بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

މީދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، ކައުންސިލްގެ ރައީސް އަދި ކައުންސިލަރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން، ރަށުގެ މުއައްސަސާތަކުގެ ވެރިން،މިތަނަށް ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިންނާއި، މި ޖަލްސާ ދުރާއި ގާތުން ބައްލަވަމުން ގެންދަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މިއަދު ހަވީރުގެ ވަގުތުގައި އަޅުގަނޑުމެންނަށް މި ރަށަށް އާދެވުމުން، ތިޔަ ލޮބުވެތި ހުރިހާ ރައްޔިތުން ނުކުމެވަޑައިގެން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން މީދޫގެ ލޮބުވެތި ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ. އަދި ހަމަ އެއާއެކު، ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި، މި ރަށުން އަޅުގަނޑަށް ދެއްވި ފުރިހަމަ ތާއީދާއި، ދެއްވި ވޯޓަށްޓަކައި. އާދެ، މުޅި ރާއްޖޭގެ ނިސްބަތުން ބަލާއިރުގައިވެސް އެންމެ ބޮޑު ތާއީދެއް އަޅުގަނޑަށް ލިބުނު އެއް ރަށަކީ މި ރަށް. އެގޮތުން، އަޅުގަނޑު ހިފެހެއްޓުމެއްނެތް ޝުކުރު، މީދޫގެ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން. ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.

ކެމްޕެއިންގެ ދުވަސްކޮޅު، މި ރަށުގައި އައިސް ހުރެވުނީ ވަރަށް ކުޑަވަގުތުކޮޅަކު.އެ ދުވަހު މާގިނަ ވާހަކައެއް ނުއެއް ދެއްކުނު. އެހެން ނަމަވެސް، ތިޔަބޭފުޅުން އެދިވަޑައިގެންނެވި ކަންކަމުގައި އަޅުގަނޑު އިޖާބަދިނިން. ޔަޤީންކަން ދިނިން. އަޅުގަނޑަށް ރާއްޖޭގެ ރައްޔިތުން އިތުބާރު ކުރައްވައި، ރައްޔިތުންގެ ކަންކަން ކުރިއަށް ގެންދިޔުމުގެ ފުރުޞަތު ދެއްވައިފިއްޔާ، މި ރަށުގެ ރައްޔިތުންނަށްޓަކައިވެސް ރައްޔިތުން ބޭނުންވާ ކަންކަން ޙަޤީޤަތަކަށް ހަދައިދޭނެ ކަމުގެ ޔަޤީންކަން ދިނިން.

އާދެ، މިއަދު އޮތް ކައުންސިލް ބައްދަލުވުމުގައި، ކައުންސިލްގެ ރައީސްވެސް އަދި ކައުންސިލަރުންވެސް އެކަންކަން ފާހަގަކުރެއްވި. އަދި ވަރަށްގިނަ އެހެން ކަންތައްތައްވެސް. ދެންމެ ކައުންސިލްގެ ރައީސް ފާހަގަކުރެއްވި ފަދައިން، ވަރަށްގިނަ ކަންކަން ޙިއްޞާ ކުރެއްވި.

މި ރަށަކީ މިހާރު ފުރިފައިވާ ރަށެއް. ބިން ހުސްވެފައި. ފަޅުގައި މާބޮޑު ޖާގައެއް ނެތް ޙަޤީޤަތުގައި ބިން ބޮޑުކުރާކަށްވެސް. އެހެން ނަމަވެސް، އެކަމަކީ މި ރަށުގެ ރައްޔިތުންނަށްޓަކައި، ރައްޔިތުންގެ މުހިންމު ކަންތައްތައް ކުރުމަށްޓަކައި، ޚާއްޞަކޮށް، ގެދޮރުގެ ދަތިކަން ވަރަށްބޮޑުވެފައިވާތީއާ އެކީގައި ވަރަށް މުހިއްމު ކަމެއް. ގާތްގަނޑަކަށް އަށެއްކަ، ނޫނީވިއްޔާ ދިހަވަރަކަށް ހެކްޓަރު ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި ހިއްކެން އޮތީ. ދެން ކޮންމެއަކަސް އަޅުގަނޑު ވަޢުދުވީ ގޮތަށް ހިއްކެން އޮތް އެންމެ ބޮޑުމިނަކަށް އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭގައި ހިއްކައިދީ ނިންމައިދޭނަން.

ދެން މި މަޝްރޫޢާއި، ދެންވެސް މި ރަށާއި އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި އަޅުގަނޑުވީ ވަޢުދުތައް ފުއްދުމަށް މަޝްރޫޢުތައް ހިންގޭނެވަރަށް ބަޖެޓުގައި ފައިސާ ހިމަނައިދިނުމަށް މިހާރު އޮތް މަޖިލީހަށް އޭރުގެ ސަރުކާރުގެ ދުވަސްވަރު، ޓްރާންސްޒިޝަން ޕީރިއަޑް ތެރޭގައި ލިބުނު ދިހަވަރަކަށް ދުވަހުގެ މުއްދަތުގައި އަޅުގަނޑު ހުށަހެޅީ. ހަނދުމަފުޅު ހުންނާނެ، އޭރުގައި އޮތީ އެހެން ސަރުކާރެއް. ރައްޔިތުން އަޅުގަނޑަށް ވޯޓުދީ، އަޅުގަނޑު އިންތިޚާބީ ރައީސަކަށް ހޮވިގެން ގާތްގަނޑަކަށް މަހެއްހާ ދުވަސް އޭރު ހިނގައްޖެ. ދެން މި ރަށުގެ ބިން ހިއްކުމަށްވެސް އަދި މި ރަށާއި ދެންހުރި ރަށްތަކުގެ މަޝްރޫޢުތައް ހިންގަންވެސް އަޅުގަނޑު ހުށަހެޅި ޢަދަދުތަކަށް ފައިސާއެއް ނެތް ބަޖެޓް ފާސްކުރިއިރު ހިމަނާފައެއް. ހަނދުމަފުޅު ހުންނާނެ، އޭރުގެ ފިނޭންސް މިނިސްޓަރ ބަޖެޓް ހުށަހެޅުއްވީ. އޭރުގެ ސަރުކާރުގެ ދުވަސްވަރުވީމަ. އަދި މިހާރުވެސް އޮތް މަޖިލީހުން ބަޖެޓް ފާސްކުރީ. ބަޖެޓް ކޮމިޓީގެ ދުވަސްވަރުވެސް، ބަޖެޓް ކޮމިޓީގެ ތެރޭގައިވެސް އަޅުގަނޑުމެންނަކަށް ނުދޭ މާބޮޑު ފުރުޞަތެއް. ޙަޤީޤަތުގައި ދަންނަވަންޏާ އެއްވެސް ފުރުޞަތެއް ނުދޭ. އަޅުގަނޑުމެން ވަޢުދުވީ ކަންތައްތައް ކުރެވޭވަރަށް ބަޖެޓް ހަދާކަށެއް. އެ ދިހަވަރަކަށް ދުވަހުގެ ތެރޭގައި، އަޅުގަނޑުމެންނަށް ވީވަރަކުން ހަމަ ހުރިހާ ކަމެއް ހިމަނާފައި، މަޝްރޫޢުތައް ހިމަނާފައި ފޮނުވީ. އެހެން ނަމަވެސް، އެ ބޭފުޅުން ބޭނުންވާ ކަންކަން އުނިކޮށް، ބަދަލުތައް ގެނައީ. ހިނގަމުންދިޔަ މަޝްރޫޢުތައްވެސް އަޅުގަނޑު ވަޢުދުވެފައި ވާނީ ނިންމައިދޭނެ ކަމަށް ހުރިހާ ރަށެއްގައި. ހިނގަމުންދާ މަޝްރޫޢުތައްވެސް، ފެށިފައި ހުރި މަޝްރޫޢުތައް، ހުއްޓިފައި ހުރި މަޝްރޫޢުތައް ނިންމުމަށް ބޭނުންވާވަރާ ގާތަށްވެސް ފައިސާއެއް ނެތް ހިމަނައިދީފައެއް.

މި ރަށުގެ ބިން ހިއްކުން ކަހަލަ އަދި ބައެއް ރަށްތަކުގެ އެހެން މަޝްރޫޢުތައްވެސް ހިންގަން. މިސާލަކަށް ދަންނަވަންޏާ، ބިން ހިއްކުމުގެ މަޝްރޫޢަކަށް އެންމެކުޑަމިނުންވެސް 50 މިލިއަނަށްވުރެ މަތިން ފައިސާ ޚަރަދުވާނެ. 100 މިލިއަންގެ ރޭންޖްގައި ޢާންމުކޮށް އުޅޭނީ. އެކަމަކު މި ހިމަނައިދެނީ، ގާތްގަނޑަކަށް ދެ މިލިއަން ރުފިޔާ، ފަސްލައްކަ ރުފިޔާ، މިކަހަލަ ކުދި ޢަދަދުތައް. މި ދަންނަވަން އުޅޭ ވާހަކައަކީ، މިހާރު އޮތް ރައްޔިތުންގެ މަޖިލީހުންނެއް ބޭނުމެއްނުވެއޭ، އަޅުގަނޑުވީ ވަޢުދުތައް ފުއްދަން ޖާގަދޭކަށެއް. އެހެންވީމާ، އެ ބޭފުޅުންނަށް ދަތިކުރެވެން އޮތް ގޮތަކަށްވިއްޔާ ކޮށްގެން މަޖިލީހުން ބަޖެޓް ފާސްކޮށްދިނީ.

މިއީ، ޙަޤީޤަތް. ދެން އެހެން ނަމަވެސް، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ސަރުކާރުން ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ފަށާފައި މިއޮތީ. މިއަދާ ހަމަޔަށް 14 ހަފްތާ ނިމިގެންދިޔައިރުގައި، މި ހުރިހާ އުނދަގޫތަކަކުން އަރައިގަނެގެން، ރައްޔިތުންނަށް އަޅުގަނޑުވީ ހުރިހާ ވަޢުދެއް ފުއްދުމަށްޓަކައި ކަންތައްތައް ފަހިކުރަން. 120 ބިލިއަން ރުފިޔާގެ ބޭރުގެ ދަރަނި ޙައްލުކުރުން، އެއް ކަންތައް. އެ ފައިސާ ދައްކަން ކަންތައްތައް ފަހިކުރުން. ރައްޔިތުންނަށް ސަރުކާރުގެ ކުންފުނިތަކުން ދަރާފައި ހުރި 9000 މިލިއަން، ނޫނީވިއްޔާ 9 ބިލިއަން ރުފިޔާގެ ބިލުތައް ދެއްކުން. މި ދެ ކަންތައް ކުރަމުން، އާމްދަނީ އިތުރުކުރަމުން، ރައްޔިތުންނަށްޓަކައި ކޮށްދޭން މިހިރަ ހުރިހާ ކަންކަމަށް މަގުފަހިކުރަމުން މިގެންދަނީ. އެހެންވީމާ، މި ޙަޤީޤަތް އެބަޖެހޭ ގަބޫލުކުރަން. ކުރިއަށް މިއޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަނެއްކާވެސް ވަރަށްގާތްވެފައޭ. އެހެންވީމާ، މި ނިމިގެން މިދިޔަ ސަތޭކަވަރަކަށް ދުވަހުގެ ތަޖުރިބާ، ދިވެހި ރައްޔިތުންނަށް ކުރިމަތި މިކުރުވި، މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް ޕާޓީގެ ފަރާތުން ކުރިމަތިކުރުވި ކަންތައްތަކަށް އަޅުގަނޑުމެން ޖެހޭނެއޭ އަލިއަޅުވާލަން. އެހެންވީމާ، އެކަން ހަނދުމަފުޅުގައި ބެހެއްޓެވުމަށް އަޅުގަނޑު އެދޭ ވާހަކަ ދަންނަވަންވެގެން މި ވާހަކަ މި ދެންނެވީ.

އެހެންވީމާ، މި ރަށުގެ ބިން ހިއްކުން، މި އަހަރު މި ހުރިހާ ދަތިތަކެއްގެ ތެރެއިން ކުޑަކުޑަ ޢަދަދެއްގެ ފައިސާ ހިމަނާފައި ހުއްޓަސް، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހުރިހާ މަސައްކަތްތަކެއް ފަހި މިކުރަނީ އެކަން ފަށަން. އަޅުގަނޑު ދެންމެ މި ދެންނެވި ގޮތަށް، މި އަހަރުގެ ތެރޭގައި އެކަން ކޮށް ނިންމާނަން. އަދިވެސް އެބަހުރި ހަމަ މުހިންމު އެތައް މަޝްރޫޢުތައް. އޭގެތެރޭގައި، ޞިއްޙީ ނިޒާމު ހިމެނޭ. އަޅުގަނޑު ވަޢުދުވިން ހޮސްޕިޓަލް އަޅަން. މިތާ ހެލްތް މިނިސްޓަރުވެސް އެބަ އިންނެވި. އަޅުގަނޑު އެ ދުވަހު އެ ދިން ޔަޤީންކަމަށްވުރެ ބޮޑު ޔަޤީންކަމަކާއެކީ މި ދަންނަވަނީ، އިރާދަކުރެއްވިއްޔާ ހޮސްޕިޓަލް އަޅައިދޭނެ ވާހަކަ.

އާދެ، ދެން އަޅުގަނޑު ދެންނެވީ، ބަނދަރުގެ ވާހަކަ. ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ބޮޑުމިނުގައި ބަނދަރު ހަދައިދޭނަމޭ. ކައުންސިލްގެ ބައްދަލުވުމުގައި މިއަދު ދެންނެވިން، މިހާރު ސޮއިކޮށްފައި އޮތް ވަރަށްވުރެ ދިގުކޮށް، ކައުންސިލުން އޭރުގައި ހުށަހެޅި ޢަދަދަށް އެ 500 ފޫޓު ބޮޑުކުރާ ވާހަކަ. މިހާރު އޮތީ 300 ފޫޓު އިތުރުކުރާގޮތަށް. އެހެންވީމާ، ކޮންސްޓްރަކްޝަން މިނިސްޓަރވެސް އެބަ އިންނެވި. އަޅުގަނޑު ދެންނެވިން، ކައުންސިލް ބައްދަލުވުމުގައި، ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް، އަޅުގަނޑު ވަޢުދުވީ ގޮތަށް، ރަނުން ރަނަށޭ އެކަން ކުރާނީ. އެހެންވީމާ، 500 ފޫޓު ބޮޑުކޮށް ކުރާނީ. މިއީ މައިގަނޑު ގޮތެއްގައި އަޅުގަނޑަށް އެ ދުވަހު ލިބުނު ކުޑަކުޑަ ވަގުތުކޮޅުގެ ތެރޭގައި، ކެމްޕެއިން ތެރޭގައި ދެންނެވި މައިގަނޑު ތިން ކަންތައް. ދެން މިސްކިތުގެ ވާހަކަވެސް އަޅުގަނޑު ދެންނެވިން. އިސްލާމީ މަރުކަޒެއްގެ ސްޓޭޓަސް، ނޫނީވިއްޔާ އެ ފެންވަރުގެ އިތުރު ކްލާސްތަކާއި، އިތުރު ޚިދުމަތްތައް ދެވޭ ފެންވަރުގެ ރަނގަޅު ބިޔަ ބޮޑު މިސްކިތެއް އަޅައިދޭނަމޭ. އެކަންވެސް ކޮށްދޭނަން އިރާދަކުރެއްވިއްޔާ. އާދެ، އިސްލާމިކް މިނިސްޓަރ އެ މަސައްކަތް އެބަ ކުރައްވާ މިހާރު.

އާދެ، މި ދެންނެވީ، އަޅުގަނޑުމެންނަށް ބަޖެޓް ފާސްކޮށްދިން ގޮތް. އެހެންވިޔަސް، އެ ދަތިތަކުގެ ތެރެއިން މިހާރު މި ކުރެވޭ އިޤްތިޞާދީ މަސައްކަތުގެ ނަތީޖާއަކަށް މިވަނީ މިގޮތަށް ހުރި މުހިންމު ހުރިހާ ކަމެއް ކުރެވޭނެގޮތް ފަހިކުރުމޭ.

އެހެންވީމާ، މި ރަށުގެ ތަރައްޤީއަށް އަދި އެބަހުރި ގިނަ ކަންތައްތައް. އަޅުގަނޑު ތިން ކަމެއް މި ފާހަގަކުރީ. މި އަހަރު ތެރޭގައި ހަމަ ގިނަ ކަންތައްތައް އިރާދަކުރެއްވިއްޔާ ހިނގާނެ. އަދި ހިނގަމުން ގޮސް، މާރަނގަޅަށް ނުހިނގާ، ނުނިމިހުރި ކަންކަންވެސް އަޅުގަނޑުމެން ހަމަ މި ބަލަނީ ކޮށް ނިންމަން. ކުރީގައި ކޮށްފައި ހުރި ގޮތް ގޯސްކަމުން ހުއްޓިފައި ހުރި ކަންތައްތައް، ރާއްޖޭގެ ވަރަށްގިނަ ރަށްތަކުގައި އެބަހުރި. ހަމައެކަނި މި ރަށުގެ ވާހަކައެއް ނޫން މި ދަންނަވަނީ. މުޅި ރާއްޖޭގައި އެބަހުރި، މަޝްރޫޢުތަކެއް ފަށާފައި، ނަރުދަމާގެވެސް ވަރަށްގިނަ މަޝްރޫޢުތަކެއް، ދެތިން ކުންފުންޏެއްގެ މައްޗަށް ބެހިގެންދާ މަޝްރޫޢުތަކެއް މި ހުންނަނީ. އެ ނިންމާނެ އެއްގޮތެއްވެސް ނެތް ފަހިވެފައެއް. އެހެން އޭރުގައި ކަންކަން ގޯސްކޮށް ގޮސްފައި އޮތީ. ދެން އެހެންވީމާ، ރައްޔިތުންނަށް އެކަންކަން ކަމުނުގޮސްގެން އެހެން ބަޔަކާ މިއޮތީ ކަންކަން ކުރަން ހަވާލުކޮށްފައި.

ހަމަ އެގޮތަށް އެބަހުރި، ބަނދަރު މަޝްރޫޢުތަކެއްވެސް. ހަމަ އެގޮތަށް އެބަހުރި، ބައެއް ރަށްރަށުގައި ސްކޫލްތައް އަޅަންވެސް ހަވާލުކޮށްފައި. މެދުތެރެއިން ގޮސް ހުއްޓިފައި. އެކަން ކުރި މީހުން ފެންނާކަށް ނެތް. ދެން މިކަހަލަ ގޮތަކަށް. އެހެންވީމާ، މިހެން ހިނގަހިނގާ ހުރި، ހުއްޓިފައި ހުރި އެތައް މަސައްކަތްތަކެއްވެސް އެބަހުއްޓޭ. މި ތިންމަސް، ނޫނީވިއްޔާ މި ސަތޭކަ ދުވަސްމި ހޭދަކުރަންޖެހުނީ މިހެން ގޮށްޖެހިފައި، ގޮށް ނިއުޅުވަންޖެހޭ، މަގުސާފުކުރަންޖެހޭ، މަގުކޮށަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމުގައި. ގިނަ ދުވަސް، ގިނަ ވަގުތު، ހުރިހާ މިނިސްޓަރުން ހޭދަކުރަން މިޖެހުނީ. ބިލު ނުދައްކައިގެން، އެކި ކުންފުނިތަކުން މަސައްކަތް ކުރުވާފައި ހުރި.

އަޅުގަނޑު މި ދެންނެވީ ނޫންތޯ، 9000 މިލިއަން ރުފިޔާ، މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތައް، އެއްކޮޅުން އަނެއްކޮޅަށް ރައްޔިތުންނަށް ދޭންހުރި ފައިސާ. ސްކޫލް މަޝްރޫޢުތައް ފަށާފައި، އެ މަޝްރޫޢުތައް އިތުރަށް ނުހިނގައިގެން ބަލައިލާއިރު، އެޑިޔުކޭޝަން މިނިސްޓަރަށް މި ފާހަގަވަނީ، އެ ސްކޫލް މަޝްރޫޢުގެ ސަބް ކޮންޓްރެކްޓަރަށް، ސަރުކާރުން މެއިން ކޮންޓްރެކްޓަރަށް އެތައްހާސް ރުފިޔާއެއް، އެތައް ލައްކަ ރުފިޔާއެއް، އެތައް މިލިއަން ރުފިޔާއެއް ދޭން އޮތްކަން. ހެލްތް ސެންޓަރުވެސް އެހެން. ދެން އެހެން ހުރިހާ ކަމެއްވެސް ހުރީ. އެހެންވީމާ، މި ހުރިހާ ފައިސާތަކެއް ދައްކަމުން، އަނެއްކާވެސް ކޮންޓްރެކްޓަރު ރަށަށް މޮބިއުލައިޒް ކުރުވަމުން، މިކަހަލަ މަސައްކަތްތަކެއްގައި މި ދުވަސްތައް މިދިޔައީ. އެ ރަށްރަށުގައި އެކަންކަން ހިނގަމުންދާ ތަން ފެނިވަޑައިގަންނަވާނެ، އެކަން ހިނގަމުންދާ ރަށްތަކުގެ ރައްޔިތުންނަށް. އެހެންވީމާ، މިކަހަލަ ޙާލަތެއްގައި، ޤައުމު ދޫކޮށްލާފައި އޭރުގެ ސަރުކާރު އެދިޔައީ. ސަރުކާރު ބަދަލުވެގެން މިއައީ. ރައްޔިތުން ބަދަލުކުރީ.

އެހެންވީމާ، މި މަސައްކަތްތައް އަޅުގަނޑުމެން މިކުރަނީ ވަރަށް ގިނަގުނަ ދަތިތައް ހުރީމަ. އެ ދަތިތަކުގެ ތެރެއިން ރައްޔިތުންނަށް ކަންކަން ފަހިކުރެވޭނެ ގޮތަށް ކަންތައްތައް ބައްޓަންކުރަމުން. ހަމަ އެގޮތަށް ބަލާއިރުގައި، އެންމެ ބޮޑަށް ހާލުގައި ޖައްސާފައި ދޫކޮށްލި ކުންފުންޏަކީ ފެނަކަ. ހުރިހާ ރައްޔިތުންނަށްވެސް އެނގިވަޑައިގަންނަވާނެ. މި ރަށުގެވެސް ކަރަންޓް ވިއުގަ އޮތީ އަޕްގްރޭޑް ކުރަން ޖެހިފައި. އެއް މެގަވޮޓްގެ ކަންނޭނގެ ޖެނެރޭޓަރެއް ގެންނަންޖެހިފައި. އެހެން ނަމަވެސް، ފެނަކަ އޮތީ އެންމެ ބޮޑަށް ދަރުވާލާފައި. އެއީ، ރާއްޖޭގެ ކުންފުނިތަކަށްވެސް އޭރު ޖެއްސި ޙާލަތު. މިހާރު މި އަންނަ އިންޓަރނޭޝަނަލް އެކިކަހަލަ އޮތޯރިޓީތަކުން، އިންޓަރނޭޝަނަލް ބޮޑީތަކުން އައިސް، ރާއްޖޭގެ އިކޮނޮމީ ދިރާސާކޮށްފައި، އެ ނެރޭ ރިޕޯޓުތަކުގައި މި އޮންނަނީ މި ވާހަކަތައް ފާހަގަކޮށްފައި.

އެހެންވީމާ، އަޅުގަނޑުމެންގެ އިޤްތިޞާދީ އެޖެންޑާ ހުށަހެޅިއިރުގައި ދެންނެވީ، އެސް.އޯ.އީ.ތައް، ސަރުކާރުގެ ކުންފުނިތައް ހަރުދަނާ ކުރުމުގެ ސިޔާސަތެއް އަޅުގަނޑުމެން އެކަށައަޅާނަމޭ. އެ މަސައްކަތްތައް މިހާރު އެބަ ހިނގާ. ކުންފުނިތަކުން ކުރާ އިސްރާފު މިހާރު ހުއްޓިފައި އޮންނާނީ. މިހާރު ޙަޤީޤަތުގައި ނިސްބަތުން ވަރަށްމަދުވާނެ ބޭކާރު، ނޫނީވިއްޔާ މުހިންމު ނޫން އެއްވެސް ކަމަކަށް ހިނގާ ޚަރަދު. އޭރު ހިނގަމުންދިޔަ ކަމެއް، ކޮންޓިނިއުވަމުންދާ ބައެއް ރަށްތައް ހުރެދާނެ. ޖުމްލަ ގޮތެއްގައި މިހާރު ނުހިނގާނެ، ކުރިން ހިނގިކަހަލަ އިސްރާފުތަކެއް. އެހެންވީމާ، އެސް.އޯ.އީ.ތައް، ނޫނީ ސަރުކާރުގެ ކުންފުނިތައް ހަރުދަނާ ކުރުމުގެ މަސައްކަތް އެބަ ކުރަން. ޚާއްޞަކޮށް، ފެނަކަ.

އެހެންވީމާ، މިގޮތަށް ކޮންމެ ރަށަކަށް އަޅުގަނޑު ދިޔައިމަ މި ފާހަގަވަނީ. ކުރިއަށް މިއޮތީ ރަމަޟާން މަސް. ކަރަންޓްގެ ޙާލަތު ވަރަށްދަށޭ. އެބަޖެހެޔޭ، އާ ޖެނެރޭޓަރެއް ގެންނަން. ނޫނީ އޯވަރހޯލް ކުރަން. ނޫނީވިއްޔާ ނެޓްވާރކް ބަދަލުކުރަން. އަޅުގަނޑު ހިތަށް މި އަރަނީ، ފަސް އަހަރުގެ ތެރޭގައި، ހަމަ އެއް ކަމެއްވެސް ނުކޮށްއޮތީމަތާއޭ މި ހިސާބަށް ދާނީ. ގައިމު ކުއްލިއަކަށް ނޫންތާއޭ، މި ޙާލަތު މިހާ ގޯސްވެފައި އޮންނާނީ. މި ތިންމަސް ތެރެއަކު ނޫންތާއޭ، ގައިމުވެސް ނެޓްވާރކް އޯވަރލޯޑްވާ ވާހަކަ ދައްކާފާއި އޮންނާނީއެއް. ކޮންމެއަކަސް މިއީ ޙާލަތު. އެހެންވީމާ، މި ރަށުގައިވެސް ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމުގައި، މި ދެންނެވިހެން ފެނަކައިގެ ޙާލަތު ރަނގަޅުކުރުމުގެ ތެރެއިން މި މަސައްކަތް ކުރަން މިޖެހެނީ.

ދެން ހަމަ އެއާއެކީގައި، ވަރަށްގިނަ އެހެން މަސައްކަތްތައްވެސް އެބަހުރި. އަޅުގަނޑު ހަމަ ވަޢުދުވިން، މަގު ހެދުމުގެ ކަންތަކުގައިވެސް. ބާކީހުރި މަގުތައް ހެދުން އެއީ، އަޅުގަނޑު ކުރިއަށް ގެންދާނެ ކަމެއް ކަމަށްވެސް. އެހެންވީމާ، އެއީ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކަށް
މި ރަށުގައި ހަމަ ހިނގާނެ ކަމެއް. މި އަހަރު ތެރޭގައި އަޅުގަނޑުމެންނަށް ނުފެށިދާނެ. އެހެން ނަމަވެސް، އެއީ ވަރަށް އިސްކަންދީގެން، އަޅުގަނޑު ބޭނުން މި ރަށުގައި ހަމަ މުހިންމު ގިނަ ހުރިހާ މަގެއްވެސް ހަދައިދޭން. އިރާދަކުރެއްވިއްޔާ އެކަން ކޮށްދޭނަން އަޅުގަނޑުމެން.

އާދެ، ދެން ހަމައެއާއެކީގައި، ރަށުގެ އިޤްތިޞާދީ ތަރައްޤީއަށްޓަކައި ގިނަ ކަންތައްތަކެއް އަޅުގަނޑުމެން ކޮށްދޭނަން. މުޅިއެކު ޖުމްލަކޮށް ހުރިހާ ކައުންސިލްތަކަށް ގޮތްތަކެއް ފަހިކޮށްދޭން މި މަސައްކަތްކުރީ. މިހާރު ގެޒެޓްކޮށްފައި އޮތް ގަވާއިދުގެ ދަށުން ކޮންމެ ކައުންސިލަކަށް ފުރުޞަތު ލިބޭނެ، ކޮންމެވެސް ފަޅުރަށެއް ހޯދުމުގެ. ޖެހިގެން އޮންނަ ފަޅުރަށަކަށް ކޮންމެހެންވާކަށްނުޖެހޭ. އެހެން ސަރަޙައްދަކުންވެސް ރަނގަޅު، ބޭނުންތެރި ގޮތަކަށް އޮތް ރަށެއް އޮތިއްޔާ، އެ ހޯދުމުގެ ފުރުޞަތު ދޭން، މަގު މި ހުޅުވައިލީ. ދެން އަޅުގަނޑުމެންނަށް ފުރަތަމަ މި ގެޒެޓް ކުރެވުނީ ވަރަށްމަދު ޢަދަދެއްގެ ރަށްތައް. ސަބަބަކީ އަޅުގަނޑުމެން ބޭނުމެއްނޫން، އެއްވެސްކަހަލަ ރިސްކެއް ނަގާކަށް. އެއީ، މިދިޔަ ސަރުކާރުން އެއްވެސް ބަޔަކާ އެގްރީމަންޓެއް ހަދާފައި، ނޫނީވިއްޔާ ކޯޓުގެ މަރުޙަލާއެއްގައި އޮތް، ނޫނީވިއްޔާ އެހެން އެއްވެސް މިނިސްޓްރީއަކާ ހަވާލުކޮށްފައި އޮތް، މިކަހަލަ އެއްވެސް ކަމަކާ ގުޅިފައި އޮތް ރަށެއް، އެ ލިސްޓަށްލާކަށް. ފުރަތަމަ ނެރޭ ލިސްޓުވީމަ. ދެން ވަގުތުކޮޅެއް ނަގަންވެގެން، ދެންހުރި ރަށްތައްވެސް ޔަޤީންކޮށްފައި ލިސްޓަށްލާން ނިންމީ.

އެހެންވީމާ، މިހާރު އިޢުލާނުކޮށްފައި އޮންނާނީ، ސައްބީހަކަށް ރަށް. ދެން ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ އެއަށްވުރެ މާގިނަ ރަށްތަކުގެ ލިސްޓް ގެޒެޓްކުރާނަން. މިހެންގޮސް މުޅި ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް މަދުނުވާވަރަށް އަޅުގަނޑުމެން ރަށްތައް ގެޒެޓްކުރާނަން. އޭރުން ކޮންމެ ރަށަކަށް، ކޮންމެ ކައުންސިލަކަށް، އެ ކައުންސިލަށާއި، އެ ރަށެއްގެ ރައްޔިތުންނަށް އާމްދަނީ ލިބޭގޮތަށް ބޭނުންކުރާނެ ފަޅުރަށެއް ލިބޭނެ. މިހާރު ގެޒެޓްކޮށްފައި އޮތް ގަވާއިދުގެ ދަށުން 10 އަހަރަށް ލިބޭނީ އެ ރަށް. އެހެން ނަމަވެސް، އަޅުގަނޑު މިހާރު އޮންނާނީ ދަންނަވާފައި. ރައީސް އޮފީހުގެ ކަމާބެހޭ ލީގަލް ޓީމުން އެކަން އެ ކުރިއަށް ގެންދަނީ. އެ 10 އަހަރު އަޅުގަނޑުމެން 25 އަހަރަށް ބަދަލުކޮށްދޭނަން. އޭރުން އެ ލިބޭ ފަޅުރަށް ބޭނުންކުރެވޭނެ ހަމަ ފުދޭވަރެއްގެ ބޮޑެތި އިންވެސްޓްމަންޓްތައް ކުރަން. އެހެންވީމާ، މަދުވެގެން 25 އަހަރަށް ފަޅުރަށް ލިބޭނެ. އަދި ޤާނޫނުތައް އޮތް ގޮތުން މިއަށްވުރެވެސް އިތުރުކުރެވޭނެ. 50 އަހަރާ ހަމަޔަށްވެސް ގެންދެވޭ ފުރުޞަތު ހޯދޭނެ. އެހެންވީމާ، ވަރަށް ފުޅާ ފުރުޞަތުތައް މިދެނީ.

އެހެންވީމާ، މި ރަށުގެ މި ރައްޔިތުން މި ބޭނުންވާ "ތާވަތާ" ހޯދުމަށްޓަކައި ތިޔަ ކުރައްވާ މަސައްކަތުގައި، އަޅުގަނޑަށް މިހާރު ލިބިފައި އޮތް މަޢުލޫމާތުގައި، ކޮންމެވެސް ލީގަލް ޕްރޮސެސްއެއްގައި ހިމެނޭ ރަށެއް އެއީ. ކޯޓުގެ ކޮންމެވެސް މަރުޙަލާއެއްގައި އުޅޭ ކަމަށްވަނީ. އެހެންވީމާ، އެކަން ކްލިއަރ ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ބޭނުންވަނީ އަވަހަށް ނިމެން. އަޅުގަނޑުގެ ވިސްނުމަކީ، އަޅުގަނޑުގެ ނިޔަތަކީ، އަޅުގަނޑު ބޭނުންވާ ގޮތަކީ، މި ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް، މި ރަށާ އެ ރަށް ހަވާލުކުރަން. އެހެންވީމާ، ކޯޓުގައި އޮތް ކަމަށްވަންޏާ، ކޯޓުން އެ ރަށުގެ ކަންތައްތައް ނިމެން އަޅުގަނޑު ބޭނުން. ދެން ގައިމުވެސް ސަރުކާރުންނެއް ކޯޓަކަށެއް އަތް ނުބާނާނަން. ސަރުކާރަކުންނެއް ޝަރުޢީ ދާއިރާއަކަށް ނުފޫޒެއް ނުފޯރުވާނަން. އެހެނެއް ނޫން، އެކަން ކުރަނީ، ސަރުކާރުން ހުށަހަޅައިގެން އުޅޭ މައްސަލައެއް ކަމަށްވަންޏާ، އެކަން ބަލާފައި، އެ އޮންނަ އެންމެ ރަނގަޅު ގޮތަކަށް، އިންޞާފުވެރި ގޮތަކަށް އަވަހަށް މައްސަލަ ނިންމައި، ސަރުކާރުން ކުރަންހުރި ކަމެއްވިއްޔާ ކުރާނަން. ކޮށްގެން މި ރަށަށް، މި ކައުންސިލަށް އެ ރަށް ލިބޭގޮތް ހެދުމަކީ އަޅުގަނޑުގެ ވިސްނުން. އެހެންވީމާ، އެގޮތަށް އަޅުގަނޑު މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން.

ދެން ޒުވާނުންނަށް ކުޅިވަރު ފުރުޞަތުތައް ހޯދައިދިނުމަށް އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅައިދޭން ކައުންސިލުން އެދިވަޑައިގަތީ. އެއީ، ހަމަ ގާތްގަނޑަކަށް ހުރިހާ ކައުންސިލަކުންވެސް އެދެމުންދާ ކަމެއް. ހުރިހާ ރަށެއްގައިހެން، ޚާއްޞަކޮށް، ކަނބަލުން އެދިލައްވާ، ހޭންޑްބޯލް ކޯޓު އަޅައިދޭން. ނޫނީވިއްޔާ އެކަހަލަ ކޮންމެވެސް ކޯޓެއް އަޅައިދޭން ވަރަށްގިނަ ކައުންސިލަރުން އެދިލައްވާ. ކައުންސިލްތަކުން އެދިލައްވާ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވެސް ވަރަށް ގިނައިން އެދިލައްވާ. މި ރަށަކުންނެއް ކައުންސިލް މީޓިންގއަކު އެދިއެއްނުލައްވާ. އެހެން ނަމަވެސް، ޢާންމުކޮށް އެދޭ، ހޭންޑްބޯލް ކޯޓު އަޅަންވެސް. ދެން އެންމެ ގިނައިން އެދޭ ކަމަކަށް އޮންނާނީ ވޮލީބޯލް ކޯޓު. އެހެންވީމާ، އިންޑޯ އަދި އައުޓްޑޯ ފެސިލިޓީޒްތައް ޤާއިމުކުރުމަކީ، ސްޕޯޓްސް މިނިސްޓްރީން މިހާރު ވަރަށް އިސްކަންދީގެން ކުރިއަށްގެންދާ ކަމެއް. އަޅުގަނޑުމެން މިކަމުގައި މި ބަލަނީ ހަމައެކަނި ބަޖެޓުގައި ޖާގަ އޮތްތޯއެއް ނޫން. ވަރަށްގިނަ ކުންފުނިތައް މިހާރުވެސް ބޭރުގެ ކުންފުނިތައް ޝައުޤުވެރިކަން ފާޅުކޮށްފައި އެބަހުރި، ކުޅިވަރުގެ އެކިކަހަލަ އިންފްރާސްޓްރަކްޗަރ ޤާއިމުކޮށްދިނުމަށް. އެކިކަހަލަ ފައިނޭންސް ފޯރުކޮށްދޭން. ފުރުޞަތުތައް އަޅުގަނޑުމެން މި ބަލަނީ.

އެހެންވީމާ، މި ރަށުގައިވެސް މި އިންޑޯ ސްޕޯޓްސް ކޮންޕްލެކްސްއަށްވެސް އަޅުގަނޑުމެން މަސައްކަތް ކުރާނެ ވާހަކަ އަޅުގަނޑު ދަންނަވަން. އެކަމަށް ހަމަ ރަނގަޅު އިޖާބައެއް ދޭނަން. ވީހާވެސް އަވަހަކަށް އެކަމަށްވެސް އަލިމަގު ގެނެސްދޭން މަސައްކަތް ކުރާނެ ވާހަކަ ހަމަ ފާހަގަކޮށްލަން.

އާދެ، ދެންވެސް ހަމަ އެބަހުރި މުހިންމު އެތައް ކަމެއް ފާހަގަކޮށްފައި. އިރާދަކުރެއްވިއްޔާ ހަމަ އެ ހުރިހާ ކަމަކަށްވެސް އަޅުގަނޑުމެން މަސައްކަތް ކޮށްދޭނެ ވާހަކަ ދަންނަވަން.

އާދެ، ދެން އޮތީ އެއަރޕޯޓުގެ ވާހަކަ. މި ސަރަޙައްދަށް އެންމެ މުހިންމު ކަންތައް. އެކަމަށްޓަކައިވެސް މަސައްކަތްތަކެއް އެބަ ހިނގާ.

އާދެ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، މީދޫގެ ލޮބުވެތި ރައްޔިތުންނަށް އަދި މި އަތޮޅުގެވެސް ހުރިހާ ރައްޔިތުންނަށް އަދި ޖުމްލަކޮށް މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް، އަޅުގަނޑަށް އެންމެ މުހިންމީ ރައްޔިތުންގެ ފުދުންތެރިކަން ޔަޤީންވެގެންދާން. ކޮންމެ ފަރުދަކު، ކޮންމެ ރައްޔިތަކީ މުއްސަންޖެއްގެ ގޮތުގައި ވާން އަޅުގަނޑު ބޭނުން، އަޅުގަނޑުގެ މި ދައުރު ނިމޭއިރު. އެ މުއްސަނދިކަން އެއީ، އާމްދަނީ ގޮތުން ލިބޭ މުއްސަނދިކަން. ފުދުންތެރިކަމުގެ ގޮތުން ގެދޮރުވެރިކަން ހާސިލުވެގެން ލިބޭ މުއްސަނދި ކަމަކަށްވާން. އިޖުތިމާޢީ ގޮތުން އެ ލިބޭ ހިތްހަމަޖެހުމުގެ ތެރެއިން ހިތަށް ލިބޭ މުއްސަނދިކަން. އަޅުގަނޑުމެންގެ ދިރިއުޅުން ފަހިވެގެން ގޮސް، އަޅުގަނޑުމެންގެ ދަރިންނަށް ބޭނުންވާ ކަންތައްތައް ފަހިކުރެވިގެން ގޮސް، އެ ލިބޭ އުފާވެރިކަމުގެ މުއްސަނދިކަން ލިބެން. އަޅުގަނޑުމެންގެ ޤައުމު އޮތީ ސަލާމަތްތެރިކަމާ އެކީގައި، މިނިވަންކަންމަތީގައި ކަން، އަމިއްލަ ފައިމައްޗަށް ތެދުވެފައިކަން ޔަޤީންވެގެން، އެ އިޙްސާސްގެ މުއްސަނދިކަން ލިބޭނީ. އެއީ، އަޅުގަނޑު ބޭނުންވާ އަމާޒަކީ، މި ޤައުމު ގެންދަން.

އެހެންވީމާ، އެ މަގުން ކުރަންޖެހުނު ކޮންމެ ކުރުމުގައި އަޅުގަނޑު މި މަސައްކަތް މިކުރަނީ. އަޅުގަނޑުމެންގެ ހުރިހާ ވަޒީރުންވެސް، ހުރިހާ މަޖިލިސް މެންބަރުންވެސް، ހުރިހާ އެމް.ޑީން.ވެސް، ކައުންސިލްތަކުގެ ވެރިން، ކުންފުނިތަކުގެ ވެރިން، މުޅި އެންމެންވެސް، އަދި ސަރުކާރުގެ އެކިއެކި އިސް މުއައްސަސާތަކުގެ ވެރިން އެ ކުރައްވަނީ މި ދެންނެވި އަމާޒު ހާސިލުކުރުމުގެ މަސައްކަތް.

އެހެންވީމާ، އިޤްތިޞާދީ ތަރައްޤީ ހާސިލުކުރުމަށްޓަކައި ކުރަންހުރި ހުރިހާ ކަމަކަށް ވަރަށް އިސްކަންދޭނަން. މިގޮތުން ވައިގެ ބަނދަރުތައް އުފެއްދުމަކީ ވަރަށް މުހިންމު ކަމެއް. އަދި އަމުދުން ޓޫރިޒަމް، ފަތުރުވެރިކަން ފުޅާކުރެވިފައިވާ އަދި ފުޅާކުރުމުގެ ފުރުޞަތު ބޮޑު ދިމަދިމާގައި އެކިކަހަލަ އެއަރޕޯޓުތައް، އިންޓަރނޭޝަނަލް، ޑޮމެސްޓިކް އެއަރޕޯޓުތައް އެޅުމަކީ އަޅުގަނޑުމެންގެ ސިޔާސަތު. އެހެންވީމާ، ތިޔަބޭފުޅުން ޔަޤީންކުރައްވަންވީ، ދެންމެ ކައުންސިލް ރައީސް އެ ވިދާޅުވި ފަދައިން، މި ރަށުގެ ރައްޔިތުންވެސް މި އުންމީދުކުރާ ގޮތަށް، މި ސަރަޙައްދަށް، މި އަތޮޅަށް އެންމެ ނަފާވާނެ ގޮތަށްކަން އަޅުގަނޑު އެކަން ކުރާނީ. އެހެންވީމާ، އެކަމުގައި ހަމަ އަޅުގަނޑުގެ ވިސްނުން މި ޙިއްޞާކޮށްލީ.

އާދެ، މިގޮތަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ތަރައްޤީ ބައްޓަންކުރާނަން. ތިޔަބޭފުޅުން ތިޔަ އުއްމީދު ކުރައްވާ ގޮތަށް އިރާދަކުރެއްވިއްޔާ ކަންތައްތައް ގެންދާނީ. އަޅުގަނޑަށް ބޭނުންވަނީ، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ތިޔަބޭފުޅުން ދެއްވި ތާއީދު، ކުރެއްވި އިތުބާރު، އެގޮތުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް ކުރެއްވުން. އެ ތާއީދު ދެއްވުން. އިރާދަކުރެއްވިއްޔާ އޭގެ ނަތީޖާއަކަށްވާނީ، ދެންމެ މި ދެންނެވި ގޮތަށް، މި ރަށުގެ ތަރައްޤީ، މި ދާއިރާ، މި އަތޮޅުގެ ތަރައްޤީއަށްޓަކައި ތިޔަބޭފުޅުން އަޅުގަނޑާ ހަވާލުކުރެއްވި ޒިންމާ، ފަސޭހަކަމާއެކީގައި، ކާމިޔާބުކަމާއެކީގައި، އަވަސްމިނުގައި ހާސިލުވެގެންދިޔުން. އެހެން ނޫނީވިއްޔާ މިވާގޮތަކީ، ދެންމެ މި ދެންނެވި ފަދައިން، ރައްޔިތުންގެ މަޖިލީހުން ގިނަގުނަ ހުރަސްތައް ކުރިމަތިކުރެވޭނެތީވެ، ކަންކަން ކުރުމުގައި ދަތިތައް އަންނާނީ. އެހެންވީމާ، އެގޮތުގައި ކުރިއަށް ގެންގޮސްދެއްވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.

އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވަނީ، މިގޮތުން، މި ނިމިގެންދިޔަ 14 ހަފްތާގައި، އަޅުގަނޑުމެން މިކުރި މަސައްކަތަކީ، ރައްޔިތުންގެ ކުރިމަތިން، ރައްޔިތުން ވަރަށް ސާފުކޮށް ފެންނަ ގޮތަށް ކުރެވުނު މަސައްކަތްތަކެއްކަން. މިއީ، ހަމައެކަނި މި ދާއިރާއާ ގުޅޭ ވާހަކައެއް ނޫން. މުޅި ރާއްޖޭގެ ރައްޔިތުންނަށް ހެވާއި ލާބަ ލިބޭގޮތަށް ކުރެވިފައި ހުރި މަސައްކަތްތައް. ފުރަތަމަ ދުވަހުން ފެށިގެން އަޅުގަނޑުމެން މިއައީ ކަނޑައެޅި ތާވަލާ އެއްގޮތަށް މަސައްކަތްތަކެއް ކުރަމުން.

އެންމެ ފުރަތަމަ ދުވަހު ފެށި މަސައްކަތަކީ، އަޅުގަނޑާ މުޅި ރާއްޖޭގެ ރައްޔިތުން އެންމެބޮޑު ކަމެއްގެ ގޮތުގައި ހަވާލުކުރެއްވި ބޭރުގެ ސިފައިން، މި ޤައުމުން ބޭލުމުގެ މަސައްކަތް. އެ މަސައްކަތް އެ ދުވަހު ފެށިގޮތަށް، އިރާދަކުރެއްވިއްޔާ އެއްވާނެއްގައި، ވަރަށް ޑިޕްލޮމެޓިކް އުޞޫލުތަކުގެ ތެރެއިން ކާމިޔާބީއާ ހަމަޔަށް މި ގެންދެވެނީ. ހަމަ އެގޮތަށް، ދެންހުރި ހުރިހާ ކަމެއްވެސް މި ކުރިއަށް މިގެންދަނީ. ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމަޔަށް އައިއިރުގައި، މިގޮތަށް ރައްޔިތުން އަޅުގަނޑާ ހަވާލުކުރެއްވި ގިނަ ކަންތައްތައް މިވަނީ ކުރެވިފައި. އަދި ހާސިލުކުރެވިފައި. ހަފްތާ 14ގެ ތެރޭގައި ކަނޑައެޅި 161 ކަމެއް ކުރަން. އެ ހުރިހާ ކަމެއްހެން އެވަނީ އެ ކަނޑައެޅި އަމާޒާ ހަމަޔަށް ވަރަށް ބޮޑަށް ގެންދެވިފައި. އޭގެ ނަފާ ރައްޔިތުންނަށް ފެންނަގޮތް މިވަނީ. އެންމެފަހުން އިއްޔެ އެއިން އެއް ކަންތައް އަޅުގަނޑުމެންނަށް މި ހާސިލުކުރެވުނީ. އެއީ، އެއަރ އެމްބިއުލެންސްގެ ކަންތައް. ދެން އޭގެކުރިން އެދިޔަ 14 ހަފްތާގައި އެކަހަލަ ކިތަންމެ ކަމެއް އެވަނީ ކުރެވިފައި.

ކުރިއަށް މިއޮތް ދުވަސްތަކުގައިވެސް އިރާދަކުރެއްވިއްޔާ މި މަސް ތެރޭގައި، އަޅުގަނޑު ކުރިން ދެތިން ދުވަހަކުވެސް ދެންނެވި ފަދައިން، ރާއްޖޭގެ އިޤްތިޞާދީ ޒޯން، އެކްސްކްލޫސިވް އިކޮނޮމިކް ޒޯން އެއީ، ވަރަށްބޮޑު ސަރަޙައްދެއް. އެ ސަރަޙައްދު ރާއްޖޭގެ ސަރަޙައްދު ކަމުގައިވިޔަސް، މިއަދާ ހަމަޔަށް އައިއިރުގައި އަޅުގަނޑުމެންގެ އެއްވެސް ބާރެއް، އަމިއްލަ ބާރެއް ނެތް އެތަންތަން ބެލެހެއްޓުމުގެ. އަމިއްލަ ކެޕޭސިޓީއެއް ނެތް އެތަން ބެލެހެއްޓުމުގެ. އަޅުގަނޑުމެންގެ އިޤްތިޞާދު ފުޅާކުރަން އޮތް ސަރަޙައްދު، ޚާއްޞަކޮށް، މަސްވެރިކަން ފުޅާކުރެވެން އޮތް ބިޔަ ބޮޑު ސަރަޙައްދެއް މިއީ. 9 ލައްކަ އަކަ ކިލޯ މީޓަރުގެ ސަރަޙައްދު. އެއީ، އަޅުގަނޑުމެންގެ ޤައުމުގެ ބައެއް. އަޅުގަނޑުމެންގެ ބައުންޑަރީގެ ތެރޭގައި އޮތް، އަޅުގަނޑުމެންގެ ޤައުމުގެ ބައެއް އެ ކަނޑުގެ ބޮޑު ސަރަޙައްދަކީ. މި ކަނޑުގެ ބޮޑު ސަރަޙައްދުގެ އެއް ޕަސެންޓް، މި ރަށްތަކުގެ ލޭންޑް ސައިޒް އެއްކޮށްލީމާވެސް ހަމަނުވޭ. އެހެންވީމާ، އަޅުގަނޑުމެންގެ ޤައުމަކީ، 99 ޕަސެންޓް މި ކަނޑު.

އެހެންވީމާ، މި 99 ޕަސެންޓްގެ ބޮޑުބައި މިއަދާ ހަމަޔަށް އައިއިރު އަޅުގަނޑުމެންނަކަށް ނުބެލެހެއްޓޭ. 99 ޕަސެންޓްގެ ތެރެއިން ދެތިން ޕަސެންޓް، މި ރަށްތަކުގެ އެތެރޭގައި މިއޮތް، އަތޮޅުތަކުގެ އެތެރެވަރީގެ މިއޮތް ސަރަޙައްދެއް، މި ބެލެހެއްޓެންޏާ މި ބެލެހެއްޓެނީވެސް. އެއީ، އަޅުގަނޑުމެންގެ ކެޕޭސިޓީ، ޒަމާނުއްސުރެ އޮތްވަރު. އެހެންވީމާ، މި ބޮޑު ސަރަޙައްދުން އެހެން ބަޔަކު ވަދެ ބޭނުމެއްކުރިޔަސް، ޙަޤީޤަތުގައި އަޅުގަނޑުމެން ކުރާނެ ކަމެއް ނެތް. އަދި އެއިން ކޮންމެފަދަ ނުރައްކަލެއް އަޔަސް އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޯވޭ. އެހެން ބައެއްގެ އެހީތެރިކަން ހޯދައިގެން ނޫނީވިއްޔާ އަޅުގަނޑުމެންނަށް ވާނެ އެއްވެސް ކަމެއް ނެތް.

އެހެންވީމާ، އަމިއްލަ ފައިމައްޗަށް ޙަޤީޤީ ތެދުވެވުމެއް އަޅުގަނޑުމެންނަކަށް އިޙްސާސެއް ނެތް ކުރެވިފައެއް މިހާތާކަށް. ޙަޤީޤީ މިނިވަންކަމެއް ނެތް. އަޅުގަނޑުމެންގެ މި ބޮޑު ކަނޑު، އަޅުގަނޑުމެންގެ ޤައުމުގެ 98 ޕަސެންޓެއް ނުބެލެހެއްޓޭ. އެކަމަކު އަޅުގަނޑުމެންގެ ޤައުމުގެ ބައެއް. އެހެންވީމާ، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ މިހާރު، އިރާދަކުރެއްވިއްޔާ މި މާރިޗު މަހުގެ ތެރޭގައި، އަޅުގަނޑުމެންނަށް އެ މަސައްކަތް ފެށޭނެ. 24 ގަޑިއިރު ހުއްޓުމެއްނެތި، މި ސަރަޙައްދު ބެލެހެއްޓޭނެ ނިޒާމު އިރާދަކުރެއްވިއްޔާ މި މަހުގެ ތެރޭގައި ޤާއިމުކުރާނަން. އޭރުން އަޅުގަނޑުމެންނަށް އެ އިޙްސާސް ވެގެންދަނީ، އަޅުގަނޑުމެންގެ ޤައުމު އަޅުގަނޑުމެންނަށް އެބަ ބެލެހެއްޓޭ، އަޅުގަނޑުމެންގެ އަމިއްލަ ފައިމައްޗަށް ތެދުވެ. އޭރުން އަޅުގަނޑުމެންގެ އަމިއްލަވަންތަކަން، މިނިވަންކަން އަޅުގަނޑުމެންނަށް އިޙްސާސް ވެގެންދާނެ. އެހެން ބައެއްގެ ބާރުވެރިކަމުގެ އެހީތެރިކަމަށް ނުގޮސް އަޅުގަނޑުމެންގެ ޤައުމު ބެލެހެއްޓޭނެ.

އެހެންވީމާ، މިކަހަލަ ބިޔަ މުހިންމު ބޮޑެތި ކަންކަން ރައްޔިތުންނަށް ކޮށްދިނުން އަޅުގަނޑުމެންގެ ޒިންމާއެއްގެ ގޮތުގައި ދެކެނީ. އެއީ، ރައްޔިތުން އަޅުގަނޑާ ހަވާލުކުރި ޒިންމާ. އަޅުގަނޑުމެންގެ މިނިވަންކަން ޔަޤީންކުރުން. އަޅުގަނޑުވީ އެންމެ ބޮޑު އެއް ވަޢުދު އެއީ. އަޅުގަނޑުމެންގެ މިނިވަންކަން އަޅުގަނޑުމެންނަށް ޔަޤީންވާވަރު ކުރާނަމޭ. އެކަން ޔަޤީންކުރުމަކީ، އަޅުގަނޑަށް އޮތް އެންމެބޮޑު ޒިންމާ ކަމަށް އަޅުގަނޑު ދެންނެވިން. އެހެންވީމާ، އެކަން ކުރުމަށްޓަކައި މި މަސައްކަތްތައް މި ކުރެވެނީ. ބޭރުގެ ސިފައިން މި ޤައުމުން ބާލަންޖެހެނީވެސް އެ ބޭނުމަށްޓަކައި.

އަޅުގަނޑުމެންގެ އިޤްތިޞާދު އަޅުގަނޑުމެންގެ އަތްމައްޗަށް ގެންނަންޖެހެނީ. ދަރަނިވެރިކަމުން ސަލާމަތްވެ، ވަކި އެއް ޤައުމެއްގެ ދަރަނިތަކުން ގޮސް ފުރިގެން، އަޅުގަނޑުމެންނަށް ސަލާމަތް ނުވެވޭގޮތަށް މިދިޔަ ފަސް އަހަރު ނިމިގެންދިޔައިރު އޮތް އޮތުން ނިމުމަކަށް ގެނައުން. އަޅުގަނޑުމެންގެ އަމިއްލަ ފައިމައްޗަށް ތެދުވެ، އަޅުގަނޑުމެންގެ އިޤްތިޞާދު، އަޅުގަނޑުމެން ބޭނުންވާގޮތަށް ބައްޓަންކުރެވި، އަޅުގަނޑުމެންގެ އިޤްތިޞާދު ފުޅާކޮށްގެން، އިޤްތިޞާދީ މިނިވަންކަން ހާސިލުކުރުމަކީ، ދެން އަޅުގަނޑުމެންނަށް ބޭނުންވާ އަނެއް ކަންތައް. އެހެންވީމާ، މިނިވަންކަން ޔަޤީންކުރުމަށްޓަކައި މި ކުރެވޭ މަސައްކަތް، މިއީ ޙަޤީޤަތުގައި އަޅުގަނޑުމެން މިއަދު އެންމެ ބޮޑަށް ސަމާލުކަން ދޭންވީ ކަމަކީ.

ދެން މި މަސައްކަތް ކުރުމުގައި އަޅުގަނޑުމެން ކުރިއަށްދާއިރުގައި، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގިނަގުނަ ކަންކަން އެބަހުރި ހާސިލުކުރަން. އެކަންކަން ކުރެވޭނީ، އަޅުގަނޑުމެން ބޭނުންވާ، އަޅުގަނޑުމެންނަށް ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް މަސައްކަތް ކޮށްދޭނެ މެންބަރުންތަކެއް އެތާ ތިބިއްޔާ. އެހެންވީމާ، އެ މަސައްކަތް ކޮށްދޭނެ ބޭފުޅުން ހޮއްވެވުމަކީ، އަޅުގަނޑު ހިތުން މިއަދު ޤައުމީ ވިސްނުމެއްގައި، ޤައުމީ ތަރައްޤީގެ ވިސްނުމުގައި އަޅުގަނޑުމެން މަސައްކަތްކުރާ ކަމަށްވަންޏާ، ކޮންމެހެން ކުރަންޖެހޭނެ ކަމަކަށްވާނެ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުން، އަދިވެސް އެއްފަހަރު، މީދޫގެ ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، ތިޔަބޭފުޅުން ތިޔަ ދެއްވާ ތާއީދަށް ފަށްފަށުން ޝުކުރު ދަންނަވަމޭ. މި ރަށުގެ ތަރައްޤީއަށް ކުރަން މިހިރަ ހުރިހާ މަސައްކަތްތަކެއްގައި އިރާދަކުރެއްވިއްޔާ ކުލަޖައްސައިދީ، އެކަންކަން ޙަޤީޤަތަކަށް ހަދައިދިނުމަކީ، އަޅުގަނޑަށް ލިބޭނެ އެންމެބޮޑު އުފަލޭ. މިކަންކަން ކުރުމުގައި، ތިޔަބޭފުޅުންގެ އެހީތެރިކަމާ އެކީގައި އިރާދަކުރެއްވިއްޔާ އަޅުގަނޑު ކުރިއަށްދާނަން. ތިޔަބޭފުޅުން ބޭނުންފުޅުވާ ގޮތަށް، މި ރަށުގެ ކަންކަން ހާސިލުކޮށްދޭނަން. އަދިވެސް އެއްފަހަރު، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އަޅުގަނޑުމެންނަށްވުރެ އަދަށްވުރެ ފަހި މާދަމައެއް މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.