بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

އޭ.ޑީ.ކޭ. ގްރޫޕް އޮފް ކޮމްޕެނީޒްގެ ޗެއަރމަން އޮނަރަބްލް އަޙްމަދު ނާޝިދު، އޭ.ޑީ.ކޭ. ހޮސްޕިޓަލްގެ މެނޭޖިންގ ޑައިރެކްޓަރ އަޙްމަދު އަފްޢާލް، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑޮކްޓަރ ޝާހް މާހިރު، އޭ.ޑީ.ކޭ.ގެ އިސްވެރިން، އަދި މިނިސްޓްރީ އޮފް ހެލްތުން ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، މި ރަސްމިއްޔާތު ދުރާއިގާތުން ބައްލަވަމުން ގެންދަވާ އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑުމެންނަށް ދެންމެ އެ ދައްކައިދިން މަޢުލޫމާތުތަކުން އެނގިގެންދިޔަ، މީގެ ފަސް އަހަރު ކުރިން ކާމިޔާބުކަމާއެކު ކާޑިއެކް ސާރޖަރީ އެ ހެއްދެވި ޓީމުގެ މަސައްކަތް. އެންމެ ފުރަތަމަވެސް އެ ޓީމަށް ވަރަށް ހޫނު މަރްޙަބާއެއް އަޅުގަނޑު ދަންނަވަން.

އާދެ، ފަސްދޮޅަސް ފަސް އަހަރު ފަހުންވިޔަސް، އަޅުގަނޑު ޤަބޫލުކުރަނީ، ކަމެއް ކިތަންމެ ލަސްވިޔަސް، ކަމެއް ފެށުން އެއީއޭ މުހިންމު ކަމަކީ. އެހެންވީމާ، އަޅުގަނޑު ދެކޭގޮތުގައި ހުރިހާ ގޮތަކުންވެސް އެކަމަކަށް ތައްޔާރުވެގެން، އޭގެ ވަގުތުގައި އެކަން އެއޮތީ ކުރެވިފައި. މިކަން ކުރުމަށްޓަކައި، އެކަމުގެ ހުރިހާ ތައްޔާރީތަކެއް ކުރައްވައި، އެކަމުގެ މަސައްކަތް ކުރެއްވީތީ، ޚާއްޞަކޮށް، ދިވެހިރާއްޖޭގައި މިފަދަ ޚިދުމަތެއް ފަށްޓަވައިދެއްވީތީ، އެ މަގު ތަނަވަސްކޮށްދެއްވީތީ، އޭ.ޑީ.ކޭ. ގްރޫޕްގެ ޗެއަރމަން އޮނަރަބްލް އަޙްމަދު ނާޝިދަށް އަޅުގަނޑު ޚާއްޞަ ޝުކުރެއް ދަންނަވަން.

އާދެ، ވޭތުވެދިޔަ އަހަރުތަކުގައި އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ، އޭ.ޑީކޭ. ހޮސްޕިޓަލްގެ އުމުރުން ގާތްގަނޑަކަށް ތިރީސްހައަހަރު ވެގެންދާއިރު، ވަރަށް ގިނަގުނަ ޚިދުމަތްތަކެއް ގެނެސްދެއްވާ ތަން. ހަމައެކަނި އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، މިފަދަ ކާޑިއެކް ޚިދުމަތްތަކެއް އެކަންޏެއްވެސް ނޫން. ރާއްޖޭގެ ޞިއްޙީ ދާއިރާ ފުޅާކުރުމަށްޓަކައި، ޒަމާނީ ޓެކްނޯލޮޖީއާއެކު، ގިނަގުނަ މަސައްކަތްތައް ކުރައްވާ ތަން. އަޅުގަނޑަކީ ވަރަށް ގިނަ ކަންތައްތައް ވަރަށް ގާތުން ފެނުނު މީހެއް. ޚާއްޞަކޮށް، އޭ.ޑީ.ކޭ. ހޮސްޕިޓަލާ އެކީގައިވެސް މަސައްކަތްކޮށް ކޮންމެވެސްވަރަކަށް އެ މަސައްކަތްތަކުގެ މަޢުލޫމާތު ލިބި، ޚާއްޞަކޮށް މި ނިމިގެންދާ ފަސް އަހަރުގެ ތެރޭގައި، އެ ކަންތައްތައް ގާތުން ބަލައިލުމުގެ ފުރުޞަތު ލިބުނު މީހެއް. އެގޮތުންވެސް އަޅުގަނޑު ދަންނަވާނީ، އެ ކުރައްވާ މަސައްކަތްތައް ފެނުނޭ. މިކަމުން އަޅުގަނޑަށް ފާހަގަކުރެވުނު އެއްކަމަކީ ޚާއްޞަކޮށް، އެ ތަނެއްގެ އިސްކޮށް، ލީޑަރެއްގެ ގޮތުގައި އިސްނަންގަވައިގެން ހުންނަވާ ބޭފުޅެއްގެ ޢަޒުމް. އެ ބޭފުޅަކު އެ ކަންކަމާ ދޭތެރޭގައި އެ ދެކެވަޑައިގަންނަވާ ގޮތް، އެ ބޭފުޅަކު ކުރައްވާ ކަންތައްތައް ގެންދަން ބޭނުންފުޅުވާ ހިސާބަށް ގެންދިޔުމަށްޓަކައި، އެ ކުރައްވާ ހިތްވަރު. އެއީ އަޅުގަނޑަށް ފެނުނު ކަމަކީ.

މި ފަސް އަހަރު ދުވަހުގެ ތެރޭގައި ވަރަށް ގިނަ ފަހަރު މަތިން އެކިއެކި ބައްދަލުވުންތައް ބޭއްވިއްޖެ. އަޅުގަނޑު ވަރަށް ބޮޑަށް ދަންނަ އަދި އަޅުގަނޑުގެ ވަރަށް ގާތް އެކުވެރި، ރަޙްމަތްތެރި، ވަރަށް ހެޔޮއެދޭ ބޭފުޅެއް، މި ހޮސްޕިޓަލްގެ ވެރިޔާ އަޙްމަދު ނާޝިދަކީ. އެހެންވީމާ، އެގޮތުންވެސް އަޅުގަނޑަށް އެނގިގެންދިޔަ، އެ ކުރެއްވި ހިތްވަރާއި، އެ ޑިޓަރމިނޭޝަން. ކަމެއް ކުރުމަށް ގަސްތުކުރައްވައި، އެކަން ކުރެއްވުމަށްއެ ކުރެއްވި ހުރިހާ މަސައްކަތްތައް.

އެހެންވީމާ، އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، އެ ކަންތައްތައް އެނގިވަޑައިގަންނަވާ ބޭފުޅުން މަދެއްވެސް ނުވާނެ. އަދި އަޅުގަނޑަކީ މި ސްޓޭޖްމަތީގައި، އޭ.ޑީ.ކޭ. ހޮސްޕިޓަލްތެރޭގައި ހުރެފައި އެ ވާހަކަ ދައްކަން އެންމެ ރަނގަޅު މީހާއަށް ނުވެވެސްދާނެ. އެހެންނަމަވެސް، އަޅުގަނޑު މީގައި ދަންނަވާލަން އޮތީ، ހެލްތު ދާއިރާއަށް އަޅުގަނޑުމެން ވިސްނައިފި ކަމަށްވަންޏާ، ޙަޤީޤަތުގައި މި ޤައުމަށް މިއަދުވެސް އަދި މާދަމާވެސް ޒަމާނީ ވަސީލަތްތަކާއެކު، ފުޅާ ދާއިރާއެއްގައި މި ޚިދުމަތް ލިބުމަށް ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެގެން އެދިއެދި ތިބި ދާއިރާއަކީވެސް ހަމަ މިއީއޭ. އެހެންވީމާ، އެ ހުރިހާ ގޮތަކުން ބެލިޔަސް، މިއަދު އައިސްފައި މިވާ ތަރައްޤީ، ކުރެވިފައި ހުރި ކަންތައްތަކަކީ، އެއީ އަޅުގަނޑު ދަންނަވާނީ، ޝުކުރުވެރި ހިތަކުން އަޅުގަނޑުމެން ހަމަ ވަރަށް ބޮޑަށް ބަލައިގަންނަންޖެހޭ ކަމެކޭ.

އަޅުގަނޑު މި ފުރުޞަތުގައި ފާހަގަކުރަން، ރާއްޖޭގެ ޞިއްޙީ ދާއިރާ ތަރައްޤީވެގެން ދިޔުމުގައި، ޕްރައިވެޓް ސެކްޓަރގެ އިންވޯލްމަންޓް ހަމަ ވަރަށް ބޮޑުކަން. ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުން އެބަދޭ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ދިވެހި ސަރުކާރުން، ޚާއްޞަކޮށް، ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތާއެކު، އަޅުގަނޑުމެންނަށްވެސް އެއް ދާއިރާއަކަށް އެންމެ ގިނަ މަސައްކަތްތައް ކުރެވުނު ދާއިރާއަކީ، ޞިއްޙީ ދާއިރާ. އަޅުގަނޑު ހަނދާން އެބަހުރި، 2018 ވަނަ އަހަރު، ރައީސުލްޖުމްހޫރިއްޔާ މި ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު، އަޅުގަނޑު ގާތުގައިވެސް ވިދާޅުވި ޚާއްޞަކޮށް، އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތްތައް ރަނގަޅު ކުރުމުގެ މަސައްކަތްތަކުގެ ވާހަކަ. ދެން އަޅުގަނޑު ހަނދާން އެބަހުރި، އޭގެ ހަމަ ފުރަތަމަ ބައްދަލުވުމުގައި އަޅުގަނޑާ އެކުގައި ބައިވެރިވެވަޑައިގެންނެވި އެއް ބޭފުޅަކު މިހާރުވެސް މިތާނގައި އެބަ ހުންނެވި. 2019 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އަޅުގަނޑުމެން އެ މަސައްކަތް ފެށީ. ޚާއްޞަކޮށް، ރަށްރަށުގެ ޞިއްޙީ ކަންތައްތައް ރަނގަޅު ކުރުމަށާއި، އަތޮޅުތެރޭގެ އުތުރާއި ދެކުނުގެ ކަންތައްތައް ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑުމެން އެ މަސައްކަތް ފެށީ.

ސަރުކާރުން މިއަދާ ހަމައަށް ކުރެވުނު މަސައްކަތްތަކުންވެސް އެނގިވަޑައިގަންނަވާނެ، ކެޕޭސިޓީ އިތުރުކުރުމަށާއި، ވަސީލަތްތައް އިތުރުކުރުމަށާއި، ރަނގަޅު ފަރުވާ ދިނުމަށް، ވަރަށް ގިނަ ކަންތައްތަކެއް އަޅުގަނޑުމެންނަށް ކުރެވިއްޖެކަން. އަޅުގަނޑު ޤަބޫލުކުރަނީ، މިއަދުވެސް އަދި މާދަމާވެސް އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތާނގައިވެސް، އަޅުގަނޑުމެންގެ މި ސަރުކާރުން ކުރަންޖެހޭ ކަމަކީ މިއީކަން. އަޅުގަނޑު އެހެން މި ދެންނެވީ، މި ފަސް އަހަރު ޚާއްޞަކޮށް، އިޖުތިމާޢީ ދާއިރާގެ ކަންތައްތައް ބެލެހެއްޓުމުގެ ޒިންމާ، އަޅުގަނޑާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވިއިރު، އޭގެތެރެއިން އެންމެ ކަންބޮޑުވުން ހުރި ކަންތައްތަކަކީ މިއީ. އެކަމެއްގެ ސަބަބުން ރެޔާއިދުވާލު، ހިތަށް އެންމެ އުނދަގޫވާ އިޙްސާސްތައް އަންނަ ކަމެއްގެ ގޮތުގައި ހަމަ ފާހަގަވީ، ތަޖުރިބާ ކުރެވުނީ ޞިއްޙީ ދާއިރާގައި ދިމާވި އެކިއެކި ކަންތައްތައް. އެކި ޢާއިލާތަކަށް ދިމާވި އެކިއެކި ކަންތައްތައް. އެކި ހިސާބުތަކުން ދިމާވި ހިތްދަތި ކަންތައްތައް. މިއީ ރާއްޖޭގެ އުތުރާއި ދެކުނުގެ ހުރިހާ ބޭފުޅުންވެސް ހަމަ ހެކިވާނެ ކަންތައްތައް. އެހެންވީމާ، މިކަމުގައި އަޅުގަނޑު ޤަބޫލުކުރަނީ، ހަމަ ވަރަށް ބޮޑެތި މަސައްކަތްތަކެއް އަދިވެސް ކުރަންޖެހޭ ކަމަށް. އަޅުގަނޑު ޤަބޫލުކުރާގޮތުގައި، އެ ކަންތައްތައް ކުރިޔަށް ގެންދާނީވެސް މި ސަރުކާރުން. އަދި ކުރިއަށް އޮތް އަހަރުތަކުގައި ކުރިއަށްދާނެ މަސައްކަތްތަކަކީވެސް މިއީ.

މިކަމުގެ މުހިންމުކަމުގެ ވާހަކަ، މިކަމަށް ކޯޝަސް ވާންޖެހޭ މިންވަރު އަޅުގަނޑުމެންނަށް، ދެންމެ ޑޮކްޓަރުވެސް ވިދާޅުވެދެއްވި. އަދި އަފްޢާލްގެ ވާހަކަފުޅުންވެސް އަޅުގަނޑަށް ފާހަގަކުރެވުނީ އެ ކަންތައްތައް. އަޅުގަނޑު މިއަދު ހަމަ ދަންނަވާލަން އޮތީ، އަޅުގަނޑުމެންގެ ޞިއްޙީ ދާއިރާގެ ވަސީލަތްތައް ފުރިހަމަކޮށް، މީހުން ބިނާކޮށް، ގިނަގުނަ މަސައްކަތްތަކެއް އެބަ ކުރެވެއޭ. ސަރުކާރުން ކުރާ މަސައްކަތުގެ އިތުރަށް، ޕްރައިވެޓް ސެކްޓަރ ޚާއްޞަކޮށް، އޭ.ޑީ.ކޭ.އިންވެސް މީހުން ބިނާކުރުމަށާއި، ސްކޮލަރޝިޕްތަކާއި، ސްޕޮންސަރޝިޕްތައް ދިނުމާއި، އަދި އޭ.ޑީ.ކޭ. ހޮސްޕިޓަލްގެ ތެރޭގައި މިހާރު އުފެދިފައި މިވާ، ޝާފިޢާ އިންސްޓިޓިއުޓް އޮފް ހެލްތުންވެސް ކްލިނިކަލް އެކްސްޕީރިއަންސާއެކީ، މީހުން އުފެއްދުމަށްޓަކައި ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުން އެބަދޭ. ކުރެވެމުންދާ މަސައްކަތްތައް ވަރަށް ގިނަ.

އެކަމަކު އަޅުގަނޑުމެން ޤަބޫލުކުރަން ޖެހޭނެ، އަޅުގަނޑުމެން މި ތައްޔާރުވަނީ ދިމާވާ ކަންތައްތަކަކާ. އިރާދަކުރެއްވިއްޔާ، ދުނިޔޭގެ ފެންވަރުގެ ވަސީލަތްތަކާއެކު، ކޮންމެފަދަ ޙާލަތަކާވެސް ކުރިމަތިލާން. އެކަމަކު އަދި އެގޮތަށް ކަންތައްތައް ހުރިނަމަވެސް، އަޅުގަނޑުމެން ވިސްނަންވީ އަޅުގަނޑުމެންގެ އުޅުމަށް، އަޅުގަނޑުމެންގެ ލައިފް ސްޓައިލަށް ބަދަލުތަކެއް ގެންނަން. އެކަމަށް ކިހާވަރަކަށްތޯ އަޅުގަނޑުމެންނަށް ވިސްނާލެވެނީ. އެކަމެއް ޖެހުނީމާ އަދި ފަރުވާދޭން ބަޔަކު ތިބިނަމަވެސް، އެކަމަށް ހޭލުންތެރިކަން އިތުރުކުރެވެން އެބަޖެހޭ. މިހެންވެސް މި ދަންނަވަނީ، ޚާއްޞަކޮށް، ވޭތުވެދިޔަ އަހަރުތަކުގައި، އަދި ކުރީގައިވެސް އަޅުގަނޑުމެންނަށް މެޑިކަލް ކޭމްޕްތަކާއި އެކަހަލަ ކަންތައްތަކެއްގައިވެސް ކޮންމެވެސްވަރަކަށް އުޅެވުނީމަ. ދެން މާބޮޑަށް ނޭނގުނު ނަމަވެސް، ދާއިރާގައި ހިނގަމުންދިޔަ ކަންތައްތައް ކޮންމެވެސްވަރަކަށް އެނގޭ.

މި ފަސް އަހަރު ތެރޭގައިވެސް މި ދިމާވިހާ ކަންތައްތަކުން، އަޅުގަނޑު ޤަބޫލުކުރަނީ، މިއަދު ރަށްރަށުގައިވެސް، އަތޮޅުތެރޭގައިވެސް ހޭލުންތެރިކަން އިތުރުކުރުވައި، އަޅުގަނޑުމެންގެ ޑެއިލީ ލައިފް، އަޅުގަނޑުމެން ދިރިއުޅުމުގައި އެ އުޅޭ ގޮތްތަކަށް، ކެއިން ބުއިމަށް ވިޔަސް، އަދި އެހެނިހެން ކަންތައްތަކަށް ވިޔަސް، އެ ބަދަލު ގެންނަން އަޅުގަނޑުމެން އެބަޖެހޭ ކަމަށް. އަޅުގަނޑުގެ ހަމަ ވަރަށް ބޮޑު އެދުމެއް، މި ކަމަށްވެސް އިތުރަށް އިންވެސްޓްކޮށް، މި މަސައްކަތްވެސް ކުރުން. އަޅުގަނޑަށް އެނގޭ، އަތޮޅުތެރޭގައިވެސް ވަރަށް ގިނަ ކަންތައްތައް ކުރައްވައި، ވާރކްޝޮޕްތަކާއި، އެވެއަރނަސް ޕްރޮގްރާމްތައް، އޭ.ޑީ.ކޭ. ހޮސްޕިޓަލްގެ ފަރާތުން ހިންގަވާކަން.

އަޅުގަނޑުގެ އެދުމަކީ ޚާއްޞަކޮށް، ޕަބްލިކް ހެލްތުގެ ދާއިރާއިން، މީހުން އެވެއަރ ކުރުމަށްޓަކައިވެސް، ގިނަގުނަ އިތުރު މަސައްކަތްތައް އަދިވެސް ހަމަ ކުރެވިގެން ދިއުން. ޚާއްޞަކޮށް، މެންޓަލް ހެލްތު. ތިޔަބޭފުޅުންނަށް މާ ރަނގަޅަށް އެނގިވަޑައިގަންނަވާނެ، ވަރަށް ސްޓްރެސް ލައިފެއްގައި މިހާރު އަޅުގަނޑުމެން މި އުޅެނީ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް، ކޮންމެވެސް ކަންތައްތަކަކާ އަބަދުވެސް ހަމަ ވިސްނަން ޖެހިފައި މި އޮންނަނީ. އެއީ، މުޅި ދުނިޔޭގެ ދިރިއުޅުމަށް އައި ބަދަލު. އެހެންވީމާ، މެންޓަލް ހެލްތު އަދި ނަފްސާނީ ދުޅަހެޔޮކަން، މިއީ، އަޅުގަނޑުމެން އިތުރަށް ފުޅާކުރަންޖެހޭ ދާއިރާއެއް.

އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މި ފަސް އަހަރު ފާހަގަކުރެވެނީ، ވަރަށް ބޮޑު ކުރިއެރުމެއް މި ކަމުގައި އަޅުގަނޑުމެންނަށް ހޯދުނު ފަސް އަހަރުގެ ގޮތުގައި. އަޅުގަނޑު ޤަބޫލުކުރަނީ، ރާއްޖޭގެ ޤައުމީ ނިސްބަތުން ބަލައިފި ކަމަށްވަންޏާ، މިއީ، ހަމަ އަޅުގަނޑުމެން ފާހަގަކުރަންޖެހޭ ދުވަހެއްގެ ގޮތުގައި.

އަޅުގަނޑުގެ އުންމީދަކީ، މެނޭޖިންގ ޑައިރެކްޓަރ އަޙްމަދު އަފްޢާލްވެސް ވިދާޅުވިގޮތަށް، ހަމަ ކުރިއަށް އޮތް އަހަރުތަކުގައި ސަރުކާރުންވެސް އެގޮތަށް އެ ކަންތައްތައް ކުރެއްވުން. އެކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އެބައޮތް.

ވޭތުވެދިޔަ ދުވަސްތަކުގައި އަޅުގަނޑާއެކު ވަރަށް ގާތުން މަސައްކަތް ކުރެއްވި ޚާއްޞަކޮށް، އޭ.ޑީ.ކޭ.ގެ ޗެއަރމަން އަދި މެނޭޖިންގ ޑައިރެކްޓަރ އަދި ޑޮކްޓަރުންވިޔަސް، އަޅުގަނޑަށް ފެނުނީ ވަރަށް ގާތްކަން ބޭއްވެވި ބޭފުޅުން.  ވަރަށް އޯގާތެރިކަމާއެކު ވަރަށް ހެޔޮކޮށް ކޮންމެފަހަރަކުވެސް އަޅުގަނޑާ ދޭތެރޭގައިވެސް ކަންތައްތައް ކުރައްވާތަން. އަޅުގަނޑު ވަރަށް ބޮޑަށް އެކަން ޤަބޫލުކޮށް ޝުކުރު އަދާކުރަން ބޭނުންވޭ. މިހެން މި ދެންނެވީ، މި މަގާމުގައި ހުރެގެން ބާކީ މިއޮތް ދުވަސްކޮޅު ފަހަރެއްގައި މިގޮތަށް އައިސް، މި ސްޓޭޖުގައި، މި ހޮސްޕިޓަލްގައި އެއްޗެއް ދަންނަވާލުމުގެ ފުރުޞަތު އަޅުގަނޑަށް ނުލިބިވެސްދާނެތީ.

އެހެންވީމާ، ޚާއްޞަކޮށް، ޗެއަރމަން އަޙްމަދު ނާޝިދު އަޅުގަނޑާ ދޭތެރޭގައި ބަހައްޓަވާ ގާތްކަން، އޯގާތެރިކަން، އަޅުގަނޑުގެ ހިތުގެ އަޑިން ޤަބޫލުކުރަން. އަދި އަފްޢާލަކީ އަޅުގަނޑުމެންގެ ރަޙްމަތްތެރިއެއް. އަފްޢާލްގެ ބައްޕަ އޭދަފުށީ ރަޝާދަކީ، އަޅުގަނޑަށްވުރެ އުމުރުން ތަންކޮޅެއް ދުވަސްވީ ނަމަވެސް، ހަމަ ކޮލީގެއް. އެކުގައި މަސައްކަތް ކުރެއްވި، ވަރަށް ހިތްހެޔޮ ބޭފުޅެއް. އެގޮތުންވެސް އަޅުގަނޑުމެން ދެ މީހުންގެ އެކުވެރިކަން އިތުރުވެގެންދިޔަ. ހަމަ އެއާއެކު، އޭ.ޑީ.ކޭ.ގެ މުޅި ޓީމް، ޚާއްޞަކޮށް، އަޙްމަދު ނާޝިދުގެ އަނބިކަނބަލުންނަކީވެސް، އަޅުގަނޑުމެން އެ ގޭގައި އުޅުނު ދުވަސްވަރު، އަޅުގަނޑުގެ ދަރިފުޅަށް ހުރިހާ ގޮތަކުންވެސް ވަރަށް ހެޔޮކޮށްހިއްތެވި ބޭފުޅެއް. އަދި އެ ކަމަނާގެ ބައްޕާފުޅުގެ އެހީތެރިކަންވެސް އަޅުގަނޑަށް ލިބިގެންދިޔަ، އަޅުގަނޑުމެންގެ ރަށުގެ އަތޮޅުވެރިކަމުގައި ހުންނެވި ދުވަސްވަރު. ކުދިކުދި ކަންތައްތަކުގައި ބައްދަލުކޮށްލަން އެ ބޭފުޅާގެ އަރިހަށް، އެގެޔަށް ވަރަށް ގިނައިން އަޅުގަނޑު ދަން. އެހެންވީމާ، މި ހުރިހާ ކަމަކަށްޓަކައި ހަމަ އޭ.ޑީ.ކޭ.ގެ މުޅި ޓީމަށް، އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.

އަޅުގަނޑުމެންގެ ވަރަށް ގިނަ މަސައްކަތްތައް އެބަހުރި ފަށާފައި. ޕްރައިވެޓް ސެކްޓަރއަށް ފަސޭހަ ކުރުމަށްޓަކައި ބޭނުންވާ، ވަރަށް ގިނަ ކަންތައްތައް އެބަހުރި. އޭގެ ތެރޭގައި އެއްކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރަން ފާރމަސޫޓިކަލް. ބޭސް އެތެރެކުރުމާއި، ބޭހުގެ ކަންތައްތަކާ ގުޅޭގޮތުން ރާއްޖޭގައި ބަދަލުތަކެއް ގެނެވެން އެބަޖެހޭ. އެކަމުގެ މަސައްކަތްތައް މިހާރުވެސް އަޅުގަނޑުމެންނަށް ފެށިފައި އޮތީވެސް. މީގެ ތިން ހަފްތާ ކުރިންވެސް، އޭ.ޑީ.ކޭ. ގްރޫޕާއި، އެސް.ޓީ.އޯ.އާއި ޓްރީ ޓޮޕް ހޮސްޕިޓަލާއި، މިނިސްޓްރީ އޮފް ހެލްތާއެކު، އަޅުގަނޑު ހުރެގެން އަޅުގަނޑުމެންނަށް ބައްދަލުވުމެއް ބޭއްވުނު. އެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ، ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން އަޅުގަނޑު ދެން.

ނިންމާލުމުގެ ކުރިން އަދިވެސް އެއްފަހަރު ހަމަ ފާހަގަކޮށްލަން، އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، އަދިވެސް އެންމެ ބޮޑަށް ތަރައްޤީވެ، އޭގެ ސަބަބުން ރައްޔިތުންނަށް ހިތްހަމަޖެހޭފަދަ އުފާވެރި ޢާއިލާއެއް، ދުޅަހެޔޮ މުޖުތަމަޢެއް ލިބުމަށްވެސް އޮތް އެންމެ މުހިންމު ދާއިރާއަކީ، ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ. އަޅުގަނޑުގެ އުންމީދަކީ ޞިއްޙީ ދާއިރާ މުޅި ރާއްޖޭގައި ފައްކާވެ، އެކި ހިސާބުތަކުން ޒަމާނީ ފަރުވާ ލިބިގެން ދިޔުން.

ޞިއްޙީ ދާއިރާ އަދި އިޖުތިމާޢީ ދާއިރާއަކީ، ދިވެހި ރައްޔިތެއްގެ ގޮތުން އަޅުގަނޑު ވަރަށް ޝައުޤުވެރިކަން ހުންނަ ދާއިރާތަކެއް. އަޅުގަނޑަށް ޑޮކްޓަރ ޢަބްދުﷲ ނިޔާފް އެބަ ފެނޭ. ޑޮކްޓަރަކަށް އަޅުގަނޑު ނުވިނަމަވެސް، އުންމީދަކީ، އަޅުގަނޑުވެސް އެކަމުގެ ތެރޭގައި، އިޖުތިމާޢީ ޚިދުމަތުގެ ތެރޭގައި ރާއްޖޭގެ ރައްޔިތުންނަށް ކޮށްދެވެން އޮތް މިންވަރަކަށް ޚާއްޞަކޮށް، ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާގައި ކުރެވޭ މަސައްކަތުގައި ބައިވެރިވެވޭނޭ ގޮތަށް އެ ފުރުޞަތުތައް އޮތުން. އެއީ، ދެން އެކަމުގެ ޝައުޤުވެރިކަންވެސް ހަމަ އޮތް ކަމެއް. އަޅުގަނޑުމެންނަށް ތަންކޮޅެއް ގިނައިން އެ ވާހަކަ ދެއްކުނީ. ޤައުމަށް ޚިދުމަތް ކުރުމާއި، ތިމާއަށް ކުރެވޭ މިންވަރަކުން ކުޑަ ނަމަވެސް ކަމެއް ކޮށްދިނުމަކީ އެއީވެސް ވާޖިބެއް. އެހެންވީމާ، އެ ވާހަކަ ދައްކާ ދައްކާ އަމިއްލައަށް އެ ވާޖިބު ބޮލުގައި އެޅިފައި އަޅުގަނޑު މިހާރު މިހުރީ.

އަޅުގަނޑު ޤަބޫލުކުރަނީ، އަޅުގަނޑުމެން މިކުރާ ހުރިހާ މަސައްކަތަކުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ފާގަތިކަން، އަމާންކަން، ހިތްހަމަޖެހުން، އަޅުގަނޑުމެންގެ މުޅި ޤައުމަށް، މުޅި ރައްޔިތުންނަށް އިރާދަކުރެއްވިއްޔާ ލިބިގެންދާނެ ކަމަށް. ހެޔޮ ނިޔަތުގައި އަޅުގަނޑުމެންނަށް ކުރެވޭ މަސައްކަތުން، އެ ނޫން އެއްވެސް ކަމެއް އިރާދަކުރެއްވިއްޔާ ނާންނާނެ. އަޅުގަނޑުގެ އެދުމަކީވެސް، ހަމަޖެހުމަށް ހުރިހާ ބޭފުޅުން މަސައްކަތް ކުރެއްވުން. ޤައުމަށްޓަކައި މަސައްކަތް ކުރެއްވުން. ޞިއްޙީ އަދި ތަޢުލީމީ ކަންތައްތަކަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރެއްވުން.

އޭ.ޑީ.ކޭ.ގެ ޗެއަރމަން އަޙްމަދު ނާޝިދު އަދި މެނޭޖިންގ ޑައިރެކްޓަރ އަދި މުޅި ޓީމަށް، ޢާއިލާއަށް، އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ހެލްތު މިނިސްޓްރީން ވަޑައިގެން ތިއްބެވި ޓީމަށް އަޅުގަނޑު ދަންނަވާލަން އޮތީ، އަޅުގަނޑުމެންގެ މަސައްކަތްތަކައިގެން އަޅުގަނޑުމެން ކުރިއަށް ދާންވާނެއޭ. އަޅުގަނޑުމެންނަށް ކޮށްދެވެން އޮތް ކޮންމެ ކަމެއް، ޕްރައިވެޓް ސެކްޓަރގެ މި ބޭފުޅުންނަށް ފަސޭހަ ކޮށްދިނުމަށްޓަކައި އަޅުގަނޑުމެން ކުރަންވާނެއޭ.

އަޅުގަނޑުގެ ދުޢާއަކީ اللَّـهُ سُبْحَانَهُ وَتَعَالَىٰ ދިވެހި ރައްޔިތުންނަށް ދުޅަހެޔޮ ޞިއްޙަތެއް ދެއްވުން. އަމާން، ފާގަތި، އުޖާލާ ދުވަސްތަކެއް ދިވެހި ޤައުމަށާއި، ރައްޔިތުންނަށް މިންވަރު ކުރެއްވުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.