ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ބ. ކެންދޫ ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށްގިރުމުގެ މައްސަލައަށް ހައްލެއް ބޭނުންވާކަމަށައި ނަރުދަމާ ނިޒާމު ބެލެހެއްޓުމުގައި ހުރި ދަތިތަކާއި ކައުންސިލު އިދާރާގެ ޖާގައިގެން ދަތިކަމާއި އައު މިސްކިތެއްގެ މުހިންމުކަން ހިމެނެއެވެ.
ކުޑަރިކިލު އަންހެނުންގެ ކޮމިޓީން ވަނީ ޖަލްސާކުރާ މާލަމެއްގެ އިތުރުން އެކޮމިޓީގެ ބޭނުންތަކަށް ވަކި ޚާއްސަ ތަނެއް ހުރުމުގެ މުހިންމުކަމާއި ލުއި ލޯނު ދޫކުރުމަށް މަގުފަހިކޮށްދިނުންފަދަ ކަންތައްތައް ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރަށްތަކަށް ތަރައްޤީ ގެނަސްދެއްވާނީ ރައްޔިތުންގެ އަޑު އައްސަވައިގެންކަމަށް ވިދާޅުވިއެވެ. އަދި ރަށު ކައުންސިލާ އ.ތ.މ. ކޮމެޓީއިން އެދިވަޑައިގަތް ކަންކަން ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.