި މައިންބަފައިންގެ ޒިންމާއެއް ނޫން. މިއީ މުޅި މުޖުތަމަޢުގެ ޒިންމާއެއް.

މިއަދު ތިޔަބޭފުޅުން އެއްތަންވެ، މަޝްވަރާއަށް ތައްޔާރުވެގެން ތިޔަ ތިއްބެވީ، މުޅި ނިޒާމު އެކުގައި ޙަރަކާތްތެރިވެ، ކުޑަކުދިން ރައްކާތެރި ކުރެވޭނެ ގޮތަކީ ކޮބައިކަން ދެނެގަތުމަށް. އަދި މި ދެންނެވި ޒިންމާ މުޅި މުޖުތަމަޢުން އުފުލުމުގައި ޢަމަލުކުރަންވީ ގޮތްތައް ކަނޑައެޅުމަށް.

އާދެ، ދިރިހުރުމުގެ ޙައްޤާއެކު، ކުޑަކުއްޖަކަށް ލިބެންޖެހޭ އެންމެ މުހިންމު އެއް ޙައްޤަކީ، މައިންބަފައިންގެ ލޯތްބާއި އަޅާލުމާއެކު، ހެދި ބޮޑުވުމުގެ ފުރުޞަތު ފަހިވުން. އެ ކުދިންގެ ދިރިއުޅުން ސީދާވުމާއި ނުވުން ބިނާވެފައި މި އޮންނަނީ އެކަމުގެ މައްޗަށް. އެހެންވިޔަސް، މައިންބަފައިންގެ ލޯތްބަށް އެންމެ ބޭނުންޖެހޭ ޢުމުރުފުރާގެ މަދު ކުދިންކޮޅެއް ނަމަވެސް، އެ ލޯބިން މަޙްރޫމްވެ، ދައުލަތުގެ ބެލުމުގެ ދަށުގައި މިހާރުވެސް އެބަތިބި.

ދައުލަތުން ކިތަންމެ އޯގާތެރިކަމާއެކު، ކިތަންމެ ހޭހަންކޮށްގެން ބެލެހެއްޓިޔަސް، މައިންބަފައިންގެ ލޯބިން މަޙްރޫމުވުމުން، އެ ލިބޭ އުނިކަމާއި ހިތްދަތިކަން ފޫބެއްދޭނެ ގޮތެއް ނޯންނާނެ. އެފަދަ ޙާލަތަކަށް ކުޑަކުދިންތަކެއް ދިޔުމުގައި، އެ ކުދިންގެ މައިންބަފައިންނަށް މެދުވެރިވި ބައެއް ޙާލަތްތަކާއި، އެނޫން ވަރަށް ގިނަ ސަބަބުތައްވެސް އެބަހުރި.

ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެނައުމަކީ، އެކަމަށް އޮތް ޙައްލެއް ނޫން. މިހާރަށްވެސް އަދި އެ ކުދިންގެ ކުރިމަގަށްވެސް އެންމެ ރަނގަޅު ގޮތަކީ، ގާތްތިމާގެ މީހުންނާ އެކުގައި މުޖުތަމަޢާ ލާމެހިގެން އުޅެވޭނެ ގޮތެއް ހޯދައިދިނުން. ކުޑަކުދިންގެ ހިޔާ އަދި ހުޅުމާލެ ފިޔަވަތީގައި، ދައުލަތުގެ ފަރާތުން ބަލަހައްޓަމުން އައި ކުދިންނަށް އިޖުތިމާޢީ ޢާއިލީ ވެށްޓެއް ހޯދައިދިނުމަށް، 6 ރަށެއްގައި ޖެންޑަރ މިނިސްޓްރީގެ ފަރާތުން އަމާން ވެށިތަކެއް ޤާއިމުކޮށް، އެ ކުދިން މިހާރު ވާނީ އެ ތަންތަނަށް ބަދަލުކުރެވިފައި.

ކުޑަކުދިންގެ ހެދި ބޮޑުވުމަށާއި، އެ ކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް އެންމެ މުހިންމީ ޢާއިލީ ގުޅުމުގެ ބަދަހިކަން. ޢާއިލާގެ ތެރެއިން އެ ކުދިންނަށް ލޯތްބާއި އޯގާތެރިކަން އިޙްސާސްވާނީ، ގެވެށި ގުޅުން ބަދަހިވިވަރަކުން. އެހެންކަމުން، ގެވެށި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން، ސަރުކާރުން މިހާރުވެސް ގިނަ ޕްރޮގްރާމްތަކެއް އެބަ ހިންގަން.

މައިންބަފައިންނާ ވަކިން ދިރިއުޅޭ އިތުރު ކުދިންތަކެއް ދެކޭކަށް އަޅުގަނޑުމެން އެކަކުވެސް ނޭދޭނެ. އެ މައްސަލަ ޙައްލު ކުރެވޭނީ، އެ ކުދިންގެ ޙައްޤުތައް ގެއްލުމަށް މެދުވެރިވާ ހުރިހާ ހުރަސްތަކެއް ނައްތައިލައިގެން. މިއަދުގެ ކުޑަކުދިން، މާދަމާގެ ހަރުދަނާ މައިންބަފައިންގެ ގޮތުގައި ފެންނާނީ، ކުށުގެ ވެށިން އެ ކުދިން ދުރުކޮށް، ރިވެތި އަޚްލާޤުގެ މަތީގައި، އެ ކުދިން ތަރުބިއްޔަތުކޮށްގެން.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީސް އުފެއްދުމަކީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ކުރިއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް. ކުޑަކުދިންގެ ޙައްޤުގައި ސަރުކާރުން ކުރާ ކަންކަން، ގާތުން ބަލައި ފާރަވެރިވާނެ މިނިވަން މުއައްސަސާއެއް އޮތުމުން، ސަރުކާރުން ކުރާ މަސައްކަތްތައް، ހަރުދަނާ ގޮތެއްގައި ރަނގަޅު މިޞްރާބަކުން ގެންދިޔުމަށް ވަރަށް ބޮޑު ބާރަކަށްވޭ.

މި މަހާސިންތާއަކީ އެގޮތުން ކުރެވޭ ވަރަށް މުހިންމު މަސައްކަތެއްކަން އަޅުގަނޑަށް ޔަޤީން. ތިޔަބޭފުޅުންގެ މަޝްވަރާތަކުގައި، މިފަދަ ހުރިހާ ކަންކަމާމެދު ވިސްނަވައި، އެކަށީގެންވާ ޙައްލުތަކެއް ހޯއްދަވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. ތިޔަބޭފުޅުން ނިންމަވާ ކަންތައްތައް ތަންފީޒު ކުރުމުގައި، ސަރުކާރުގެ އެންމެހައި އިދާރާތަކުގެ ބައިވެރިވުން އެންމެ ފުރިހަމައަށް ލިބޭނެކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް، އެ ކުދިންނަށް ރައްކާތެރި މާޙައުލެއް ހޯދައިދިނުމަށް މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އަޅުގަނޑުމެން އެންމެންނަކީވެސް، ކުޑަކުދިން ދެކެ ލޯބިވާ، އެ ކުދިންނާ އޯގާތެރިކަމާއެކު މުޢާމަލާތުކުރާ ބަޔަކު ކަމުގައި ލައްވައި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރުމުގެ ރޫޙު އަޅުގަނޑުމެންގެ ތެރޭގައި އާލާކުރައްވައި، އެކަމަށް މަސައްކަތްކުރުމުގެ ހެޔޮ ތައުފީޤު ދެއްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.