بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

އައްޑޫ ސިޓީގެ މޭޔަރ، އަޅުގަނޑުގެ އެކުވެރި ނިޒާރު، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީއަށް ނިސްބަތްވާ ޢިއްޒަތްތެރި މެންބަރުން، ދައުލަތުގެ ވަޒީރުން، ކައުންސިލަރުން އަދި ޚާއްޞަކޮށް، މިތަނަށް މިރޭ ހާޒިރުވެވަޑައިގެން ތިއްބެވި އައްޑޫ ސިޓީގެ ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، މިރޭ މިތަނުގައި މި ބޭއްވޭ އައްޑޫ ސިޓީއަށް މި އަންނަ ބޮޑު ބަދަލު ފާހަގަކުރުމަށް އައްޑޫ ސިޓީގެ ރައްޔިތުންގެ ފަރާތުން މި ބާއްވާ ބައްދަލުވުމުގައި، އަޅުގަނޑަށް ބައިވެރިވެވޭކަމީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

އެނގިވަޑައިގަންނަވާނެ، 2018 ވަނަ އަހަރު، ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ އެންމެފަހު ޖަލްސާއަށް އަޅުގަނޑުމެން އައްޑޫ ސިޓީއަށް އައިން. އަޅުގަނޑުމެން 2018 ވަނަ އަހަރު ރިޔާސީ އިންތިޚާބަށް ނުކުތީ، ޖަޒީރާ ރާއްޖެއެއްގެ ގޮތުގައި ލާމަރުކަޒީކޮށް މި ރާއްޖެ ތަރައްޤީ ކުރުމަށް އޮތް މެނިފެސްޓޯއަކާ އެކީގައި. އައްޑޫ ސިޓީގެ ރައްޔިތުން، އައްޑޫ ސިޓީ ތަރައްޤީ ކުރަން ބޭނުންވާގޮތް އޮތް ލިޔެފައި. އެ ދުވަހު އެ ފޮތް، އޭރުގެ މޭޔަރ އަޅުގަނޑާ ހަވާލުކުރެއްވި. މިއަދު އައްޑޫ ސިޓީން ފެންނަމުން މިދަނީ އެ ދުވަހު ތިޔަބޭފުޅުން އަމިއްލައަށް ތައްޔާރުކުރައްވައި، މި ސިޓީ ތަރައްޤީ ކުރަން ބޭނުންވާނެގޮތް ކަމަށް ދެކެވަޑައިގެން، އަޅުގަނޑުމެންނާ ހަވާލުކުރި ލިޔުމުގައި އޮތް ކަންތައްތައް.

އާދެ، މި ވޭތުވެދިޔަ ފަސް އަހަރު ނިމިގެންދާއިރުގައި، އަޅުގަނޑުމެންނަށް މަސައްކަތް ކުރަން މި ލިބުނު ތިން އަހަރުގެ ތެރޭގައި، އަޅުގަނޑު ދަންނަވާނީ އިރާދަކުރެއްވިއްޔާ، ގިނަ މަސައްކަތްތަކެއް އައްޑޫ ސިޓީއާއި މުޅި ރާއްޖޭގައި ކުރެވިއްޖެއޭ. ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް، ރާއްޖެއިން އުތުރުން ދެކުނަށް، ކޮންމެ ރަށަކާއި ކޮންމެ އަތޮޅެއްގައި މި ދެންނެވިހެން މިދަނީ ކުރެވެމުން. އަސާސީ ޚިދުމަތްތައް ކަމަށްވާ ފެނާއި، ނަރުދަމާއާއި، ކަރަންޓާއި، ތަޢުލީމާއި، ޞިއްޙަތާއި، މިހެންގޮސް ދަތުރުފަތުރާއި، ކުޅިވަރާއި، މިހެންގޮސް ލިސްޓް ކިޔިދާނެ. މިއިން ޒަމާނަކު މި ރާއްޖޭގައި ނުހިންގޭވަރުގެ ގިނަ ބޮޑެތި މަޝްރޫޢުތައް ހިންގިއްޖެ. އަދި މިހާރުވެސް ހިންގަމުން އެބަދޭ. މި މަޝްރޫޢުތައް ނިމޭއިރުގައި، މި ރާއްޖޭގައި ޢުމްރާނީ ތަރައްޤީއަށް ދެން ކުރަން ހުންނާނީ މަދު ކަމެކޭވެސް ދެންނެވިދާނެ. މިހެން ދެންނެވިޔަސް ކޮންމެވެސްވަރަކަށް ހުންނާނެ.

އަނެއްކާވެސް އަޅުގަނޑުމެން ކުރިއަށް މިއޮތީ ރިޔާސީ އިންތިޚާބަކަށް ކުރިމަތިލާން ޖެހިފައި. ކޮންމެ ވެރިޔަކުވެސް، ކޮންމެ ކެންޑިޑޭޓަކުވެސް ނުކުންނާނީ މެނިފެސްޓޯއަކާ އެކީގައި. އަޅުގަނޑުމެންވެސް އެކަން ކުރާނީ އެގޮތަށް. މިއަދު މިއީ އަނެއްކާވެސް އައްޑޫ ސިޓީގެ ރައްޔިތުން، މި ސިޓީ ތަރައްޤީ ކުރަން ބޭނުންވާގޮތް އަމިއްލައަށް ވިސްނަވައިގެން، އެއަށް ތައްޔާރުވާންވީ ވަގުތު.

ދެންމެ މޭޔަރ ނިޒާރު ވިދާޅުވި ފަދައިން، އަޅުގަނޑުމެން މި ފަސް އަހަރުގެ ތެރޭގައިވެސް އަދި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައިވެސް އެންމެ އިސްކަމެއް ދޭނެ ކަމަކީ ސްޓެބިލިޓީ. ހަމަޖެހުން، ޞުލްޙަ. މިކަން ނެތިއެއް ގެނެވޭނެ ތަރައްޤީއެއް އެއްވެސް ތަނެއްގައެއް ނޯންނާނެ.

އަޅުގަނޑުމެންނާ ކައިރިންނާއި ދުރުން ދުނިޔެއިން އެ މަންޒަރުތައް ފެންނަން އެހުރީ. އަވަށްޓެރި ސްރީލަންކާއަށް ބެލި ނަމަވެސް، 1980ގެ އަހަރުތަކުގެ ތެރެއިން އެ ފެނުނު ހަމަނުޖެހުމާ އެކީގައި، އެ މުއްސަނދި ޤައުމު ވެއްޓިފައި އޮތް ހިސާބު. މިތާތިބި ކިތަންމެ ބަޔަކަށް އެތަން ފެންނާނެ. ދުރަށްޖެހިލާއިރު އެފްރިކާގައި. މުއްސަނދި ކިތަންމެ ޤައުމެއް އެބައޮތް. އެހެން ނަމަވެސް، އެކި ޤައުމުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ތަރައްޤީގައި ކުރިއަށްދާންވީ ސްޕީޑްގައި ނުދެވި ހުއްޓިފައި ހުރި ކިތަންމެ ޤައުމެއް އެބަހުރި. އެހެންވީމާ، މި ފަސް އަހަރެކޭ އެއްގޮތަށް، ކުރިއަށް އޮތް ފަސް އަހަރުވެސް އަޅުގަނޑުމެންގެ އަމާޒަކަށްވާންވާނީ، ޞުލްޙަ، ސްޓެބިލިޓީ، ހަމަޖެހުން، ރާއްޖޭގައި ޤާއިމްކުރުން.

ރާއްޖޭގެ ތަރައްޤީއަށް މި ދެންނެވިހެން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި، ޢުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް ހިންގަން ނެތް ނަމަވެސް، އައްޑޫ ސިޓީގެ ރައްޔިތުންވެސް ބޭނުންވާ ކަންތައްތަކެއް ހުންނާނެ. އަދި އަޅުގަނޑުމެންގެ ވިސްނުމުގައިވެސް އެބަހުރި ބައެއް ކަންތައްތައް. މެނިފެސްޓޯ ތައްޔާރުވެގެން އަންނައިރުގައި، އެ ވާހަކަތައް ތަފްޞީލުކޮށް އަންނާނެ.

އެހެން ނަމަވެސް، އަޅުގަނޑަށް ފާހަގަކުރެވޭ އެއްކަމަކީ، އަޅުގަނޑުމެން މިއަދު ވިސްނަންޖެހިފައި އޮތް އެއްކަމަކީ، އަޅުގަނޑުމެންގެ ތެރޭގައި މިއޮތް އިޖުތިމާޢީ އިޝޫތައް. އައްޑޫސިޓީގައިވެސް އެ މައްސަލަ އޮންނާނެ. މަސްތުވާތަކެތީގެ މައްސަލަ ކަމަށްވިޔަސް، ޢާއިލާގެ ތެރޭގައި ހުރި މައްސަލަތައް ކަމަށްވިޔަސް. އެހެންވީމާ، ކުރިއަށް އޮތް ފަސް އަހަރުގެ މައިގަނޑު އަމާޒެއް ކަމުގައި އަޅުގަނޑުމެން ހިފަންޖެހޭނެ އެއް ކަމެއް ކަމަށް އަޅުގަނޑަށް ފާހަގަކުރެވެނީ އިޖުތިމާޢީ އިޝޫތައް.

ކުރިންވެސް ދެންނެވި ފަދައިން، ތަޢުލީމަށް ބޮޑެތި އިންވެސްޓްތަކެއް އެބަ ކުރެވޭ. ހިލޭ ޑިގްރީއަށް އެބަ ކިޔެވޭ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޓަރޝަރީ ހޮސްޕިޓަލްތައް އެބަ ޤާއިމްކުރެވޭ. ޓްރެއިންކޮށްގެން މީހުން އެބަ ނެރެވޭ. އެހެން ނަމަވެސް، މި އިޝޫތަކަށް ޙައްލު ނުގެނެވިއެއް، އަޅުގަނޑު މި ދަންނަވާހެން ސްޓެބިލިޓީއެއްވެސް، ޞުލްޙައެއްވެސް ޤާއިމެއް ނުކުރެވޭނެ.

އެހެންވީމާ، ކުރިއަށް އޮތް ފަސް އަހަރަށް އަޅުގަނޑުމެން އަމާޒެއް ހިފާއިރުގައި، މި ސިޓީންވެސް މިއާ ދޭތެރޭގައި ވިސްނަވައިގެން، ކަންތައްތައް ކުރިއަށް ރޭވުމަކީ، އަޅުގަނޑުގެ އެދުމެއް.

އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ މެނިފެސްޓޯ ތައްޔާރުކުރަމުންދާއިރުގައި، މި ކަންތައްތަކަށް ރިޢާޔަތް ކުރެވޭނެ. އަދި ހަމަ އެގޮތަށް، އަޅުގަނޑުމެންގެ ތެރޭގައި މިއޮތް ޖިންސީ ހަމަހަމަކަން ގެނައުމަށްވެސް. މިހާރުވެސް ކުރަމުންދާ މަސައްކަތްތައް ކުރިއަށް އޮތް ތަނުގައި މިކަމަށް މިއަށްވުރެ ބޮޑަށް ސަމާލުކަންދޭންޖެހޭ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. ސިޔާސީ ދާއިރާއަށް އަންހެނުން ބާރުވެރިކުރުވުމާއި، މިހިރީ ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން އަމާޒުހިފަންޖެހޭނެ ކަންތައްތައް.

މުސާރަ ބޮޑުކުރެވޭ އެބަ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ އަމާޒަކީ، މި ކޯވިޑް އަޅުގަނޑުމެންނާ ކުރިމަތިނުވިނަމަ، މިއަދު ސަރުކާރުގެ، ދައުލަތުގެ ހުރިހާ އެންމެންގެ މުސާރައަށް ބޮޑެތި ބަދަލުތަކެއް ގެނެވިފައި އޮންނާނީ. އެހެން ނަމަވެސް، މި ކުރިއަށްދާ ޕޭ ހާމަނައިޒޭޝަންގެ ތެރޭގައި، އަޅުގަނޑު މި ދެންނެވިހެން ދެން މިހާރު މުސާރައަށް ބަދަލުނައިސް އޮތް ހުރިހާ ދާއިރާއަކަށް އިރާދަކުރެއްވިއްޔާ، ކުރިއަށް މި އޮތްތަނުގައި އަޅުގަނޑުމެން އެ ބަދަލުވެސް ގެންނާނަން.

ދައުލަތުން ޢިނާޔަތްދޭ ކިތަންމެ ބައެއް އެބަތިބި. އޭގެތެރޭގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް. އަދި އަޅުގަނޑުމެންގެ ދުވަސްވީ އިސް ރަށްވެހިން. މިއީވެސް އަޅުގަނޑުމެން ކުރިއަށް އޮތް ތަނުގައި ބަދަލުތަކެއް ގެންނަންޖެހޭނެ ދާއިރާތަކެއް. ޑިސްއެބިލިޓީ އެލަވަންސާ ބެހޭގޮތުން އެންމެ ފުރަތަމަ އަޅުގަނޑު ވާހަކަ ދެއްކީ މި ތަނުގައި ބޭއްވުނު ޖަލްސާއެއްގައި. އެ އެލަވަންސް ބަދަލުކުރާނެ ވާހަކަ. ހަމަ މިހެން މި ރަށުގައި ބޭއްވުނު ބޮޑު ޖަލްސާއެއްގައި. އިރާދަކުރެއްވިއްޔާ މިއަދު މިތާހުރެ އަޅުގަނޑަށް ދަންނަވަން މިޖެހެނީ، އެއާ ބެހޭގޮތުން އަޅުގަނޑުމެން ކުރަންވީ ކަންތައް ނިންމައި، ވަރަށް އަވަހަށް އެކަން އިޢުލާނު ކުރާނެ ވާހަކަ. އިރާދަކުރެއްވިއްޔާ ހެޔޮ ބަދަލެއް އެކަމަށް އަންނާނެ.

ދެންއޮތީ ދުވަސްވީ މީހުންނަށް، އަޅުގަނޑުމެންގެ އިސް ރަށްވެހިންނަށް ދޭ އެލަވަންސަށް ގެންނަންޖެހޭ ބަދަލު. އެވެސް އަޅުގަނޑުމެން މިހާރު މިގެންދަނީ މުޠާލިޢާ ކުރަމުން. އެއަށް ގެންނަންޖެހޭ ބަދަލުތަކަކާ އެކީގައި، އެއަށްވެސް ކުރިއަށް އޮތް ތަނުގައި، އެ ބަދަލުތައް އަންނާނެ.

މިހިރީ ކުރިއަށް އޮތް މެނިފެސްޓޯއަށް އަޅުގަނޑުމެން ގެންނާނެ ކުދިކުދި ކަންތައްތަކުގެ ވާހަކަ މި ދެންނެވީ.

އެހެންވީމާ، އައްޑޫ ސިޓީގެ ރައްޔިތުންވެސް ކުރިއަށް މި އޮތް ރިޔާސީ އިންތިޚާބާ ދޭތެރޭގައި ވިސްނަވާއިރުގައި، މި ދެންނެވި ކަންތައްތަކަށް ޚާއްޞަކޮށް ބައްލަވައިގެން ކުރިއަށް ގެންދެވުމަކީ އަޅުގަނޑު އެދޭ އެދުމެއް. އަޅުގަނޑުމެން އަޑުއަހާނަން. އަދި އެ ކަންތައްތައް މެނިފެސްޓޯގައިވެސް ހިމަނާނަން.

ތިޔަބޭފުޅުންނަށް މިރޭ އަޅުގަނޑު ދަންނަވާލަން ބޭނުންވާ އެންމެ އުފާވާ ކަމަކީ، ތިޔަބޭފުޅުން އަޅުގަނޑަށާއި މި ސަރުކާރަށް ކުރެއްވި އިތުބާރު. އެ ކަމަށްޓަކައި އިޚްލާޞްތެރިކަމާ އެކުގައި، އައްޑޫ ސިޓީގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.

މި ގެނެވޭ ބަދަލު، އަޅުގަނޑުމެންނަށް އައްޑޫ ސިޓީއަށް މިގެނެވެނީ ތިޔަބޭފުޅުންގެ ތާއީދު އަޅުގަނޑުމެންނަށް އޮތީމަ. ރިޔާސީ އިންތިޚާބުގައި ބޮޑު އަޣްލަބިއްޔަތުން ތިޔަބޭފުޅުން އަޅުގަނޑަށް ވޯޓު ދެއްވި. ޖެހިގެން އައި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ގޮނޑިއެއް އަޅުގަނޑުމެންނަށް ތިޔަބޭފުޅުން ކަށަވަރުކޮށްދެއްވި. ސިޓީ ކައުންސިލްގެ ގޮނޑިތައް ހޯއްދަވައި ދެއްވި. ޑަބްލިޔޫ.ޑީ.ސީ.ގެ ގޮނޑިތަކަށް އަޅުގަނޑުމެންނަށް، މި ސަރުކާރާ އެއްކޮޅަށް ތިޔަބޭފުޅުން ހޮއްވަވައިދެއްވި. އެއީ، އައްޑޫ ސިޓީގެ ރައްޔިތުން އަޅުގަނޑުމެންނަށް ކުރައްވާ އިތުބާރު. އަޅުގަނޑުމެން އެ އިތުބާރު ތިޔަބޭފުޅުންނަށް އެބަ ކުރަން. އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުން އަޅުގަނޑުމެންނަށް އެ ކުރެއްވި އިތުބާރު ގެއްލުވައެއްނުލާނަން. މިއަދު އިރާދަކުރެއްވިއްޔާ، މި ފެންނަނީ އޭގެ ނަތީޖާ. ކުރިއަށް އޮތް ތަނުގައިވެސް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މަސައްކަތް ކުރާނީ އެގޮތަށް.

އަދިވެސް އެއްފަހަރު އައްޑޫ ސިޓީގެ ހުރިހާ ރައްޔިތުންނަށް، ލޮބުވެތި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.