ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އައްޑޫ ސިޓީއަށާއި ފުވައްމުލައް ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މާލެ ވަޑައިގެންފިއެވެ.

ބުރާސްފަތި ދުވަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފެށްޓެވި މިދަތުރުފުޅުގައި، އެންމެ ފުރަތަމަ ވަޑައިގެންނެވީ އައްޑޫ ސިޓީއަށެވެ. އައްޑޫސިޓީއަށް ވަޑައިގެން އެމަނިކުފާނު، އައްޑޫ ސިޓީ ކައުންސިލާ ބައްދަލު ކުރެއްވުމުގެ އިތުރުން، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، އެހޮސްޕިޓަލްގެ ސީނިއަރ މެނޭޖްމަންޓާއި މުވައްޒަފުންނާވެސް ވަނީ ބައްދަލު ކުރައްވާފައެވެ. އަދި އެހޮސްޕިޓަލްގެ ދަށުން ހިންގަމުންދާ، ހުޅުމީދޫ ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުއްވައިދެއްވައި، އެމަރުކަޒުގައި އަލަށް ތަޢާރަފްކުރެވުނު ޚިދުމަތްތައް އެމަނިކުފާނު ފަށްޓަވައިދެއްވިއެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި، އައްޑޫ ސިޓީގެ ބައެއް ސްކޫލުތަކަށާއި ސަރުކާރުގެ މުއައްސަސާތަކަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، މިސަރުކާރުން އައްޑޫ ސިޓީގެ ތަރައްޤީއަށް ހިންގަމުންދާ މަޝްރޫޢުތައް ކުރިޔަށްދާގޮތްވެސް ވަނީ ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފުވައްމުލައް ސިޓީއަށް ކުރެއްވި މިދަތުރުފުޅުގައި ވަނީ، ފުވައްމުލަކު ހޮސްޕިޓަލަށް އިތުރުކުރެވުނު އިމާރާތް ހުޅުއްވައި ދެއްވައި އެހޮސްޕިޓަލްގައި އަލަށް ތަޢާރަފްކުރެވުނު ޚިދުމަތްތައްވެސް ފަށްޓަވައިދެއްވާފައެވެ. އަދި ޏ. އަތޮޅު ތަޢުލީމީ މަރުކަޒަށް 40 އަހަރު ފުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން، އެމަރުކަޒުގެ އަހަރީ ދުވަހާ ގުޅިގެން ކުރިޔަށް ގެންދިޔަ، ކުޅިވަރު ހަރަކާތްތަކުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މިދަތުރުފުޅުގައި ވަނީ، ފުވައްމުލަކު ސްކޫލުގައި އަލަށް އިމާރާތްކުރެވުނު ދެ ކުލާސްރޫމް މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީގައި މި ސަރުކާރުން ހިންގަމުންދާ ޢުމުރާނީ ތަރައްޤީގެ މަސައްކަތްތައް ކުރިޔަށް ދާގޮތް ބައްލަވައި ލެއްވުމަށްޓަކައި، މަޝްރޫޢުތައް ހިނގަމުންދާ ސަރަހައްދުތަކަށްވެސް އެމަނިކުފާނު ޒިޔާރަތްކުރެއްވިއެވެ.

އައްޑޫ ސިޓީއަށާއި ފުވައްމުލަކު ސިޓީއަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުރެއްވި 5 ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެވަޑައިގެންނެވީ ހޯމަދުވަހު ހަވީރުގެ ވަގުތެއްގައެވެ.