بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ހާޒިރުވެވަޑައިގެން ތިއްބެވި ޢިއްޒަތްތެރިން؛

މިއަދު އަޅުގަނޑުމެން މި ފަށާ މަޝްރޫޢަކީ، މާލޭ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނާއި، މާލޭގެ ރަށްވެހިންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ކަންބޮޑުވުމަށް ކޮންމެވެސްވަރެއްގެ ޙައްލެއް ގެނެސްދޭނެ ވަރަށް މުހިންމު މަޝްރޫޢެއް.

ގުޅިފަޅުގެ ބިން ހިއްކުމުގެ މި މަޝްރޫޢަކީ، މާލޭ ސަރަޙައްދުގައި ހިންގާ މަޝްރޫޢަކަށް ވިޔަސް، މިއީ ތިލަދުންމަތީ އުލިގަމުން އައްޑޫ ގަމާ ހަމައަށް ފެތުރިގެން ދާނެ ތަރައްޤީގެ ބިޔަ މަޝްރޫޢެއް. ވަކިން ޚާއްޞަކޮށް، މާލޭ ސަރަޙައްދުގެ ތަރައްޤީއަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެ މަޝްރޫޢެއް. މި މަޝްރޫޢާ ގުޅިފައިވާ އެންމެ މުހިންމު ކަމަކީ، މާލޭ ސަރަޙައްދުގެ ބޯހިޔާވަހިކަމަށް ހެޔޮ ބަދަލުތަކެއް ގެނައުން.

ބިންވެރިޔާ ސްކީމްގެ ދަށުން، ގޯތި ދިނުމަށް ބޭނުންވާ ބިމުގެ އެއްބައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު އެއޮތީ ހަމަޖެހިފައި. މި ސްކީމަށް ބޭނުންވާ އިތުރު ބިން، ހަލުވި ދުވެއްޔެއްގައި އެ އަންނަނީ ގިރާވަރު ފަޅުގައި އިތުރުވަމުން.

މިއަދު އަޅުގަނޑުމެން މި ފަށަނީ ގުޅިފަޅުގެ ބިން އިތުރުކުރުމުގެ ބިޔަ މަޝްރޫޢު. އާދެ، މިއީ ދެވަނަ ފިޔަވަހި. ގުޅިފަޅު ހިއްކަނީވެސް، ބިންވެރިޔާ ސްކީމަށް ބޭނުންވާ އިތުރު ބިން ހޯދުމަށްޓަކައި.

އެތައް އަހަރަކުން ފެށިގެން މާލޭގެ ރައްޔިތުން ދިރިއުޅެމުން އަންނަނީ އެއިން ކޮންމެ މީހެއްގެ ހަތަރު ފަރާތުން އުސް ޢިމާރާތްތައް ނަގައި، އެ މީހުންގެ ނޭވާ ހާސްކޮށްލާފައިވާ މާޙައުލެއްގައި. އެކަމުގެ ސަބަބުން މާލޭގެ ރައްޔިތުންނަށް ލިބުނީ އިތުރު ހާސްކަން. ކުރިމަތިވީ ނަފްސާނީ އެތައް ބަލިތަކަކާއި، އިޖުތިމާޢީ އެތައް މައްސަލަތަކެއް. އަޅުގަނޑުމެން މަސައްކަތް ކުރަމުން މި އަންނަނީ، މާލޭ ރައްޔިތުންގެ އެ ހާސްކަން ކަނޑުވާލަދިނުމަށް.

މާލޭ ރައްޔިތުންނަށް ކުރިމަތިވެފައިވާ މި ދެންނެވި ދަތިތަކަށް، ކޮންމެވެސްވަރެއްގެ ލުޔެއް ލިބޭނެ މަޝްރޫޢަކަށް މި މަޝްރޫޢު ވެގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. މިއީ މާލޭ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމަށް، ރާއްޖޭގެ ތާރީޚުގައި ވެސް މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫޢު. އަދި މުޅި ރާއްޖޭގައި ވެސް ހިންގާ މިފަދަ އެންމެ ބޮޑު މަޝްރޫޢު.

މިއީ އެތައް ރަނގަޅެއް އޭގެ ނިވަލުގައި އޮވެގެން އަޅުގަނޑުމެން ކުރިއަށް ގެންދަން ރޭވި މަޝްރޫޢެއް. މި މަޝްރޫޢާ ގުޅިފައިވާ އިޤްތިޞާދީ ފައިދާތަކާއި، އިޖުތިމާޢީ ޙައްލުތައް އަދި ޢުމްރާނީ ތަރައްޤީއާއި، ވިޔަފާރީގެ ކުރިއެރުންތަކުން މުޅި ރާއްޖެއަށް އެތައް މަންފާއެއް ކުރާނެ.

ގުޅިފަޅު ބިމަށް މި ސަރުކާރުން މިހާތަނަށް އިތުރުކުރި 42 ހެކްޓަރުގެ ބިމާއެކު، ގުޅިފަޅުން މިހާރުވެސް 68 ހެކްޓަރުގެ ބިން އޮތީ ހިއްކައި ނިމިފައި. އެއީ ކުރީ ސަރުކާރެއްގައި ހިންގި ކުޑަ ބިންކޮޅަކާ އެކީގައި.

މިއަދު މި ފަށާ މަޝްރޫޢުގެ ދަށުން، އިތުރު 150 ހެކްޓަރުގެ ބިން މި ސަރަޙައްދަށް އިތުރުކުރެވޭނެ. ޖުމްލަ ގާތްގަނޑަކަށް 218 ހެކްޓަރު ގުޅިފަޅަށް އިތުރުވެގެން މިދަނީ. އެ ބިމުން މާލޭ ރައްޔިތުންނަށް ދޫކުރާ ގޯތިތަކުން، މާލޭގެ ތޮއްޖެހުމާއި ހާސްކަމަށް ކޮންމެވެސްވަރެއްގެ ލުޔެއް، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން ލިބިގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އަޅުގަނޑުމެން އަމާޒުކޮށްފައި ވަނީ ގުޅިފަޅުން މަދުވެގެން 2000 ގޯތި ދޫކުރުމަށް.

ގިރާވަރު ފަޅުން ވެސް މިހާރު އޮތީ 20 ހެކްޓަރަށްވުރެ ބޮޑު ބިން ހިކިފައި. ގިރާވަރު ފަޅުންވެސް އިރާދަކުރެއްވިއްޔާ 2000 ގޯއްޗަށްވުރެ އިތުރަށް އަޅުގަނޑުމެންނަށް ދޫކުރެވޭނެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ވެސް މަދުވެގެން 2200 ގޯތި ދިނުމަށް އަޅުގަނޑުމެން ވާނީ ނިންމާފައި. މި ދެންނެވި ތިން މަޝްރޫޢުގެ ދަށުން، ބިންވެރިޔާ ސްކީމްގެ ދަށުން މި ބުރުގައި އެކު ޖުމްލަ 6200 ގޯތި ދޫކުރުމަށް މިހާރު އަޅުގަނޑުމެން ވަނީ ނިންމާފައި. މިއީ ކުރީ ދުވަހު މިނިސްޓަރ އަސްލަމް ވިދާޅުވި އަދަދަށްވުރެ ކުޑަ ތަންކޮޅެއް އަނެއްކާވެސް އިތުރު އަދަދެއް.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދި ޖުމްލަ 23088 މީހުން ހުށަހަޅާފައި އެބައޮތް. އޭގެ ތެރެއިން 19858 މީހަކު ވަނީ ބަންޑާރަ ގޯއްޗަށް ޝަރުޠު ހަމަވެފައި. ޝަރުޠު ހަމަވެގެން ގޯތި ލިބޭ މީހުންގެ ލިސްޓުވެސް މިހާރު އޮތީ ޢާންމު ކުރެވިފައި. އަދި އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް، ޖުލައި މަހުގެ 15 ވަނަ ދުވަހާ ހިސާބަށް ވަނީ ފުރުޞަތު ހުޅުވާލާފައި. ލިބޭ ޝަކުވާތައް ބެލުމަށްފަހު، ލިސްޓުގައި ހުރި މައްސަލަތައް ޙައްލުކޮށް، އިރާދަކުރެއްވިއްޔާ އެންމެ ލަސްވެގެން މި އަންނަ އޮގަސްޓު މަހުގެ ތެރޭގައި ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން.

މާލޭގެ ގިނަ ރައްޔިތުން މިއަދު ވެސް ދިރިއުޅެމުން އަންނަނީ، އިންސާނަކަށްވީތީ ލިބެންވާ އެތައް އަސާސީ ޙައްޤަކުން މަޙުރޫމް ވެގެން. ސާފު ވައިކޮޅެއް، ދުވާލުގެ ޤުދުރަތީ އަލިކަމެއް ނުލިބި ދިރިއުޅޭ ޢާއިލާތައް މާލޭގައި އެބައުޅޭ. އަދި ތުއްތު ދަރިން ހިތްފަސޭހަކޮށްލަން ނުކުންނާނެ ހުސް ބިންކޮޅެއް ނެތިވެސް، މާލޭ ރައްޔިތުން އުޅޭތާ ކިތަންމެ ދުވަހެއް ވެއްޖެ.

ސާޅީހަކަށް އަހަރު ފަހުން، މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ބިންވެރިޔާ ސްކީމް ހުޅުވައިލީ، މާލޭ ރައްޔިތުންނަށް ހަމަނޭވާ ލެވޭނެ ގޮތެއް ހަދައިދޭން. އެ މަޝްރޫޢު މުޅިން ފުރިހަމަވާނީ، މާލެއިން ތިލަފުށްޓަށް އަޅާ ބްރިޖުން، އެ ސަރަޙައްދާއި މާލެއާ ގުޅައިލުމުން. އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ ތެރޭގައި، އެ ބްރިޖުގެ މަސައްކަތް ވެސް ނިމި ބޭނުންކުރަން ފެށޭނެ. އެއަށްފަހު ދެން ކުރަން އޮތް ކަމަކީ، އެ ބްރިޖް ގިރާވަރާ ގުޅައިލުން. އިރާދަކުރެއްވިއްޔާ އެ މަސައްކަތް ވެސް އަޅުގަނޑުމެން ކުރާނަން.

އާދެ، އަޅުގަނޑުމެންގެ އަމާޒަކީ، ބިންވެރިޔާ ސްކީމަށް ޝަރުޠު ހަމަވާ އެންމެންނަށް ގޯތި ލިބެންދެން މި ލިސްޓް ދެމެހެއްޓުން. ގެ ރަޙްމަތާއެކު، އެ ފުރުޞަތު ދިވެހި ރައްޔިތުން އަޅުގަނޑުމެންނަށް ދީފިނަމަ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ މަސައްކަތް ކޮށްވެސް ނިންމާލާނަން. އެގޮތުން، މިހާރުވެސް މިގެންދަނީ މި ގުޅިފަޅާއި ގިރާވަރުން އިތުރަށް ގޯތި ދެވޭނީ ކިހިނެއްތޯ ބަލައި، އެ ޕްލޭން ރާވަމުން. މި ފަޅު ހިއްކައިގެން ތަރައްޤީކުރާ ބިމުން ބަންޑާރަ ގޯތި ދޫކުރުމުގެ އިތުރުން، ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާ ގުޅިފައިވާ މުހިންމު ދެ ކަމެއް، މި ބިމުގައި ހިނގާނެ. އޭގެ ތެރެއިން އެއް ކަމަކީ، މާލޭގެ ގުރާބުތުނޑި ސަރަހައްދުގައި މިހާރު ހިނގަމުން އަންނަ މާލޭ ވިޔަފާރި ބަނދަރު، ގުޅިފަޅުގައި އަލަށް ޤާއިމުކުރުން.

އޭގެ އިތުރުން މާލޭގެ އުތުރު ފަރާތުގަޔާއި، އެކި ސަރަޙައްދުތަކުގައި ހުރި ބޮޑެތި ގުދަންތަކާއި ވާރކްޝޮޕްތައް ފަދަ ތަންތަނާއި، ބައެއް ވިޔަފާރިތައް ވެސް ގުޅިފަޅަށް ބަދަލުކުރުން. އެއީ މާލޭގެ ޢާންމު ހަމަޖެހުމާއި އަމާންކަން ޤާއިމުކުރަން އެޅޭނެ ވަރަށް މުހިންމު ފިޔަވަޅަކަށްވެސް ވެގެންދާނެ.

އަނެއް މުހިންމު ކަމަކީ، ގުޅިފަޅުގައި ބައިނަލްއަޤްވާމީ ވިޔަފާރި ބަނދަރެއް ތަރައްޤީ ކުރުން. އެކަމާ ބެހޭ ރޭވުންތައް ވެސް މިހާރު ވަނީ ގާތްގަނޑަކަށް ޕްލޭންކޮށް ނިމިފައި.

މި ދެންނެވި ދެ ބަނދަރު ތަރައްޤީ ކުރުމުން، ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓަށް ވަރަށް ހަލުވި ކުރިއެރުންތަކެއް ލިބިގެންދާނެ. އެ ހަލުވިކަމާއެކު ވިޔަފާރިއާއި ޢިމާރާތްކުރުމުގެ އިންޑަސްޓްރީއާއި އަދި ފަތުރުވެރިކަމުގެ ޞިނާޢަތާއި، މަސްވެރިކަމުގެ ޞިނާޢަތް އިތުރަށް ފުޅާވެގެންދާނެ. އެ ޞިނާޢަތްތައް ފުޅާވަމުންދާ ވަރަކަށް، ރާއްޖޭގެ މުޅި އިޤްތިޞާދުގެ ރޫފަ ހެޔޮވެގެންދާނެ.

މާތް ﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެން މިތިބީ މުޅި ރާއްޖެއަށް ތަރައްޤީ ގެނެސްދޭން. ރައްޔިތުންގެ ކޮންމެ ކަންބޮޑުވުމަކީ، އަޅުގަނޑާއި އަޅުގަނޑުމެންގެ ޓީމުގެ ވެސް ކަންބޮޑުވުމެއް. ރައްޔިތުންގެ ތަކުލީފަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ތަކުލީފެއް. މިދިޔަ ހަތަރު އަހަރެއްހާ ދުވަހު އަޅުގަނޑުމެން ހިންގި ކޮންމެ މަޝްރޫޢެއް، އަދި ކުރި ކޮންމެ މަސައްކަތެއް ބިނާކޮށްފައި އޮންނާނީ އެ ތަކުލީފުތައް ކުޑަކޮށްދިނުމަށް.

މިއަދު އަޅުގަނޑުމެންގެ ތެރޭގައި ޤާއިމުވެފައި މި އޮތް ހަމަޖެހުމާއި ޞުލްޙަޔަކީ، މި ދެންނެވި ތަކުލީފުތަކަށް ކޮންމެވެސް ލުޔެއް ލިބޭ ކަމުގެ ނަތީޖާ. ދެން އަޅުގަނޑުމެން އަމާޒު ހިފަންވީ، މި ހަމަޖެހުމުގެ ތެރޭގައި، އުފާވެރި ދިރިއުޅުމެއް ވެއަތުކުރުމަށް.

މިހިނދުން ފެށިގެން އަޅުގަނޑުމެން ސޮއިކުރާ ކޮންމެ އެގްރިމެންޓެއް، އަޅާ ކޮންމެ ބިންގަލެއް އަދި ފަށާ ކޮންމެ މަޝްރޫޢެއްގެ އަމާޒަކީ، ދިވެހިން އެދިއެދި ތިބި "އުފާވެރި އަމާން ރާއްޖެ" ދިވެހިންނަށް ހޯދައިދިނުން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ދިވެހި ރައްޔިތުންނަށް އުފާ ފާގަތިކަން ހޯދައިދިނުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މާތް ބަރަކާތް ލައްވައި، ކާމިޔާބު މިންވަރު ކުރެއްވުން. އަޅުގަނޑުމެންގެ މެދުގައި ހަމަޖެހުމާއި ޞުލްޙަޔާއި އެކުވެރިކަން ދަމަހައްޓަވައި، ޤައުމުގެ ތަރައްޤީގައި އެއް ޢަޒުމެއްގައި އެއް އަމާޒަކަށް ދަތުރުކުރުމުގެ ހެޔޮ ތައުފީޤު ދެއްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.