بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ހޯރަފުށީގެ ލޮބުވެތި އެންމެހައި ރައްޔިތުން، ކައުންސިލްގެ ނައިބު ރައީސާއި، ކައުންސިލަރުން، ޑަބްލިޔޫ.ޑީ.ސީ.ގެ ރައީސާއާއި، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުން، މި ރަށުގެ އެންމެހައި މުއައްސަސާތަކުގެ ވެރިން، އަދި މިތަނަށް ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މި ޖަލްސާ ދުރާއި ގާތުން ބައްލަވަމުން ގެންދަވާ ހުރިހާ ލޮބުވެތި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މިއަދު މި މެންދުރު ގަޑީގައިވެސް ތިޔަބޭފުޅުންގެ ފަރާތްޕުޅުން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ، ދެންމެ އިކޮނޮމިކް މިނިސްޓަރ އެ ފާހަގަކުރެއްވީ، ބައެއް މުހިންމު މަޝްރޫޢުތަކުގެ ވާހަކަ. އާދެ، އެކަންކަން ޙަޤީޤަތަކަށް ހެދުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މި އަންނަނީ. އިޤްތިޞާދީ ދާއިރާ ކުރިއެރުވުމަށްޓަކައި 14 ހަފްތާ ތެރޭގައި ވަރަށްގިނަ މަސައްކަތްތަކެއް މިވަނީ ފެށިފައި. ދަރަނި އިތުރުވިޔަ ނުދިނުން، ދަރަނި ދެއްކުން، އިޤްތިޞާދަށް އާމްދަނީ އިތުރުކުރުން، އިޤްތިޞާދު ފުޅާކުރުން. މި ހުރިހާ ކަމެއް އެކުއެކީގައި ކުރިއަށް ގެންދެވޭތޯ މި ބަލަނީ.

އަޅުގަނޑުމެން ހަވާލުވީއިރުގައި، އަޅުގަނޑު ކޮންމެ ދުވަހަކުވެސް މި ހަމަ ތަކުރާރުކޮށްލަނީ ޙާލަތު ހަމަ ދަންނަވާލުމުގެ ގޮތުން. 9000 މިލިއަން ރުފިޔާގެ ދަރަނި، ތިޔަ ލޮބުވެތި ރައްޔިތުންގެ އެކިއެކި މަސައްކަތްތަކަށް، ބިލުތަކުގެ ގޮތުގައި ނުދެއްކި އޮތް ވާހަކަ. މިދިޔަ ސަރުކާރު ނިމގެންދިޔައިރުގައި ނުދައްކާ ހުރި. އެ ފައިސާތައްވެސް މިދަނީ ދައްކަމުން. ބޭރުގެ އެކިއެކި ލޯނުތަކަށް ދައްކަން ހުރި ފައިސާ ދައްކަމުން. ފައިސާ ޗާޕްނުކޮށް ދައްކަމުން.

އަޅުގަނޑުމެންގެ ޓޫރިޒަމް އިންޑަސްޓްރީ، މަސްވެރިކަމުގެ އިންޑަސްޓްރީ، ދަނޑުވެރިކަމުގެ އިންޑަސްޓްރީ، އަދި އަލަށް ކްރިއޭޓިވް އިކޮނޮމީއެއް ޤާއިމުކުރުމާއި، މިކަހަލަ ހުރިހާ ދިމާއަކަށް އަޅުގަނޑުމެންގެ އިޤްތިޞާދު ފުޅާކުރުމަށްޓަކައި އަޅަންޖެހޭ ބިންގާތައް އަޅަމުން، އެކި ކަހަލަ މުހިންމު ކުންފުނިތައް، މިސާލަކަށް، ދެންމެ އެ ވިދާޅުވިގޮތަށް، އަޅުގަނޑުމެން އަލަށް މި އުފެއްދީ، ސަރުކާރުގެ ބޮޑު 5 ކުންފުނި އެކީގައި އުފައްދާފައިވާ، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކިޔާ ކުންފުންޏެއް. އެ 5 ކުންފުނި އެކުވެގެން މި އުފެއްދި ކުންފުނިން މި އަތޮޅުތެރޭގައި، މި ސަރަޙައްދުގައި އިރާދަކުރެއްވިއްޔާ ފަށާ މަޝްރޫޢު ވެގެންދާނީ، އިރާދަކުރެއްވިއްޔާ މި ރާއްޖޭގައި ފެށޭ އިޤްތިޞާދީ އެންމެބޮޑު މަޝްރޫޢަށް. އޭގެ ނަފާ ތިޔަބޭފުޅުންނަށް ލިބޭނީ.

އާދެ، "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" އެ ނަން އަޅުގަނޑުމެން އެ މަޝްރޫޢަށް މިދެނީ. ކޮންމެ ނަމެއް މަޝްރޫޢަކަށް ދިނަސް، މިއިން ވާންވީ ފައިދާ ރައްޔިތުންނަށް މުހިންމު ވާނީ. އެތައް ހާސް ވަޒީފާއެއް އިރާދަކުރެއްވިއްޔާ، މަޝްރޫޢު ފެށިގެން، ބިން ހިއްކައިގެން، އިންވެސްޓްމަންޓްތައް ގެނެވޭވަރަކުން، ޕްލޭންއައުޓް ކުރެވިގެންދާއިރުގައި، ވަޒީފާތައް އިތުރުވެ، އެކިކަހަލަ މަޝްރޫޢުތައް، ކުދި، މެދު ފަންތީގެ ކުންފުނިތަކަށް ލިބިގެންދާނެ. ވަކި މި އަތޮޅަކަށް އެކަންޏެއް ނޫން. މުޅި ރާއްޖޭގެ ރައްޔިތުންނަށްވެސް ފައިދާވާނެ. ވަކިން ޚާއްޞަކޮށް، މި ސަރަޙައްދުވީމާ، ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް އޭގައި ފަސޭހަތައް ހުންނާނެ އޭގެތެރެއަށް ވަންނަން. އެހެންވީމާ، މިފަދަ ގޮތަކަށް އިރާދަކުރެއްވިއްޔާ، މި މަސައްކަތްތައް ކުރިއަށްދާނީ. އާދެ، ހަމަ މިކަން އަޅުގަނޑުމެން ތަކުރާރުކޮށްލަން އޮންނާނީ އިހަވަންދޫގައިވެސް. އަދި މި ސަރަޙައްދުގެ އެހެން ހުރިހާ ރަށެއްގައިވެސް.

އާދެ، މި ރަށަށް ޚާއްޞަ ކަންކަމަށް ބަލާއިރުގައި، އަޅުގަނޑު ދެންމެ މި ދެންނެވީ، އެތައް ހާސް މިލިއަން ރުފިޔާއެއްގެ ދަރަނި ކުންފުނިތަކަށް ނުދީ ހުރި ވާހަކަ. ރައްޔިތުންގެ އެކިކަހަލަ ކުންފުނިތަކަށް ނުދީ ހުރި ވާހަކަ. އެކި މަޝްރޫޢުތައް ފަށާފައި، ހުއްޓިފައި މިހިރީ އެހެންވެގެން. ވަރަށްގިނަ މަޝްރޫޢުތައް އެބަހުރި، ރާއްޖޭގެ އެކި ކަންކޮޅުގައި. މި ރަށުގައިވެސް. ފެށިފައި، އެހެން ނަމަވެސް، ބިލު ނުދައްކައިގެން، އެ ކޮމްޕެނީން އިތުރަށް މަސައްކަތް ކުރިއަށް ނުގެންގޮސް ހުއްޓިފައި. އެހެން ދޮގެއްތޯ ވާނީ. ކުންފުންޏަކުން މަސައްކަތް ކުރާނީ، ވިޔަފާރިއެއްގެ ގޮތުގައި އާމްދަނީއެއް ހޯދުމަށްޓަކައި. ސަރުކާރުން ބިލު ނުދައްކަންޏާ، ވަކި ހިސާބަކުން ކޭޝް ފްލޯރ ތާށިވެގެން މަސައްކަތް ހުއްޓާލާނީ. އެއީ، އަޅުގަނޑުމެންނަށް ސަރުކާރު ހިންގަން ހަވާލުވިއިރުގައި، ރާއްޖޭގެ ހުރިހާ ދިމާއަކުން ފެންނަން އޮތް ޙާލަތު.

ކެމްޕެއިން ތެރޭގައިވެސް ރަށްރަށަށް ދިޔައިމަ އަޅުގަނޑުމެންނަށް ފެނުނީ، މަސައްކަތްތައް ހުއްޓިފައި ހުރިތަން. ފައިސާ ނުދީ ހުރީމަ. ދެން މިކަހަލަ، އެކިކަހަލަ ސަބަބުތަކާ ހެދި ނުފެށި ހުރި މަޝްރޫޢުތައް، ހުއްޓިފައި ހުރި މަޝްރޫޢުތައް ހުރީ. މި ރަށުގައިވެސް އެބަހުރި އެގޮތަށް ހިންގަންޖެހޭ، ފަށައިގަންނަންޖެހޭ ބައިވަރު މަސައްކަތް. އަދި ބަޖެޓުގައި ހިމަނާފައިވެސް އެބަހުރި ވަރަށް މުހިންމު މަސައްކަތްތައް. ބަޖެޓުގެ ތެރެއިން ޖާގަ ހޯދުމަކީ، އަޅުގަނޑުމެން މި ދެންނެވި ގޮތަށް، އާމްދަނީ އިތުރުކުރަމުންދާ މިންވަރަކުން ޖާގަ އިތުރުވެގެންދާނެ ކަމެއް.

އެހެންވީމާ، ޖުމްލަ ގޮތެއްގައި މި ރަށުގެ ތަރައްޤީއަށްޓަކައި ހިންގަން ފެށި، ހުއްޓިފައި ހުރި މަޝްރޫޢުތައް އަލުން ފަށައިދޭނެ ވާހަކައާއި، އަދި އަލަށް، މުޅިން އަލަށް ކުރިއަށް ގެންދިޔުމަށްޓަކައި އަދި އަޅުގަނޑު ކެމްޕެއިންގައި ވަޢުދުވެފައިވާ މަޝްރޫޢުތައް އިރާދަކުރެއްވިއްޔާ ފަށައިދޭނެ ވާހަކަ ދަންނަވަން. ދެންމެ ކައުންސިލް ބައްދަލުވުމުގައި، ކައުންސިލަރުން، ނައިބު ރައީސްވެސް ވަރަށްގިނަ މަޢުލޫމާތު ޙިއްޞާ ކުރެއްވި. މި ހުރިހާ މަޝްރޫޢުތަކަކަށް އިސްކަންދީގެން، އެކަންކަން ވީހާވެސް ރަނގަޅަކަށް އަވަސްކޮށް ތަރުތީބުކޮށްލައިގެން، މި އަހަރުގެ ތެރޭގައި ހަމަ ގިނަ މަސައްކަތްތަކެއް ހިންގައިދޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑު ޖުމްލަ ގޮތެއްގައި ދޭނަން.

މިގޮތުން ޚާއްޞަ ކަމެއްގެ ގޮތުގައި އެއް ކަމަކަށް، ހޮސްޕިޓަލް މަޝްރޫޢު. ހޮސްޕިޓަލް މަޝްރޫޢު ކުރިއަށް ގެންދިޔުން ވަރަށް މުހިންމު. ހަމަ އެގޮތަށް، ގިރަމުންދާ ސަރަޙައްދަށް ޙައްލެއް ގެނައުމަށްޓަކައި މިހާރު ހަވާލުކޮށްފައި އޮތް މަޝްރޫޢުގެ ތެރެއިން އެކަމަށް އަވަސް ޙައްލެއް ގެނައުން. އަދި ބަޖެޓުގެ ތެރޭގައި ހިމަނާފައެއް ނެތް، އެހެން ނަމަވެސް، ކުރަން ވަރަށް މުހިންމު ކަމެއް، ޒަމާނީ ފެންވަރުގެ ކުނި މެނޭޖް ކުރެވޭނެ ފެސިލިޓީ ޤާއިމުކުރުން. މިކަހަލަ ކަންތައްތަކެއް އެބަހުރި އިސްކަންދޭންޖެހޭ.

ދެންވެސް ހުރީ މުހިންމު މަޝްރޫޢުތައް. މަސްވެރިކަމާ ގުޅޭ ކަންކަމުގައި، ދެންމެ ފިޝަރީޒް މިނިސްޓަރ ހަމަ ކައުންސިލް މީޓިންގގައި ޙިއްޞާކުރެއްވި، އައިސް ޕްލާންޓް އޮޕަރޭޝަނަށް ގެނައުމަށްޓަކައި މިހާރު ކުރަމުންދާ ކަންތައް. މިކަހަލަ ވަރަށްގިނަ ކަންތައްތައް އެބަހުރި.

ހަމަ އެއާއެކީގައި، ބިން ހިއްކުމަކީ ހަމަ ވަރަށް މުހިންމު ކަމެއް. ބިމުގެ ޖާގަ އިތުރުވެގެން، ގެދޮރުވެރިކަންވެސް އިތުރަށް ފޯރުކޮށްދެވޭނީ. ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށްޓަކައި ގެދޮރުވެރިކަން، ހައުސިންގ ޕްރޮވައިޑް ކޮށްދިނުމަށް، ގެދޮރުވެރިކަމާއި ބިން ހިއްކުން ކިޔާފައި،
ދެ މިލިއަން ރުފިޔާ ބަޖެޓުގައި ޖަހާފައި އޮތީ. އެ ދެ މިލިއަން ރުފިޔާއިން ނުކުރެވޭނެ އެއްވެސް ކަމެއް. އެހެން ނަމަވެސް، ދަންނަވަން މިއުޅޭ ވާހަކައަކީ، އެ މަސައްކަތް އެއީ، އަޅުގަނޑުމެން މި އަހަރުގެ ތެރޭގައި އާމްދަނީ އިތުރުކުރެވޭ މިންވަރުން ހަމަ އިސްކަންދީގެން، މި ރަށުގެ ތަރައްޤީއަށްޓަކައި ގެދޮރުވެރިކަމަށް މުހިންމު މަޝްރޫޢަކަށްވާތީ، އެކަމަށްޓަކައި މަސައްކަތް ކުރާނެ ވާހަކަ. އެ މަޝްރޫޢުވެސް އިރާދަކުރެއްވިއްޔާ ފަށައިދީ އަދި ނިންމައިވެސްދޭނެ ވާހަކަ ދަންނަވަން.

އާދެ، ޖުމްލަ ގޮތެއްގައި ހަމަ ހުރިހާ ކަންތައްތަކެއް މި ފާހަގަކޮށްލީ. ވަރަށްގިނަ މަސައްކަތްތަކެއް މިހިރީ ކުރަންވެފައި. އަޅުގަނޑު މި ދެންނެވީ، މި ސަރަޙައްދުގައި އިޤްތިޞާދީ ގޮތުން ރާއްޖޭގައި ހިންގާނެ އެންމެ ބޮޑު މަޝްރޫޢު ފެށުމުގެ މަސައްކަތް މިވަނީ މިހާރު ހުރިހާ ކަމެއް ތަރުތީބު ކުރެވިފައޭ. އެއީ، ކުރީގައި ވީހެން ވާނެ ކަމެއް ނޫން. އެތައް ދުވަހެއް ދިޔައީ، މަޝްރޫޢު ފެށޭނެ ކަމަށް އުންމީދު ކުރަމުން، ކުރަމުން. އެހެނެއް ނޫން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މަސައްކަތް ދާނީ. ވާ ވަޢުދެއް ވެއްޖިއްޔާ، ވީ ވަޢުދެއް ވިއްޔާ ފުއްދުން އަޅުގަނޑުގެ ޢަޒުމަކީ. އަދި އަޅުގަނޑު މަސައްކަތްކުރާ ގޮތަކީވެސް އެއީ. އަޅުގަނޑުމެންގެ ޓީމު މަސައްކަތް ކުރަނީވެސް އެހެން.

އަޅުގަނޑުމެންނަށް ބޭނުންވާނީ މިކަންކަމަށް އެއްވެސްކަހަލަ ހުރަސްތަކެއް ކުރިމަތިނުވެ ބާރު ސްޕީޑްގައި ދާގޮތްވާން. އެންމެ ބޮޑަށް މިކަމުގައި އެހީތެރިކަން ބޭނުންވާނީ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން. އެއީ، ދުސްތޫރީ ނިޒާމު، ރާއްޖޭގެ ޤާނޫނުއަސާސީ ބައްޓަންވެފައި އޮތް ގޮތުން. ސަރުކާރަކުން ކިތަންމެ ބޮޑު މަޝްރޫޢެއް ހިންގަން ބޭނުންވިޔަސް، ޤާނޫނެއް ހަދައިގެންވިޔަސް، ޤާނޫނަކަށް ބަދަލެއް ގެނެސްގެންވިޔަސް، އަދި އެނޫން ގޮތަކުންވިޔަސް ރައްޔިތުންގެ މަޖިލީހަށް ހުއްޓުވޭނެ. އަދި ބަދަލުތައްވެސް ގެނެވޭނެ. ހުރަސްތައްވެސް ކުރިމަތިކުރުވޭނެ. މީގެކުރީގައިވެސް އެކަން ހިނގާފައި އެބަހުރި އެހެން. މިހާރު މިދިޔަ ތިންމަސް ތެރޭގައިވެސް ފެނިވަޑައިގަންނަވާނެ. އަޅުގަނޑުމެން އެތައް މަސައްކަތްތަކެއް، އަޅުގަނޑު ވެފައި ހުރި ވަޢުދުތައް ފުއްދުމަށް ޕްލޭނެއް ހަދައިގެން، 14 ހަފްތާއަށް ކަނޑައެޅި ޕްލޭންގެ ތެރެއިންވެސް ހަމަ ކުރަމުން ކުރަމުން ދަނިކޮށް، އެއްވެސް އަސާސެއްނެތި ފެނިވަޑައިގެންފައި ހުންނާނީ، އެތައް ހުރަސްތަކެއް ސަރުކާރު ހިންގުމަށް ކުރިމަތިކުރަމުންދާ ތަން.

އެހެންވީމާ، އެއީ، ރައްޔިތުންގެ މަޖިލީހުގެ ބާރު، ދުސްތޫރުގައި ކަނޑައެޅިފައި އޮތީމަ އޮތްގޮތް. އެހެންވީމާ، އެތަނަށް ހޮވާ ބޭފުޅުންނަކީ، ތިޔަބޭފުޅުންގެ ޙައްޤުގައި މި ކުރަން ހުރި މަސައްކަތްތަކަށް އެހީތެރިކަންދޭ، މަގުފަހިކޮށްދޭ ފަރާތްތަކަކަށް ހެދުމަކީ، ޤައުމީ ވިސްނުމެއްގައިވެސް، ތަރައްޤީގެ ވިސްނުމެއްގައިވެސް، ފަރުދީ ވިސްނުމެއްގައިވެސް، ރަށު ފެންވަރުގެ ވިސްނުމުގައިވެސް ވަރަށް މުހިންމު ކަމެއް.

އަޅުގަނޑު މި ދޭ ޔަޤީންކަމަކީ، ރައްޔިތުންނަށްޓަކައި އަޅުގަނޑުވީ ހުރިހާ ވަޢުދެއް އިރާދަކުރެއްވިއްޔާ ފުއްދައިދޭނަމޭ. ފުއްދުމުގައި ރައްޔިތުންގެ އެހީތެރިކަން ވަރަށް ބޮޑަށް އެބަ ބޭނުންވޭ. ރައްޔިތުންގެ މަޖިލީހުގައި މި ދެންނެވި ބާރާއި ދައުރު އޮންނާތީވެ. އެހެންވީމާ، އެކަމުގެ ޔަޤީންކަން އަޅުގަނޑަށް ތިޔަބޭފުޅުންގެ ކިބައިން އޮތީމަ، ހަމަ އެކަމަށް އުފާވެސް ކުރާ ހާލު، ހަމަ އެ ވާހަކަ ދަންނަވާލީ. އިރާދަކުރެއްވިއްޔާ، ހޯރަފުށީގެ ތަރައްޤީއަށް، މި އަތޮޅުގެ ތަރައްޤީއަށް، އަދި ޖުމްލަކޮށް މުޅި ރާއްޖޭގެ ތަރައްޤީއަށް ކުރަންހުރި މަސައްކަތްތަކުގައި އަޅުގަނޑުމެން، ރައްޔިތުން އަޅުގަނޑާ ހަވާލުކުރި ޒިންމާ، ނަތީޖާ ނެރެދީގެން ހާސިލުކުރާނެ ވާހަކަ ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.