بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު އަޙްމަދު މުޢްތަޞިމް ޢަދުނާން، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު، ޕޮލިސް ބޯޑުގެ ޗެއަރޕަރސަން، ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަޑް) އަޙްމަދު ފަސީޙް، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އަޅުގަނޑުމެން މިއަދު އެއްތަންވެ މިތިބީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ތާރީޚުން މުޅިން އައު ޞަފުޙާއެއްގެ މުޅިން އައު ފެށުމެއްގައި. މި ކޮންފަރެންސަކީ، ފުލުހުންގެ ޚިދުމަތާ ގުޅޭގޮތުން، ރާއްޖޭގެ ތާރީޚުގައިވެސް އަދި ފުލުހުންގެ ޚިދުމަތުގެ ތާރީޚުގައިވެސް މިހާތަނަށް ބާއްވާ ފުރަތަމަ ކޮންފަރެންސް. އަޅުގަނޑުމެން އެންމެންގެ އަމާޒު ހުއްޓި ސީދާވެފައި މިހުރީ އެއް މިސްރާބަކަށް.

އެއީ ދިވެހި ފުލުހުންގެ ޚިދުމަތް ޒަމާނީކޮށް ފެންވަރު ރަނގަޅުކުރުން. މި ކޮންފަރެންސްގައި ފުލުހުންގެ ޚިދުމަތާ ބެހޭގޮތުން، ދިރާސީ ކަރުދާސްތައް ހުށަހަޅައި، ޢިލްމީ ގޮތެއްގައި މަޝްވަރާކޮށް ޚިޔާލު ބަދަލުކުރެވޭނެ. އެހެންކަމުން، މިއީ ވަރަށް މުހިންމު އަދި ވަރަށް ބިނާކުރަނިވި މަސައްކަތަކަށް ވާނެކަމަށް އަޅުގަނޑު އުންމީދު ކުރަން.

ތަޖުރިބާކާރުންގެ އިރުޝާދާއި، ޢިލްމީ ޙަޤީޤަތްތަކުގެ އަލީގައި ކަންކަމާ މަޝްވަރާކުރުމުން، ނެރެވޭ ނަތީޖާ މާބޮޑަށް ވެސް ރަނގަޅުވާނެ. އެހެންކަމުން، މިފަދަ ޢިލްމީ ކޮންފަރެންސެއް އިންތިޒާމުކުރެއްވި ކަމަށްޓަކައި، ޕޮލިސް ބޯޑަށާއި، ހޯމް މިނިސްޓްރީއަށާއި އަދި ފުލުހުންގެ ޚިދުމަތަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި އެންމެހައި ބައިވެރިންނަށް ވަރަށް ކާމިޔާބު ކޮންފަރެންސަކަށްވެސް އަޅުގަނޑު އެދެން.

ދިވެހި ފުލުހުންގެ 90 ވަނަ އަހަރީ ދުވަސް، މި މަހުގެ 29 ވަނަ ދުވަހު ފާހަގަކުރާނެ. މިދިޔަ 90 އަހަރުގެ ތެރޭގައި، ދިވެހި ފުލުހުންގެ ޚިދުމަތަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ. ފުލުހުންގެ ޢަދަދާއި، ޚިދުމަތުގެ ވައްޓަފާޅިއާއި، ބޭނުންކުރާ ވަސީލަތްތަކަށްވެސް ވަރަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ. މިހާރުވެސް ދަނީ ބަދަލުތައް އަންނަމުން. އަދި އިތުރު ބަދަލުތަކަށްވެސް އަދިވެސް ބޭނުންވޭ.

ފުލުހުންގެ ޚިދުމަތާ ގުޅޭގޮތުން މިހާރު މި ގެންގުޅޭ ސިޔާސަތަކީ، މުޖުތަމަޢާ ގުޅިގެން ޚިދުމަތް ދިނުން، ނުވަތަ ކޮމިޔުނިޓީ ޕޮލިސިންގ ދެމެހެއްޓުން. ފުލުހުންނާ މެދު ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނީ ފުލުހުންނަކީ، ރައްޔިތުންނަށް ޚިދުމަތް ކުރުމަށް، ރައްޔިތުންގެ ތެރެއިން އުފެދިފައިވާ މުޖްތަމަޢުގެ އެއްބައިކަން އަޅުގަނޑުމެން އެންމެން ގަބޫލުކޮށްގެން.

އެ ސިޔާސަތު ތަންފީޒުކުރުމުގައި މިހާތަނަށް ކުރެވުނު ކަންތަކާއި، ދެން ކުރަންވީ ކަންތަކާއި، އަމާޒު ހިފަންވީ މިސްރާބަށް، މި ކޮންފަރެންސުން މަގު ދައްކާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން.

އެނގިވަޑައިގަންނަވާނެ، ފުލުހުންގެ އައު ޤާނޫނަށް ޢަމަލުކުރަން ފެށީ، 21 މާޗް 2021 ގައި. އެ ޤާނޫނުގައި، ފުލުހުންގެ ޚިދުމަތް އިންތިޒާމުކޮށްދީފައި އޮތީ، މުޖުތަމަޢުގެ އެންމެހައި ޙިއްޞާދާރުންނާ ގުޅިގެން ތަންފީޛުކުރެވޭ ޚިދުމަތެއްގެ ގޮތުގައި. އެ ގުޅުން އުފެއްދެނީ، ޢާންމު ރައްޔިތުންނާއި، ކަމާބެހޭ މުއައްސަސާތަކާއި، ދަރިވަރުންނާއި، ޒުވާނުންނާއި، ފަންނުވެރިންނާއި، ސަލާމަތީ ދާއިރާގެ ތަޖުރިބާކާރުންނާ އެކު ވަރުގަދަ ވިއުގައެއް އުފެއްދިގެން.

ކޮންމެ މުޖްތަމަޢެއްގައި ވެސް ފުލުހުންގެ ޚިދުމަތް، އާރުލާ ހަރުދަނާ ޚިދުމަތަކަށް ވަނީ، މިދެންނެވި ފަދަ ވަރުގަދަ ގުޅުމެއްގެ ތެރެއިން ޚިދުމަތް ދެވޭނެ ގޮތް ހަމަޖެހިގެން. ކުރުކޮށް ދަންނަވާނަމަ، މުޅި މުޖްތަމަޢު ޝާމިލުވާ ގޮތަށް، ވަށައިޖެހޭ ނިޒާމެއްގެ ތެރޭގައި ފުލުހުންގެ ޚިދުމަތް ބައްޓަންކޮށްގެން.

ފުލުހުންގެ ޚިދުމަތަކީ ގޮންޖެހުން ބޮޑު ޚިދުމަތެއް. އެ ގޮންޖެހުންތައް ކަޑައްތުކޮށް، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި، ވަގުތާއި ޙާލަތާ އެކަށޭނަ ގޮތަށް ޢަމަލުކުރާނީ ކިހިނެއްކަން ދެނެގަތުން، އެއީވެސް މިފަދަ ކޮންފަރެންސެއްގެ ވަރަށް މުހިންމު ބޭނުމެއް. މި ކޮންފަރެންސްގައި ހުށަހަޅާ ޢިލްމީ ދިރާސާތަކުން، އެކަންކަމަށް ޖަވާބެއް ލިބޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

މީލާދީން 18 ވަނަ ޤަރުނުގެ މެދުތެރޭގައި އިންސާނުން އުފަންކުރި ޞިނާޢީ އިންޤިލާބުގެ ވާހަކަ އަޅުގަނޑުމެން އެންމެން އަޑުއަހާނެ. އެ އިންޤިލާބާއެކު މުޅި ދުނިޔެ ފުރޮޅިގެން ދިޔައީ ބަދަލުތަކެއްގެ ތެރެއަށް. އެއީ ފައިސާ ފޮތީގެ ދެފުށް ތަފާތުވާ ފަދައިން، ރަނގަޅާއި ނުރަނގަޅުވެސް ހިމެނޭ ބަދަލުތަކެއް. ފުލުހުންގެ ޚިދުމަތް ތާއަބަދު ފާރަވެރިވެ ބަލަމުން ދަނީ، އެ ބަދަލުތަކުން ނުކުންނާނެ ނަތީޖާއަށް.

މި ދެންނެވި ބަދަލުތަކާއެކު، މިހާރު އަޅުގަނޑުމެންނަށް ވަދެ މި ތިބެވެނީ، ޒަމާނީ ޓެކްނޮލޮޖީއާއި، އީޖާދީ އުފެއްދުންތަކުގެ ދުނިޔެއަކަށް. ޓެކްނޮލޮޖީގެ ކޮންމެ ލުއިފަސޭހައަކާ އެކު، އިޖްތިމާޢީ ނުވަތަ ޖިނާއީ ގޮންޖެހުމެއް ކުރިމަތި ނުވެޔެކޭ ނުދެންނެވޭނެ.

މުޖްތަމަޢާއި ފަރުދުންގެ ސަލާމަތަށް ނުރައްކާކުރާ ކަންތައް ދަނީ ތަފާތުވަމުން، ބަދަލުވަމުން. އެފަދަ ކަންކަން ކުރުމުގައި ބޭނުންކުރާ އުކުޅުތަކާއި ވައްޓަފާޅިވެސް ދަނީ ބަދަލުވަމުން. އަދި އެފަދަ ކުށްތައް ކުރުމުގައި ބޭނުންކުރާ ވަސީލަތްތަކާއި، އެފަދަ ކުށްތަކަށް އަރައިގަތުމަށް ފަހު، ޤާނޫނުގެ އަތްދަށުނުވުމަށް ރާވާ ރޭވުންތައް ވެސް ދަނީ ބަދަލުވަމުން، ތަފާތުވަމުން.

މިއީވެސް ފުލުހުންގެ ތައްޔާރީ ޙާލަތަށް ބަދަލު ގެންނަން މަޖުބޫރު ކުރުވާ ސަބަބު. އެ ބަދަލުތަކާ އެކަށޭނަ ގޮތަށް ފުލުހުންގެ ޚިދުމަތް ތަރައްޤީ ކުރުމަށް، އަޅުގަނޑުމެން ވަރަށް ބޮޑަށް އިސްކަމެއް ދޭން އެބަޖެހޭ. ފުލުހުންގެ ޚިދުމަތަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް އަޅުގަނޑުމެން އެބަ ހޯދަން. އެކަމުގައި، މިދިޔަ 5 އަހަރުގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ލިބިއްޖެ ކަމަށް އަޅުގަނޑު ގަބޫލުކުރަން.

ކުރީ ސަފުގައި ޚިދުމަތް ކުރާ ފުލުހުންގެ އޮފިސަރުން، ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށުމަކީ، އޭގެ ތެރެއިން ފާހަގަކޮށްލެވޭ ހެޔޮ ބަދަލެއް ކަމުގައި އަޅުގަނޑު ދެކެން. ރައްޔިތުންގެ ދިފާޢުގައި ކިތަންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލިޔަސް، ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީވެސް ކުރަންޖެހޭ ކަމެއް. ޤާނޫނީ ރައްކާތެރިކަން ވެސް އަދި ޖިސްމާނީ ރައްކާތެރިކަން ވެސް ކަށަވަރުކުރަންޖެހޭ.

އެގޮތުން ފުލުހުން މި އަހަރުގެ ތެރޭގައި ދެން ބޭނުންކުރަން ފަށާނެ އަނެއް ވަސީލަތަކީ، ޓޭޒާ ގަން. މިއީވެސް ނުރައްކާތެރި ކުށްވެރިންނާ ކުރިމަތިލާއިރު، އެ ކުށްވެރިޔާގެ ވެސް އަދި ފުލުސް މީހާގެވެސް ރައްކަލަކަށްޓަކައި ބޭނުންކުރާ ވަސީލަތެއް. ފަހަރެއްގައިވެސް މިއީ، ކުށްވެރިންނަށް ޙަމަލާދޭން ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި އަޅުގަނޑު ނުދެކެން.

އައްޑޫގައި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ޤާއިމުވުމަކީވެސް، ޒަމާނީ ތަޢުލީމު ލިބިފައިވާ ފުލުހުން ބިނާކުރުމުގައި، ކުރިއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް. އިންޓަރޕޯލްގައި ދިވެހި ފުލުހުންގެ ދައުރު ފުޅާވެގެން ދިއުމަކީވެސް، ދިވެހި ފުލުހުންގެ ޤާބިލުކަމާއި ހުނަރުވެރިކަން ބައިނަލްއަޤުވާމީ މިންގަނޑުންވެސް ވަޒަންކުރެވޭކަމުގެ ހެއްކެއް.

މި ކޮންފަރެންސްގައި ތިޔަ ބޭފުޅުން ކުރައްވާ މަޝްވަރާތަކާއި، ބަދަލުކުރައްވާ ތަޖުރިބާތަކުން، ދިވެހި ފުލުހުންގެ ޚިދުމަތް އިތުރަށް ކުރިއަރުވައި ތަރައްޤީކުރުމަށް މަގު ކޮށިގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އަޅުގަނޑުގެ ދުޢާއަކީ ރާއްޖޭގައި ޞުލްޙަޔާއި ހަމަޖެހުން ޤާއިމުކުރުމަށް ދިވެހި ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ކާމިޔާބު މިންވަރު ކުރެއްވުން. ދިވެހިރާއްޖެއަށާއި އެންމެހައި ދިވެހިންނަށް ތަނަވަސްކަމާއި ފާގަތިކަން މިންވަރު ކުރައްވައި، ދިވެހިރާއްޖޭގައި އަމާންކަން ދަމަހައްޓަވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.