بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލް، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ދައުލަތުގެ ވަޒީރުން، ހާޒިރުވެވަޑައިގެން ތިއްބެވި ޢިއްޒަތްތެރިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، ރައްޔިތުންނާ ގާތުން އަދި ލާމަރުކަޒުކޮށް ދައުލަތް ހިންގުމުގައި މިއަދަކީ، އަނެއްކާވެސް ވަރަށް މުހިންމު ފިޔަވަޅެއް ކުރިއަށް އެޅޭ ދުވަހެއް. ސަރުކާރުން ރައްޔިތުންނަށް ޚިދުމަތް ދެމުން އަންނަ ގޮތަށް އިންޤިލާބީ ބަދަލެއް އަންނަ ދުވަހެއް. މިއަދު އަޅުގަނޑުމެން މި އިފްތިތާޙުކުރާ "ވަންގަވް" ނިޒާމަކީ، ޒަމާނީ ޑިޖިޓަލް ވިއުގައިގެ ތެރެއިން ސަރުކާރުގެ ޚިދުމަތްތައް ލިބޭނެ ވަރަށް ފަސޭހަ ނިޒާމެއް.

ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ އިދާރީ ވިއުގައަކީ، ސަރުކާރުގެ ހުރިހާ ވުޒާރާތަކަކާއި، އެހެން އިދާރާތަކާއި، ހުރިހާ ކައުންސިލްތަކެއް ހިމެނޭ ވަރަށްފުޅާ ވިއުގައެއް. އެ އިދާރާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ އަދަދު އެތައް ސަތޭއަކަށް އެބައަރާ.

މިއަދު މި ތަޢާރުފްކުރާ "ވަންގަވް" އަކީ، ޑިޖިޓަލް ސަރުކާރެއްގެ ފެށުން. މި ސަރުކާރުގެ އެންމެ ޚާއްޞަ ސިފަޔަކީ، ދިވެހި ސަރުކާރުގެ ފަރާތުން އެ މީހަކު ހޯދަން ބޭނުންވާ ޚިދުމަތެއް، އެ މީހަކު ހުރި ތަނަކުން އެ މީހެއްގެ އިނިގިލިކުރިއަށް ތިލަވެގެން އައުން. ރާއްޖެ ކަހަލަ ގިނަ އަތޮޅުތަކެއްގެ އަދި އެއަށްވުރެ ގިނަ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ޖަޒީރާ ރާއްޖެއަކަށް ޑިޖިޓަލް ސަރުކާރެއްގެ މުހިންމުކަން ވަރަށްބޮޑު.

ކުރިމަތިވަމުންދާ މޫސުމީ ބަދަލުތަކަށް ބަލާއިރުވެސް، ޑިޖިޓަލް ސަރުކާރެއްގެ ބޭނުންތެރިކަން، ދިވެހި ރައްޔިތުންނަށް މިހާރު ވަރަށްބޮޑު. ދިވެހިން އެދޭ އިޤްތިޞާދީ ކުރިއެރުމަށް ބަލާއިރުވެސް އަދި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައިވެސް ޑިޖިޓަލް ސަރުކާރެއް ދިވެހިންނަށް މިހާރު ކޮންމެހެން ބޭނުންވޭ.

މި ސަބަބަށްޓަކައި އަޅުގަނޑުމެން އެކުލަވައިލި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި، ސަރުކާރުގެ ޑިޖިޓަލް ސްޓްރެޓިޖީ އަޅުގަނޑުމެން ހިމެނިން. އަދި ޑިޖިޓަލް ސަރުކާރު އެކުލަވައިލުމުގެ ޢަމަލީ މަސައްކަތްތައް އަޅުގަނޑުމެން ފެށިން. ބޭނުމަކީ، ސަރުކާރުގެ ޚިދުމަތްތައް ލިބިގަތުމުގައި، ރައްޔިތުން އުފުލަމުން އައި ތަކުލީފުތަކަށް ލުޔެއް ހޯދައިދިނުން.

ޒަމާނުއްސުރެ ކަން ހިނގަމުން އައި މަގަކީ، ސަރުކާރުގެ އޮފީހަކުން ޚިދުމަތެއް ހޯދަން ޖެހިއްޖެނަމަ، ކަނޑު ހުރަސްކޮށް، ވެރިރަށް މާލެއަށް ދަތުރުކުރަން ޖެހުން. މާލެ އާދެވޭނެ ގޮތެއް ނެތިއްޔާ، ޚިދުމަތް ނުހޯދާ ހުރުން. އަދި ޚިދުމަތެއް ހޯދަން އޮފީހަކަށް ދެވުނަސް، ގިނަ ވަގުތު ކިޔޫގައި މަޑުކުރަންޖެހުން.

އެ ހުރިހާ ތަކުލީފެއް އުފުލަންޖެހޭއިރު، ބޭނުންވާ ޚިދުމަތާ ގުޅޭ އެންމެ އެކަށީގެންވާ މަޢުލޫމާތު، އެއް ތަނަކުން ލިބޭކަށް ނުހުރޭ. ޚިދުމަތެއް ހޯދުމަށްޓަކައި ފޯމެއް ފުރައި، އެތައް ލިޔުންތަކެއް ކަރުދާހަށް ޕްރިންޓްކޮށް ހުށަހަޅަން ޖެހުމަކީވެސް ރައްޔިތުން އުފުލަމުން އަންނަ މަޖުބޫރުވީ ޒިންމާއެއް. އެ ތަކުލީފުތަކަށް އަޅުގަނޑުމެން މި ހޯދައިދޭ ލުޔަކީ "ވަންގަވް."

ސަރުކާރުގެ އެކި މުއައްސަސާތަކާ ގުޅޭ ނަންބަރުތައް ހޯދައިގެން ގުޅުމުގެ ބަދަލުގައި، "ވަން ފައިވް ހަންޑްރެޑް" 1500 އާ، މި ނަންބަރަށް އެކަނި ގުޅައިލައިގެން މި ވަގުތު މި ނިޒާމުގެ ތެރޭގައި ހުރި އިދާރާތަކުގެ މަޢުލޫމާތު ލިބޭނެ. ހުރިހާ އިދާރާއެއް މި ނިޒާމަށް އެކުވެގެން އަންނައިރު، މި ނަންބަރު ވެގެންދާނީ، ސަރުކާރުގެ މައި ކޯލް ސެންޓަރަކަށް. މިއާއެކު ވަންގަވް ލައިވް ޗެޓް އަދި ސޯޝަލް މީޑިއާގެ ޒަރީއާއިން ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު ހޯދޭނެ.

އަޅުގަނޑުމެން މި ޤާއިމުކުރާ ޑިޖިޓަލް ސަރުކާރުގެ އެންމެބޮޑު އެއް އަމާޒަކީ، ޚިދުމަތްތައް އަވަހަށް ފޯރުކޮށްދިނުން. ޑިޖިޓަލް ސަރުކާރުގައި ހިމެނޭ މުއައްސަސާތަކުގެ އެޕްލިކޭޝަން ފޯމުތައް މިހާރު ހުންނާނީ ފަސޭހައިން ޚިދުމަތްތަކަށް އެދެވޭނެގޮތަށް ބަދަލުކޮށްފައި. އަދި ހޯދަން ބޭނުންވާ ޚިދުމަތްތަކާ ބެހޭ ހުރިހާ މަޢުލޫމާތެއް، އެއް ތަނަކުން ލިބޭނެ. މީގެ ސަބަބުން ރައްޔިތުންގެ އެތައް ވަގުތެއް ސަލާމަތްކުރެވި، ޚިދުމަތް އަވަސްވެގެންދާނެ.

ޑިޖިޓަލް ސަރުކާރަކީ، ރަސްމީ ގަޑި ނިމުމުން، ދޮރު ބަންދުކޮށް، ޚިދުމަތްތައް މެދުކަނޑާލާ ސަރުކާރެއް ނޫން. ހަފްތާގެ 7 ދުވަހު 24 ގަޑިއިރު، މެދުނުކެނޑި ޚިދުމަތްތަކަށް އެދެވޭނެ. ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް، ސަރުކާރުގެ ޚިދުމަތްތައް ހޯދުމަށް މަގުފަހިވެގެންދާނެ. އަދި ޚިދުމަތްތަކަށް އެދުމަށްފަހު، އެ ޚިދުމަތެއްގެ މަސައްކަތް ގޮސްފައި އޮތް ހިސާބެއްވެސް، ކޮންމެ ތަނެއްގައި ހުރެގެން ފަސޭހަކަމާއެކު ބަލައިލެވޭނެ.

މި ނިޒާމުގެ އެންމެބޮޑު ފައިދާއަކީ، ސަރުކާރުގެ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު ހޯދުމަށް، ސަރުކާރުގެ އިދާރާތަކާއި ކައުންސިލްތަކަށް ދާން ނުޖެހުން ނުވަތަ މަޢުލޫމާތު ހޯދުމަށްޓަކައި އިދާރާތަކަށް ގުޅަން ނުޖެހުން. ޑިޖިޓަލް ސަރުކާރު ހިނގައިގަންނައިރު، "ވަންގަވް"ގެ ސަޕޯޓް ސެންޓަރުތަކެއް، ރާއްޖޭގެ ތިން ސަރަޙައްދެއްގައި ޤާއިމްވެފައި އެބަހުރި. އެއީ، މާލެއާއި އައްޑޫ އަދި ފުވައްމުލައް ސިޓީ.

މި ވަގުތު މި ތިން ސިޓީގައި ސަޕޯޓް ސެންޓަރުތައް ހުއްޓަސް، ކުރިމަގުގައި އިތުރު ސަޕޯޓް ސެންޓަރުތަކެއް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުޅުވިގެންދާނެ. މި ސެންޓަރުތަކުގެ މައިގަނޑު މަޤްޞަދަކީ، ޚިދުމަތްތަކާ ގުޅިގެން އެހީތެރިކަން ބޭނުންވެއްޖެ ޙާލަތެއްގައި، އެ އެހީތެރިކަން ރައްޔިތުންނާ ވީހާވެސް ގާތުން ފަސޭހައިން ފޯރުކޮށްދިނުން. އަދި ޑިޖިޓަލް ޓެކްނޯލޮޖީއާ ތަންކޮޅެއް ބީރައްޓެހި ރައްޔިތުންނަށްވެސް ޑިޖިޓަލް ސަރުކާރުގެ ޚިދުމަތްތަކަށް އެދެވޭނެ ފަސޭހަ ގޮތްތަކެއް މި ވަގުތަށް ހަމަޖައްސައިދިނުން.

މި ޑިޖިޓަލް ސަރުކާރު ހިނގައިގަތުމުން، ލިބޭ ފައިދާތަކެއްވެސް އެބަހުރި. އެއްކަމަކީ، މި ޑިޖިޓަލް ސްޓްރެޓިޖީގެ ސަބަބުން ކޮރަޕްޝަންގެ ނޭއްގާނީ ޢަމަލުތަކަށް އޮތް ފުރުޞަތު ވަރަށް ބޮޑަށް ހަނިވެގެންދިޔުން. އަނެއްކަމަކީ، ސަރުކާރުގެ ޚިދުމަތްތައް ލިބިގަތުމުގައި، ކަރުދާސް ބޭނުންކުރަންޖެހޭ މިންވަރު ވަރަށްބޮޑަށް ކުޑަވުން. މިއީ، އިޤްތިޞާދީ އަދި ތިމާވެށީގެ ނަޒަރުން ބަލާއިރުވެސް ވަރަށް މުހިންމު ކަމެއް.

މިފަދަ ޒަމާނީ ޓެކްނޯލޮޖީތަކާއެކު އުފެދޭ ކަންބޮޑުވުންތަކެއްވެސް ހުންނާނެ. އެންމެބޮޑު ކަންބޮޑުވުމަކަށް އޮންނާނީ، ރައްޔިތުންގެ ޒާތީ މަޢުލޫމާތުތައް ރައްކާތެރިކުރެވޭނެ މިންވަރާމެދު އުފެދޭ ކަންބޮޑުވުންތައް. "ވަންގަވް" ފްރޭމްކޮށްފައި ވަނީ ޒަމާނީ، އީޖާދީ ޓެކްނޯލޮޖީގެ ވަސީލަތްތައް ބޭނުންކޮށް، ރައްޔިތުންގެ ޒާތީ މަޢުލޫމާތުތައް ފުރިހަމައަށް ރައްކާތެރިކުރެވޭނެ ފެންވަރެއްގައި. "ވަންގަވް" އިން ޚިދުމަތް ދޭއިރު، ރައްޔިތުންގެ ޒާތީ މަޢުލޫމާތު ބޭނުންކުރުމުގެ ހުއްދައަށް އެދޭނެ. އެ ޚިދުމަތެއް ފޯރުކޮށްދޭނީ، އެ މީހާގެ ޒާތީ މަޢުލޫމާތު ބޭނުންކުރުމުގެ ހުއްދަ، އީ ފާސް މެދުވެރިކޮށް، އެ މީހަކު އަމިއްލައަށް ދިނުމުން. އެހެންކަމުން، ދިވެހި ކޮންމެ ރައްޔިތަކުވެސް އީ ފާސް ހެދުމަށް އަޅުގަނޑު އިލްތިމާސް ކުރަން.

ޑިޖިޓަލް ސަރުކާރުގެ ތެރެއިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކޮށް، ޚިދުމަތްތަކަށް ލުއިފަސޭހަ ކުރުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللَّـهُ سُبْحَانَهُ وَتَعَالَىٰ ބަރަކާތް ލައްވައި، ކާމިޔާބު ކުރެއްވުން އެދި އަޅުގަނޑު ދުޢާކުރަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.