بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ لَّلهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

އާދެ، މިތަނުގައި އަޅުގަނޑުމެން އެންމެން އައިސް މި އިޙްތިފާލް ކުރަނީ ވަރަށްވެސް މުހިންމު މަސައްކަތެއްގެ ފެށުން.

އަޅުގަނޑު ކެމްޕެއިން ތެރޭގައި ރައްޔިތުންނަށް ތަކުރާރުކޮށް ވަޢުދުވިން، ދެންނެވިން، އަޅުގަނޑުމެންގެ ސަރުކާރެއްގައި އެންމެ އިސްކަންދޭ ކަންކަމުގެ ތެރޭގައި، ޤައުމީ ބޮޑެތި މައްސަލަތަކަށް ހައްލު ގެނައުން ނަގާފައި، ދެން އެންމެ އިސްކަމެއް ދޭނީ، ގެދޮރުވެރިކަން، ބޯހިޔާވަހިކަމަށް ހައްލެއް ގެނައުމަށް ކަމަށް. އަދި އެކަމަށްޓަކައި ރާއްޖޭގައި ހުރިހާ ސަރަޙައްދެއްގައި، ރާއްޖޭގެ މެދުތެރެ، އުތުރު، ދެކުނު، ހުރިހާ ސަރަޙައްދެއްގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ޕްލޭންކޮށްގެން ގެދޮރުވެރިކަމުގެ ފުރުޞަތުތައް ހުޅުވާލަދީ، މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް.

އުތުރާއި ދެކުނުގައި އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯންތަކެއް ޤާއިމުކުރެވި، އެ ސަރަޙައްދުތަކަކީ، އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނާއި އަދި އެ ސަރަޙައްދުތަކަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށްވެސް އެކަށީގެންވާ ވަރަށް ގެދޮރުވެރިކަން ލިބޭ އަދި ތަރައްޤީގެ ފުރުޞަތުތައް އޮތް ސަރަޙައްދުތަކަކަށް ހަދައިދޭނެ ކަމަށް.

އަދި އޭގެއިތުރަށް، އުތުރާއި ދެކުނުގެ ކަނޑައެޅޭ އެކި ރަށްރަށަކީ، އެ ރަށްރަށް ތަރައްޤީ ކުރެވި، 7 އަރބަން ސެންޓަރެއް ގޮތުގައި 7 ސަރަޙައްދެއް ތަރައްޤީ ކުރާނެ ކަމާއި، އެ ސަރަޙައްދުތަކަކީވެސް މި ދެންނެވި ގޮތަށް ގެދޮރުވެރިކަމުގައި އެކަށީގެންވާ ވަރަކަށް ފުރުޞަތު ލިބިފައިވާ، ހައުސިންގ ސްޓޮކް އެކަށީގެންވާ ވަރަށް ޤާއިމުކުރެވިފައިވާ އަދި ތަޢުލީމާއި، ޞިއްޙީ އަދި އެކިކަހަލަ ވަޒީފާގެ ފުރުޞަތުތައް ޤާއިމުކުރެވިފައިވާ ސަރަޙައްދުތަކަށް ހަދައިދޭނެ ކަމަށް.

ދެން މާލެ ސަރަޙައްދުގައި، މާލެއާއި މާލެ ކައިރީގައި އޮތް މި ސަރަޙައްދުގައި، ގްރޭޓަރ މާލެ، މި ސަރަޙައްދަކީވެސް މި ދެންނެވި ގޮތަށް، ޒަމާންތަކެއް ވަންދެން މާލޭގެ ރައްޔިތުން އެދިއެދި ތިބި މި ބޮޑު މައްސަލައަށް ހައްލު ގެނެސްދޭވަރުގެ ތަރައްޤީގެ މަޝްރޫޢެއް ހިންގައިދޭނެ ސަރަޙައްދަކަށް ހަދައިދޭނެ ކަމުގެ ވަޢުދު އަޅުގަނޑުވީން.

އެ ވަޢުދުގެ ދަށުން ފެށޭ އެންމެ މުހިންމު މަޝްރޫޢު މިއަދު މި ފެށެނީ. މިއާއެކީގައިވެސް އަޅުގަނޑުމެންގެ ޕްލޭންގައި އޮންނާނެ، އަދި އިޢުލާނުވެސް ކުރިން، ގުޅިފަޅުގައި މިހާރު ފެށިފައިވާ މަޝްރޫޢުވެސް، އެއެއް ނޫނޭ އަޅުގަނޑުމެންގެ ޕްލޭންގައި އޮތް މިންވަރަކީ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ގުޅިފަޅުވެސް މިހާރު އެ ހިއްކަމުންދާ މިންވަރަށްވުރެ މާބޮޑުތަނުން ހިއްކަން ނިންމާފައި ވާނީ. 24 މިލިއަން ކިއުބިކް މީޓަރުގެ ވެލި އަޅަނީ. އިތުރު 21 މިލިއަން ކިއުބިކް މީޓަރުގެ ވޮލިއުމް ރިކްލެމޭޝަން ގޮތުގައި ކުރިއަށްދާނެ. އޭގެ ސަބަބުން 85 ހެކްޓަރުގެ ލޭންޑް، ބިން އިތުރުވެގެންދާނެ ގުޅިފަޅަށް.

ހަމަ އެއާއެކީގައި، ގިރާވަރުފަޅުގައިވެސް، މިހާރު އެ ކުރިއަށްދާ މިންވަރަށްވުރެ މާބޮޑުތަނުން އިތުރުކުރެވި، އިތުރު 50 ހެކްޓަރު، ގިރާވަރު ފަޅުންވެސް އަޅުގަނޑުމެން ހިއްކާނަން. އެހެންވީމާ، އަދި މި ދެންނެވި ތަންތަން ބުރިޖުން ގުޅި، މުޅި އެ ސަރަޙައްދަކީ އެކުއެކީގައި ލާމެހިފައިވާ ސަރަޙައްދަކަށް ވެގެންދާނެއޭ.

ހަމަ އެއާއެކީގައި، މިއަދު މި ތަނުގައި މި ފެށޭ މަޝްރޫޢަކީ، މިއަދާ ހަމަޔަށް ރާއްޖޭގައި ހިންގާ ބިން ހިއްކުމުގެ އެންމެ ބޮޑު މަޝްރޫޢު. މި މަޝްރޫޢުގެ ދަށުން 1153 ހެކްޓަރުގެ ބިން އިރާދަކުރެއްވިއްޔާ، މިއަދު މި ފެށޭ ގޮތަށް ގޮސް، މެދުނުކެނޑި ގޮސް، ގާތްގަނޑަކަށް 8 މަސް ދުވަހުގެ ތެރޭގައި ނިންމާލާއިރުގައި އޮންނާނީ ހިކިފައި. 1153 ހެކްޓަރުގެ ބިމަކީ، ބޮޑުމިނަށް ބަލާނަމަ، ހުޅުމާލެ ދެ ފިޔަވަހި އެއްކޮށްލީމާ ވާވަރުގެ ގާތްގަނޑަކަށް ތިންގުނަ.

އެހެންވީމާ، މިތަން ވެގެންދާނީ، ދެންމެ އަޅުގަނޑު މި ދެންނެވި ގިރާވަރުފަޅާއި، ގުޅިފަޅާއި، ހުޅުމާލެ، މި ތަންތަނާ އެކީގައި، މި ފުށިދިއްގަރު ފަޅުގައި މި ހިއްކޭ ބިން ހިކިގެން ދިޔުމުން، މާލޭގެ ރައްޔިތުންނަށް، ޒަމާންތަކެއް ވަންދެން ހައްލުނުވެ އޮތް ގެދޮރުގެ މައްސަލައަށް ތާއަބަދަށް އިރާދަކުރެއްވިއްޔާ، ދާއިމަށް އެ މައްސަލަ ހައްލުވެގެންދާނެ، ހައްލުކޮށްދޭނަން މިތަނުން. އަދި މާލޭގައި ދިރިއުޅޭ އެހެން ހުރިހާ ރައްޔިތުންނަށްވެސް ހަމަ އެ ހައްލު މިތަނުންނާއި، ދެންމެ މި ދެންނެވި ބިންތަކުންނާ އެކުއެކީގައި ހައްލުކޮށްދޭނަން. ހައްލުވެގެންދާނެ އިރާދަކުރެއްވިއްޔާ.

އަދި ހަމަ އެއާއެކީގައި، ރާއްޖޭގެ އެހެން ރަށްރަށުންވެސް މިތަންތަނުން ގޯތިގެދޮރު ބޭނުންވާ ފަރާތްތަކަށް ހަމަ އެ ފުރުޞަތު ލިބޭގޮތަށް ޕްލޭން ކުރެވިފައި ވަނީ. އެ ފުރުޞަތުވެސް ހަމަ ލިބިގެންދާނެ. ހައްލު ހޯދައިދޭނަން.

65000 ހައުސިންގ ޔުނިޓް، އެއީ، ގޯއްޗާއި ފްލެޓް ހިމެނޭގޮތަށް، މި ޑިވެލޮޕްމަންޓްގެ ތެރޭގައި ޤާއިމުކުރުމަށް ޕްލޭން ކުރެވިފައި މިވަނީ. މިތަން އަޅުގަނޑުމެން މި ތަރައްޤީ ކުރަނީ، ސޭފް އައިލެންޑެއްގެ ގޮތުގައި، އިންޓަރނޭޝަނަލް މިންގަނޑުން ކަނޑައެޅޭވަރަށް ހިއްކައިގެން. މެދަށް ތިން މީޓަރު އުސްމިން، އަރިމައްޗަށް ގާތްގަނޑަކަށް ދެ މީޓަރު އުސްމިން ހުންނާނެ. އެހެންވީމާ، އިންޓަރނޭޝަނަލް މިންގަނޑުތަކުން ބަލާއިރުގައި، ސޭފް އައިލެންޑެއްގެ ގޮތުގައި ކަނޑައެޅޭ އުސްމިނަށް މިތަން ހިކިގެންދާނީ.

އަދި އެއާއެކީގައި، ކްލައިމެޓް އެޑެޕްޓޭޝަންގައި، އަޅުގަނޑުމެން އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމުގައި ކުރަންޖެހޭ ހުރިހާ ކަމެއްވެސް އަޅުގަނޑުމެން ޤާއިމުކުރާނީ. މިތަން ޕްލޭން ކުރެވިގެންދާނީ އެގޮތަށް. ފެހިކަން ގަދަ، ވަރަށް ހިތްގައިމު މާޙައުލެއް ލިބިގެންދާ ތަނަކަށް މިތަން ވާނީ.

އަޅުގަނޑު މި ގަސްތުކުރަނީ އިރާދަކުރެއްވިއްޔާ، މިތާނގައި ޤާއިމުވެގެންދާ ސިޓީއަކީ، ޒީރޯ ކާރބަން ސިޓީއަކަށް ހެދުމަށް. މާނައަކީ މިތާ ދުއްވާ އުޅަނދުފަހަރުވެސް ތިމާވެށްޓާ ރައްޓެހި ފިއުލް ބޭނުންކުރާނީ. ނޫނީ އެގޮތަށް ދުއްވާނީ. އިލެކްޓްރިކް ނިޒާމު، ނޫނީވިއްޔާ ބެޓެރީ ނިޒާމެއް. މިތަނުގައި ހުންނަ ހުރިހާ ފެސިލިޓީޒެއް، ގެދޮރާ، ހުރިހާ ކަމެއްގައި ރިނިއުބަލް އެނަރޖީގެ އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެން، މުޅި ސިޓީ އަޅުގަނޑުމެން ހިންގާނީ.

ފެހި، އެންވަޔަރަންމަންޓަލް ފްރެންޑްލީ، އިކޯ ސިޓީއަކަށް މިތަން ހަދާނީ. މިތަން ވާނީ އިންޓަރނޭޝަނަލީ ބްރޭންޑް ކުރެވިގެންދާއިރުގައި، އިރާދަކުރެއްވިއްޔާ މިތަން އަޅުގަނޑުމެން ކަނޑައަޅާނީ މޯލްޑިވްސް އިކޯ ސިޓީގެ ގޮތުގައި.

މިއީ މިހާތަނަށް ހިއްކޭ އެންމެބޮޑު ބިން. އެންމެ ރަސް ބޮޑު ބިން. މިތަނަށް އަޅުގަނޑުމެން ކިޔާނީ "ރަސްމާލެ". ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫޢު އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިއަދު މި ފަށަނީ. މީގެ ސަބަބުން އިރާދަކުރެއްވިއްޔާ، އަޅުގަނޑު ދެންމެ ދެންނެވި ފަދައިން، މާލެ ސަރަޙައްދުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ގެދޮރުގެ މައްސަލަ، ދެންމެ މި ދެންނެވި ފަދައިން، ދެން މި ހިއްކާ ބިންތަކަށް އިތުރުކުރެވޭ ބިމާ އެކުއެކީގައި މި ފަސް އަހަރު ނިމިގެންދާއިރު، ﷲގެ އިރާދަފުޅާ އެކީގައި ހައްލުކޮށްދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ތަކުރާރުކޮށް އަރުވަން.

އެހެންވީމާ، ރައްޔިތުންނަށްޓަކައި އަޅުގަނޑުވީ ވަޢުދު، އަޅުގަނޑުމެން އެކުއެކީގައި ބުރަ މަސައްކަތްތައް ކޮށްގެން ފުއްދަން ފަށައި، އެ މަސައްކަތް މި ފުއްދިގެން މިދަނީ. ހަފްތާ ސާދައިގެ ހަތަރު ހަފްތާ ވެގެންދިޔައިރު، ހަތަރު ހަފްތާއަށް އަޅުގަނޑުމެން ކަނޑައެޅި ހުރިހާ ކަމެއް، އަކުރުން އަކުރަށް އިރާދަކުރެއްވީތީ ހައްލުވެފައިވޭ. ހާސިލުކުރެވިފައިވޭ. ހާސިލުކުރަން ބޭނުންވި ހުރިހާ ކަމެއް. އެންމެ ވަޢުދެއްވެސް ނެތް ހާސިލުނުވެއެއް، ހަފްތާ ސާދައިގައި ހަތަރު ހަފްތާއަށް ކަނޑައެޅި ކަންކަމުގެ ތެރޭގައި.

އަޅުގަނޑު، 18 ނޮވެންބަރުގައި، މާފަންނުގައި ގަޑިބުރު އިފްތިތާޙު ކުރަން ބޭއްވި ޖަލްސާގައި، އެރޭ ރައްޔިތުންނަށް ދެންނެވިން، "މިއަދުން ފެށިގެން 30 ދުވަސް ހަމަވުމުގެ ކުރިން، ފުށިދިއްގަރުގެ ބިން ހިއްކަން ފަށާނަމޭ." މިއަދަށް މިވަނީ 30 ދުވަސް.

އެހެންވީމާ، އަޅުގަނޑުމެންނަކީ އިރާދަކުރެއްވިއްޔާ، ވާ ވަޢުދު، ވީގޮތަށް ފުއްދާނެ ބައެއް. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތާނގައިވެސް ދިވެހި ރައްޔިތުންނަށް ފެނިގެންދާނީ، އަޅުގަނޑުމެންގެ ކިބައިން އިޚްލާޞްތެރިކަން، ތެދުވެރިކަން، އަމާނާތްތެރިކަން. ރައްޔިތުންނާ އެކީގައި، ރައްޔިތުން ބޭނުންވާ ތަރައްޤީ، ރައްޔިތުން ބޭނުންވާ ދުވެލީގައި، ރައްޔިތުންގެ ވިންދާއި އިޙްސާސާ އެއްގޮތަށް ގެނެސްދޭ ސަރުކާރެއް މިއީ. އެގޮތުގައި އަޅުގަނޑުމެން ދާއިމަށް ތިބޭނެ ވާހަކަ ހަމަ ރައްޔިތުންނަށް ޢަމަލީގޮތުން ދައްކަމުންދާނަން. އެހެންވީމާ، މިތަނުގައި މިއަދު މި ފެށޭ މަސައްކަތް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ކުރިއަށް ގެންގޮސް މިގޮތުން ނިންމާނީ.

މިތަނަށް އަދި ޓްރާންސްޕޯޓްގެ ގޮތުން ބަލާއިރުގައި، އެއްކަމަކަށް، މާލެއާއި މިތަނާ ދޭތެރޭގައި، މި ރަސްމާލެއާ ދޭތެރޭގައި މިހާރު ބޭނުންކުރާ ޒަމާނީ އެކްސްޕްރެސް ޓްރާންސްޕޯޓް ސިސްޓަމް އެބަހުރި. ކަނޑުގެ ރޯޅި، ނޫނީވިއްޔާ އޮއިގައި، ނޫނީވިއްޔާ ރާޅުގައި އެހާބޮޑަށް އުނދަގޫނުވާ ކަހަލަ، ދުއްވޭކަހަލަ ލޯންޗްފަހަރު، ފެރީ ނިޒާމު އެބަހުރި ދުނިޔޭގައި. އެކަހަލަ ހައި ސްޕީޑް ނިޒާމު ގެނައުމަށް އަޅުގަނޑުމެން ނިންމާފައިވޭ.

އޭގެ އިތުރަށް، މިތާ ކައިރިން އެންމެ ކައިރީގައި އޮތް ފަޅުގައި، އަޅުގަނޑުމެން ގަސްތުކުރަން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށްވެސް އުނދަގޫނުވާނެ ގޮތަކަށް، އިތުރު އެއަރ ސްޓްރިޕެއްވެސް ޤާއިމުކުރާނަން. އެތަނުން ރަސްމާލެއަށް ވަރަށް ކައިރި ކަނޑުއޮޅިއެއް އޮންނަނީ. ކުޑަކުޑަ ކަނޑުއޮޅިއެއް. ގުޅުވާލާނަން. ގުޅުވާލީމާ އެގޮތުންވެސް އެ ގުޅިގެންދިޔައީ.

އެހެންވީމާ، މިތަން ޑިވެލޮޕްވެގެން ދާނީ، ގެދޮރުގެ މަންޒިލަކަށް. ވަޒީފާގެ މަންޒިލަކަށް ވެގެން، އާމްދަނީގެ ފުރުޞަތުތައް ލިބޭ އަދި އެކި ކަހަލަ ވިޔަފާރީގެ ފުރުޞަތުތައް ލިބޭ ތަނެއްގެ ގޮތުގައި. މިތަނަކީ އިންކްލޫސިވް ޑިވެލޮޕްމަންޓެއްގެ ގޮތުގައި، މުޖުތަމަޢުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަކަށް ފަސޭހައިން އުޅެވޭ ތަނެއްގެ ގޮތުގައި ޕްލޭން ކުރެވިގެން ދާނީ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި ރަސްމާލޭގައި ކޮންމެ ތަނަކަށް ފަސޭހަކަމާއެކީ ދެވޭގޮތަށް ޑިޒައިން ކުރެވިފައި ހުންނާނީ. މަގު ވިޔަސް، ޢާންމު މައިދާންތައް ވިޔަސް، އިމާރާތްތައް ވިޔަސް، ތަރައްޤީ ކުރެވޭނީ އެކިކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހަކަމާއެކީގައި، އުފަލާއެކީގައި، ޝާމިލްވެ އުޅެވޭގޮތަށް.

އެހެންވީމާ، މޯލްޑިވްސް އިކޯ ސިޓީ ވެގެންދާނީ، ހަމައެކަނި އެންވަޔަރަންމަންޓް ފްރެންޑްލީ ސިޓީއަކަށް ނޫން. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައްވެސް ހިމެނިގެންދާ، ހުރިހާ ގޮތަކުންވެސް އިންކްލޫސިވް ސިޓީއަކަށް، މޮޑެލް ސިޓީއަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިތަން ހަދާނަން.

އާދެ، މިއަދާ ހަމައަށް ރެޔާއި ދުވާލު ބުރަ މަސައްކަތްކޮށްގެން، މި މަޝްރޫޢު ޙަޤީޤަތަކަށް ހެދުމަށް، ވަރަށް ގިނަ ބޭފުޅުން ހީވާގި މަސައްކަތްތަކެއް ކޮށްދެއްވި. ހުރިހާ ބޭފުޅުންގެ ނަން އަޅުގަނޑަށް ނުދެންނެވުނު ނަމަވެސް، ހުރިހާ ބޭފުޅުން ޝާމިލްވާ ގޮތަށް، އެ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އަދި އަޅުގަނޑަށް ޔަޤީންކަން އޮތް ކަމަށް ދަންނަވަން. ތިޔަބޭފުޅުން ތިޔަ ކުރައްވާ މަސައްކަތް، ތިގޮތުގައި ފުރިހަމަގޮތުގައި، އަޅުގަނޑުމެން ކެމްޕެއިންގައި ވަޢުދުވިގޮތަށް، ރެޔާއި ދުވާލު ވަރުބަލިކަމެއް ނެތި މަސައްކަތް ކުރައްވާނެ ކަމުގެ. އެގޮތުގައި ތިޔަބޭފުޅުން ތިއްބަވާނެކަން އަޅުގަނޑަށް ޔަޤީން. މިއަދު މި ފަށާ ފެށުން، ނިމިގެންދާނީ އިރާދަކުރެއްވިއްޔާ، ދެންމެގައި އަޅުގަނޑު މި ހިއްސާކުރި ގޮތަށް އެކަން ފުރިހަމަކޮށްގެން ކަން އަޅުގަނޑަށް ޔަޤީންކަން އެބައޮތް. އެހެންވީމާ، ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، އަދިވެސް އެއްފަހަރު، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މަރުޙަބާ ދަންނަވަން. މިއަދު މި ފެށޭ މަޝްރޫޢަކީ، ރާއްޖޭގައި ފެށޭ އެންމެ ބޮޑު، ބިޔަ ބިން ހިއްކުމުގެ، ގެދޮރުވެރިކަމުގެ މަޝްރޫޢު. އަދި ހަމަ އެގޮތަށް، އުތުރާއި ދެކުނާ، ރާއްޖޭގެ 7 ސަރަޙައްދެއްގައި، ބިން ހިއްކުމާއި، ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ހަމަ ވަޢުދުވިގޮތަށް އަޅުގަނޑުމެން ކުރިއަށް ގެންދާނަން.

އަޅުގަނޑު ވަޢުދުވީގޮތަށް، އެކިކަހަލަ ހައުސިންގ ލޯނުތައް ދޫކުރުމަށްޓަކައި ބޭންކިންގ ނިޒާމުގެ ތެރެއިން ފަހިކުރަންޖެހޭ ކަންކަން ހަމަޖައްސައި، އެކަންކަންވެސް ހަމަ ދާދި އަވަހަށް އިޢުލާނު ކުރާނަން. ފަސް ޕަސެންޓަށްވުރެ ކުޑަކޮށް، ދޫކުރާ ލޯނުތައް ދޫކުރުމަށްޓަކައި ކުރަންޖެހޭ އިދާރީ ފަންނީ މަސައްކަތް ހިނގަމުންދަނީ. އެކަންކަންވެސް ފުރިހަމަކޮށްފައި، އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް، އެ ރައްޔިތުން ބޭނުންވާ އެކިކަހަލަ ލޯނުތައް ދޫކުރުމުގެ މަސައްކަތް ފެށިގެންދާނެ.

މާލެ ސަރަޙައްދުން ދޫކުރި ގޯތިތަކުގައި ގެދޮރު ބިނާކުރުމަށްޓަކައި އަޅުގަނޑު ތަޢާރުފު ކުރާނެކަމަށް ވަޢުދުވި ޚާއްޞަ ލޯނު ސްކީމްވެސް، ހަމަ މީގެ ތެރެއިން ތަޢާރުފު ކުރެވިގެންދާނެ. އެ ރައްޔިތުންނަށް ދޫކުރި ގޯތިތައް، ނޫނީވިއްޔާ ދޭންބުނި ފްލެޓުތައް، ހަމަ އެ ރައްޔިތުންނަށް ލިބޭނެ. ރަސްމީކޮށް ގެޒެޓް ކުރެވިފައި އޮތް އެއްވެސް ބޭފުޅެއްގެ އެއްވެސް ޙައްޤެއް އަޅުގަނޑުމެން އުންޏެއް ނުކުރާނަން. އޭގެ ބަދަލުގައި، ވަޢުދުވީގޮތަށް ފުރިހަމަކޮށްދޭނީ. ނުހިއްކާ އޮތް ފަޅުތައް ހިއްކައިގެން، އެ ގޯތިތައް ޙަޤީޤަތަކަށް ހަދައިދޭނީ.

ދެންމެ މި ދެންނެވި ގޮތަށް، ގުޅިފަޅުގައި އިތުރަށް އަޅުގަނޑުމެން 85 ހެކްޓަރު ހިއްކާނަމޭ. ގިރާވަރުފަޅުގައި އިތުރަށް 50 ހެކްޓަރު ހިއްކާނަމޭ. އަދި އެ ސަރަޙައްދުތައް ގުޅުވާލާނަމޭ އިރާދަކުރެއްވިއްޔާ. ގުޅުވާލައި ހުޅުމާލެއާއި، ރަސްމާލެއާއި، ގުޅިފަޅާއި، ގިރާވަރުފަޅު، މި ތަންތަން ވެގެންދާނީ، މިދެންނެވި ގޮތަށް ގެދޮރުގެ މައްސަލަ ހައްލުވާ ތަންތަނަށޭ.

އަދި ހަމަ އެއާއެކީގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، މި ތަރައްޤީކުރެވޭ ތަންތަނާ އެކީގައި ކޮންމެ ރައްޔިތަކަށް ތަފާތުކުރުމެއްނެތި، އެ ރައްޔިތަކު ބޭނުންވާ ދިމާއަކުން، ބޭނުންގޮތަކަށް، ގެދޮރުގެ މައްސަލަ އަޅުގަނޑުމެން ވަޢުދުވި ގޮތަށް ފުއްދައިދޭނަން.

އަދިވެސް، އެއްފަހަރު ހުރިހާ ބޭފުޅުންނަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން މިކުރާ އިޚްލާޞްތެރި މަސައްކަތުގައި ބަރަކާތްލެއްވެވުން. މި ރާއްޖެއަށް އަދަށްވުރެ ފެހި މާދަމައެއް މިންވަރު ކުރެއްވުން. އާމީން!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.