بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ލިޔުންތެރިންގެ ގުޅުމުގެ ރައީސް، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ، ޢައްބާސް އިބްރާހީމް، މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް، ޔުމްނާ މައުމޫން، ލިޔުންތެރިންގެ ގުޅުމުގެ މުއައްސިސުންނާއި، ހިންގާ ކޮމިޓީގެ މެންބަރުން، ދިވެހި ބަހުގެ އަދީބުން، ލިޔުންތެރިންނާއި ޅެންވެރިން، ވާހަކަ ލިޔުމުގެ މުބާރާތުގެ ފަޚުރުވެރި ވަނަތައް ޙާޞިލު ކުރެއްވި ލިޔުންތެރިން، ހާޒިރުވެވަޑައިގެން ތިއްބެވި ޢިއްޒަތްތެރިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، މިފަދަ އަދަބީ ހަވީރެއްގައި ބައިވެރިވުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނުކަމީ، އަޅުގަނޑު ވަރަށް އުފާވާ ކަމެއް. އަދި ޚާއްޞަކޮށް، ލިޔުންތެރިންގެ ގުޅުމުން އަމިއްލަ ބޭފުޅުންކޮޅެއް އުފައްދަވާ، މިފަދަ މުހިންމު ބުރަ މަސައްކަތެއް ކުރައްވާ ޖަމުޢިއްޔާއެއްގެ މިފަދަ ބައްދަލުވުމެއްގައި ބައިވެރިވުމަކީ އަޅުގަނޑަށް ލިބޭ އިތުރު އުފަލެއް. މި ޖަމުޢިއްޔާ އުފެދިގެން އައި ގޮތާއި، ކުރައްވާ މަސައްކަތްޕުޅުގެ ކުޑަ ނަމަވެސް ތަޢާރުފެއް، މި ގުޅުމުގެ ކުރީގެ ރައީސް މިރޭ ވިދާޅުވެދެއްވައިފި. ވަރަށް މުހިންމު، ވަރަށް ޙައްސާސް ދަނޑިވަޅެއްގައި މި ގުޅުން، މި ޖަމުޢިއްޔާ އުފެދިގެން އައި ވާހަކަ ވިދާޅުވި. އަދި މިހާތަނަށް މަސައްކަތް ކުރައްވަމުން ވަޑައިގެންނެވި ގޮތާއި، ކުރިމަތިވެވަޑައިގެންނެވި ބައެއް ދަތިތަކާއި، މިހާރުވެސް ހުރި ގޮންޖެހުންތަކުގެ ވާހަކަ، މިހާރުގެ ރައީސާއި ކުރީގެ ރައީސް އަޅުގަނޑުމެންނަށް ވިދާޅުވެދެއްވައިފި. އަޅުގަނޑު ހިތުން އެއީ ސަރުކާރުންވެސް އެއާ ދޭތެރޭގައި ވިސްނަންޖެހޭ ކަމެއް.

މިރޭ މި ބައްދަލުވުން މި ބާއްވާ މާލަމަކީ، ސަރުކާރުގެ ކުންފުންޏެއްގެ މާލަމެއް. ވަރަށްގިނަ އެހީތައް، ވަރަށްގިނަ ސްޕޮންސަރތައް އެކި ކަންތައްތަކަށް ދެއްވާ ކުންފުންޏެއް. އަޅުގަނޑު ހިތުން އެމް.ޑީ. މިތާ ވަޑައިގެން އެބަ އިންނެވި. އެކަމާ ދޭތެރޭގައި ވިސްނާވަޑައިގެން، އެ ލިސްޓުގައި ލިޔުންތެރިންގެ ގުޅުން ހިމަނައިދެއްވުމަކީ އަޅުގަނޑު އެދޭ އެދުމެއް.

ދިވެހި ބަހުގެ އަދީބުންނާއި ޝާޢިރުން އަދި ލިޔުންތެރިންނަކީ، އަޅުގަނޑުގެ ހިތުގައި ވަރަށް ޚާއްޞަ ޤަދަރެއް ދެވިފައިވާ ބައެއް. އެހެންކަމުން، މި އުފާވެރި ޙަފްލާއަށް ދަޢުވަތު ދެއްވީތީ، ލިޔުންތެރިންގެ ގުޅުމުގެ މުއައްސިސުންނަށާއި، ހިންގާ ކޮމިޓީގެ މެމްބަރުންނަށް ވަރަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވަން. އަދި ލިޔުންތެރިންގެ ގުޅުމުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި، ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާވެސް ދަންނަވަން.

އަދި މި ގުޅުމުގެ ފަރާތުން އިންތިޒާމުކުރި ވާހަކަ ލިޔުމުގެ މުބާރާތުން ރަން ވަނަތައް ޙާޞިލުކުރެއްވި ހުރިހާ ލިޔުންތެރިންނަށް، އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ކިޔައި ހެޔޮ އެދުންތައް ފޮނުވަން. އަދި ދިވެހި ބަސް ދިރުވައި އާލާކުރެއްވުމަށް ތިޔަ ބޭފުޅުން ތިޔަ ކުރައްވާ މަސައްކަތަށް، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑަށް ވެސް ހަމަ އެންމެ ރީތީ ދިވެހި ބަސް. ސާދާ ސާފު ދިވެހި ބަހުން ލިޔެފައި ހުންނަ ވާހަކަތައް ކިޔުމަކީ، ސިކުނޑީގެ ވަރުބަލިކަން ފިލުވައިލުމަށް އަޅުގަނޑުވެސް ކުރާ ކަމެއް. ދިވެހި ޝާޢިރުންގެ މާނަވީ ފަށުވި ޅެންތައް ކިޔުމަކީ، އަޅުގަނޑުގެ ތަޖުރިބާއަށް ބަލާއިރު، ނަފްސު ތާޒާކޮށްލުމަށްޓަކައި ކޮންމެ ބޭފުޅަކުވެސް ކޮށްލައްވަން ރަނގަޅު ތަޖުރިބާއެއް.

އެފަދަ އަދަބީ ދާއިރާތަކުން، ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން ކުރައްވާ މަސައްކަތަކީ، އަޅުގަނޑު ދެކޭގޮތުގައި ދިވެހި ޤައުމަށްޓަކައި ކޮށްދެއްވާ ވަރަށް އަގުހުރި ޤައުމީ މަސައްކަތެއް. ދިވެހި ބަހާއި ދިވެހި އަދަބިއްޔާތުގެ ފަންނުތައް ދިރުވައި އާލާކުރުމަކީ، ދިވެހި ޤައުމިއްޔަތު ނެގެހެއްޓުމުގެ ވަރަށް މުހިންމު މަސައްކަތެއް.

ކުރިއަރާފައިވާ ހުރިހާ ޙަޟާރަތްތަކެއްވެސް ފިރުކުމުގެ މަރުޙަލާ ހޭދަކޮށްފައިވަނީ އަދަބިއްޔާތުގެ ވަރަށް ފުން ކަނޑެއްގެ ތެރޭގައި. އިސްލާމީ ޙަޟާރަތުގެ ފެށުމަކީ އޭގެ ނަމޫނާ މިސާލެއް. އިސްލާމީ އުންމަތަށް ދެއްވި އެންމެ ވަރުގަދަ މުޢުޖިޒާތް، އާދެ، ކީރިތި ޤުރްއާން ލެއްވެވީ، ބަހަވީ އަދި އަދަބީ ގޮންޖެހުމެއްގެ ގޮތުގައި. އޭރު ދުނިޔޭގައި އޮތް މުއްސަނދި ޙަޟާރަތްތަކަށް ވުރެ މާ އުހަށް، އިސްލާމީ ޙަޟާރަތުގެ ކުރިބޯށި އަރައިގެން ދިޔައީ، އެ ވަރުގަދަ ބަހަވީ މުޢުޖިޒާތުން މުޅި ދުނިޔެއަށް ގޮންޖަހަމުން.

މިއަދުގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް، އެ މީހުންގެ ފަޚުރުވެރި ޙަޟާރަތުގެ އެންމެ މުހިންމު ރުކުނެއްގެ ގޮތުގައި ބަލަނީ، އެ މީހުންގެ މުއްސަނދި އަދަބިއްޔާތު. އެއިން ކޮންމެ ޤައުމެއްގައި އޮތީ، މީގެ އެތައް ޤަރުނެއް ނުވަތަ އެތައް ސާސްކަފެއް ކުރިން އުފެދި އާރުލާފައި އޮތް އަދަބިއްޔާތެއް.

މި ރާއްޖޭގައި ވެސް ކަން ހިނގީ ހަމަ އެގޮތަށް. ތާރީޚުގެ ފޮޅުވަތްތައް ލިޔަމުން މިއަދާ ހަމައަށް ދިވެހިރާއްޖެ އައީ، މުއްސަނދި އަދަބިއްޔާތެއް ހިފައިގެން. ދިވެހީންގެ އަމިއްލަ ޅެންވެރިކަމެއްވެސް އެބައޮތް. ޅެންވެރިކަމުގެ އެތައް ބައިތަކެއްވެސް އެބަހުރި. ދިވެހީންގެ އަމިއްލަ ލިޔުންތެރިކަމެއްވެސް އެބައޮތް. ވަކި ފަންނެއްގެ ގޮތުގައި ވާހަކަ ދެއްކުންތެރިކަމާއި ބަހުސްކުރުންވެސް އެބައޮތް.

މިފަދަ އަދަބީ މުއްސަނދިކަމެއް ލިބުމުގެ އެންމެ ބޮޑު ނަސީބަކަށްވީ، މި ރާއްޖޭގެ ރައްޔިތުންނަށް ޚާއްޞަ ބަހެއް، މާތް ﷲ މިންވަރުކުރެއްވި ކަން. އިސްލާމް ދީނުގެ ހިދާޔަތަށް ފަހުގައި ދިވެހިންނަށް ލިބުނު އެންމެ ބޮޑު ނިޢުމަތަކީ އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންގެ މާދަރީ ބަސް.

ދިވެހިންގެ އެއްބައިވަންތަކަން ވެސް، އަދި ދިވެހިންގެ މިޒާޖާއި ޠަބީޢަތާ ގުޅި ލާމެހިފައިވާ ޞުލްޙަވެރިކަމާއި ހަމަޖެހުން ވެސް، އުފައްދައި ދަމަހައްޓައިދޭ ޙަޤީޤީ މަޞްދަރަކީ މި ދެންނެވި މަތިވެރި ނިޢުމަތް. އެ ސަބަބަށްޓަކައި ވެސް، އަޅުގަނޑުމެންގެ އަދަބީ ފަންނުތައް ދިރުވައި އާލާކުރުމަކީ ކުރަންޖެހޭނެ ކަމެއް.

މަދަރުސީ މާޙައުލުގައި ވެސް، އަދި ޢާންމު މުޖްތަމަޢުގައި ވެސް އޮންނަންޖެހޭނެ ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެނީ، އަދަބީ ފަންނުތަކަށް ދަރިންގެ ސިކުނޑިތައް ހުޅުވައިދޭ ވެށްޓެއް. ކޮންމެ ބަހަކުން ތަޢުލީމު އުނގެނުނަސް، އެ މީހެއްގެ މާދަރީ ބަހަށް މޮޅުވުމަކީ، އުނގެނެމުންދާ އަނެއް ބަހުގެ މުއްސަނދިކަން ލިބިގަތުމަށް އެޅޭ ވަރަށް ބޮޑު ބާރެއް.

އެ ބައެއްގެ މާދަރީ ބަހަކީ، އެ ބައެއްގެ ސަގާފަތުގެ އެންމެ ވަރުގަދަ ރުކުން. އެކަކުގެ އިޙްސާސްތައް އަނެކާގެ ސިކުނޑިއަށް ތަޞައްވަރުކޮށްދެނީ، އެ ބަޔަކު މޮށެއުޅޭ ބަހުން. އެކަކު އަނެކަކާ ދެމެދު ގުޅުންތައް އުފައްދަނީ ބަހަވީ މުޢާމަލާތްތަކުން. އެމީހަކު ދިރިއުޅޭ މާޙައުލެއްގެ ވެހިކަން އިޙްސާސްކުރެވެނީ ވެސް، އެބަޔަކު މޮށެއުޅޭ ބަހަކަށް އަހުލުވެރިވެ ފަރިތަވީ މިންވަރަކުން. މިއިން އެނގެނީ މުޖްތަމަޢެއްގެ ދިރުމަކީ އެ ބައެއްގެ ބަސްކަން.

މިވަގުތު ވެސް ދުނިޔޭގެ އެކި ޤައުމުތަކުގައި މީހުންގެ މެދުގައި މުޢާމަލާތުކޮށް އުޅޭ 6500 އެއްހާ ބަސް އެބައޮތް. ދިވެހިންނަށް އެންމެ އަސަރު ގަދަ އަދި އެންމެ ފޮނި ބަހަކީ ދިވެހި ބަސްކަމަށް ވީފަދައިން، އެއިން ކޮންމެ ބަހަކީވެސް އޭގެ ޒާތުގައި، ވަރަށް ރީތި، ވަރަށް ފަށުވި އަދި އެހާމެ މުއްސަނދި، ނާދިރު ބަހެއް.

އަޅުގަނޑުވެސް އަޑުއަހައި އުޅޭ ދިވެހި މުޙާވަރާއެއް ދަންނަވާނަން. "ކަނޑިން ކުރާ ފާރު ފަސޭހަ ވިޔަސް، ދުލުން ކުރާ ފާރު ފަސޭހައެއް ނުވާނެޔޭ." އެއީ ވަރަށް ތެދު ޙަޤީޤަތެއްކަން، އަޅުގަނޑުމެން ކޮންމެ މީހަކަށް ވެސް ހުންނާނީ ތަޖުރިބާކުރެވިފައި. އެހެންކަމުން، ބާރާއި ހަކަތައަށް ބެއްޔަސް، ބަހަށް ވުރެ ތޫނު އަދި ބާރުގަދަ އެހެން ހަތިޔާރެއް ނެތް.

ބަސްބަހީ އެހާ ބާރުގަދަ ހަތިޔާރެއް. އަދި ހަމަ އެހާމެ ޖާދުވީ އަދި ޖާޒުބީ އަސަރުތަކެއް ވެސް އެކުލެވޭ ވަސްމީރު ހުވަނދެކޭ ވެސް ބުނެވިދާނެ. އެއީ ހިލަ ހިތްތައްވެސް މަޑު ކަފައަށް ހަދައިދޭ ވަރުގަދަ ޖަޒުބާތެއް. ބަހުގެ މި ދެންނެވި ހުރިހާ ފޮނިކަމެއް ޙާޞިލުކުރުމަށްޓަކައި ވެސް، އަޅުގަނޑުމެން އަދަބީ ފަންނުތަކަށް އަހުލުވެރިވާން ޖެހޭ.

އެ ފަންނުތަކަށް މޮޅުވި ވަރަކަށް، އަޅުގަނޑުމެންގެ އިންސާނީ ވަސީލަތްތައް މުއްސަނދިވާނެ. އަޅުގަނޑުމެންގެ ދަރީންނަށް ކިޔަވައިދީ ތަޢުލީމީ ޖީލެއް ބިނާކުރުމަށް މިކުރާ މަސައްކަތުގެ ޙަޤީޤީ މަޤްޞަދަކީ ވެސް، ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުން.

ތަޢުލީމީ ފާސްތައް ކިތަންމެ ވަރަކަށް ވެސް ނެގިދާނެ. ޑިގްރީތައް ވެސް ޙާޞިލުކުރެވިދާނެ. ނަމަވެސް ޙާޞިލުކުރި ޢިލްމަކުން އެ މީހެއްގެ ވިސްނުމަށް އައި ބަދަލުތައް، ޢަމަލީ މައިދާނުގައި ފުރިމައަށް ތަންފީޒުކުރެވޭނީ، އަނެކުންނާ މުޢާމަލާތުކުރުމުގެ ޤާބިލުކަން ވެސް ފުރިހަމައަށް ހުރެގެން. ބަހާއި ބަހުގެ އަދަބިއްޔާތަށް މޮޅުވާންޖެހެނީ އެ ސަބަބަށްޓަކައި.

ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން ތިޔަ ކުރައްވާ މަސައްކަތްތަކަށް އަޅުގަނޑު ޝުކުރު ދަންނަވަނީ، މި ދެންނެވި ޤާބިލުކަން އަޅުގަނޑުމެންގެ ދަރިންގެ ކިބައިގައި އުފެއްދުމުގައި މުހިންމު ޙިއްޞާއެއް ތިޔަ ބޭފުޅުން އަދާކުރައްވާތީ. ލިޔުންތެރިއަކަށް ވިޔަސް، ޅެންވެރިއަކަށް ނުވަތަ ވާހަކަދެއްކުންތެރިއަކަށް ވިޔަސް، އެއީ އެ މީހެއްގެ ވިސްނުމުގެ ފެންވަރާއި، މުޢާމަލާތުކުރުމުގެ ޤާބިލުކަން އިތުރުކޮށްދޭނެ ކަމެއް.

މި ބައްދަލުވުމުގައި މި ތިއްބެވި ބައެއް ބޭފުޅުންނަކީ، މި ވަގުތު އަޅުގަނޑުމެންގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ ދިވެހި ބަހުގެ އުސްތާޛުން. އަޅުގަނޑުމެންގެ ބަހަވީ ޙާލަތާ މެދު އަޅުގަނޑުގެ އޮތް ކަންބޮޑުވުމެއް ތިޔަ ބޭފުޅުންނާ މިވަގުތު ޙިއްޞާކޮށްލާނަން.

ޒަމާނުގެ ދަތުރުގައި އަޅުގަނޑުމެންނާ މިއަދު ބައްދަލުކޮށްފައި މިވަނީ، ދިވެހި ބަހާ މެދު ވަރަށް ފުންކޮށް ވިސްނަންޖެހިފައިވާ ދަނޑިވަޅެއް. އަޅުގަނޑުމެންގެ ތެރޭގައި މިއޮތީ، ކުޑަކުދިންނާއި ޒުވާނުން ދިވެހި ބަހަށް އަހުލުވެރިވެފައިވާ މިންވަރާ މެދު ކަންބޮޑުވާންޖެހޭ ހާލަތެއް. އެ ކުދިންގެ ވިސްނުން ވަރަށް ތޫނު. އެކުދިންގެ ޢިލްމީ ޤާބިލުކަންވެސް ހުރީ ވަރަށް މަތީގައި.

އެހެން ނަމަވެސް، ބައެއް ކުދިން ދިވެހި ބަހާ ވަރަށް ދުރު. އަޅުގަނޑުމެންގެ މި މާޙައުލުގައި އުޅެ ބޮޑެތިވަމުން އަންނައިރު، ރަނގަޅަށް ދިވެހި ބަހުން ވާހަކަ ދައްކަން ނޭނގޭ ކުދިން މިއަދު އެބަތިބި. މިއީ އަޅުގަނޑުމެން ވަރަށް ފުންކޮށް ވިސްނަންޖެހޭ ޤައުމީ މައްސަލައެއް.

އަޅުގަނޑު ދަންނަވާލާނަން، އިއްޔެ ވަޒީރުންގެ ބައްދަލުވުމެއްގައި ދެކެވުނު ވާހަކައެއް. ތިޔަބޭފުޅުންނާ ޙިއްޞާކޮށްލާނަން. އެނގިވަޑައިގަންނަވާނެ، މިހާރު އަޅުގަނޑުމެން ވާނީ "މެރިޓް ސްކޮލަރޝިޕް" ކިޔާ ސްކޮލަރޝިޕެއް ދިނުމަށް ނިންމާފައި. މިހާރުވެސް ރައީސްގެ ޚާއްޞަ ސްކޮލަރޝިޕެއް އެބައޮވޭ. އެއަށްފަހު، އިތުރު އެހެން ސްކޮލަރޝިޕެއްވެސް އަޅުގަނޑު އެބަދެން. އެއަށްފަހުގައި، މޮޅެތި ކުދިންނަށް މެރިޓް ސްކޮލަރޝިޕެއް ދިނުމަށް އަޅުގަނޑުމެން ނިންމިއިރުގައި، ޝަރުޠެއްގެ ގޮތުގައި މި ބެލީ، ޔުނިވަރސިޓީ އަށް ވަންނަން ބޭނުންވާ ތިން މާއްދާއިން A ސްޓާރ ހޯދައިފި ކޮންމެ ކުއްޖަކަށް އެ ސްކޮލަރޝިޕް ދޭން. އިއްޔެގެ އެ ވާހަކަތަކުގައި ވަރަށްގިނަ ޚިޔާލުތައް ފާޅުކުރެވުނު. ބޭރުގެ ޔުނިވަރސިޓީއަކަށް ވަންނާކަށް ދިވެހި ބަހެއް ބޭނުމެއްނުވޭ. އެހެންވީމާ، ދިވެހި ބަސް މީގައި ހިމަނާނެތޯ، ނޫންތޯ. ނޫނީވިއްޔާ ދިވެހި ބަހުގެ ކިހާވަރެއްގެ ފެންވަރު ހުރި ކުއްޖަކަށްތޯ މި ސްކޮލަރޝިޕް ދޭނީ. ބައެއް ބޭފުޅުންގެ ވާހަކައިގައި ވިދާޅުވި، ވަރަށް މޮޅެތި ކުދިން ގޮސް ކިޔަވައިގެން އެނބުރި އައިސް މަސައްކަތުގެ މާޙައުލަށް ވަންނައިރުގައި، ދިވެހިބަހުން އެ ވާހަކަ، އެ ކިޔެވި އެއްޗެއް އޮޅުންފިލުވައިދިނުމަށް، ނޫނީވިއްޔާ އެ އޮފީހެއްގައި މަސައްކަތް ކުރުމުގައި ދަތިތަކެއް އެބަހުރޭ.

އެހެންވީމާ، މި ސްކޮލަރޝިޕް ދޭއިރުގައިވެސް މިކަމާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނަންޖެހޭ ވާހަކަ. އެ ވާހަކަތަކުގެ ތެރޭގައި، އެއް ވަޒީރަކު ވިދާޅުވި، ތިމަންނާގެ 7 އަހަރުގެ ދަރިފުޅެއް ހުރެޔޭ. ވާހަކަ ދެއްކުމުގައި ކުޑަކޮށް އުނދަގުލޭ. ވޮކެބްލަރީގައި ގާތްގަނޑަކަށް 25، 30 ބަހޭ ދަރިފުޅުގެ ހުންނަނީ. ތިމަންނާ ދަރިފުޅު ސްކޫލަށް ވައްދައިފީމޭ. ދުވަސްކޮޅަކުން ގެޔަށް އައިސް ބަރާބަރަށް އިނގިރޭސިން އެބަ ވާހަކަ ދައްކައޭ. ދިވެއްސަކުން އަދިވެސް ވާހަކައެއް ނުދެއްކެއޭ. އެކަމަކު ދިވެހިން ދައްކާ ވާހަކަ ވަރަށް ރަނގަޅަށް އެބަ އެނގެއޭ. އެކަމަކު ޖަވާބުދެނީ އިނގިރޭސިންނޭ. އަޅުގަނޑުމެން ވިސްނަންވީ، މިވަނީ ކީއްތޯ. މިއީ އަޅުގަނޑުމެންގެ ބަހުގައި ހުރި މައްސަލައެއްތޯ، ނޫނީވިއްޔާ ކިޔަވައިދިނުމުގައި ކުރިމަތިވާ މައްސަލައެއްތޯ.

ދެން އަނެއް ވަޒީރަކު ވިދާޅުވި، ތިމަންނާގެ ދެ ކުދިންވެސް މުޅިން ވާހަކަ ދައްކަނީ އިނގިރޭސިންނޭ. ތިމަންނާ ބޭނުމޭ، އެ ކުދިންނަށް ދިވެހި ދަސްކޮށްދޭން. ބޭރަށް ނުކުމެއްޖައީމޭ، ގޮސް ފިހާރަތަކަށް ވަދެ، ކުޑަކުދިން ކިޔާކަހަލަ ފޮތެއް ހޯދަން އުޅެއުޅެ، ރަނގަޅު ފޮތެއް ތިމަންނާއަކަށް ނުލިބުނޭ. މިއީ އެއް ބޭފުޅަކު ވިދާޅުވި ވާހަކަ. އަނެއް ވަޒީރަކު ވިދާޅުވި، ތިމަންނާގެ ދަރިފުޅާ ތިމަންނާ ގޭގައި މުޅިން ވާހަކަ ދައްކައި އުޅެނީ މުޅިން ދިވެހި ބަހުންނޭ. އެކަމަކު ސްކޫލަށް ވައްދަން ޖެހިއްޖެ. މިހާރު ދަރިފުޅު ގެޔަށް އައިސް ވާހަކަ ދައްކަނީ އިނގިރޭސިންނޭ.

މިއީ މިއަދު އަޅުގަނޑު ހިތުން ލިޔުންތެރިންގެ ގުޅުމުގެ ވާހަކަ ލިޔުމުގެ މުބާރާތުގެ ނަތީޖާއެއް ފާޅުކުރާއިރު، އަޞްލު މައުޟޫޢަށް އަޅުގަނޑަށް އަދި އެއްޗެއް ނުބުނެވުނީ ކަމަށް ވެދާނެ. އެހެންވީމާ، އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުން އެދެނީ، މިއީ ޙައްލުކުރަން އަޅުގަނޑުމެން އެންމެންނަށް ޖެހިފައި އޮތް ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާށޭ. މިއީ ސަރުކާރާއި ރައްޔިތުންގެވެސް ޒިންމާއެއް ކަމުގައި ދެކިވަޑައިގަންނަވާށޭ. ބެލެނިވެރިންނާއި ދިވެހިބަހުގެ އަދީބުންނާއި އުސްތާޛުންގެ ވެސް ޒިންމާއެއް ކަމަށް ދެކިވަޑައިގަންނަވާށޭ. މިކަމަށް އަޅުގަނޑުމެން އަވަސް ޙައްލެއް ނުހޯދައިފިއްޔާ، އިޢާދަނުކުރެވޭފަދަ ގެއްލުންތަކެއް ދިވެހި އަދަބިއްޔާތަށް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. އަޙްމަދުދީދީ އެބަ އިންނެވި. އަދި ހަމަ އިއްޔެގެ އެ ބައްދަލުވުމުގައި، އެ ބަހުސަށްފަހުގައި ދެން އައީ، އަޅުގަނޑުމެން އުފައްދާ ތަނަކަށް ކިޔާނެ ނަމަކާ ބެހޭގޮތުން. ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ހުށަހެޅުއްވި ނަމެއް. ކިޔަން ހުށަހެޅުއްވީ، ޖޫނިއަރ ކޮލެޖް، ޓިވެޓް ސެންޓަރ. އަޅުގަނޑު ދެންނެވިން، ދެންމެއޭ މި ދެއްކީ، ދިވެހި ބަހުން ވާހަކަ ދެއްކުމާއި، ދިވެހި ބަހާ އަޅުގަނޑުމެންނާ ދުރުވާވަރު. ދެން ނަމެއް ކިޔަން ހުށަހެޅިފައި މިއޮތީ މި ދެބައޭ. މިއީ އަޅުގަނޑު ހިތުން މިކަހަލަ ބައްދަލުވުމެއްގައި ހަމަ މަޝްވަރާކޮށްލަން ރަނގަޅު، ފުންކޮށް ވިސްނަންޖެހޭ ކަންތައްތަކެއް ކަމުގައި އަޅުގަނޑު ދެކެން. އަދި އެ ބައްދަލުވުމުގައި ވަރަށް ސީނިއަރ ބޭފުޅުން ތިއްބެވި. ބައެއް ބޭފުޅުން ވިދާޅުވި، މިގޮތަށް ދާކަމަށްވަންޏާ، މީގެ 15، 20 އަހަރު ފަހުން ދިވެހިބަސް ހަމަ އަޅުގަނޑުމެން ބޭނުންކުރުން ވަރަށްބޮޑުތަން ދުރުވެ، އެއާ ދުރުވުމުގެ ބިރު އަޅުގަނޑުމެންގެ ތެރޭގައި މިހާރު އެބައޮތޭ.

އާދެ، އެހެންވީމާ، މިތާ މި ތިއްބެވި އަދީބުންނަށާއި، ބަހުގެ އުސްތާޛުންނަށް އަދި އެންމެހައި ލިޔުންތެރިންނަށް އަޅުގަނޑު ދަންނަވާލަން އޮތީ، އެކި އުމުރުފުރާތަކަށް އަމާޒުކޮށްގެން، އެކި އުމުރުފުރައާ އެކަށީގެންވާ، އޮއްޓަރު ހުރި ފޮތްތައް ދިވެހިބަހުން ލިޔެ ޢާންމުކުރަމާ ހިންގަވާށޭ. ޚާއްޞަކޮށް، ކުޑަކުދިން ކިޔަން އެކަށީގެންވާ ޒާތުގެ އޮއްޓަރު ހުރި، ޢިބްރަތްތެރި ދިވެހި ފޮތްތައް ގިނަކުރަމާ ހިންގަވާށޭ. އެއީ އަޅުގަނޑު މި ދެންނެވި މައްސަލައަށް ލިބޭނެ ކޮންމެވެސްވަރެއްގެ ޙައްލަކަށް ވާނެ ކަމަށް އަޅުގަނޑު ދެކެން. ތިޔަބޭފުޅުންގެ ފަރާތުން ފުރިހަމަ އިޖާބައެއް ލިބޭނެކަމަށް އަޅުގަނޑު ޔަޤީންކުރަން. އަދި މި ޖަމުޢިއްޔާގެ ފަރާތުން ބާއްވާ ތަފާތު މުބާރާތްތަކުން ފެންވަރު ރަނގަޅު ދިވެހި އަދީބުންތަކެއް އުފެދިގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

ތިޔަ ބޭފުޅުން ތިޔަ ކުރައްވާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ކާމިޔާބާއި ކުރިއެރުން މިންވަރު ކުރެއްވުން އެދި ދުޢާކުރަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.