ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ބ. ކެންދޫ ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބިންހިއްކުމާއި ޖާގަ ތަނަވަސް ބަނދަރެއްގެ މުހިންމުކަމާއި މަގުތައް ރަނގަޅު ފެންވަރަށް ހެދުމާއި އިޖުތިމާޢީ މަރުކަޒެއްގެ އިތުރުން ދެބުރި މިސްކިތެއް ބިނާކުރުމުގެ މުހިންމުކަން މީގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން ސިނާއީ މަސައްކަތްތައް ކުރުމަށް ކެންދޫއާ ކައިރީގައި އޮންނަ ފަޅުރަށެއްކަމުގައިވާ ކެޔޮދޫ ކައުންސިލަށް ލިބޭގޮތަށް ހަމަޖައްސައިދެއްވުމަށް އެދުމާއި ރަށުގެ އިޖުތިމާޢީ ތަރައްޤީއަށް ކުރަންހުރި މުހިންމު ކަންތައްތައް ހިމެނެއެވެ. ކެންދޫ އ.ތ.މ ކޮމިޓީން ވަނީ އެކޮމިޓީގެ މަސައްކަތްތައް ކުރުމަށް އެކަށީގެންވާ މާހައުލެއް ނެތުމުގެ ކަންބޮޑުވުން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ސަރުކާރުގެ ކަމާގުޅޭ ފަރާތްތައް މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާ ހިއްސާކުރައްވާފައެވެ.