بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ދާންދޫގެ ލޮބުވެތި ރައްޔިތުން، ކައުންސިލްގެ ރައީސް، ކައުންސިލަރުން، ޑަބްލިޔޫ.ޑީ.ސީ. މެންބަރުން، އަދި މިތަނަށް ވަޑައިގެން ތިއްބެވި ނިލަންދޫގެ ކައުންސިލް ރައީސާއި، ކައުންސިލަރުންނާއި، ޑަބްލިޔޫ.ޑީ.ސީ. މެންބަރުން، މި ޖަލްސާ ދުރާއި ގާތުން ބައްލަވާ ހުރިހާ ލޮބުވެތި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، އަޅުގަނޑު ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރުމާއި އަދި ކައުންސިލްތަކުގެ ކައުންސިލަރުންނާއި އަދި ޑަބްލިޔޫ.ޑީ.ސީ. މެންބަރުންނާ ބައްދަލުކުރުމަށް ފަށައިގެން މިއުޅޭ ދަތުރުގައި، މި ހަފްތާގައި ކުރަން ނިންމި ދަތުރުގެ އެންމެފަހު މަންޒިލްގައި މިއަދު މި ހުރެވެނީ.

އާދެ، ދާންދުއަށް އާދެވުމުން، ތިޔަބޭފުޅުން އަޅުގަނޑަށް ވިދާޅުވި ހޫނު މަރުޙަބާއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ، މި ދަތުރު މިއަދު ނިމިގެންދާއިރުގައި، އައްޑޫ ސިޓީ، ފުވައްމުލައް، ގއ.، ގދ.ގެ ހުރިހާ ކައުންސިލްތަކާ ބައްދަލުވި. ހުރިހާ ޑަބްލިޔޫ.ޑީ.ސީ.ތަކާ ބައްދަލުވި. ހުރިހާ ރަށަކަށް ނުއެއްދެވޭ. އެހެން ނަމަވެސް، ވަރަށްގިނަ ރަށްތަކަށް ދެވުނު. އިރާދަކުރެއްވިއްޔާ، އަޅުގަނޑު ގަސްތުކޮށްފައި މިއޮތްގޮތަށް ހަމަ ކުރިއަށް ދެވޭތޯ ބަލާނަން، ކުރިއަށް އޮތް ހަފްތާތަކުގައިވެސް.

އާދެ، މިއަދު ތިޔަބޭފުޅުންގެ ކައުންސިލާ އަޅުގަނޑު ބައްދަލުކޮށް ދެއްކި ވާހަކަތައް، ދެންމެ ކައުންސިލްގެ ރައީސް ޢާޞިފް ވަރަށް ކުރުކުރުކޮށް އެ ވިދާޅުވެދެއްވީ. އެހެން ނަމަވެސް، ޙަޤީޤަތާ ވަރަށް އެއްގޮތަށް. ކޮންމެ ބައްދަލުވުމެއްގައިވެސް، ކައުންސިލްގެ ފަރާތުން ވިދާޅުވާ ހުރިހާ އެއްޗެހި، އޮފީހުގެ ފަރާތުން ނޯޓުކުރުމުގެ އިތުރަށް، އަޅުގަނޑު އަމިއްލައަށްވެސް ނޯޓުކުރަން. އަޅުގަނޑު އަމިއްލައަށް މިއަދު ނޯޓުކޮށްލިއިރުގައި، ޢާޞިފް ވިދާޅުވި ކަންކަން ނޯޓުކުރަމުން ދިޔައިރު، ކައުންސިލްގެ ހުރިހާ ބޭފުޅުން ވިދާޅުވި ހުރިހާ ކަމެއް، 28 ކަންތައް އަޅުގަނޑަށް ނޯޓުކުރެވުނު. އެހެންވީމާ، ލައްކަ ކަންކަން ވިދާޅުވެފައި ނޫންތޯ ހުންނާނީ.

އާދެ، އެއީ، ހަމަ ރަށަށް ބޭނުންވެފައި ހުރި ކަންކަން. މި ހުރިހާ ކަމެއް، ހުރިހާ ވާހަކައެއް މި ގަޑީގައި ވިދާޅުނުވެވިދާނެ. އާދެ، އަޅުގަނޑަށް މަޢުލޫމާތުގެ ކުށެއް ދެންނެވިއްޖެ. މާފުކުރައްވާ. އަޅުގަނޑަށް ދެ ރަށެއްގެ ކައުންސިލަކާ އަދި ބައްދަލެއްނުވޭ. އެއީ، އަޅުގަނޑަށް ހީވަނީ ރޭގެ ވިއްސާރައިގެ ސަބަބުން އަޅުގަނޑުމެންގެ ޕްރޮގްރާމަށް އައި ވަރަށްބޮޑު ބަދަލެއްގެ ސަބަބުން ވީގޮތެއްހެން. މާމެންދޫ، ދެއްވަދޫ ކައުންސިލާ. ދެ ރަށުގެ ކައުންސިލް އަދި ރައްޔިތުންގެ ކިބައިން މާފަށް އެދެން. އެ ދެ ރަށުގެ ކައުންސިލަކާ އަޅުގަނޑަކާ އަދި ބައްދަލެއްނުވޭ. އަޅުގަނޑުމެންގެ ޕްރޮގްރާމް، އިއްޔެ ހަވީރު ވިއްސާރަވާން ފެށިގޮތަށް މިއަދު ހެނދުނާ ހަމަޔަށް ދިޔަގޮތުން، ހަމަ ވަރަށް ބޮޑަށް ޑިސްރަޕްޓް ވެގެންދިޔަ.

އަޅުގަނޑު އިއްޔެ ޕްލޭން ބަދަލުވެސް ކުރިން، އެ ދެ ރަށަށް ދާން މިއަދު. އެކަމަކު އެކަންވެސް ނުވެދިޔައީ. އަޅުގަނޑަށް ދެންނެވުނު މަޢުލޫމާތުގެ ކުށެއް މި ރަނގަޅުކޮށްލީ.

އާދެ، މި ރަށުގެ ތަރައްޤީއަށް ކުރަންހުރި ކަންކަމަށް ބަލާއިރުގައި، ހަމަ ފާހަގަކުރައްވާފައި ހުރި ހުރިހާ ކަމަކީ، މުހިންމު ކަންތައްތައް. 28 ކަންތައް އަޅުގަނޑަށް ނޯޓުކުރެވުނު. ގެދޮރުގެ މައްސަލަ، އެންމެބޮޑު މައްސަލައަކީ. ހަމަ މުޅި ރާއްޖޭގައިވެސް އެންމެބޮޑު މައްސަލަ. ދެން ގޮސް ހަމަ ހެލްތު ދާއިރާ. ހޮސްޕިޓަލްގެ ވާހަކަ ފާހަގަކުރެއްވި. ދެން ތަޢުލީމީ ދާއިރާއާ ގުޅުންހުރި ކަންކަން. މަގުހެދުމުގެ ވާހަކަ. މިހެންގޮސް ވަރަށްގިނަ ކަންކަން. ހަމަ ހުރިހާ ދާއިރާއަކާ ގުޅޭ ހުރިހާ ކަމެއް ފާހަގަކުރެއްވި އިނގޭތޯ. ރަށެއްގެ ތަރައްޤީއަށް ބޭނުންވާ ހުރިހާ ދާއިރާއެއްގެ ހުރިހާ ކަމެއް، މި ރަށުގައި ކުރަންހުރި ކަންކަން ފާހަގަކުރެވިފައި އޮތީ. އެކަންކަމަށް އަޅުގަނޑު ޖުމްލަ ގޮތެއްގައި ދަންނަވާލަން ބޭނުންވަނީ، ސަރުކާރުން ބަޖެޓުގެ ތެރޭގައި މި އަހަރު ހިމެނިފައި ހުރި ކަމެއްވިއްޔާ، ކުރިއަށްދާނެއޭ. އެބަހުރި މީގެތެރެއިން ބައެއް ކަންކަން ބަޖެޓުގައި މިހާރު ހިމެނިފައި. ނަމަވެސް، ވަރަށް ކުދިކުދި އަދަދުތަކުން، ނަންބަރުތަކުން ފައިސާގެ އަދަދުތައް ހިމެނިފައި ހުރީ. ބަޖެޓުގެ ތެރެއިން މަސައްކަތްތައް ތަރުތީބު ކުރެވޭގޮތަށް ތަރުތީބުކޮށްގެން، މީގެތެރެއިން ގިނަ ކަންކަން މި އަހަރު އަޅުގަނޑުމެން ފަށާނަން. އަދި ބަޖެޓުން ޖާގަ ނުލިބޭ ކަންކަމުގައި، އެކަމުގައި އޮންނަ އުޞޫލުތަކުގެ ތެރެއިން. އެއްގޮތަކީ، ޕްރައިވެޓް ސެކްޓަރ ފައިނޭންސިންގގެ ތެރެއިން ކުރެވެންހުރި ކަންކަން ކުރުން. އެގޮތަށް މަސައްކަތް ކުރުން. ދެން މި އަންނަ އަހަރުގެ ބަޖެޓަށްލެވޭތޯ ބެލުން.

އެހެންވީމާ، މިހެންހުރި އެކި ކަންކަން އެކި ގޮތްގޮތަށް ތަރުތީބުކޮށްގެން، އިރާދަކުރެއްވިއްޔާ މި ރަށުގެ ލޮބުވެތި ރައްޔިތުންނަށް ބޭނުންވެފައި ހުރި ހުރިހާ ކަމަކަށް އަޅުގަނޑުމެން ޙައްލު ގެނެސްދޭނެ ވާހަކަ ޖުމްލަ ގޮތެއްގައި ހަމަ ދަންނަވާލަން.

އާދެ، އެހެންވީމާ، މިކަންކަން މިހެން ދަންނަވާލާފައި، ހަމަ މައިގަނޑު ގޮތެއްގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އެންމެ މުހިންމު ކަންކަމަށް އެންމެ އިސްކަންދޭނެ ވާހަކަ. އެ ވަކި ކަމެއް އަޅުގަނޑު މިއަދު ފާހަގަނުކުރި ނަމަވެސް، ޖުމްލަ ގޮތެއްގައި މި ހުރިހާ ކަމަކަށް އިސްކަންދޭނެ ވާހަކަ ދަންނަވަން. އަދި ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމުން، ތިޔަބޭފުޅުންގެ ވިސްނުންފުޅުގައި ތިހިރަ މުހިންމު ކަންކަމާއި، ބޮޑެތި މަޝްރޫޢުތަކަށްވެސް ހަމަ އެ ސަމާލުކަން ދޭނެ ވާހަކަ ދަންނަވަން. ކުރިއަށް އޮތް ދުވަސްތަކުގައި، ބަޖެޓުގެ ތެރެއިން ޖާގަ ލިބޭ މިންވަރަކުން އެކަހަލަ ބޮޑެތި މަޝްރޫޢުތައްވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހިންގައިދޭނަން. އަދި ޕްރައިވެޓް ސެކްޓަރ އިންވެސްޓްމަންޓް ގެނެވޭ ކަމަށްވާނަމަ، އަދި މާފަސޭހަވާނެ، ކަންކަން ކުރަން.

އެހެންވީމާ، ތިޔަބޭފުޅުން އެންމެ އުންމީދު ކުރައްވާ އެންމެ ބޮޑެތި މަޝްރޫޢުތަކުން ގޮސް އެންމެ ކުދިކުދި މަޝްރޫޢުތައް ހިމެނޭގޮތަށް، ހުރިހާ ކަމަކަށް އަޅުގަނޑު ބަލާނަން، ސަރުކާރުގެ ތެރެއިން ކަންކަން ފަހިކޮށްދެވޭތޯ. އަދި ފަހިކޮށް، އެކަންކަން އިރާދަކުރެއްވިއްޔާ ކޮށްދޭނެ ވާހަކަ ދަންނަވަން.

އާދެ، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، ތިޔަބޭފުޅުން ތިޔަ ވިދާޅުވި ހޫނު މަރުޙަބާއާއި، ބަހައްޓަވާ ގާތްކަމަށް. އަދި މި ރަށުގެ ރައްޔިތުންގެ ތަރައްޤީއަށްޓަކައި ކުރަން މިހިރަ ހުރިހާ ކަމެއްގައި. އަދިވެސް އެއްފަހަރު ހަމަ ދޭނެ ޔަޤީންކަމަކީ، އަޅުގަނޑު ވަޢުދުވީ ހުރިހާ ކަމަކަށް، އަދި ވަޢުދެއްގެ ގޮތުގައި ނުހިމެނުނަސް، ކައުންސިލުން އެދިވަޑައިގެންނެވި ހުރިހާ ކަމެއްގައި އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން. އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރިއްޔާ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.