ސުވާލު:
އަޅުގަނޑު ކޮށްލަން ބޭނުންވާ ސުވާލަކީ، މިހާރު ހުޅުމާލެ ހޮސްޕިޓަލް އަދިވެސް މިހިރީ ކުރީގެ ވެސް ހުރި ހާލަތުގައި. އެއީ ދެން، މިހާރު މިއޮތީ ފޭސް 2 އަށްވެސް ވިއްސަކަށް ފަންސަވީހަކަށް ހާސް، ނުވަތަ ތިރީހަކަށް ހާސް އާބާދީއެއް އެތަނަށް އިތުރުވެފައި. މުޅި ޖުމްލަ ހުޅުމާލޭގެ އާބާދީ ގާތްގަނޑަކަށް އެއްލައްކައެއްހާ މީހުން އުޅޭނެ ކަމަށް މިބަލަނީ. އެހެން ނަމަވެސް ހުޅުމާލޭ ހޮސްޕިޓަލަށް އެތެރެހަށީގެ މީހަކަށް ދައްކާލަން ގުޅިޔަސް 500 މީހުން ނުވަތަ 800 މީހުންގެ ކިއުއަކަށް މިދާ މައްސަލައިގައި ކޮބާތޯއޭ ރައީސްގެ ޚިޔާލުފުޅަކީ؟

ޖަވާބު:
އާދެ! މުޙައްމަދު ރިޔާޒްގެ ސުވާލަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އާދެ! މާލެ ސިޓީ ސަރަޙައްދުގެ ޞިއްޙީ ނިޒާމް ވަރުގަދަ ކުރުމަކީ ސަރުކާރުން ވަރަށް އިސްކަންދޭކަމެއް. ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް މިހާރު އެވަނީ ވަރަށް ބާރު ސްޕީޑްގައި ފެށިފައި. ދަރުމަވަންތަ ހޮސްޕިޓަލް އަދި ދަރުމަވަންތަ ގްރޫޕް އޮފް ހޮސްޕިޓަލްސް، އައިޖީއެމްއެޗް ހުޅުމާލެ އަދި ވިލިމާލެ ހޮސްޕިޓަލް އޭގައި ހިމެނޭގޮތަށް އެކުއެކީގައި މަސައްކަތްތަކެއް އެވަނީ ފެށިފައި. އިރާދަކުރެއްވިއްޔާ ހުޅުމާލެ ހޮސްޕިޓަލުގެ ދެންމެ ތިޔަ ވިދާޅުވި ކަންކަން ހައްލުވެގެންދާނެ.
ހުޅުމާލޭގައި މިހާރު ލައްކައެއްހާ މީހުން ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވަހި އެއްކޮށް ދިރިއުޅެމުންދާ ކަމަށް އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭ. އެހެންވީމާ އެހާ ގިނަ މީހުންނަށް ޚިދުމަތްދޭއިރު ހުޅުމާލޭ ހޮސްޕިޓަލްގެ ފެންވަރު ވަރަށް ބޮޑު ތަނުން މަތި ކުރަންޖެހޭ. އަދި އިތުރު ހޮސްޕިޓަލެއްވެސް އަޅަންޖެހޭނެ. އެހެންވީމާ މި މަސައްކަތްތައް އަޅުގަނޑުމެން ކުރިއަށް ގެންދާނަން. އިރާދަކުރެއްވިއްޔާ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އަދި ޖުމްލަކޮށް މާލެސިޓީގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް އެންމެ ރަނގަޅު ފެންވަރުގައި ޞިއްޙީ ޚިދުމަތް ރަނގަޅު ކުރުމުގެ މަސައްކަތްތައް ވަރަށް ބާރު ސްޕީޑްގައި ކުރިއަށް ދާކަން ދަންނަވާލަން. އިރާދަކުރެއްވިއްޔާ އެކަމުގެ ނަތީޖާ ފެންނަމުންދާނެ. ވަރަށް ބޮޑަށް ޝުކުރިއްޔާ.