بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ކޮލަމާފުށީގެ ލޮބުވެތި ރައްޔިތުން، ކައުންސިލްގެ ރައީސާއި، ކައުންސިލަރުންނާއި، ޑަބްލިޔޫ.ޑީ.ސީ. މެންބަރުން، ރަށުގެ އެންމެހައި މުއައްސަސާތަކުގެ ވެރިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، އަދި މި ޖަލްސާ ދުރާއި ގާތުން ބައްލަވަމުން ގެންދަވާ ހުރިހާ ލޮބުވެތި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އަޅުގަނޑުމެން މި ރަށަށް މިއަދު އައި ވަގުތު، މި ރަށުގެ ލޮބުވެތި ރައްޔިތުން އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ. އަދި ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވަރަށް ހޫނު ތަރުޙީބެއް، ވަރަށްބޮޑު ތާއީދެއް ދެއްވި ކަމަށްޓަކައި ހިތުގެ ފުންމިނުން ފަށްފަށުން ޝުކުރު ދަންނަވަން. ޝުކުރިއްޔާ.

އާދެ، މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ގިނަ ކަންތައްތައް، ކުރީގައި ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައިވެސް ތިޔަބޭފުޅުން އަޅުގަނޑާ ޙިއްޞާ ކުރެއްވި. އަދި އެކަމާ ގުޅޭގޮތުން އަޅުގަނޑު ވާނީ ވާހަކަ ދައްކާފައި. ވަޢުދުތަކެއް ވެފައި. އަދި މިއަދު ކައުންސިލް ބައްދަލުވުމުގައިވެސް، މިހާރު ބޭނުންވެފައި ހުރި މުހިންމު ހުރިހާ ކަމެއް، ތަރައްޤީއަށް، ކުރިމަގަށް ބޭނުންވާ ކަންކަން، ކައުންސިލްގެ ފަރާތުންވެސް ޙިއްޞާ ކުރެއްވި.

އާދެ، އަޅުގަނޑު ދަންނަވަން ބޭނުންވަނީ، އަޅުގަނޑު ވަޢުދުވީ ކަންތައްތައް އިރާދަކުރެއްވިއްޔާ ފުއްދައިދޭނަމޭ. އެއީ، އަޅުގަނޑު ވަޢުދުވަނީ ވަޢުދު ފުއްދަންވެގެން. ވަޢުދުވެފައި، އޭގެ މަތިން ހަނދާންނައްތާލާކަށް ނޫން. އެހެންވީމާ، މި ރަށުގެ ރައްޔިތުންގެ އިޤްތިޞާދީ ތަރައްޤީއަށްޓަކައި ކުރަން އަޅުގަނޑު ވަޢުދުވީ ކަންތައްތައް، މި ރަށުގެ ފަޅުތެރޭގައި ކުރިއަށް ގެންދިޔުމަށް އަޅުގަނޑު ވަޢުދުވި އިންޓަރގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫޢު، އިރާދަކުރެއްވިއްޔާ ޙަޤީޤަތަކަށް ހަދައިދޭނަން.

އާދެ، އެ މަޝްރޫޢާއެކީ ސިޓީ ހޮޓަލެއް އެޅިގެން ދިޔުމާއި، މުޅި މަޝްރޫޢު އެކީގައި އިރާދަކުރެއްވިއްޔާ ޙަޤީޤަތަކަށް ހަދައިދޭނަން. އެކަމަށްޓަކައި އިކޮނޮމިކް ކައުންސިލްގައި ކުރިއަށް ގެންދަންޖެހޭ ހުރިހާ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރިއަށް ގެންގޮސް، ވީހާވެސް އަވަހަކަށް މިތަނަށް އިންވެސްޓަރުން ގެނެސް، އެކަން ހަމަ ޢަމަލީގޮތުން ކުރިއަށްދާ ތަން ތިޔަބޭފުޅުންނަށް ވަރަށް އަވަހަށް ފެނިވަޑައިގަންނަވާނެ. އެކަން ވެގެން ދިޔައިމަ، އެއާ އެކީގައި، ނެޗުރަލީ އޭގެ ޒާތުގައި އަޅުގަނޑު ހިތުން އެއަރ ކަނެކްޓިވިޓީވެސް އަންނާނެ.

އާދެ، ކޮންމެގޮތެއްވިޔަސް، ވިލިނގިލީގައި މި ސަރަޙައްދުގެ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމާއި، ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫޢުގެ ފަހުމުނާމާގައި އަޅުގަނޑުމެން މިއަދު މި ސޮއިކުރީ. މި ސަރަޙައްދުގައި ޑޮމެސްޓިކް އެއަރޕޯޓެއް، އެއާއެކީ ތަރައްޤީވެގެން އައުމަކީ އަޅުގަނޑު ހިތުން ހަމަ ވަރަށް ގާތް، ވަރަށް ޙަޤީޤަތަކަށް ވާނެ ކަމެއްގެ ގޮތުގައި އަޅުގަނޑަށްވެސް ފެންނަ ކަމަށް ދަންނަވާލަން.

މި ރަށުގެ ކައުންސިލުން އަޅުގަނޑާ ޙިއްޞާ ކުރެއްވި ވަރަށްގިނަ ކަންކަން. ދެން މިތަނުގައި އަޅުގަނޑާ އެކީގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ވަޒީރުން، އެ ބޭފުޅުންގެ މެންޑޭޓް ތެރޭގައި އެ ހުރިހާ ކަމަކަށްހުރި މަޢުލޫމާތުވެސް ޙިއްޞާ ކުރެއްވި. ވަރަށްގިނަ މަސައްކަތް އެއީ. އަޅުގަނޑުމެން މިތިބަ ސްކޫލްގެ ޙާލަތު، މިސާލަކަށް ދަންނަވަންޏާ، އެންމެބޮޑު އެއް ކަންތައް. ސްކޫލްގެ ޖާގަ ނެތުން، ކްލާސްރޫމްތައް، މަލްޓި-ޕަރޕަސް ހޯލް، މިހެންގޮސް ސްކޫލް ތަރައްޤީކުރަން މިއޮތީ ޖެހިފައި.

ހަމަ އެއާއެކީގައި، ހެލްތު ސެންޓަރުގެ ފެންވަރު ދަށް ވާހަކަ. ނަމެއްގައި 24 ގަޑިއިރު ޚިދުމަތް ދިނަސް، ޙަޤީޤީ ޚިދުމަތެއް ނުދެވޭ ވާހަކަ. ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު، ނޫނީވިއްޔާ ގައިނަކޮލޮޖިސްޓެއްވެސް ނެތް ވާހަކަ. މިހެންގޮސް މުހިންމު އެތައް ކަމެއް ޙިއްޞާ ކުރެއްވި. ކަރަންޓުގެ ޙާލަތު ދަށް ވާހަކަ. އަދި އަމުދުން ކުރިއަށް މިއޮތް ރަމަޟާން މަސް އަންނައިރުގައި، ޖަނަރޭޓަރެއް އިތުރަށް ނުގެނެވިއްޖިއްޔާ، ނޫނީވިއްޔާ ޖަނަރޭޓަރުތައް އޯވަރހޯލް ނުކުރެވިއްޖިއްޔާ ދިމާވެދާނެ ކަންތައްތަކުގެ ވާހަކަ ޙިއްޞާ ކުރެއްވި.

ހަމަ އެއާއެކީގައި، މިކަހަލަ އަސާސީ ގިނަ ކަންތައްތަކެއް ހިއްސާކުރެއްވި. އަޅުގަނޑު ދަންނަވަން މިއުޅެނީ، މިކަންކަމަކީ އަސާސީ ކަންތައްތަކޭ. އަސާސީ ގިނަ ކަންތައްތަކެއް ޙިއްޞާ ކުރެއްވި. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ދެންނެވި ހުރިހާ ކަމެއް ކޮށްދޭނެ ވާހަކަ. ޙަޤީޤަތަކަށް ހަދައިދޭނެ ވާހަކަ. ސަރުކާރުގެ ބަޖެޓުގެ ޖާގަ، މީގައި މުހިންމު ވަނީ. ބަޖެޓުގެ ތެރެއިން ކުރުން. މިފަހަރުގެ ބަޖެޓް، އަޅުގަނޑުމެންނެއް ނޫން ފާސްކުރީކީއެއް. އަޅުގަނޑުމެން ހުށަހެޅި ކަންކަމެއް މުޅިއަކުންނެއް ނެތް، އަޅުގަނޑުމެން ހުށަހެޅި ގޮތަށް، މިދިޔަ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުން، ހަނދުމަފުޅު ހުންނާނެ، އޭރުގެ ފިނޭންސް މިނިސްޓަރ ބަޖެޓް ހުށަހެޅުއްވީ. އަޅުގަނޑުމެންނަށް ލިބުނީ ދިހަވަރަކަށް ދުވަސް، ޓްރާންސްޒިޝަން މަރުޙަލާގެ ތެރޭގައި، އެއަށް ބަދަލުތަކެއް ގެންނަން. އަޅުގަނޑުމެން ހުށަހެޅި ކަންކަން، އެ ބޭފުޅުން ބޭނުންވި ކަމެއްވިއްޔާ ހިމަނުއްވައިދެއްވި. ރައްޔިތުންގެ މަޖިލީހުގެ ބާރު އަޅުގަނޑުމެންނަކަށް އަދިއެއް ނެތް. ބާރު ދެއްވުމުގެ ބާރު އޮތީ ރައްޔިތުންގެ އަތްޕުޅުގައި. ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި. ރައްޔިތުންގެ މަޖިލީހުގެ ބާރު އޮތް ޕާޓީގެ ފަރާތުން އަޅުގަނޑުމެންނަކަށް، އަޅުގަނޑުމެން ބޭނުންވި ގޮތަކަށެއް ނޫން ބަޖެޓް ހަދައިދީފައި އެއޮތީ.

އެހެންވީމާ، އެ ބަޖެޓުގެ ތެރެއިން ޖާގަ ލިބިފައި އޮތް މިންވަރަކުން މި އަހަރު މި ދެންނެވި ކަހަލަ ޕީ.އެސް.އައި.ޕީ. މަޝްރޫޢުތަކާއި، ޔޫޓިލިޓީޒް، ފެނާއި ކަރަންޓް، ނަރުދަމާއާ ގުޅިފައި ހުރި ކަންތައްތައް އަޅުގަނޑުމެން ކުރިއަށް ގެންދާނަން.

ދެން އެއާ އެކީގައި، އަޅުގަނޑުމެން ދެންމެ މި ދެންނެވި އިންޓަރގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކަހަލަ، އިންވެސްޓަރުން ގެނެސްގެން، ޑިވެލޮޕަރުން ގެނެސްގެން ކުރެވެންހުރި ކަންކަން، ހަމަ އެ މޮޑެލްގެ ތެރެއިން އަޅުގަނޑުމެން މަސައްކަތް ކުރަން ވިސްނާފައި މިއޮތީ ޙަޤީޤަތުގައި. އެއީ، ހުރިހާ ކަމަކީ އަދި އަމުދުން އަޅުގަނޑުމެންގެ އިޤްތިޞާދު މިއަދު އޮތް ޙާލަތުގައި، ބަޖެޓަށް ބަރޯސާވެގެންނެއް ކުރެވޭނެ ކަންކަމެއް ނޫން. ޕްރައިވެޓް ސެކްޓަރ ލީޑްކުރާ އިންވެސްޓަރ ފައިނޭންސިންގ މަޝްރޫޢުތަކަށް ޖާގަދިނީމަ، މިހާރު މިއޮތް ޙާލަތުގައި އިޤްތިޞާދު ފުޅާވާނީ. އެހެންވީމާ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހެންހުރި ގިނަ މަޝްރޫޢުތަކަށް އެ މަގުން އަޅުގަނޑުމެން ޓެކްލް ކުރަން، އެޑްރެސް ކުރަން ވިސްނާފައި މިއޮތީ.

އާދެ، އެއީ ހަމަ ޖުމްލަ ގޮތެއްގައި ދަންނަވާލި ވާހަކައެއް. މި ރަށަށް ވަކި ޚާއްޞަ ވާހަކައެއް ނޫން އެއީކީއެއް. އެހެންވީމާ، މި ރަށުގައި އަސާސީ މިހިރަ ކަރަންޓުގެ މައްސަލަ، ހެލްތު ސެންޓަރުގެ ޚިދުމަތުގެ މައްސަލަ، ސްކޫލް ތަރައްޤީ ކުރުމުގެ މައްސަލަ ކަހަލަ ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކޮށްދޭއިރުގައި، އެންމެ މުހިންމު އެއް ކަންތަކަށް މިއޮތީ ބިން ހިއްކުން. ބިން ހިއްކުމަށް ބަޖެޓުގައި އޮތީ ހަމަ ނަމަކަށް ހިމަނާލާފައޭވެސް ދެންނެވިދާނެ. ވަރަށް ކުޑަކުޑަ އަދަދެއްގެ ފައިސާ ޖަހާފައި އޮތީ. ހިމަނާލާފައި އޮތީ.

އެހެންވީމާ، މީގައި ދިމާވާ ދަތިތަކަކީ، އެގްރީމަންޓެއް ހެދިފައި އޮތަސް، ކޮންޓްރެކްޓަރު އަރުވައިގެން މަސައްކަތް ކުރުވަން ބަލާއިރުގައި، ހަމަ ސަރުކާރުގެ ކުންފުނިތައް، ނޫނީވިއްޔާ ޕްރައިވެޓް ސެކްޓަރ ކުންފުނިތައް މި ހުންނަނީ. އެންމެ މަދުވެގެން އެޑްވާންސް ޕޭމަންޓެއް ދޭންޖެހޭނެ. 15 ޕަސެންޓް އެޑްވާންސް ޢާންމުކޮށް މިދެނީ. އެޑްވާންސް ޕޭމަންޓް ދެވޭވަރަށްވެސް ބަޖެޓުގައި ފައިސާ ނުހިމަނައި ބަޖެޓް މި ހަދަނީ. ކަން ހިނގާ ގޮތް ދަންނަވާލަން ވެގެން މި ވާހަކަ މި ދަންނަވާލީ. މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކޮމަން ވާހަކައެއްވީމަ.

އެހެންވީމާ، ބަޖެޓުގައި މި ހުންނަ މިކަހަލަ މުހިންމު ޙައްސާސް މަޝްރޫޢުތަކަށް އެއްވެސް ވިސްނުމެއްނެތި މި ބަޖެޓް މިއޮތީ ފާސްކޮށްފައި. އެހެންވިޔަސް، އަޅުގަނޑުމެން އާމްދަނީގެ ތެރެއިން ލިބޭ ފައިސާ ހަމަ ތަރުތީބުކޮށް، ކުރިއަށް އޮތް ދުވަސްތަކުގައި، މިކަހަލަ މުހިންމު މަޝްރޫޢުތަކަށް ބަޖެޓުގެ ތެރެއިން ޖާގަ ހަދާނަން އިރާދަކުރެއްވިއްޔާ. ހަދައި، މި ރަށަށް އެންމެ މުހިންމު އެއް މަޝްރޫޢު މިއީ، މި ބިން ހިއްކުން. އެކަން ޢަމަލީގޮތުން މި އަހަރުގެ ތެރޭގައި، ރަނގަޅު މަޝްރޫޢެއްގެ ގޮތުގައި ފަށައިދޭނެ ވާހަކަ ދަންނަވަން.

އާދެ، އެއީ، އެންމެ މުހިންމު ކަންތައް. ދެން ބަނދަރަށް ގެންނަން އެދިވަޑައިގަންނަވާ ބައެއް ބަދަލު އެބަހުރި. ބަނދަރު ނިންމަމުންދާއިރުގައި، ކުރިއަށް ގެންދަން ބޭނުންވާ ބައެއް ކަންކަން ވިދާޅުވި. ސްލިޕްވޭ މަޝްރޫޢު، އެއާ ގުޅުވާލައިގެން ކުރަން ބޭނުންވާ ވާހަކަ، ބައެއް ވާހަކަތައްވެސް އެބަހުރި ޙިއްޞާ ކުރައްވާފައި. އެހެންވީމާ، އަޅުގަނޑުމެން ހަމަ އެކަންކަމަށް ވީހާވެސް ރަނގަޅަކަށް އެޑްރެސް ކުރާނެ ވާހަކަ ދަންނަވަން.

އާދެ، މި ހުރިހާ ކަމެއްވެސް މި ކުރެވިގެން މިދަނީ، ސަރުކާރުގެ އިޤްތިޞާދީ ޕޮލިސީގެ ނަތީޖާ ނެރެވޭވަރަކުން. ނަތީޖާ ނެރެވޭނީ، ސިޔާސަތުތަކަށް ތާއީދުކުރާ ރައްޔިތުންގެ މަޖިލީހެއް އޮވެގެން. ރައްޔިތުންގެ މަޖިލީހުގެ ބާރު، މިހާރުގެ ދުސްތޫރީ ނިޒާމު އޮންނަ ގޮތުން ވަރަށް ވަރުގަދަކޮށް މި އޮންނަނީ. ސަރުކާރުން އަދި ކިތަންމެ ގިނަ ކަމެއް ކުރަން ބޭނުންވިޔަސް، ހަމަ ހުއްޓުން ގެނެވޭކަހަލަ ގޮތަކަށް. އެއީ، ދެން ރާއްޖޭގެ ދުސްތޫރީ ނިޒާމު އޮތްގޮތް.

އެހެންވީމާ، މި ގިނަ ކަންތައްތައް އަޅުގަނޑުމެން ކުރަން ބަލާއިރުގައި، މިސާލަކަށް، އަޅުގަނޑުމެން މިފަހަރު މި އަލަށް، އަޅުގަނޑުމެންގެ ސަރުކާރުން އަލަށް މި މަޖިލީހަށް މި ފޮނުވި ބިލުތަކުގެ ތެރެއިން އެންމެ ފުރަތަމަ ފޮނުވި އެއް ބިލަކީ، ދިވެހި ރައްޔިތުންގެ ޙައްޤުގައި އުފައްދާފައި އޮތް، ދިވެހި ރައްޔިތުންގެ ބޮލުގައި އެޅިފައި ހުރި ދަރަނިތައް ދައްކަންވެގެން، ބޭރުގެ ދަރަނި ދައްކަންވެގެން ޑޮލަރު ޖަމާކުރަން އުފެއްދި ފަންޑު، ސޮވްރިންގ ޑިވެލޮޕްމަންޓް ފަންޑު. އެ ފަންޑާ ބެހޭ ބިލެއް. ބިލެއް ހަދަންޖެހުނީ ކީއްވެގެން. މިދިޔަ ސަރުކާރުން އެ ފަންޑުގައި ހުރި ހުރިހާ ޑޮލަރުކޮޅެއް މާރުކޮށްލީ. މާރުކޮށްލީމާ ރުފިޔާ ހުރީ. ޑޮލަރެއް ނެތް. ބޭރު ފައިސާއެއް ނެތް. އެހެންވީމާ، އަޅުގަނޑުމެން ބޭރު ފައިސާ ޖަމާކުރަން ފެށީ. އެހެން ނަމަވެސް، އެ ފަންޑާބެހޭ ޤާނޫނެއް، ރައްޔިތުންގެ ޙައްޤުގައި، އެ ފަންޑު ޙިމާޔަތް ކުރަން އަޅުގަނޑުމެން ހުށަހެޅީ. މަޖިލީހުގެ ދައުރު މުހިންމުވާ ހިސާބު މި އަންނަނީ.

އެހެންވީމާ، މިކަހަލަ މުހިންމު ސިޔާސަތުތައް ތަންފީޒު ކުރަން ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ބޭނުންވާނެ. ރައްޔިތުންގެ މަޖިލީހޭ މި ކިޔަނީ. އެހެންވީމާ، ރައްޔިތުންގެ މަޖިލިސް އޮންނަންވީ ގޮތް ނިންމަން ރައްޔިތުންގެ އަތްމައްޗަށް ބާރު ލިބޭއިރުގައި، މި ޕޮއިންޓްތަކަށް ވިސްނައިލެއްވުމަށް އަޅުގަނޑު އެދެނީ އެހެންވެގެން.

އެހެންވީމާ، ރައްޔިތުންގެ ބާރު، ޒިންމާދާރު ވިސްނުން ހަރުދަނާ ގޮތެއްގައި ބޭނުންކުރެއްވުމަކީ، މި ޙައްސާސް ދަނޑިވަޅުގައި، މިއަދު އަޅުގަނޑުމެންގެ މި ވެއްޓިފައި އޮތް އިޤްތިޞާދު ނަގައި ކޮޅަށްޖަހަން މަސައްކަތް ކުރާ މި ދަނޑިވަޅުގައި ވަރަށް މުހިންމު ކަމެއް ހެޔޮގޮތުގައި ބޭނުންކުރުން.

މި ދާއިރާގެ ވާހަކައެއް ނޫން މި ދަންނަވަނީ. އަޅުގަނޑުމެންގެ ތެރޭގައި، ލޯކަލް ޕޮލިޓިކްސް އޮންނަ ގޮތުން، ބައެއް ސަރަޙައްދުތަކުގައި، ބައެއް ދާއިރާތަކުގައި، ބައެއް ހިސާބުތަކުގައި، މި ދެންނެވި ވިސްނުމަށް މާބޮޑަކަށް ޖާގައެއް ނުއެއްދެވޭ. ޒާތީ، ޢާއިލީ ވިސްނުން، ރަޙްމަތްތެރި ކަމުގެ ވިސްނުން، ޕާޓީ ވިސްނުމުގެ ތެރެއިން ކެންޑިޑޭޓުންނަށް ވޯޓުދޭ ތަން އާދޭ. އެއީވެސް އޭގެ ޒާތުގައި އެއްގޮތް. އެހެން ނަމަވެސް، މިހާރު މި ހިނގާ ސީރިއަސް މަސައްކަތްތައް، އިޤްތިޞާދު ތަރައްޤީ ކުރުމަށްޓަކައި މި ހިންގާ ސީރިއަސް މަސައްކަތްތައް ހިންގާއިރުގައި، އަނެއްކާ މި އިޤްތިޞާދީ އެޖެންޑާއަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު، އައި.އެމް.އެފް. ވަރަށް ބޮޑަށް ތާއީދުކޮށްފައި އޮތީ. އެއީ، ޢާންމުކޮށް ވާކަމެއް ނޫން. ވަރަށް ބޮޑަށް ތާއީދުކޮށްފައި އެބައޮތް. އަޅުގަނޑުމެން ރައްޔިތުންގެ ޙައްޤުގައި ނިންމާފައި މިހިރަ މުހިންމު ނިންމުންތަކަށް.

އެއް ކަމަކަށް، މި ދެންނެވި ސޮވްރިންގ ޑިވެލޮޕްމަންޓް ފަންޑު ހަރުދަނާ ކުރުމުގެ ވާހަކަ. އަނެއް ކަމަކަށް، އަޅުގަނޑުމެން ފައިސާ ޗާޕްކުރުން ހުއްޓާލި ހުއްޓާލުން. އެއީ، އެންމެ ބޮޑު ކަންތައް. ދެން އަޅުގަނޑުމެން ޕްރައިވެޓް ސެކްޓަރއަށް ފުރުޞަތު ދީގެން، ރާއްޖެއަށް ބޭރުގެ އިންވެސްޓަރުން ގެނައުމަށްޓަކައި ފަށާފައި އޮތް ގިނަ މަސައްކަތްތައް. ސްޕެޝަލް އިކޮނޮމިކް ޒޯން ތަޢާރުފު ކުރުމާއި، ފައިނޭންޝަލް ސެންޓަރުތައް ރާއްޖެއަށް ގެނައުމަށް ހުޅުވައިލުމާއި، ނުހެދިހުރި ރިޒޯޓުތައް ހަދަން އެކިކަހަލަ ފުރުޞަތުތައް ހުޅުވައިލުމާއި، އިންޓަރނޭޝަނަލް އެންމެ މައި އެއަރޕޯޓް ނިންމުމާއި އަދި ގިނަ މުހިންމު ސްޓްރެޓީޖިކް އިންޓަރނޭޝަނަލް އެއަރޕޯޓުތައް އަޅަން މި ފަށާ މަސައްކަތާއި، މި ހުރިހާ ކަމެއް ބަލައިގަނެފައި، އަދި ސަބްސިޑީ ނިޒާމު ހަރުދަނާ ކުރަން ފެށި މަސައްކަތްތަކާ. މި ހުރިހާ ކަމެއް ބަލައިގަނެފައި މިއޮތީ އިންޓަރނޭޝަނަލް މުހިންމު އޯގަނައިޒޭޝަންސްތަކުން. ވާރލްޑް ބޭންކުންވެސް.

ދެން މިހެން ވެފައި އޮއްވައި، މި ޙާލަތުގައި، މި ޙައްސާސް ދަނޑިވަޅަކަށް މިވަނީ އެހެންވެގެން. މި ރަނގަޅު މަގުން މަސައްކަތް ފަށާފައި އޮއްވައި، މި ދެންނެވި ޒާތީ، ޢާއިލީ، ޕާޓީ ނިޒާމަށް އެކަނި ވިސްނާލާފައި، ބައެއް ދާއިރާތަކުގައި، ކުރިއަށް މި އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ކަންކަން ނިންމިއްޖިއްޔާ ގެއްލުންވާނީ ރައްޔިތުންނަށް. އެއީ، ކީއްވެ؟ އެއީ، ރައްޔިތުންގެ މަޖިލީހުގައި، އަޅުގަނޑު ދެންމެ ދެންނެވި ގޮތަށް މި އޮންނަނީ، ދުސްތޫރީ ނިޒާމު ރޭވިފައި އޮތް ގޮތުން، ވަރަށް ބޮޑަށް ސަރުކާރުގެ ޑައިރެކްޝަން، ނޫނީ ސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްދިނުމުގައި ގޮތްގޮތް ފަހިކޮށްދިނުމާއި ހުރަސްއެޅުމުގެ ބާރު.

ދެން މިދިޔަ ތިންމަސް ދުވަހު، ހުރިހާ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، ސަރުކާރާ ދެކޮޅަށް، އެއްވެސް އަސާސެއްނެތި، ރައްޔިތުންގެ މަޖިލީހުން ކަންކަން ކުރަމުންދިޔަގޮތް. ސަރުކާރުގެ ވިސްނުމުގައި، މެޖޯރިޓީ ނެތް މަޖިލީހެއްވީމަ. އެހެންވީމާ، މިއީ، ވަރަށް ފަސޭހައިން ވިސްނިވަޑައިގަންނަވާ ކަހަލަ ޙަޤީޤަތް މި ދަންނަވާލެވުނީ.

އެހެންވީމާ، ރައްޔިތުންގެ ޙައްޤުގައި މި ކުރެވޭ ހުރިހާ މަސައްކަތެއްގައި، މި ރާއްޖޭގެ ތަރައްޤީ އިރާދަކުރެއްވިއްޔާ ރައްޔިތުން އެދޭ އަމާޒަށް ގެންގޮސްދީ، އަޅުގަނޑުވީ ހުރިހާ ވަޢުދެއް އިރާދަކުރެއްވިއްޔާ ފުއްދައިދޭނަން. އަޅުގަނޑަށް ފުރިހަމަ ޔަޤީންކަން އޮތީމަ މި ދަންނަވަނީ. ހުރިހާ ވަޢުދެއް އިރާދަކުރެއްވިއްޔާ ފުއްދައިދޭނަން. ފުއްދޭނީ މި ދެންނެވި ގޮތަށް، މި ޙަޤީޤަތް އަޅުގަނޑުމެން ގަބޫލުކޮށްގެން، ރައްޔިތުންގެ ނިންމުން ރަނގަޅު ގޮތުގައި ނިންމީމައޭ. އެހެން ނޫނީވިއްޔާ ދަތިތައް ހުންނާނީ ހަމަ. ދަތި ހުރީމަ، ކަންކަން ނުވެ ދާނީ. ނުވުމަކީ އަޅުގަނޑުމެން އެކަކުވެސް ބޭނުންވާނެ ގޮތަކަށް އަޅުގަނޑަކަށް ހިއެއްނުވޭ ވާނެހެނެއް.

އާދެ، އެހެންވީމާ، މި ވާހަކަ ފާހަގަކޮށްލަން މިޖެހުނީ، ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު މި އަންނަނީ. އެއީ، މިހާރު މަހަކަށްވުރެވެސް ގާތްވެފައި މިއޮތީ. މި ފެބުރުވަރީ މަސް މި ނިމެނީ. މާރިޗު މަހުގެ 17 ވަނަ ދުވަހު މިއޮތީ އިންތިޚާބު. އެ ދުވަހު އޮންނަ އިންތިޚާބާ ދޭތެރޭގައި މާގިނަ ދުވަހެއް ނެތް. އެހެންވީމާ، އެ އިންތިޚާބު އަންނައިރުގައި، ރައްޔިތުން މިކަމާ ވިސްނާވަޑައިގަތުމަށް، ހަމަ އަޅުގަނޑު ރައްޔިތުން ޒިންމާ ހަވާލުކޮށްފައި ހުރި މީހާގެ ހައިސިއްޔަތުން ރައްޔިތުންގެ ކިބައިން އެދޭ އެދުމެއްވީމަ ދަންނަވާލީ. އަޅުގަނޑަށް ޔަޤީން، މި ދާއިރާއިން ނިންމަވާނީ، އަޅުގަނޑު މި ދެންނެވި ގޮތަށް ކަމަށް.

އާދެ، އަޅުގަނޑު އެއްގޮތަކަށްވެސް ސިޔާސީ ވާހަކަ ދައްކާކަށް ބޭނުމެއް ނޫން. އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ތަރައްޤީގެ ދާއިރާއަށް، މި ރަށުގެ ތަރައްޤީއަށް ކުރަންހުރި ހުރިހާ މަސައްކަތެއްގައި އިރާދަކުރެއްވިއްޔާ، ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާ އެކީގައި ކުލަޖެހިގެންދާނެއޭ. ކުލަ ޖައްސައިދޭނަމޭ. އަޅުގަނޑު މަސައްކަތް ކުރަނީ، ރައްޔިތުން ހަވާލުކުރި ޒިންމާ އަދާކުރުމުގައި، ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކީގައިކަން ރައްޔިތުންނަށް ފެނިވަޑައިގަންނަވާނެއޭ. ވަރަށް ބޮޑަށް ޝުކުރިއްޔާ!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.