بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް، މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް ޢުމަރު، އެލް.ޖީ.އޭ.ގެ ވެރިން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ސިޔާސީ ޕާޓީތަކުގެ ވެރިން، ވަޒީރުން، ބޭރުގެ އެކިއެކި ސަފީރުން، ކައުންސިލަރުން، އަދި ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، މި ޖަލްސާ ދުރާއި ގާތުން ބައްލަވަމުން ގެންދަވާ އެންމެހައި ލޮބުވެތި ދިވެހި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ! މިރޭގެ މި ޖަލްސާއަކީ އަޅުގަނޑަށް ވަރަށް އުފާވެރި، އަދި އެހާމެ ޝައުޤުވެރި ޖަލްސާއެއް. މި ބާވަތުގެ ޖަލްސާތަކުގައި ބައިވެރިވުމަކީ އަބަދު ވެސް އަޅުގަނޑަށް ވަރަށް އުފަލެއް ލިބޭ، ވަރަށް ކުރާހިތުން ކުރާ ކަމެއް. އެއީ ކީއްވެތޯ؟ މި ޖަލްސާ މި ބޭއްވެނީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ރޭހުން މަތީ ވަނަތައް ހާސިލުކުރީތީ، އެކަމުގެ އަގުވަޒަންކުރަން. މި ޖަލްސާ މި ބޭއްވެނީ ވަޒީފާގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރިލެއް ފުރިހަމަކަމުން، އެކަމުގެ އިނާމު ދޭން. މި ޖަލްސާއިން މި ފެންނަނީ ދިވެހި ރައްޔިތުންނަށް ލުއިފަސޭހަކަން ހޯދައިދީ، ރައްޔިތުންގެ ކުރިއެރުމަށްޓަކައި ވާދަކުރި ބައިވެރީންތަކެއްގެ ކާމިޔާބީ.

އެހެންވީމާ ބައްލަވާ! ލިސްޓް ކޮށްލަން މި ލިބެނީ ވަރަށް ތަހުޒީބު ސިފަތަކެއް. ވަޒީފާގެ ވާޖިބު އަދާކުރުން. ރައްޔިތުންނަށްޓަކައި ރެޔާއި ދުވާލު ޚިދުމަތް ކުރުން. ޤައުމުގެ ކުރިއެރުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރުން. މިއީ އަޅުގަނޑު ވަރަށް ގަޔާވާ ސިފަތަކެއް. އެހެންވީމާ، މި ޖަލްސާ އަޅުގަނޑަށް ވަރަށް ޚާއްޞަވެ، ވަރަށް ކަމުދޭ.

މި އުފާވެރި ޖަލްސާގައި ޝަރަފުވެރި ވަނަތައް ހާސިލުކުރި ފަރާތްތަކަށް ތަހުނިޔާއާއި މުބާރިކުބާދީ އަޅުގަނޑު އަރިސްކުރަން.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން!
އެންމެހާ ކައުންސިލަރުން އަދި އެންމެހާ ހާޒިރީން!

ދިވެހީންގެ ޠަބީޢަތަކީ ގަދައަޅައި މަސައްކަތް ކުރުން. ފަތިހުފަތިހާ ހޭލުން. ޤާނޫނަކުން ލާޒިމު ކުރުމެއްނެތި، ޢާއިލާއާއި، މުޖުތަމަޢާއި، ޤައުމުގެ ޙައްޤުގައި، އެ މީހަކަށް ވެވުނު ޚިދުމަތެއް ކުރުން. އަދި އެ ކުރާ ކޮންމެ ކަމެއްގައި ފެންވަރު ހުރުން. ފަހުން ކުރަން، ކަންކަން ލަސްކޮށްފައި، ފަސްކޮށްފައި ނުބެހެއްޓުން. އަދި ކީއްތޯ؟ މި ގޮތަށް ކުރެވޭ ކަންކަމުގައި، އެންމެން އެކުވެގެން، އެންމެންގެ އުފަލަށްޓަކައި މަސައްކަތް ކުރުން. ދިވެހީންގެ އޮޑިދޯނިފަހަރު އެހެލައި ބާލައި ހެދުމުގެ ސަގާފަތުން މިކަން އެނގޭ. ދިވެހީންގެ ގެދޮރު ހިޔާކުރާން ފަންގިލުން ފަދަ ކަންކަމުން، އެންމެން ގުޅިގެން ކުރާ މަސައްކަތުގެ މި ދެންނެވި ރޫޙާއި، އެ އެކުވެރިކަން ފެނޭ.

ދިވެހީންގެ ވެރިކަން ހިންގުމުގެ ނިޒާމު ވެސް އޮތީ ހަމަ މިހެން. ސަރުކާރަށް އެއްބާރުލުން ދިނުމުގައި ދިވެހީންނަކީ ނަމޫނާ ބައެއް. ދިވެހީން ތަރައްޤީވެ ކުރިއެރީ އެގޮތުން. މިސާލަކަށް، ދިވެހީންނަށް ބައިނަލްއަޤުވާމީ އެއަރޕޯޓެއް ލިބުނީ ވަޒީރުލްއަޢުޡަމް ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު އެ ކަމަށް ބޭނުންފުޅުވި ހިނދު، މުޅި ދިވެހިރާއްޖެ އެކަމަށް ތަރުޙީބު ދިނީމާ. ދިވެހީންނަށް އިނގިރޭސީންގެ އަޅުވެތިކަމުން މިނިވަން ވެވުނީ، އެ ކަމަށްޓަކައި ރައީސް ނާޞިރު ހިންގަވަން ބޭނުންވި ސިޔާސަތުތަކަށް، އޭރުގެ ރައްޔިތުންގެ މަޖިލީހުންނާއި، ރަށްރަށުގެ ކޮމިޓީތަކާއި، އަވަށް އަވަށާއި، މުޅި މާލެއާއެކު ފޯރީގައި ނިކުތީމާ. ނަތީޖާއަކީ ކޮބައިތޯ؟ ދިވެހީންނަށް ބައިނަލްއަޤުވާމީ ވައިގެ ބަނދަރެއް، އާދެ، މިހާރުގެ ނަމުން ނަމަ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ލިބިގެންދިޔުން. ހަމަ އެހެންމެ، ދިވެހިރާއްޖެއަށް މިނިވަންކަން ލިބުން. ޑޮލަރު ލިބުން. ތަޢުލީމު ލިބުން. ބޭސްފަރުވާ ލިބުން. މިހުރިހާ ކަމަކަށް މަގު ހުޅުވިގެންދިޔުން.

އެހެންވީމާ، ދިވެހި ތާރީޚު އަޅުގަނޑުމެންގެ ގާތުގައި ނުވަތަ އަދުގެ ދިވެހީންގެ ކަންފަތްދޮށުގައި މަޑުމަޑުން ވިޔަސް، ބާރަށް ވިޔަސް، މި ބުނަނީ އެއް ވާހަކައެއް. އެ ވާހަކައަކީ ދިވެހީންނާ އެއްކޮޅަށް ކަންކަން ނިންމާށޭ! ދިވެހި ޤައުމާ އެއްކޮޅަށް ކަންކަން ނިންމުމުގެ ތަހުޒީބު ސިފަތައް ދިވެހީން ގައިގައި ހަރުލައްވާށޭ! ދިވެހި ރައްޔިތުންނަށް ފައިދާހުރި ކޮންމެ ކަމަކަށް އާނއެކޭ ބުނުމުގެ ހުޝިޔާރުކަން އަދި ސިކުނޑީގައި އެފަދަ ތެތްކަމެއް، ތޫނުކަމެއް، ހަމަ ކޮންމެ ދިވެއްސަކުމެ ބަހައްޓާށޭ! އަޅުގަނޑުގެ ސިޔާސަތަކީ މިއީ. ދިވެހި ރައްޔިތުންނާ އެއްކޮޅަށް ކަންކަން ނިންމުން. ދިވެހި ޤައުމާ އެއްކޮޅަށް ކަންކަން ނިންމުން.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން!
ލޯކަލް ކައުންސިލްގެ އެންމެހައި ބޭފުޅުން!
އަދި ވަޑައިގެން ތިއްބެވި އެންމެހައި ހާޒިރީން!

ދިވެހި ރައްޔިތުންނާ އެއްކޮޅަށް ކަންކަން ނިންމުމަކީ ކޮބައިތޯ އަދި އޭގެ ފައިދާއަކީ ކޮބައިތޯ ބަލައި ވިސްނާލުން އެއީ މިރޭގެ މި ރަސްމިއްޔާތާ ވަރަށް ގުޅޭ މުނާސިބު ކަމެއް ކަމުގައި އަޅުގަނޑު ދެކެން. މިސާލަކަށް، މި ހިނގާ 2023 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިނުގައި އަޅުގަނޑު ވާދަކުރަމުން ދިޔައިރު، އަޅުގަނޑު ރައްޔިތުންނަށް ވަރަށް ގިނަ ވަޢުދުވިން. އަދި އާންމުކޮށް ގިނަ މީހުން ނުވާ ބާވަތެއްގެ ވަޢުދެއް ވެސް އަޅުގަނޑު ތަކުރާރުކޮށް އެބަވަން. އެއީ ކޮން ވަޢުދެއްތޯ؟ އެއީ ވަޢުދުތައް ފުއްދާނެ ކަމަށް ވާ ވަޢުދު. ރައްޔިތުން އަޅުގަނޑާ ވެރިކަމުގެ އަމާނާތް ހަވާލުކުރެއްވި ފަހުން އެންމެ ގިނައިން ވެވޭ ވަޢުދަކީ މި ވަޢުދު. ﷲގެ ރަޙްމަތްފުޅާއެކު، ހުރިހާ ވަޢުދެއް ވެސް މިދަނީ އަޅުގަނޑުމެންގެ ޓީމުގެ ހިތްވަރާ އެކީގައި، ވަރަށް ރަނގަޅަށް ސުންގަޑިޔަށް ފުއްދަމުން، ފުދެމުން.

އަޅުގަނޑު މިތާނގައި ހަމަ ކޮންމެހެން ފާހަގަކޮށްލަން ބޭނުންވާ ނުކުތާއަކީ، ވެރިކަމުގެ އަމާނާތް، ރައްޔިތުން އަޅުގަނޑާ ހަވާލުކުރެއްވި ސަބަބު. ރައްޔިތުން އަޅުގަނޑާ ދެއްކެވި ވާހަކަ. ތަފާތު ވަރަށް ގިނަ ކަންބޮޑުވުންތައް ދިވެހިރައްޔިތުން އަޅުގަނޑާ ހިއްސާކުރި. ދިވެހިރައްޔިތުން އެކަންކަން އަޅުގަނޑާ ވަނީ ކަންބޮޑުވުމާ އެކީގައި އަދި ޝައުޤުވެރިކަމާއެކީ ހިއްސާކޮށްފައި. އެކަމަކު ވަކިޕާޓީއެއް ތަފާތުކުރުމެއްނެތި، އެންމެ ގިނަ ދިވެހި ރައްޔިތުން އަޅުގަނޑު ގާތު ދެއްކެވި އެއް ވާހަކައަކީ، ބޯހިޔާވަހިކަމުގެ ވާހަކަ. ކުދިކުދި ގޮޅިގޮޅީގައި، ތިންހަތަރު ކުދިން ގޮވައިގެން ނިދައި ކައިބޮއި ހެދުމުގެ ތަކުލީފުގެ ވާހަކަ. އެ ދިރިއުޅުމުގެ އަރާމެއް ނެތް ވާހަކަ. އަބަދާއި އަބަދު ކުރެވޭ ނިކަމެތި، ހިތްދަތި އިޙްސާސްތަކުގެ ވާހަކަ. އެ މަންމައިންގެ ލޮލުން އޮހުނު ކަރުނަ، އެ ވަގުތު ހިތްތަކަށް ކޮށްފައިވާ އަސަރު، އަޑުގައި ހުރި ވޭނާއި ރިހުން، މި ހިނދު މި ތަންވަޅު ވެސް ހަމަ ވީޑިއޯ ފީތާއެއްހެން އަޅުގަނޑުގެ ސިކުނޑީގައި އެބަ ހުޅުވި ދައުރުވޭ. ވަރަށް ފުން އަސަރެއް އެކަމުން އަޅުގަނޑަށް ކުރޭ.

އެހެންވެގެން އަޅުގަނޑު ނިންމީ، ފުށިދިއްގަރު ފަޅު "ރަސްމާލެ"ގެ ނަމުގައި ހިއްކުމުގެ ބިޔަ މަޝްރޫޢެއް، އަޅުގަނޑުމެންގެ ވެރިކަމުގެ ފުރަތަމަ ހަފުތާ 14ގެ ތެރޭގައި ފަށަން. އެއީ މިހާރު މިއޮތް ހުޅުމާލޭގެ ތިން ހުޅުމާލެ ވަރުގެ ތަނެއް. އޭގެ އިތުރަށް، ގިރާވަރު ފަޅާއި، ގުޅިފަޅު ހިއްކައި، އެންމެ ޒަމާނީ ފެންވަރުގައި، އާ ޝަހަރުތަކެއް ދިވެހީންގެ ޙަޔާތަށް ހަދިޔާކުރެވޭނެ.

ރަސްމާލެ ވާނީ ނިކަން ވިންދު ހުރި ސިޓީއަކަށް. ރާއްޖޭގައި އެކަންޏެއް ނޫން. ދުނިޔޭގައިވެސް ނަން ވިދާލާ ނަމޫނާ ސިޓީއަކަށް. ރަސްމާލެ މި ބިނާކުރަނީ ތިމާވެށްޓާ ރައްޓެހި، ޒަމާނީ، ޑިޖިޓަލް، ސްމާޓް ސިޓީއެއްގެ ގޮތުގައި.

އެހެންވީމާ، މި ފެށެނީ ދިވެހީންގެ ރަށްވެހިކަމުގެ މުޅިން އާ ރަން ޒަމާނެއް. މިއީ މުޅިން އެހެން ފެންވަރެއް. ރަސްމާލެއާއި ގުޅިފަޅަށް އިތުރުކުރެވޭ ބޮޑު ބިމާއި، ގިރާވަރުފަޅުން އިތުރަށް ހިއްކައި، އިތުރުކުރެވޭ ބޮޑު ބިމާއި، މިހާރު މި އޮތް ހުޅުމާލެއާއެކު، ދިވެހީންގެ ގެދޮރުވެރިކަމުގެ ޒަމާންވީ ހިތްދަތިކަމަށް ދާއިމީ ހައްލެއް ގެނެސްދެވޭނެ. ހަމަ މި ފަސްއަހަރު ތެރޭގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގޭ އެކި މަޝްރޫޢުތަކުން އިރާދަކުރެއްވިއްޔާ، މުޅި ރާއްޖެއަށް ގެދޮރުވެރިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް އަޅުގަނޑުމެން ގެނެސްދޭނަން.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން!
އެންމެހާ ކައުންސިލަރުން!
އަދި އެންމެހާ ހާޒިރީން!

ކޮންމެއަކަސް ރަސްމާލެ މަޝްރޫޢު ފެށިގެން މިހާރު އެ ދަނީ ކުރިޔަށް. އެ މަޝްރޫޢު ކުރިޔަށް އެ ދަނީ ދިވެހި ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭގޮތަށް. އިރާދަކުރެއްވިއްޔާ، އެ މަޝްރޫޢު އެގޮތުގައި ކުރިޔަށް ގެންގޮސް ނިންމާލާނަން. ގަބޫލުކުރައްވާ، މި ފަސް އަހަރު ނިމޭއިރު، އެއްވެސް ދިވެހި ރައްޔިތަކު، ގެދޮރިވެރިކަން ނެތިގެން، ހިތާމައާއި ދެރަކަން އުފުލާކަށް ދެނެއް ނުޖެހޭނެ. ކޮންމެ ފަސްއަހަރަކުން އެއް ފަހަރު، ސިޔާސީ މީހުންގެ ކަންފަތްބުޑުގައި ސަލާންޖަހާން، ނިކަމެތި ޖިފުޓިތަކެއްގައި ދިވެހި ރައްޔިތުން ބައިތިއްބާފައި މި ތިބިތިބުމަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދާއިމަށް ނިމުން ގެނެސްދޭނަން.

އަޅުގަނޑުމެން އަބަދުވެސް ތިބޭނީ ރައްޔިތުންނާ އެއްކޮޅަށް. އަޅުގަނޑުމެން އަބަދުވެސް ތިބޭނީ ރައްޔިތުންގެ ފަޅީގައި. ސަބަބަކީ އަޅުގަނޑު ދިވެހި ކޮންމެ ރައްޔިތެއް ދެކެ ލޯބިވަން. އަޅުގަނޑު ގާތުގައި ކޮންމެ ރައްޔިތަކު ހަމަހަމަ. ސިޔާސީ ފިކުރަކަށް، ޖިންސަކަށް، އާއިލާއަކަށް، ރަށަކަށް، ސަރަޙައްދަކަށް އަޅުގަނޑު ނުބަލާނަން. އަޅުގަނޑު ބަލަން ބޭނުންވަނީ އަދި ބަލާނީ ހަމަ އެންމެ ކަމަކަށް. އެއީ ދިވެއްސެއްތޯ.

އަޅުގަނޑުމެންގެ ޤައުމީ ޢާއިލާއަކީ ދިވެހި ޢާއިލާ. ދިވެހީންގެ ރާއްޖޭގެ ދިވެހި ޢާއިލާ. ދިވެހި ޢާއިލާގެ ހުރިހާ މެންބަރުން އަޅުގަނޑަށް ހަމަހަމަ. އަޅުގަނޑު މަސައްކަތް ކުރާނީ ރައްޔިތުންގެ އަޑުއަހައިގެން. ރައްޔިތުންނާ ގާތުން. އަޅުގަނޑު ރައްޔިތުންނާ ގިނަގިނައިން ބައްދަލުކުރާނަން. ހާލުއަހުވާލު ބަލާނަން. މި ސަރުކާރުގެ ވަޒީރުންވެސް، ކުންފުނިތަކުގެ ވެރިންވެސް މިގޮތަށް ޢަމަލު ކުރައްވާނެ. މިގޮތުން، ރައްޔިތުންގެ ހާލު ބެއްލެވުމަށްޓަކައި، މި ހަފުތާ ބަންދުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ދައުލަތުގެ ވަޒީރު ބޭފުޅުންނާއި، ކުންފުނިތަކުގެ މަސްއޫލުވެރިން ހިމެނިވަޑައިގަންނަވާ ގޮތަށް ރައްޔިތުންގެ އަރިހަށް ވަފުދުތައް ދަތުރުކުރާނެ. މި ގާތްކަމާއި އެހީތެރިކަމަކީ، ދައުލަތް ހިންގުމުގައި އޮތް ލާމަރުކަޒީ ނިޒާމުގެ ޙަޤީޤީ މަފްހޫމު. މި ނިޒާމަށް އަޅުގަނޑުގެ ފުރިހަމަ ތާއީދާއި އިތުބާރު އެބައޮތް. މިކަމަށް ޚާއްޞަ ވުޒާރާއެއް އުފެއްދީ އެހެންވެގެން. އަޅުގަނޑު ޔަގީންކުރާ ގޮތުގައި މިހާރުވެސް ކައުންސިލްތަކާއި ރައްޔިތުން، މި ބަދަލުން އުފެދުނު ހެޔޮ ރޫޙާއި، ލިބޭ ހެވާއި، ލާބަ އިހުސާސް އެބަކުރޭ.

ދިވެހިރާއްޖޭގެ ލޮބުވެރި ރައްޔިތުން!

ރައްޔިތުންނާ ގާތުން މަސައްކަތް ކުރަން ބޭނުމޭ، މި ދަންނަވާ ވާހަކައަށް އަދިވެސް އިތުރަށް ބާރުލާން އަޅުގަނޑު ބޭނުން. އަޅުގަނޑު މާލޭގެ މޭޔަރު ކަމުގައި ހުރިއިރުވެސް، އަޅުގަނޑު ހަމަ ވަކިން ތާވަލު ހަދައިގެން، މާލޭގެ ގޭގެއަށް ޒިޔާރަތް ކުރިން. ރައްޔިތުންގެ ހާލު ބެލިން. ރައްޔިތުން ހުށަހަޅާ އެ ރައްޔިތުންގެ މުހުތާދުތަކުގެ ވާހަކަ އަޑުއެހިން. ކޮށްދެވެން ހުރި ކަންކަން ކޮށްދިނިން. ނުވަތަ ވީހާވެސް އަވަހަކަށް، ވީހާވެސް ރަނގަޅަކަށް ކޮށްދެވޭތޯ ބެލިން. ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ބޭނުންތަކާއި، ޝަކުވާ ސީދާ އަޅުގަނޑާ ހިއްސާކުރެވޭނެ ގޮތް، އޮފީހުގެ ރަސްމީ ގަޑީގެ ތެރެއިން ހަމަޖެއްސިން. ހަމަ އެހެންމެ، އެފަދަ ކަންކަން ވަގުތުން ހުށަހެޅުމަށް ސިޓީ ކައުންސިލްގެ ވެބްސައިޓުގައި އެކަމަށް ޚާއްޞަ ޕޯޓަލްއެއް ޤާއިމުކޮށް، ތަނަވަސްކަމާއެކު ދޮރު ހުޅުވައިލިން. އެ ޕޯޓަލް މެދުވެރިކޮށް، ވަރަށް ގިނަ ރައްޔިތުންނަށް އެހީތެރިކަން ފޯރުވައިދެވުނު. ދިވެހި ރައްޔިތުން ބޭނުންވަނީ މިގޮތް.

އަޅުގަނޑުމެންގެ ސަރުކާރުވެސް އަޅުގަނޑު ބޭނުންވަނީ މިގޮތަށް އޮންނަން. އިރާދަކުރެއްވިއްޔާ، މި ސަރުކާރު ކުރިއަށްދާނީ މި އުސޫލުން. މާލޭ ސިޓީގެ މޭޔަރު ކަމަށްފަހު، ދެން މިހާރު ލޮބުވެތި ދިވެހި ރައްޔިތުން އަޅުގަނޑާ ހަވާލުކުރައްވާފައި މިވަނީ ތަފާތު އިމްތިޙާނެއްކަންނޭނގެ. އެއީ، މި މަގާމުގައި އަޅުގަނޑު ކަންކުރާގޮތް ބެއްލެވުން. އިރާދަކުރެއްވިއްޔާ، ދެންވެސް މަސައްކަތް ކުރާނީ ތިޔަ ލޮބުވެތި ރައްޔިތުންނާ ގާތުން.

ރާއްޖޭގެ ރަށްރަށަށް އަޅުގަނޑު ދަތުރުކުރާނަން. ހަމަ ހުރިހާ ރަށަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ދާނަން. ތިޔަބޭފުޅުންގެ އަސްކަނިދަށުން ލިބޭ ހިޔަލަކީ ވަރަށްވެސް ނިޔާމަ ހިޔަލެއް ކަމުގައި އަޅުގަނޑު އަބަދުވެސް ގަބޫލުކުރަން.

މީގެއިތުރަށް، ދިވެހި ކޮންމެ ރައްޔިތަކަށް އަޅުގަނޑާ ސުވާލުކުރެވޭގޮތަށް އަދި އެ ރައްޔިތެއްގެ އުދާސްތަކާއި، ޚިޔާލުތަކާއި، އުންމީދުތައް ސީދާ އަޅުގަނޑަށް ހުށަހެޅޭގޮތަށް، ރައީސް އޮފީހުގެ ވެބްސައިޓުގައި ޕޯޓަލްއެއް ޤާއިމުކުރާނަން. މި ޕޯޓަލް ތައްޔާރުކުރުމުގެ މަސައްކަތް މިހާރުވަނީ ފެށިފައި.

ދަންނަވަންތޯ، ދެފުށް ފެންނަ ސަރުކާރެއް އަޅުގަނޑު ބޭނުންވަނީ، އޭގެ ޙަޤީޤީ މާނައިގައި. ހަފުތާ 14ގެ ތެރޭގައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ޕަބްލިކް ފޯރަމްތަކެއް ބާއްވަން އިރާދަކުރެއްވިއްޔާ އަޅުގަނޑު ފަށާނަން. މިއީ ކޮންމެ ތިން މަހުން އެއްމަހު އޮންނާނެ ޕްރޮގްރާމެއް. ފުރަތަމަ ފޯރަމް، ފެބުރުވަރީ މަހުގެ ތެރޭގައި އޮންނާނެ. އަދި ވަޒީރުންވެސް މިފަދަ ފޯރަމްތަކެއް، ކޮންމެ ދެ މަހުން އެއްމަހު ބާއްވާނެ. ފުރަތަމަ ފޯރަމް، ޖަނަވަރީ މަހުގެ ތެރޭގައި އޮންނާނެ.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން!
ލޯކަލް ކައުންސިލްތަކުގެ މެންބަރުން!
އަދި އެންމެހާ ހާޒިރީން!

އަޅުގަނޑު މި މަގާމާ ހަވާލުވިފަހުން މާލެސިޓީން އަޅުގަނޑާ ހަމަޔަށް އަންނަ ސުވާލުތަކެއް ހުރީތީ، އެކަމާ ބެހޭގޮތުންވެސް އެއްޗެއް ދަންނަވާލަން ގަސްތުކުރަން. އެއީ، އަޅުގަނޑު މާލޭސިޓީގެ މޭޔަރު ކަމުގައި ހުރެގެން ރައްޔިތުންނަށް ކޮށްދޭން އުޅުނު މުހިންމު ބޮޑެތި ގިނަ ކަންތައްތަކެއް. އެނގިވަޑައިގަންނަވާނެ ފަދައިން، އޭރު އޮތީ ހުއްޓުވާފައި. އަޅުގަނޑުމެން މަސައްކަތް ކުރިން، އޭރު މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ހަދަން. ލޯކަލް މާރުކޭޓާއި މަސް މާރުކޭޓު، އެއް ފުރާޅެއްގެ ދަށަށް ގެނެސް، އެންމެ ޒަމާނީ ފެންވަރަށް ބިނާވެފައިވާ އިމާރާތަކަށް ހަދަން. ހުރިހާ ތައްޔާރީއެއްވިން. މާލޭގައި އޮތް ޓްރެފިކް މައްސަލަ ހައްލުކުރަން، ދުނިޔޭގައި ކުރިއަރާފައިވާ ޤައުމުތަކުގައި އޮންނަ ފަދަ ހައްލުތަކެއް މާލެއަށްވެސް ތަޢާރުފް ކުރަން މަސައްކަތް ކުރިން. އޭގެތެރޭގައި، ޕާކިންގ ބިލްޑިންގތައް ބިނާކުރަން ހުރިހާ ތައްޔާރީއެއްވިން.

ހަމަ އެހެންމެ، މާލެއާއި ވިލިމާލޭގައި ހުރި މާލޭހިޔާ އަދި ސިނަމާލެ ފްލެޓްތައް ބާވެ ރޫޅެމުންދާ ދިޔުމަކީ، އަޅުގަނޑު ވަރަށް ކަންބޮޑުވާ މައްސަލައެއް. އެހެންވެގެން އެކަމުގެ ހައްލުވެސް ހޯދިން. އެއީ، ކަނޑައެޅިފައިވާ އުޞޫލުތަކާއި ފަސޭހަތަކަކާއެކު، އެ ތަންތާނގައި ދިރިއުޅޭ ރައްޔިތުންނަށް އެ އިމާރާތްތައް އަލުން ބިނާކޮށްދިނުން. އެއީ، އެކަމުގައި މާލީ އެއްވެސް ތަކުލީފެއް، އެއިން އެއްވެސް ރައްޔިތަކަށް އުފުލަން ނުޖެހޭގޮތަށް. މިއަދު އަޅުގަނޑު ލޮބުވެތި ރައްޔިތުންނަށް އަރުވާ ޔަގީންކަމަކީ، މި އިމާރާތްތަކުގެ މަސައްކަތް، އަންނަ ފެބުރުވަރީ މަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފަށާނަން.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް، ސިޓީ ކައުންސިލް މެދުވެރިކޮށް، މި އަންނަ އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ، ފުޅާ ދާއިރާއެއްގައި ފެށިގެން ކުރިއަށްދާނެ.

މާލޭގެ މަސް މާރުކޭޓާއި ލޯކަލް މާރުކޭޓު ހިމެނޭ ޒަމާނީ މާރުކޭޓު އިމާރާތް ކުރުމުގެ މަސައްކަތްވެސް މި އަންނަ ހަފުތާގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފެށިގެންދާނެ.

މި ސަރުކާރު މިއައީ މިފަދަ އެތައް ފަސޭހަތަކެއް، އެތައް ކުރިއެރުމެއް ރައްޔިތުންނަށް ގެނެސްދޭން. އެކަމުގެ ފުރިހަމަ ޕްލޭނާއެކު، އެކަމުގެ ހެޔޮ ނިޔަތާއި ޢަޒުމާއެކު.

އެހެންވީމާ، ރައްޔިތުން އެ ރައްޔިތުންގެ ފާގަތިކަމަށްޓަކައި ހޮވާފައިވާ ކައުންސިލްތަކާއި، ރައްޔިތުންގެ މަޖިލިސްވެސް، އެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކިބައިން އަޅުގަނޑު އާދޭހާއެކު އެދެނީ، ރައްޔިތުންގެ މި ފަހި ދިރިއުޅުމަށް ތަރުޙީބު ދެއްވުން. ރައްޔިތުންނަށްޓަކައި މި އުފުލޭ ތަރައްޤީގެ ހަވޭލިތަކުން އުފާ ލިބިގަތުމުގެ ފުރުޞަތު އެ ރައްޔިތުންނަށް ދެއްވުމަށް. އަބަދުވެސް ދިވެހި ރައްޔިތުންނާއި ދިވެހި ޤައުމާ އެއްކޮޅަށް ތިއްބެވުމަށް. ދިވެހި ރައްޔިތުން ލޯބިކުރަނީ ޞުލްޙައަށް. ދިވެހި ރައްޔިތުން ލޯބިކުރަނީ އަމާންކަމަށް. ދިވެހިރައްޔިތުން އެދެނީ ކުރިއެރުމާއި ތަރައްޤީއަށް.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން!
ކައުންސިލްތަކުގެ މެންބަރުން!
ވަޑައިގެން ތިއްބެވި އެންމެހާ ހާޒިރީން!

ކެމްޕެއިނުގައި އަޅުގަނޑު ތިޔަބޭފުޅުންނާ ހަމައަށް ގެންދިޔައީ ފަހަރެއްގައި ވެސް ހުވަފެނެއް ނޫން. އަޅުގަނޑު ތިޔަބޭފުޅުންނާ ހަމައަށް ގެންދިޔައީ ޙަޤީޤަތް. އެކަމަކު އޮށުން ގަސްފަޅައި މޭވާ ލިބެނީ، އެ ކަމަށް އެކަށީގެންވާ މުއްދަތު ލިބުނީމާ. އިރާދަކުރެއްވިއްޔާ، އޮށަކުން ނިރު ފަޅަންޖެހޭ މޫސުމުގައި ނިރުފަޅާ ގޮތަށް، މާފޮޅެންޖެހޭ މޫސުމުގައި، މާ ފޮޅޭގޮތަށް އަދި މޭވާ ފައްކާވާންޖެހޭ މޫސުމުގައި މޭވާ ފައްކާވާ ގޮތަށް، މި ފަސް އަހަރުގެ ތެރޭގައި، އަޅުގަނޑު ވީ ހުރިހާ ވަޢުދެއް، ތިޔަ ލޮބުވެތި ދިވެހި ރައްޔިތުންނަށްޓަކައި ތަރުތީބުން އަޅުގަނޑުގެ ޓީމުން އުފަލާ އެކީގައި ފޯރުކޮށްދޭނަން. ދުވަހުން ދުވަހަށް އެ ކަންކަން އެ ދަނީ ކުރެވެމުން. އެ ކަންކަން މިދަނީ ބަލަމުން. އެ ކަންކަން އިރާދަކުރެއްވިއްޔާ ދާނީ ވަމުން.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން!

އަޅުގަނޑުގެ އެބައޮތް ސުވާލެއް. މިއިން އެއްވެސް ކަމެއް ހާސިލުނުވެ، ކޮންމެ ފަސް އަހަރަކުން ދިވެހީން ވޯޓުލާން މި ޖެހެނީ ކީއްވެތޯ؟ ދިވެހި އާންމު ރައްޔިތު މީހާއަށް މި ޤައުމުގައި އޮތް ހަމައެކަނި ޙައްޤަކީ ވޯޓުލުމުގެ ޙައްޤުތޯ؟ ތިޔާގިކަމާއި މުއްސަނދިކަމަކީ އެ ވޯޓުން ހޮވޭ މީހުންގެ މިލްކެއްތޯ؟ އަޅުގަނޑަކަށް މި ގޮތް ގަބޫލެއް ނުކުރެވޭ. ގަބޫލެއް ނުވެސްކުރާނަން.

ފުރާވަރު ކުދިން އުފަލުގައި އުޅޭތަން ދެކެން އަޅުގަނޑު ބޭނުން. އާ ކައިވެނީގެ ގުޅުންތައް ހަރުދަނާވެ، ރީތި ގެޔެއްގައި ތަހުޒީބު ދިރިއުޅުމެއް އުޅޭތަން ދެކެން އަޅުގަނޑު ބޭނުން. ޒުވާނުންނާއި، ދުވަސްވީ އިސްރަށްވެހީން ސަމާސާކޮށްލައި، އިޙްތިރާމާއެކު، ކަމޭހިތުމާއެކު އުޅޭތަން ދެކެން އަޅުގަނޑު ޝައުޤުވެރިވަން. ﷲ ގަންދީ އަޅުގަނޑު ހުވާކުރީ ދިވެހި ރައްޔިތުންނަށް އަމާނާތްތެރިވާން. އަޅުގަނޑަށް އަބަދުވެސް ދިވެހިރައްޔިތުންނަށް ޙައްޤުވާ ކުރިއެރުމާއި، ގެދޮރާއި، ދިވެހި ޤައުމަށް ލިބެންޖެހޭ ޢިއްޒަތާއި ޤަދަރާ ވަރަށް މުހިންމު.

ދިވެހިން ވިރާސީ ރަސްކަމަކުން އިންތިޚާބީ ރަސްކަމަކަށް، އިންތިޚާބީ ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް މިކުރި ދިގު ދަތުރުގެ މާނައެއް، މަޤްޞަދެއް އޮންނަންވާނެ. މިކަންކަމުން ރައްޔިތުންނަށް ހާސިލުވި މަންފާއެއް އޮންނަންވާނެ. މިސާލަކަށް، ޑިމޮކްރެޓިކް އުޞޫލުތައް ހަރުދަނާ ކުރުމަށްޓަކައި އަޅުގަނޑުމެން، ދިވެހި ރައްޔިތުން ރާއްޖެ ހިންގުމުގެ ނިޒާމު ބަދަލުކުރީމު. ކައުންސިލްތައް އުފެއްދީމު. ރަށްރަށް ތަރައްޤީ ކުރުމުގެ މަސްއޫލިއްޔަތާއި ބާރު، ކައުންސިލްތަކަށް ދިނީމު. ބޭނުމަކީ ކަންކަން އަވަސްކުރުން. ފަސޭހަކުރުން. އަދި ފެންވަރު މަތިކުރުން. ރައްޔިތުންނަށް އެންމެ އެކަށޭނަ ގޮތުގައި ޚިދުމަތް ލިބުން.

އެހެންވީމާ، ރައްޔިތުން އުންމީދު ކުރަނީ ޚިދުމަތްތައް ފުރިހަމަވާނެ ދުވަހަކަށް. އަޅުގަނޑު ދެކެން ބޭނުން ވަރަށް ރީތިކޮށް ފަރުމާ ކުރެވިފައިވާ، އުފާވެރިކޮށް މީހުން ދިރިއުޅޭނެ ރަށްރަށް. އެ ދުވަސް ގެނައުމަށްޓަކައި ކައުންސިލްތަކަށް އެހީތެރިކަން ދޭނަން. އެކަމަށްޓަކައި ކޮންމެ ރަށެއްގެ ލޭންޑް ޔޫސް ޕްލޭން ވަރަށް މުހިންމު. އެކަމަށް ވަރަށް އިސްކަންދީ، މި ސަރުކާރުގެ ހަފުތާ 14ގެ ތެރޭގައި އެކަން ހިމަނާފައިވާނެ. އެއީ، ލޭންޑް ޔޫސް ޕްލޭން ނުނިމިހުރި ހުރިހާ ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭންތައް ނިންމައިދިނުމުގެ މަސައްކަތް ސަރުކާރުން ފެށުން. ހަމަ އެހެންމެ، ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް އެޕްލިކޭޝަން ހުށަހަޅާނެ ޕޯޓަލްއެއް އިރާދަކުރެއްވިއްޔާ ޤާއިމުކުރުންވެސް ހިމެނިފައި އެބައޮތް.

ހަމަ އެހެންމެ، މި 5 އަހަރުގެ ތެރޭގައި، ކުރިއަށް އޮތް 20 އަހަރަށް އަމާޒުކޮށް، ދިވެހިރާއްޖޭގެ ތަރައްޤީގެ މާސްޓަރ ޕްލޭން ތައްޔާރުކުރެވޭނެ. މި ޕްލޭން ތައްޔާރުކުރުމުގައި، ހުރިހާ ކައުންސިލްތަކުގެ އެހީތެރިކަން ބޭނުން. ކައުންސިލްތަކުގެ ފުރިހަމަ ބައިވެރިވުން ބޭނުން. މިއީ ދިވެހި ރައްޔިތުންގެ 20 އަހަރު ދުވަހުގެ މުސްތަޤްބަލް، ދިވެހި ރައްޔިތުންގެ ފިހިތަކުން ކުރެހުން. ދިވެހި ޅަދަރިންގެ ކުރިމަގު، އުފާވެރިކަމާއި ތަހުޒީބުގެ ޙަޤީޤަތަކަށް ހަދައިދިނުން.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން!

ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި، އެންމެހާ ހާޒިރީން!

ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ބުރަކޮށް މަސައްކަތް ކުރެއްވުމަށް އަޅުގަނޑު ތިޔަބޭފުޅުންނަށް ގޮވާލަން! އަބަދުވެސް ގޮތް ނިންމާއިރު، ދިވެހި ޤައުމަށް އެންމެ ފައިދާހުރި، ދިވެހި ރައްޔިތުންނަށް އެންމެ ލާބަހުރި ގޮތަށް ކަންކަން ނިންމުމަށް އަޅުގަނޑު ގޮވާލަން! ހަމަ އެހެންމެ، ދިވެހި ޤައުމާ އެއްކޮޅަށް ކަންކަން ނިންމަވައިދެއްވާ! ދިވެހިރައްޔިތުންނާ އެއްކޮޅަށް ކަންކަން ހިންގަވައިދެއްވާ! އެއީ، ދިވެހީންގެ ދީނަށް ނަޞްރުދީގެން. ދިވެހީންގެ ސަގާފަތަށް އިޙްތިރާމު އަދާކޮށްގެން. ދިވެހީންގެ ކުރިއެރުމާއި ތަރައްޤީއަށް އިސްކަންދީގެން.

އޯގާވަންތަ ﷲ މިގޮތުގައި އަޅުގަނޑުމެންނަށް ހެޔޮ ތައުފީޤު ދެއްވާށި! ދިވެހީންނަށް އަދަށްވުރެ ފަހި އުޖާލާ މާދަމާއެއް މިންވަރު ކުރައްވާށި! މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދުމެ ލަހައްޓަވާށި! އާމީން!

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.