بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

މިނިސްޓަރ އޮފް ހެލްތު، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަޙްމަދު ނަސީމް، އެން.ޑީ.އޭ. ބޯޑުގެ ޗެއަރ ޝަމާޢު ޝަރީފް، އެން.ޑީ.އޭ.ގެ ސީ.އީ.އޯ އަލްއުސްތާޛު ޢިމާދު ޞާލިޙް، ޔޫ.އެން.އޯ.ޑީ.ސީ.ގެ ރެޕްރެޒެންޓެޓިވް، އަދި ދައުލަތުގެ އެކި މުއައްސަސާތަކުން މި ޙަފްލާއަށް ވަޑައިގެން ތިއްބެވި އިސްވެރިން، އަޅުގަނޑުމެންނާއެކު މިއަދު މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާ އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، ދެންމެ ސީ.އީ.އޯ. ޢިމާދު ޞާލިޙް ދެއްކެވި ވާހަކަފުޅުގެ ތެރޭގައި ވަރަށް ގިނަ ބައެއްގެ ވާހަކަ ގެންނަވައިފި. ވަރަށް ގިނަ އިދާރާތަކަކުން، ވަރަށް ގިނަ މުއައްސަސާތަކަކުން، މިކަމުގައި އެހީތެރިކަން ނުވަތަ ބައިވެރިވުން އޮތް މިންވަރުގެ ވާހަކަ ދައްކަވައިފި. އަޅުގަނޑަށް މިފަދަ ދުވަހެއްގައިވެސް އެންމެބޮޑަށް މި ފާހަގަކުރެވެނީ، ނުވަތަ ފާހަގަކޮށްލަން ބޭނުންވާކަމަކީ، މަސްތުވާތަކެތީގެ މައްސަލަ. ޙަޤީޤަތުގައި އަޅުގަނޑުމެންނަށް މަސްތުވާތަކެތީގެ މައްސަލަ މުޅި ދުނިޔޭގައި އޮތްވަރުވެސް އެބަ އެނގޭ. އެއާއެކު ހަމަގައިމުވެސް އަޅުގަނޑުމެން އެންމެންވެސް އެބަ ގަބޫލުކުރަން، ރާއްޖޭގެ ޤައުމީ މައްސަލައެއްގެ ގޮތުގައި އަޅުގަނޑުމެންނަށް، ވަރަށްބޮޑު މައްސަލައެއްގެ ގޮތުގައި އެތައް އަހަރުތަކެއްވީ. އެތަކެއް އަހަރުތަކެއްވީ މި މައްސަލައެއްގެ ގޮތުގައި މިކަންތައް އޮވެ، މި ކަންބޮޑުވުން އަޅުގަނޑުމެންގެ ތެރޭގައި އޮންނަތާ.

އެނގިވަޑައިގަންނަވާނެ، ރާއްޖޭގައި ހަމަ ތެދުތެދަށް ދަންނަވާ ކަމަށްވަންޏާ، މިކަމުގެ ހިތާމަ ތަޙައްމަލް ނުކުރާ ހަމަ އެންމެ ޢާއިލާއެއްވެސް ނެތޭ ހަމަ ދެންނެވިދާނެ. ވަރަށް ނާދިރު ކަމެއް. ނެތޭ ހަމަ ދެންނެވިދާނެ. އެހެންވެ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އެބަ އެނގޭ، މި މައްސަލައިގެ ސައިޒު. އެހެންވީމާ، އެކަމަކަށް އަޅުގަނޑުމެން ކުރިމަތިލާ ނުވަތަ އެކަމެއް ޙައްލުކުރަންވެސް އަޅުގަނޑުމެންނަށް ބޭނުންވަނީ އެ މައްސަލައެއްގެ ސައިޒުން.

މިއަދު މި ޤައުމުގައި މި މައްސަލަ އޮތް މިންވަރަށް ބަލައިފި ކަމަށްވަންޏާ މިކަމަށް ޙައްލު ލިބެންއޮތީކީ، ހަމައެކަނި މި ހުޅުވައިލެވޭ ޓްރީޓްމަންޓް ސެންޓަރަކުންނެއް ނޫން. އަޅުގަނޑުމެންގެ މި ސަރުކާރަށް ފަސް އަހަރު ވެގެން މި ދާއިރު، ގިނަ މަސައްކަތްތަކެއް ކުރެވުނު. ވަރަށްގިނަ، ތަފާތު އެކި މަސައްކަތްތައް ކުރެވިއްޖެ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައިވެސް މި ސެންޓަރުތައް އެކި ސަރަޙައްދުގައި ޤާއިމުކުރެވިގެން ފަރުވާދެވި، މިގޮތަށް ކިތަންމެ ކަންތައްތަކެއް ކުރެވުނު. ސެންޓަރުތަކުގެ ފެންވަރު ރަނގަޅުކުރެވި، ދާއިރާއަށް ބޭނުންވާ މީހުންވެސް ތައްޔާރުކުރުމުގެ މަސައްކަތްތަކާއި، މީގެ ޕްރިވެންޝަނަށް ޚާއްޞަކޮށް ކަންތައްތަކެއް ކުރެވުނު. އޭގެ އިތުރަށް، އަޅުގަނޑުމެންނަށް މިކަމަށް ދެވޭ ސަމާލުކަން ބޮޑު މިންވަރަކީ، ސީދާ ރައީސުލްޖުމްހޫރިއްޔާ މި ކަންތައްތައް ބައްލަވާގޮތަށް، ޗެއަރ ކުރައްވާ ގޮތަށްވެސް ޓާސްކްފޯސްއެއްވެސް އުފެދިގެންދިޔަކަން. އެއީވެސް ޤައުމުގައި މި މައްސަލަ އޮތް މިންވަރު ބޮޑުކަމުން، މިކަމުގައި ހުރިހާ ދިމާއަކުން މަސައްކަތް ކުރަންޖެހޭވަރު ގަބޫލުކުރެވޭތީވެ.

މިކަމުގައި އަޅުގަނޑު މިއަދު ހަމަ ދަންނަވާލަން ބޭނުންވަނީ، މުޅި ހުރިހާ ރައްޔިތުން އެބަޖެހޭ، އަޅުގަނޑުމެންގެ މި އޮތް މައްސަލަ، މި ކަންތައް ޙައްލުނުވެއްޖެ ކަމަށްވަންޏާ، މިކަމުގެ ހުރިހާ ހިތާމަތަކެއް، ދެރަ، އުނދަގޫ، ހުރިހާ ކަންތައްތައް އޮތީވެސް ހަމަ އަޅުގަނޑުމެންނަށްކަން، ޤަބޫލުކޮށްގެން އަޅުގަނޑުމެން މަސައްކަތްތަކެއް ކުރަން އެބަޖެހޭ.

މުޖުތަމަޢުގެ ތެރޭގައި މި ކަންތައްތަކާ ދިމާވެފައި ތިބި ޒުވާނުން، އެކި ފަރާތްތައް ރަނގަޅު ކުރުމަކީ، އަޅުގަނޑުމެންގެ ނިޔަތް ކަމަށްވަންޏާ، އަޅުގަނޑުމެން ދެކޭގޮތްވެސް ބަދަލުކުރަންޖެހޭ. އެއީ، އަޅުގަނޑަށް ޤަބޫލުކުރެވެނީ މިކަމުގައި ލިބޭނެ ހިތްވަރަކަށްވާނެ ކަމަށް. އަޅުގަނޑުމެން މީހެއްގެ ކިބައިގައި ގޯސްކަމެއް ހުންނަ ކަމަށްވަންޏާ، އެކަމެއް ރަނގަޅުކުރަން ބޭނުން ކަމަށްވަންޏާ، އެފަރާތްތަކަށް އެ ބޭނުންވާ އެހީތެރިކަން، އަޅުގަނޑުމެން ފޯރުކޮށްދޭން އެބަޖެހޭ. ނަސޭހަތްތެރިވާން އެބަޖެހޭ. އަޅުގަނޑަށް އެނގޭ، ބައެއް މީހުންނަށް ހަމަ ވަރަށް ދިގު މުއްދަތަކަށް ފަހަރެއްގައި ފަރުވާ ބޭނުންވެދާނެ. 

އެނގިވަޑައިގަންނަވާނެ، އެޑިކްޝަން އެ ހިސާބަށް ދިޔައިމާ، އުނދަގޫތަކެއްވޭ. އަނބުރާ ގެނައުމަށް ގިނަ މަސައްކަތްތަކެއްވެސް ކުރަންޖެހޭ. އެ ކުރަންޖެހޭ ގިނަ މަސައްކަތްތަކުގެ ތެރޭގައި އަޅުގަނޑު މި ދެންނެވި އެހީތެރިކަމާއި، އެ ދެކެވޭގޮތާއި، މުޖުތަމަޢުން ބަލައިގަތުމާއި، ފުރުޞަތުތައް ހޯދައިދިނުމާއި، މި ކަންތައްތައް އެބަ ހިމެނޭ. އެހެންވީމާ، އެކަހަލަ ވިސްނުމަކުން އަޅުގަނޑުމެން އެބަޖެހޭ މިއަދު ވިސްނަން.

ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މިއަދުވެސް، އަޅުގަނޑުގެ ކޮންމެ ވާހަކަދެއްކުމެއްގައި އަދި ހުކުރު ޚުޠުބާގައިވެސް މި ވާހަކަ ގެންނަންޖެހޭ. އެއީ، ހުކުރު ޚުޠުބާގައި މި ގެނެސްދެނީ މުޖުތަމަޢުގައި ހުންނަ މައްސަލަތަކާ ގުޅޭ ކަހަލަ ކަންތައްތައްވީމާ ހުކުރު ޚުޠުބާގެ ވާހަކަވެސް އަޅުގަނޑަށް ދެކެވެނީ. މިއަދުވެސް އައީ ޒުވާނުންގެ ވާހަކަ. އެނގިވަޑައިގަންނަވާނެ، ވަރަށް ގިނަ ކަންތައްތައް އެބަހުރި އަޅުގަނޑުމެން ވިސްނަންޖެހޭ. ދެން މިކަހަލަ ވަގުތެއްގައި ތިޔަބޭފުޅުން ކޮޅަށް ތިއްބަވަނިކޮށް އެހާދިގުކޮށް މި ވާހަކަތައް ދެއްކުމަކީ، އަޅުގަނޑު އެންމެ ބޭނުންވާ ގޮތެއްވެސް ނޫން. ޢިމާދު ޞާލިޙް ވިދާޅުވެއްޖެ، ވަރަށް ބުރަކޮށް އަޅުގަނޑު އުޅުނު ވާހަކަ. ދެން އެހާ ބުރަކޮށެއް ނޫން އަޅުގަނޑު އުޅުނީ. މިއަދަކީ މިއީ ހުކުރު ދުވަސް. ދެން އަޅުގަނޑު ކިތަންމެވަރަކަށް މަސައްކަތް ކުރިއަސް، ކިތަންމެ ގިނަ ތަންތަނަށް ދިޔަޔަސް އަޅުގަނޑަށް ދެވޭނީ ނޮވެންބަރު 11 އާ ހަމައަށް. އެހެންވީމާ، ދެން މިހާރު އަޅުގަނޑު އަދި އަމުދުން މިކަހަލަ އެއްވެސް ކަމެއް އޮތް ކަމަށްވަންޏާ އެކަމެއް މިސްނުކުރާނެތާ. އަދި އަޅުގަނޑު ބަލަން، ހަމަ މިބާވަތުގެ ކޮންމެ ތަނަކަށް ދެވޭތޯ.

ޤައުމެއްގައި އަޅުގަނޑުމެން ވިސްނަންޖެހޭ ވަރަށްގިނަ ކަންތައްތައް ހުރޭ. އެއް ކަމަކަށް ބަލައިލަމާ ހިނގާ ވިޔަފާރި. އަޅުގަނޑުމެންގެ ޤައުމު ތަރައްޤީވެ، ޤައުމަށް ހަމަޖެހުން ބޭނުންވާ ކަމަށްވަންޏާ، އަމާންކަމާއި އުފާވެރިކަން އަޅުގަނޑުމެން ބޭނުންވާ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ޒުވާނުންނަކީ، ޤާބިލް، އުފެއްދުންތެރި، ޤައުމީ ތަރައްޤީގައި ބައިވެރިވާ ބަޔަކަށް ހެދުމަށް އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭ. އަޅުގަނޑުމެންގެ ހުރިހާ އެއްޗެއް، އެހެން ޤައުމުތަކުގެ މީހުންގެ އަތްމައްޗަށް ދޫވެގެންދާ ކަމަށްވަންޏާ، އަޅުގަނޑުމެން ބޭނުންވާ ޤައުމެއް އަޅުގަނޑުމެންނަކަށް ނުލިބޭނެ.

އެހެންވީމާ، މިއިން ކޮންމެ ކަމަކީ ޒުވާނުން. ޒުވާނުންނަކީ ކޮންމެ ޤައުމެއްގެވެސް ކުރިއެރުމުގެ އެންމެ މުހިންމު، ރަނގަޅު ޖީލެއް. އެހެންވީމާ، އަޅުގަނޑުމެންނަށް މިއަދު ހުކުރު ޚުޠުބާއިންވެސް އަޑުއިވުނީ ޒުވާނުންގެ ވާހަކަ އިނގޭތޯ. ޚާއްޞަކޮށް، މީހުންނަށް އޯގާތެރިކޮށްހިތުމާއި، މީހުންނާ ދޭތެރޭގައި ކަންތައްތައް ރަނގަޅަށް ކުރުމާއި، ތިމާ ހިތްނޭދޭ ކަހަލަ ކަންތައްތަކެއް އެ މީހެއްގެ ކިބައިގައި ހުންނަ މީހަކާ ދިމާވާ ވަގުތުވެސް، ރީތިކޮށް އެ މީހަކާ މުޢާމަލާތް ކުރުން، އެ މީހަކާ ދޭތެރޭގައި ހެޔޮކޮށް ޓްރީޓް ކުރުން، އެއީ ހިތްވަރަކަށް ވެގެންދޭ. އަދި އަމުދުން އެނގިވަޑައިގަންނަވާނެ، މާޔޫސް ކަމެއްގައި ތިބޭ ވަގުތު، ބޭނުންވާނީވެސް އެ ކަންތައްތައް.

އެހެންވީމާ، އަޅުގަނޑުމެންގެ މުޅި މުޖުތަމަޢުން މިއަދު ތަންކޮޅެއް ބުރޯޑްކޮށް އަޅުގަނޑުމެން ވިސްނަންވީ، މި ކަންތައްތަކަށް ޓޯޓަލް ސޮލިއުޝަނެއް ހޯދުމަށް. ކިތަންމެވަރަކަށް މަސައްކަތްކުރިޔަސް މުއްދަތުތަކެއްވެސް ނަގާނެ. ގިނަ ދުވަސްތަކެއްވެސް ނަގާނެ. އަޅުގަނޑުމެންނަށް އެކަން އެނގޭ. އަޅުގަނޑު ހަމަ ބޭނުންވޭ އެ ވާހަކަ ދަންނަވާލަން.

ދެން މިދިޔަ އަހަރުތަކުގައި ޙަޤީޤަތުގައިވެސް ވަރަށްގިނަ މަސައްކަތްތަކެއް އެކިއެކި މުއައްސަސާއާ އެކީގައި، ޑްރަގް ކޯޓުން ފެށިގެން ގޮސް އަޅުގަނޑުމެންގެ އެކިއެކި އެހެނިހެން މުއައްސަސާތަކާ އެކީގައި އަދި އެން.ޑީ.އޭ. އިސްނަގައިގެން ކުރެއްވި މަސައްކަތްތަކުގެ ތެރެއިން ކުރެވުނު. މީގައި ސަރުކާރުގެ ސިޔާސަތަކީ، ހަމައެކަނި ޕެއިންކިލަރއެއްގެ ގޮތުގައި، ރިއްސައިގަތީމާ، އިންޖެކްޝަނެއް ނޫނީ ބޭސްގުޅައެއް ދޭ އުސޫލުން ކަންތައްތައް ކުރުމެއްވެސް ނޫން. ވަށައިޖެހޭ ނިޒާމެއް މީގައި އަންނާނީ. އޭގެތެރެއިން މި ކަންތައްތަކުން ސަލާމަތް ކުރުމަށް، ޕްރިވެންޝަން މަސައްކަތްތަކަށް މީހުން އެވެއަރކޮށްގެން، ޕްރިވެންޝަން މަސައްކަތްތަކާ އެކީގައި ޑިޓޮކްސިފިކޭޝަނާއި، ރީހެބިލިޓޭޝަނާއި، މަސައްކަތްތައް ދަސްކޮށްދިނުމާއި އަދި މަސައްކަތް ކުރާހިތްވާކަހަލަ ބަޔަކަށް މީހުން ހެދުމާއި، އަމިއްލަ މަސައްކަތްތައް ފަށްޓާނެފަދަ ގޮތަކަށް ކަންތައްތައް ކުރުމާއި، ފެށްޓޭނެގޮތަށްވެސް މަގުފަހިކުރުމާއި، އަދި މުޖުތަމަޢަށް އަނބުރާ ގެނެސްފައި، ރީތިކޮށް އުޅެވޭނެގޮތަށް އަމިއްލަ ފައިމައްޗަށް ތެދުވެ، ނުވަތަ ރަނގަޅަށް ވަޒީފާއަކަށް ގޮސްގެން އުޅެވޭނެގޮތަށް ކަންތައްތައް ކުރުމުގެ އެ ސިޔާސަތު އެބައޮތް. އެއީ، އަޅުގަނޑުމެންނަށް ޕްލޭން ކުރެވިގެން ކުރެވޭނެ މަސައްކަތެއް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައި. ދެން އަޅުގަނޑު އުންމީދު ކުރަނީ، އެ ކަންތައްތައް ހަމަ ކުރިއަށް އޮތް ތާނގައި ވަރަށް ބާރަށް، އަންނަން އޮތް އަހަރުވެސް އެ ކަންތައްތައް ކުރިއަށްދާނެ ކަމަށް. މީގައި ކުއްލިކުއްލިއަށް މިހެން ކޮށްލާ ކަންތައްތަކުން އެ ވަގުތަކަށް ޙައްލު ލިބޭނީ.

އެހެންވީމާ، މިފަދަ ކަމެއް އަޅުގަނޑުމެންގެ ތެރޭގައި އިރާދަކުރެއްވީތީ މިހާރުވެސް ޕްލޭން ކުރެވިފައި އޮތީ. މި ދެންނެވިފަދަ ގޮތަށް ވެއްޖެ ކަމަށްވަންޏާ މުޖުތަމަޢަށް އެނބުރި އަންނާނެ.

އެހެންވީމާ، އަޅުގަނޑު ހަމަ ވާހަކަކޮޅު ނިންމާލުމުގެ ކުރިންވެސް، މި ހުރިހާ ބޭފުޅުންނަށް ޚާއްޞަކޮށް، ރާއްޖޭގެ ހަމަ ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން އޮތީ، ޤައުމީ މައްސަލައެއް ޙައްލުކުރެވޭނީ ޤައުމީ ވިސްނުމެއްގައި، އަޅުގަނޑުމެން އެންމެން ކުރާ މަސައްކަތްތަކުން. މިކަން ލަސްވި ނަމަވެސް، އަޅުގަނޑުމެން ބާރުލާފައި ކުރުމަކީ އެއީ މުޅި ޤައުމުގެ ކުރިއަށް އޮތް ޖީލަށްޓަކައި، ޒުވާނުންގެ ކުރިމަގަށްޓަކައިވެސް އަދި މުޅި ޤައުމުގެ ކުރިމަގަށްޓަކައި އަޅުގަނޑުމެންނަށް ކުރެވޭނެ އެންމެ ރަނގަޅު ކަމަކަށް އަޅުގަނޑުމެންނަށް ވާނީ.

އެހެންވީމާ، އަޅުގަނޑު އުންމީދުކުރަން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކުރިއަށް އޮތް ތާނގައިވެސް ހަމަ އެންމެން އެކުގައި މި މަސައްކަތް ކުރެވޭނެ ކަމަށް. އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްލަން ބޭނުންވޭ، ޔޫ.އެން.އޯ.ޑީ.ސީ. އަށް. އަދި އަޅުގަނޑުގެ ފަހަތުން ވަރަށްގިނަ ބައެއްގެ ބައިވެރިވުން ފެންނަ ބޯޑެއް ހުރުމާއެކު، މި ހުރިހާ އެންމެންގެވެސް ބައިވެރިވުން އަޅުގަނޑުމެން ކުރާ ކަންތައްތަކުގައި ވަރަށްބޮޑަށް ލިބޭ. އަދި ޚާއްޞަކޮށް، މި ދެންނެވި ގޮތަށް ޔޫ.އެން.އޯ.ޑީ.ސީ. އިން އެ ދެއްވާ އެއްބާރުލުން ސަރުކާރުން އެ ކަންތައް ހަމަ ފާހަގަކޮށް، ޔޫ.އެން.އޯ.ޑީ.ސީ. އަށްވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަދި ޚާއްޞަކޮށް، މިފަދަ ކަމެއްގައި މިހާގިނަ ބަޔަކު އަޅުގަނޑުމެންނަށް އެހީތެރިވެދޭތީވެ، އަޅުގަނޑުމެން ހަމަ ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ.

އަޅުގަނޑުގެ ދުޢާއަކީ، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންގެ ޒުވާނުންނަކީ، ޤައުމަށް ބޭނުންތެރި، ޤައުމަށް އެންމެ ބޭނުންވާ ކަހަލަ ޒުވާނުންތަކެއްގެ ގޮތުގައި ލެއްވުން. އަދި އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތްލައްވައި، އަޅުގަނޑުމެންނަށް މިކަން ކާމިޔާބު ކުރުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.