ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް މިއަދު އުފައްދަވައިފިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، އުފެއްދެވި މި އިދާރާއަކީ މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި ވާގޮތުން ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ 489 ކަމުގައި ވެސް ވަނީ ހަމަޖައްސަވާފައެވެ.

ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓް އުފެއްދެވިކަން އިޢުލާންކުރައްވާ ނެރުއްވި ދެންނެވުމުގައި މި އިދާރާގެ ބޭނުމާއި މަސައްކަތްތައް ވަރަށް ތަފްޞީލުކޮށް ބަޔާންކޮށްދެއްވާފައިވެއެވެ.