بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه

ހުރިހާ ބޭފުޅުންނަށް މި ބައްދަލުވުމަށް މަރުޙަބާ.

2023 ގެ ރިޔާސީ އިންތިޚާބުގައި ރައްޔިތުން މިހާރު މިވަނީ ގޮތެއް ނިންމާފައި. ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އާ ބޭފުޅަކު މިވަނީ ރައްޔިތުން އިންތިޚާބުކޮށްފައި. މިއަދު އަޅުގަނޑުމެން ކުރަމުން މިގެންދާ މަސައްކަތަކީ، ޕީސްފުލްކޮށް ސަރުކާރު ބަދަލުކުރުމުގެ މަސައްކަތްތައް. އެގޮތުން، އިންތިޚާބީ ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒާ އަޅުގަނޑު އިއްޔެ ބައްދަލުކުރިން. ބައްދަލުކޮށް މިކަން ކުރުމަށްޓަކައި އާ ކޮމިޓީއެއް ނަގައި، އެ މަސައްކަތް ފެށުމަށް މިހާރު ވަނީ އެއްބަސްވެވިފައި. އަޅުގަނޑު އުންމީދު ކުރަނީ، މި މަސައްކަތުގެ ތެރެއިން ޕީސްފުލްކޮށް ސަރުކާރު ބަދަލުވެ، އަލުން ހޮވޭ ސަރުކާރަށް، ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ފަސޭހައިން ފުރުޞަތުތަކެއް ލިބިގެންދާނެ ކަމަށް.

ވޭތުވެދިޔަ ފަސް އަހަރު ދުވަހު ދަތިތަކާއި އުނދަގޫތަކާ އެކުގައިވެސް ރައްޔިތުންނަށް ރަނގަޅު ޚިދުމަތްތަކެއް ކޮށްދެވިއްޖެ ކަމުގެ އިޙްސާސް އަޅުގަނޑަށް ކުރެވޭ. އަދި ހެޔޮވެރިކަމެއް ރައްޔިތުންނަށް ކޮށްދެވިއްޖެ ކަމުގެ އުފާ މިއަދު އިޙްސާސް ކުރެވޭ.

އަޅުގަނޑުގެ މި މަސައްކަތުގައި އެހީތެރިވެދެއްވި ހުރިހާ ބޭފުޅުންނަށް މިއަދު އަޅުގަނޑު ޝުކުރު އަދާކުރަން. ޚާއްޞަކޮށް، ކެބިނެޓުގެ ވަޒީރުންނަށާއި، ރައީސް އޮފީހުގައި މަސައްކަތް ކުރެއްވި ބޭފުޅުންނަށާއި، އަދި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އަޅުގަނޑަށް އެހީތެރިކަން ލިބިގެންދިޔަ މެންބަރުންނަށާއި، އަދި ސަރުކާރުގެ އޮފީސްތަކާއި، ކުންފުނިތަކުގެ ހިންގުންތެރި ބޭފުޅުންނަށް އަޅުގަނޑު މިއަދު ޝުކުރު އަދާކުރަން. އަދި ޚާއްޞަކޮށް މީޑިއާ، އާދެ، ތިޔަބޭފުޅުން އަޅުގަނޑުމެންގެ ސަރުކާރު ޖަވާބުދާރީކުރުވައި، އަޅުގަނޑުމެން ކުރި މަސައްކަތްތަކުގައި ދެއްވި އެއްބާރުލުމަށް ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު މިއަދު ޝުކުރު އަދާކުރަން. އަދި ޚާއްޞަކޮށް، އަޅުގަނޑަށް ވެރިކަން ކުރުމަށް ފަސް އަހަރު ރައްޔިތުން ދެއްވި ކަމަށްޓަކައި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާ އެކުގައި މިއަދު އަޅުގަނޑު ޝުކުރު އަދާކުރަން.

އަޅުގަނޑު ތިޔަބޭފުޅުންނަށް އިހަށް ފުރުޞަތު ހުޅުވާލާނަން.

ޢަބްދުﷲ ޖަމީލް އަޙްމަދު - ހުރިހާ ނިއުސް:

އާދެ، ޝުކުރިއްޔާ ދެއްވި ފުރުޞަތަށްޓަކައި.

އަޅުގަނޑުގެ ދެ ސުވާލެއް އެބައޮތް. މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންފައި، ނޫސްވެރިންނަށް ދެއްވި ބައެއް ޕްރެސް ކޮންފަރެންސްތަކުގައި ވިދާޅުވެފައި އެބައޮތް، މަނިކުފާނުގެ ވެރިކަން، ނޮވެންބަރު 11 ވަނަ ދުވަހު ހަވާލުކުރައްވާނެ ވާހަކަ. އެކަމަށް ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖައްސަވަމުން ގެންދަވާނެ ވާހަކަ. އެކަމާމެދު މިހާރު ގޮތެއް ނިންމަވާފައިތޯ އޮތީ. ނޮވެންބަރު 11 ގައި އާ ރައީސް ހުވާކުރެއްވުމުގެ ކަންތައްތައް.

ދެވަނަ ސުވާލެއްގެ ގޮތުގައި އަހާލަން ބޭނުންވަނީ، މަނިކުފާނު އެއް ދައުރު ނިންމަވާފައި ތިޔަ ވަޑައިގަންނަވަނީ ގެޔަށް. އިތުރަށް ސިޔާސީގޮތުން މިހާރު މަނިކުފާނު ވިސްނަވާ ގޮތަކީ ކޮބައިތޯ. އެމް.ޑީ.ޕީ.އާއެކީ ހަމަ ކުރިއަށް ގެންދަވާ ގޮތަށްތޯ ނިންމަވާފައި އޮތީ. އެކަން ސާފުކޮށް ވިދާޅުވެދެއްވަފާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ނޮވެންބަރު 11 އަކީ ރާއްޖޭގެ ތާރީޚުގައި ވެރިކަންތައް ބަދަލުވަމުން އައި ދުވަސް. އެގޮތަށް އެކަން ކުރުމަށް އަޅުގަނޑު މަސައްކަތް ކުރާނެ ވާހަކަ އަޅުގަނޑު ވާނީ ދަންނަވާފައި. އޭގެ މަސައްކަތް އަޅުގަނޑު ކުރަމުން އެބަ ގެންދަން. ޤާނޫނީގޮތުން އެއަށް ހުރަހެއް ނެތް ކަމަށްވަންޏާ، ނޮވެންބަރު
11 ގައި އެ ބަދަލުވެގެންދާނެ. ޤާނޫނީ ހުރަހެއް އޮތްތޯ، ނެތްތޯ އަޅުގަނޑުމެން ބަލަމުން ގެންދާނަން. އެހެން ނޫނީވިއްޔާ ދައުރު ހަމަކޮށް، ނޮވެންބަރު 17 ގައި ބަދަލުވެގެންދާނެ. އެކަމަކު އަޅުގަނޑު މި ދެންނެވިހެން، 11 އަކީ އެކަން ކުރެވޭނެ ދުވަހެއްތޯ އަޅުގަނޑުމެން ބަލަމުން މިގެންދަނީ.

އަޅުގަނޑުގެ ސިޔާސީ މުސްތަޤްބަލާ ދޭތެރޭގައި އަޅުގަނޑު ދަންނަވަން ބޭނުންވަނީ، މިވަގުތު އަޅުގަނޑު ކުރަމުން މިގެންދާ މަސައްކަތަކީ، އެމް.ޑީ.ޕީ.އަކީ ވަރުގަދަ އޮޕޮޒިޝަނެއްގެ ގޮތުގައި އޮތުމަށް ކުރަންޖެހޭ މަސައްކަތް ކުރުން. އަޅުގަނޑު ދެކޭގޮތުގައި، ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކޮށް ފައްކާކުރުމަށްޓަކައި ވަރުގަދަ އޮޕޮޒިޝަނެއް އޮންނަން އެބަޖެހޭ. ސަރުކާރު ޖަވާބުދާރީކުރުވޭވަރުގެ ޕާޓީއެއް އެބަ އޮންނަންޖެހޭ. އެމް.ޑީ.ޕީ.އަކީ އެކަން ކުރެވޭނެ ޕާޓީއެއް ކަމަށް އަޅުގަނޑު ދެކެނީ.

އެހެންވީމާ، އަޅުގަނޑު ހުންނަ މަގާމެއް ނޫން މުހިންމީކީ. ސަރުކާރު ޖަވާބުދާރީކުރުވުމަށްޓަކައި، ރައްޔިތުންނަށް ޚިދުމަތް ކުރުމަށްޓަކައި އެމް.ޑީ.ޕީ. ވަރުގަދަކޮށް ބޭއްވުމަށްޓަކައި ކުރަންޖެހޭ މަސައްކަތް އަޅުގަނޑުމެން ކުރަމުން މިގެންދަނީ. އޭގެތެރޭގައި، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ތައްޔާރުވުމުގެ ގޮތުން އަޅުގަނޑުމެން މިހާރު މަސައްކަތް ފަށައިފިން.

މުޙައްމަދު ނާއިލް ޙަފީޒު - ސަން ސިޔާމް މީޑިއާ:

ވަރަށް ބޮޑަށް ޝުކުރިއްޔާ ރައީސް.

އަޅުގަނޑުގެ ތިން ސުވާލެއް އެބައޮތް. ފުރަތަމަ ސުވާލަކީ، ރައީސް ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރެއްވީ ތި. ރައީސުލްޖުމްހޫރިއްޔާ ކަމުގެ މި ތަޖުރިބާއިން ހާސިލުކުރެއްވުނު ފިލާވަޅަކީ ކޮބައިތޯ. މި ދައުރުގައި ރައީސަށް ކުރެއްވުނު އެންމެބޮޑު ކާމިޔާބު މަސައްކަތަކީ ކޮބައިތޯ. މުސްތަޤްބަލުގައި އޭގެ ސަބަބުން ކިހާ ބޮޑު ހެޔޮ ބަދަލެއް ރާއްޖެއިން ފެންނާނެ ކަމުގެ އުންމީދު ކުރައްވަންތޯ؟

ދެން ތިންވަނަ ސުވާލަކީ މިހާރު ބަރުލަމާނީ ނިޒާމަށް ޚިޔާލު ހޯދުމުގެ މަސައްކަތް، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މި އަންނަނީ ކުރެވެމުން. އިންތިޚާބީ ރައީސަށް ރިޔާސީ ނިޒާމެއްގެ ތެރެއިން ފަސް އަހަރު ދިނުމާމެދު ރައީސްގެ ޚިޔާލަކީ ކޮބައިތޯ، ނުވަތަ ބަރުލަމާނީ ނިޒާމަކަށް ޚިޔާލު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމުގައި ރައީސްގެ ޚިޔާލަކީ ކޮބައިތޯ. މި ދެކަން ކުރިއަށް ގެންދިޔުމުގައި ރައީސްގެ ޚިޔާލުފުޅަކީ ކޮބައިތޯ؟ ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ވެރިކަމުގައި އަޅުގަނޑު މި ހޭދަކުރި ފަސް އަހަރަކީ، އާ ތަޖުރިބާތަކެއް އަޅުގަނޑަށް ލިބިގެންދިޔަ ފަސް އަހަރު. 25 އަހަރުގެ ސިޔާސީ ތަޖުރިބާއާ އެކީގައި އަޅުގަނޑު ވެރިކަމާ ހަވާލުވީ. އެހެން ނަމަވެސް، ކޮންމެ ދުވަހަކީ އާ ތަޖުރިބާތަކެއް އަޅުގަނޑަށް ހާސިލުކުރަންޖެހުނު ދުވަހެއް. އޭގެތެރެއިން، ކޯލިޝަނެއްގައި ޚިޔާލު ތަފާތު އެތައް ބަޔަކު ގޮވައިގެން މަސައްކަތް ކުރަންޖެހުން އެވީ ބުރަ މަސައްކަތަކަށް. އެހެން ނަމަވެސް، އަޅުގަނޑު އޭރުވެސް ގަބޫލުކުރި ގޮތުގައި، ރާއްޖެއަށް އެންމެ ފައިދާހުރި ގޮތަކީ، ގިނަ ބަޔަކު އެކުލެވޭ ސަރުކާރެއް އޮވެގެން ކުރިއަށްދިޔުން. ޚިޔާލު ތަފާތުވާ މީހުންނާއެކީ، ތަފާތު ޚިޔާލުތަކާ އެކީގައި މަސައްކަތް ކުރުން އެއީ ރައްޔިތުންނަށް އެންމެ ލާބަހުރި، ފައިދާހުރި ގޮތް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ.

އަޅުގަނޑުގެ ވެރިކަމުގައި ރައްޔިތުންނަށް މި ކޮށްދެވުނު ހެޔޮ މަސައްކަތްތަކަކީ، ހިންގުނު ތަރައްޤީގެ މަޝްރޫޢުތަކަކީ، އަޅުގަނޑު މި ދެންނެވި މަސައްކަތުގެ ނަތީޖާ. އަޅުގަނޑުގެ ފަސް އަހަރުގެ ކާމިޔާބީގެ ލިސްޓް އަދި އަވަސްކަންނޭނގެ ތަރުތީބުކޮށްލަން. އެކަން ޖަޖް ކުރައްވާނީ ރައްޔިތުން. އެކަމަކު އަޅުގަނޑަށް ފާހަގަކުރެވޭ އެއްކަމަކީ، ހެޔޮވެރިކަމެއް އަޅުގަނޑަށް ކުރެވުނުކަން. ރާއްޖޭގައި ޞުލްޙައާއި ހަމަޖެހުން ޤާއިމްކޮށްދެވުނުކަން. ތަޢުލީމު ބޭނުންވެފައި ތިބި ދަރިވަރުންނަށް ހިލޭ ޑިގްރީއަށް ކިޔެވޭނެ ގޮތްތައް ހަމަޖައްސައިދެވުނުކަން. ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅެމުންދިޔަ ރައްޔިތުންނަށް ބޭނުންޖެހިފައި ތިބި އަސާސީ އެތައް ޚިދުމަތެއް ހޯދައިދިނުމަށްޓަކައި، ފޯރުކޮށްދިނުމަށްޓަކައި މަސައްކަތްތަކެއް ކުރެވިއްޖެކަން. އަދި އޭގެތެރޭގައި، އަޅުގަނޑުމެންނަށް ތަޖުރިބާ ކުރަންޖެހުނު ކޯވިޑުގެ ޢާލަމީ ބޮޑު ވަބާއިން އަރައިގަތުމަށްޓަކައި ކުރަންޖެހުނު މަސައްކަތްތައް އެއީ، އަޅުގަނޑަށް އަޅުގަނޑުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ހޯދުނު ކާމިޔާބީގެ ލިސްޓުގައި ހިމެނުނު ބައެއް ކަންތައްތައް. އެހެން ނަމަވެސް، މި ހުރިހާ ކަމެއް ތަރުތީބު ކުރާނީ، ޖަޖްކުރާނީ ރައްޔިތުން. އަޅުގަނޑަށް ގަބޫލުކުރެވޭ، އަޅުގަނޑަށް ފެނޭ، މީގެ ދުވަސްކޮޅެއް ފަހުން އެ ވާހަކަތައް ރައްޔިތުން ދައްކާނެކަން.

ބަރުލަމާނީ ނިޒާމާ ބެހޭގޮތުން އަޅުގަނޑު ކުރިންވެސް އޮންނާނީ ވާހަކަ ދައްކާފައި. އެކަން ނިންމަންޖެހޭނީ ރައްޔިތުން ކަމަށް. މިއީ އެ ވަގުތުތޯ، ނޫންތޯ އެއީ އުފެދޭ ސުވާލެއް. އެއާ ދޭތެރޭގައި ކުރިއަށްދާނެ ގޮތެއް ޕާޓީން ނިންމާނެ. އަޅުގަނޑުގެ އަމިއްލަ ޕަރސަނަލް ވިއު އަޅުގަނޑު އޮންނާނީ އޭގައި ކުރިންވެސް ހާމަކޮށްފައި. އޭގައި އަޅުގަނޑު ދެމިހުންނާނީ.

ފާޠިމަތު މަދަދާ - ސަންގު ޓީ.ވީ:

ފުރަތަމަ ސުވާލަކީ، 2018 ވަނަ އަހަރު މަނިކުފާނު ވެވަޑައިގެންނެވި ވަޢުދެއް އެއީ، ނޮވެންބަރު 11 ގައި ވެރިކަމުގެ ހުވާކުރާގޮތަށް ބަދަލުކުރުން. ޤާނޫނީ ފަރުވާ ހޯއްދަވަމުންދާ ކަމަށް ނުވަތަ އެ ލަފާ ހޯއްދަވަމުންދާކަން އަޅުގަނޑުމެންނަށް އޮތީ އެނގިފައި. އެހެން ކަން އޮތްއިރު، ޤާނޫނީގޮތުން ހަމައެކަނި އޮތް ފަރުވާއަކީ، މަނިކުފާނު އިސްތިޢުފާ ދެއްވުން. ދެއްވާއިރު ނައިބު ރައީސް ފައިޞަލް ނަސީމްވެސް އިސްތިޢުފާ ދެއްވަން އެބަޖެހޭ. އެ ޙާލަތުގައި މަނިކުފާނު އިސްތިޢުފާ ދެއްވަފާނަންތޯ.

ދެން ދެވަނަ ސުވާލެއްގެ ގޮތުން، ރިޔާސީ ދައުރު، ފަސް އަހަރުގެ ދައުރެއް ނިންމަވާފައި ވަޑައިގަންނަވާއިރު، މަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، އެމް.ޑީ.ޕީ.ގެ ރައީސް ކަމާއި، ނައިބު ރައީސްކަމާ، މިފަދަ މަގާމުތަކެއްގެ އިންތިޚާބު އެބައޮތް. އެއްވެސް މަގާމަކަށް ވާދަކުރައްވަފާނަންތޯ. ދެން ސިޔާސީ މުސްތަޤްބަލާ ގުޅޭ ސުވާލު ދެން ބޮޑަށް އޮތީ.

ދެން އެއަށްފަހު، ބަރުލަމާނީ ނިޒާމުގެ ވޯޓާ ގުޅޭގޮތުން ހަމަ ރިޔާސީ ނިޒާމުގައި ހުންނަވާނަންތޯއޭ. ދެން އެއަށްފަހު، ރައީސް ނަޝީދު އެބަވޭ، މަނިކުފާނަށް ހުށަހަޅުއްވާފައި. 50 އިންސައްތަ މެންބަރުންގެ ތާއީދު ލިބިއްޖެނަމަ، އަލުން މަނިކުފާނާ ގުޅިވަޑައިގަންނަވަން. ކޮބައިތޯ އެކަމުގައި މަނިކުފާނުގެ ޚިޔާލުފުޅަކީ؟

ދެން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ނާކާމިޔާބުވެވަޑައިގަތުމުން، ޑޮކްޓަރ މުޢިއްޒަށްވުރެ މަދުން ވޯޓު ލިބިވަޑައިގަތުމުން، މަނިކުފާނު އެބަވޭ ވަރަށް ސާފުކޮށް ތިންކަމެއް ވިދާޅުވެދެއްވާފައި. މިއީއޭ ރިޔާސީ ދެވަނަ ދައުރެއް ލިބުމުގައި ހުރި ގޮންޖެހުންތަކަކީ. ކޮބައިތޯ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު މަނިކުފާނަށް ގެއްލުނު ސަބަބުތަކަކީ؟ ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ވަރަށް ގިނަ ސުވާލު ދޮގެއްތޯ.

އާދެ، ނޮވެންބަރު 11 ގައި ވެރިކަން ބަދަލުކުރުމުގެ ވާހަކަ އަނެއްކާވެސް. އަޅުގަނޑު އެއަށް ދެން އަޅުގަނޑު ހިތުން ޖަވާބު އަރުވައިފިން.

ފާޠިމަތު މަދަދާ - ސަންގު ޓީ.ވީ:

އިސްތިޢުފާ ދެއްވާނަންތޯއޭ، އެ ޙާލަތުގައި އެއީ ހަމައެކަނި ގޮތް ކަމަށްވާތީ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، އެގޮތް ޤާނޫނީގޮތުން އަޅުގަނޑުމެން މި ބަލަނީ. މިސާލަކަށް، އަޅުގަނޑު އިސްތިޢުފާ ދިނަސް، ނައިބު ރައީސް އިސްތިޢުފާ ދިނަސް، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެދަނީ. އެހެން ވެއްޖިއްޔާ އެކަންވެސް އެބަ ކުރަންޖެހޭ. ޤާނޫނީގޮތުން އެކަން ޕްރޮސެސް ކުރާ ކަމަށްވަންޏާ. އެހެންވީމާ، އެ ހުރިހާ ކަމެއް އެގްޒޯސްޓް ކޮށްގެން ނޫނީވިއްޔާ އެހިސާބަށް ނުދެވުމަކީ އެކަށީގެންވާ ކަމެއް.

އެހެންވީމާ، ޤާނޫނީގޮތުން މީގައި އޮތް ޙައްލެއް ހޯދޭތޯ އަޅުގަނޑު މި ބަލަނީ. އަޅުގަނޑު އެދެނީ، ހަމަ ނޮވެންބަރު 11 އެއީ ސަރުކާރު ބަދަލުވާ ދުވަސް ކަމަށް ހަދަން. އެކަމަށް ކުރެވެންހުރި މަސައްކަތެއް އަޅުގަނޑު ކުރާނަން.

ޕާޓީގެ އެތެރޭގައި ހުރި މަގާމުތަކަށް ކުރިމަތިލުމާއި ނުލުން، އެކަމާ އަދި އަޅުގަނޑު ވަކިގޮތެއް ނުނިންމަން. މި ވަގުތު އަޅުގަނޑުގެ މަސައްކަތަކަށްވެފައި މިއޮތީ، ޕާޓީ ޔުނައިޓްކޮށް ހިފެހެއްޓުމަށް. އެނގިވަޑައިގަންނަވާނެ، ބުރަ މަސައްކަތްތަކެއް ކުރުމަށްފަހުގައި އިންތިޚާބަކުން ބަލިވެގެންދާއިރުގައި ހުންނާނެ މާޔޫސްކަމެއް. އަދި އެކިއެކި ލޮޅުންތައް އަރާނެ. އެ ދަނޑިވަޅުގައި ޕާޓީގެ ލީޑަރޝިޕްގައި ވެރިންގެ ގޮތުގައި ތިބޭ ބައެއްގެ މަސައްކަތަކަށްވާންޖެހޭނީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޕާޓީ އެކީ ހިފެހެއްޓުން. އެއީ، ޕާޓީއަށާއި މި ރާއްޖެއަށްވެސް އެންމެ ރަނގަޅުގޮތް. އެހެންވީމާ، މަގާމަކަށްވުރެ ބޮޑަށް މިވަގުތު އަޅުގަނޑު މަސައްކަތް ކުރަމުން މިގެންދަނީ ޕާޓީ އެކީ ހިފެހެއްޓުމަށްޓަކައި. ޔުނައިޓް ކުރުމަށްޓަކައި. ވަރުގަދަ އޮޕޮޒިޝަނެއްގެ ގޮތުގައި މަސައްކަތް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް.

ބަރުލަމާނީ ނިޒާމުގައި އަޅުގަނޑު ވާނެ، އަޅުގަނޑުގެ އަމިއްލަ ވިއު ކުރީގައިވެސް ހާމަކޮށްފައި. އަޅުގަނޑު ޕަރސަނަލީ ގަބޫލުކުރަނީ، ދެކެނީ، ޤައުމަށް އެންމެ ފައިދާހުރި ގޮތަކީ، ރިޔާސީ ނިޒާމު ކަމަށް. އެއީ އަޅުގަނޑުގެ އަމިއްލަ ވިސްނުން. ޕާޓީގެ އެ ވިސްނުން ޕާޓީން ނިންމާނެ. އެހެންވީމާ، އެއާ އެކީގައި އަޅުގަނޑު ކުރިއަށްދާނީ.

ފާޠިމަތު މަދަދާ - ސަންގު ޓީ.ވީ:

ދެން ރައީސް ނަޝީދު އެބަވޭ ހުށަހެޅުމެއް ހުށަހަޅުއްވާފައި. ކިހިނެއްތޯ މަނިކުފާނު ދެކެވަޑައިގަންނަވަނީ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އެމް.ޑީ.ޕީ. އަށް މީހުން ވަނުމުގައި، އެމް.ޑީ.ޕީ.ގެ އަސާސީ ގަވާއިދުގައި އެބައޮތް ހަމަތަކެއް. ކޮންމެހެން ޤައުމީ މަޖިލީހުގެ 50 ޕަސެންޓް ހޯދައިގެން، ވަކި މީހަކު ޕާޓީއަށް ވެއްދުމަކީ، އެމް.ޑީ.ޕީ. ދަންނަ ކަމެއް ނޫން. އަދި ވަންނަން އެދޭ މީހާއަކީ، ޕާޓީގެ ހަމަތަކާއި އުޞޫލުތަކުގެ ތެރެއިން ޕާޓީއިން ބަލައިގަންނަ މީހެއްތޯ ނިންމާނެ ހަމަތައްވެސް ޕާޓީގެ އެތެރޭގައި އެބައޮތް ހަމަޖެހިފައި. އެހެންވީމާ، އެ ޕްރޮސެސްގެ ތެރެއިން ކޮންމެ މީހަކަށްވެސް ޕާޓީއަށް ވަނުމަށް އެދެވޭނެ. ރިކްއެސްޓް ކުރެވޭނެ. އެ ނިންމާނީ ޕާޓީގެ އެތެރޭގައި އެ އޮންނަ ހަމަތަކުގެ މަތިން.

ފާޠިމަތު މަދަދާ - ސަންގު ޓީ.ވީ:

ކޮބައިތޯ މަނިކުފާނުގެ އެ ނިންމެވުމަކީ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑެއް ނޫނެއްނޫންތޯ ނިންމާނީ، ޕާޓީއަށް މީހުން ވަންނަން. ޕާޓީގެ އުޞޫލުތަކުގެ ތެރެއިން އެކަން ހިނގާނީ އިނގޭތޯ.

ދެން ފުރަތަމަ ބުރުގައި ރިޔާސީ އިންތިޚާބު ގެއްލުމަށް ދިމާވި ސަބަބުތައް. އެ އެނގޭނީ އަޅުގަނޑުމެން އިތުރަށް ދިރާސާކޮށްގެން. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި، އަޅުގަނޑުމެންނަށް ކުރިމަތިވި އެންމެބޮޑު ތިން މައްސަލައަކީ މިއީ. ފުރަތަމަ ބުރުގައި އަޅުގަނޑުމެންނަށްވީ ނާކާމިޔާބު. އެއަށް އަޅުގަނޑުމެންނަށް ތައްޔާރުނުވެވުނު. އޭގައި ފުރަތަމަ ބުރުގައި އެ ލިބުނު ޕަސެންޓޭޖްގެ ސަބަބުން އަޅުގަނޑުމެންނަށް، ކޮންމެވެސްވަރަކަށް ޕާޓީގެ އެތެރޭގައި، ތާއީދުކުރާ، މިކަމުގެ މަސައްކަތްކުރާ ބަޔަކަށް ކޮންފިޑެންސް ގެއްލިގެންދިޔަކަން އަޅުގަނޑަށް ފާހަގަކުރެވުނު. އެ ދުވަހު ފުރަތަމަ ބުރަށް އަޅުގަނޑުމެންނަށް ރަނގަޅަށް ތައްޔާރުވެވުނުނަމަ، މި ނަތީޖާއެއް ނޫން ނުކުންނާނީ.

ދެވަނަ ކަމަކަށް އަޅުގަނޑު ދެންނެވިން އެ ދުވަހުވެސް. ދެން ދިމާވި ކަމަކީ އަޅުގަނޑުމެންގެ ތެރެއިން ވަކިވެގެން އެދިޔަ، ޕާޓީގެ ތެރެއިން ވަކިވެގެން އެދިޔަ ބައެއްގެ ސަބަބުން ކުރިމަތިވި ކަމެއް. ދެން މިއީ މިއަދު އެ ވާހަކަ ދައްކަންވީ ވަގުތެއް ނޫން. ވަކި ބައެއްގެ ސަބަބުންނޭ އަޅުގަނޑު ބުނެ، ބޮލުގައި އަޅުވައިގެން އެކަން ކުރިއަށް ގެންދިޔުމެއް ނޫން އޮތީ. ދެން އޮތީ ކުރިއަށް، މުސްތަޤްބަލަށް އަޅުގަނޑުމެން ކުރަންވީ ކަންތައްތައް ކުރުން.

ތިންވަނަ ކަމަކަށް އަޅުގަނޑަށް ފާހަގަކުރެވުނީ ސަރުކާރާ ގުޅިގެން ދައްކަމުންދިޔަ ދޮގު ވާހަކަތައް. ސަރުކާރުން ކުރަމުންދިޔަ ކަންތައްތަކަކީ، ޙަޤީޤަތެއް ނެތް އޮޅުވައިލުންތަކެއް ރައްޔިތުންނަށް ބަޔަކު އޮޅުވައިލަމުން ގެންދިޔައީ. އޭގެ ސަބަބުން ބައެއް މީހުންނަށް އެކަން ގަބޫލުކުރެވުނު. ޙަޤީޤަތް ހާމަކުރުމުގައި އަޅުގަނޑުމެންނަށް ދައްކަންވީ ވާހަކަ ހާމަކުރަންވީވަރަށް ނުކުރެވުނުކަމަށް ވެދާނެ. އަޅުގަނޑުމެން ކަމެއް އޮޅުވައިލައިގެން ކޮށްފައެއް ނޯންނާނެ. އެހެންވީމާ، ވެރިކަމުގައި ތިބެ އެހާބޮޑަށް އެކަން ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އަޅުގަނޑުމެންނަށް ނުފެންނާތީ، އޭރު އެކަން ނުކުރީ. އެހެން ނަމަވެސް، އޭގެ ސަބަބުން ބަޔަކަށް އޮޅިގެންދިޔަކަން އަޅުގަނޑަށް މިއަދު ފާހަގަވޭ. ކުރިއަށް މިއޮތް ދުވަސްތަކުގައި ހުރިހާ ރައްޔިތުންނަށް އެކަން ހާމަވެގެންދާނެ. އަޅުގަނޑުމެން ހަދާފައި އޮތް އެގްރީމަންޓެއްވިޔަސް، ކޮށްފައި އޮތް ކަމެއްވިޔަސް، ކޮށްފައި އޮންނާނީ ޤާނޫނީ އިމުގެ ތެރެއިން ކަމާއި، ރާއްޖެއަށް، ޤައުމަށް، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށްކަން ހާމަވެގެންދާނެ. އެ ހުރިހާ ލިޔުންތަކަކާ އެއްޗެތި އަޅުގަނޑުމެންގެ އޮފީސްތަކުގައި ހުންނާނެ.

މަރްޔަމް އިފާއު މޫސާ - މި ނޫސް:

އަޅުގަނޑުގެ ސުވާލަކީ ވޭތުވެދިޔަ ތަނުގައި އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، ވެރިކަން ބަދަލުވީމާ، ކުރިން އެ ހުންނަ ވެރިއެއްގެ އެކި މައްސަލަތައް ބެލުމަށްފަހު ޖަލަށްލުން. އިދިކޮޅު ފަރާތްތަކުން ރައީސާ ދޭތެރޭގައިވެސް ބޮޑެތި ތުހުމަތުތަކެއް ކުރަމުންދިޔަ. އެއީ، ކަނޑު ވިއްކާލުމާއި، އިންޑިއާގެ އަޅުވެތިކަމުގައި އޮތުމާއި، ކޮރަޕްޝަންގެ މައްސަލަތަކާ. ދެން އަލަށް އަންނަ ސަރުކާރުން ރައީސަށް ތުހުމަތުކޮށް، މިފަދަ މައްސަލަތައް ބަލަން ފަށައިފިނަމަ، އެކަމާ ރައީސް ފޭސް ކުރައްވާނީ ކިހިނެއްތޯ.

ދެން އަނެއް ސުވާލަކީ، ރައީސް ދެންމެ ވިދާޅުވެއްޖެ. އެމް.ޑީ.ޕީ. އޮންނާނީ ވަރުގަދަ އޮޕޮޒިޝަނެއްގެ ގޮތުގައި ކަމަށް. މީގެކުރިން އިންޓަރވިޔުއެއްގައި ރައީސް ވިދާޅުވި. ދެވަނަ ދައުރަށްފަހުގައި ރިޓަޔަރ ކުރައްވާނެ ކަމަށް. އެހެންވީމާ، އެ ނިންމުން އަދިވެސް އޮތީ އެހެންތޯ. ދެން އޮންނަ ފަސް އަހަރަށްފަހުގައި ރިޓަޔަރ ކުރައްވާނީތޯ، ސިޔާސީ މަސައްކަތުން.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑުމެން ވެރިކަމުގައި ތިބިއިރުގައި ކޮށްފައި ހުރި ހުރިހާ ކަމެއް ހުންނާނީ ޤާނޫނާ އެއްގޮތަށް ކޮށްފައި. ޤާނޫނީ އިމުގެ ތެރެއިން. އަޅުގަނޑަށް ޖަވާބުދާރީ ނުވެވޭވަރުގެ ކަމެއް އަޅުގަނޑު ނޯންނާނެ ކޮށްފައެއް. އަޅުގަނޑު މިހިރީ ތައްޔާރަށް، އެއިން ކޮންމެ ކަމަކަށް ޖަވާބުދާރީވާން. އަޅުގަނޑާ ދޭތެރޭގައި މައްސަލައެއް ޖެއްސޭވަރުގެ ކަމެއް ނޯންނާނެ. ވަރަށް ސާފުކޮށް މި ދެންނެވީ. އެހެންވީމާ، އަޅުގަނޑަށް ކުރިމަތިލެވޭނެ ހުރިހާ ކަމަކާ. އެއްވެސްކަހަލަ ކަންބޮޑުވުމެއް އަޅުގަނޑުގެ ނެތް. އަޅުގަނޑު ޖަވާބުދާރީނުވާވަރުގެ ކަމެއް އަޅުގަނޑު ކޮށްފައެއް ނޯންނާނެ. އެހެންވީމާ، އެކަން ވަރަށް ސާފު. އަޅުގަނޑުމެން އެންމެންނާ ދޭތެރޭގައި ބައްލަވަންވީ ކަމެއް ނެތް.

އަޅުގަނޑު މި ދެންނެވީ، އަޅުގަނޑުގެ މި ވަގުތުގެ މަސައްކަތަކީ، އެމް.ޑީ.ޕީ. ވަރުގަދަކޮށް ބޭއްވުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުން. އެއަށްފަހުގައި އަޅުގަނޑުގެ ޕޮލިޓިކަލް ކެރިއަރ، ކުރިއަށް އޮތް ތަނުގައި މިޞްރާބު ހިފަންވީ ގޮތެއް އެނގޭނީ. އަޅުގަނޑު ދެންނެވިން، ތިޔަ ވިދާޅުވާހެން އަޅުގަނޑުގެ ދެވަނަ ދައުރު ނިންމާފައި ރިޓަޔަރ ކުރާ ވާހަކަ. ކޮންމެހެން އަޅުގަނޑު ހުންނަ މަގާމެއް ނޫން މި ވަގުތު މުހިންމީކީ. އަޅުގަނޑުގެ ފިއުޗަރގައި އަޅުގަނޑު ހުންނާނެ ތަނެއްވެސް ނޫން. އެއަށްވުރެ އަޅުގަނޑުގެ މަސްއޫލިއްޔަތު ބޮޑު. އެއީ ވަރުގަދަ އޮޕޮޒިޝަނެއް އޮވެ، ސަރުކާރު ޒިންމާދާރުކޮށް، ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް، އޮޕޮޒިޝަނެއްގެ ގޮތުގައި އޮވެ ކުރުން. އެކަން ކުރުމުގައި އަޅުގަނޑުމެން ދެމިތިބޭނަން.

އަޙްމަދު އަޒާން - ދިޔަރެސް:

ޝުކުރިއްޔާ ރައީސް.

އަޅުގަނޑުގެ ތިން ސުވާލެއް. ފުރަތަމަ ސުވާލަކީ، ރައީސް ދެންމެ ތިޔަ އިޝާރާތް ކުރެއްވި އިންޑިޔާއާއެކު ހަދާފައިވާ އެއްބަސްވުންތަކާ ގުޅޭ ވާހަކަތައް. އެ އެއްބަސްވުންތަކާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދޮގު ވާހަކަ ފެތުރިކަމަށް ރައީސް ތިޔަ ވިދާޅުވީ. އަޅުގަނޑުގެ ސުވާލަކީ، ދިވެހިރާއްޖޭގެ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެބަވޭ، މި އެއްބަސްވުންތަކާ ގުޅޭ މަޢުލޫމާތުތައް ހާމަކުރަން ސަރުކާރަށް އަންގާފައި. އޭގެ އެއްވެސް މަޢުލޫމާތެއް މިހާތަނަކަށް ޤާނޫނުގައިވާ ގޮތަށް ސަރުކާރުން ހާމަކޮށްފައެއް ނުވޭ. އަދި އޭގެ ބައެއް މައްސަލަތައް ކޯޓުގައިވެސް ދަނީ ހިނގަމުން.

އަޅުގަނޑުގެ ސުވާލަކީ، މަނިކުފާނުގެ ސަރުކާރުން އެ އެއްބަސްވުންތަކުގައި ގޯހެއް ނެތްނަމަ، އެ މަޢުލޫމާތު ހާމަނުކުރެއްވީ ކީއްވެތޯއޭ.

ދެވަނަ ސުވާލަކީ، ރައީސް ޔާމީނާމެދު މި ސަރުކާރުން ހަމަ ފެށިގެން އައިއްސުރެ ވަރަށް އިހާނެތިކޮށް ކަންތައްތައް ކުރެވިފައި ހުރީ. ޑިއު ޕްރޮސެސްއެއް ފޮލޯ ކުރުމެއްނެތި، ދަޢުވާ ކުރުމާއި، ބަންދުކުރުމާއި އަދި ރައީސް ޔާމީނަށް ޙުކުމްކުރި ފަނޑިޔާރުންނަށް ޕްރޮމޯޝަން ދިނުން. މިފަދަ އެތައް ކަންތައްތަކެއް ހިނގާފައިވޭ. އަޅުގަނޑުގެ ސުވާލަކީ، މި ކަންތައްތަކާ މެދުގައި ރައީސް ގަބޫލުކުރައްވަންތޯ މިހާރު އެއީ މިސްޓޭކެއް ކަމަށް.

ތިންވަނަ ސުވާލަކީ، އަޅުގަނޑު ވޯޓުލީ ދުވަހުވެސް ރައީސާ ސުވާލުކޮށްލިން. ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިއްޖެނަމަ، ރައީސް ރާއްޖެ ދޫކޮށް ވަޑައިގަންނަވާނަންތޯއޭ. ކިހިނެއްތޯ އެކަންތައް އޮތީ.

ދެން ހަތަރުވަނަ ސުވާލަކީ، ރައީސް އަޅުގަނޑު ވަރަށް ކުރިން ސުވާލެއް ކުރިން، އިންޑިއާގެ މި ލޯނުތަކުގެ އިންޓްރެސްޓް ރޭޓް. ދެން ރައީސް އޭރު ވިދާޅުވި، އެ ގެނެސްދެއްވާނެ ކަމަށް. އަދިވެސް ގެނެސްނުދެއްވާތީ އެހެންވެ އެ ސުވާލަށްވެސް ޖަވާބު ދެއްވުން އެދެން.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، އަޅުގަނޑުމެން ވެފައިވާ އެއްބަސްވުމަކީ، އަނެއްކާވެސް ތަކުރާރުކޮށް މި ދަންނަވަނީ. ކުރީގެ ސަރުކާރުތަކުން ފެށިގެން އަޅުގަނޑުމެންނާ ހިސާބަށް ވާރުތަވެފައި ހުރި، ކުރަން އެއްބަސްވެފައި ހުރި ކަންތައްތައް. އޭގައި، ބައެއް އެގްރީމަންޓްތަކުގައި ސޮއިއެޅޭ އަޅުގަނޑުމެންގެ ވެރިކަމުގައި. އަދި އެންމެ ބޮޑަށް ތިޔަބޭފުޅުން ފާހަގަކުރައްވާ ހެލިކޮޕްޓަރާއި ޑޯނިއާގެ ކަންތައްތައް ހިނގައިދިޔަގޮތް އަޅުގަނޑުމެން ވަރަށް ތަފްޞީލުކޮށް މި ދޭތެރެއިން ހާމަކޮށްފިން. އެހެންވީމާ، އެއަކު އެއްވެސް މައްސަލައެއް ނޯންނާނެ.

އަޅުގަނޑުމެން ޤާނޫނީގޮތުން ހާމަކުރަންޖެހޭ ހުރިހާ އެއްޗެއް މިހާރުވާނީ ހާމަކޮށްފައި. އަދި ރައްޔިތުންގެ މަޖިލީހުގެ ޓޫ ފޯރ ވަން ކޮމިޓީއަށް ޙިއްޞާކުރަންޖެހޭ ހުރިހާ އެއްޗެއްވެސް ވާނީ ޙިއްޞާކޮށްފައި. އޭގައި ފޮރުވާފައި އެއްވެސް ކަމެއް ނޯންނާނެ. އަނެއްކާ ނޮވެންބަރު 17ގެ ފަހުން އެންމެ ލަސްވެގެން އެ ފެންނާނެ ދެން އަންނަ ސަރުކާރަކަށް. އޭގައި އެއްވެސް މައްސަލައެއް އުޅެންޏާ ކުރިއަށް ވަޑައިގަންނަވަންވީ. އެ ސަރުކާރަށް އޮންނާނެ، އެއާ ދޭތެރޭގައި ފިޔަވަޅު އެޅެން.

އެހެންވީމާ، މިހާތަނަށް އަޅުގަނޑުމެން ކޮށްފައި އޮތް އެއްވެސް އެއްބަސްވުމެއްގައި، ފޮރުވިފައި އޮތް އެއްވެސް ކަމެއް ނޯންނާނެ. އެކަމަކު ޤާނޫނީ އިމުގެ ތެރެއިން އަދި ބައެއް އެއްބަސްވުންތަކަކީ، ދެފަރާތުގެ ދެމެދުގައި އޮންނަ ހިފަހައްޓަންޖެހޭ ހަމަތަކަކާއި އުޞޫލުތަކެއް ހިފަހައްޓަންޖެހޭ ކަންތަކަށްވާތީ، އެއާ އެއްގޮތަށް އަޅުގަނޑުމެން ޢަމަލުކުރަމުން ގެންގޮސްފައިވީ.

ރައީސް ޔާމީނާ ދޭތެރޭގައި އިހާނެތިކޮށް، ޕްރޮސެސްއިން ބޭރުން އަޅުގަނޑުމެން އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ. ޖުޑީޝަލް ތެރެއިން ހުށަހެޅިގެންދިޔަ މައްސަލައެއްގައި، ކަން ކުރަންވީ ގޮތަށް އެކަން ކޮށް ނިމިގެން އެދިޔައީ. އަދިވެސް އެކަން ކުރިއަށްދާނެ. އެގޮތަށް ޖުޑީޝަރީގެ ތެރެއަށް، ޝަރުޢީ ކޯޓުތަކުގެ ތެރެއަށް، ކުރިއަށް މި އޮތް ދޮޅުމަސް ދުވަހުގެ ތެރެއަކުވެސް އަޅުގަނޑުމެން ނުފޫޒެއް ނުފޯރުވާނަން. އަތެއް ނުބާނާނަން. އެ މިނިވަންކަމާ އެކީގައި ކުރިއަށްދިޔުމަށް ދޭންޖެހޭ ފުރިހަމަ ޖާގަ، ކުރިއަށް މިއޮތް ތަނުގައި އަޅުގަނޑުމެން ދޭނަން.

އަޅުގަނޑު ރާއްޖެ ދޫކޮށް ދާންޖެހޭ އެއްވެސް ސަބަބެއް ނެތް. އިރާދަކުރެއްވިއްޔާ އަޅުގަނޑު ދިރިއުޅޭނީ ރާއްޖޭގައި އަދި އަޅުގަނޑުގެ އުފަން ރަށުގައްޔާއި މާލޭގައި. އެހެން ނަމަވެސް، ރާއްޖެއިން ބޭރަށް މީހުން ދަތުރުކޮށް އުޅޭ. އެގޮތުން، ބައެއްފަހަރު އަޅުގަނޑު ރާއްޖެއިން ބޭރަށް ދަތުރެއްކޮށްލާނަން. އެކަމަކު ރާއްޖެ ދޫކޮށް އަޅުގަނޑުގެ ދިރިއުޅުން ބަދަލުކޮށް، އެއީ އަޅުގަނޑު ކުރާނެ ކަމެއްނޫން. ހަމަ މާލޭގައި، ރާއްޖޭގައި ދިރިއުޅޭނީ.

އިންޑިއާގެ އިންޓްރެސްޓް ރޭޓް، އަޅުގަނޑު ހަނދާންވާގޮތުން އެއީ، ސިކްސް ނޫނީވިއްޔާ ސެވަން ޕަސެންޓް. އެއަށްވުރެ ބޮޑެއްނުވާނެ. އެއީ، މިހާތަނަށް ނަގާފައި ހުރި ލޯނުގެ އިންޓްރެސްޓް. ތިޔަބޭފުޅުންނަށް ހީވެގެން އެއުޅެނީ 12 ޕަސެންޓް، 20 ޕަސެންޓް ކަމަށް. އެހެނެއްނޫން. އެއީ އުޅޭ އޮޅުމެއް. އެއީ ޝައްކެއް.

އާމިނަތު މާޝާ މިދުޙަތު - ރަސް އޮންލައިން:

ޝުކުރިއްޔާ.

އަޅުގަނޑުގެ ސުވާލަކީ، ރާއްޖޭގައި މަލްޓި ޕާޓީ ޑިމޮކްރަސީ ތަޢާރުފް ކުރެވުނުފަހުން ކޮންމެ އިންތިޚާބެއް ބޭއްވިޔަސް ފެނިގެން މިދަނީ ވަރަށް ބޮޑެތި ގިނަ ވަޢުދުތަކެއް ވަމުންދާތަން. އެގޮތުން މަނިކުފާނުގެ ފަރާތްޕުޅުންވެސް އެކަން އެގޮތަށް ވަނީ ފެނިފައި. މަނިކުފާނުގެ ވަޢުދުތަކުގެ ތެރެއިން މަނިކުފާނަށް ނުފުއްދި ދިޔުމުން، އެކަމާ ރިގްރެޓް ކުރައްވާވަރުގެ ކަމެއް، ނޫނީ ވަޢުދެއްވޭތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، މި ވެރިކަމުގައި މަލްޓި ޕާޓީ ޑިމޮކްރަސީގައި، ޒަމާނީ ވެރިކަމެއްގައި މި އަންނަނީ މެނިފެސްޓޯއެއް ހިފައިގެން. ރައްޔިތުންނަށް ވަޢުދުތަކެއް ވެގެން. އެ ވަޢުދުތައް ފުއްދުމަށްޓަކައި ވެރިކަން ކުރަމުން ގެންދަނީ. އެގޮތުން، އަޅުގަނޑުމެންވީ އެއްވެސް ވަޢުދެއް، އެ ހިސާބުކޮށް، އެކަން ކުރެވޭނެ ގޮތްތައް ނުހޯދައި، ވެފައި އޮތް އެއްވެސް ވަޢުދެއް ނޯންނާނެ. މި ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ފުއްދަމުން މިގެންދިޔައީ، 2018 ވަނަ އަހަރު އަޅުގަނޑުމެންވީ ވަޢުދުތައް. އޭގެތެރެއިން ވަރަށްގިނަ މަސައްކަތްތަކެއް އަޅުގަނޑުމެންނަށް ކުރެވި ނިމިފައި މިވަނީ. ގާތްގަނޑަކަށް 90 ޕަސެންޓަށްވުރެ ގިނަ މަސައްކަތް ފެށި، އޭގެތެރެއިން ގިނަ މަސައްކަތްތަކެއް މިވަނީ ނިމިފައި. އެހެންވީމާ، އަޅުގަނޑު ދެކޭގޮތުގައި، ރައްޔިތުންނަށްވީ ވަޢުދާ އެއްގޮތަށް އަޅުގަނޑުމެންނަށް މަސައްކަތްތަކެއް ކުރެވިއްޖެ. އަޅުގަނޑު އެކަމާ ދޭތެރޭގައި ހިތްހަމަޖެހޭ.

ވަފީޤާ ޙާމިދު - ޕީ.އެސް.އެމް. ނިއުސް:

ޝުކުރިއްޔާ ރައީސް.

އަޅުގަނޑުގެ އެބައޮތް ދެތިން ސުވާލެއް. ފުރަތަމަ ސުވާލަކީ، އަޅުގަނޑުމެންނަށް އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ވަރަށް ބޮޑަށް ބެލެވުނު، އާބާދީ ކުދި ރަށްތަކުން ރައީސަށް ވަރަށްބޮޑު އަޣްލަބިއްޔަތެއް ލިބިވަޑައިގަންނަވާނެ ކަމަށް. އެހެން ނަމަވެސް، ކަންތައްވީ އެހެން ގޮތަކަށް. ކިހިނެއްތޯ ގަބޫލުފުޅު ކުރައްވަނީ، އާބާދީ ކުދި ރަށްރަށުން އަޣްލަބިއްޔަތު ނުލިބުނީ.

ދެން ބައެއް ބޭފުޅުން އެބަ ވިދާޅުވޭ، ރައީސަށް އިންތިޚާބު ކާމިޔާބު ނުކުރެއްވުނީ، މިހާރުގެ ނައިބު ރައީސް ފައިޞަލް ނަސީމް ރަނިންގމޭޓެއްގެ ގޮތުގައި ހަމަނުޖެއްސެވުމުން ކަމަށް. މިހާރުގެ ނައިބު ރައީސް ރަނިންގމޭޓެއްގެ ގޮތުގައި ހަމަނުޖެއްސެވީ ކީއްވެގެންތޯ.

ދެން ތިންވަނަ ސުވާލަކީ، ގުޅިފަޅާއި އަދި ގިރާވަރު ފަޅުން ބޯހިޔާވަހިކަމަށް ގޯތި ދޫކުރުމުގެ މަސައްކަތްތައް ކުރަމުން އަންނައިރުގައި، އެތަނުގައި އަސާސީ ޚިދުމަތްތައް ޤާއިމުކުރުމަށްޓަކައި އެއްވެސް ބަޔަކާ އެ މަސައްކަތް ކުރުމަށްޓަކައި ހަވާލުކޮށްފައި މިހާރު އެބައޮތްތޯ. މާސްޓަރ ޕްލޭން އެކުލަވައިލެވިފައި އެބައޮތްތޯ. ނޫނީ ދެން އަންނަ ސަރުކާރަކަށް މި މާސްޓަރ ޕްލޭން އެކުލަވައިލައި، އެތަނުގައި އަސާސީ ޚިދުމަތްތައް ޤާއިމުކުރުމަށްޓަކައި ހަވާލުކުރައްވާނީތޯ.

ހަތަރުވަނަ ސުވާލަކީ، ރައީސް ނަޝީދާ އެކީގައި، ކުރިއަށް އޮތް ތަނުގައި ސިޔާސީ މަސައްކަތްތައް ކުރައްވާނަންތޯ. ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ވަރަށް ގިނަ ސުވާލު.

އާދެ، މިއީ އަޅުގަނޑުމެންނަށް އެނގޭ ޙަޤީޤަތެއް. ވޯޓު ހޯދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކަކާއި، ތަރައްޤީއަށްޓަކައި ކުރާ މަސައްކަތްތައް ވަރަށް ތަފާތު. އަޅުގަނޑުމެންނަށް އެކަން އެނގި ތިބެ، އަޅުގަނޑު ސަރުކާރު ހިންގީ. އަޅުގަނޑުގެ އަމާޒަކަށްވީ، ކުޑަ ރަށެއް، ބޮޑު ރަށެއް ތަފާތުނުކޮށް، ހުރިހާ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުން. އެގޮތުން، އަޅުގަނޑު މަސައްކަތް ކުރަމުން ގެންދިޔައީ. އެއީކީއެއް އަދި ވޯޓާ އެހާބޮޑަށް ރިލޭޓްވާ އެއްޗެއް ނޫންކަން އަޅުގަނޑުމެން އެންމެންނަށް އެނގޭ. އަޅުގަނޑުމެންނަށް އެކަން އެނގި ތިބެ އެ މަސައްކަތް ކުރީ. ވޯޓު ހޯދަން ކުރަންޖެހޭ ތަފާތު އެހެން މަސައްކަތްތަކެއް ހުރި. އެހެންވިޔަސް އަޅުގަނޑުގެ އަމާޒަކަށްވީ، އަޅުގަނޑުގެ އަމާޒަކަށްވީ ހަމައެކަނި ކުރިއަށް އޮތް ފަސް އަހަރު ނިންމާފައި އަންނަ އިންތިޚާބު ކާމިޔާބު ކުރުމެއް ނޫން. އަޅުގަނޑު އަބަދުވެސް ބުނަމުން ގެންދިޔައީ، އަޅުގަނޑު މިއައީ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވެފައި ހުރި އަސާސީ ޚިދުމަތްތައް، ތަފާތުކުރުމެއްނެތި ފޯރުކޮށްދިނުމަށޭ. އެކަން އަޅުގަނޑު ކުރަމުން ގެންދިޔައީ. އަޅުގަނޑަށް އެނގޭ، އޭގައި ޗެލެންޖްތަކެއް ހުރިކަން. އާބާދީ ބޮޑެތި ތަންތަނަށް އަމާޒުކޮށްގެން އަޅުގަނޑު މަސައްކަތް ކުރިނަމަ، މުޅިން ތަފާތު އެހެން ނަތީޖާއެއް ނުކުތުމަކީ އެކަށީގެންވާ ކަމެއް. އެހެން ނަމަވެސް، މި ދެންނެވި މަސައްކަތް އަޅުގަނޑު ކުރަމުން ގެންދިޔައީ.

އެގޮތަށް އަޅުގަނޑު ހިތުން އާބާދީ މަދު ރަށްރަށުގެ ވޯޓު އަޅުގަނޑަށް ނުލިބޭ. އަޅުގަނޑު މުޅި ތަފްޞީލު ބަލައިލަންޖެހޭނީ އޭގެ. ލިބިފައި ހުރިކަން އަޅުގަނޑަށް ފާހަގަކުރެވޭ. އެކަމަކު މަދު ރަށެއް ނުގެއްލޭނެއެކޭ ނޫން. އެހެންވީމާ، މި ދެންނެވިހެން އިންތިޚާބުގައި ވޯޓު ހޯދުމާއި އަދި ސަރުކާރުން ރައްޔިތުންނަށް މި ކޮށްދޭ ކަންތައްތަކާ ހުރޭ ތަފާތެއް. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ނުކުތީމަ. މީހުން ވޯޓުދެނީ ކީއްކޮށްގެން. ކޮންކަމެއް ކޮށްގެންކަން. ރަށްރަށުގެ ތަރައްޤީއަށްޓަކައި މިކުރާ މަސައްކަތާ މާބޮޑު ގުޅުމެއް ހުރިތަނެއް އަޅުގަނޑަކަށް ފާހަގަކުރެވިފައެއް ނެތް. އެއީ، ހަމައެކަނި މިފަހަރަކުއެއް ނޫން. ކުރީގައިވެސް. އެކަން އެނގި ތިބެ އަޅުގަނޑުމެން އެ މަސައްކަތް ކުރީ.

އަޅުގަނޑު ހިތުން ޤައުމަށް އެންމެ ފައިދާހުރި ގޮތަކީ އެއީ. މި ޤައުމަށް ރަނގަޅު ހެޔޮ ބަދަލެއް، ތަރައްޤީގެ ރަނގަޅު މުސްތަޤްބަލެއް ފެނުން. މިއާ އެކީގައި ކުރިއަށް އޮތް ހައެއްކަ އަހަރު ނުވަތަ އެއް އަހަރު ދުވަހުގެ ތެރޭގައި މިކަން ފެނިގެންދާނެ. ރައްޔިތުން އެކަން ގަބޫލުވެސް ކުރާނެ. ރައްޔިތުން އެކަން ހާމަކުރަމުންދާތަންވެސް ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. ސިޔާސީ އޮއިވަރެއްގައި މި އިންތިޚާބުގައި ނަތީޖާ މިހެންދިޔަޔަސް، އެއީކީއެއް ރާއްޖޭގެ ތަރައްޤީއަށްޓަކައި އަޅުގަނޑުމެން މިކުރި އުންމީދު އަދި ނަގާލަންޖެހޭ ކަމެއްނޫން. އިރާދަކުރެއްވިއްޔާ މިކަން ކުރިއަށްދާނެ.

ރަނިންގމޭޓެއް އަޅުގަނޑު ހޮވުމުގައި އަޅުގަނޑު ނިންމީ، ވަރަށްގިނަ ބައެއްގެ މަޝްވަރާއާ އެކީގައި. މި އިންތިޚާބުގައި ކުރިއަށްދިޔުމަށް އެންމެ ރަނގަޅު ގޮތަކީ، އެމް.ޑީ.ޕީ.ގެ ތެރެއިން ރަނިންގމޭޓެއް ނެގުން ކަމަށް އަޅުގަނޑަށް މަޝްވަރާ ލިބިފައިވާތީ، އެއާ އެކީގައި އަޅުގަނޑު ކުރިއަށް ގެންދިޔައީ.

ބޯހިޔާވަހިކަން ދިނުމަށްޓަކައި ހުޅުމާލެއާއި، ގުޅިފަޅާއި، ގިރާވަރާއި އަދި އޭގެއިތުރުން، މިހާރު އުތުރުތިލަފަޅުގެ ބައެއްގެ މާސްޓަރ ޕްލޭން ހަދައި ނިމިފައި ވަނީ. އޭގެ އަސާސީ ޚިދުމަތްތައް ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްވެސް ރޭވިފައި ވަނީ. އަޅުގަނޑުމެންގެ ރޭވުމަކީ، އޮންނާނެ އަޅުގަނޑު ދަންނަވާފައި. ވެރިކަމަށް އާދެވުނުނަމަ، މި އަންނަ އަހަރު ނިމޭއިރުގައި، އޭގެ އަސާސީ ޚިދުމަތްތައް، ފެނާއި، ނަރުދަމާއާއި، މަގުގެ މަސައްކަތް ގިނަ ތަންތަނުގައި ނިމިފައި އޮތުން.

އަޅުގަނޑުގެ އުންމީދަކީ، ދެން އަންނަ ވެރިކަމަކުން އެ މަސައްކަތްތައް ކޮންޓިނިއުކޮށް، ރައްޔިތުންނަށް ޚާއްޞަކޮށް، މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ދިމާވެފައި އޮތް މައްސަލަ ޙައްލުކުރުމަށްޓަކައި މި ފެށި މަސައްކަތް ނިންމާލަދިނުން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ވެރިކަމުން ވަކިވެގެންދާނީ، ކުރީގައިވެސް އެ ބުނެފައި އޮތްގޮތަށް، ނޮވެންބަރު 5 ހިސާބުގައި، ހުރިހާ ބޭފުޅުންނަށް އެ ބޭނުންވާ ލިޔުމާއި، ގޯތީގެ އިން ވަކިކޮށް، ދޭންވާ ރަޖިސްޓްރީ ދީ ހަވާލުކޮށްފައި. ދެން އޮންނާނީ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުން. އެ މަސައްކަތުގެވެސް ޕްލޭން މިހާރު ވާނީ ހުރިހާ ތަނެއްގައި ހަދައި ނިމިފައި.

އަޅުގަނޑުގެ ކެރިއަރ، ޕޮލިޓިކަލް ކެރިއަރ ކުރިއަށްދިޔުމުގައި ކޮންމެހެން ވަކި މީހަކު އަޅުގަނޑު ކައިރީގައި ބަހައްޓާކަށް އެއީ ލާޒިމް ކަމެއް ނޫން. އަޅުގަނޑު ހުންނާނީ އެމް.ޑީ.ޕީ.ގައި. އެމް.ޑީ.ޕީ.އާ އެކީގައި އަޅުގަނޑު ކުރިއަށްދާނީ. އެމް.ޑީ.ޕީ.ގައި ތިބި ލީޑަރޝިޕަކާ އެކީގައި. އަދި އެމް.ޑީ.ޕީ.އަކީ ފައްކާ، ވަރުގަދަ ޕާޓީއަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް އަޅުގަނޑު ކުރާނަން. އެމް.ޑީ.ޕީ. ހަލާކުވެގެން، ބަލިކަށިވެގެންދާ ތަން ބަލާކަށް އަޅުގަނޑު ނުހުންނާނަން. އޭގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް އަޅުގަނޑު ކުރާނަން.

މުޙައްމަދު މުޒައްޔަން ނާޒިމް - ދައުރު ނޫސް:

ރައީސް ދެންމެ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން، ސިޔާސީ ކުރިމަގާ ގުޅޭގޮތުން ވިދާޅުވެއްޖެ، މިވަގުތު އެންމެ މުހިންމީ އެމް.ޑީ.ޕީ. ވަރުގަދަ އޮޕޮޒިޝަނެއްގެ ގޮތުގައި އޮތުމޭ. އަދި މަޖިލިސް އިންތިޚާބަށް ތައްޔާރުކުރުމޭ. މަގާމެއް މުހިންމެއް ނޫން ކަމަށް. އެއްވެސް ޙާލަތެއް އަތުވެދާނެތޯ ރައީސް، ޕާޓީގެ ހުސްވެފައިވާ ރައީސް ކަމަށް، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް ކުރިމަތިލެއްވުމަށް. ރައީސް ގޮތެއް ނިންމަވާއިރު އެއީ އޮތް އޮޕްޝަނެއްތޯ، ޕާޓީގެ ރައީސްކަމަށް އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް.

ދެވަނަ ސުވާލަކަށް، ރައީސް ނަޝީދު އެބަވޭ ހުށަހަޅުއްވާފައި، ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް. ދެންމެ ރައީސް ޖަވާބު ދެއްވައިފި. ޕާޓީގެ އަސާސީ ގަވާއިދުގައި އެބަވެއޭ ގޮތްތަކެއް ޕާޓީއަށް ވަނުމަށް. ރައީސް ނަޝީދު ޕާޓީން ވަކިވެވަޑައިގެންފައި ރޫޅާލާނެ ކަމަށްވެސް ވިދާޅުވި. މިވަގުތަށް، އަލުން ޕާޓީއަށް ވަޑައިގަތުމާ ގުޅޭގޮތުން ރައީސް ދެކެވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ.

ތިންވަނަ ސުވާލަކަށް، އިންތިޚާބު ގެއްލުމުގެ ސަބަބުތައް ދެންމެ ރައީސް ވިދާޅުވެއްޖެ ކޮންމެވެސްވަރަކަށް. އިދިކޮޅުން ދޮގު ވާހަކަތަކެއް ދެއްކި ކަމަށް، އޭގެ ސަބަބެއްގެ ގޮތުގައި ވިދާޅުވެއްޖެ. އަޅުގަނޑުމެންނަށް ފެނިގެންދިޔަ، ރައީސްގެ ފޮރިން ޕޮލިސީއާ މެދު ވަރަށްގިނަ ރައްޔިތުން ކަންބޮޑުވުންތައް ފާޅުކުރަމުންދިޔަ ތަން. އެއް ޤައުމަކަށް މާބޮޑަށް ބަރޯސާވެފައި އޮތް ކަމަށް. އަދި ޕާޓީގެ ތެރޭގައިވެސް އެ ހިތްހަމަނުޖެހުން އޮތް ކަމަށް މަޢުލޫމާތު ލިބޭ. ރައީސްގެ ފޮރިން ޕޮލިސީ، އެއް ޤައުމަކަށް މާބޮޑަށް ބަރޯސާވެ، އެއް ޤައުމަކުން މާބޮޑެތި ދަރަނިތަކެއް ނަގައި، އެއް ޤައުމަކުން ސިއްރު އެއްބަސްވުންތަކެއް ހެދުން އެއީ ސަބަބެއް ކަމަށް ގަބޫލުކުރައްވަންތޯ.

ފަހު ސުވާލަކަށް، ނިޒާމާ ގުޅޭގޮތުން ރައީސް ވިދާޅުވެއްޖެ، އެމް.ޑީ.ޕީ. އިން ގޮތެއް ނިންމަވާނެ ކަމަށް އެއާމެދު. ރައީސްގެ އަމިއްލަ ޚިޔާލަކީ ރިޔާސީ ނިޒާމޭ. މިވަގުތު ރައްޔިތުންގެ މަޖިލީހުން އެބަވޭ، ޤާނޫނުއަސާސީއަށް އިޞްލާޙެއް ހުށަހަޅާފައި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ. އެއީ 70 ވަނަ މާއްދާގެ ދަށުން މި ނަގާ ވޯޓު. އިތުރު ވޯޓަކާ ނުލައި، 262 ވަނަ މާއްދާގެ ދަށުން އިޞްލާޙު ހުށަހަޅާފައި މިއޮތީ. ކޮބައިތޯ އެ އިޞްލާޙާމެދު ރައީސް ދެކެވަޑައިގަންނަވާ ގޮތަކީ. ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، އަޅުގަނޑުމެންގެ ފޮރިން ޕޮލިސީއަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މިހާތަނަށް އެއްވެސް ވެރިކަމެއްގައި ހިންގުނު އެންމެ ރަނގަޅު ފޮރިން ޕޮލިސީ. އެންމެ ގިނަ ޤައުމުތަކާ އެކީގައި ގުޅުން ބަދަހިވެގެންދިޔަ ފޮރިން ޕޮލިސީ. އަދި ދުނިޔޭގެ އެކިއެކި ޕްލެޓްފޯމްތަކުގައި، އ.ދ.ވިޔަސް، އަޅުގަނޑު މި ދެންނެވީ ޔޫ.އެން. ކަމަށްވިޔަސް، ކޮމަންވެލްތް ކަމަށްވިޔަސް، މިއިން ކޮންމެ ތަނެއްގައި އެންމެމަތީ ހަރުފަތުގައި ރާއްޖެ ތަމްސީލު ކުރަން ފުރުޞަތު ލިބިގެންދިޔަ ފޮރިން ޕޮލިސީ. އަޅުގަނޑު ހިތުން މިއީ މީގެ ފައިދާ. މީގެ ފައިދާ ރާއްޖެއަށް ވަރަށްބޮޑަށް ކުރި.

އެނގިވަޑައިގަންނަވާނެ، މި ވޭތުވެދިޔަ ފަސް އަހަރު ނިމިގެންދިޔައިރު، އަޅުގަނޑުމެންގެ އެތެރޭގެ ސިޔާސަތަކާ ގުޅިގެން އެއްވެސް ޤައުމަކުން އެއްވެސް ބަޔާނެއް ނެރެފައެއް ނެތް. ހިއުމަން ރައިޓްސް ކަމަށްވިޔަސް. އަދި އެހެން ކަމަކާ ބެހޭގޮތުންވެސް. އެއީ، 1995ން ފެށިގެން މިހާތަނާ އެ ދޭތެރޭގައި ހިނގަމުންދިޔަ ވެރިކަމުގެ ތެރޭގައި ކަން ހިނގާފައިވާ ގޮތް.

އެހެންވީމާ، އަޅުގަނޑު ހިތުން އަޅުގަނޑުމެންނާ ބޭރު ޤައުމުތަކާ ދޭތެރޭ މި އޮތް، ބޭއްވުނު ގާތް ގުޅުމަކީ، މުޅި ރާއްޖެއަށް އޭގެ އަސަރު، ވަރަށްބޮޑު ފައިދާތަކެއް ކުރި ފޮރިން ޕޮލިސީއެއް. ޚާއްޞަކޮށް، ތިމާވެށީގެ ކަންތައްތަކުގައި އަޅުގަނޑުމެންގެ ބަސް އަޑުއަހާ އެބަ މިހާރު. އަޅުގަނޑުމެންނާ މަޝްވަރާ ކުރޭ. އެއިން އެއްވެސް ކަމެއްގައި އަޅުގަނޑުމެންގެ ލަފައެއްނެތި، މަޝްވަރާއެއްނެތި އެއްވެސް ޕްލެޓްފޯމެއްގައި އެއްވެސް ކަމެއް ނުނިންމާ. އެންމެކުރީ ސަފުގައި އަޅުގަނޑުމެންނަށް އެބަ ޙަރަކާތްތެރިވެވޭ.

އަދި މި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަކީ މުހިންމު ކަމަކަށްވާތީ، އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކާ އެކީގައި އޮންނަ ގުޅުން ރަނގަޅު ގުޅުމަކަށްވާންޖެހޭނެ. އިތުބާރު ކުރެވޭ ގުޅުމަކަށް ވާންޖެހޭނެ. ބަދަހި ގުޅުމަކަށްވާންޖެހޭނެ. އެކަން އަޅުގަނޑުމެން ކުރަމުން މިގެންދިޔައީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ކުރިއަށް އޮތް ތަނުގައިވެސް އެކަން އޮންނަންޖެހޭނީ އެހެން. އެހެން ނޫނީވިއްޔާ އަޅުގަނޑުމެންނަށް ހުރި ޗެލެންޖަސް ވަރަށް ބޮޑުވާނެ. ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާއި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް، ވެރިކަމުގައި ތިބޭ ބަޔަކު ކުރަންޖެހޭނެ ކަމަށް އަޅުގަނޑު ދެކެނީ. އަޅުގަނޑުމެންގެ ފޮރިން ޕޮލިސީއަކީ މި ދެންނެވިހެން މިހާތަނަށް ހިންގުނު އެންމެ ރަނގަޅު ފޮރިން ޕޮލިސީކަން އަޅުގަނޑު ފާހަގަކުރަން. އަދި އަޅުގަނޑު ގަބޫލުވެސް ކުރަން.

މުޙައްމަދު މުޒައްޔަން ނާޒިމް - ދައުރު ނޫސް:

އަޅުގަނޑުގެ ސުވާލަކީ، ފޮރިން ޕޮލިސީ އެގޮތަށް އެއް ޤައުމަކަށް ބަރޯސާވެފައި އޮތް އޮތުމަކީ ރައީސަށް އިންތިޚާބުން ގެއްލުމެއް ލިބުނު ކަމެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑުމެން ބަރޯސާއެއް ނުވަމޭ އެހާބޮޑަކަށް. ހަމައެކަނި އިންޑިއާ ކަނޑުގެ ސަރަޙައްދުގެ އެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ހުރި އެއްބަސްވުންތައް ހުންނާނެ. ސްރީލަންކާއާ އެކީގައިވެސް ހުންނާނެ. އަދި އެހެން ޤައުމުތަކާއެކީވެސް ހުންނާނެ.

ދެން އޮތީ ޤާނޫނުއަސާސީއަށް މިހާރު ހުށަހަޅައިގެން އުޅޭ އިޞްލާޙު. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި، އެ އިޞްލާޙު ފުރަތަމަ ވާންޖެހޭނެ، ރައްޔިތުންގެ މަޖިލީހުގެ ތްރީ ކުއަރޓަރސް، 75 ޕަސެންޓް ދޮގެއްތޯ، ވޯޓު ލިބިގެން ފާސްވާ އެއްޗަކަށް. އެއީ، ނިޒާމުގެ ވާހަކައެއް މި ދައްކަނީ. ރައްޔިތުންގެ މަޖިލީހުގެ ދައުރާބެހޭ ވާހަކައެއް މި ދައްކަނީ. ރިޔާސީ ވެރިކަމުގައި ހުންނަ މީހެއްގެ ދައުރާ ބެހޭގޮތުން މި ވާހަކަ ދެއްކެނީ. އެއީ، ތްރީ ކުއަރޓަރސް އިން ފާސްވުމަށްފަހުގައި، ތަޞްދީޤު ކުރަން އަޅުގަނޑަށް ފޮނުވަންޖެހޭނެ. ފޮނުވީމާ އަޅުގަނޑަށް އެ ތަޞްދީޤު ކުރެވޭނީ ރައްޔިތުންގެ ބަހެއް ހޯދައިގެން. ޤާނޫނުއަސާސީގެ އެފަދަ މާއްދާއަކަށް ބަދަލު ގެންނަންޏާ، ކަން ކުރަންވީގޮތް ޤާނޫނުއަސާސީގައި އެބައޮތް. އެހެންވީމާ، އެ ޕްރޮސެސް އައިމާ އަޅުގަނޑު ދާނަން ރައްޔިތުންގެ ކައިރިއަށް. އެ ގެންނަ ބަދަލަކީ ރައްޔިތުން ގަބޫލުކުރާ ބަދަލެއްތޯ ބަލަން. ރައްޔިތުން ގަބޫލުނުކޮށްފިއްޔާ، އަޅުގަނޑަކަށް ތަޞްދީޤެއް ނުކުރެވޭނެ.

އެހެންވެ އަޅުގަނޑު ފަށަމުންވެސް މި ދެންނެވީ، ނިޒާމާ ބެހޭގޮތުން އަޅުގަނޑުމެން ގޮތެއް ނިންމަންޖެހޭނީ ރައްޔިތުން ކައިރިއަށް ގޮސްގެންނޭ. ރައްޔިތުން ނިންމާ ނިންމުމެއްގެ މައްޗަށް ނޫންގޮތަކަށް ނުކުރެވޭނެ. އަނެއްކާ މިހާރު އުފެދޭ އެއް ސުވާލު އެބައުޅޭ. ފަސް އަހަރު ދުވަހަށް ރައީސަކު އިންތިޚާބުކޮށްފައި އެބަހުރި. އެ ޖާގަ ހަނިވާގޮތަކަށް ޤާނޫނުއަސާސީއަށް ބަދަލެއް ގެނައުމަކީ އެންމެ ރަނގަޅު ގޮތް ކަމަކަށް އަޅުގަނޑު ނުދެކެން. ޕްރޮސެސް ކުރިއަށްދާންވާނެ އިނގޭތޯ.

މުޙައްމަދު މުޒައްޔަން ނާޒިމް - ދައުރު ނޫސް:

އެހެންވީމާ، ރައީސް ތިޔަ ވިދާޅުވަނީ މިވަގުތަކު ތާއީދެއް ނުކުރާނަމޭ ދޮގެއްތޯ އެކަން އެގޮތަށް ކުރާކަށް.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑު މި ދެންނެވީ، އަޅުގަނޑަކަށް އެއަކަށް ނުބުނެވޭނެ އެއްޗެއް ދޮގެއްތޯ. ނިޒާމާ ބެހޭގޮތުން އަޅުގަނޑު ދެކޭގޮތް އަޅުގަނޑު ބުނެފިން ދޮގެއްތޯ. ވެރިކަމުގައި ހުންނަ މީހެއްގެ ޙައިޘިއްޔަތުން އެ ޕްރޮސެސް ކުރިއަށް ގެންދާނެގޮތް އަޅުގަނޑު މި ދެންނެވީ. އެހެންވީމާ، އެގޮތަށް އަޅުގަނޑު ކުރިއަށް ގެންދާނަން.

އަޅުގަނޑު ނެތިން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާކަށެއް ދެނެއް. ވަރަށް ސާފު. އަޅުގަނޑު މި ދެންނެވިހެން، މިވަގުތު އަޅުގަނޑުގެ ފޯކަސް މިހުރީ ޕާޓީ ހަރުދަނާކޮށް އެކަތިގަނޑެއްގެ ގޮތުގައި ބޭއްވުމަށް. ޕާޓީ ބައިބައިވެގެންދާނެ އެއްވެސް ކަމެއް އަޅުގަނޑު ނުކުރާނަން. ޕާޓީ އެކަތިގަނޑަކަށް ދެމެހެއްޓުމަށްޓަކައި މިވަގުތު ކުރަންޖެހޭ ކޮންމެ ކަމެއް އަޅުގަނޑު ކުރާނަން. އަޅުގަނޑުގެ ވެރިކަން ނޮވެންބަރު މަހު ނިމެންދެން އަޅުގަނޑު ހުންނާނީ ޕާޓީގެ އެންމެ އިސް ވެރިއެއްގެ ޙައިޘިއްޔަތުން. އެގޮތުން، އަޅުގަނޑު ކުރަންޖެހޭ ކަންތައް ކުރާނަން. އެއަށްފަހުގައި، މަޝްވަރާއާ އެކީގައި ޕާޓީ އެކަތިގަނޑަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް އަޅުގަނޑު ކުރާނަން.

ރައީސް ނަޝީދު ޕާޓީއާ ގުޅުމާ ބެހޭގޮތުން. އެކަން ނިންމާނީ ޕާޓީން. އަޅުގަނޑަކަށް އެހާ މުހިންމެއް ނޫން ކޮންމެހެން ވަކި މީހަކު ޕާޓީގައި ހުރުމާއި ނުހުރުން. ޕާޓީއަކީ އެއަށްވުރެ މާވަރުގަދަކޮށް އޮތް ޕާޓީއެއް. ފެނިވަޑައިގަންނަވާނެ އެ ކަންތައް މި ވޭތުވެދިޔަ ތަނުގައި. ވަކި މީހަކު ޕާޓީން ވަކިވެގެން ގޮސް، ވަކި މީހަކު އެނބުރި އައިސްގެން ވާކަމެއް ނޫން އެމް.ޑީ.ޕީ.އަކީ. އެމް.ޑީ.ޕީ.އަކީ އެއަށްވުރެ މާ ރަނގަޅު ހަމަތަކަކާއި އުޞޫލުތަކެއްގެ މަތީގައި ތަރުތީބުވެގެން ހިނގާ ޕާޓީއެއް. އަޅުގަނޑު ނެތަސް ޕާޓީ ހިނގާނެ. އެކަން އޮންނާނީ އެހެން. އެބައޮތް އޭގައި އުޞޫލުތަކެއް. އެހެންވީމާ، ކޮންމެހެން ވަކި މީހަކު ޕާޓީއަށް ގެނައުމަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ނޫން މިވަގުތަކު.

ނަޒީމް ނައުޝާދު - ރާއްޖެ 24:

އަޅުގަނޑުގެ ސުވާލަކީ، މަނިކުފާނުގެ ފަސް އަހަރުގެ ދައުރު ނިމުނުއިރުވެސް، ތިލަމާލެ ޕްރޮޖެކްޓް އޮތީ ފުރިހަމަނުވެ. ކޮބައިތޯ މި ޕްރޮޖެކްޓް ފަސް އަހަރުގެ ތެރޭގައި ނުނިމުނު ކަމަށް މަނިކުފާނު ގަބޫލުކުރައްވާ ސަބަބަކީ. އަދި މަނިކުފާނު މި ދައުރުގައި ފަށްޓަވާފައިވާ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް، އަންނަ ސަރުކާރާ ވާހަކަ ދައްކާނެތޯ. އަންނަ ސަރުކާރުން ކުރިއަށް ނުގެންދާނަމަ، އެމް.ޑީ.ޕީ.ގެ ލީޑަރޝިޕްގައި ހުންނަވައިގެން އެ މަސައްކަތްތައް ފުރިހަމަކުރަން މަނިކުފާނު މަސައްކަތް ކުރައްވާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ތިލަމާލެ ބްރިޖް ނިންމަން އޮތް މުއްދަތަކަށް ނުނިމުނު. އެއީ އަޅުގަނޑު ދެރަވާ ކަމެއް. އެކަން ކޮށް ނިންމުނުނަމަ އަޅުގަނޑުމެންގެ މި އިންތިޚާބުގެ ނަތީޖާއަށް އޭގެ ހެޔޮ އަސަރެއް ކުރީސްކަން އަޅުގަނޑަށް ފާހަގަކުރެވޭ. އެހެން ނަމަވެސް، ޓެކްނިކަލް އެތައް މައްސަލައަކާ ހެދި އެކަން ފަސްވެގެން ގޮސްފައި އޮތްކަން އަޅުގަނޑަށް ފާހަގަކުރެވޭ.

ދެން އަޅުގަނޑުމެން ފަށާފައި ހުރި ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމަށް މިހާރު އޮތް ސަރުކާރާ އެކީގައި މަޝްވަރާ ކުރާނަންތޯ. އަޅުގަނޑުގެ އޮތީ މި އާ ސަރުކާރުގެ ކިބައިން އެދޭ ދެ ކަމެއް. އެއްކަމަކީ ހެޔޮ ވެރިކަމެއް ކުރުން. އަނެއް ކަމަކީ ރައްޔިތުންގެ މި ޤައުމުގެ ތަރައްޤީއަށްޓަކައި އަޅުގަނޑުމެން ފަށާފައި ހުރި މަސައްކަތްތައް ކުރިއަށް ގެންގޮސްދިނުން. އެއީ އަޅުގަނޑު އެދޭ އެދުމަކީ، އާ ސަރުކާރުގެ ފަރާތުން.

އަޙްމަދު އިޔާދު - ދަ ޕްރެސް:

އަޅުގަނޑުގެ އެބައޮތް ދެތިން ސުވާލެއް. ފަހަރުގައި ސުވާލު އިތުރުވެސްވުން އެކަށީގެންވޭ.

އަޅުގަނޑުގެ ފުރަތަމަ ސުވާލު. އިއްޔެ ރައީސް ނަޝީދު މިހާރު ހުށަހަޅުއްވާފައި މިވަނީ، އެމް.ޑީ.ޕީ. މަޖިލީހުގެ 50 ޕަސެންޓަށްވުރެ ގިނަ މެންބަރުންގެ ތާއީދު އޮވެއްޖެނަމަ، ރައީސް ނަޝީދު އެމް.ޑީ.ޕީ.އާ ގުޅިވަޑައިގަންނަވާނެ ކަމަށް. އެހެން ނަމަވެސް، އެމް.ޑީ.ޕީ.ގެ ޤައުމީ މަޖިލީހުގެ ތެރެއިން، މިހާރު އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުންނަމަ، ގިނަ މެންބަރުންގެ ރޫޙު ހުރީ، ރައީސް ނަޝީދު ޕާޓީއާ ގުޅިވަޑައިގަތުމާ ދެކޮޅަށް. ސަބަބެއް ކަމަށްވަނީ އެއީ ރައީސް އިންތިޚާބުން ނާކާމިޔާބުވެވަޑައިގަތުމުގައި، ނަޝީދާއި އަދި އެމް.ޑީ.ޕީ. އިން ވަކިވެވަޑައިގެންނެވި މެންބަރުންގެ ދައުރެއް އޮތުން. ދެން އެހެން ނަމަވެސް، އަޅުގަނޑުގެ ސުވާލަކީ، ރައީސް ނަޝީދު އެމް.ޑީ.ޕީ.އާ ގުޅިވަޑައިގަންނަވައިފި ކަމަށްވަންޏާ، ރައީސް ނަޝީދަށް ރައީސް މަރުޙަބާ ދަންނަވާނަންތޯ. ނޫނީވިއްޔާ ރައީސް މިކަމުގައި ކިހިނެއްތޯ ޢަމަލުކުރައްވާނީ.

ދެން އިންތިޚާބާ ގުޅިގެން މިހާރު ރައީސް ފާހަގަކުރައްވައިފީމު ނޫންތޯ، އިންތިޚާބުގައި ރައީސަށް ނާކާމިޔާބުވެވަޑައިގެންނެވި ބައެއް ސަބަބުތައް. ދެން ރައީސް ގަބޫލުފުޅުކުރައްވަންތޯ، އެމް.ޑީ.ޕީ.ގެ ލީޑަރޝިޕްގައި މިހާރު ތިއްބެވި ބައެއް ބޭފުޅުންގެ ސަބަބުން ކަމަށްވެސް ރައީސަށް ނާކާމިޔާބުވެވަޑައިގެންނެވީ.

އަޅުގަނޑުގެ ދެން އޮތް ސުވާލަކަށް މި އޮންނަނީ މިހާރު އާދެ، ރައީސް ދެންމެ ތިޔަ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެއްވުމުގެ ޝައުޤުވެރިކަމެއް އަދި ނެތް ކަމަށް ދޮގެއްތޯ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަދިއެއް ނޫން، އެއްގޮތަކަށްވެސް.

އަޙްމަދު އިޔާދު - ދަ ޕްރެސް:

އެއްގޮތަކަށްވެސް ނެތް ކަމަށް. އެކަމަކު ރައީސްގެ ޝައުޤުވެރިކަން އެބައޮތްތޯއޭ، 2028 ވަނަ އަހަރު މި އޮންނަ އިންތިޚާބުގައި ދެވަނަ ދައުރަކަށް ވާދަކުރެއްވުމުގެ ޝައުޤުވެރިކަން.

ރައީސް ފާހަގަކުރައްވައިފި، ދެން އެމް.ޑީ.ޕީ. ކުރިއެރުވުމަށްޓަކައި ކުރެވެންހުރި މަސައްކަތްތައް ކުރައްވާނެ ކަމަށް. ދެން އެހެންވީމާ، ރައީސް އެކަމުގެ ކުޑަކުޑަ ތަފްޞީލެއްވެސް އަޅުގަނޑުމެންނަށް ދެއްވިއްޔާ ހަމަ ވަރަށް ރަނގަޅު.

އަޅުގަނޑުގެ ދެން އޮތް ސުވާލަކީ، މިހާރު ރައީސް ތިޔަ ވިދާޅުވީ ދޮގެއްތޯ، ދެން ސިޔާސީ ދާއިރާގެ މުސްތަޤްބަލް ދެން ރައީސް ތިޔަ ފާހަގަކުރެއްވީ. ދެން އެކަމަކު އަޅުގަނޑުގެ ސުވާލަކީ، އިތުރު ދާއިރާއަކުން ރައީސް ފެނުން އެކަށީގެންވޭތޯ، ސިޔާސީ ނޫން އެހެން ދާއިރާއަކުން. ޤައުމަށް ހަމަ ފައިދާހުރި ދާއިރާއަކުން. ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ރައީސް ނަޝީދު، އެމް.ޑީ.ޕީ.އާ ގުޅުމާ ދޭތެރޭގައި ވަރަށް ގިނައިން ސުވާލު އެބައާދޭ. 50 ޕަސެންޓް ޤައުމީ މަޖިލީހުގެ ލިބިއްޖިއްޔާ، އެ މަނިކުފާނު ގުޅިވަޑައިގަންނަވާނެ ކަމަށް. އަޅުގަނޑަށްވެސް އެބައޮތް މެސެޖް ކުރައްވާފައި. ތިމަންނާ މިހިރީ ތައްޔާރަށޭ. އަޅުގަނޑު ދަންނަވައިފިން، އެމް.ޑީ.ޕީ. އަށް މެންބަރުން ވަނުމުގައި ކަން ކުރަންވާގޮތް، އުޞޫލު އެބައޮތް.
އެ ކޮންމެހެން ވަކި ގުނަވަނެއްގެ، ވަކިވަރެއްގެ ތާއީދު އޮވެގެން ކުރާ ކަމެއް ނޫން. އަދި ޕާޓީއަށް ވެދެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ބޭފުޅަކު ފޯމު ފުރުއްވާފައި ފޮނުއްވީމާ، ޕާޓީގެ އެތެރޭގައި އެ އޮންނަ އުޞޫލުތަކުގެ ތެރެއިން އެއީ އަޅުގަނޑުމެންގެ ޕާޓީއަށް ވައްދަން ފެންނަ ބޭފުޅެއް ކަމަށް އެ ގުނަވަނަށް ފެނިއްޖިއްޔާ، އެ އޮންނަ އުޞޫލުގެ ތެރެއިން ފެނިއްޖިއްޔާ އެކަން ކުރިއަށްދާނެ.

އަޅުގަނޑު ކޮންމެހެން ރައީސް ނަޝީދަށް ތާއީދުކުރުން އެއީ މިހާރު އަޅުގަނޑު ނިންމާފައި އޮތް ކަމެއްތޯ، ނޫންތޯ. އަޅުގަނޑު އަދި އެއަށް ޖަވާބެއް ނުދެން. އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރާނީ އެމް.ޑީ.ޕީ. އަށް ފައިދާހުރިގޮތަށް. އެމް.ޑީ.ޕީ.ގެ މުސްތަޤްބަލަށް އެންމެ ފައިދާހުރިގޮތަށް. އެއީ ވަކި މީހަކަށް ނޫން އަޅުގަނޑު ތާއީދު ކުރާނީ. އެއީ އަޅުގަނޑުމެން އެންމެން އުފެއްދި ޕާޓީއެއް. އެހެންވީމާ، އެކަން އެގޮތަށް އަޅުގަނޑު ކުރިއަށް ގެންދާނަން.

ތިޔަ ވިދާޅުވާހެން ޤައުމީ މަޖިލީހުގައި އަޅުގަނޑު އިންނަން. ޤައުމީ މަޖިލީހުގެ ރޫޙު ހުރިގޮތް އަޅުގަނޑަށް ފެނޭ. އަޅުގަނޑަށް ދެންނެވިދާނެ، މިހާތަނަށް ގާތްގަނޑަކަށް ނައިންޓީ ނައިން ޕަސެންޓް ހަމަ ނޫނެކޭ ބުނަމުން އަންނަނީ. ބަރުލަމާނީއަށްވެސް ހަމަ ނޫނެކޭ ބުނަމުން އަންނަނީ. އެކަމަކު އެއީ ދެން މަޝްވަރާގެ ތެރެއިން ކުރެވޭނެ ކަންތައްތައް. އެކަމަކު މިހާތަނަށް ޝުޢޫރު ހުރިގޮތް އަޅުގަނޑު މި ދަންނަވާލީ. އަޅުގަނޑު އަދި އެއަކު އެއްޗެއް ނުބުނަން.

އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި އަޅުގަނޑުމެންނަށް ވަރަށްގިނަ މަސައްކަތް ކުރެވުނު. ޕާޓީ އެތެރޭގެ ލީޑަރޝިޕްގެވެސް ވަރަށްގިނަ ބޭފުޅުން ވަރަށްގިނަ މަސައްކަތްތަކެއް ކުރެއްވި. އަޅުގަނޑު އެ ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރަން. ވަކި މީހެއްގެ ސަބަބުންނޭ، ވަކި ބައެއްގެ ސަބަބުންނޭ މިކަން ކުރިމަތިވީ އަޅުގަނޑު ދަންނަވާކަށް ނެތިން. އެއަށްވުރެ މާ ގުޅިގެން، ގިނަ މަސައްކަތްތަކެއް ކުރެވުނުކަން އަޅުގަނޑަށް ފާހަގަކުރެވޭ.

ކޮންމެ ކަމެއްގައިވެސް އޮންނާނެ، އަދި ސިޔާސީ ކަންތަކުގައި ކާމިޔާބާއި ނާކާމިޔާބު. އެއާ އެކީގައި ކުރިއަށް އަޅުގަނޑުމެން ދާންޖެހޭނީ. ރައްޔިތުން ނިންމީމާ ދެން އެ ނިމުނީ. އެއަކަށް ޗެލެންޖް ކޮށްފައި އަދި ކޯޓަކަށް ތަނަކަށް ދާކަށްވެސް އަޅުގަނޑުމެން ނުވިސްނަން. އޭރަކުވެސް ނުވިސްނަން. ދެނެއްވެސް ނުވިސްނަން. އެއީ، މިނިވަން އިންޞާފުވެރި އިންތިޚާބެއް ބޭއްވިއްޖެ ކަމުގެ ހިތްހަމަޖެހުންވެސް އަޅުގަނޑަށް ލިބޭ. އިލެކްޝަނުން އަޅުގަނޑު ހިތުން އެކަން ފާހަގަވެސް ކުރައްވާނެ. ބޭނުންވާ ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުން ސަރުކާރުން އަޅުގަނޑުމެން ދީފައިވާނީ. ރައްޔިތުންނާ ހިސާބަށް އެދިޔައީ މިހާތަނަށް އަޅުގަނޑު ދަންނަވާނީ، ބޭއްވުނު އެންމެ ޞުލްޙަވެރި، އެންމެ އޮމާން އިންތިޚާބަށްވެސް
މި އިންތިޚާބު ވެގެންދާނެއޭ.

އެހެންވީމާ، ކުރިއަށް އޮތް ތަނުގައިވެސް އެމް.ޑީ.ޕީ.ގެ ސިޔާސަތަކީ އެއީ. އަޅުގަނޑު ގައިމުވެސް ދެމިހުންނާނީ އެގޮތަށް. ޤާނޫނީ އިމުގެ ތެރޭގައި، ޞުލްޙަވެރިކަމާ އެކީގައި، ހަމަޖެހުމާ އެކީގައި މި ޤައުމު ދެމިއޮތުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް، އަޅުގަނޑަށް ކުރެވުނުވަރަކުން އަޅުގަނޑު ކުރާނަން.

އަޅުގަނޑަށް ލިބިފައި ހުރި ތަޖުރިބާއަކާއި، އެނގިފައި ހުރި އެއްޗަކާއި، ކުރެވެން ހުރި މަސައްކަތެއް ޤައުމަށްޓަކައި އަޅުގަނޑު ކޮށްދޭނަން މުސްތަޤްބަލުގައި އަދިވެސް. އަދި އިއްޔެވެސް ކެބިނެޓުގައިވެސް ވާހަކަ ދައްކަމުން އަޅުގަނޑު ދެންނެވިން. މި ވޭތުވެދިޔަ 30 އަހަރު އަޅުގަނޑު ކޮންމެ ދުވަހަކު ހޭލާފައި، ވިސްނާ ކަންތައްތަކެއް ހުރެއޭ. އެއީ އޭގެތެރޭގައި ހަމައެކަނި އަޅުގަނޑުގެ ޢާއިލާއަކީ އަޅުގަނޑުގެ އަންހެނުންނާއި ދެ ދަރިން އެކަންޏެއް ނޫން، 30 އަހަރުގެ ތެރޭގައި. ކޮންމެ ދުވަހަކު ކޮންމެވެސް ރައްޔިތެއްގެ، އެތައް ގިނަ ރައްޔިތުންނެއް އަޅުގަނޑާ ގުޅަމުންދޭ އެކި ކަންތައްތަކުގައި. އެކަމަކު މި މަގާމުން ވަކިވުމަށްފަހުގައި އަޅުގަނޑު ހުސްވާނެ ވަރަށް ބޮޑަށް. އެހެންވީމާ، އެއާ ދޭތެރޭގައި އަޅުގަނޑުގެ ރޭވުންތަކެއް ރާވަންޖެހޭނެ. އަދި އަޅުގަނޑު އެކީގައި ރިޓަޔަރ ކޮށްފައި ގޮސް ގޭގައި އިންނަ ހިސާބަކަށް ނުދޭ. ޤައުމަށްޓަކައި ކޮށްދެވޭނެ ކިތަންމެ މަސައްކަތެއް އެބަހުރި. އަޅުގަނޑު އެކަން ކޮށްދިނުމަށްޓަކައި އިރާދަކުރެއްވިއްޔާ ދެމިހުންނާނަން.

އަޙްމަދު އިޔާދު - ދަ ޕްރެސް:

ކޮން ދާއިރާއަކުންތޯ ރައީސް؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑަށް ކޮންޓްރިބިއުޓް ކޮށްދެވޭނެ ވަރަށްގިނަ ދާއިރާތައް އެބަހުރި. އަޅުގަނޑު ދެކޭގޮތުގައި، ނޫސްވެރިކަމުގެ ތެރޭގައިވެސް އުޅެފައި ހުރި މީހެއް އަޅުގަނޑަކީ. ތިޔައިން ބޭފުޅަކު އަޅުގަނޑަށް ކޮލަމެއް ދެއްވައިފިއްޔާ، އަޅުގަނޑު ދޭތެރެއަކުން ލިޔެލާނަން ކޮންމެވެސް އެއްޗެއް. އެކަންވެސް އަޅުގަނޑަށް ކުރެވޭނެ. އަޅުގަނޑަކީ ފޮޓޯވެސް ނަގާ މީހެއް. ކެމެރާ ހިފައިގެން މަގުމަތީގައިވެސް އަޅުގަނޑަށް އުޅެލެވޭނެ އިނގޭތޯ. މިކަހަލަ ކިތަންމެ ކަމެއް. އެކަހަލަ ވޮލަންޓިއަރ ކިތަންމެ ކަމެއް. މާބުރަ މަސައްކަތެއް ނޫން އަޅުގަނޑު ކުރަން ނިންމާފައި އޮތީކީ. އަޅުގަނޑު ހިތުން މިކަހަލަ ކަންތައްތައް ކުރެވޭނެ. ތިޔަބޭފުޅުން ދެއްވަންވާނެ އަޅުގަނޑަށް ކޮލަމެއް އިނގޭތޯ. އަޅުގަނޑު އޭރަށް ކޮންޓްރިބިއުޓް ކުރާނަން އަޅުގަނޑަށް ފެންނަ ޚިޔާލުތައް.

އާދެ، ގަޑިޖެހުނީ ދޮގެއްތޯ. ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. މި ފަސް އަހަރު ދުވަހުގެ ތެރޭގައި ތިޔަބޭފުޅުން ކޮށްދެއްވި ބުރަ މަސައްކަތަށް، ވެދެއްވި އެހީތެރިކަމަށް ފަށްފަށުން އަދިވެސް އެއްފަހަރު އަޅުގަނޑު ޝުކުރު އަދާކުރަން ހުރިހާ ބޭފުޅުންނަށް. ވަރަށް ޗެލެންޖިންގ ސުވާލުތައް ތިޔަބޭފުޅުން އަޅުގަނޑާ ކުރެއްވި. އަޅުގަނޑަށް އެނގިހުރިވަރަކުން، އަޅުގަނޑަށް ދެވެން އޮތް މަޢުލޫމާތުތަކެއް ޙިއްޞާކުރަމުން ގެންދިޔައީ.