بسـم اللّـه الرّحمـن الرّحيـم

 اَلْحَمـدلِلّـَه رَبِّ العَـالَمِينَ، قَالَ فِ كِتَابِهِ الْمُبِين: "وَإِنْ حَكَمْتَ فَاحْكُمْ بَيْنَهُمْ بِالْقِسْطِ، إِنَّ اللَّـهَ يُحِبُّ الْمُقْسِطِينَ" وَالصَّلاَةُ وَالسَّلاَمُ عَلى خَاتِمِ الأَنْبِيَاءِ وَلمْمُرْسَلِينَ، حَدَّدَ وَاجِبَاتِ الْحُكًّامِ وَحُقُوقَ اْلمَحْكُومِينَ، وَبَيّنَ لَهُمْ جَمِيعًا طَرِيقَ الْخَيرِ وَالصَّلاحِ فِى شُئُونِ اْلأُمَّةِ وَأُمُورِالدِّين.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ، ވޭތުވެދިޔަ އަހަރު ދައުލަތުގެ ކަންތައްތައް ހިނގިގޮތުގެ އާންމު ރިޕޯޓެއް ހުށަހަޅައި، ކުރިއަށް އޮތް އަހަރު ދައުލަތުގެ ސިޔާސަތު ބިނާކުރާނޭގޮތް ބަޔާންކޮށް، ރައްޔިތުންގެ މަޖިލީސް ހުޅުވައިދިނުމަށް މިލިބޭ ފުރުސަތު އަޅުގަނޑު ދެކެނީ ވަރަށް އަގުބޮޑު އަދި އެހާމެ ބޭނުންތެރި ފުރުސަތެއް ކަމުގައި.

ވީމާ، މި މުހިންމު އަދި އުފާވެރި ފުރުސަތު ލިބުނުކަމަށްޓަކައި اللّـه سبحانه وتعالى އަށް ޙަމްދާއި ޝުކުރުކުރަން.

                                                                            ދައުލަތް ހިންގުން

1985 ވަނަ އަހަރުގެ ތެރޭގައި ދައުލަތް ހިންގުމުގެ އެންމެހައި ކަންތައްތައް ހިނގަމުން ދިޔައީ ހިތްހަމަޖެހޭފަދަ ގޮތެއްގައި، އޮމާންކަމާއި ހަލުއިކަމާއެކުގައި، ދައުލަތް ހިންގުމުގެ ކަންތައްތަކުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އޮފީސްތައް ހިންގެވުމާ ހަވާލުވެވަޑައިގެން ތިއްބެވި ވެރީންގެ އެހީ އަޅުގަނޑަށް ލިބެމުންދިޔައީ، އެ ހުރިހާ ބޭފުޅުންނަށް ޝުކުރު ދެންނެވުން ޙައްޤު މިންވަރަކަށް.

ދައުލަތް ހިންގުމުގެ ދާއިރާގައި ވޭތުވެދިޔަ އަހަރު އެޅުނު އެންމެ މުހިންމު އެއްފިޔަވަޅަކީ، ޤައުމުގެ މުހިންމު މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރުމުގެ ދާއިރާ މިހާރަށްވުރެ ފުޅާކުރުމުގެގޮތުން، ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަށްޓަކައި އޮންނަ މަޝްވަރާ މަޖިލީހެއް އުފެއްދުން. ވޭތުވެދިޔަ އަހަރު މަޝްވަރާ މަޖިލީހުގެ އެތައް ޖަލްސާއެއް ބޭއްވުނު. އަދި އެ މަޖިލީހުގެ ފަރާތުން އަޅުގަނޑަށް ލިބެމުންދިޔައީ، ވަރަށް ހަރުދަނާ މަޝްވަރާތަކެއް ކަމުގައި ދަންނަވަންޖެހޭ.

ދައުލަތް ހިންގުމުގެ ކަންތައްތައް އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީކުރެވޭތޯ ސަރުކާރުން އަބަދުވެސް ގެންދަނީ މަސައްކަތް ކުރަމުން. 1985 ވަނަ އަހަރުގެ ތެރޭގައިވެސް މި ރޮނގުން ވަރަށްގިނަ މަސައްކަތްތަކެއް ކުރެވިފައިވޭ. އޭގެތެރޭގައި އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ އެއްކަމަކީ، ސަރުކާރުގެ މުވައްޒަފުންނަށް ދެވުނު ވަޒީފާގެ ތަމްރީނު ކޯސް. ވޭތުވެދިޔަ އަހަރު ދެބުރެއްގެމަތިން ސަރުކާރުގެ ހުރިހާ އޮފީސްތަކުގައި އުޅޭ ސެކްރެޓެރީން ފެންވަރުގެ މުވައްޒަފުންނަށް އެމީހުން އަދާކުރާ ވަޒީފާއާ ބެހޭގޮތުން ތަމްރީނު ދެވުނު. މީގެއިތުރަށް، ރާއްޖެތެރޭގެ ރަށްރަށުގެ ވެރިންނާއި، ޤާޟީންނާއި، އިމާމުންނާއި މުދިމުންނަށްވެސް ތަމްރީނު ދިނުމުގެ ކޯސްތައް ހިންގިފައިވޭ.

1985 ވަނަ އަހަރަކީ، ރާއްޖޭގެ ތަރައްޤީގެ ފުރަތަމަ ތިންއަހަރުގެ މަޝްރޫޢު ހިންގަން ފެށި އަހަރު. އެހެންކަމާއެކު، ވޭތުވެދިޔަ އަހަރު ރާއްޖޭގެ ތަރައްޤީގެ ކަންތައްތައް ހިންގަމުން ގެންދިޔައީ، ވެވުނުވަރަކުން އެ މަޝްރޫޢާ އެއްގޮތްވާ ގޮތުގެމަތިން.

ދައުލަތް ހިންގުމުގެ އެންމެ މުހިންމު އެއްބައި ކަމުގައިވާ ޢަދުލުއިންޞާފު ޤާއިމުކުރުމަށްޓަކައި ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް ހަރުދަނާ ފިޔަވަޅުތަކެއް އެޅުނު. އޭގެތެރޭގައި މިނިސްޓްރީ އޮފް ޖަސްޓިސްގެ ދަށުގައިވާ މާލޭގެ ކޯޓުތަކުން ބަލަންޖެހޭ ޤަޟިއްޔާތައް، ކުރިން އެކި ކޯޓުތަކަށް ބަހާފައިވާ އުސޫލަށްވުރެ ހަމަޖެހޭ ގަވާއިދަކުން ކޯޓުތަކަށް ބަހާލުން ހިމެނޭ. އަދި ބައެއް ކޯޓުތަކުގެ ޤާޟީންގެ އިތުރަށް ގާޟީންގެ އެހީތެރިން ލައްވައި، ނުރަސްމީ ގަޑީގައިވެސް ކޯޓުތަކުގެ މަސައްކަތް ހިންގައިގެން، މިދިޔަ އަހަރުގެ ތެރޭގައި މާލޭގެ ކޯޓުތަކުން 2,226 ޤަޟިއްޔާ ބަލައި ނިންމިފައިވޭ.

ފުލުސް ކޯޓުން ވޭތުވެދިޔަ އަހަރުގެ ތެރޭގައި، 900 ޤަޟިއްޔާ ބަލައި ނިންމިފައިވޭ. އަދި ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމަށްޓަކައި 96 ޤަޟިއްޔާ ހުށަހެޅި، 1984 ވަނަ އަހަރު ނުނިމިހުރި ޤަޟިއްޔާތަކާއެކު، 101 ޤަޟިއްޔާ ހައިކޯޓުން ނިންމިފައިވޭ.

ވޭތުވެދިޔަ އަހަރު ރާއްޖެތެރޭގެ ރަށްރަށުގެ ކޯޓުތަކުން ނިންމިފައިވަނީ، 6,316 ޤަޟިއްޔާ. މީގެތެރޭގައި މިނިސްޓްރީ އޮފް ޖަސްޓިސްގެ ފަރާތުން ރާއްޖެތެރެއަށް އެކިފަހަރުމަތިން ފޮނުވި ޝަރުޢީ ވަފްދުތަކުން ނިންމިފައިވާ ޤަޟިއްޔާތައްވެސް ހިމެނޭ.

އަދި މީގެކުރީ އަހަރުތަކެކޭ އެއްފަދައިން ޤާޟީންނަށް ތަމްރީނުދިނުމާއި، ގާޟީކަން ދަސްކޮށްދިނުމުގެ މަސައްކަތް މިދިޔަ އަހަރުގެ ތެރޭގައިވެސް ކުރިޔަށް ގެންދެވުނު.

                                                                            ދާޚިލީ ހިންގުން

ރާއްޖޭގެ ދާޚިލީ ހިންގުމުގައި ވޭތުވެދިޔަ އަހަރު ކުރެވުނު އެންމެ މުހިންމު އެއްކަމަކީ، މުޅިރާއްޖޭގެ ބޯހިމެނުން. މިއީ، 1977 ވަނަ އަހަރުގެ ފަހުން ރާއްޖޭގައި ބޭއްވުނު ފުރަތަމަ ބޯހިމެނުން. ހަމައެފަދައިން، އެކުވެރި ދައުލަތްތަކުން ގަބޫލުކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ރާއްޖޭގައި ބޭއްވުނު ފުރަތަމަ ބޯހިމެނުންވެސްމެ. މި ބޯހިމެނުން ދައްކާގޮތުން ރާއްޖޭގައި ތިބީ 181,453 މީހުން. އަދި ރާއްޖޭގައި މީހުން އިތުރުވަމުން އަންނަ އަދަދަކީ އަހަރަކު %3.27.

ރާއްޖެތެރެ ތަރައްޤީކުރުމަށްޓަކައި ހިންގަމުންގެންދާ މަޝްރޫޢުގެ މަސައްކަތްތައް މިދިޔަ އަހަރުގެ ތެރޭގައިވެސް ކުރަމުން ގެންދެވުނު. މި މަޝްރޫޢުގެ ދަށުން ރާއްޖެތެރޭގައި 10 މިސްކިތް އަލަށް އިމާރާތްކޮށް، 10 މިސްކިތް މަރާމާތު ކުރެވުނު. 5 ރަށު އޮފީހާއި ރަށްވެހިގެ އެޅުނު. މީގެއިތުރަށް، އަރިއަތޮޅު ކުރަމަތިން ރަސްދުއަށް ބަދަލުކުރެވިފައިވާ މީހުންގެ ގެދޮރު އެކަށީގެންވާ ފެންވަރަކަށް މަރާމާތުކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތް މިދިޔަ އަހަރުގެ ތެރޭގައިވެސް ކުރިޔަށް ގެންދެވުނު. 1985 ވަނަ އަހަރު ނިމުނުއިރު މި މަސައްކަތަށް -/1,385,917 ރުފިޔާ ހޭދަވެފައިވޭ. އަހަރު ނިމުނުއިރު މި މަސައްކަތުގެ ވަރަށްބޮޑު ބައެއް ވަނީ ނިމިފައި.

ރާއްޖެތެރޭގައި ވޭތުވެދިޔަ އަހަރުގެ ތެރޭގައި ފެށްޓުނު އެންމެ ޚާއްޞަ އެއް މަސައްކަތަކީ، ރާއްޖެތެރޭގައި އެންމެގިނަ މީހުން އުޅޭ އެއްރަށް ކަމުގައިވާ ކުޅުދުއްފުށީގެ ފަޅު ފުންކޮށް ބަނދަރު ހެދުމުގެ މަސައްކަތް. މިއީ، އޭޝިޔާގެ ތަރައްޤީގެ ބޭންކުން ލިބުނު ލޯނެއްގެ އެހީއާއެކު ސަރުކާރުން ހިންގާ މަޝްރޫޢުތަކެއްގެ ތެރެއިން އެއް މަޝްރޫޢު. ރާއްޖެތެރޭގެ ބައެއް އެހެން ރަށްރަށުގެ ފަޅު ފުންކުރުމާއި ބަނދަރު ހެދުންވެސް މި މަޝްރޫޢުގައި ހިމެނިފައިވޭ.

ވޭތުވެދިޔަ އަހަރު މާލޭގައިވެސް ބަނދަރު ހެދުމުގެ ވަރަށް މުހިންމު މަޝްރޫޢެއް ފެށި، އެ މަޝްރޫޢުގެ މަސައްކަތް ހިނގަމުން އެބަދޭ. މާލޭގެ ވިޔަފާރި ބަނދަރުގެ ނަމުން ނަންދެވިފައިވާ މި މަޝްރޫޢަކީ، އާގުބޯޓުފަހަރުން މުދާ ބާލާނޭ ރަނގަޅު ބަނދަރެއް ހެދުމަށްޓަކައި ހިންގޭ މަޝްރޫޢެއް. އަދި މި މަސައްކަތުގެ ފުރަތަމަބައި މިއަހަރު ނިމޭނެކަމަށް ލަފާކުރެވޭ.

މީގެ ހައަހަރު ކުރިން ފެށިފައިވާ މާލޭގެ ދެކުނުފަރާތު ފަޅުން ބިން ހިއްކުމުގެ މަސައްކަތްވެސް މިދިޔަ އަހަރުގެ ތެރޭގައި ވަރަށްބާރަށް ކުރިޔަށް ގެންދެވުނު. ހިއްކުމަށް ކަނޑައެޅިފައިވާ 6.4 މިލިޔަން އަކަފޫޓުގެ ތެރެއިން، މިދިޔަ އަހަރު ނިމުނުއިރު 5.9 މިލިޔަން އަކަފޫޓުގެ ބިން ހިއްކިފައިވޭ.

އިޖުތިމާޢީ ޚިދްމަތް

ރާއްޖޭގެ ދާޚިލީ ހިންގުމުގެ އެންމެބޮޑު އެއްބައި ކަމުގައިވާ، ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ދެމުންގެންދާ އިޖުތިމާޢީ ޚިދްމަތްތައް 1985 ވަނަ އަހަރުގެ ތެރޭގައިވެސް އެދެވޭ ގޮތެއްގައި ދެމުން ގެންދެވިފައިވޭ.

ރާއްޖޭގެ ދަރިންނަށް ތަޢްލީމު ދިނުމުގެގޮތުން ސަރުކާރުގެ ފަރާތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި، 1985 ވަނަ އަހަރު މާލޭގައި ސަރުކާރުން ހިންގާ އާ ޕްރައިމަރީ ސްކޫލެއް ވަނީ ހުޅުވިފައި.

އަދި، ރާއްޖެތެރޭގެ ކޮންމެ އަތޮޅެއްގައި އަތޮޅު ތަޢްލީމީ މަރްކަޒަކާއި އަތޮޅު މަދަރުސާއެއް އުފެއްދުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢު ވޭތުވެދިޔަ އަހަރުގެ ތެރޭގައި ނިމުމަކަށް ގެނެވުނު. މިދިޔަ އަހަރު އިތުރު އެއް އަތޮޅު މަދަރުސާއާއި، ދެ ތަޢުލީމީ މަރުކަޒު ރާއްޖެތެރޭގައި އިމާރާތްކޮށް ނިމި، ދެ ތަޢުލީމީ މަރުކަޒު މިހާރު ވަނީ ހުޅުވިފައި. މި ދެ މަރުކަޒު ހުޅުވުމުން، މިހާރު ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް ސަރުކާރުގެ ފަރާތުން ހިންގާ ތަޢުލީމީ މަރުކަޒެއް އެބަހުރި. އަދި މިހާރު ނުހުޅުވިހުރި އަތޮޅު މަދަރުސާ މިއަހަރުގެ ތެރޭގައި ހުޅުވުމުން، ފުވައްމުލައް ފިޔަވައި އެހެން ކޮންމެ އަތޮޅެއްގައި އަތޮޅު މަދަރުސާއެއް ހުންނާނެ. 1985 ވަނަ އަހަރު ނިމުނުއިރު، މުޅި ރާއްޖޭގައި ސަރުކާރުގެ ފަރާތުން އާންމު ތަޢުލީމުދޭ 44 ތަން ހުރި. މީގެއިތުރަށް، އެކި ރޮނގުރޮނގުން ސަރުކާރުގެ އެހީ ލިބިގެން ހިންގަމުންގެންދާ 17 މަދަރުސާއާއި، 55 މަކުތަބު ހުރި. ރަށްރަށުގެ ރައްޔިތުންނާއި، އަމިއްލަ ފަރާތްފަރާތުން ހިންގަމުންގެންދާ މަދަރުސާއާއި މަކުތަބުތައްވެސް މާލެއާއި ރާއްޖެތެރޭގައި ހިނގަމުންދޭ. އެ ހުރިހާ ތަނެއް ހިމެނޭގޮތުން، 1985 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގައި ހުރީ، 107 މަދަރުސާއާއި، 149 މަކުތަބު. މި ތަންތާނގައި ތަޢުލީމު ހާސިލުކުރަމުން ގެންދާ ކުދިންގެ އަދަދަކީ، 46,575. މިއީ، 1984 ވަނަ އަހަރަށްވުރެ ގާތްގަނޑަކަށް %5 އިތުރުވެފައިވާ އަދަދެއް.

ރާއްޖޭގެ ދަރިންނަށް ތަޢުލީމު ދިނުމަކީ ވީހާ ގިނަ ބައެއްގެ ޚިޔާލާއި މަޝްވަރާ އެކަމުގައި ބޭނުންވާނޭ ކަމެއް ކަމުގައިވާތީ، ރާއްޖޭގެ ހުރިހާ އަތޮޅުތަކުގެ މަންދޫބުންނާއި، ސަރުކާރުގެ އޮފީސްތަކާއި ތަޢުލީމީ ދާއިރާގެ މަންދޫބުން ބައިވެރިވެގެން ވޭތުވެދިޔަ އަހަރުގެ ތެރޭގައި ތަޢުލީމާބެހޭ ޤައުމީ ޖަލްސާއެއް ބާއްވައި، ރާއްޖޭގެ ތަޢުލީމުގެ ދިހަ އަހަރު ދުވަހުގެ މަޝްރޫޢަކާމެދު ވިސްނައި ޚިޔާލު ބަދަލުކުރެވުނު. އަދި މިހާރު މި މަޝްރޫޢު ވަނީ ރާއްޖޭގެ ނޭޝަނަލް ޕްލޭނިންގ ކައުންސިލަށް ހުށަހެޅުމަށް ތައްޔާރުކުރެވިފައި.

ތަޢުލީމުގެ ރޮނގުގައި އެންމެ ޚާއްޞަ ބައެއް އަދާކުރާ ބަޔަކީ މުދައްރިސުން ކަމަށް ވުމާއެކު، އިތުރު މުދައްރިސުން އުފެއްދުމުގެ މަސައްކަތް ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް ކުރިޔަށް ގެންގޮސް، އެއަހަރުގެ ނިޔަލަށް 354 މުދައްރިސުން އުފެއްދިފައިވޭ. އަދި ޚިދުމަތުގައި ތިބި މުދައްރިސުން ތާޒާކުރުމުގެ ތަފާތު ކޯސްތައް ހިންގިފައިވޭ.

ބޮޑެތި މީހުންނަށް އުނގަންނައިދިނުމަށްޓަކައި އަސާސީ ތަޢުލީމުގެ ޕްރޮގްރާމާއި، ރޭޑިޔޯގެ ޒަރީއާއިން ދެމުންގެންދާ މަޢުލޫމާތުތައް މިދިޔަ އަހަރުވެސް މެދުކެނޑުމެއްނެތި އެދެވޭ ގޮތެއްގައި ހިންގަމުން ގެންދެވުނު. އަދި ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރުގެ މަސައްކަތްތައް ތަރައްޤީކޮށް، މާލޭގެ އިތުރަށް ރާއްޖެތެރޭގެ ބައެއް ރަށްރަށުގައިވެސް އެކިއެކި މަސައްކަތްތައް ދަސްކޮށްދިނުމުގެ ކޯސްތައް ހިންގުން.

ރާއްޖޭގެ ދަރިންނަށް މަތީ ތަޢުލީމު ހޯދައިދިނުމަށާއި، އެކިއެކި ފަންނުގައި ރާއްޖެއިން ލިބެންނެތް ތަޖުރިބާތައް ހޯދައިދިނުމަށްޓަކައި، ރާއްޖޭގެ ދަރިން ބޭރުގެ އެކިއެކި ޤައުމުތަކަށް ފޮނުވައިގެން ތަޢުލީމު ހާސިލުކޮށްދިނުމުގެ ގޮތުން، 1985 ވަނަ އަހަރު 232 ކުދިން ރާއްޖެއިން ބޭރަށް ފޮނުވިފައިވޭ. އެއީ މަތީ ތަޢުލީމު ހޯދުމަށް ފޮނުވުނު 11 ކުދިންނާއި، އެނޫން ތަމްރީނު ކޯސްތަކަށް ދިޔަ 221 ކުދިން. ރާއްޖެއިން ބޭރުން ތަޢުލީމު ހާސިލުކޮށްގެން މިދިޔަ އަހަރު އެނބުރި އައިސްފައިވަނީ، މަތީ ތަޢުލީމު ހާސިލުކުރި 10 ކުދިންނާއި، އެކިއެކި ތަމްރީނު ލިބިގެން އައި 184 ކުދިން.

ޞިއްޙީގޮތުން ސަރުކާރުގެ ފަރާތުން ރައްޔިތުންނަށްދޭ ޚިދުމަތްތަކުގެ ސަބަބުންނާއި ރައްޔިތުންގެ މެދުގައި އިތުރުވަމުންދާ ޞިއްޙީ ހޭލުންތެރިކަމުގެ ސަބަބުން، اللّـه سبحانه وتعالى ގެ ވާގިފުޅާއެކު، ވޭތުވެދިޔަ އަހަރަކީ ޞިއްޙީގޮތުން ރާއްޖޭގެ ޙާލަތު ރަނގަޅު އަހަރެއް ކަމުގައި ދަންނަވަންޖެހޭ. އާދެ! މިދިޔަ އަހަރު ރާއްޖޭގެ އެއްވެސް ހިސާބެއްގައި ނުރައްކާތެރި ބައްޔެއް ނުވަތަ ނުރައްކާތެރި ރޯގާއެއް ފެތުރިފައެއް ނެތް.

ޞިއްޙީގޮތުން ދެވޭ އެންމެ ފާޅުކަންބޮޑު ޚިދުމަތަކީ، މާލޭގެ ސެންޓްރަލް ހޮސްޕިޓަލުންނާއި ރާއްޖެތެރޭގެ ރީޖަނަލް ހޮސްޕިޓަލްތަކުން، އަދި ޞިއްޙީ މަރުކަޒުތަކުން ދެވެމުންދާ ޚިދުމަތްތައް. ކަން މިހެން ހުރުމާއެކު، ވޭތުވެދިޔަ އަހަރު ސެންޓްރަލް ހޮސްޕިޓަލުގެ އިމާރާތް ބޮޑުކުރުމުގެ މަސައްކަތާއި، ލޭ ބޭނުންވާ މީހުންނަށް، ރައްކާތެރި ގޮތެއްގައި ލޭ ބަހައްޓައިދެވޭނެ ބްލަޑް ބޭންކެއް ތައްޔާރުކުރަން ފެށުން ހިމެނޭ. އަދި މިހާރު ރާއްޖެތެރޭގައި ހުރި 3 ރީޖަނަލް ހޮސްޕިޓަލުގެ އިތުރަށް، އެފަދަ އެހެން ތަނެއް މުލަކަތޮޅު މުލީގައި އިމާރާތް ކުރުމުގެ މަސައްކަތް ފެށިފައިވޭ.

ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ސާފު ބޯފެން ލިބޭނޭގޮތް ހަދައިދެވޭތޯ ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގައި، ވޭތުވެދިޔަ އަހަރު ރާއްޖެތެރޭގެ 11 ރަށެއްގައި 10,000 ލީޓަރު ފެން އެޅޭވަރުގެ 120 ތާނގީ ހަދާ ނިންމިފައިވޭ. އަދި މާލޭގެ ބޯފެނުގެ ކަންތައްތައް ރަނގަޅު ގޮތެއްގައި ހަމަޖެއްސޭތޯ ރޭވިފައިވާ މަޝްރޫޢު މިދިޔަ އަހަރުގެ ތެރޭގައި ހިންގަން ފެށުނު. މި މަޝްރޫޢުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި، މާލޭގެ ބޮޑެތި މަގުތަކުގައި ފާޚާނާހޮޅިލައި، 9,900 ކޮޑިމީޓަރުގެ ފެން ނަގާވަރުގެ ތާނގީ ހަދައި، އެ ތާނގީތަކުގެ ފެން ފިލްޓަރު ކޮށްފައި، ކަނޑައެޅޭ ތަންތަނުން ޢާންމުންނަށް ދޫކުރާގޮތަށް ހަމަޖައްސައިދިނުން ހިމެނޭ. އަދި އަމިއްލަ މީސްމީހުންގެ ގޭގޭގައި ވާރޭފެން ނަގާ ތާނގީ ހަދައިދިނުމުގެ ބައެއްވެސް ހިމެނޭ.

ޞިއްޙީ ދާއިރާގައި ޚިދުމަތް ކުރާނޭ މީހުން އުފެއްދުމަކީ މިހާރު ރާއްޖެއަށް ވަރަށްބޮޑަށް ބޭނުންވެފައިވާ ކަމެއް. 1985 ވަނަ އަހަރުގެ ތެރޭގައި، ޞިއްޙީ ރޮނގުން ރާއްޖެއިން ބޭރުން ތަމްރީނު ހޯދުމަށް 14 މީހުން ފޮނުވިފައިވޭ. އަދި ބޭރުގައި ތިބި މީހުންގެ ތެރެއިން، ތަޢުލީމު ހާސިލުކޮށް ނިމިގެން 13 މީހުން އައިސްފައިވޭ. މީގެއިތުރަށް، ރާއްޖޭގައި ބޭއްވުނު ކޯސްތަކުގައި، 17 ނަރުހުންނާއި، 28 ފޫޅުމައިންނާއި، 13 ޖަމާޢަތުގެ ޞިއްޙީ އެހީތެރިންނަށް ތަމްރީނު ދެވިފައިވޭ.

ހުސްވެދިޔަ 1985 ވަނަ އަހަރަކީ ބައިނަލްއަޤްވާމީ ޒުވާނުންގެ އަހަރު ކަމަށް ވުމާއެކު، އެ އަހަރުގެ ތެރޭގައި ޒުވާނުންގެ ޙަރަކާތްތަކަށް ސަރުކާރުން ވަރަށްމަތީ އަހަންމިއްޔަތެއް ދިން. މީގެ 5 އަހަރު ކުރިން އުފައްދާފައިވާ ޒުވާނުންގެ މަޖިލީހުގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް، ކުރިން އޮތްގޮތަށްވުރެ ބޮޑަށް ޒުވާނުންނާއި ޒުވާނުންނާބެހޭ ސަރުކާރުގެ ދާއިރާތައް ތަމްސީލު ކުރެވޭ ގޮތެއްގައި ޒުވާނުންގެ މަޖިލީސް އަލުން އުފެއްދުނު. އަދި އެ މަޖިލީހުގެ ދަށުން ހިނގަމުންދާ ޒުވާނުންގެ މަރުކަޒުގެ ޙަރަކާތްތަކުގައިވެސް ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ޒުވާނުން އަމިއްލައަށް ކަންތައްތައް ހިންގުމުގެ ގޮތްތައް ރޭވުނު. ޒުވާނުންނަށް އެކިއެކި ކުޅިވަރުތައް ދަސްކޮށްދިނުމާއި، ފެހުން، ފޮޓޯ ނެގުން ފަދަ ދިރިއުޅުމަށް ބޭނުންހިފޭ މަސައްކަތްތައް ދަސްކޮށްދިނުމުގެ ކޯސްތައް ހިންގުނު.

އަންހެނުންގެ ޤައުމީ ކޮމިޓީގެ ފަރާތުން ހިންގަމުން ގެންދާ އަންހެނުންގެ ތެރޭގައި ޖަމާޢަތުގެ ކަންކަމުގައި އިސްނަގައިގެން އުޅޭނެ މީހުން އުފެއްދުމުގެ ކޯސްތައް ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް ކުރިޔަށް ގެންދެވުނު. މި ކޯސްތަކުގައި 2 އަތޮޅެއްގެ 25 ރަށުން 25 އަންހެނުންނަށް ތަމްރީނު ދެވިފައިވޭ.

އަދި ބައިނަލްއަޤްވާމީ ގޮތުން ގެނައި އަންހެނުންގެ ދިހަ އަހަރު ނިމުމާ ގުޅިގެން، އެ ދިހަ އަހަރުގެ ތެރޭގައި ކާމިޔާބު ކުރެވުނު ކަންތައްތައް ބަލައި، ކުރިޔަށްއޮތްތާނގައި ކަންތައްތައް ގެންދާނޭގޮތެއް ކަނޑައެޅުމަށްޓަކައި، އެކުވެރި ދައުލަތްތަކުގެ ފަރާތުން ނައިރޯބީގައި މިދިޔަ އަހަރު ބޭއްވި ދުނިޔޭގެ އަންހެނުންގެ ޖަލްސާގައި ރާއްޖޭގެ ފަރާތުން ބައިވެރިވި.

ރާއްޖޭގެ ކުޅިވަރު ތަރައްޤީ ކުރުމުގެގޮތުން، 1985 ވަނަ އަހަރު އެޅުނު އެންމެ މުހިންމު ފިޔަވަޅަކީ، ދިވެހިރާއްޖެ ބައިނަލްއަޤްވާމީ އޮލިމްޕިކް ކޮމިޓީގައި ބައިވެރިވުން. މިކަމުގެ ސަބަބުން، 1988 ވަނަ އަހަރު އޮންނަ ދުނިޔޭގެ އޮލިމްޕިކް މުބާރާތުގައި ރާއްޖޭގެ ޓީމެއް ބައިވެރިކުރުމުގެ ފުރުސަތުވަނީ ލިބިފައި.

ބޭރުގެ ޤައުމުތަކުން އެކިއެކި ކުޅިވަރުތަކުގެ މާހިރުން ގެނެސް، ޚާއްޞަ ކްލާސްތައް ހިންގައި ތަމްރީނުތައް ދެވުނު. އަދި ރާއްޖޭގައި ބާއްވަމުން ގެންދާ ކުޅިވަރު މުބާރާތްތަކުގެ ތެރެއިން ފުޓްބޯޅަ މުބާރާތް، ދުނިޔޭގެ އެހެން ތަންތާނގައިވެސް އެފަދަ މުބާރާތްތައް އޮންނަ އުސޫލުން، ފެންވަރުގެ ގޮތުން ތަފާތު ބައިތަކަކަށް ބަހާލައިގެން މިދިޔަ އަހަރު ބޭއްވުނު. ކުޅިވަރުގެ ރޫޙު ހެޔޮގޮތުގައި މުޅި ރާއްޖެއަށް ފެތުރޭތޯ، މިއަހަރުން ފެށިގެން ރާއްޖެތެރޭގެ ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ކަނޑައަޅައި، މިދިޔަ އަހަރުވަނީ އެކަން އިޢުލާނު ކުރެވިފައި.

މިދެންނެވި މުހިންމު ދާއިރާތަކުގެ އިތުރަށް، ތަފާތު އިޖުތިމާޢީ ދާއިރާތަކެއްގައި ސަރުކާރުގެ ފަރާތުން ގެންދަނީ ރައްޔިތުންނަށް ވަރަށްގިނަ އެހީތަކެއް ފޯރުވަމުން. މިގޮތުން ދެވޭ އެންމެ ޚާއްޞަ އެއް އެހީއަކީ، އަމިއްލައަށް ބޭސްކުރެވޭފަދަ ތަނަވަސްކަން ނެތް މީހުންނަށް ސަރުކާރުގެ އެހީގައި ބޭސްކޮށްދިނުން. 1985 ވަނަ އަހަރުގެ ތެރޭގައި 3,224 މީހުންނަށް ސަރުކާރުން ބޭސްކޮށްދެވިފައިވޭ. ވޭތުވެދިޔަ އަހަރު ސަރުކާރުގެ ޚަރަދުގައި ބޭސްކޮށްދެވުނު މީހުންނަށް 3.3 މިލިޔަން ރުފިޔާ ޚަރަދުވެފައިވޭ.

މާލެއަތޮޅު މާފުށީގަޔާއި ގުރައިދޫގައި ހިންގަމުންގެންދާ ކުޑަކުދިންގެ އިޞްލާޙިއްޔާއާއި ދައުލަތުގެ ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ތިބޭ މަރްކަޒަކީވެސް އިޖްތިމާޢީ ގޮތުން ޚާއްޞަ އެހީތަކެއް ދެވޭ ތަންތަން. މާފުށީ އިޞްލާޙިއްޔާގައި މިދިޔަ އަހަރު ފެށުނުއިރު 156 ކުދިން ތިބި. އެތަނުން ބައެއް ކުދިން އެކުދިންގެ ތަޢުލީމު ނިންމުމާ ގުޅިގެން، ސަރުކާރުގެ އެކިއެކި އޮފީސް އޮފީހަށް ލެއްވުމަށްފަހު، އަހަރު ނިމުނުއިރު 130 ކުދީން އެތާނގައި ތިބި. ގުރައިދޫގައި ހުންނަ މަރުކަޒުގައި 1985 ވަނަ އަހަރު ނިމުނުއިރު 58 ފިރިހެނުންނާއި 22 އަންހެނުން ތިބި. އެމީހުން ބެލެހެއްޓުމަށްޓަކައި މިދިޔަ އަހަރު ގާތްގަނޑަކަށް -/511,000 ރުފިޔާ ހޭދަވެފައިވޭ.

ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭގައި، މިސްކިތްތަކާބެހޭ ޤައުމީ މަޖިލީހާއި، ރާބިޠަތުލް ޢާލަމިލް އިސްލާމީއާ ގުޅިގެން، މިދިޔަ އަހަރު ރާއްޖޭގައި ބޭއްވުނު މުހިންމު އިސްލާމީ ނަދުވާއަކީ، އަދި އެއާއެކު ބޭއްވުނު އިމާމުންނަށް ތަމްރީނު ދިނުމުގެ ކޯހަކީ، ވަރަށްވެސް މުހިންމު އަދި ތާރީޚީ ކަމެއް. މި ތަމްރީނު ކޯހުގައި މާލޭގެ މިސްކިތްތަކުގެ އިމާމުންގެ އިތުރަށް، ރާއްޖެތެރޭގެ ކޮންމެ ރަށަކުން މުދިމެއް ބައިވެރިވި. އަދި، ވޭތުވެދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށްރަށަށް ބޭނުންކުރެވޭގޮތަށް، ނަމާދު ވަގުތުތައް އެނގޭނޭހެން ފޮތް ހަދައި ސަރުކާރުގެ ފަރާތުން އެ ފޮތްތައް މުޅި ރާއްޖެއަށް ބަހާލެވުނު.

ރޭޑިޔޯއާއި ޓެލެވިޜަންގެ ޚިދުމަތްތައްވެސް ވޭތުވެދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގައި އެކަންކަމާބެހޭ ޤާބިލިއްޔަތުހުރި މިންވަރުން އެދެވޭގޮތަކަށް ކުރިޔަށް ގެންދެވިފައިވޭ. ދިވެހިރާއްޖޭގެ އަޑުން ކުރިއްސުރެ ބްރޯޑްކާސްޓް ކުރަމުން އައި މީޑިއަމް ވޭވްގެ އިތުރަށް، މިދިޔަ އަހަރުގެ ތެރޭގައި އެފް.އެމް. ބޭންޑުން ރޭޑިޔޯ 1 ގެ ނަމުގައި އިތުރު ޕްރޮގްރާމްތަކެއް ފޮނުވަން ފެށުނު. ރޭޑިޔޯގެ ޚިދުމަތް މިހާރަށްވުރެ ރަނގަޅުކުރުމަށްޓަކައި، ރޭޑިޔޯ ޕްރޮގްރާމްތައް ހެދުމުގައި އުޅެންޖެހޭ މީސްމީހުންނަށް ތަފާތު ރޮނގުރޮނގުން ތަމްރީނުދީ، އިތުރު މީހުން އުފެއްދުމުގެ ކޯސްތައްވެސް މިދިޔަ އަހަރުގެ ތެރޭގައި ހިންގިފައިވޭ. ހަމައެފަދައިން، ޓީ.ވީ. ޕްރޮގްރާމް އުފައްދާ މީހުން ތައްޔާރުކުރުމުގެ ގޮތުން ތަމްރީނު ކޯސްތަކެއް ހިންގިފައިވޭ.

1984 ވަނަ އަހަރު އުފެއްދި ޒަކާތާބެހޭ އޮފީހުގެ މަސައްކަތުން، އޭގެކުރީގައި މުދަލުގެ ޒަކާތް ނުދެއްކިފައި ތިބި ކިތަންމެ ބަޔަކަށް މިހާރުވަނީ މުދަލުގެ ޒަކާތް ދެއްކޭގޮތް ހަމަޖެހިފައި. މިހެންކަމުން، ވޭތުވެދިޔަ އަހަރު ވަރަށްގިނަ އަދަދެއްގެ ފައިސާވަނީ ޒަކާތަށް ލިބިފައި. އަދި 1984 ވަނަ އަހަރު މުދަލުގެ ޒަކާތަށް ލިބުނު ފައިސާ، 1985 ވަނަ އަހަރުގެ ތެރޭގައި އޭގެ ޙައްޤުވެރީންނަށް ރައްދުކޮށްދެވުނު. ޒަކާތަށް ލިބުނު ފައިސާގެ ސަބަބުން، ޝަރީޢަތަށް ސާބިތުވެފައިވާ ދަރަނިހުރި ދަރަނިވެރީންގެ 187 މީހުންގެ ދަރަނި މުޅިން ޚަލާޞްވެ، 960 މީހުންގެ ދަރަނީގެ ތެރެއިން ބައެއް ދެވިފައިވޭ.

ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރްކަޒުގެ ފަރާތުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި، ރާއްޖެއާ ބެހޭގޮތުން 1920 ގެ އަހަރު ތަކުގައި އެޗް.ސީ.ޕީ.ބެލް. ލިޔުނު، އަދި 1940 ވަނަ އަހަރު ޗާޕުކުރެވުނު، ރާއްޖެއާބެހޭ މުހިންމު މޮނޯގްރާފް، ވޭތުވެދިޔަ އަހަރު ޤައުމީ މަރުކަޒުން އަލުން ޗާޕުކޮށް، އެ ފޮތް ބޭނުންވާ ފަރާތްތަކަށް ގަންނަން ލިބޭގޮތަށް ހަމަޖެއްސުން ހިމެނޭ.

ރާއްޖޭގެ އިޤްތިޞާދިއްޔަތު

ވޭތުވެދިޔަ ދެތިން އަހަރަށް ބަލާއިރު، 1985 ވަނަ އަހަރަކީ ރާއްޖޭގެ އިޤްތިޞާދިއްޔަތު ކުރީ އަހަރު ތަކަށްވުރެ ރަނގަޅު ގޮތެއްގައި ދެމިއޮތް އަހަރެއް ކަމުގައި ދަންނަވަންޖެހޭ. ސަރުކާރުން އަޅަމުންގެންދިޔަ ފިޔަވަޅުތަކާއި ރައްޔިތުންގެ ހީވާގި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގެ އިޤްތިޞާދިއްޔަތުގެ މައިގަނޑު ހުރިހާ ދާއިރާއެއްވެސް ވޭތުވެދިޔަ އަހަރުވަނީ ކުރިއަށް ގޮސްފައި.

މިހާތަނަށް ލިބިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ރާއްޖޭގެ އުފެއްދުންތެރިކަމަށް ބަލާއިރު، 1984 ވަނަ އަހަރަށްވުރެ 1985 ވަނަ އަހަރު ވަނީ %11 މައްޗަށް ޖެހިފައި.

1985 ވަނަ އަހަރަކީ އިޤްތިޞާދީގޮތުން ވަރަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅަމުން ގެންދެވުނު އަހަރެއް. އަހަރެއް އަހަރަކަށްވުރެ ރާއްޖޭގެ އިޤްތިޞާދިއްޔަތު ކުރިއަރަމުންދާ ދިޔުމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް އަންނަމުންދާ ބަދަލުތަކާ ބެހޭގޮތުން، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރެވޭތޯ އިތުރު މަސައްކަތްތަކެއް ކުރެވެނު އަހަރެއްވެސްމެ.

އެނގިވަޑައިގަންނަވާނޭ ފަދައިން، އަޅުގަނޑުމެންގެ ރާއްޖެއަކީ، ދިރިއުޅުމަށް ބޭނުންވާ ހުރިހާ އެއްޗެއްހެން ބޭރުން ގެންނަން ޖެހިފައިވާ ތަނަކަށްވާތީ، ބޭރު ފައިސާއަކީ ރާއްޖޭގެ އިޤްތިޞާދިއްޔަތުގައި ވަރަށް މުހިންމު ބައެއް އަދާކުރާ އެއްޗެއް. ވޭތުވެދިޔަ އަހަރު ސަރުކާރަށް ބޭރު ފައިސާއިން ލިބިފައިވަނީ 39.2 މިލިޔަން އެމެރިކާ ޑޮލަރު. މި ފައިސާ ލިބިފައިވަނީ މަސްވެރިކަމުންނާއި، ޓޫރިޒަމުންނާއި، ސަރުކާރަށް ރާއްޖެއިން ގަންނަ ފައިސާއިން. އަދި މަތިންދާ ބޯޓަށް އަޅާ ތެޔޮ ވިއްކައިގެންނާއި، ބޭރުގެ އެހީގެ ގޮތުގައި ލިބުނު ފައިސާއިން.

1985 ވަނަ އަހަރު ކާޑުގެ ތަކެތި ގަތުމަށް 4.4 މިލިޔަން އެމެރިކާ ޑޮލަރު ޚަރަދުވި. އަދި ތެލާއި ތެލާބެހޭ ތަކެތި ގަތުމަށް 8.2 މިލިޔަން އެމެރިކާ ޑޮލަރު ހޭދަވި. ދެން އެންމެމަތީ އަދަދަކަށް ބޭރުފައިސާ ހޭދަވެފައިވަނީ، ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް ހިންގުމަށްޓަކައި ބޭރުން ނަގާފައިވާ ލޯނުތައް އަދާކުރުމަށް. އަދި ބޭހާއި، ސަރުކާރަށް ބޭނުންވާ ތަކެތި ގަތުމަށާއި، ބޭރުގެ އެކިއެކި ޖަމާޢަތްތަކުގެ ޗަންދާއަށް.

މިހާތަނަށް ހިސާބުތަކުން ދައްކާގޮތުން، 1985 ވަނަ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ، 177.3 މިލިޔަން ރުފިޔާ. މިއީ، 1984 ވަނަ އަހަރު ލިބުނު އާމްދަނީއަށްވުރެ %3.6 މަތީ އަދަދެއް. މީގެތެރެއިން އެންމެބޮޑު ބައެއް ލިބިފައިވަނީ ރާއްޖެއަށް އެތެރެކުރާ މުދަލުގެ މައުމޫލަށް. ދެން ޓޫރިޒަމްގެ ދާއިރާއިންނާއި، މަތިންދާ ބޯޓުގެ ދަތަރުފަތުރުންނާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ފައިދާއިން.

1985 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން ހިނގި ޚަރަދު، 1984 ވަނަ އަހަރަށްވުރެ %9 އިތުރުވެފައިވޭ. މިހާތަނަށް ހިސާބުތަކުން ދައްކާގޮތުން ޚަރަދުގެ ޖުމްލައަކީ 199.3 މިލިޔަން ރުފިޔާ. އެންމެބޮޑަށް ޚަރަދު ކުރެވިފައިވަނީ ތަޢުލީމާއި، ޞިއްޙަތާއި، ރައްޔިތުންނަށް ދެވޭ އެފަދަ އެހެން އިޖުތިމާޢީ ޚިދުމަތްތަކަށް. ދެން އެންމެބޮޑު ޚަރަދެއް ހިނގާފައިވަނީ، އިޤްތިޞާދީ ކަންތައްތައް ތަރައްޤީކުރުމަށް.

ރާއްޖޭގެ އިޤްތިޞާދިއްޔަތުގެ އެންމެ މުހިންމު ބައި ކަމުގައި ހިމެނޭ މަސްވެރިކަމުގެ ދާއިރާއަށް ބަލާއިރު، އަހަރުގެ ތެރޭގައި ރާއްޖެއަށް ބޭނުނު މަހުގެ އަދަދުގެ ގޮތުންނާއި، މަސް އެކްސްޕޯޓްކޮށްގެން ސަރުކާރަށް ލިބުނު އާމްދަނީގެ ގޮތުންނާއި، މަސްވެރިކަން ކުރިއެރުވުމަށްޓަކައި ސަރުކާރުގެ ފަރާތުން އަޅާފައިވާ އިތުރު ފިޔަވަޅުތަކުގެ ގޮތުން، 1985 ވަނަ އަހަރު ހިމެނެނީ ވަރަށް ޚާއްޞަ އަހަރެއް ކަމުގައި.

ވޭތުވެދިޔަ އަހަރު ރާއްޖެއިން އެކްސްޕޯޓް ކުރެވިފައިވަނީ 17,125 ޓަނުގެ ރޯމަސް. މިއީ، 1984 ވަނަ އަހަރު އެކްސްޕޯޓް ކުރެވުނު އަދަދަށްވުރެ %25.6 މަތީ އަދަދެއް. ކަނޑުމަހާއި ފަރުމަހުގެ ހިކި ލޮނުމަހުން އެކްސްޕޯޓް ކުރެވިފައިވަނީ 3,715 ޓަނު. މިއީވެސް ކުރީ އަހަރަށްވުރެ %144 މަތީ އަދަދެއް. ދަޅުގައި ބަންދުކުރި މަހާއި، ކަށިމިޔަރު ތެޔޮފަދަ ތަކެތިވެސް 1985 ވަނަ އަހަރުގެ ތެރޭގައި އެކްސްޕޯޓް ކުރެވިފައިވާލެއް އޭގެކުރީ އަހަރަށްވުރެ ގިނަ. އަދި، ރާއްޖޭގެ ހިކި ލޮނުމަސް ވިއްކާނޭ އާ ދެ މާރުކޭޓެއްވެސް މިދިޔަ އަހަރުގެ ތެރޭގައި ހޯދިފައިވޭ. އެއީ މޮރިޝަސްއާއި އިނގިރޭސިވިލާތް.

މަސްވެރިކަމުން ވޭތުވެދިޔަ އަހަރު ސަރުކާރަށް ލިބިފައިވާ ބޭރުފައިސާގެ އަދަދަކީ 13.7 މިލިޔަން އެމެރިކާ ޑޮލަރު. މިއީ، 1984 ގައި ލިބިފައިވާ ވަރަށްވުރެ %30.7 މަތީ އަދަދެއް. ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް ބައިނަލްއަޤްވާމީ ގޮތުން މަހުގެ އަގު ރަނގަޅުވެފައި ނެތްނަމަވެސް، ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށްޓަކައި، މަސްވެރިންނަށް އިތުރު ހިތްވަރެއް ދިނުމުގެގޮތުން، ވޭތުވެދިޔަ އަހަރުގެ ތެރޭގައި މަސްވެރީންގެ އަތުން ސަރުކާރަށް މަސް ގަންނަ އަގު އިތުރުކޮށްދެވުނު. ދެ ކިލޯ ހަމަނުވާ މަސް ކިލޯއެއް ގަންނަ އަގު 1/10 ރުފިޔާއިން 1/30 ރުފިޔާއަށް، ދެ ކިލޯ އަށްވުރެ ބަރު މަސް ކިލޯއެއް ގަންނަ އަގު 1/50 ރުފިޔާއިން 1/80 ރުފިޔާއަށް ބަދަލުކުރެވުނު. އަދި ހިކި ކަނޑުމަސް ކިލޯއެއްގެ އަގުވެސް -/6 ރުފިޔާއިން 9/50 ރުފިޔާއަށް ބަދަލުކޮށްދެވުނު.

މަސްވެރިކަން ކުރިއެރުވުމަށްޓަކައި ސަރުކާރުގެ ފަރާތުން ހިންގަމުންގެންދާ މަޝްރޫޢުތަކުގެ ތެރެއިން، މަސްވެރިކަމުގެ މުއްސަނދިކަން ހެޔޮގޮތުގައި ބޭނުންކުރުމުގެ މަޝްރޫޢުގެ ދަށުން ބަނުމަށް ހަމަޖެހިފައިވާ 100 މަސް ދޯނީގެ ތެރެއިން، އަހަރު ނިމުނުއިރު 66 ދޯނި ވަނީ ބަނދެ ނިމިފައި. ދެކުނު ކޮރެޔާގައި ބަނދެވުނު 800 ޓަނުގެ ތިން ބޯޓު ރާއްޖެގެނެސް، އޭގެ ބޭނުން ކުރަންވެސްވަނީ ފެށިފައި. މާލޭގައި ބަންނަ 9 މަސްކިރާ ބޯޓުވެސް ބަނދެ ނިމިގެން މިހާރު ގެންދަނީ، އެ ބޯޓުތަކުގައި ފިނިކުރާބައި ހަރުކުރަމުން. މި މަޝްރޫޢުގެ ދަށުން ދެކުނުގެ އަތޮޅުތަކުގައި ތައްޔާރުކުރެވުނު ތެޔޮއަޅާ ތާނގީތަކުން މިހާރުވަނީ މަސްވެރީންނަށް ތެޔޮ ވިއްކަން ފެށިފައި. އަދި މަސް ނުބައިވިޔަނުދީ ގިނައިރު ބެހެއްޓުމަށްޓަކައި ބޭނުންކުރާނޭ ގަނޑުފެން ތައްޔާރުކުރާ ދެ ކާރުޚާނާ ހައްދުންމަތީ ހިތަދޫގައާއި، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި މިހާރުވަނީ ހަދާ ނިމިފައި.

ރާއްޖޭގެ މަސްކަނޑުތަކުގެ އެކިއެކި ހިސާބުގައި އޮއިވާލި ކަނދުފަތި ހަރުކުރުމުގެ މަސައްކަތްވެސް މިދިޔަ އަހަރުގެ ތެރޭގައި ކުރިޔަށް ގެންދެވިފައިވޭ.

ރާއްޖެއަށް ޤުދްރަތީގޮތުން ލިބިފައިވާ އެންމެބޮޑު ވަސީލަތަކީ މަސްވެރިކަމުގެ މުއްސަނދިކަން ކަމަށްވުމާއެކު، ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުން ލިބެންއޮތް އެންމެބޮޑު ފައިދާއެއް ނުހޯދައި ތިބުމަކީ މިހާރު ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ނިޔާކުރާގޮތުން އަޅުގަނޑުމެންނަށް ކުރެވެންއޮތް ކަމެއްނޫން. އެހެންކަމުން، ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގައި ހިމެނޭ ކަނޑުން މަސްވެރިކަމުގެގޮތުން ލިބެންހުރި ފައިދާތައް ހޯދުމަށްޓަކައި އިޤްތިޞާދީ ސަރަޙައްދުގެ ތެރޭގައި ޢާންމުކޮށް ދިވެހިން މަސްވެރިކަން ކޮށްއުޅޭ ހިސާބަށްވުރެ ބޭރުން މަސްވެރިކަން ކުރުމުގެ ހުއްދަ އެކަމަށް އެދޭ ފަރާތްތަކަށް ދޫކުރުމަށް މިދިޔަ އަހަރުގެ ތެރޭގައިވަނީ ހަމަޖެހިފައި.

ރާއްޖޭގެ މަސްވެރިކަން ކުރިޔަށް ދިއުމުގައި، އަމިއްލަ ފަރާތްފަރާތުންވެސް މިދިޔަ އަހަރުގެ ތެރޭގައި ވަރަށް އެދެވޭ ފެންވަރެއްގައި މަސައްކަތް ކުރަމުން ގެންދިޔަކަން މި ފުރުޞަތުގައި އަޅުގަނޑު ފާހަގަކޮށްލަން. ޚާއްޞަގޮތެއްގައި އައިލެންޑް އެންޓަރ ޕްރައިޒަސްގެ ފަރާތުން ރޯމަސް ގަތުމާއި މަސްވެރީންނަށް ތެޔޮދޫކުރުމުގައި ކުރަމުންގެންދާ މަސައްކަތަކީ ރާއްޖޭގެ މަސްވެރިކަމުގެ ކުރިއެރުމަށް ލިބޭ ބާރެއްކަމުގައި އަޅުގަނޑު ދެކެން.

އިޤްތިޞާދީ ގޮތުން ރާއްޖެއަށް އެންމެބޮޑު ފައިދާއެއްކުރާ އަނެއް މަސައްކަތަކީ، ޓޫރިޒަމް. ވޭތުވެދިޔަ އަހަރު ރާއްޖެ އައިސްފައިވާ ޓޫރިސްޓުންގެ އަދަދު އޭގެ ކުރީއަހަރާ އަޅާބަލާއިރު %37 މައްޗަށް ގޮސްފައިވޭ.

ޓޫރިސްޓުން އައުން ގިނަވުމާއެކު، ޓޫރިޒަމުން ސަރުކާރަށް ލިބުނު އާމްދަނީވެސް ވޭތުވެދިޔަ އަހަރުގެ ތެރޭގައި %38 އިތުރުވެފައިވޭ.

ވޭތުވެދިޔަ އަހަރު ރާއްޖޭގައި އިތުރު 2 ޓޫރިސްޓް ރިޒޯޓް ހުޅުވައި ހިންގަން ފެށުނު. އެ ދެ ރިޒޯޓާއެކު، 1985 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގައި އޮތީ 55 ރިޒޯޓް. އޭގެއިތުރަށް 20 ގެސްޓްހައުސް އާއި، 4 ހޮޓާ ހިނގަމުންދޭ.

ޓޫރިޒަމްގެ ދާއިރާއިން ޤައުމަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން މިދިޔަ އަހަރުގެ ތެރޭގައިވެސް ވަރަށްގިނަ މަސައްކަތްކުރި. އޭގެތެރޭގައި، ދަތުރުފަތުރާ ބެހޭގޮތުން ބޭރުގެ އެކިއެކި ތަންތާނގައި ބާއްވާ މައުރަޒުތަކުގައި، ރާއްޖެ ތަޢާރުފު ކުރުމުގެ ގޮތުން ބައިވެރިވުމާއި، ތަފާތު މަޖައްލާތަކާއި ނޫސްތަކުގައި ރާއްޖޭގެ އިޝްތިހާރު ޝާއިޢުކުރުން ހިމެނޭ. އަދި ޓޫރިސްޓް ރިޒޯޓްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ގެންނަ ވަކިބާވަތްތަކެއްގެ މުދަލުން އިމްޕޯޓް ޑިއުޓީ މާފުކޮށްދިނުންފަދަ ކަންތައްތައްވެސް ހިމެނޭ.

ޓޫރިޒަމަކީ އިޤްތިޞާދީ ގޮތުން ނުހަނު މަތިވެރި ފައިދާތަކެއް ލިބެމުންދާ މަސައްކަތެއް ކަމުގައިވާއިރު، އެކަމުގެ ސަބަބުން އިޖުތިމާޢީ ކަންތައްތަކަށް ކުރަމުންދާ އަސަރުތަކާމެދުވެސް ސަރުކާރުގެ ފަރާތުން އަބަދުވެސް ސަމާލުކަން ދެމުންގެންދޭ. މިގޮތުން މިދިޔަ އަހަރުގެ ތެރޭގައި ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުގެ މަންދޫބުން ހިމެނޭގޮތުން މިކަމާބެހޭ ޚާއްޞަ ސެމިނާރެއް ބާއްވައި، ވަރަށް ތަފްޞީލުކޮށް ވާހަކަދައްކައި ޚިޔާލުތައް ކުރެވިފައިވޭ.

ރާއްޖޭގެ އިޤްތިޞާދިއްޔަތުގައި، ބޯޓު ދުއްވުމުގެ މަސައްކަތުގައި 1985 ވަނަ އަހަރަކީވެސް މާ ފުރިހަމަ ކާމިޔާބީއެއް ހޯދިފައިވާ އަހަރެއް ކަމުގައި ދެންނެވޭކަށް ނެތް. ދުނިޔޭގެ އިޤްތިޞާދީ ޙާލަތު އެދެވޭގޮތެއްގައި ތަރައްޤީވަމުން އައިސްފައި ނުވާތީއާއެކު، ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ބޯޓުފަހަރު ދުއްވުމުގެ ވިޔަފާރީގައި ކުރިމަތިލާން ޖެހިފައިވާ ދަތިތައް އަޅުގަނޑުމެންގެ ބޯޓުފަހަރު ދުއްވުމުގައި މިދިޔަ އަހަރުވެސް އިޙްސާސް ކުރަންޖެހުނު. އެހެންނަމަވެސް، ކުރީގެ ދެތިން އަހަރަކާ ޚިލާފަށް، ވޭތުވެދިޔަ އަހަރު ބޯޓުފަހަރު ދުއްވުމުން އިތުރު ގެއްލުމެއްނުވެ، ލިބޭ އެއްޗަކުން ދެކޮޅުޖެއްސޭވަރުވި.

ބޯޓުފަހަރު ދުއްވުމުގެ ދާއިރާއިން ނޫންނަމަވެސް، މޯލްޑިވްސް ނޭޝަނަލް ޝިޕް މެނޭޖްމަންޓް ލިމިޓެޑުން ސަރުކާރަށް ވަރަށްގިނަ ރޮނގުރޮނގުން މިދިޔަ އަހަރުވެސް އެހީ ލިބެމުންދިޔަ. އޭގެތެރޭގައި މާލޭގެ ވިޔަފާރި ބަނދަރު ހެދުމުގެ މަސައްކަތުގަޔާއި، ސަރުކާރުން މީހުން ޙައްޖަށް ފޮނުވުމުގައި އެފަރާތުން ލިބިފައިވާ އެހީތައް ހިމެނޭ.

ބޯޓުފަހަރު ދުއްވުމުގައި ރާއްޖޭގެ އެކިއެކި އަމިއްލަ ފަރާތްތަކުންވެސް މިހާރު އަންނަނީ ޙަރަކާތްތެރިވަމުންކަން މި ފުރުސަތުގައި އަޅުގަނޑު ފާހަގަކުރަން. ހަމައެއާއެކު ރާއްޖޭގެ ވަރަށްގިނަބަޔަކު ބޭރުގެ ބޯޓުފަހަރުގައި ވަޒީފާ އަދާކުރާކަންވެސް ހަނދާންކޮށްލަންޖެހޭ. ޝައްކެއްނެތް ގޮތުގައި، މިކަންކަމަކީ އޭގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދިއްޔަތަށް އެދެވޭ ފައިދާތަކެއް ލިބެމުންދާނެ ކަންތައްތަކެއް.

1985 ވަނަ އަހަރަކީ ރާއްޖޭގެ ވިޔަފާރިއަށް އިތުރު ކުރިއެރުމެއް އައިސްފައިވާ އަހަރެއް ކަމުގައި ދަންނަވަންޖެހޭ. އެ އަހަރުގެ ތެރޭގައި ރާއްޖެއިން އެކްސްޕޯޓް ކުރެވުނު މުދަލުގެ އަގު އޭގެ ކުރީ އަހަރަށްވުރެ %24 އިތުރުވެފައިވޭ. އަދި އެ އަހަރުގެ ތެރޭގައި ރާއްޖެއަށް ބޭރުން އެތެރެކުރެވިފައިވާ މުދަލުގެ އަގުވަނީ ކުރީ އަހަރަށްވުރެ ގާތްގަނޑަކަށް %6 ދަށަށް ގޮސްފައި. އެއްވެސް ޝައްކެއްނެތް ގޮތުގައި، މިއީ އިޤްތިޞާދީގޮތުން ރާއްޖޭގެ ވިޔަފާރިއަށް އަންނަ ރަނގަޅު ބަދަލެއް. އަދި މިދެންނެވި ރަނގަޅު ބަދަލު އައިސްފައިވަނީ، ސަރުކާރުންނާއި އަމިއްލަ ވިޔަފާރިވެރިންނާ ދެފަރާތުންވެސް ރާއްޖެއިން ބޭރަށް ފޮނުވާ ތަކެއްޗާއި، ރާއްޖެއަށް އެތެރެކުރާ ތަކެތިން ކަމަށްވާކަމީ، ވަކިން ޚާއްޞަގޮތެއްގައި ފާހަގަކޮށްލަންޖެހޭ ކަމެއް.

ރާއްޖެއިން ބޭރަށް ފޮނުވާ މުދަލުގެ ތެރެއިން އެންމެބޮޑަށް އިތުރުވެފައިވަނީ، ރޯމަހާއި ދަޅުގައި ބަންދުކުރި މަހާއި، އެނޫންވެސް މަހުގެ ބާވަތްތައް. މީގެއިތުރަށް ތައްޔާރީހެދުންވެސް ވަނީ ވަރަށްބޮޑުތަން އިތުރުވެފައި.

ރާއްޖޭގެ ވިޔަފާރިއަށް މިފަދަ ބަދަލުތަކެއް އައިސްފައިވަނީ، 1984 ވަނަ އަހަރުގެ ތެރޭގައި ރާއްޖެއަށް މުދާ އެތެރެކުރުން ވަކި އުސޫލުތަކެއްގެ މަތިން ހަމަޖެއްސުމަށްޓަކައި ސަރުކާރުން އެކިއެކި ގަވާއިދުތައް ހަދައި ހިންގަން ފެށުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށްވުން އެކަށީގެންވޭ. އެހެންކަމުން، 1985 ވަނަ އަހަރުގެ ތެރޭގައިވެސް ކަމާބެހޭ ގަވާއިދުތައް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދެވިފައިވޭ. އަދި އަހަރު ނިމުނުއިރު، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށްވަނީ ބޭނުންތެރި އިޞްލާޙުތަކެއް ގެނެވިފައި.

ސަރުކާރުގެ ވިޔަފާރިއާބެހޭ ކަންތައްތައް ހިންގަމުން ގެންދާ ފަރާތް ކަމުގައިވާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުން، 1984 ވަނަ އަހަރުގެ ފައިދާގެ ގޮތުގައި ވޭތުވެދިޔަ އަހަރު 15.5 މިލިޔަން ރުފިޔާ ދައުލަތުގެ އާމްދަނީއަށް ދައްކާފައިވޭ. މިއީ މިދިޔަ އަހަރު ސަރުކާރަށް ލިބުނު އާމްދަނީގެ %8.7.

އެސް.ޓީ.އޯ. އިން ކުރާ މައިގަނޑު ވިޔަފާރީގެ އިތުރަށް، މާލޭގަޔާއި ރާއްޖެތެރޭގެ ބައެއް ރަށްރަށުގައި އެސް.ޓީ.އޯ. ގެ ފިހާރަތައް ހުޅުވައިގެން ރައްޔިތުންނަށް ބޭނުންވާ ތަކެތި ވަކިވަކިން ވިއްކަމުން ގެންދިޔުމުގެ ޚިދްމަތްވެސް އެސް.ޓީ.އޯ. އިން ކުރަމުންގެންދޭ.

ރާއްޖެއަށް ފައިދާހުރި އެކިއެކި މަސައްކަތްތައް ބޭރުގެ އެކިއެކި ފަރާތް ފަރާތާ ގުޅިގެން ހިންގަމުން ގެންދިޔުމަކީވެސް އެސް.ޓީ.އޯ. އިން ކުރަމުންގެންދާ ކަމެއް. މިގޮތުން، ވޭތުވެދިޔަ އަހަރުގެ ތެރޭގައި، އެސް.ޓީ.އޯ. ވަނީ އިނގިރޭސިވިލާތުގެ ކުންފުންޏަކާ ގުޅިގެން ރާއްޖޭގައި އިންޝުއަރެންސް ކުންފުންޏެއް ހުޅުވާފައި.

އަދި ރާއްޖޭގައި އިތުރު ޤުދްރަތީ ވަސީލަތްތައް ހުރިތޯ ބެލުމަކީ ކޮންމެހެން ބޭނުން ކަމަކަށް ވެފައިވާތީ، ރާއްޖެއިން ތެޔޮ ލިބެން ހުރިތޯ ބެލުމުގެ މަސައްކަތް ކުރުމަށްޓަކައި އެސް.ޓީ.އޯ. އާއި ކުވައިތުގެ ކުންފުންޏަކާ ގުޅިގެން އެ މަސައްކަތް ކުރާނެ ކުންފުންޏެއް މިދިޔަ އަހަރު ވަނީ އުފެއްދިފައި.

1985 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގައި އެކިއެކި ވިޔަފާރި ހިންގުމަށް ބޭރުމީހުންގެ ޝައުޤުވެރިކަން އިތުރުވެގެންދިޔަކަން ފާހަގަކުރެވޭ. މިގޮތުން މާލެއަތޮޅު ތުލުސްދޫގައި ސަރުކާރުން ހަދާފައިވާ ތައްޔާރީ ހެދުން އުފައްދާ ކާރުޚާނާގެ މަސައްކަތް ބޭރު ކުންފުންޏެއްގެ ފަރާތުން ފަށާފައިވޭ.

ރާއްޖޭގެ ވިޔަފާރި ކުރިޔަށް ގެންދިޔުމުގައި އަމިއްލަ ވިޔަފާރިވެރިންވެސް ވަރަށްމަތީ ދަރަޖައަކަށް ޙަރަކާތްތެރި ވަމުންދޭ. ޚާއްޞަކޮށް ބޯޓުފަހަރު ދުއްވުމުގެ ރޮނގުގައާއި، ރާއްޖެތެރޭގެ ދަތުރުފަތުރުގެ ރޮނގުގައި އަމިއްލަ ވިޔަފާރިވެރިން އަދާކުރަނީ ވަރަށްވެސް މުހިންމު ބައެއް. އަދި އިމާރާތް ކުރުމާއި، ވަޑާމާއި، އެނޫން ތަފާތު މަސައްކަތްތަކުގެ ރޮނގުން އަމިއްލަ ފަރާތްތަކުން ރާއްޖޭގެ ވިޔަފާރިއަށް ހޯދައިދެމުންދަނީވެސް އެކަށީގެންވާ ތަރައްޤީއެއް ކަމުގައި އަޅުގަނޑު ދެކެން.

މީގެއިތުރަށް، 1985 ވަނަ އަހަރު ފާހަގަކުރެވޭނީ، އުފެއްދުންތެރިކަން އިތުރުކުރުމަށް ރާއްޖޭގެ ވިޔަފާރިވެރިންވެސް އިތުރު ހިތްވަރެއްލީ އަހަރެއް ކަމުގައި. އަމިއްލަ ފަރާތްތަކުން ކުރަމުންދާ މިފަދަ މަސައްކަތަށް ވެދޭ އެހީއެއްގެ ގޮތުން، އެބާވަތުގެ މަސައްކަތް ހިންގާ ފަރާތްތަކަށް، މާލެ ކައިރީގައިވާ މީހުން އުޅޭ ރަށްރަށުން ބިން ދޫކުރާގޮތަށް މިދިޔަ އަހަރުގެ ތެރޭގައި ހަމަޖައްސައިދެވުނު. މިގޮތުން ބިން ދޫކުރަނީ، އެރަށްރަށުގެ ރައްޔިތުންނަށްވެސް އާމްދަނީއެއް ލިބޭގޮތަށް.

ރުއްގަސް ހެއްދުމާއި ދަނޑުވެރިކަމަކީވެސް ރާއްޖޭގެ އިޤްތިޞާދިއްޔަތަށް އެކަށީގެންވާ ފައިދާތަކެއް ލިބިދޭނޭ މަސައްކަތެއް ކަމުގައިވާތީ، ރާއްޖޭގައި ހެދޭ ދިވެހި ރުކާއި އެހެނިހެން ގަސްގަސް ހެއްދުން އިތުރުކުރުމަށްޓަކައި، ބޭރުގެ މާހިރުން ގެނެސްގެން މިކަމާބެހޭ ޚާއްޞަ މަޝްރޫޢެއް ރޭވުމުގެ މަސައްކަތް މިދިޔަ އަހަރުގެ ތެރޭގައި ކުރެވުނު. ޤަޞްދުކުރެވިފައި ވަނީ، ވީހާ އަވަހަކަށް މި މަޝްރޫޢު ހިންގަން ފެށުމަށް. ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް ރާއްޖެތެރޭގެ ވަރަށްގިނަ ރަށްރަށުގައި ރުއް އިންދުމުގެ މަސައްކަތް ކުރިއަށް ގެންދެވުނު. އަދި ދަރަށް ކަމުދާކަހަލަ ލަކުޑި ރާއްޖެއިން މަދުވަމުންދާތީ، ރޭވިފައިވާ މަޝްރޫޢެއްގެ ދަށުން ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި މިދިޔަ އަހަރު ފިތުރޯނުގަސް އިންދުނު.

ރާއްޖޭގެ ރަށްރަށުގައި އާދަކޮށް ކޮށްއުޅޭ ބިންބި، ޒުވާރިފަދަ ތަކެތީގެ ދަނޑުވެރިކަމުގެ މަސައްކަތް ވޭތުވެދިޔަ ދެ އަހަރެއްގެ ތެރޭގައި ކުރަމުން ގެންދެވިފައި ނުވާކަން މި ފުރުސަތުގައި ހިތާމައާއެކު ހާމަކުރަންޖެހޭ. އަޅުގަނޑު ދެކޭގޮތުގައި، އިޤްތިޞާދީ ގޮތުން މިއަދު އަޅުގަނޑުމެންނަށް ނިސްބަތުން ލިބިފައިވާ ތަނަވަސްކަމަކީ، އަޅުގަނޑުމެންނަށް ކުރެވެންހުރި ފައިދާލިބެނިވި މަސައްކަތްތައް ދޫކޮށްލުމަށް މެދުވެރިވާ ސަބަބެއް ކަމުގައި ވިޔަދީގެންނުވާނެ.

އިޤްތިޞާދީ ގޮތުން ކުރިއެރުމަށްޓަކައި ދަތުރުފަތުރުކޮށް އުޅުން ތަރައްޤީ ކުރުމަކީ ކޮންމެހެން ބޭނުން ކަމަކަށްވާތީ، އައްޑުއަތޮޅު ގަމުގައި އޮތް ވައިގެ ބަނދަރުގެ ކަންތައްތައް ތަރައްޤީ ކުރުމަށް ކުރެވެމުންދާ މަސައްކަތްތައް މިދިޔަ އަހަރުގެ ތެރޭގައިވެސް ކުރަމުން ގެންދެވިފައިވޭ. އަދި، ހައްދުންމަތީ ކައްދޫގައި ހަދަމުންދާ އެއަރޕޯޓްގެ ރަންވޭގެ މަސައްކަތް މިދިޔަ އަހަރުގެ ތެރޭގައިވަނީ ނިމި، ޓެސްޓް ކުރުމުގެ ގޮތުން މަތިންދާ ބޯޓުގެ ބައެއް ދަތުރުތައް މާލެއާއި އެރަށާ ދެމެދުގައި ކުރެވިފައި. އަދި މިހާރު އެއަރޕޯޓަށް ބޭނުންވާ އިމާރާތްތައް އެތާނގައި ހަދަމުން އެބަގެންދޭ.

ރާއްޖެތެރޭގައި ވައިގެމަގުން ކުރެވޭ ދަތުރުތައް ފެށްޓޭތޯ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން، ވޭތުވެދިޔަ އަހަރުގެ ތެރޭގައި މިކަމަށް ޝައުޤުވެރިވާކަން ހާމަކުރި ބޭރުގެ ދެ ކުންފުންޏަކަށް ސަރުކާރުން ވަނީ އެކަމުގެ ހުއްދަދީފައި. އެ ކުންފުނިތަކުގެ މަސައްކަތް މިއަހަރު ފެށޭނެކަމަށް ލަފާކުރެވޭ.

ރާއްޖެއިން ބޭރަށް ކުރާ ވައިގެ ދަތުރުތައް މިދިޔަ އަހަރު އޭގެކުރީ އަހަރަށްވުރެ %30 އިތުރުވެފައިވޭ. އެހެންކަމާއެކު، މާލޭގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގެ ޚިދުމަތްތައް މިހާރަށްވުރެ ރަނގަޅު ކުރެވޭތޯ ސަރުކާރުން ގެންދަނީ ވަރަށްބޮޑަށް މަސައްކަތް ކުރަމުން. އޭގެތެރޭގައި ހުޅުލޭގެ ވައިގެ ބަނދަރުގެ ބައެއް ބައިތައް މިހާރަށްވުރެ ބޮޑުކޮށް ތަރައްޤީކުރުމަށްޓަކައި އެއަރޕޯޓާ ބެހޭ މާސްޓަރ ޕްލޭނެއް މިދިޔަ އަހަރުގެ ތެރޭގައި ވަނީ ބޭރުގެ މާހިރުން ލައްވައި ތައްޔާރުކުރެވިފައި.

މުވާޞަލާތުގެ އަނެއް ދާއިރާ ކަމުގައިވާ ޕޯސްޓާއި ޓެލެފޯނުގެ ޚިދުމަތްތައް ރާއްޖޭގައި ކުރިއަށް ގެންދިޔުމުގައި، ޖަޕާނު ސަރުކާރުން ލިބިފައިވާ އެހީގެ ދަށުން މާލޭގައި ބިނާކުރަން ހަމަޖެހިފައިވާ ޓެލެކޮމިއުނިކޭޝަންސްގެ އާ މަރުކަޒީ އިމާރާތުގެ މަސައްކަތް މިހާރު ވަނީ، ކޮންޓްރެކްޓަރުންނާ ހަވާލުކުރެވިފައި. ކަނޑުމަތީގައި ދަތުރުކުރާ އުޅަނދުތަކާ ގުޅުމަށްޓަކައި ރާއްޖޭގައި ހަދަން ގަސްދުކޮށްފައިވާ ކޯސްޓަލް ސްޓޭޝަން ހެދުމުގެ މަސައްކަތްވެސް މިހާރުވަނީ ނިމިފައި.

ރާއްޖޭގެ ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް ހިންގުމަށްޓަކައި، އެކުވެރި ޤައުމުތަކުންނާއި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން 1985 ވަނަ އަހަރުގެ ތެރޭގައިވެސް އެކިއެކި އެހީ ރާއްޖެއަށް ލިބެމުންދިޔަ. ކާބޯތަކެއްޗާއި، އެނޫން ބައެއް ތަކެތިންނާއި، ފައިސާއިން ވޭތުވެދިޔަ އަހަރު ލިބުނު މިއެހީގެ ޖުމްލައަކީ 9.65 މިލިޔަން ރުފިޔާ.

ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގައި ބޭރުގެ އެހީއަކީ، ރާއްޖެފަދަ ކުޑަޤައުމަކަށް ވަރަށް ބޭނުންތެރި އެއްޗެއް ކަމުގައިވާތީ، ރާއްޖެއަށް އެހީވަމުންދާ ހުރިހާ ޤައުމުތަކަށާއި ޖަމްޢިއްޔާތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަޅުގަނޑު މި ފުރުސަތުގައި ޝުކުރު އަދާކުރަން.

                                                                          ރައްޔިތުންގެ މަޖިލިސް

1985 ވަނަ އަހަރުގެ ތެރޭގައި ތިޔަ ޢިއްޒަތްތެރި މަޖިލީހުގެ މަސައްކަތް ހިނގަމުން ގޮސްފައި ވަނީ، ވަރަށް އެދެވޭ ގޮތެއްގައި ކަމަށް އަޅުގަނޑު ހިތުގެ އަޑީން ގަބޫލުކުރަން. މަޖިލީހުގެ މެންބަރުން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާފައި ވަނީ، ރައްޔިތުންގެ ޙައްޤުތަކަށް ރައްކާތެރިވެވަޑައިގަންނަވަމުން، ރާއްޖެއަށާއި ދައުލަތަށް އިޚްލާޞްތެރިވެވަޑައިގަތުންމަތީ ދެމިތިއްބަވައިގެން ކަމުގައި އަޅުގަނޑު ދެކެން. ވީމާ، މި ފުރުސަތުގައި، މަޖިލީހުގެ ރައީސަށާއި އެންމެހައި މެންބަރުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރާއި ތަޢުރީފު ރައްދުކުރަން.

އެނގިވަޑައިގަންނަވާނޭ ފަދައިން، ވޭތުވެދިޔަ އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ 11 ޖަލްސާއާއި، ޚާއްޞަ 1 ޖަލްސާ ބޭއްވުނު. އެ ޖަލްސާތަކަށް 15 ބިލް ހުށަހެޅި، އޭގެތެރެއިން 13 ބިލް ފާސްކުރައްވާފައިވޭ.

ރާއްޖޭގެ ޤާނޫނުއަސާސީ އިޞްލާޙުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމާ ގުޅިގެން، އެކަމަށްޓަކައި އިންތިޚާބު ކުރެވުނު ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް މިދިޔަ އަހަރުގެ ތެރޭގައިވެސް ނިމުމަކަށް ނުގެނެވޭ. މަޖިލީހުގެ ކުރިމައްޗަށް ހުށަހެޅިފައިވާ ނަމޫނާ ޤާނޫނުއަސާސީއާމެދު ޚިޔާލުފާޅުކޮށް ނިމުމަށްފަހު، މަޖިލީހުގެ ޑްރާފްޓް ކޮމިޓީގެ މަސައްކަތް މިހާރު ހަލުވިކަމާއެކު އެބަ ކުރިއަށް ގެންދަވާ.

                                                                           ޚާރިޖީ ހިންގުން

ރާއްޖޭގެ ޚާރިޖީ ހިންގުމުގައި، 1985 ވަނަ އަހަރަކީ އެއްގޮތަށްވުރެ ގިނަގޮތްގޮތުން ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކުރެވިގެންދާނޭ އަހަރެއް. ބައިނަލްއަޤްވާމީ މަސްރަޙުގައި ރާއްޖޭގެ ފަރާތުން ހަރުދަނާ ފިޔަވަޅުތަކެއް އެޅިފައިވާ އަހަރެއް. އަދި އޭގެ ސަބަބުން ދުނިޔޭގެ ޤައުމުތަކުގެ މެދުގައި ރާއްޖެ އިތުރަށް ތަޢާރުފުވެ، ރާއްޖެއަށް އިތުރު ރީތިނަމާއި ޤަދަރު ލިބިގެންދިޔަ އަހަރެއްވެސްމެ.

ޚާރިޖީ ހިންގުމުގައި ވޭތުވެދިޔަ އަހަރު ހިނގި އެންމެ މުހިންމު އެއްކަމަކީ، އަޅުގަނޑުމެންގެ ރާއްޖެ ކޮމަންވެލްތުގެ ފުރިހަމަ މެންބަރެއް ކަމުގައިވުން. 1983 ވަނަ އަހަރުއްސުރެ ރާއްޖެއަކީ ކޮމަންވެލްތުގެ ޚާއްޞަ މެންބަރެއް. މިދިޔައަހަރު އެ ޖަމުޢިއްޔާގެ ފުރިހަމަ މެންބަރަކަށް ރާއްޖެވިތާ ތިންމަސް ދުވަހުގެ ތެރޭގައި، ކޮމަންވެލްތް ޤައުމުތަކުގެ މާލީ ވަޒީރުންގެ ޖަލްސާ ރާއްޖޭގައި ބޭއްވުނުކަން އެއީވެސް އަޅުގަނޑުމެންނަށް ލިބުނު ވަރަށްބޮޑު ފަޚުރެއް. މި ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރާއްޖެ ވަޑައިގެންނެވި ޢިއްޒަތްތެރިންގެ ތެރޭގައި، ބުރޫނާއީގެ ރަސްގެފާނާއި، ބޮޓްސުވާނާގެ ވައިސް ޕްރެޒިޑެންޓާއި، ބަހާމާސްގެ ބޮޑުވަޒީރާއި، ސެންޓްލޫޝިޔާގެ ބޮޑުވަޒީރާއި، ޖެމޭކާގެ ބޮޑުވަޒީރު ހިމެނިވަޑައިގެންނެވި. އަދި އޭގެއިތުރަށް 24 ޤައުމުގެ މާލީ ވަޒީރުން ރާއްޖެއަށް ވަޑައިގެންނެވި. ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެބޮޑު ބައިނަލްއަޤްވާމީ ޖަލްސާ ކަމުގައި ވެގެންދިޔަ ކޮމަންވެލްތް މާލީ ވަޒީރުންގެ މި ޖަލްސާ ނިމިގެންދިޔައީ، ވަރަށް ކާމިޔާބު ޖަލްސާއެއްގެ ގޮތުގައި.

ރާއްޖެ ކޮމަންވެލްތުގެ ފުރިހަމަ މެންބަރަކަށްވުމާ ގުޅިގެން، އެންމެ ފުރަތަމަ ފަހަރަކަށް ކޮމަންވެލްތް ޤައުމުތަކުގެ ވެރިންގެ ޖަލްސާއެއްގައި ރާއްޖެ ތަމްސީލު ކުރެވުނު ޖަލްސާ މިދިޔަ އަހަރުގެ ތެރޭގައި ހިނގައިދިޔަ. މި ޖަލްސާއޮތީ، ބަހާމާސްގެ ވެރިރަށް ނެސޯގައި. އަޅުގަނޑު މިހުރި މަގާމުގެ ހައިސިއްޔަތުން، ޖަލްސާގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ވަފްދުގެ އިސްމީހަކަށްހުރީ އަޅުގަނޑު.

ވޭތުވެދިޔަ އަހަރުގެ ތެރޭގައި ޚާރިޖީ ދާއިރާގައި ހިނގި މުހިންމު އަނެއްކަމަކީ، ދެކުނު އޭޝިޔާގެ ޤައުމުތަކުގެ އެއްބާރުލުމުގެ ޖަމުޢިއްޔާ ރަސްމީގޮތުން އުފެދި، އޭގެ މެންބަރެއް ކަމުގައި ދިވެހިރާއްޖެވީކަން. މީގެ ހަތަރު ފަސްއަހަރެއް ކުރިއްސުރެ، މިހިސާބުގަނޑުގެ ޤައުމުތައް ހިމެނޭގޮތުން މިފަދަ ޖަމްޢިއްޔާއެއް އުފެއްދުމަށްޓަކައި ކުރެވެމުންދިޔަ މަސައްކަތްތަކުގައި ރާއްޖެ ބައިވެރިވަމުން އައިސްފައިވަނީ ވަރަށް ޢަމަލީގޮތެއްގައި. މި ޖަމުޢިއްޔާގެ އުފެދުން ރަސްމީގޮތުން އިޢުލާނު ކުރެވުނީ، މިދިޔަ އަހަރު ޑިސެމްބަރުމަހުގެ ތެރޭގައި، ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވުނު މި ޤައުމުތަކުގެ އެންމެމަތީ ވެރީންގެ ޖަލްސާގައި. މި ޖަލްސާގައިވެސް ރާއްޖޭގެ ފަރާތުން ބައިވެރިވުމުގެ ޝަރަފު އަޅުގަނޑަށް ލިބުނު.

މިދެންނެވި ދެ ޖަލްސާގެ އިތުރަށް، އ.ދ. މަޖިލީހަށް ސާޅީސް އަހަރު ފުރުމުގެ މުނާސަބަތުގައި، އެތާނގެ ފަރާތުން ބޭއްވި ޚާއްޞަ ހަނދާނީ ޖަލްސާގައި ބައިވެރިވުމަށް ސެކްރެޓެރީ ޖެނެރަލް ދެއްވި ދަޢުވަތެއް ގަބޫލުކޮށް، އ.ދ. ގެ ޢާންމު ޖަލްސާގައި ތަޤުރީރު ކުރުމަށް މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައި އަޅުގަނޑު އެތަނަށް ޒިޔާރަތްކުރިން. މިއީ، ރާއްޖޭގެ އެންމެމަތީ ވެރިޔަކަށް ހުރި މީހަކު، އ.ދ. ގައި ފުރަތަމަ ވާހަކަ ދެއްކި ފަހަރު ކަމަށް ވުމާއެކު، ރާއްޖޭގެ މިނިވަން ސިޔާސަތު ފުރިހަމައަށް ހާމަކޮށްދެވޭތޯ އަޅުގަނޑު މަސައްކަތް ކުރިން.

ވޭތުވެދިޔަ އަހަރު މެއިމަހުގެ ތެރޭގައި ނޭޕާލްގެ ރަސްގެފާނު ދެއްވި ދަޢުވަތަކަށް، އަޅުގަނޑު އެ ޤައުމަށް ރަސްމީ ޒިޔާރަތެއްކުރިން. އަދި އިންޑިޔާގެ އާ ބޮޑުވަޒީރު މިސްޓަރ ރަޖީވްގާނދީގެ އާ ސަރުކާރު އުފެދުމާއެކު، އެ މަނިކުފާނާ ބައްދަލުވެ ތަޢާރުފުވުމުގެގޮތުން އިންޑިޔާއަށްވެސް އަޅުގަނޑު ދިޔައިން. މީގެއިތުރަށް، ފަރަންސޭސި ސަރުކާރުގެ ދަޢުވަތަކަށް އެ ޤައުމަށާއި، މެލޭޝިޔާގެ ބޮޑުވަޒީރުގެ ދަޢުވަތަކަށް މެލޭޝިޔާގެ އިސްލާމީ މަރްކަޒު ހުޅުވުމާއި އެއާ ގުޅޭގޮތުން ބޭއްވުނު އިސްލާމީ ސެމިނާރެއްގައި ވާހަކަ ދެއްކުމަށްޓަކައި، ކުއާލަލަމްޕޫރަށް އަޅުގަނޑު ޒިޔާރަތްކުރިން.

1985 ވަނަ އަހަރުގެ ތެރޭގައި ބޭރުގެ ވަރަށްގިނަ ޢިއްޒަތްތެރިން ރާއްޖެއަށް ޒިޔާރަތް ކުރައްވާފައިވޭ. އޭގެތެރޭގައި އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކުރެވެނީ، ޕާކިސްތާނުގެ ރައީސް ޖެނެރަލް މުޙަންމަދު ޟިޔާއުލް ޙައްޤު. އޭނާ ރާއްޖެއަށް ކުރެއްވި ރަސްމީ ޒިޔާރަތުގެ ސަބަބުން، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ތަފާތު ދާއިރާ ތަކުގައި ދެ ޤައުމުގެ ފައިދާއަށްޓަކައި މަސައްކަތް ކުރުމަށް އެއްބަސްވެވުނު. ނިއުޒީލެންޑްގެ ބޮޑުވަޒީރު މިސްޓަރ ޑޭވިޑް ލޯންގީއާއި ކޮމަންވެލްތުގެ ސެކްރެޓެރީ ޖެނެރަލް ސަރ ޝްރީދަތު ރަމްފާލްވެސް ވޭތުވެދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރެއްވި. އެ ބޭފުޅުންގެ އިތުރަށް، ވަރަށްގިނަ ޤައުމުތަކުގެ ވަޒީރުންނާއި، އެ ފެންވަރުގެ އެކިއެކި ބޭފުޅުން ރާއްޖެއަށް މިދިޔަ އަހަރު ޒިޔާރަތް ކުރައްވާފައިވޭ.

މިދިޔަ އަހަރުގެ ތެރޭގައި އިތުރު ދެ ޤައުމަކާއެކު ދިވެހިރާއްޖެ ސިޔާސީ ގުޅުން އުފައްދާފައިވޭ. އެ ދެ ޤައުމަކީ މޯލްޓާއާއި މޮންގޯލިޔާ. މި ދެ ޤައުމާއެކު، މިހާތަނަށް ރާއްޖެ ސިޔާސީ ގުޅުން އުފައްދާފައިވަނީ، 71 ޤައުމާ. އެކުވެރި ބައެއް ޤައުމުތަކާއި ރާއްޖެއާ ދެމެދުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ތަފާތު ރޮނގުރޮނގުން އެކިއެކި އެގްރީމަންޓްތައްވެސް ކުރެވިފައިވޭ. ވޭތުވެދިޔަ އަހަރު ކުރެވުނު އެގްރީމަންޓްތަކުގެ ތެރޭގައި، ޕާކިސްތާނާއެކު ކުރެވިފައިވާ އިޤްތިޞާދީ އަދި ފަންނީ އެއްބާރުލުމުގެ އެގްރީމަންޓާއި، ނޭޕާލާއެކު ކުރެވިފައިވާ ޘަޤާފީ އެއްބާރުލުމުގެ އެގްރީމަންޓާއި، އުތުރު ކޮރެޔާއާއެކު ކުރެވިފައިވާ އިޤްތިޞާދީ އެއްބާރުލުމުގެ އެގްރީމަންޓް ހިމެނޭ.

                                                                        ދައުލަތުގެ ސިޔާސަތު

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

ކުރިޔަށް އޮތް އަހަރުވެސް ދައުލަތް ހިންގުމުގެ ސިޔާސަތު ބިނާވެފައި އޮންނާނީ، ވޭތުވެދިޔަ އަހަރުތަކުގައިވެސް އެ އުސޫލުތަކެއްގެ މައްޗަށް ދައުލަތުގެ ސިޔާސަތު ބިނާވެފައިވާ އުސޫލުތަކުގެ މައްޗަށް. އާދެ! ރައްޔިތުންނަށް ފައިދާހުރި ގޮތުގައި ރާއްޖޭގެ ކަންތައްތައް ކުރިއެރުވުމަށް ކުރެވެންއޮތްހާ މަސައްކަތެއް ކުރަމުން ގެންދިޔުމުގެ އުސޫލު. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމުގެ އުސޫލު. އަޅުގަނޑުމެންގެ ހެޔޮ ނަސީބު ކަމުގައި اللّـه سبحانه وتعالى ލެއްވި އިސްލާމްދީނަށް ޙުރްމަތްތެރިކޮށް ހިތުމާއި، ޤައުމީ ރޫޙު އާލާކޮށް، ދިވެހިވަންތަކަން ދިރުވުމުގެ އުސޫލު.

މި އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ސިޔާސަތަކީ ތިޔަ ޢިއްޒަތްތެރި މަޖިލީހުގެ ފުރިހަމަ އިތުބާރާއި ތާއީދު މިހާތަނަށްވެސް ލިބިފައިވާ ސިޔާސަތެއް ކަމުގައިވުމާއެކު، ކުރިޔަށް އޮތްތާނގައިވެސް އެފަދަ މަތިވެރި އިތުބާރަކާއި ތާއީދެއް ލިބޭނޭކަމަށް އަޅުގަނޑު ޔަގީންކުރަން. އަދި މި ސިޔާސަތަށް ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ އެހީއާއި އެއްބާރުލެއްވުންވެސް ލިބެމުންދާނެކަމާމެދަކު އަޅުގަނޑު ޝައްކެއްނުކުރަން.

                                                                        ދާޚިލީ ސިޔާސަތު

ކުރިޔަށް އޮތް އަހަރު ދައުލަތުގެ ދާޚިލީ ސިޔާސަތު ބިނާކުރާނީ، ކުރީ އަހަރުތަކެކޭވެސް އެއްފަދައިން، ރައްޔިތުންނަށް ލުއިފަސޭހަކަން ލިބެނިވި ގޮތްތައް ހޯދައިދީ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް ކުރިޔަށް ގެންދިޔުމުގެ މައްޗަށް. ރައްޔިތުންގެ މެދުގައި ހަމަހަމަކަން ޤާއިމުކޮށް، މިނިވަންކަމުގެ އަސާސީ ޙައްޤުތައް ޤާނޫނުގައިވާ ގޮތުގެމަތީން ރައްޔިތުންނަށް ލިބިދިނުމުގެ މައްޗަށް. މާތްވެގެންވާ އިސްލާމްދީނުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތީން، ޤައުމުގެ އެންމެހައި ކަންތައްތައް އިޞްލާޙުކޮށް ކުރިޔަށް ގެންދިޔުމުގެ މައްޗަށް. ރާއްޖޭގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން ދަމަހައްޓައި، އަޅުގަނޑުމެންގެ ބަހާއި ޘަޤާފަތު ރައްކާތެރިކޮށް ދެމެހެއްޓުމުގެ މައްޗަށް.

ދައުލަތުގެ ދާޚިލީ ސިޔާސަތުގެ އެންމެ ޚާއްޞަ އެއްބައި ކަމުގައިވާނީ، އިޖުތިމާޢީ ގޮތުންނާއި އިޤްތިޞާދީގޮތުން ރާއްޖޭގެ ރައްޔިތުންނަށް އިތުރު ކުރިއެރުން ހޯދައިދިނުމަށް މަސައްކަތްކުރުން. އާދެ، ސަރުކާރަށް ކުޅަދާނަވެގެންވި އެންމެމަތީ ފެންވަރަކަށް، ރައްޔިތުންނަށް ދެވޭ އިޖުތިމާޢީ ޚިދްމަތްތަކުގެ ދާއިރާ ފުޅާކޮށް ތަރައްޤީ ކުރަމުން ގެންދިއުން. އަދި އިޤްތިޞާދީގޮތުން އަޅާ ފިޔަވަޅުތަކަކީ، މަދު ބައެއްގެ ފައިދާއާއި މަންފާ ރައްކާތެރިކުރުމުގެ ބަދަލުގައި، ގިނަބަޔަކަށް އޭގެ ލާބައާއި ފަސޭހަ ލިބޭނޭ ފިޔަވަޅުތަކެއް ކަމުގައި ހެދުން.

                                                                        ޚާރިޖީ ސިޔާސަތު

ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ދަމަހައްޓައި، ރާއްޖެއަށް ލާބައާއި މަންފާހުރި ގޮތުގައި ބައިނަލްއަޤްވާމީ ދާއިރާގައި ޙަރަކާތްތެރިވެ، ދުނިޔޭގެ އެކިއެކި މައްސަލަތަކުގައި ޙައްޤާއި އިންޞާފަށް ތާއީދުކުރާ ސިޔާސަތެއް. ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެ އިޙްތިރާމް ފުރިހަމައަށް ލިބެމުންދާ، އަދި ރާއްޖޭގެ ޤަދަރު އެހެން ޤައުމުތަކުގެ މެދުގައި އުފުލިގެންދާ ސިޔާސަތެއް. އެހެންކަމުން، ކުރިއަށް އޮތްތާނގައިވެސް މި ސިޔާސަތަށް ބަދަލެއް ނުގެނެސް ދެމެހެއްޓުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި އަޅުގަނޑު ދެކެން.

ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު އުސޫލުތަކަކީ، ދުނިޔޭގެ ބޮޑު ދެ ބާރުންކުރެ ބާރެއްގެ ފަރާތަށް ނުޖެހި އޮތުމާއި، ރާއްޖެއާ ރަޙްމަތްތެރިކަން އުފައްދަން އެދޭ ޤައުމުތަކާ އެކުވެރިކަން އުފެއްދުން. ޚާއްޞަކޮށް އިސްލާމީ ޤައުމުތަކާއި އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކާއި ރާއްޖެއާ ދެމެދުގައި އޮންނަ ގުޅުން ބަދަހިކޮށް ތަރައްޤީކުރުން. އަދި ބައިނަލްއަޤްވާމީ ދާއިރާގައި ޢަދުލުއިންޞާފުގެ އަޑު އުފުލައި، އިންސާނީ ޙައްޤުތަކަށް ތާއީދުކޮށް، ދުނިޔޭގެ ޞުލްޙައަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގައި ރާއްޖެއާ އެކަށީގެންވާ މިންވަރުން ބައިވެރިވެ ޙަރަކާތްތެރިވުން.

ދިވެހިރާއްޖެ ދެކޭގޮތުގައި، އިޤްތިޞާދީގޮތުން މިހާރު ދުނިޔޭގައި ހިނގަމުންދާ ނިޒާމަކީ ޞިނާޢީގޮތުން ކުރިއަރާފައިވާ ޤައުމުތަކަށް ފައިދާހުރިގޮތަށް އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ހުރަސްތަކެއް އެޅޭގޮތަށް ހެދިފައިވާ ނިޒާމެއް. އެހެންކަމުން، މިހާރަށްވުރެ އިންސާފުވެރި އަދި ހަރުދަނާ ގޮތަކަށް ދުނިޔޭގެ އިޤްތިޞާދީ ކަންތައްތައް ހަމަޖެހުމަކީ ރާއްޖެ ގޮވާލާ ކަމެއް.

މިނިވަންކަމާއި އިންސާނީ ޙައްޤުތައް ލިބިގަތުމަށްޓަކައި ދުނިޔޭގެ ކޮންމެ ތަނެއްގައި މަސައްކަތް ކުރަމުންދާ މީހުންނަށްވެސް ދިވެހިރާއްޖެ ތާއީދުކުރޭ. ޚާއްޞަގޮތެއްގައި، ފަލަސްތީނުގެ ބިމުން ބޭރުކޮށްލެވިފައިވާ ފަލަސްތީނުގެ ރައްޔިތުން، އެމީހުންގެ ޙައްޤުތައް ހޯދުމަށްޓަކައި ކުރަމުންދާ ޖިހާދުގައާއި، އިސްރާއީލް މީހުން ގަދަކަމުން ހިފާފައިވާ އަލްޤުދުސާއި އެނޫންވެސް ޢަރަބީންގެ ބިންތައް މިނިވަންކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ދިވެހިރާއްޖެ ހުރިހާ މާނައެއްގައި ބައިވެރިވޭ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

އަޅުގަނޑުމެންގެ ޤައުމު މިއަދުވަނީ، މީގެކުރީން ދުވަހަކުވެސް ބޭރުގެ ޤައުމުތަކާ ގުޅިފައި ނެތް މިންވަރަކަށް ބޭރުގެ ޤައުމުތަކާ ގުޅިފައި. އޭގެ ނަތީޖާއެއްގެ ގޮތުން، އަޅުގަނޑުމެން ސަމާލުވެގެން ނުތިބިނަމަ، ބޭރުގެ ނޭދެވޭ އެކިއެކި ނުފޫޒުތައް އަޅުގަނޑުމެންގެ ތެރެއަށް ފޯރުވުމުގެ ފުރުސަތުވެސް މީގެކުރިއާ ޚިލާފަށް މިހާރު މާ ތަނަސްވާނެ. އެހެންކަމުން، މިއަދު އަޅުގަނޑުމެން ތިބެންވާނީ، މިކަމުގެ މައްޗަށް ވަރަށްބޮޑަށް ހޭލައި ވިސްނައިގެން.

އަޅުގަނޑުމެންގެ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ޒަމާންތަކަކަށް ދެމިއޮވެގެން އަޅުގަނޑުމެނާ ހަމައަށް އައިސްފައި މިވަނީ، އަޅުގަނޑުމެންގެ ޤައުމުގައި އޮތް އެއްބައިވަންތަ ކަމަކާއި އެކުވެރިކަމެއްގެ ސަބަބުންކަން ޔަޤީން. ވީމާ، މިއަދުވެސް އަޅުގަނޑުމެންގެ ސަލާމަތްކަން އޮތީ، އެ އެއްބައިވަންތަ ކަމުގައިކަން ހަނދާން ކުރަންވާނެ. ޤައުމީ އެއްބައިވަންތަކަން ރައްކާތެރި ކުރުމުގައި، ދީނީ ނުވަތަ މަޛްހަބީ އެއްބައިވަންތަކަމުގެ މުހިންމުކަން އަޅުގަނޑުމެން ރަނގަޅަށް ދަންނަންވާނެ. މާތްވެގެންވާ އިސްލާމްދީނަކީ، އެ ދީނުގެ އަހުލުވެރިން އެކުވެރިވެ އެކަތިގަނޑަކަށްވާން ގޮވާލާ، އެމީހުންގެ މެދުގައި އެއްވެސް ސަބަބަކާހުރެ ބައިބައިވުން އުފެދުނަ ނުދިނުމަށް އަމުރުކުރާ ދީނެއް ކަމުގައި އަޅުގަނޑުމެން ގަބޫލުކުރަންވާނެ.

އަޅުގަނޑުމެންގެ ކައިރީގައިވާ އެކިއެކި ޤައުމުތަކުގައި މިއަދު ހިނގަމުންދާ ޙަރަކާތްތަކާމެދު ވިސްނާ ފިކުރު ކުރަމާތޯ! އެތަންތާނގައި ހިނގަމުންދާ ނަސްލީ ފިތުނަވެރިކަން، ނުވަތަ ވާހަކަ ދައްކާ ބަހުގެ ސަބަބުން އުފެދޭ ދެކޮޅުވެރިކަން ހިތަށް ގެންނަމާތޯ! އަދި އޭގެ ސަބަބުން އެތަންތާނގައި އޮހޮރެމުންދާ ލޭތަކާއި، އެތަންތާނގެ އަމަންއަމާން ކަމަށާއި، އިޤްތިޞާދިއްޔަތަށް ލިބެމުންދާ ބޮޑެތި ގެއްލުންތައް ވަޒަންކޮށްލަމާތޯ!

މިކަންކަމާމެދު ވިސްނާއިރު، އަޅުގަނޑުމެންގެ އެއްބައިވަންތަކަމަށް އުނިކަން އަންނަ ގޮތުގެމަތިން ކުރެވޭ ކަންކަމަކީ، އެއީ ބޭރުގެ ކޮންމެވެސް ނޭދެވޭ ނުފޫޒެއް އޭގައި އެކުލެވިފައިވާ ކަންކަމަށް ވެދާނެކަމަށް ދަންނަވަންޖެހޭ. އަޅުގަނޑުމެންގެ މިނިވަންކަމަށާއި ސިޔާދަތަށް ގެއްލުން ދިނުމަށް ބަޔަކު ރާވާ ރޭވުމަކަށް ވެދާނެކަމަށް ގަބޫލުކުރަންޖެހޭ. މިކަމުން ދިފާޢުވުމަށް އަޅުގަނޑުމެން އަބަދުވެސް ތިބެންޖެހޭނީ، ވަރުގަދައަށް ދަހަނާއަޅައި އައްޑަނަ ހިފައިގެން.

މާތް اللّـه ތިޔަ ޢިއްޒަތްތެރި މަޖިލީހަށާއި، އަޅުގަނޑަށާއި، ސަރުކާރަށާއި، ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް، އަޅުގަނޑުމެންގެ ޤައުމުގެ އެއްބައިވަންތަކަމާއި އެއްބަނޑު އެއްބަފާ އުޚުއްވަތްތެރިކަން ރައްކާތެރިކޮށް ދަމަހައްޓައި، ޤައުމުގެ ހެވާއި ލާބައަށްޓަކައި ވަރުގަދަ ޢަޒުމަކާއި ކެތްތެރިކަމާއެކު މަސައްކަތް ކުރުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި ދުޢާކުރާ ހާލު.

ޤާނޫނު ނަންބަރު 1/68ޖ. ގެ 6 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީސް ހުޅުވައިދިނުމުގެ ޝަރަފު ލިބިގަންނަން.

رَبَّـنَا لاَتُـزِغْ قُلُوبَـنَابَعْدَ إِذْهَـدَيْتَنَا وَهَبْ لَنَا مِن لَّدُنْكَ رَحْمَةً إنَّكَ أَنْتَ الْوَهَّابُ.

وَمَاتَوْفِيقِئ إِلاَّ بِاللَّـهِ عَلَيْهِ تَوَكَّلْتُ وَإِلَيْـه أُنِيْب.

وَالسَّلاَم عَلَيْكُمْ وَرَحْمَةُ اْللَّـهِ وَبَركَاتُهُ.