بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

އާދެ، އުނގޫފާރުގެ އެންމެހައި ލޮބުވެތި ރައްޔިތުން، ކައުންސިލްގެ ރައީސާއި، ކައުންސިލަރުންނާއި، ޑަބްލިޔޫ.ޑީ.ސީ. މެންބަރުންނާއި، މި ރަށުގެ އެންމެހައި މުއައްސަސާތަކުގެ ވެރިން، މި ތަނަށް ވަޑައިގެން ތިއްބެވި އެހެން ކައުންސިލަރުން، އަދި އެކިއެކި ޢިއްޒަތްތެރިން، ދުރާއި ގާތުން ޖަލްސާ ބައްލަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މިއަދު ހެނދުނު އަޅުގަނޑުމެންނަށް މި ރަށަށް އާދެވުމުން، ތިޔަބޭފުޅުން ވިދާޅުވި ހޫނު މަރުޙަބާއަށް އުނގޫފާރުގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް، ފަށްފަށުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ، ދެން އަޅުގަނޑުމެން މި ރަށުގެ ކައުންސިލާ އެކީގައި މިހާރު ބައްދަލުވުމެއް ބާއްވައިފިން. އާދެ، މި ބައްދަލުވުމުގައި، ދެންމެ ކައުންސިލްގެ ރައީސް އެ ފާހަގަކުރެއްވި ފަދައިން، މި ރަށަށް ބޭނުންވެފައިވާ ހަމަ ހުރިހާ ކަމެއްހެން ހިއްސާ ކުރެއްވި. އަޅުގަނޑު ކެމްޕެއިން ތެރޭގައިވެސް ވާނީ ވަރަށް ގިނަ ކަންތައްތަކުގެ ވާހަކަ ދައްކާފައި. ވަރަށް ގިނަ ވަޢުދުތަކެއްވެސް ވެފައި. އަޅުގަނޑު މިއަދުވެސް ހަމަ ތަކުރާރުކޮށްލާނީ، ޖުމްލަގޮތެއްގައި އެ ހުރިހާ ވަޢުދެއް އެއީ، އިރާދަކުރެއްވިއްޔާ އަޅުގަނޑު ފުއްދަންވެގެން، ފުއްދައިދޭން ބޭނުންވެގެން، ވީ ވަޢުދުތަކެއް ކަމުގެ ޔަޤީންކަން ދޭން. މި ރަށުގެ ތަރައްޤީއަށްޓަކައި، އަޅުގަނޑު ކުރާނެ ކަމަށް ދެންނެވި ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ ކޮށްދޭނެކަމުގެ ޔަޤީންކަން މިއަދުވެސް އަރުވަން.

އާދެ، ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި، މި ރަށުގެ ތަރައްޤީއަށްޓަކައި، ކުރަންހުރި ވަރަށް ގިނަ ކަންތައް އެބަހުރި. މި ރަށަކީ، ރަށުގެ ރައްޔިތުންގެ އިތުރަށް، އެތައް ރަށެއްގެ ރައްޔިތުން އެކި ޚިދުމަތް ހޯދާ ރަށެއް. އަޅުގަނޑުމެންގެ ދުރު ރާސްތާއަށް ބަލާއިރުގައި، އާބާދީއާއި ތަރައްޤީ އެއްފަސްކޮށް ކުރިއަށް ގެންދަން ބަލާއިރުގައިވެސް، އަދި ސަރަޙައްދީ ތަރައްޤީގެ ވިސްނުމުގައި ރާއްޖެ ތަރައްޤީކުރުމުގެ ވިސްނުމުގައި ބަލާއިރުގައިވެސް، އިސްކަންދޭންޖެހޭ މުހިންމު ރަށެއް.

އެހެންވީމާ، ކުރިއަށް އޮތް ތަނުގައި، އަޅުގަނޑުމެންގެ ސިޔާސަތަކަށް ވާނީ، މި ދެންނެވި ވިސްނުމުގެ ދަށުން، މި ރަށުގެ ތަރައްޤީއަށްޓަކައި ކަންތައްތައް ފަހިކޮށްދިނުން. ދެންމެ ކައުންސިލްގެ ރައީސް އެ ފާހަގަކުރެއްވި، އެންމެ އިސްކަންދޭން ބޭނުންވާ ކަންތަކަށް ބަލާއިރުގައި އެއީ، އަޅުގަނޑުވެސް ކެމްޕެއިންގައި އަދި ފަހުންވެސް ދެންނެވި، އެންމެ އިސްކަންދޭން ބޭނުންވާ ކަންތައް. އެއީ، ގެދޮރުވެރިކަން، ހައުސިންގ. ރާއްޖޭގެ ޤައުމީ ބޮޑެތި މައްސަލަތަކަށް އިސްކަންދިނުމަށްފަހު، ދެން އަޅުގަނޑު އެންމެ އިސްކަންދޭނީ، ރާއްޖޭގެ ރައްޔިތުންނަށް އެންމެ ގިނަ މައްސަލަތަކާ ގުޅިފައިވާ، މި ދެންނެވި ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލެއް ގެންނަން ކަމަށް އަޅުގަނޑު ދެންނެވިން. އަދި މި ފަސް އަހަރު ނިމުމުގެ ކުރީގައި، މި މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭނެ ކަމަށްވެސް އަޅުގަނޑު ދެންނެވިން. އެކަމަށްޓަކައި މިހާރު ހިނގަމުންދާ ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ހިނގާ.

ބޭންކިންގ ނިޒާމުގެ ތެރެއިން އަޅުގަނޑުމެން މިކުރާ މަސައްކަތުގެ އެންމެ މުހިންމު އެއް ކަންތައް. އަޅުގަނޑުމެންގެ އިޤްތިޞާދު ވަރުގަދަކޮށްގެން، ފަސޭހަކަމާއެކީގައި އަނބުރާ ދެއްކޭކަހަލަ ލުއި ލޯނު ސްކީމްތަކެއް ތަޢާރުފު ކުރުން. އެއީ، އޭގެ އެންމެ މުހިންމު އެއް މަސައްކަތް. އެކަން ހަމަޖެހިގެންދިޔައިމާ، މި ރަށުގެ ރައްޔިތުންނަށްވެސް އަދި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިވެސް، އަމިއްލައަށް އެ މީހެއްގެ ގޯތީގައި، ގެދޮރުއެޅުމުގެ ފުރުޞަތު ފަސޭހަކަމާ އެކީގައި، އަތްފޯރާފަށުގައި އެފޯޑަބަލް ލޯނު ލިބުމުގެ ފުރުޞަތު ލިބިގެންދާނެ. އެހެންވީމާ، އެއީ އެންމެބޮޑަށް މި ކުރެވޭ މަސައްކަތަކީ.

ދެވަނައަށް، އެކި ކަހަލަ ފަންޑިންގގެ މަސައްކަތްތަކެއް އެބަ ކުރަން. ސޯޝަލް ހައުސިންގ ޕްރޮޖެކްޓްސްތަކެއް ރަށްރަށުގައި ހިންގުމަށްޓަކައި. އެއީ، އެކި ރަށްތަކުގައި، ސޯޝަލް ހައުސިންގގެ ތެރެއިން، ރޯހައުސް އަޅަން ބޭނުންވަނީ ކައުންސިލްތަކުން. އަނެއް ބައި ރަށްރަށުގައި، ރަށުގެ ބިން ނެތީމާ، ތިން ހަތަރު ބުރިއަށް ހުންނަ ފުލެޓް ޢިމާރާތް ބޭނުންވަނީ. އަނެއްބައި ރަށްރަށުން ބޭނުންވަނީ، ސިންގަލް ސްޓޯރީކޮށް ހުންނަ ގެތަކެއް އަޅަން. ވަކިވަކިން ހުންނަ. ދެން ކޮންމެ ގޮތަކަށްވިޔަސް، މި ތިން މޮޑެލްގެ ތެރެއިން ހަމަ އެ ރަށަކަށް، އެ ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް، ހައުސިންގ މަޝްރޫޢުތައް ހިންގުމަކީ، ލޯނު ނަގައިގެން އަދި ނޫނީ އެކި ކަހަލަ ފައިނޭންސިންގ ސްކީމްތަކުގެ ތެރެއިން، ފައިނޭންސިންގ ހަމަޖައްސައިގެން ގެދޮރުއެޅުން.

އެހެންވީމާ، މި ދެންނެވި މަގުން މި މަސައްކަތް އެބަ ކުރާކަން އަޅުގަނޑު ހަމަ ޔަޤީންކޮށް ދަންނަވަން ބޭނުންވަނީ. އިރާދަކުރެއްވިއްޔާ އޭގެ ނަތީޖާ މި ރަށުންވެސް ފެންނާނެ. އަދި މި ދެންނެވިހެން، ސަރަޙައްދީ ތަރައްޤީއާއި، އަދި އާބާދީއާއި ތަރައްޤީ އެއްފަސްކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމުގައިވެސް ބަލާއިރުގައި، މި ދެންނެވި ގެދޮރުވެރިކަމުގެ ސިޔާސަތު ތަންފީޒު ކުރުމުގައި، އެންމެ ބޮޑަށް އިސްކަންދޭ ރަށްތަކުގެ ތެރޭގައި، މި ރަށް ހިމަނާނެކަމުގެ ޔަޤީންކަން އަޅުގަނޑު ދެން. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަން އެގޮތަށް ހަމަޖައްސައިދޭނަން.

ދެން، ހިނގަހިނގާ ހުރި ގިނަ މަޝްރޫޢު، ރާއްޖޭގެ ގިނަ ރަށްތަކުގައި އެބަހުރި. ދެންމެ ކައުންސިލްގެ ރައީސް ފާހަގަކުރެއްވި، މި ރަށުގައިވެސް އެތައް އަހަރެއްވެފައި ހުރި، އަދި އޭގެ ސަބަބުން އެތައް އުނދަގޫތަކެއް، އަދި ހިތްދަތިކަމެއް ކުރިމަތިވާ މައްސަލަތައްވެސް، މަސައްކަތްތައް އެބަހުރި. ސްކޫލްގެ މަސައްކަތް އެގޮތުން ފާހަގަކުރެވޭ އެންމެ ބޮޑުކަމަކަށް މިއޮތީ.

އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ބަލާނަން، އެކަން އެހެންދާ ދިޔުން ހުއްޓުމަކަށް ގެނެސް، ކަން ކުރެވޭނެގޮތް ހަމަޖައްސައިދީ، މަލްޓިޕަރޕަސް ހޯލުވިޔަސް، ސްކޫލްގެ އާ ކުލާސްރޫމްގެ މަޝްރޫޢު ކަމުގައިވިޔަސް، މި ދެންނެވި އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމަށްޓަކައި، މި ފެށިގެން، ދިގުލައިގެން މިދާ ކަންތައް އިރާދަކުރެއްވިއްޔާ ނިމުމަކަށް ގެނެސްދޭނަން. ގެނެސްދީ، އެ މަޝްރޫޢު ނިންމައިދީ، އިރާދަކުރެއްވިއްޔާ އެއްދަންފަޅިއަށް ބަދަލުކުރުމަށްޓަކައި، ކޮށްދޭންވާ ހުރިހާ ކަމެއް ކޮށްދޭނަން. އެކަން އެންމެ ފުރިހަމަކުރަން މި އަންނަ އަހަރަށް، 16 ކްލާސްރޫމްވެސް އެބަ ބޭނުންވޭ. އެހެންވީމާ، އެކަންވެސް އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން ކޮށްދޭނެ ކަމަށް ދަންނަވަން.

ދެން، ފަނަރަވަރަކަށް ކަންތައް ކައުންސިލުން ހިއްސާކުރެއްވި. އޭގެ ތެރެއިން، ދެން އަޅުގަނޑުވެސް ކައުންސިލްގެ ރައީސް އެ ފާހަގަކުރެއްވި ތަރުތީބުން މި ދަންނަވާލަނީ. ތިންވަނަ ކަމަކަށް، އިޤްތިޞާދީ ތަރައްޤީ ހާސިލުކުރުމަށްޓަކައި، އެކި ކަހަލަ މަސައްކަތްތައް ކުރުމަށް ޖާގަނެތީމަ، މި ހިއްކާ ބިމަކުންވެސް އެކަމެއް ނުއެއްވާނެ. މި ރަށުގެ ދުރު ރާސްތާގެ ވިސްނުމަށް، ތަރައްޤީއަށް މަސައްކަތްކުރާ ކަމުގައިވަންޏާ.

އެހެންވީމާ، އުނގުލު ހޯދުން. އަޅުގަނޑު އެ މަސައްކަތްތައް ކުރިއަށް ގެންދާނަން. މިއަދު ކައުންސިލް ބައްދަލުވުމަށްފަހު، އަޅުގަނޑު އެ މަސައްކަތް ފަށާނަން. އަޅުގަނޑަކަށް ޙަޤީޤަތުގައި މިތާހުރެ ދަންނަވާކަށް ނޭނގެ. އެކަން އަޅުގަނޑު ތަފްސީލުކޮށް ބެލީމާ އެނގޭނީ. އެއްވެސް ކަހަލަ އެގްރިމެންޓެއް ބަޔަކާ ހަދާފައި އޮތްތޯ. ނޫނީވިއްޔާ، ކޯޓުގައި އެއްވެސް މައްސަލައެއް އޮތްތޯ. ކުރީ ސަރުކާރުން، އެކަމަށް އެހެން އެއްވެސް ބަޔަކަށް ޓައީކޮށްފައި، ބަޔަކާ ގުޅުވާފައި އެއްވެސް ކަމެއް އޮތްތޯ ބަލަންޖެހޭނެ.އެ އޮތް ކަމެއް ބަލާފައި، އެކަމެއްގެ ތެރެއިން އެ ރަށް ސަލާމަތްކޮށްގެން، މި ރަށުގެ ރައްޔިތުންނަށް ބޭނުންވާ ގޮތަށް، އިރާދަކުރެއްވިއްޔާ މި ރަށަށް، އެ ރަށް ހަވާލުކޮށްދޭނަން.

އާދެ، ކައުންސިލްގެ ރައީސް ފާހަގަކުރެއްވި ތިން ކަންތަކަށް އަޅުގަނޑަށް ޖަވާބު ދެވިއްޖެ. ދެން މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަން ބޭނުންވާ ވަރަށް ގިނަ ކަންތައްތައް، ވަރަށް ގިނަ މަސައްކަތް އެބަހުރި. އެހެންވީމާ، އެ ހުރިހާ ކަމަކަށްވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑު ސަމާލުކަންދީގެން، ސަރުކާރުގެ ތެރެއިން އެކަންކަން ކުރިއަށް ގެންދާނަން. ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި.

ޖުމްލަ ގޮތެއްގައި މި ދަންނަވާލީ، ބޯޅަދަނޑުގެ މަސައްކަތްވެސް އެއޮތީ ހަމަ ވަރަށް ބޮޑު މައްސަލައެއް. އެ ދަނޑު ނުނިމިގެން އެ ލިބޭ ގެއްލުން ކުޅިވަރަށް، ފުޓްބޯޅައަށް، ވަރަށް ބޮޑު މައްސަލައެއް އެއީ. ހަމަ އެގޮތަށް، އެހެން މަސައްކަތްތައްވެސް އެބަހުރި. އެހެންވީމާ، މި ގޮތަށް ޖުމްލަ ގޮތެއްގައި ރަށުގެ ތަރައްޤީއަށްޓަކައި، ކުޅިވަރުގެ ދާއިރާއިންނާއި، ޢުމްރާނީ ތަރައްޤީގެ ދާއިރާއިންނާއި، އިޖުތިމާޢީ ތަރައްޤީގެ ދާއިރާއިން ކުރަން ބޭނުންވާ ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް އަޅުގަނޑު ހަމަ މި ދަންނަވަނީ.

ދެންމެ ހެލްތު މިނިސްޓަރ އެގޮތުން އެ ފާހަގަކޮށްދެއްވީ، އަޅުގަނޑުމެންގެ ވިސްނުމުގައި އޮތްގޮތް ހޮސްޕިޓަލާ މެދުގައި. އެމް.އާރު.އައި. ޤާއިމުކޮށް، ޑޮކްޓަރުން ގިނަކޮށް، ނަރުހުން ގިނަކޮށް، ޚިދުމަތް ވަރުގަދަކޮށް ގެންގޮސް، ޓަރޝަރީ ފެންވަރަށް ގެންދިޔުމޭ އަޅުގަނޑުމެންގެ ވިސްނުމަކީ. އެހެންވީމާ، އެގޮތަށް އަޅުގަނޑުގެ ވިސްނުން މިހުރީ.

އަޅުގަނޑުމެންގެ ސަރުކާރުން މި ރަށަށް ދޭނެ ސަމާލުކަމުގެ ލެވެލް، އަޅުގަނޑުމެން ކަނޑައަޅާފައި އޮތް ހިސާބު މި ދަންނަވާލީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް އެގޮތަށް ކުރިއަށް ގެންދާނަން. ރަށުގެ ރައްޔިތުންނަށްޓަކައި، އަދި ރާއްޖޭގެ ތަރައްޤީއަށްވެސް މިއީ މުހިންމު ކަމެއް ކަމުގައި ފާހަގަކުރެވޭތީ.

ރާއްޖޭގައި މި ގޮތަށް ހުންނާނެ، ފާހަގަކޮށް، ޚާއްޞަ އިސްކަމެއްދީ، އިތުރަށް ތަރައްޤީކޮށް، އަރބަން ސެންޓަރުތަކެއްގެ ގޮތުގައި، އަޅުގަނޑުމެން ރާއްޖޭގައި ތަރައްޤީކުރާނެ ހަތް ސަރަޙައްދެއް. އަޅުގަނޑު ކެމްޕެއިންގައި ހުށަހެޅިން. އަޅުގަނޑު ދެންނެވިން، ރާއްޖޭގެ މެދު ރާސްތާ، އަދި ދުރު ރާސްތާގެ ތަރައްޤީއަށް ބަލާއިރުގައި، އެންމެ އުތުރުގެ ހަތަރު އަތޮޅުގެ އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނަކާއި، އެންމެ ދެކުނުގެ ހަތަރު އަތޮޅުގެ އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނެއްގެ އިތުރުން، ރާއްޖޭގައި ހަތް އާބަން ސެންޓަރެއް ތަރައްޤީ ކުރާނަމޭ. އޭގެ ތެރެއިން އެއް ރަށް މި ރަށަކީ.

އާދެ، އެހެންވީމާ، އެ ޔަޤީންކަން އަޅުގަނޑު ދޭން ބޭނުންވަނީ. އަޅުގަނޑަށް ޔަޤީން، ތިޔަ ލޮބުވެތި ރައްޔިތުން މިކަންކަން ކުރުމުގައި، އަޅުގަނޑުމެންނަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަން، ކުރައްވާ ކޮންމެ ކަމެއްގައި.

އާދެ، އަދިވެސް އެއްފަހަރު، ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ތިޔަ ދެއްވާ ތަރުޙީބާއި އެއްބާރުލުމަށް. އަޅުގަނޑު އުންމީދު ކުރަނީ، ވަރަށް އަވަހަށް އަނެއްކާވެސް މި ރަށަށް އާދެވޭނެ ކަމަށް. މިހާރުވެސް އެބައޮތް ލިބިފައި އޮތް ދަޢުވަތެއް. އެ ދަޢުވަތުގެ ދަށުން އިރާދަކުރެއްވިއްޔާ ރޯދައިގެ ފަހުން އާދެވޭނެ ކަމަށް މި ބެލެވެނީ. އެހެންވީމާ، އެ ދުވަހުގެ އިންތިޒާރުގައި އަޅުގަނޑު ވަކިވެލާނަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް މިންވަރު ކުރައްވައި، އަޅުގަނޑުމެންގެ މި ޤައުމަކީ، މިނިވަންކަންމަތީ ތާއަބަދު ދެމިއޮންނަ ޤައުމެއް ކަމުގައި ލެހެއްޓެވުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.