މިސަރުކާރުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް، އޭއީއެޗްގެ ހިންގުމަށް ގެނައި ބަދަލުތަކުގެ ނަތީޖާ ފާއިތުވި ދެ އަހަރުގެ ތެރޭގައި ފެނިގެން ހިނގައްޖެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އައްޑޫ ސިޓީއާ ފުވައްމުލައް ސިޓީއަށް މިއަދު ފެށްޓެވި ދަތުރުފުޅުގެ ތެރެއިން، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް މިއަދު ހަވީރު ޒިޔާރަތްކުރައްވައި އެހޮސްޕިޓަލްގެ ބޯޑު މެމްބަރުންނާ، ސީނިއަރ މެނޭޖްމެންޓާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އޭއީއެޗަށް މިއަދު ކުރެއްވި ޒިޔާރަތުގައި، ހޮސްޕިޓަލުގެ ޚިދުމަތްތައް ބައްލަވާލައްވައި، ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެވެމުންދާ ބައެއް ބަލި މީހުންނަށް ޒިޔާރަތްކުރައްވައި ހާލުއަހުވާލު އޮޅުން ފިލުއްވެވިއެވެ.

މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، އޭއީއެޗްގެ ދަށުން ސިއްޙީމަރުކަޒުތައް ހިންގައި އެތަންތަނުގެ ޚިދުމަތްތައް ފުޅާކުރެވެމުން ދިޔުމަކީ ހޯދެމުން އަންނަ މުހިއްމު ކުރިއެރުންތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށާއި ޚިދުމަތްތައް ހޯދަން އަންނަ މީހުން ހިތްހަމަޖެހޭފަދަ ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި، އޭއީއެޗްގެ ސީއީއޯ ޑރ. މުޙައްމަދު ޞާލިޙް ވަނީ، އެހޮސްޕިޓަލްގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ފާއިތުވި ދެ އަހަރުތެރޭގައި ކުރެވުނު މަސައްކަތްތަކުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވައިފައެވެ. އަދި އޭއީއެޗްގެ ލެބޯޓްރީއަކީ އައިއެސްއޯސެޓިފައިޑް ލެބޯޓްރީއަކަށް ހެދުމުގެ މަސައްކަތްތައް ކުރެވެމުންދާކަމުގައިވެސް ވިދާޅުވިއެވެ. އަދި ހޮސްޕިޓަލުން ޚިދުމަތް ހޯދަމުން އަންނަ ފަރާތްތަކަށް ރަނގަޅު ތަޖުރިބާއެއް ކުރެވޭނޭ ގޮތަށް ޚިދުމަތްތައް ބައްޓަންކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތުވެސް ހޮސްޕިޓަލްތަކުގެއެކި ޑިޕާޓްމަންޓްތަކުގެ ވެރިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި މިވަގުތު ކުރެވެމުން އަންނަ އެންމެ މުހިއްމު މަސައްކަތަކީ، ކެތުލެބް ޤާއިމްކުރުމުގެ މަސައްކަތެވެ. ވަކިބޯޑެއްގެ ދަށުން ހިންގަމުން އަންނަ، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަކީ، 102 އެނދުގެ ޓާޝަރީ ހޮސްޕިޓަލެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މިދަތުރުފުޅުގައި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ޒިޔާރަތްކުރެއްވުމަށްފަހު ވަނީ، އައްޑު ސިޓީ ފެނަކަ ސެންޓްރަލް ޕަވަރ ސްޓޭޝަން އިމާރާތްކުރާ ސައިޓަށް ޒިޔާރަތްކުރައްވައި އެތަނުގެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލައްވާފައެވެ.