بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލް، ދައުލަތުގެ ވަޒީރުން، އޯޝަން ކަނެކްޓް މޯލްޑިވްސްގެ ސީ.އީ.އޯ. ޢަބްދުއްނާފިޢު ތައުފީޤު، ހާޒިރުވެވަޑައިގެން ތިއްބެވި ޢިއްޒަތްތެރިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، މިއަދު އަޅުގަނޑުމެން މި އިފްތިތާޙް ކުރަނީ، ޑިޖިޓަލް ދިވެހި ޖީލުގެ ފެށުން. ބައިނަލްއަޤުވާމީ ސަބްމެރިން ކޭބަލް ނިޒާމަކަށް ރާއްޖެ ސީދާ ގުޅައިލުމަކީ، ރާއްޖޭގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ކުރެވޭ ކަމެއް. މި ސަބްމެރިން ކޭބަލްއާއެކު ދިވެހި ރައްޔިތުން ގޮވައިގެން، ވަކިން ޚާއްޞަކޮށް ދިވެހި ޒުވާނުން ގޮވައިގެން އަޅުގަނޑުމެން ދަތުރު މި ފަށަނީ، މުޅިން އާ ދުނިޔެއަކަށް.

އާ ދުނިޔެއަކަށްވާ ވަރަށް ގިނަ ސަބަބުތައް އެބަހުރި. އެންމެ ފުރަތަމަ ކަމަކަށް، މިއީ ހަމައެކަނި މުވާޞަލާތީ ގޮތުން ކުރެވޭ ކަމަކަށް ނުވުން. ޑިޖިޓަލް ދުނިޔޭގެ އުދަރެސްތައް އެއަށްވުރެ މާފުޅާ. ޒަމާނީ ޞިއްޙީ ޚިދުމަތްތައް ބައްރުތައް ހުރަސްކޮށް އެ ދަތުރުކުރަނީ ޑިޖިޓަލް ސަވާރީއެއްގައި. ސްކޫލްތަކާއި ޔުނިވަރސިޓީތައް އަދި ލައިބްރަރީތައް ގޭގެ ސިޓިންގރޫމްތަކަށް އެ ފޯރަނީ، އެންމެ ހަލުވި އިންޓަރނެޓްގެ ސަބަބުން.

ދުނިޔެ މިއަދު މިދެކޭ ހަލުވި ކުރިއެރުމުގެ އަޞްލަކީ ޑިޖިޓަލް އިޤްތިޞާދު. ދުނިޔޭގެ އެއް ބިތުން އަނެއް ބިތަށް، ވިޔަފާރީގެ މުޢާމަލާތްތައް ހިނގަމުން އެދަނީ އެއްވެސް ހުއްޓުމެއް، މެދުކެނޑުމެއް ނެތި. ޑިޖިޓަލް މުވާޞަލާތުގެ ސަބަބުން އެންމެ ދުރު ކަރަތައްވެސް، ދެ އިނގިލިހާ ކައިރިކޮށްދީފި. ނަމަވެސް، އަޅުގަނޑުމެންނަށް މިއަދާ ހަމައަށް މި އުޅެވެނީ، އެ ދުނިޔެއަށް މުޅިން ނުވަދެވިގެން.

ޙަޤީޤަތުގައި މިއީ މީގެ އެތައް އަހަރެއް ކުރިން ދިވެހިންނަށް އަލިވިލެންވީ ދުވަހެއް. ކައިރީގައި މި އޮތް ދޫނިދޫގައި ބެހެއްޓި ވަޔަރލެސް ސެޓަކުން ރާއްޖޭގައި މުވާޞަލާތީ ޚިދުމަތް ފެށިތާ މިއީ 80 ވަނަ އަހަރު. ރާއްޖޭގައި އިންޓަރނެޓް ތަޢާރަފް ކުރި ފަހުން 27 އަހަރު ފުރިއްޖެ. ޑިޖިޓަލް ޓެކްނޮލޮޖީގެ ކުރިއެރުމާ އެއް ހަމައެއްގައި ފައި ހަމަކުރުމަކީ، އަޅުގަނޑުމެން އަބަދުވެސް ކުރަންޖެހޭ ކަމެއް.

މިދިޔަ 80 އަހަރުގެ ތެރޭގައި، ދުނިޔޭގައި އެންމެ ހަލުވިކޮށް ކުރިއަރައިގެން ދިޔަ އެއް ދާއިރާއަކީ ޓެކްނޮލޮޖީ އާއި މުވާޞަލާތުގެ ދާއިރާ. ޒަމާނީ ޓެކްނޮލޮޖީގެ ތެރެއިން އިންސާނުން އީޖާދުކުރި އާޓިފިޝަލް އިންޓެލިޖެންސް، އިންސާނުން ފަހައި ދުވަމުން ދާއިރު، ދިވެހިން އަދިވެސް ދުވަންޖެހިފައި މިއޮތީ، އިންޓަރނެޓް ސްޕީޑާއި މޯބައިލް ރޭންޖުގެ ފަހަތުން.

މިއީ، އުފެއްދުންތެރި އީޖާދީ ވިސްނުން ހުރި ދިވެހިންނަށް ޙައްޤު މިންވަރެއް ނޫން. ޑިޖިޓަލް ދުނިޔޭގެ ދުވެލީގައި ދިވެހިން ކުރިއަރައި ގޮސް، ޙައްޤު މިންވަރު ލިބެން އޮތީ، ބައިނަލްއަޤުވާމީ ސަބްމެރިން ކޭބަލް ނިޒާމެއްގެ ތެރެއަށް މި ޖަޒީރާތައް ވަދެ ލާމެހިގެން. ދިވެހި ސަރުކާރުގެ 100 އިންސައްތަ ޙިއްޞާވާ އޯޝަން ކަނެކްޓް މޯލްޑިވްސް އުފެއްދުމުގެ މަޤްޞަދަކީ އެއީ.

އަޅުގަނޑު ދަންނަވާނީ މިއީ، ރާއްޖޭގައި އިންޓަރނެޓްގެ ޚިދުމަތް ދޭ ކުންފުނިތަކަށް ލިބުނު ވަރަށް ރަނގަޅު ފުރުޞަތެއް ކަމަށް. އަޅުގަނޑުމެން މި ކޮށްދޭ ކަމަކީ، ޚިދުމަތްދޭ ކުންފުނިތަކާއި ބައިނަލްއަޤުވާމީ ފައިބަރ ކޭބަލްއަކާ ސީދާ ގުޅައިލުމުގެ ފުރުޞަތު ހޯދައިދިނުން. އަޅުގަނޑުމެންގެ ކޭބަލް ވިއުގަޔާ ގުޅުމުން، ޚިދުމަތް ދިނުމަށް އެ ކުންފުނިތަކުން ކުރަންޖެހޭ ހޭދަ އެތައް ގުނައެއް ކުޑަވެގެން ދާނެ. ދެންމެ މިނިސްޓަރ ފަޔާ އޭގެ ވާހަކަތައް ވިދާޅުވެދެއްވައިފި. އޭރުން ރައްޔިތުންގެ ޖީބަށް ލުއި، އަދި މިހާރަށް ވުރެ ދެ ގުނަ ހަލުވި ސްޕީޑްގައި އިންޓަރނެޓްގެ ޚިދުމަތް ދެވޭނެ.

އެމީހަކު ހުރި ރަށަކުން ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ދިނުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތަށް ވެސް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ. އާބާދީ ކިތަންމެ ކުޑަޔަސް، އެ ކުއްޖަކު ދިރިއުޅޭ ރަށެއްގައި ހުރެގެން ކިޔެވުމުގެ ފުރުޞަތު ހޯދައިދިނުމަށް އަޅުގަނޑުމެން ހިންގާ ސެޓެލައިޓް ސްކޫލްތައް، މިހާރަށް ވުރެ މާ ފުރިހަމައަށް ކުރިއަށް ގެންދެވޭނެ.

އަޅުގަނޑުމެން އަމާޒު ހިފާފައި މިވަނީ، ރާއްޖޭގެ އިޤްތިޞާދު ދެގުނަ ކުރުމަށް. މި ޒަމާނުގެ އިޤްތިޞާދީ ނާރެހަކީ، އިންފޮމޭޝަން ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ. މި ޓެކްނޮލޮޖީގެ ތެރެއަށް އެ ޤައުމެއް ވަދެ ލާމެހިގެންދާ ވަރަކަށް، އެ ޤައުމެއްގެ ޖީ.ޑީ.ޕީ. ވެސް މައްޗަށް އެބަދޭ. މިއީ ކުރިއަރާފައިވާ ޤައުމުތައް އަޅުގަނޑުމެންނަށް ދައްކާ ޙަޤީޤަތެއް. ޗައިނާ، އެމެރިކާ، ޖަޕާން އަދި ދެކުނު ކޮރެއާ ފަދަ ޤައުމުތަކުން ފެންނަނީ މި ޙަޤީޤަތް.

ޑިޖިޓަލް ޓެކްނޮލޮޖީއާ ލާމެހުމަކީ ތިމާވެށްޓަށް ލިބޭ އިތުރު ރައްކާތެރިކަމެއް. ގަނެވިއްކުމުގައި ކަރުދާހު ނޫޓު ބޭނުންކުރާ މިންވަރު މަދުވާ ވަރަކަށް، ކަރުދާސް އުފެއްދުމަށްޓަކައި ގަސް ކަނޑަންޖެހޭ މިންވަރު މަދުވާނެ. ލިޔެކިޔުން ބަދަލުކޮށް ރައްކާކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުން އިތުރުވުމަކީވެސް، ކަރުދާހަށް ބޭނުންވާ މިންވަރު ކުޑަކޮށްދޭނެ ކަމެއް.

މި ކަންކަން މިހެން ހުރުމުން އަޅުގަނޑުމެންނަށް ވިސްނުނީ، ތިންވަނަ ޤައުމެއް މެދުވެރިނުވެ، އިންޓަރނެޓްގެ އެންމެ ހަލުވި ސްޕީޑް ރާއްޖެއަށް ލިބޭނެގޮތެއް ހަމަޖެއްސުމަކީ، ރާއްޖެއަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް.

އަޅުގަނޑުމެންގެ ރާއްޖެ ބައިނަލްއަޤުވާމީ ފައިބަރ ކޭބަލްއަކާ ގުޅައިލުމަކީ، ރާއްޖޭގައި ބައިނަލްއަޤުވާމީ ޓެކްނޮލޮޖީ ހަބެއް އުފެއްދުމުގެވެސް ބިންގާ. އަޅުގަނޑުމެން މިއަދު މިއެޅީ، ބައިނަލްއަޤުވާމީ ވިޔަފާރި އާއި ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔޭގެ އިރުމައްޗާއި ހުޅަނގާ ދެމެދު ގުޅުވައިދޭ ފާލަމަކަށް ރާއްޖެ ހެދުމުގެ ފުރަތަމަ ފިޔަވަޅު.

އަޅުގަނޑަށް އެނގިފައިވާ ގޮތުން، އޯ.ސީ.އެމް.ގެ ފަރާތުން ކޭބަލް އަޅައި ނިންމައިލީ، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރިތާ އެންމެ 536 ދުވަހުގެ ތެރޭގައި. މިއީ ވަރަށް ބުރަކޮށް އެބޭފުޅުން ކުރެއްވި މަސައްކަތުގެ ނަތީޖާ. ކުރު މުއްދަތެއްގައި އެކަން ކޮށް ނިންމަވައިދެއްވި ކަމަށްޓަކައި ކުންފުނީގެ ސީ.އީ.އޯ. ޢަބްދުއްނާފިޢު ތައުފީޤަށާއި، ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އުންމީދަކީ، ތަރައްޤީއާއި މުވާޞަލާތުގެ ދާއިރާއިން މި ފެށި މުހިންމު މަސައްކަތުގެ ހެޔޮ ނަތީޖާ ވީއެންމެ އަވަހަކަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލިބިގެން ދިއުން.

އަޅުގަނޑުގެ ދުޢާއަކީ، އުފާ ފާގަތި ދިރިއުޅުމެއް ހޯދުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ކާމިޔާބާއި ކުރިއެރުން ދެއްވުން. ޞުލްޙަވެރިކަމާއި އަމާންކަންމަތީ ޤައުމު އާރާސްތުކޮށް ކުރިއެރުވުމަށް މިކުރާ މަސައްކަތުގައި ދިވެހި ލޮބުވެތި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއެކު، ހެޔޮ ނަތީޖާ ޙާޞިލްކުރުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރައްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.