بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ ދެ ކަނބަލުން، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، ޖެނެރަލް އޮފިސަރުން، އެހެނިހެން ރޭންކުތަކުގެ އޮފިސަރުންނާއި، ސީނިއަރ އެންލިސްޓެޑް އޮފިސަރުން، ދިވެހިރާއްޖޭގެ އެންމެހައި ޢަސްކަރީން، އަދި ހާޒިރުވެވަޑައިގެން ތިއްބެވި ޢިއްޒަތްތެރިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ދިވެހި ޢަސްކަރިއްޔާގެ 131 ވަނަ އަހަރީ ދުވަހުގެ މި އުފާވެރި މުނާސަބަތުގައި، ހިތްވަރުގަދަ ދިވެހި ސިފައިންނަށާއި ސިފައިންގެ ޢާއިލާތަކަށް ތަހުނިޔާ ކިޔައި ހެޔޮއެދުންތައް ފޮނުވަން. އަދި ޝަރަފުވެރިކަމާއެކު ޚިދުމަތުން ރިޓަޔަރ ކުރައްވާފައިވާ ސިފައިންނަށްވެސް، ޝުކުރުވެރިކަމާއެކު ތަހުނިޔާ ދަންނަވަން. އަދި މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤައުމުގެ މިނިވަންކަމުގެ ދިފާޢުގައި ޖިހާދުކުރައްވައި ޝަހީދުވި ސިފައިންނަށް، ހެޔޮ ރަޙްމަތްލެއްވުން އެދި ދުޢާކުރަން.

އަދި މިރޭ، ނަމޫނާ ޢަސްކަރީ އިސް ޚިދުމަތްތެރިންގެ މަތިވެރި މެޑެލް ޙާޞިލް ކުރައްވާ، ހަތަރު ރިޓަޔަޑް ޖެނެރަލުން، އެ ބޭފުޅުންގެ މަޤާމުގެ ހައިސިއްޔަތުން ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކޮށް ޝުކުރު ދަންނަވައި، ތަހުނިޔާ ވެސް ދަންނަވަން. އަދި މިރޭ މެޑެލް ޙާޞިލުކުރައްވާ ހުރިހާ ސިފައިންނަށާއި، ސިފައިންނަށް ރީތި ނަން ހޯދައިދިނުމުގެ ލިޔުން ޙާޞިލުކުރައްވާ ހުރިހާ ސިފައިންނަށް ވެސް ތަހުނިޔާ ދަންނަވަން.

ދިވެހިންގެ މި ޤައުމު މިއަދާ ހަމައަށް، އަޅުގަނޑުމެންނާ ހަމައަށް ވާރުތަވެ މިއޮތީ، މި ރާއްޖޭގެ މިނިވަންކަމުގެ ދިފާޢުގައި އެއިރެއްގައި އޮތް ޢަސްކަރިއްޔާއެއްގެ ފަހުލަވާނުން ކުރި މިންނެތް މަސައްކަތުން. ލަޝްކަރު ކިޔަސް ނުވަތަ ޢަސްކަރީންނޭ ކިޔަސް، އަދި ހަނގުބޭކަލުންނޭ ކިޔަސް، މިހާރުގެ މަފްހޫމުގައި އެއީ ސިފައިން. އަދާކުރަމުން އައީ އެއް ދައުރެއް. ޒިންމާއަކީ އެއް ޒިންމާއެއް.

އެއީ ދިވެހި ޤައުމާއި ދިވެހިންގެ މިނިވަންކަން ރައްކާތެރިކޮށް ދިފާޢުކުރުން. ބޭރުގެ އެކި ކަރަތަކުން ދިވެހިންނާ ތޮޅެން އައި އިސްތިޢުމާރީ ބާރުތަކާ ކުރިމަތިލައި، ދިވެހިންގެ މިނިވަންކަން ދިފާޢުކޮށްދިން ޤައުމީ އެތައް ބަޠަލުންގެ ނަން، މި ޤައުމުގެ އެއްގަމާއި ކަނޑާއި ވައިގައި، ނިމުމެއް ނެތި ތާއަބަދަށް ޒިކުރާވަމުން ދާނެ.

ޝަހީދުންގެ ދުވަހުގެ ވަސްމީރު ޒިކުރާތައް އުދަވަނީ ޝަހީދުވި ޢަލީ ރަސްގެފާނުގެ މަތިވެރި ޤުރުބާނީން. ޤައުމީ ދުވަހުގެ ވިންދާއި ޖޯޝްގެ ފަހަތުގައިވަނީ، އުތީމު ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދު. ހުރަވީ ދުވަހުގެ ތަރާނާތަކުގެ ބުންޒީލައަކީ، ދިވެހިންގެ މިނިވަންކަމާއި ޤައުމިއްޔަތު އަނބުރާ ދިވެހިންނަށް ހޯއްދަވައިދެއްވުމަށް ދޮން ބަންޑާރައިން ކުރެއްވި ޖިހާދުގެ ވިންދު.

އެ ހުރިހާ ޤައުމީ ބަޠަލުންގެ ހިތްވަރާއި ފަންވަރުން ލޭހިނގި ދިވެހި އުންމަތުގެ މިފަހުގެ ޖީލާ ބައްދަލުކުރީ ނަޞްރުގެ ދުވަސް. އެ ދުވަހުގެ ނަޞްރާއި ނަސީބުގެ ފަހަތުގައިވަނީ ކުޅުދުއްފުށީ ޝަހީދު ޙުސައިން އާދަމާއި، ތިނެއް ނޮވެންބަރުގެ ޢުދުވާނީ ޙަމަލާއިން، ދިވެހި އުންމަތް ދިފާޢުކުރުމުގައި ޖިހާދުކޮށް ޝަހީދުވި ދިވެހި ސިފައިންގެ މަތިވެރި ޤުރުބާނީ. އަދި އެ ދުވަހުގެ ސިފައިންގެ އިސް ލީޑަރޝިޕް.

ހެވިކަމުގެ މި މައިދާނުގައިވެސް އަދި ދިވެހި އަސްކަރިއްޔާގެ ކޮންމެ ގެމައެއްގައިވެސް މިދެންނެވި ފަދަ، މުސްތަޤުބަލުގެ ކިތަންމެ ޤައުމީ ބަޠަލުންނެއް ތިބޭނެ. މިރޭ ހުވާކުރި ސިފައިންވެސް ޚިދުމަތަށް އެ ނުކުންނަނީ، ދިވެހި ޤައުމަށްޓަކައި، ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތުގެ ދިފާޢުގައި އައްޑަނައަކަށް ވުމަށް ތައްޔާރުވެގެން. ދިވެހި ޢަސްކަރިއްޔާގެ ކޮންމެ ސިފައިންގެ މީހަކީ، ޤައުމިއްޔަތުގެ ވިންދުގައި ޚިދުމަތަށް ނުކުމެ ހުރި މީހެއް.

މިއަދުގެ ދިވެހި ސިފައިންނަކީ ވެސް ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރުމުގައި ދެމިތިބި ބައެއް. ދުޝްމަނުން މިއަދު ޤައުމާ ތޮޅެން އަންނަނީ ގުރާބުތަކާއި ބަނގަލާބޯޓުތަކާއި ނައުޒޯނގުފަހަރަކު ނޫން. ޤައުމު ދިފާޢުކުރުމަށްޓަކައި މިއަދު ހަދަންޖެހެނީ ކޯއްޓޭތަކާއި ބުރުޒުތަކާއި ކިއްލާތަކެއް ވެސް ނޫން.

އަޅުވެތިކަމާ ދެކޮޅަށް އެކާވީސް ވަނަ ޤަރުނުގައި ބޭނުންކުރާ އެންމެ ކަށަވަރު ފަރުވާއަކީ، ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ ޞުލްޙަ. ދޭދޭ ޤައުމުތަކާއި ބައިނަލްއަޤުވާމީ ޖަމާޢަތްތަކާ އެކުގައި ބަދަހިކުރާ އިތުބާރު ހުރި ގާތް އެކުވެރި ގުޅުން. އެ ގުޅުމުގައި އާރުލާ ވަރަކަށް، އެ ޤައުމެއްގެ ވަށައިގެން ލެވޭ ދިފާޢީ ފާރުގެ ވަރި ބޯވެގެންދާނެ.

ޤައުމަށް ކުރިމަތިވާ ނުރައްކާތައް ކުޑަކުރުމުގައި ވެސް، އަދި އެ ނުރައްކާތައް ދުރާލައި ދެނެގަތުމުގައި ވެސް، ޤައުމުތަކަށް ކާމިޔާބު ލިބެނީ އެ ގުޅުން ދަމަހައްޓައިގެން. މިއަދުގެ ބައިނަލްއަޤުވާމީ މުޖްތަމަޢުގައި އެއްވެސް ޤައުމަކީ އެކަހެރިވެގެން، ނުވަތަ އެހެން ޤައުމުތަކާ ނުގުޅި އުޅެވޭނެ ޤައުމެއް ނޫން.

އަޅުގަނޑުމެން ވެސް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރަމުން މިއަންނަނީ އެ ގުޅުން ދަމަހައްޓައިގެން. އެ ގުޅުން ބަދަހިކުރުމަށްޓަކައި ޤާބިލު އަދި ހުޝިޔާރު ޢަސްކަރިއްޔާއެއް އޮތުމަކީ ވެސް އެހާމެ ބޭނުންތެރިކަމެއް. މިނިވަންކަމުގެ ކިތަންމެ ބޮޑު ޔަޤީންކަމެއް އޮތަސް، ސިފައިންނަކީ ކޮންމެ ވަގުތަކު ކޮންމެ ފަދަ ޙާލަތަކަށް ވެސް ފުރިހަމައަށް ތައްޔާރުވެ ލޯހުޅުވިފައި ތިބެންޖެހޭ ބައެއް.

ޢިލްމީ ގޮތުން ޤާބިލު އަދި ޢަސްކަރީ ހުނަރުވެރިކަމުގައި އެންމެ މަތީ ފަންތީގައި ގުނައިލެވޭ ސިފައިން ދިވެހި ޢަސްކަރިއްޔާގައި މިހާރު އެބަތިބި. ދިވެހިންގެ ދިފާޢުގައި އަދި ދިވެހި ޤައުމުގެ މިނިވަންކަން ރައްކާތެރިކުރުމުގައި، ދިވެހި ސިފައިން މިހާރުވެސް އަންނަނީ ރެޔާއި ދުވާލު ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން.

މިނިވަންކަން ނިގުޅައިގަތުމަކީ ބޭރުން މެދުވެރިވާ ކަމަކަށް ވިޔަސް، ގިނަ ފަހަރަށް އެކަމުގެ ފެށުން ގުޅިފައި އޮންނަނީ ޤައުމުގެ ދާޚިލީ ހަމަޖެހުމާ. ރާއްޖޭގެ މިނިވަންކަމުގެ ތާރީޚުން ފެންނަން އޮތީވެސް އެ ޙަޤީޤަތް. އަދި މިއަދު ދުނިޔޭގައި ހިނގާ ހަނގުރާމަތަކުން ފެންނަނީ ވެސް އެކަމުގެ ހެކިތައް.

އަޅުގަނޑުމެންގެ މެދުގައި ބައިބައިވުން އުފެދިދާނެ އެންމެހައި ކަންކަމުން ދުރުހެލިވެ ތިބުމަކީ، ދިވެހި ސިފައިންވެސް ވަރަށް ބޮޑަށް ސަމާލުވާންޖެހޭނެ ކަމެއް. ވަޒީފާގެ މަސްއޫލިއްޔަތުގެ އިތުރުން ފަރުދީ ހައިސިއްޔަތުން ވެސް، ސިފައިންގެ ކޮންމެ މީހެއްގެވެސް އެންމެ އިސް ވާޖިބަކަށް ހަދަންވީ، ޞުލްޙަ މަސަލަސްކަމާއި ހަމަޖެހުން ދެމެހެއްޓުމަށް މަސައްކަތް ކުރުން.

މުޅި ދުނިޔޭގައިވެސް މިއަދު އޮތް އެންމެ ބޮޑު ނުރައްކަލަކީ ޒަމާނީ ޓެރަރިޒަމް. ދުރާލައި ރާވައިގެން، އަދި މާ ދުރުގައި ފިލައި ތިބެގެން ހިންގާ ޓެރަރިޒަމްގެ ފިނޑި ޢަމަލުތަކުގެ ނުރައްކާ މުޅި ދުނިޔެއަށް މިއަދު އޮތީ ފެތުރިފައި. ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހިންގާ ޓެރަރިޒަމްގެ ޢަމަލުތަކަކީ ވެސް، ކޮންމެ ޤައުމަކަށް ވެސް މިއަދު ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް.

ސަލާމަތީ ގޮތުން ބަލާއިރު، ރާއްޖެއަށް މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާ. ދެ ނަން ކިޔަސް، މިއީ މުޅި އިންސާނިއްޔަތާ ދެކޮޅަށް އަތުކޮޅަށް ދަމާލާފައި އޮތް ކަނޑިއެއްގެ ވަރަށް ތޫނު ދެމިޔަ. އެކަމަށް ވެސް ދިވެހި ސިފައިން ތިބީ ތައްޔާރުވެ ފާރަވެރިވެގެން. މި ނުރައްކާތަކުން ރާއްޖެ ރައްކަތެރިކޮށްދިނުމަށް، ދިވެހި ސިފައިން އަންނަނީ ދުރާލައި ގިނަ މަސައްކަތްތަކެއް ކުރަމުން.

ރާއްޖެ ހިމެނޭ ކަނޑުގެ ސަރަޙައްދު ބޭނުންކޮށްގެން އެކި ފަރާތްތަކުން ތަފާތު ކުށްތައް އެބަ ހިންގާ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވަގު ވިޔަފާރި ހިންގަން ވެސް އެބަ މަސައްކަތް ކުރޭ. އެފަދަ އުޅަނދުތައް ރާއްޖޭގެ ސަރަހައްދަށް ވަނުމުގެ ކުރިން، ނުވަތަ ރާއްޖޭގެ ސަރަހައްދަށް އެތެރެވާ ހިސާބުން ހުއްޓުވުމަށްޓަކައި ކޯސްޓްގާޑްގެ ދައުރު މިހާރަށްވުރެ ފުޅާކޮށް ހަރުދަނާކުރުން މުހިންމު.

ރާއްޖޭގެ މަސްކަނޑުތަކުން ޤަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރުމަކީ އަބަދުވެސް ހިނގަމުން އަންނަ ކަމެއް. ރާއްޖޭގެ ސަރަޙައްދުން ޤަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރަނިކޮށް، 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް، ދިވެހި ކޯސްޓް ގާޑުން ވަނީ ބޭރުގެ 64 މަސްބޯޓެއް ހިފަހައްޓާފައި. ރާއްޖޭގެ މަސްކަނޑުތައް ބެލެހެއްޓުމުގައި ދިވެހި ސިފައިން މިހާރުވެސް އަންނަނީ ވަރަށް ބުރަ އަދި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން.

އަދި ރާއްޖޭގެ ދެކުނުން ކަނޑުގެ އިން ކަނޑައެޅިގެން ދިއުމާއެކު، ކޯސްޓް ގާޑްގެ ޒިންމާ އެތައް ގުނައަކަށް އިތުރުވެއްޖެ. އެއީ ސަލާމަތީ ގޮތުންނާއި އިޤްތިޞާދީ ގޮތުން އަދި ޢަސްކަރީ ގޮތުން ވެސް، ދިވެހި ޢަސްކަރިއްޔާގައި އެޅުނު އިތުރު ޒިންމާތަކެއް. އެ މަސައްކަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އަން މޭންޑް އޭރިއަލް ވެހިކަލް ހޯދުމަށް ނިންމައި، އެ މަސައްކަތް މިހާރު އަންނަނީ ކުރަމުން.

ސިފައިންގެ ވެލްފެއަރ ކަންތައް އިތުރަށް ހަރުދަނާ ކުރުމަށް ވެސް ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރެވޭ. މި ވަގުތުވެސް އެންމެ ބޮޑު އިސްކަމެއް މިދެނީ ސިފައިންގެ ބޯހިޔާވަހިކަމަށް. ހުޅުމާލޭގައި ހަދާ ސިފްކޯ ހިޔާ ޢިމާރާތްތަކުގެ މަސައްކަތް ހުއްޓިފައި ހުންނަތާ ގިނަ ދުވަސްތަކެއް ވުމަށް ފަހު، އެ ޢިމާރާތްތައް ނިންމުމުގެ މަސައްކަތް މިހާރު މި އަންނަނީ ކުރަމުން.

ޚިދުމަތުގައި ތިއްބަވާ ސިފައިންގެ ބޯހިޔާވަހިކަމަށްޓަކައި، ހުޅުމާލޭ ފޭސް 2 ގައި ވެސް، 138 ޔުނިޓްގެ ޢިމާރާތެއް ބިނާކުރަން މިހާރުވަނީ ނިންމާފައި. އެ ޢިމާރާތުގެ މަސައްކަތް ވެސް އިރާދަކުރެއްވިއްޔާ މިއަހަރު ފެށޭނެ. އަދި ކަޅުތުއްކަލާ ކޮށީގައިވެސް، ސިފައިންގެ އެކޮމޮޑޭޝަންގެ ގޮތުގައި 480 މީހުންގެ ޖާގައިގެ އިމާރާތަކާއި 100 މީހުންގެ ޖާގައިގެ އިމާރާތެއް އެޅުމަށް އިރާދަކުރެއްވިއްޔާ މިއަހަރު ބިޑްކުރެވޭނެ.

ސަރުކާރުން މިހާރު ކުރަމުން އަންނަ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ތެރެއިން، ދިވެހި ސިފައިންނާއި ދިވެހި ފުލުހުންގެ މުސާރައަށް ވެސް، އިރާދަކުރެއްވިއްޔާ ހެޔޮ ބަދަލުތަކެއް އަންނާނެ. ޕޭ ކޮމިޝަނުން މިހާރު އެ އަންނަނީ އެކަމާ ބެހޭ ދިރާސާތައް ކުރަމުން.

މިފަދަ ހުރިހާ ކަމަކީ ވެސް ސިފައިންގެ އޮޕަރޭޝަނަލް ޤާބިލުކަމާވެސް ގުޅިފައިވާ ކަންކަން. މިފަދަ ކިތަންމެ ކަމެއް މިހާރުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެބަ ކުރިއަށްދޭ. ކ. ސިފަވަރުގައި ހަދާ އެކަތަ ބަނދަރަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެދަނީ މިހާރު ކުރިއަށް.

ރާއްޖޭގެ ތަރައްޤީގެ އެހެން މަޝްރޫޢުތަކާއެކު ސިފައިންގެ ޚިދުމަތުގެ އޮނިގަނޑަށް ވެސް ބަދަލުތަކެއް އެބަ ގެންނަންޖެހޭ. ހދ.ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓް ތަރައްޤީކޮށް ނިމޭއިރު، އެ ސަރަޙައްދުގެ އިޤްތިޞާދީ ޙަރަކާތްތައް އިތުރުވެގެންދާނެ. އެކަމަށްޓަކައި އަޅުގަނޑުމެން މިހާރު ނިންމީ ޅ. މާފިލާފުށީގައި މިހާރު ހިންގާ އެމް.އެން.ޑީ.އެފް. ނޮދަން އޭރިއާގެ ހެޑްކުއާރޓަރު، ހދ. ހަނިމާދުއަށް ބަދަލުކުރުމަށް. އެ ހެޑްކްއާރޓަރ އެޅުމުގެ މަޝްރޫޢު މިހާރުވަނީ ކޮންޓްރެކްޓަރާ ޙަވާލުކޮށްފައި.

މީގެ އިތުރުން ވެސް ސިފައިންގެ އޮޕަރޭޝަނަލް އަދި ލޮޖިސްޓިކްސް ޤާބިލުކަން އިތުރުކުރުމަށްޓަކައި، ގިނަ މަސައްކަތްތަކެއް އެބަ ކުރެވޭ. މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ދިވެހި ޢަސްކަރިއްޔާގެ ތަރައްޤީއަށްޓަކައި ކުރި ގިނަ މަސައްކަތްތަކުން، ދިވެހި ސިފައިންގެ ޤާބިލުކަން މީގެ ކުރިން އިތުރުކުރެވިފައި ނުވާހާ މަތީ މިންވަރަކަށް މިހާރުވަނީ އިތުރުކުރެވިފައި.

ސިފައިންގެ އޮޕަރޭޝަނަލް ޤާބިލުކަން އިތުރުކުރުމަށް މިހާރު ރޭވިފައިވާ އެއް ކަމަކީ، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ސިފައިންގެ ޢަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ، އެޑްވާންސް ވެޕަން ފަޔަރިންގ ސިމިއުލޭޓަރ ހޯދުން. އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި އެފަދަ ހަތަރު ސިމިއުލޭޓަރު ރާއްޖެ ގެނެސް ބޭނުންކުރަން ފެށޭނެ.

މީގެ އިތުރުން ވެސް، ސިފައިންގެ އަސްކަރީ ޤާބިލުކަން އިތުރުކުރުމާ ގުޅިފައިވާ ކިތަންމެ ކަމެއް ހިނގަމުންދާ ކަން، މިރޭގެ ރިޕޯރޓްގައިވެސް ފާހަގަކޮށްފި. އެ ގޮތުން މިއަހަރުގެ ތެރޭގައި ކުރަން ނިންމާފައިވާ އެއް ކަމަކީ، ސިފައިންގެ ކްރިޓިކަލް އިންފްރާސްޓަކްޗަރގެ ސެކިއުރިޓީ ހަރުދަނާކުރުމުގެ ގޮތުން، އެންޓި-ޑްރޯން ސިސްޓަމްތަކެއް ހޯދުން.

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަކީ، ޢަސްކަރީ ޚިދުމަތްތަކަށް ޚާއްޞަ މުއައްސަސާއަކަށް ވިޔަސް، ދިވެހި ސިފައިން އަދާކުރާ މަދަނީ ޒިންމާތަކާއި ވާޖިބުތައް މަދެއް ނޫން. އެއްގަމާއި ކަނޑުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަކުން މީހުންގެ ފުރާނައާއި މުދަލާއި ގެދޮރު ރައްކާތެރިކޮށްދިނުމުގެ އެންމެ މަތީ ޒިންމާ އަދާކުރަނީ ދިވެހި ސިފައިން.

ކަނޑު ދަތުރުފަތުރުގައި ކުރިމަތިވާ ނުރައްކާތެރި ހާދިސާތަކުން މީހުންގެ ފުރާނައާއި މުދަލާއި އުޅަނދުތައް ސަލާމަތްކޮށްދިނުމުގައި ވެސް އެންމެ މުހިންމު ދައުރެއް އަދާކުރަނީ ދިވެހި ސިފައިން. ޞިއްޙީ ކުއްލި ޙާލަތްތަކުގައި ބަލިމީހުން އެއް ތަނުން އަނެއް ތަނަށް ގެންގޮސްދިނުމުގައި ވެސް ވައިގެ މަގުންނާއި ކަނޑު މަގުން ވެސް، ދިވެހި ސިފައިން އަންނަނީ ވަރަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެމުން.

ކުރިއަށް އޮތް ދުވަސްތަކުގައިވެސް، ސިފައިންގެ މުހިންމު ދެ ދާއިރާއެއްގެ ތަރައްޤީއަށް އިތުރު ސަމާލުކަމެއް ދިނުމަށް އަޅުގަނޑުމެން ގަސްދުކުރާ ވާހަކަ ދަންނަވަން. އެއް ދާއިރާއަކީ، ސިފައިންގެ ކޯސްޓް ގާޑްގެ ޚިދުމަތްތައް. އަނެއް ދާއިރާއަކީ ސިފައިންގެ ފަޔަރ އެންޑް ރެސްކިޔޫގެ ޚިދުމަތް.

މި ދެ ދާއިރާއަކީ ވެސް، އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުން އާންމު ރައްޔިތުންނާ ސީދާ ގުޅުން ހުރި ދެ ދާއިރާ. މަސްވެރި އުޅަނދުތައް ބޮޑެތިވެ، މަސްވެރިން ކަނޑުމަތީގައި ހޭދަކުރާ މުއްދަތު އިތުރުވަމުން އަންނައިރު، ކޯސްޓް ގާޑްގެ ޚިދުމަތްތައް ވެސް އެވަރަށް ފުޅާކުރަންޖެހޭނެ ކަމަށް ޤަބޫލުކުރަން.

މާލެ ސަރަޙައްދުގެ ޢިމާރާތްތައް އެ އަންނަނީ އުސްވަމުން ބޮޑެތިވަމުން. އެއް ޢިމާރާތެއްގައި ދިރިއުޅޭ މީހުންގެ ޢަދަދު ވެސް އަންނަނީ އިތުރުވަމުން. މިކަމަށް ރިޢާޔަތްކޮށް، ސިފައިންގެ ފަޔަރ އެންޑް ރެސްކިޔު ޚިދުމަތް އިތުރަށް ތަރައްޤީކޮށް ޒަމާނީ ކުރުމަކީ، އަޅުގަނޑުމެން ކުރަން ނިންމާފައިވާ ކަމެއް.

އެހެންކަމުން، ދިވެހި ރައްޔިތުންނަށް ދެމުން އަންނަ މި މުހިންމު ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، މުޅި މުއައްސަސާ ޝާމިލުކޮށް، އެންމެހައި ދިވެހި ސިފައިންނަށް، ދިވެހި ރައްޔިތުންގެ ނަމުގައި އަޅުގަނޑު ޝުކުރު ދަންނަވަން. ދިވެހި ސިފައިންނަށާއި ސިފައިންގެ ޢާއިލާތަކަށް އަބަދުވެސް ފާގަތިކަމާއި ކުރިއެރުމަށް އަޅުގަނޑު އެދެން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ ދިވެހި އުންމަތުގެ މިނިވަންކަމާއި ޤައުމިއްޔަތު ދިފާޢުކުރުމުގައި ސާބިތުވެ ތިބުމުގެ ހެޔޮ ތައުފީޤު اللهُ سُبْحَانَهُ وَتَعَالَى އެންމެހައި ސިފައިންނަށް މިންވަރު ކުރެއްވުން. ރާއްޖޭގައި އަމަންއަމާންކަން ޤާއިމުކޮށް ދެމެހެއްޓުމަށާއި، ޢާންމު މަޞްލަޙަތު ރައްކާތެރިކުރުމަށާއި، ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން ދަމަހައްޓައި، ރާއްޖެއަށް ތަނަވަސްކަމާއި ފާގަތިކަން ހޯދައިދިނުމަށް މި ކުރާ މަސައްކަތުގައި އެކަލާނގެ ބަރަކާތްލައްވައި، ކާމިޔާބާއި ކުރިއެރުން މިންވަރުކުރައްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.