بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ހިތާދޫގެ އެންމެހައި ލޮބުވެތި ރައްޔިތުން، ކައުންސިލްގެ ރައީސާއި، ކައުންސިލަރުންނާއި، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުން، ރަށުގެ އެކިއެކި މުއައްސަސާތަކުގެ ވެރިން، ދުރާއި ގާތުން މި ޖަލްސާ ބައްލަވާ ލޮބުވެތި ހުރިހާ ރައްޔިތުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ދައުލަތުގެ ވަޒީރުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މި ރަށަށް މިއަދު މި ގަޑީގައި އާދެވުމުން، ތިޔަބޭފުޅުން ނުކުމެވަޑައިގެން، ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައި ވަނީ. އެކަމަށްޓަކައި، ހިތާދޫގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ، އަޅުގަނޑު ކެމްޕެއިން ތެރޭގައިވެސް ކުޑަ ވަގުތުކޮޅަކަށް މި ރަށަށް އާދެވުނު. އަޅުގަނޑު ދެންނެވިން، ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ކަންކަމުގައި ކުލަޖައްސައިދޭނަމޭ. އުންމީދުތައް ޙަޤީޤަތަކަށް ހަދައިދޭނެ ކަމަށް ދެންނެވިން. އިރާދަކުރެއްވިއްޔާ އެގޮތުގެ މަތީގައި މިހިރީ. އެންމެ ބޮޑަށް ތިޔަބޭފުޅުން ބޭނުންފުޅުވާ ކަންތައްތަކަށް އެންމެ އިސްކަންދީގެން މަސައްކަތް ކޮށްދޭނަން.

އާދެ، އެގޮތުން، ބަނދަރުގެ ވާހަކަ ތަކުރާރުކޮށް އޭރުގައިވެސް ފާހަގަކުރި. އަދި މިއަދު ކައުންސިލް ބައްދަލުވުމުގައިވެސް، ކައުންސިލްގެ ރައީސާއި، ކައުންސިލަރުންވެސް ފާހަގަކުރެއްވި. އާދެ، ރައްޔިތުން ބޭނުންވާ ގޮތަށް، އެއްވެސް ރަނގަޅު ގޮތަކަށް އެކަން ހައްލުނުވެ އޮތްކަން ފާހަގަކުރައްވާފައި ވަނީ. މިހާރު އެ ހިނގަމުންދާ މަޝްރޫޢަށް ގެންނަންޖެހޭ ބަދަލުތަކެއް އެބަހުރި، އެ ގޮތަށް ކުރިއަށް ގެންދަން. ބޭރު ތޮށީގެ ބަދަލުތަކެއް. އިރާދަކުރެއްވިއްޔާ އެ ބަދަލުތައް ގެނެސްދީ، ތިޔަބޭފުޅުން ބޭނުންފުޅުވާ ގޮތަށް، އެ މަޝްރޫޢު ނިންމައިދޭނެ ވާހަކަ ދަންނަވަން.

އާދެ، އަބަދު އެކަންވޭތޯ ތިބޭ ތިބުން ނިމުމަކަށް ގެނެސްދީ، ތިޔަބޭފުޅުން ތިޔަ ބޭނުންފުޅުވާ ގޮތަށް، އިރާދަކުރެއްވިއްޔާ މިފަހަރު ޙަޤީޤަތަކަށް އެކަން ހަދައިދޭނަން. އާދެ، ބިން ހުސްވެގެން ބިން އިތުރުކުރަން، ކެމްޕެއިންގ ތެރޭގައިވެސް އެ ވާހަކަ ދެކެވި، އަޅުގަނޑު ވާނީ ވަޢުދުވެފައި. އަދި ބަޖެޓުގައިވެސް އެބައޮތް، އެ މަޝްރޫޢު މިހާރު ހިމެނިފައި. މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ، އެ މަސައްކަތް ކުރިއަށް ގެންދާނަން. އިރާދަކުރެއްވިއްޔާ އެ މަސައްކަތް ފެށި، މާލަސްތަކެއްނުވެ، ބިން އިތުރުވެގެންދާނެ ކަމުގެ ޔަޤީންކަން އަޅުގަނޑު ދެން.

އާދެ، ދެންވެސް އެބަހުރި، ވަރަށް މުހިންމު، ގިނަ މަޝްރޫޢުތަކެއް. ކައުންސިލްގެ މީޓިންގގައި، ބައްދަލުވުމުގައި ވަރަށް ގިނަ ކަންތައްތައް ވަނީ ފާހަގަކޮށްދެއްވާފައި. އޭގެތެރޭގައި، ފުޓްބޯޅަ ދަނޑުގެ ވާހަކައާއި، ވޮލީކޯޓާއި، ދެންމެ ސަލާންކުރަމުން އައިއިރުގައިވެސް، ހުރިހާ ޒުވާން ކުދިން އަޅުގަނޑު ގާތުގައި ސިއްރުސިއްރުން ވިދާޅުވި، ބޯޅަދަނޑު ހަދައިދެއްޗޭ ވަރަށް ރަނގަޅަށް. ވޮލީކޯޓެއް އަޅައިދެއްޗޭ. މި ހުރިހާ ވާހަކައެއް. އެއީ، ހަމަ އެ ފަހަރުވެސް ދެއްކި ވާހަކަ. އެ ފަހަރޭ މި ދެންނެވީ ކެމްޕެއިންގައި.

އާދެ، އެ ދަނޑުތައް ހެދުން ހިމެނޭނެ. އަދި އަންހެން ބޭފުޅުން ހޭންޑްބޯލް ކޯޓެއް ބޭނުންވޭ. މިއީ، ރާއްޖޭގައި މިހާރު އެންމެ ގިނައިން، ޑަބްލިޔޫ.ޑީ.ސީ.ތަކުންވެސް އެދެމުންދާ އެއް ކަންތައް. އެހެންވީމާ، ކުޅިވަރުގެ އެކިކަހަލަ ފެސިލިޓީޒްތައް ޤާއިމުކޮށްދިނުމާއި، އަދި ދެންވެސް ހުރި ހުރިހާ ދާއިރާއަކުން، އޭގެ ތެރޭގައި، ޞިއްޙީ ދާއިރާއިން، މި ރަށުގައި ހެލްތު ސެންޓަރ އިތުރަށް ފުޅާކޮށް، ޤާއިމުކުރަންޖެހޭ ޢުމްރާނީ ތަރައްޤީގެ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތާއި، އަދި އިތުރު މީހުން، ޑޮކްޓަރުންނާއި، އެކި މުވައްޒަފުން ހޯދުމުގެ މަސައްކަތާއި، މިކަހަލަ މުހިންމު ކަންތައްތަކެއް އެބަހުރި ކުރިއަށް ގެންދަންޖެހޭ. ހަމައެއާއެކީގައި، ސްކޫލަށް އިތުރުކުރަންޖެހޭ ޖާގަ، ސްޓާފްރޫމާއި، އޮފީހާއި، މަލްޓި-ޕަރޕަސް ހޯލު އިތުރުކުރުމަކީވެސް ކުރަން ޖެހިފައިވާ ކަމެއް.

އާދެ، އެހެންވީމާ، މި ހުރިހާ ކަމެއް ކުރިއަށް ގެންދިޔުމަށް، މި އަހަރުގެ ބަޖެޓުގެ ތެރެއިން ކުރެވެން ހުރި ހުރިހާ މަސައްކަތެއް އިރާދަކުރެއްވިއްޔާ އަޅުގަނޑު މި އަހަރު ހަމަ ފަށާނަން. އަދި ނިންމެންހުރި ވަރަކުން ނިންމަމުންވެސް ދާނަން. އަދި މި އަންނަ އަހަރު ބަޖެޓަށް ލާންޖެހޭ މަސައްކަތެއް މީގައި އޮތިއްޔާ، އެކަން ހިމަނައިގެން އިރާދަކުރެއްވިއްޔާ ހަމަ އެގޮތަށް ގެންގޮސްދޭނަން.

އެހެންވީމާ، ކުޅިވަރާއި، ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާއިން، ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ހުރިހާ ކަމެއް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކޮށްދޭނަން.

އާދެ، ދެން އެދިވަޑައިގަންނަވާފައި ހުރި ކަންކަމަކީވެސް ހަމަ ރަށުގެ ތަރައްޤީއަށްޓަކައި ވަރަށް މުހިންމު މަސައްކަތްތަކެއް. މަގުގެ މަސައްކަތް ކުރަން އެބައޮތް. ޔޫތު ސެންޓަރެއް ޤާއިމުކުރުމާއި، މިކަހަލަ ގިނަ ކަންތައްތަކެއް. އަދި އޭ.ޓީ.އެމް.އެއް ޤާއިމުކޮށްދިނުމަށްވެސް ވަނީ އެދިފައި.

އާދެ، ޖުމްލަ ގޮތެއްގައި މިކަމަށް ހަމަ އަޅުގަނޑު ދޭނީ، ދެންމެވެސް މި ދެންނެވި ޔަޤީންކަން. އިރާދަކުރެއްވިއްޔާ ބަޖެޓުގެ ތެރެއިން، އަޅުގަނޑުމެން މި ބަލަނީ، ވީހާވެސް ގިނަ ކަންތައްތަކެއް، ގިނަ ރަށްތަކެއްގައި، މި އަހަރުގެ ތެރޭގައި ކުރެވޭނެ ގޮތަކަށް ތަރުތީބު ކުރަން. މިހާރު ހުރި މަސައްކަތް ކައުންސިލްތަކާއި، ކަމާބެހޭ ވުޒާރާތަކާ އެކީގައި ކުރިއަށް ގެންދަން އަޅުގަނޑު ވާނީ ދަންނަވާފައި. މިހެން ހުރި ހުރިހާ މަޝްރޫޢުތަކެއް، މި އަހަރުގެ ތެރެއަށް ބަހާލައިގެން ކުރިއަށް ގެންދަން އަޅުގަނޑު ވާނީ ނިންމާފައި.

އެހެންވީމާ، އަހަރުތެރޭގެ އެކި ހިސާބުގައި އެކި މަޝްރޫޢުތައް ފެށި، އަދި މިހާރު ހިނގަން ފަށައި، ހުއްޓިފައި ހުރި މަޝްރޫޢުތައްވެސް، އަވަހަށް ފަށައިގެން ގެންގޮސް ނިންމުން، އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ހިނގާނީ. އެހެންވީމާ، އެ ޔަޤީންކަން ހަމަ ތިޔަބޭފުޅުންނަށްވެސް އަޅުގަނޑު ދެން. އަދި މި ދާއިރާގެ އެހެން ރަށްތަކުގެ ރައްޔިތުންނަށްވެސް އަޅުގަނޑު ދެން.

އާދެ، އަޅުގަނޑު މާ ދިގުކުރާކަށް ނެތިން. ހަމަ ހުރިހާ ދާއިރާއެއްގެވެސް ތަރައްޤީގެ މަސައްކަތްތައް ކޮށްދޭނެކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަރުވަން. އިރާދަކުރެއްވިއްޔާ ނަތީޖާ ނެރެދެވޭނެ. ތިޔަބޭފުޅުންގެ ކިބައިން އަޅުގަނޑު އެދެނީ، މި ކަންކަން ކުރުމުގައި، ދެންވެސް ދެއްވެން އޮތް ހުރިހާ އެއްބާރުލުމެއް، ކުރިއަށް އޮތް ތަނުގައިވެސް ދެއްވުން. ރައްޔިތުންނަށްޓަކައި، ސަރުކާރުން ކުރަން ބޭނުންވާ ކަންކަމުގައި، ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން އަބަދުމެ ލިބިގެންދިޔުމަކީ، ކަންކަން ބާރު ސްޕީޑުގައި ގެންދިޔުމުގައި ވަރަށް ބޮޑު ތަފާތެއް ގެނެސްދޭނެ ކަމެއް.

އެހެންވީމާ، އެކަމުގައި އެއްބާރުލުން ދެއްވުން އެދެމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.