بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައުއިތުރު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم ގެ ކިބައަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން. 

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ، ސްކައުޓް އެސޯސިއޭޝަންގެ ނައިބު ރައީސް އަލްފާޟިލާ ފާޠިމަތު ޝެހެޒިނީ، ސްކައުޓް އެސޯސިއޭޝަންގެ އެކްޓިންގ ކޮމިޝަނަރ، އަދި ސްކައުޓް އެސޯސިއޭޝަންގެ އެގްޒެކްޓިވް މެންބަރުން، އަޅުގަނޑުމެންގެ ހުރިހާ ސްކައުޓް ކުދިން، އަދި މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާ އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް، މިފަދަ މުހިންމު ރަސްމިއްޔާތެއްގައި އަޅުގަނޑަށް ބައިވެރިވުމުގެ ފުރުޞަތު ލިބުނީތީ، އެކަމަށް ވަރަށް ބޮޑަށް އުފާކޮށް އަދި ޚާއްޞަކޮށް، ސްކައުޓް އެސޯސިއޭޝަންގެ އެންމެހައި ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އެނގިވަޑައިގަންނަވާނެ، ސްކައުޓް ހަރަކާތަކީ މިއީ، ދުނިޔޭގައި އެންމެ ގިނަ ދުވަސްވީ އެއް ހަރަކާތް. ގާތްގަނޑަކަށް ނަވާރަސަތޭކައިގެ ކުރީކޮޅުގައި، ނަވާރަސަތޭކަ ހަޔެއް، ހަތެއް ހިސާބުގައި ސްކައުޓް ހަރަކާތްތައް ދުނިޔޭގައި ފެށިގެން މިއައީ. މިއަދާ ހަމައަށް އައިއިރުވެސް ފަނޑުވުމެއް ނެތި، ދުނިޔޭގެ ގާތްގަނޑަކަށް ދުއިސައްތައަށްވުރެ ގިނަ ޤައުމުގައި، އެތައް މިލިއަން ސްކައުޓުން ހިމެނޭގޮތަށް ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ހަރަކާތެއްގެ ގޮތުގައި ސްކައުޓް މޫވްމެންޓް ވެފައި މިވަނީ.

އާދެ، އަޅުގަނޑު ގަބޫލުކުރަނީ ހުއްޓުމެއްނެތި، މި ދެންނެވި ގޮތަށް ކުރިއަށްދާ ހަރަކާތެއްގެ ގޮތުގައި ސްކައުޓް މޫވްމެންޓް ވެފައި މިވަނީ، އެއީ މުޖުތަމަޢަށް، ޤައުމުތަކަށް، ވަކިވަކި ފަރުދުންނަށްވެސް ވަރަށް ބޮޑު ފައިދާތަކެއް ކުރާ ކަމެއް ކަމަށްވާތީ. އެނގިވަޑައިގަންނަވާނެ، ސްކައުޓް ހަރަކާތުގެ ސަބަބުން، ވަރަށް ގިނަގުނަ ފައިދާތަކެއް އެބަކުރޭ. އަދި މިއަދު މި ޖަމްބަރީ މި ބޭއްވިގެން މިދާ މަޤްޞަދަކީވެސް އަޅުގަނޑަށް ހީވަނީ އެއީ، ސްކައުޓް މޫވްމެންޓްގެ ތެރެއިން އަޅުގަނޑުމެންގެ ދަރިންނަށް ލިބޭ އެންމެބޮޑު ފައިދާ. އެކަކު އަނެކަކާއި، ޤައުމުގެ އެކިއެކި ފަރާތްތަކުގެ އެކިއެކި ދަރިވަރުން، ކުދިންގެ މެދުގައި، އަދި މުޅި ދުނިޔޭގެ އެކި ހިސާބުތަކުގެ އެކިއެކި ދަރިވަރުންނާއި، އަދި އެކިއެކި ފަރާތްތަކުގެ މެދުގައި އެ ގުޅުން އުފެދިގެން ދިއުމަކީ، ރަޙްމަތްތެރިކަމުގެ ގުޅުން އުފެދިގެން ދިއުމަކީ އެއީ، މި މޫވްމެންޓްގެ ފަރާތުން އަޅުގަނޑުމެންނަށް އެންމެ ފާހަގަކޮށްލެވޭ، އަދި އޭގެ މަޤްޞަދުގެ ގޮތުގައިވެސް ހިމެނޭ އެންމެ މުހިންމު އެއް ކަންތައް.

އެނގިވަޑައިގަންނަވާނެ، އެއާއެކީ ސްކައުޓް ހަރަކާތުގެ ތެރެއިން ވަރަށް މުހިންމު ކަންތައްތަކެއް ދަސްވެގެންދޭ. އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ ކުއްޖަކީ، ކޮންމެ މީހަކީވެސް ދިރިއުޅުމުގައި އަމިއްލަ ޒިންމާތަކެއް، ކޮންމެވެސް ހިސާބަކުން ނަގާނެ ކުއްޖެއް. މިއަދު އަދި އަޅުގަނޑުމެންނަށް ފެންނަނީ، ވަކިން ޚާއްޞަކޮށް، ޅަ ޢުމުރުގައި ކުދިން ވަރަށް ބޮޑެތި ޒިންމާތައް ނަގައި، ރެސްޕޮންސިބިލިޓީ އަކީ ކޯއްޗެއްކަން އެނގިގެން މަސައްކަތް ކުރާތަން. ފިލާވަޅު ދަސްކުރުމާއި، ކިޔެވުމުގެ ތެރެއިން ކުދިންނަށް އެ ލިބޭ، ލައިފް ސްކިލް، ދަސްކުރާ ހުނަރުތައް އެއީ ސްކައުޓުންނަށް، ސްކައުޓް މޫވްމެންޓްގެވެސް އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި ފާހަގަކުރެވޭ އެއް ކަންތައް.

އެގޮތުން އަޅުގަނޑު ހަމަ ފާހަގަކޮށްލަން، ދިވެހި ސްކައުޓުން އެކިފަހަރުމަތިން އެ ހިންގާ ޕްރޮގްރާމްތައް. ވޭތުވެދިޔަ ހަފްތާގެ ތެރޭގައިވެސް ރާއްޖޭގެ ރ. އަތޮޅަށް އަޅުގަނޑަށް ދެވުނު. ދެވުނުއިރުވެސް ސްކައުޓް ހަރަކާތްތަކެއް ބަލައިލުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނު. ވަރަށް ކުޑަ، ތުއްތު ކުދިންތަކެއް އެ ހަރަކާތުގައި، އެ މަސައްކަތުގައި ބައިވެރިވި. ފެނިގެންދިޔައީ، ވަރަށް ހުނަރުވެރި މަސައްކަތްތަކެއް، ކަންތައްތަކެއް. އަމިއްލަ ދިރިއުޅުމުގައިވެސް، ކޮންމެ ދުވަހަކު ކުރަންޖެހޭ ކަހަލަ ކަންތައްތަކެއް. އަދި ފަހުން ތިމާ ޢާއިލާއެއް ބިނާކޮށްގެން، އަމިއްލަ ދިރިއުޅުމެއް ފަށާއިރުވެސް ކުރަންޖެހޭ ކަންތައްތަކެއް. އެކަހަލަ ކަންތައްތަކެއްގެ ހުނަރު ދަސްވެފައި ނުވަތަ އެ މަސައްކަތެއް ކުރަމުންދިޔަތަން. އެހެންވީމާ، މިއަދު ސްކައުޓް ކުދިން، ވަކިން ޚާއްޞަކޮށް ވިސްނަން އެބަޖެހޭ. ކުރިއާ ޚިލާފަށް މިހާރު ދުނިޔޭގެ އެކި ކަންތައްތައް މުޅިން އެހެން ގޮތަކަށް އެބަ ފެނޭ. އަޅުގަނޑުމެންނަށް ހުރި ގޮންޖެހުންތައް، ދިވެހިރާއްޖެއަށް ހުރި ގޮންޖެހުންތައް ވަރަށް ގިނަ. ޚަރަދު ކުޑަކުރެވޭނެ ގޮތްތައް، ވޭސްޓް މަދުކުރެވޭނެ ހުރިހާ ގޮތްތަކެއް އެއީ، ޚާއްޞަކޮށް އަޅުގަނޑުމެންގެ ދަރިވަރުން އަދި ވަކިން ޚާއްޞަކޮށް، ސްކައުޓް ކުދިން އިސް ސަފުގައި ތިބެގެން، ނަމޫނާ ކުދިންތަކެއްގެ ގޮތުގައި ދައްކައިދޭންޖެހޭ ކަމެއް.

އެހެންވީމާ، މިއަދު ދިރިއުޅުމަށްޓަކައި އެކިއެކި ހުނަރުތައް ދަސްކުރުމާއި، ޚާއްޞަކޮށް ޅަ ޢުމުރުގައިވެސް ގޭތެރޭގައި ކޮށްލަންޖެހޭ ކުދިކުދި ކަންތައްތައް ކޮށްލުމަކީ އެއީ، ދަސްކުރަންޖެހޭނެ ކަންތައްތައް. ހަމައެއާއެކު، ކުރީގައިވެސް އަޅުގަނޑު ފާހަގަ މި ކުރިގޮތަށް، އެ ގުޅުން އެއީ، ރަޙްމަތްތެރިކަމަކީ ވަރަށް މުހިންމު ކަމެއް. އޭގެ ސަބަބުންވެސް ވަރަށް ބޮޑެތި ފައިދާތަކެއް އެބަކުރޭ. އަބަދުވެސް އެކަކު އަނެކަކަށް ކަންތައްތައް ކިޔައިދީ، އެއްކުއްޖަކު އަނެއްކުއްޖަކަށް ނޭނގޭ ކަންތައްތައް ދަސްކޮށްދީ، އެހީތެރިވުމަކީ އެއީ، ވަރަށް މުހިންމު ކަމެއް. އަދި އަމުދުން އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ އެކަކު އަނެކަކަށް ރެސްޕެކްޓްދީ، އިޙްތިރާމްކޮށް، އެކަކު އަނެކަކަށް އަޅާލައި، ކަންކަމުގައި މި ދެންނެވި ގޮތަށް އެހީތެރިވެދިނުމަށް.

ހަމައެއާއެކު އެނގިވަޑައިގަންނަވާނެ، ވޮލަންޓިއަރިޒަމް، މިއީވެސް ސްކައުޓް މޫވްމެންޓްގެ ތެރެއިން އަޅުގަނޑުމެންނަށް ފެންނަ ވަރަށްބޮޑު ކަންތައްތަކެއް. މިހާރު ތިޔަ ހުރިހާ ކުދިންނަށްވެސް، އަދި މިތަނުގައި ހަނދާން ނުހުންނާނެ އެއްވެސް ކުއްޖެއް ނެތް. ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަސް ތެރޭގައިވެސް އެކިއެކި ޑިޒާސްޓަރތައް، އެކިއެކި ކެޓަސްޓްރޮފީތައް އަޅުގަނޑުމެންނާ ދިމާވި. މުޞީބާތްތައް ދިމާވެގެން ގޮސްފި މުޅި ޤައުމާއި އަދި މުޅި ދުނިޔޭގައި. އެކަންތައްތަކުގައިވެސް އެންމެ ބޮޑަށް ފެނިގެންދިޔަ ކަމަކީ، ވޮލަންޓިއަރިޒަމް. ސްކޫލް ދަރިވަރުން، ވަރަށް ކުޑަކުޑަ ކުދިންވެސް އެކަމުގެ ތެރޭގައި، އެކިއެކި ގޮތްގޮތުން އެހީތެރިވެދިން ތަން އަޅުގަނޑުމެންނަށް ފެނިގެންދިޔަ.

އެހެންވީމާ، މިއަދު މި ދެންނެވި ގޮތަށް، ދުނިޔޭގެ ކަންތައްތައް ބަދަލުވެ އަދި ޚާއްޞަކޮށް، ތިމާވެށްޓަށް އަންނަ ބަދަލުތައް، ކްލައިމެޓް ޗޭންޖް، ނޫނީ އެކްސްޓްރީމް ވެދަރގެ ސަބަބުން ކޮންމެ ދުވަހަކުވެސް ހީނުކުރާކަހަލަ ކަންތައްތަކެއް ދުނިޔޭގައި ހިނގަމުން އެބަދޭ. ކޮންމެވެސް އެއްތަނަކަށް ވާރޭ ނުވެހި، ދުވަސްތަކެއް ފާއިތުވެއްޖެ ކަމަށްވަންޏާ، އަނެއް ޤައުމެއްގައި، ފެންބޮޑުވެގެން އުޅޭ ޚަބަރުތައް ލިބެމުން މިދަނީ. އޭގެ ސަބަބުން މުޅި މޭންކައިންޑަށް، އަދި އަޅުގަނޑުމެން ދިރިއުޅުމަށްޓަކައި ދުވަހުން ދުވަހަށް އުފައްދަންޖެހޭ ތަކެއްޗާއި، ކުރަންޖެހޭ މަސައްކަތްތަކާ، އެ ހުރިހާ ކަމަކަށް ޗެލެންޖްތަކެއް ކުރިމަތިވަނީ. ހަމައެއާއެކު، ރާއްޖޭގައިވެސް އަޅުގަނޑުމެންނަށް އެބަ ފެނޭ، އުދައެރުމާއި އަދި ތިމާވެށްޓާ އެހެނިހެން ގުޅުންހުރި ކަންތައްތަކަށް ހުރި ގޮންޖެހުންތައް.

އެހެންވީމާ، މިއަދު އަޅުގަނޑުމެން މި ކަންތައްތަކަށް ކުރިއަށްވުރެ ބޮޑަށް ވިސްނައި، ޚާއްޞަކޮށް، ވޭސްޓް މެނޭޖް ކުރުމާއި، ރީތި އާދަތައް ހުންނަ ބައެއްގެ ގޮތުގައި، ޤައުމުދެކެ ލޯބިވާ، ޤައުމަށްޓަކައި ކޮންމެ މީހަކުވެސް، ކޮންމެ ކުއްޖަކުވެސް، ތިމަންނާގެ ޤައުމުކަން މިއީ، ތިމަންނާގެ ޒިންމާއެއްކަން، ޤައުމުގެ ކަންތައްތައް ރަނގަޅަށް ބެހެއްޓުން، ސާފުތާހިރު މުޖުތަމަޢެއް، ތިމާވެށްޓެއް އަޅުގަނޑުމެންގެ އޮތުން އެއީ. އެ ވިސްނުމުގައި މިއަދު ހަމަ ހުރިހާ ކުދިންވެސް އެގޮތަށް މަސައްކަތްތައް ކުރަންޖެހޭނެ. ހަމަ އެއާއެކީ، ކަންތައްތައް ކުރުމުގައި، ވީހާވެސް ބޮޑަށް ވޭސްޓް މަދުކުރެވޭނެ ގޮތްތައް އަބަދުވެސް ބަލަންޖެހޭނެ.

އާދެ، އަޅުގަނޑު ގަބޫލުކުރަނީ، މި ހަރަކާތުގެ ސަބަބުންވެސް މުޅި ރާއްޖެއަށް، މުޅި ރާއްޖޭގެ ހުރިހާ ސްކައުޓް ކުދިންނަށް އަދި ހަމައެއާއެކު، ދަރިވަރުންނަށް އިރާދަކުރެއްވިއްޔާ ފައިދާތަކެއް ލިބިގެންދާނެ ކަމަށް. ޤައުމުގައި ކުރެވޭ އެކިއެކި މަސައްކަތްތަކުގައި ތިޔަކުދިން މިއަދު ބައިވެރިވުމުން، އޭގެ ފައިދާ އިރާދަކުރެއްވިއްޔާ، މާދަމާ ތިޔަކުދިންނަށް ލިބިގެންދާނެ.

މި ކަންތައް އިންތިޒާމްކޮށް ހަމަޖެއްސި ހުރިހާ ފަރާތްތަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި ސްކައުޓް އެސޯސިއޭޝަނުން ކުރައްވާ މަސައްކަތްތައް އަޅުގަނޑު ފާހަގަކޮށް، އެ ފަރާތަށްވެސް ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު ދަންނަވަން. އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރައްވާ މަސައްކަތްތައްވެސް އަޅުގަނޑު ފާހަގަކޮށް، އެޑިޔުކޭޝަން މިނިސްޓްރީއަށާއި، ދިވެހިރާއްޖޭގެ ހުރިހާ ސްކޫލްތަކަށް އަޅުގަނޑު ޚާއްޞަ ޝުކުރެއް ދަންނަވާލަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ. އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް، ވަރަށްބޮޑު ޝަރަފެއް، ތިޔަކުދިންނާއެކު މިކަމުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެން ދިއުމަކީ.

އަޅުގަނޑުގެ ދުޢާއަކީ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ހެޔޮގޮތްތައް މެދުވެރިވެގެން ދިއުން. އަދި އަޅުގަނޑުމެން ކުރާ މަސައްކަތުގައި اللَّـهُ سُبْحَانَهُ وَتَعَالَىٰ ބަރަކާތްލައްވައި އަދި އަޅުގަނޑުމެންގެ ދަރިވަރުންނަކީ ހެޔޮލަފާ، ރަނގަޅު، ވިސްނުންތެރި، ހުނަރުވެރި ދަރިންތަކެއްގެ ގޮތުގައި ލެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.