بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّدٌ رَّسُولُ ٱللَّهِ صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

ގާފަރު ކައުންސިލްގެ ރައީސް މުބައްޝިރު ޖަލީލް، ނައިބު ރައީސް ޙަނީފް ޒާހިރު، ކައުންސިލް މެންބަރުން، ސްކޫލް ޕްރިންސިޕަލް ޢަބްދުﷲ ޚަލީލް، މުބާރާތުގެ ފަނޑިޔާރުން، ރަށުގެ އެކިއެކި މުއައްސަސާތަކުގެ އިސްވެރިން، ގާފަރުގެ ޚިދުމަތްތެރި އިސް ރަށްވެހިން، ޚާއްޞަކޮށް މި މުބާރާތުގައި ބައިވެރިވި ސްކޫލް ދަރިވަރުންނާއި އަދި އެހެނިހެން ބޭފުޅުން، މި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް، އަޅުގަނޑު މިއަދު މި ރަށަށް ހަވީރު އައުމުން، ގާފަރުގެ އެންމެހައި ލޮބުވެތި ރައްޔިތުން އަޅުގަނޑަށް ވިދާޅުވި މަރުޙަބާއަށް އަދި އަޅުގަނޑާ ދޭތެރޭ އެ ބެހެއްޓެވި މެހްމާންދާރީއަށްޓަކައި ކައުންސިލުގެ އެންމެހައި މެންބަރުންނަށާއި އަދި ޚާއްޞަކޮށް، ގާފަރުގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، އެނގިވަޑައިގަންނަވާނެ، ޤުރްއާން މުބާރާތެއް، ޤުރްއާން ކިޔެވުމުގެ މުބާރާތެއް ބޭއްވުމަކީ ކިހާ މުހިންމު، ކިހާ މާތް ކަމެއްކަން. ކައުންސިލުން އިސްނަގައިގެން މިފަދަ ކަމެއް ކުރެއްވިކަމީ، އަޅުގަނޑު ގަބޫލުކުރަނީ އޭގައި ވަރަށް ގިނަ ބޭނުންތަކެއް، ވަރަށް މާތް މަޤްޞަދުތަކެއް ވާނޭ ކަމެއް. އެނގިވަޑައިގަންނަވާނެ، މި މުބާރާތުގެ ފަނޑިޔާރުންގެ ފަރާތުން
ވާހަކަ ދެއްކެވި ޢަބްދުލްޢަޒީޒް އިބްރާހީމްވެސް ވިދާޅުވެއްޖެ، ގިނަ ކަންތައްތަކެއްގެ ވާހަކަ. ޚާއްޞަކޮށް ތުއްތުއިރު، ޅަފަތުގައި، ކުދިންގެ ހިތްތަކުގައި ޤުރްއާން ކިޔެވުމަށް ލޯބި ޖައްސަންޖެހޭނެ. އަދި ހަމަ އެއާއެކު، ތަޖުވީދުގެ މަގުން، ރިވެތިކޮށް ރަނގަޅަށް ކިޔެވުމަކީ އެއީ، ވަރަށް މުހިންމު ކަމެއް. ހަމައެއާއެކު، ޤުރްއާން ކިޔަވާއިރު، ޤުރްއާނުގެ މާނަ ދަސްކުރުމަކީ އެއީ، ވަރަށް މުހިންމު ކަމެއް.

އާދެ، އެހެންގޮތަކަށް ދަންނަވާ ކަމަށްވަންޏާ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން. އަޅުގަނޑުމެން ސައްތައިންސައްތަ މުސްލިމުންގެ ގޮތުގައި ތިބޭ ބަޔަކު، ޢަރަބިބަސް ދަސްކުރުން އެއީ ވަރަށް މުހިންމު ކަމެކޭ. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ މުޅި ރާއްޖެ، މުޅި ޤައުމުގެ ހަމަ ހުރިހާ އެންމެންނަށްވެސް އިނގިރޭސިބަސް ވަރަށް ބޮޑަށް އެނގޭ މިހާރު. އުމުރުން ދުވަސްވީ ފަރާތްތަކަށްވެސް ހަމަ ކޮންމެވެސްވަރަކަށް އެނގޭ. ވާހަކަ ދައްކާލަން ނޭނގޭ މީހެއް ހަމަ މަދުވާނެ. އެއީ އެކަމަށް ދެވޭ ޝައުޤުވެރިކަން، އެކަމުގެ ބޭނުންތެރިކަންވެސް އޮތްވަރުން، އެގޮތަށް ބަސްތައް ދަސްވަނީ.

އަޅުގަނޑު ދަންނަވާލަން މިއުޅެނީ، ކުރިއަށް އޮތް ދުވަސްތަކުގައި، އަޅުގަނޑުމެންގެ މާޙައުލު ބަދަލުވެގެންދާއިރު، އަޅުގަނޑުމެންގެ މަސައްކަތާއި، އަޅުގަނޑުމެންނާ ގުޅިފައި އޮންނަ ޤައުމުތަކާއި، ވިޔަފާރީގެ ގޮތުންނާއި، އަދި ކިޔެވުމުގެ ދާއިރާގައިވެސް ކުރިއަށް އޮތް ދުވަސްތަކަށް ވިސްނާލާއިރު، ޢަރަބިބަހުން ވާހަކަ ދައްކަން އެނގިއްޖެ ކަމަށްވަންޏާ، އޭގެ އެތައް ފައިދާތަކެއް އަޅުގަނޑުމެންނަށް ހުރި. އަޅުގަނޑުމެންގެ އުޚުރަވީ ޙަޔާތަށްޓަކައި އަޅުގަނޑުމެންނަށް ލިބެން އޮތް ފައިދާ އަދި މާބޮޑު. އެހެންވީމާ، އަޅުގަނޑު ހިތަށްއެރީ މިފަދަ ވާހަކައެއް ދަންނަވާލުމަކީ ހަމަ ވަރަށް މުހިންމު ކަމެކޭ.

އަޅުގަނޑު ވަރަށް އުފާވި، ޚާއްޞަކޮށް ޤުރްއާން މުބާރާތެއްގެ ނަތީޖާ ފާޅުކުރާ ޙަފްލާއަކަށް އަޅުގަނޑަށް ދަޢުވަތު ދެއްވީތީ. އެއީ، އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް. ދެންމެ ގޮނޑީގައި އިންއިރު އަޅުގަނޑަށް ކުޑަކޮށް އޮޅޭގޮތްވެސްވި. މިއީ އަޅުގަނޑުމެން މީގެ ފަސްވަރަކަށް އަހަރު ކުރިން، މި ބޭއްވި ކަންތައްތަކުގެ ތެރޭގައިތޯއޭ އަޅުގަނޑަށް މި ހުރެވެނީވެސް، އެކަހަލަ އިޙްސާސްތައްވެސް އަޅުގަނޑަށް ކުރެވުނު. އަދި ޚާއްޞަކޮށް، ކައުންސިލްގެ ރައީސްގެ ވާހަކަފުޅުގައި، އަޅުގަނޑާ ގުޅޭގޮތުން ވަރަށް ގިނަ ވާހަކަތަކެއް ދައްކަވައިފި. ކައުންސިލް ރައީސްގެ ވާހަކަފުޅުގައި އަޅުގަނޑުގެ ވާހަކަތައްހެން އަޅުގަނޑަށް ހީވަނީ މުޅިންހެން ދެއްކެވީ.

އެހެންނަމަވެސް، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، މުބައްޝިރުގެ ވާހަކައިގައި އެ ފާހަގަކުރެއްވި ކަންތައްތަކާ އެކީގައި އަޅުގަނޑު ގަބޫލުކުރަނީ، މިހާރުވެސް ރަށުގެ ކުރިއެރުމަށާއި، ރަށުގެ ތަރައްޤީއަށްޓަކައި ގިނަ ކަންތައްތަކެއް ކުރެވެމުންދާއިރު، މިކަމަކީ މިއީ ހުއްޓާލައިގެން ވާންއޮތް ކަމެއް ކަމަކަށް އަޅުގަނޑު ގަބޫލެއްނުކުރަމޭ.

އެނގިވަޑައިގަންނަވާނެ، މިހާރު ހިނގަމުންމިދާ ފަސް އަހަރުގެ ކުރިން ނިމިގެންދިޔަ ފަސް އަހަރުގައި، އަޅުގަނޑަށް އުޅެވުނީ ތިޔަބޭފުޅުންނާ އެކީގައި. އަޅުގަނޑުގެ އެކުވެރިންނަށްވީ ތިޔަބޭފުޅުން. އަޅުގަނޑުގެ ގާތް މީހުންނަށްވީ ތިޔަބޭފުޅުން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުގެ ގާތްތިމާގެ މީހުނަށްވެސްވީ ތިޔަބޭފުޅުން. ތިޔަބޭފުޅުން އަޅުގަނޑާ ދޭތެރޭގައި، އެ ފަސް އަހަރު، އަދި އޭގެ ފަހުންވެސް އެ ބެހެއްޓެވި އޯގާތެރިކަން، އެ ބެހެއްޓެވި ގާތްކަން، ރަށު މީހެއްގެ ގޮތުގައި އެ ދެކެވަޑައިގަތުން އެއީ، އަޅުގަނޑުގެ ހިތުގައި މިއަދުވެސް ހަމަ އެ ކަންތައްތައް، އެ އިޙްސާސްތައް ހުރުމުގެ ސަބަބު.

ތިޔަބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ކައުންސިލްގެ ރައީސާ އަޅުގަނޑަށް ވަރަށް ގިނައިން ވާހަކަ ދެއްކޭ. އަދި ވަކިން ޚާއްޞަކޮށް، ސްކޫލް ޕްރިންސިޕަލް ޚަލީލާވެސް އަޅުގަނޑަށް ވަރަށް ގިނައިން ވާހަކަ ދެކެވޭ. އަޅުގަނޑުމެން މިއަދު ގިނަ ކަންތައްތަކަކަށް ވިސްނަންޖެހޭ.

އެނގިވަޑައިގަންނަވާނެ، ޤައުމުގެ ކަންތައްތައް އޮތީ ކުރިން އޮތް ގޮތަކަށް ނޫން. މުޅިން ބަދަލުވަމުން މިދަނީ. އެއްކަމެއް އަޅުގަނޑު ފާހަގަކުރާނަން. މި ހުރިހާ ކަމެއް ބަދަލުވަމުންދާއިރުވެސް، ގާފަރު ރައްޔިތުން އަބަދުވެސް ދައްކަވާ ނަމޫނާ އަޅުގަނޑު ފާހަގަކުރަން ބޭނުން. އެނގިވަޑައިގަންނަވާނެ، މިއީ އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ފަސް އަހަރަކުން އެއްފަހަރު އަންނަ ވޯޓާ ގުޅޭ ރިޔާސީ އިންތިޚާބެއްގެ ސީޒަން. އެންމެ ބޮޑަށް ކެމްޕެއިނެއްގެ ކަންތައްތައް، ވާދަވެރިކަން އެންމެ ބޮޑުވެގެންދާ ވަގުތުތައް މިހާރު އަޅުގަނޑުމެން ގުނަމުން މިދަނީ. ގާފަރަށްވެސް ހަމަ ހުރިހާ ފަރާތްތަކަކުން ވަޑައިގަންނަވާ. ހަމަ އެހެން ތަންތަނަށް ވަޑައިގަންނަވާ ގޮތަށް ހުރިހާ ކެންޑިޑޭޓުން، ހުރިހާ ޕާޓީތަކަކުން ވަޑައިގަންނަވާ.

އެކަމަކު ފެނިގެންދާ މަންޒަރަކީ، ހުރިހާ ކަމެއްގެ ތެރެއިންވެސް ޞުލްޙައަށް، އެކުވެރިކަމަށް، އެ ގުޅުން ބޭއްވުމަށް، އެހެނިހެން އެންމެންނަށް އެ އިޙްތިރާމް އަދާކުރެއްވުމަށް އަބަދުވެސް ތިޔަބޭފުޅުން އެ ދެއްވާ ސަމާލުކަން. އެއްވެސްކަހަލަ ހަމަނުޖެހުމެއް، ކަމެއް ހިނގާފައި އޮތްތޯ އަޅުގަނޑު ދިޔައީ ބަލަމުން. އަޅުގަނޑު ކައުންސިލް ރައީސް އަރިހުން ބަލަމުންދިޔަ ކަމެއް އެއީ. އެންމެ ފުރަތަމަ ފެށިގެން އައިސް މިއަދާ ހަމައަށް އައިއިރުވެސް، އަޅުގަނޑު އެހިން އެއްވެސް ކަމެއް ހިނގިތޯ. އަޅުގަނޑަށް އެނގޭ ރަނގަޅަށްކަން އޮތީ. އެހެންނަމަވެސް، އަޅުގަނޑު ޔަޤީންކުރަން ބޭނުންވީ، އަޅުގަނޑު ވާހަކައެއް ދައްކާއިރު. އެހެންވީމާ، އަޅުގަނޑަށް ހީވަނީ އެއީ ތިޔަބޭފުޅުންގެ އަޚްލާޤުހެން. ޤުރްއާނުންވެސް އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ދަސްވާ، އަޅުގަނޑުމެންނަށް اللهُ سُبْحَانَهُ وَتَعَالَى އަންގަވާފައިވާ، އެންމެ ބޮޑަށް އަމުރު ކުރައްވާފައިވާ ކަމަކީ، ރިވެތި އަޚްލާޤު އާލާކުރުން. މުޅި ޤުރްއާނުން ދަސްވަނީ ރިވެތި އަޚްލާޤު.

އެހެންވީމާ، ތިޔަބޭފުޅުން އެ ދައްކަވާ ރިވެތި އަޚްލާޤަށްޓަކައި މިއަދު އަޅުގަނޑު ބޭނުންވޭ، ތިޔަބޭފުޅުންގެ ކުރީގެ މަޖިލިސް މެންބަރުކަން ކުރި މީހެއްގެ ގޮތުން ޚާއްޞަކޮށް، ދެން މިއަދު ނިމެމުންދިޔަ ނަމަވެސް، ބާކީ ދުވަސްކޮޅެއް އޮތް ނަމަވެސް އަދި ރާއްޖޭގެ ނައިބު ރައީސް ކަމުގައި ހުރެގެންވެސް އަޅުގަނޑު ހަމަ ބޭނުންވޭ، ދެން އެކުވެރިއެއް، އަބަދުވެސް ހެޔޮއެދޭ މީހެއް، އެކުވެރިއެއްގެ ގޮތުގައި ހުންނަން. އެ މަގާމަކީ އެއީ އަނެއްކާވެސް އަޅުގަނޑަށް ގެއްލޭނެ މަގާމެއްވެސް ނޫން. ގާފަރުގެ ރައްޔިތުންނާއި ފައިޞަލް ނަސީމާ ދެމެދު އޮންނަ ގުޅުން، އިރާދަކުރެއްވިއްޔާ، އެއީ އަބަދުވެސް އޮންނާނެ ކަމެއް. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު ހިތަށްއެރީ މި ހުރިހާ ހައިސިއްޔަތުތަކަކުން ހަމަ އަޅުގަނޑުގެ ހިތުގައި އޮތް އިޚްލާޞްތެރި ޝުކުރު ތިޔަބޭފުޅުންނަށް އަޅުގަނޑު ދަންނަވާނަމޭ. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ، އަޅުގަނޑު މިހާރުވެސް މި ދެންނެވި ގޮތަށް، ބަދަލުވެގެންމިދާ ދުނިޔޭގައި، ޤައުމުގެ ކަންތައްތައް ބަދަލުވެގެންދާއިރު، އަޅުގަނޑުމެން ވިސްނަންވީ އަޅުގަނޑުމެންގެ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް. މަސައްކަތެއް ދަސްކޮށްދިނުމަށް. ރަނގަޅަށް ތަޢުލީމު އުނގަންނައިދިނުމަށް. އެ ކަންތައްތައް މި ކުރެވެނީ، ސްކޫލުންނާއި، ގޭތެރެއިންނާއި، އަދި އެނޫން ގޮތްގޮތުން. ހަމައެކަނި ސްކޫލާއި ގޭތެރޭގައި އެކަންޏެއް ނޫން ކުދިން ތިބެނީ. ތަފާތު އެކި ކަންތައްތަކުގައި، ތަފާތު އެކި ހަރަކާތްތަކުގައި، ތަފާތު އެކި ކުޅިވަރުތަކުގައި، ތަފާތު އެކި މުބާރާތްތަކުގައި، ރައްޓެހިންނާއެކު ޕާކްތަކަށް، ބަނދަރު މައްޗަށް، އެކި ތަންތަނަށް ކުދިން ދާނެ. މުޅި މުޖުތަމަޢުން ވިސްނަން އެބަޖެހޭ.

ސްކޫލް ނިންމާފައި ނުކުންނަ ކޮންމެ ދަރިވަރަކީ، މަންމައާއި ބައްޕަ އެ އެދޭފަދަ، އުންމީދު ކުރިފަދަ ރަނގަޅު ކުއްޖަކަށްވާން އެބަޖެހޭ. އެ މަސައްކަތް ކުރެވެން އޮތީ، އަޅުގަނޑު މި ދެންނެވި ގޮތަށް ސްކޫލްތެރެއިންނާއި، ގޭތެރެއިންނާއި، އަދި މުޅި މުޖުތަމަޢު އެކަމުގައި ޝާމިލްވެ، ގަދައަޅައި މަސައްކަތްކޮށްގެން.

އަޅުގަނޑު މިއަދު ތިޔަބޭފުޅުންނަށް ދަންނަވަން ބޭނުން، ޚާއްޞަކޮށް އަންހެން ބޭފުޅުން، މި ޖަލްސާއަށް ގިނަ ޢަދަދަކަށް ވަޑައިގެން އެބަ ތިއްބެވި. މިކަމަށް ފުންކޮށް ވިސްނަވާށޭ. ކުދިންނަށް އަންނަ ބަދަލުތަކަކީ އެއީ، އެންމެ ދުވަހަކުން އަންނަ ބަދަލެއް ނޫން. ގިނަ ދުވަސްތަކަކުން، ކުއްޖާއަށް އެ އަންނަ ބަދަލެއް އަންނަނީ. ސްކޫލް ނިންމާ ކޮންމެ ކުއްޖަކީ، ޤައުމަށް ފައިދާހުރި، ރަށަށް ބޭނުންތެރި، ޚިދުމަތްތެރި، އަޚްލާޤު ރަނގަޅު، އެހެން މީހުނަށް ޤަދަރުކުރާ، އިޙްތިރާމުކުރާ، އަމިއްލަ ޒިންމާ ނަގައިގެން އަމިއްލަ ފައިމައްޗަށް ތެދުވަން ގަދައަޅައި މަސައްކަތް ކުރާނެ ފަދަ ކުއްޖަކަށް ހެދުމުގެ އެ ޢަޒުމް އިތުރަށް ވަރުގަދަކޮށް، އެ މަސައްކަތްތައް ކުރަން އެބަޖެހޭ.

އަޅުގަނޑު މިހެން މި ދެންނެވީ، މި އަންނަ ބަދަލުތަކާއެކު، އެހާ ފަސޭހަފަސޭހަ ދުވަސްތަކެއް ނޫން އަޅުގަނޑުމެން މި ވޭތުކުރަނީކީ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ވޭތުވެދިޔަ އަހަރުތަކުގެ ދުވަސްތަކުގެ ތެރޭގައިވެސް ތަފާތު އެކި ކަންތައްތައް އަޅުގަނޑުމެންނަށް ކުރިމަތިވެއްޖެ. އަޅުގަނޑުމެން ހީނުކުރާކަހަލަ ކަންތައްތައް. އަޅުގަނޑުމެންނަކަށް ނޭނގެ، މާދަމާ ކަންތައްތައް ވެދާނެގޮތެއް. އެއީ އިންސާނަކަށް ބުނަން އެނގޭ ކަމެއްނޫން. އަޅުގަނޑުމެންނަށް އެނގެނީ ހަމަ ކަމެއްވުމުން. އެހެންވީމާ، ކޯވިޑް-19 ވެސް އަޅުގަނޑުމެންނާ ހަމައަށް އައީ. އެއިންވެސް އަޅުގަނޑުމެންގެ ޤައުމަށް، އަޅުގަނޑުމެންނަށް އެތައް ފިލާވަޅެއް ލިބުނުއިރު، އެކި ގޮތްގޮތުން އެތައް ގިނަގުނަ ގެއްލުންތަކެއް ތަޢުލީމީ ދާއިރާއަށް، ޞިއްޙީ ގޮތުން އަޅުގަނޑުމެންނަށް ކުރިމަތިވި ގޮންޖެހުންތައް، ވިޔަފާރިތަކަށް އެކި ގޮތްގޮތުން ލިބިގެންދިޔަ ގެއްލުންތައް، ވަޒީފާތައް، މި ހުރިހާ ކަމަކުން އަޅުގަނޑުމެން ދުރާލާ ވިސްނައި، ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެންނަށް ދިމާވާ މި ބާވަތުގެ ކަންތައްތަކަށް އަޅުގަނޑުމެން އިތުރަށް ތައްޔާރުވާން އެބަޖެހޭ. އެއީ، މާދަމާގެ ޖީލު. މިއަދު އަޅުގަނޑުމެން މި ބިނާކުރާ ދަރިން، ދަރިވަރުން. އެހެންވީމާ، އެ މަސައްކަތް ކުރަންވީ.

ކޮންމެވެސް ދާއިރާއަކުން މަސައްކަތްތެރި ކުއްޖަކަށް ކުއްޖާ ހެދުމުގެ ޢަޒުމް ވަރުގަދަކޮށް، ހަމަ ސީދާ ޓާގެޓް ކުރަންވީ. އެއީ، އިންޖިނިއަރިންގ ދާއިރާވިޔަސް، ޑޮކްޓަރީ ދާއިރާވިޔަސް، ނަރުސްކަމުގެ ދާއިރާއަށްވިޔަސް، ޓީޗިންގ ދާއިރާވިޔަސް، އަދި ޓެކްނިކަލް އެހެނިހެން ދާއިރާތަކަށްވިޔަސް، ކޮންމެވެސް ކަމަކަށް ކުއްޖާ ތައްޔާރުކުރަން. ވަށައިގެން މިހުރީ ރިޒޯޓުތައް. މިހާރު މާލެއަތޮޅުގައި މާގިނަވެއްޖެ. އަޅުގަނޑަށް ހީވަނީ، ކުރީގައި އަޞްލު ރަށްރަށުގެ ގޮތުގައި ހުރި ރަށްތަކަށްވުރެ މިހާރު ހިއްކައިގެން، ހަދާފައި ހުރި ރިޒޯޓުތައްވެސް މަދެއްނޫންހެން. ބޮޑެތި އާމްދަނީ ލިބޭފަދަ މަގާމުތައް އެބަހުރި. އަޅުގަނޑުމެން މި ކަންތައްތަކަށް ވިސްނައި، ޚާއްޞަކޮށް ސްކޫލްތެރެއިން މިކަމަށް އިތުރު ސަމާލުކަމެއް ދޭންޖެހޭ.

އާދެ، އެނގިވަޑައިގަންނަވާނެ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން. ސޯޝަލް ކައުންސިލް ބެލެހެއްޓުމުގެ ޒިންމާ، ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވާފައި އޮތީ އަޅުގަނޑާ. އޭގެ ދަށުން އެޑިޔުކޭޝަން މިނިސްޓްރީ އަދި ހެލްތު މިނިސްޓްރީގެ ކަންތައްތައްވެސް ބެލެހެއްޓިގެން ދަނީ. އަޅުގަނޑުމެން މި ވޭތުވެދިޔަ އަހަރުތަކުގައި ހަމަ ވަރަށްބޮޑު ސަމާލުކަމެއް ދިނިން، ޚާއްޞަކޮށް ދީނީ ކަންތައްތަކަށް. ޤުރްއާން މުބާރާތްތައް ބޭއްވުމާއި، އަދި އެ ނޫން ގޮތްގޮތުންވެސް ބޭރުގައި ތިބޭ ދަރިވަރުންނަށް އުނގަންނައިދިނުމާއި، އޮންލައިންކޮށް އުނގަންނައިދިނުމުގެ ކަންތައްތަކަށްވެސް. އަދި ކޯވިޑް-19ގެ އެ ދަތި އުނދަގުލުގެ ތެރޭގައިވެސް އަޅުގަނޑުމެން ހަމަ ވަރަށް ގިނަ މަސައްކަތްތަކެއް ކުރިން. އަދި އެނގިވަޑައިގަންނަވާނެ، އިޙްޔާ ފޯރަމްތަކާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކާއި، ވަރަށް ގިނަ ކަންތައްތައް އަޅުގަނޑުމެން ކުރިން. ދެން އަޅުގަނޑު އެހެން މި ދެންނެވީ އަޅުގަނޑު އެކަން ކުރުމުގައި ބައިވެރިވި މީހަކަށްވީތީވެ، އަޅުގަނޑަށް އެކަމުގެ ހަމަ ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅަށް އެނގޭތީ.

ހަމައެއާއެކު، ސްކޫލްތެރެއިން އެކިއެކި މަސައްކަތްތައް ދަސްކޮށްދިނުމުގެ މަސައްކަތްތަކަކީ، ކުރިއްސުރެ ފެށިގެންވެސް ހަމަ ކުރަމުން އަންނަ ކަންތައްތައް. އެތައް އަހަރެއްވީ ކަންތައްތައް. އެހެންނަމަވެސް، އަޅުގަނޑުމެން ފުޅާ ދާއިރާއެއްގައި އެ ކަންތައްތައް ފެށުމަށް ވޭތުވެދިޔަ ދުވަސްތަކުގައި ގިނަ ކަންތައްތަކެއް ކުރެވި، އަދި މިހާރުވެސް ރޭވިގެން ގިނަ ކަންތައްތަކެއް ކުރިއަށް އެބަދޭ. ޕްރިންސިޕަލަށް އެނގިވަޑައިގަންނަވާނެ ވަރަށް ބޮޑަށް ތަފްޞީލް. އެ ކަންތައްތަކުގެ ފައިދާ، އަޅުގަނޑު ކުރީގައި މި ދެންނެވި ކަންތައްތައް، އެކި ކަންކަން ކުދިންނަށް ދަސްކޮށްދިނުން. އެހެންވީމާ، އަޅުގަނޑު ހަމަ ހިތަށްއެރީ، މިފަދަ ކަމެއް، ޚާއްޞަކޮށް ޤުރްއާން މުބާރާތެއްގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާގައި އަޅުގަނޑު ހަމަ ދަންނަވާލަންޖެހޭނެއޭ.

އެހެންނަމަވެސް، އަޅުގަނޑުވެސް ގަބޫލުކުރަނީ، ދީނީ ކަންތައްތަކަށް އަޅުގަނޑުމެން ދޭ ސަމާލުކަން ހަމަ އިތުރުކުރަންޖެހޭނެ ކަމަށް. އެއީ، ނިމުމެއް ނެތް ކަމެއް. ސަމާލުކަން އިތުރުކުރަން އެބަޖެހޭ. ތަޢުލީމު ހަރުދަނާކުރުމާއި ފުޅާކުރުމުގެ ކަންތައްތަކުގައި ދުވަހެއް ދުވަހަކަށް، އެއް އަހަރަށްފަހު ޖެހިގެން އަންނަ އަހަރު އަޅުގަނޑުމެން ކުރަން ހުންނަ ކަންތައްތައް އަބަދުވެސް އަދި މާގިނަވޭ. މާގިނަ ކަންތައްތައްވެސް އަޅުގަނޑުމެންނަށް ދަސްވޭ. ކަންތައްތަކަކީ ބަދަލުވެގެންދާ ކަންތައްތައް. އެހެންވީމާ، މިއީކީ އަދި ނިމުމެއް އޮތް ކަމެއްވެސް ނޫން. އެހެންވީމާ، އަޅުގަނޑު ހިތަށްއެރީ މި ވާހަކަ ހަމަ ދަންނަވާލާނަމޭ.

ކުރީގައިވެސް މި ދެންނެވި ގޮތަށް، އަޅުގަނޑަކަށް ނޭނގެ، ބާކީ މިހާރު ކިތައް ދުވަސް ކަމެއް. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑަށް ބާކީ އޮތީ މިހާރު ކިތައް ދުވަސްކަންވެސް. ނޮވެންބަރު 11 ދޮގެއްތޯ ޚަލީލު. ނޮވެންބަރު 11 އާ ހަމައަށް ނިމޭނެ.

އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުން. އަޅުގަނޑުމެންގެ ދިވެހި ރައްޔިތަކަށް، ނުވަތަ އަޅުގަނޑުމެންނަށް ލިބޭނެ އުފަލަކަށް، ހިތްހަމަޖެހުމަކަށް، ފަޚުރަކަށްވޭ، ޤައުމަށްޓަކައި ކަމެއް ކޮށްދިނުން. ޤައުމަށް ޚިދުމަތެއް ކޮށްދިނުން އެއީ، ތިމާގެ ޤައުމަށް، ތިމާގެ ރަށަށް ކޮށްދޭ ކަންތައް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ. ޤައުމެއް ކުރިއަރައިދަނީ، ޤައުމަކަށް ކުރިއެރުން އަންނަނީ، ހަމަޖެހުން ޤާއިމުވަނީ، އަމާންކަން ޤާއިމުކުރެވެނީ، ވަރަށް ގިނަ ބައެއްގެ މަސައްކަތުން. އެއީކީ އަދި ހަމައެކަނި ވެރިކަމުގައި ތިބޭ ފަރާތްތަކުން، އެވަގުތަކު އޮންނަ ސަރުކާރަކުން އަދި ކިތަންމެ ގިނަ ފުލުހުންނާއި ސިފައިން ނޫނީ އެކިއެކި ފަރާތްތައް ތިބެގެނެއް ނޫން. އަދި މުއައްސަސާތައް ހުރެގެނެއްވެސް ނޫން. އެހެނެއްނޫން. މުޅި ޤައުމުގެ ހުރިހާ ރައްޔިތުން ޤައުމު ދެކެވާ ލޯބިން، ތިމާގެ ޤައުމަށް ހެޔޮއެދޭ މިންވަރުން، ޤައުމެއްގެ ހަމަޖެހުން ޤާއިމުކުރެވެނީ. އަމާންކަން ޤާއިމުކުރެވެނީ. ޤައުމުތައް ކުރިއަރައި ގޮސްފައި ހުރީ އެގޮތަށް. ކުދިކުދި ޤައުމުތައް، އެއްވެސްކަހަލަ ވަސީލަތްތަކެއް ނެތް ޤައުމުތައް ދުނިޔޭގައި ކުރިއަރައިގެން ގޮސްފައި އެބަހުރި. ރިޒަރވްގައި ބިލިއަން، ބިލިއަން އެބަހުރި. އެކަން ކުރެވޭނީ މި ދެންނެވި ގޮތަށް އެންމެން މަސައްކަތް ކޮށްގެން.

ތިޔަބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން އޮތީ، ނައިބު ރައީސްކަމުގެ މަގާމުގައި އަޅުގަނޑު ނެތަސް، ދިވެހި ޤައުމުދެކެ އަޅުގަނޑުވާ ލޯބި ދުވަހެއް ދުވަހަކަށް އިތުރުވެގެންދާނޭ ވާހަކަ. އިރާދަކުރެއްވިއްޔާ. ދިވެހި ރައްޔިތުންނަށް ހެޔޮއެދޭ މިންވަރު، ދުވަހެއް ދުވަހަކަށް އިތުރުވެގެންދާނީ. އެކަމަކަށް ނިމުމެއް ނާންނާނެ. އަޅުގަނޑު އެވަގުތަކު ކޮންމެ ދިމާއެއްގައި ހުއްޓަސް، އިރާދަކުރެއްވިއްޔާ އަޅުގަނޑު ވާނީ ގާފަރު ރައްޔިތުންނާއެކު. އަޅުގަނޑު ވާނީ ކާށިދޫ ރައްޔިތުންނާއެކު. އަޅުގަނޑު ވާނީ ދިވެހި ރައްޔިތުންނާއެކު. އަޅުގަނޑަށް އެވަގުތަކު ކުރެވެން އޮތް ކޮންމެ ކަމެއް، ޚާއްޞަކޮށް އަޅުގަނޑުމެންގެ ތެރޭގައި ހުރި އިޖުތިމާޢީ ކަންތައްތައް ރަނގަޅު ކުރުމަކީ އެއީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުގެވެސް ޒިންމާ. ތިޔަބޭފުޅުންގެވެސް ޒިންމާ. އެހެންވީމާ، އެ މަސައްކަތްތައް ކުރުމަށްޓަކައި އަޅުގަނޑު ހަމަ ހުންނާނެ ވާހަކަވެސް ދަންނަވާލަން ބޭނުން.

އަޅުގަނޑަށް ވަރަށް ގިނަ ރަށްރަށަށް ދެވިއްޖެ. މި މަގާމަށް އަޅުގަނޑު އައިފަހުންވެސް އަޅުގަނޑަށް ދެވިއްޖެ. ގާފަރު، ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު ކަމުގައި ހުރިއިރުވެސް އުތުރާއި ދެކުނުގެ ވަރަށްގިނަ ރަށްތަކަށްވެސް އަޅުގަނޑަށް ދެވުނު. މި ރަށުގެ، ކާށިދޫގެ މެންބަރެއްގެ ގޮތުގައިވެސް އަޅުގަނޑު ދިޔައިން. މިއަދު މާގިނަ ރަށްތަކަށް އަޅުގަނޑަށް ދެވިއްޖެ. އަޅުގަނޑަށް ފެނުނީ، ދިވެހި ރައްޔިތުންނަކީ ކުރިއެރުން ބޭނުންވާ، ދަރިންދެކެ ލޯބިވާ، ދަރިންނަށް ހެޔޮއެދޭ، ރަނގަޅު މުސްތަޤްބަލެއް ހޯދައިދޭން ބޭނުންވާ ބަޔެއްކަން. އަޅުގަނޑަށް ފެނިގެންދިޔައީ އެ މަންޒަރު. އެހެންނަމަވެސް، އެކަން މި ކުރެވެނީ، އަޅުގަނޑު މި ދެންނެވި ގޮތަށް، ވެރިންނާއި، ރަށުގެ ރައްޔިތުންނާއި، މުދައްރިސުންނާއި، މި ހުރިހާ އެންމެން ގުޅިގެން ކުރާ މަސައްކަތްތަކުން. އެހެންވީމާ، އަޅުގަނޑު ހަމަ ހިތަށްއެރީ އެ ވާހަކަ ތިޔަބޭފުޅުންނަށް ދަންނަވާލާނަމޭ.

ދެން އަޅުގަނޑު ހަމަ ނިންމާލުމުގެ ކުރިންވެސް ދަންނަވާލަން އޮތީ، ކޮންމެފަދަ ޙާލަތެއްގައިވެސް، ކޮންމެފަދަ ވާދަވެރިކަމެއްގެ ތެރޭގައިވެސް ކޮންމެ މީހަކަށްވެސް ރަށް ރަށަށް ދެވޭނެއޭ. މިއީ އެންމެންގެވެސް ޤައުމު. ކޮންމެ ރަށަކަށް ދެވުމުގެ އެ ޙައްޤު ޤާނޫނުއަސާސީން ކަނޑައެޅިގެން ލިބިފައި އެބައޮވޭ. ކޮންމެ މީހަކަށް، ކޮންމެ ރަށަކަށްވެސް ދެވޭނެ. އެހެންވީމާ، އަޅުގަނޑުމެން އަބަދުވެސް ބަލަންވާނީ، ސިޔާސީގޮތުން، ނޫނީ އަޅުގަނޑުމެންގެ ފިކުރު އޮންނަ ގޮތަކުން، އަޅުގަނޑުމެންގެ ތާއީދު އަދި ނެތް މީހަކަށް މީހާވީނަމަވެސް، އިޙްތިރާމާއެކު، އެމީހަކު ބަލައިގަތުމަށް. އެ މީހަކަށް މަރުޙަބާ ކިޔުމަށް. އިސްލާމްދީނުގެ އެންމެ ރިވެތި ގޮތް އެއީ. މުސްލިމަކަށްވީތީ، އިންސާނަކަށްވީތީ، އެ މީހަކަށް ރިވެތިކޮށް މަރުޙަބާ ކިޔުމަކީ އެއީ، އަޅުގަނޑުމެން އަބަދުވެސް ކޮންމެފަދަ ވާދަވެރިކަމެއްގެ ތެރޭގައި އުޅުނުކަމަށްވިޔަސް، ކޮންމެ ރަށެއްގައިވެސް އަޅުގަނޑުމެން ކުރަންޖެހޭނެ ކަންތައްތައް.

ތިޔަބޭފުޅުން އެ ނަމޫނާ ދައްކަވައިދެއްވައިފި. އަޅުގަނޑަށް ދެވުނު ރަށްތަކުން ހަމަގައިމުވެސް އަޅުގަނޑަށް ފެނުނީ ހަމަ ރިވެތި މަންޒަރުތައް. އެހެންވީމާ، އަޅުގަނޑު ހިތަށްއެރީ، ނެތިގެންދާ ކަންތައްތައް އަޅުގަނޑުމެން އިޢާދަކުރަން ޖެހޭނެއޭ. އަޅުގަނޑުމެންގެ ހުރި ރިވެތި އާދަކާދަތަކާއި، ޘަޤާފަތުގެ ތެރެއިން އަޅުގަނޑުމެންގެ ކާބަފައިން، އަޅުގަނޑުމެންނާ ޤައުމު ހަވާލުކުރިއިރު، މިނިވަންކަމާއެކު މި ޤައުމު ހަވާލުކުރިއިރު، ވަރަށް ރިވެތި ކަންތައްތަކެއް އޭގެތެރޭގައި ހުރި. އެ ކަންތައްތައް އަޅުގަނޑުމެން ހިފަހައްޓަންވާނެ. ކޮންމެ ފަދަ ވާދަވެރިކަމެއް އޮތަސް، ވަކި ކަމެއް ކިތަންމެ ބޮޑަކަށް ބޭނުންވިނަމަވެސް. އަޅުގަނޑަށް މިއަދު ފެނުނީ އެ މަންޒަރު. މި ދެންނެވި ގޮތަށް، ސީޒަންގެ އެންމެ ހަލަބޮލިވެދާނެ ނުވަތަ އެންމެ ވާދަވެރި ވަގުތުވެސް އެކަން ބާއްވައި، ތިޔަބޭފުޅުން ތިޔަ ދައްކަވަނީ ނަމޫނާ. މިހާރުވެސް، އަޅުގަނޑު ވާހަކަ ދައްކާއިރުވެސް، ޢަލީ ހާޝިމް ދޮންބެ ކުޑަކޮށް ހޭ މަންޒަރު އަޅުގަނޑަށް އެބަ ފެނޭ. ﷲގެ ހެޔޮ ރަޙްމަތުން، ތިޔަގޮތަށް ކުރެވޭ މަސައްކަތުގެ ފޮނިމީރުކަން، ދުނިޔޭގައްޔާއި އާޚިރަތުގައި އިރާދަކުރެއްވިއްޔާ ފެނިގެންދާނެ.

ދެން އަޅުގަނޑު ކުރީގައިވެސް މި ދެންނެވި ގޮތަށް، ދެން އަޅުގަނޑަށް ހުސްވަގުތު ވަރަށް ގިނަވާނެ. މިހާރު މި ވިސްނަނީ ދެން. މުބައްޝިރު އަދި ޝިނާން ގާތު އަހައިފިން. ކޮންމެވެސް ކަމެއް ކުރަންވާނެ ނޫންހޭ ދެން. ހުހަކަށް ނުހުރެވޭނެ ނޫންހޭ. އަދި އުމުރުން އެހާ މައްޗަކަށް އަދި ނުދެއޭ އަޅުގަނޑު. އެހެންވީމާ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑު ބަލާނީ، ގާފަރު ރައްޔިތުންނާއި އަދި ކާށިދޫ ރައްޔިތުންނާއި، އަދި ރާއްޖޭގެ އެހެން ރަށްތަކުގެ ރައްޔިތުންނާއި، އަދި އަޅުގަނޑުގެ އުފަން ރަށް ކަމަށްވާ ފުވައްމުލަކު ރައްޔިތުންނާއެކުވެސް މުޖުތަމަޢަށް ކަންތައްތަކެއް ކުރެވޭތޯ. ވިސްނަންޖެހޭ ކަންތައްތައް ވަރަށް ގިނަ. އަޅުގަނޑު ދައްކަން ހުރި ވާހަކަތައްވެސް ގިނަ. އެހެންނަމަވެސް، ތުއްތުކުދިން ވަރަށް ގިނަ ޙަފްލާއަކަށްވީމާ، މި ދައްކަން އުޅޭ ހުރިހާ ވާހަކަތަކެއް އަޅުގަނޑަށް މިއުޅެނީ ނުދެއްކިގެން.

އެކްސިޑެންޓްތަކާއި، ފަރުވާކުޑަވެ ނުވަތަ ސަމާލުކަން ނުދެވި ހިނގާ ހާދިސާތަކާއި، ކަނޑުމަތީގައި ހިނގާ ހާދިސާތަކާއި، ދެ ލޯންޗު ޖެހިގެން ހިނގާ ހާދިސާތަކާއި، މިއީ ކަންބޮޑުވާންޖެހޭ ކަންތައްތައް އަޅުގަނޑުމެން. މަގުމަތީގައި ހިނގާ އެކްސިޑެންޓްތަކުގައި ނިޔާވެދާ މީހުން މަދެއްނޫން. މުޅި އުމުރަށް ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ބަދަލުވެގެންދާ މީހުން މަދެއްނޫން. 99 ޕަސެންޓް އަޅުގަނޑުމެން މި ބުނަނީ ދިވެހިރާއްޖޭގައި އޮތީ ކަނޑޭ. 1 ޕަސެންޓޭ ރަށްތައް ނުވަތަ ބިންއޮތީ. އެހެންނަމަވެސް، ހަމަ ކަނޑުމަތީގައިވެސް ދެ ލޯންޗުވެސް ހަމަ އެ ބޮޑު މާކަނޑުގައިވެސް ޖެހެނީ. މީހުން ނިޔާވެދަނީ. އެތައް ބަޔަކަށް ގެއްލުންވެގެންދަނީ. އަޅުގަނޑުމެން ސަމާލުކަން ދޭންވާ ކަންތައްތައް މިހުރީ. ވިސްނަންޖެހޭ، ކުރާ ކޮންމެ ކަމެއް ކުރުމުގައިވެސް ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން. ސޭފްޓީ ފަސްޓް. އެކަމެއްގައި ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވިސްނަން އެބަޖެހޭ. ކުދިން ގޮވައިގެން އަޅުގަނޑުމެން މަގުމަތީގައި އުޅޭއިރުވެސް، މިއިން ކޮންމެ ފިޔަވަޅެއްގައި ބަލަން އެބަޖެހޭ. ތިމާ އަމިއްލައަށް ކަންތައްތަކާ އުޅޭއިރުވެސް.

އަޅުގަނޑު މިހެން މި ވާހަކަ މި ދަންނަވަނީ، އަޅުގަނޑަށް ވަރަށްގިނަފަހަރު ހޮސްޕިޓަލްތަކަށް، އައި.ސީ.ޔޫ.އަށް ދިޔުމުން މިފަދަ ކަންތައްތައް ދިމާވި ޢާއިލާތަކާ ބައްދަލުވޭ. ކޮންމެ ހަފްތާއަކު، ސަހަރާއިން، އަޅުގަނޑަށް އިޙްސާސްވަނީ އެ ލިބޭ ހިތްދަތިކަމާއި ހިތާމަ. މިކަމަކީ މިއީ ގިނަފަހަރަށް ސަމާލުކަން ނުދެވި، ކުޑަކުޑަކޮށް ފަރުވާވެސް ކުޑަކޮށްލެވިގެން ހިނގާ ކަންތައްތަކަށްވާތީ، އަޅުގަނޑު ވަރަށް ލޯބިވާ ބަޔެއްގެ ގޮތުގައި ތިޔަބޭފުޅުންވާތީ އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުގެވެސް ހަމަ ވާޖިބެއް ކަމަށް މިއީ. އަދި އަމުދުން އަޅުގަނޑު މިއަދު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގައި ހުރިއިރު، މުޅި ޤައުމުގެ ހުރިހާ ރައްޔިތުންނަށްވެސް ނަސޭހަތެއްގެ ގޮތުން، މިފަދަ އެއްޗެއް ދަންނަވާލުމަކީ އެވެސް އަޅުގަނޑު ނުކޮށްފި ކަމަށްވަންޏާ، އަޅުގަނޑު ހަމަ ކުށްވެރިވާނެ ކަމެއްކަމަށް އަޅުގަނޑަށް ގަބޫލުވެސް ކުރެވޭ އެހާވަރަށްވެސް. އެހެންވީމާ، މިވާހަކަ އަޅުގަނޑު މި ދަންނަވާލީ.

ގާފަރުގެ ރައްޔިތުންނަކީ މަސައްކަތްތެރި ބައެއް. ވަރަށް މަސައްކަތްތެރި ބައެއް. ހީވާގި ބައެއް. ކޮންމެ ޢާއިލާއަކީވެސް މަސައްކަތްކޮށްގެން އާމްދަނީ ލިބޭ ބައެއް. އަޅުގަނޑު ހަމަ ދަންނަވާލަން އޮތީ، ކުރިއަށް އޮތް ތާނގައިވެސް ތިޔަބޭފުޅުން މަސައްކަތް ކުރައްވާށޭ. ދަރިން ތައްޔާރުކުރައްވާށޭ. ކުރީގައި މި ދެންނެވި ގޮތަށް، ޕައިލެޓްކަމަށް، އިންޖިނިއަރކަމަށް، ޓެކްނިކަލް ކަންކަމަށް، ޑޮކްޓަރީ ދާއިރާއަށް، ނަރުސްކަމަށް، ޓީޗަރުކަމަށް، މުދައްރިސްކަމަށް، ޤުރްއާން މުދައްރިސްކަމަށް، އިސްލާމް މުދައްރިސްކަމަށް ކުދިން ތައްޔާރުކުރައްވާށޭ. ތިޔަބޭފުޅުން ޢަޒުމެއްގައި މި މަސައްކަތް ކުރައްވާށޭ.

މިދިޔަ ހަފްތާގައިވެސް ގުޅާފައި ޚަލީލަށް އަޅުގަނޑު ދެންނެވިން، އަޅުގަނޑުމެން މި މަސައްކަތް ތަންކޮޅެއް ރަނގަޅަށް އަދި ކުރަންވާނެއޭ. އަޅުގަނޑަށް ވަގުތުކޮޅެއް އެބަ ހުސްވެއޭ ވަރަށް އަވަހަށް. އޭރުން ދެން އަޅުގަނޑަށް ދެވުނު އެހީތެރިކަމެއްދީ އެއްޗެތިވެސް ދެވޭނެ. އަޅުގަނޑު ޚަލީލު ގާތު މި ވާހަކަ ދެއްކިން. ކާށިދޫ ނަދީމަށްވެސް އަޅުގަނޑު ގުޅާފައި އެ ވާހަކަ ދެއްކިން. ކޮޕީ ޕޭސްޓް ކޮށްލާގޮތަށް އަޅުގަނޑު އެ ވާހަކަ ދައްކާލާފައި ވާނީ. އެހެންވީމާ، އެގޮތުގައި ހަމަ ހުރެވޭތޯ އިރާދަކުރެއްވިއްޔާ އަޅުގަނޑު ބަލާނަން.

ތިޔަބޭފުޅުން މިއަދު އަޅުގަނޑަށް އެ ވިދާޅުވި ހޫނު މަރްޙަބާ، އަދި ތިޔަބޭފުޅުން އެ ބެހެއްޓެވި މެހްމާންދާރީ ފާހަގަކުރަން. މުޅި ކައުންސިލްގެ ހުރިހާ މެންބަރުންނާއި، ދެން އަޅުގަނޑުގެ ރައްޓެހިން ތިޔަތިބީ. ދެން ގާތްތިމާގެ ކަމަކީ، ހަމައެކަނި ލޭގެ ގުޅުމުގެ ކަމެއްނޫން. އަނެކާއަށް ހެޔޮއެދޭ، ލޯބިވާކަމަށްވަންޏާ ދެން އަޅުގަނޑު ބަލަނީ އެއީ، ގާތްތިމާގެ މީހުން ކަމަށް. އެހެންވީމާ، ގާފަރުން މިހާރު ފެންނަން މި ތިއްބެވި ބޭފުޅުންނާއި، އަދި ގާފަރުގެ ހުރިހާ ރައްޔިތުންނަކީ، އަޅުގަނޑުގެ ގާތްތިމާގެ މީހުންގެ ގޮތުގައި އަޅުގަނޑު ބަލަނީ. ކައުންސިލުން މިފަދަ ކަމެއް ކުރެއްވީތީ، އެކަމަށް އަޅުގަނޑު އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަމުން ނިންމާލާނީ.

އަޅުގަނޑުގެ އެދުމަކީ، އަޅުގަނޑުމެން އެކުގައި ކުރާ މަސައްކަތުން، ސްކޫލް ބެލެނިވެރިން އެކުގައި ކުރާ މަސައްކަތުން، ދަރިންނަކީ ރަނގަޅު ކުދިންތަކެއްގެ ގޮތުގައި ވެގެންދިޔުން.

اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން ކުރާ ހެޔޮ މަސައްކަތުގައި ބަރަކާތް ލައްވާށި! އަޅުގަނޑުމެންނަކީ ދީނަށް އަބަދުވެސް ލޯބިކުރާ، ޤުރްއާން ކިޔަވާހިތްވާ، ރިވެތިކޮށް ޤުރްއާން ކިޔަވާ ބައެއްގެ ގޮތުގައި ލައްވާށި! އަޅުގަނޑުމެންނަކީ، އަބަދުވެސް އަމާންކަމަށް ލޯބިކުރާ، ތަނަވަސް ބައެއްގެ ގޮތުގައި މިންވަރު ކުރައްވާށި! ދިވެހިރާއްޖެއާއި، ދިވެހިރާއްޖޭގެ ރައްޔިތުންނަށް އުފާފާގަތި، ތިޔާގި ދުވަސްތަކެއް މިންވަރު ކުރައްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.