بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ތުޅާދޫގެ ލޮބުވެތި ހުރިހާ ރައްޔިތުން، ކައުންސިލްގެ ރައީސް އަދި ކައުންސިލަރުންނާއި، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުންނާއި، ރަށުގެ އެކިއެކި މުއައްސަސާތަކުގެ ވެރިން، އަދި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ވަޒީރުން، ދުރާއި ގާތުން މި ޖަލްސާ ބައްލަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

މިއަދުގެ މި މެންދުރުގެ ހޫނު ވަގުތުގައި، ތިޔަބޭފުޅުން ނުކުމެވަޑައިގެން އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި މި ރަށުގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ހިތުގެ ފުންމިނުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ. އަދި ނިމިދިޔަ ރިޔާސީ އިންތިޚާބުގައިވެސް
މި ރަށުން އަޅުގަނޑަށް ދެއްވީ ވަރަށްބޮޑު ތާއީދެއް. ވަރަށްބޮޑު އިތުބާރެއް ކުރެއްވީ. އެކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ހުރިހާ ކަމެއް އެއީ، ތިޔަބޭފުޅުން އެކި ޒަމާންތައް ވަންދެން އުންމީދު ކުރަމުން ކުރަމުން އައި، ނުވެފައި ހުރި ކަންތައްތައް. ކެމްޕެއިން ތެރޭގައި އަޅުގަނޑު ދެންނެވީ، މިކަންކަން އިރާދަކުރެއްވިއްޔާ ޙަޤީޤަތަކަށް ހަދާނަމޭ. އެހެންވީމާ، މިކަންކަން ޙަޤީޤަތަކަށް ހެދުމުގެ މަސައްކަތް އަޅުގަނޑު މިހާރު ކުރަނީ.

އެގޮތުން، އެންމެ މުހިންމު ކަމަކަށް، އެންމެ ގިނަ ޒަމާންތަކެއް ވަންދެން ތިޔަބޭފުޅުން އުންމީދު ކުރަމުން އަންނަ ކަމަކީ އެއަރޕޯޓުގެ ކަންތައް. ވަރަށް ލަސްކޮށްދާ، ވަރަށް ފަނޑުކޮށްދާ، ޙަޤީޤަތަކަށް ނުވާނެހެން ހީވާގޮތަށްދާ ކަމެއް. އެގޮތް ބަދަލުކޮށް، ރަށުގެ ރައްޔިތުންގެ އުންމީދުތައް ފުރިހަމަވާ ފެންވަރުގެ އެއަރޕޯޓެއް އަޅުގަނޑުމެން ހަދައިދޭނެ ވާހަކަ ދަންނަވަން. މިހާރު އެބައޮތް ބަޔަކާ ހަވާލުކުރެވިފައި. އެހެން ނަމަވެސް، އެ ސްކޯޕަށް ގެންނަންޖެހޭ ބަދަލުތަކާއި، ކުރިއެރުންތަކެއް އެބަހުރިކަން އަޅުގަނޑު ގަބޫލުކުރަން.

އަދި ހަމަ އެއާއެކީގައި، ރަށުގެ ދުރު ރާސްތާގެ ތަރައްޤީއަށް އަދި މެދު ރާސްތާގެ ތަރައްޤީއަށްވެސް އިތުރަށް ބިން ބޭނުންވޭ. ރަށުގެ ތަރައްޤީއަށް ބިން އިތުރުކުރުމަކީ، މިކަހަލަ ސްޓްރެޓީޖިކަލީ، ރާއްޖޭގެ ތަރައްޤީގެ ދުރު ރާސްތާއަށް ވިސްނާއިރުގައި އަދި އަމުދުން މުހިންމު ރަށްރަށުގައި ހުންނަންޖެހޭ ކަމެއް. އެހެންވީމާ، އެއަރޕޯޓުގެ މަސައްކަތް ހިނގަމުންދާއިރުގައި، ރަށަށް، ރަށުގެ އެހެނިހެން ބޭނުންތަކަށް، އެއީ، ގެދޮރުވެރިކަމާއި، އެކިކަހަލަ ޞިނާޢަތްތަކަށާއި، އިޖުތިމާޢީ ބޭނުންތަކަށާއި އަދި މުސްތަޤްބަލަށް ބާއްވަންވެސް ރިޒަރވް ކޮށްފައި ބާއްވަންޖެހޭ ބިމާއެކު، ބިން ހިއްކަންޖެހޭނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި ރަށުގެ މުސްތަޤްބަލަށްޓަކައި އަދި މިހާރުގެ ބޭނުންތަކަށްވެސް ފުދޭނެ ބިން ހިއްކުމުގެ މަޝްރޫޢެއް ކުރިއަށް ގެންދާނެ ވާހަކަވެސް އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް ދަންނަވަން.

ދެން ހައުސިންގ، ގެދޮރުވެރިކަމަކީ އެންމެ މުހިންމު ކަންތައް. މިހާރު ނިމިފައި ހުރި ފްލެޓުތައް، ކޯޓުގައި ކޮންމެވެސް ކަންތައްތަކެއް ހިނގާކަމުގެ މަޢުލޫމާތު އެބައޮތް ލިބިފައި. ކޯޓުތަކަކީ މިނިވަންކަމާ އެކީގައި ހިނގާނެ ތަނެއް އަޅުގަނޑުމެންގެ ސަރުކާރެއްގައި. އަޅުގަނޑު އުންމީދު ކުރަނީ، އެކަން ނިމޭނެ ކަމަށް ވަރަށް އަވަހަށް. ރައްޔިތުންނަށް އެ އިމާރާތްތަކުގެ ބޭނުން، ގެދޮރުގެ ބޭނުން ކުރެވޭނެގޮތް ވާނެ ކަމަށް. އެއީ އަޅުގަނޑު ބޭނުންވާގޮތް. ރަށުގެ ރައްޔިތުންވެސް ބޭނުންވާގޮތް.

އަދި ހަމަ އެއާއެކީގައި، މި އަހަރު ތެރޭގައި އިތުރު 100 ހައުސިންގ ޔުނިޓުގެ މަސައްކަތް ފަށައިދޭނަން. މި އަހަރު ބަޖެޓުގައި ކޮންމެވެސް އަދަދެއް ހިމެނިފައި އޮތީ. އެހެން ނަމަވެސް، އެއަކުން ނުއެއްވާނެ. އެހެން ނަމަވެސް، މަޝްރޫޢު ކުރިއަށް ގެންދެވޭނެ މަގު އެބައޮތް ފަހިވެފައި. އެހެންވީމާ، މި އަހަރުގެ ތެރޭގައި އެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ ފަށާނަން.

އަދި ހަމަ އެއާއެކީގައި، ޞިއްޙީ ދާއިރާ ތަރައްޤީ ކުރުމަށްޓަކައި ހޮސްޕިޓަލްގެ މަޝްރޫޢު ކުރިއަށް ގެންދިޔުމާއި، ޒަމާނީ ފެންވަރަކަށް މަގުތައް ހެދުމާއި، އަދި ޒުވާނުންނަށް ބޭނުންވާ އެކިކަހަލަ އިންޑޯ، އައުޓްޑޯ ކުޅިވަރު ފެސިލިޓީތައް ޤާއިމުކޮށްދިނުމާއި، މިކަހަލަ ކަންތައްތަކަކީ މި ރަށުގެ ތަރައްޤީއަށްޓަކައި ކޮންމެހެން ކުރަންޖެހޭ، އަޅުގަނޑު ވަޢުދުވެސް ވެފައިވާ ކަންތައްތަކެއް. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މިކަންކަމަކީވެސް ހަމަ އެ ޔަޤީންކަން، އަޅުގަނޑު ދެންމެ ދިން ގޮތަށް ދޭ ކަންކަން. އެކަންކަންވެސް މި ރަށުގައި އިރާދަކުރެއްވިއްޔާ ކޮށްދޭނަން.

އާދެ، އަޅުގަނޑު ކުރުކުރުކޮށް މި ހުރިހާ ވާހަކައެއް މި ދަންނަވާލިޔަސް، މިއީ ހަމަ ވަރަށް ތަފްޞީލުކޮށްވެސް ހަމަ ތިޔަބޭފުޅުންނާ ދައްކަންހުރި ވާހަކަ. ކުރެވޭނެ ކަންތައްތައް. އަދި ކައުންސިލް ބައްދަލުވުމުގައި އަޅުގަނޑު ހިތުން ވަރަށް ތަފްޞީލުކޮށް އެ ވާހަކަ ދެކެވޭނެ.

އެހެންވީމާ، މި ހުރިހާ މަޝްރޫޢުތަކަކީ އިރާދަކުރެއްވިއްޔާ މި ރަށުގައި ކުރިއަށްދާނެ ކަންތައްތައް. ޞިނާޢީގޮތުން މަސްވެރިކަމުގެ މަސައްކަތް ހިނގާ. ލިޔެލާ ޖެހުމުގެ މަސައްކަތް ހިނގާ. އެކިކަހަލަ މަސައްކަތްތައް އެބަ ހިނގާ. އެހެންވީމާ، މި ކޮންމެ ޞިނާޢަތަކަށް ކުރިއެރުން ލިބޭނެ މަގުފަހިކޮށްދިނުމަކީ އެއީ، އަޅުގަނޑުމެންގެ ސިޔާސަތަކީ. އަދި އަމުދުން ވަރަށް މަދު، ނެތެމުންދާ ޞިނާޢަތެއް ލިޔެލާޖެހުން. ރާއްޖޭގެ ޤައުމިއްޔަތާ ގުޅިފައިވާ، ދިވެހިވަންތަކަމާ ގުޅިފައިވާ ކަމެއް. އަޅުގަނޑު ދަންނަވާފައި ވާނެ، ކެމްޕެއިން ތެރޭގައި، އެކަން ރައްކާތެރި ކުރުމަށްޓަކައި، ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދެވި، ކިޔަވައިދީ، ދަސްކޮށްދޭ މަރުކަޒެއް ޤާއިމުކުރަންޖެހޭ ކަމަށް. އެކަން ހަނދާން އެބަހުރި. އެއީ، ޤައުމީ ކަމެއް.

އޭގެ އިތުރަށްވެސް، ރާއްޖޭގައި ލިޔެލާޖަހާ، އަތްތެރި މަސައްކަތް ކުރުމާއި، އެކިކަހަލަ ފަންނުވެރިކަމުގެ މަޢުރަޒުތައް، ރާއްޖޭގައި ކުރިން ހިންގާފައި އެބަހުރި ވަރަށް ކާމިޔާބުކަމާ އެކީގައި. މި ރަށަކީ އެ ދާއިރާއިން، އެކަހަލަ މަޢުރަޒުތަކުން ވަރަށްގިނަ ފައިދާތައްވެސް ކޮށްފައި އޮތް ރަށެއް. އަޅުގަނޑުގެ ވިސްނުންހުރީ އެކަން އަލުން އިޢާދަކުރަން.

އެހެންވީމާ، މިކަހަލަ ގޮތްގޮތުން މި ރަށުގެ މި ދެންނެވި ޞިނާޢަތް ކުރިއަށް ގެންދިޔުމުގައި، މި ސަރުކާރުގެ ސިޔާސަތު އޮތީ މި ދެންނެވި ގޮތަށް. އިރާދަކުރެއްވިއްޔާ އޭގެ ނަފާ މި ރަށަށް ކުރާނެ ކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް. އެހެންވީމާ، އެ މަގުން އަޅުގަނޑުމެން މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން.

އާދެ، އަޅުގަނޑު މި ހުރިހާ ކަންތައްތަކެއް މި ދަންނަވާލީ. އަދިވެސް ވަރަށްގިނަ މަޝްރޫޢުތައް ކުރިއަށް ގެންދަން އެބަހުރި. ހިނގަހިނގާ ހުރި މަޝްރޫޢުތަކާއި އަދި މި ރަށުގެ ތަރައްޤީއަށްޓަކައި އިތުރަށް ކުރަންހުރި ވަރަށް ގިނަ މަސައްކަތްތައް އެބަހުރި. މި ހުރިހާ ކަމެއް ކުރިއަށް ގެންދިޔުމުގައި، ރާއްޖޭގެ އިޤްތިޞާދުގައި ބުންވަރު ޖައްސައި، އާމްދަނީ އިތުރުކޮށް، މިހެންހުރި މުހިންމު ކަންކަން ކުރެވޭނެ މަގު ފަހިކުރުމުގެ މަސައްކަތް މި ކުރަނީ. މި ނިމިގެންދިޔަ ފަނަރަވަރަކަށް ހަފްތާގެ ތެރޭގައި، މި މަގުން ކުރިއަށް ގެންދިޔުމުގައި، އިރާދަކުރެއްވީތީ ވަރަށްގިނަ ކަންތައް ހާސިލުކުރެވިފައި މިވަނީ. އާމްދަނީ އިތުރުކުރުމާއި، އަޅުގަނޑުމެންގެ ދަރަނިތައް ދެއްކޭނެގޮތަށް ކަންކަން ބައްޓަން ކުރެވިގެން މިދަނީ.

އެހެންވީމާ، ކުރިއަށް އޮތް ދުވަސްތަކުގައި، މިކަހަލަ ގިނަ މަޝްރޫޢުތަކުން ޢަމަލީ ސިފަ ފެންނާނެ. ހުއްޓިފައި ހުރި ގިނަ މަޝްރޫޢުތައް، އަލުން ހިނގައިގަންނަން މިހާރު ފަށާފައި ވާނީ ގިނަ ރަށްތަކުގައި. ގިނަ ރަށްތަކުގައި ނުހިނގާ ހުރި މަޝްރޫޢުތައް ހިނގަން މި ފެށްޓުނީ ވަރަށްގިނަ މަސައްކަތުން. ވަރަށްގިނަ ބިލުތައް، ޕެންޑްވެފައި ނުދައްކައި ނިމިދިޔަ ސަރުކާރު ބަދަލުވިއިރުގައި ނުދައްކާހުރި ޕޭމަންޓްތައް، އެ ކުންފުނިތަކަށް ހެދިގެން އެ މަސައްކަތް އަލުން ފެށޭގޮތް އެވަނީ.

އެހެންވީމާ، އެގޮތަށް މިބަލަނީ، ވީހާވެސް ގިނަ މަސައްކަތްތަކެއް ގިނަ ރަށްތަކެއްގައި އެއްފަހަރާ ފެށޭތޯ. މިގޮތަށް ހުއްޓިފައި ހުރި މަޝްރޫޢުތައްވެސް ހިނގަމުންދާނެ. ހިންގަން ފެށޭނެ. އަދި ދެން އަލަށް ފަށަންޖެހޭ މަސައްކަތްތައްވެސް ހަމަ މި އަހަރު ތެރެއަށް ބަހާލައިގެން، ކައުންސިލްތަކާ މަޝްވަރާކޮށްގެން، އެކި ދުވަސްވަރު އެކި މަޝްރޫޢުތައް އަޅުގަނޑުމެން ކުރިއަށް ގެންދާނީ.

އާދެ، މިއިން ކޮންމެ ކަމެއްވެސް އަޅުގަނޑު ކުރާނީ، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއެކީ. ރައްޔިތުން ބޭނުންވާ ގޮތަކަށް، އެ މަޝްރޫޢަކަށް ގެންނަންޖެހޭ ބަދަލެއް ވީހާވެސް ރަނގަޅަކަށް ގެނެސްގެން. އަޅުގަނޑުމެން މި ކައުންސިލްތަކާ ބައްދަލުވާއިރުގައި މި އެނގެނީ، ބައެއް ރަށްރަށުގައި ރައްޔިތުން ކުރެން އަހައެއްނުލާ، ނޫނީ ރައްޔިތުން އެދޭ ގޮތެއް ބަލައެއްނުލާ، އެބަހުރި މަޝްރޫޢުތައް ހަވާލުކޮށް، ހިނގަން ފަށައި އަދި ނިމިފައިވެސް. އެއީއެއް ނޫން އަޅުގަނޑުމެން މަސައްކަތް ކުރާނެ ގޮތަކީ. ވީވަރަކުން ޓެކްނިކަލީ އެކަމެއް ނުކުރެވޭނެ ކަމަށްވަންޏާ، ނޫނީވިއްޔާ ރައްޔިތުން އެދޭގޮތަށް ހުރިހާ ކަމެއްވެސް ބައްޓަން ކުރެވޭތޯ ބަލާނީ.

އެހެންވީމާ، މި މަގުން މިގޮތަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މަސައްކަތް ކުރިއަށް ގެންދާނީ. އާދެ، ތުޅާދޫގެ މި ދެންނެވި ތަރައްޤީގެ ހުރިހާ މަޝްރޫޢުތަކަކާއި، އަދިވެސް އިތުރު ކަންކަމުގައި އަޅުގަނޑުމެން ކުރިއެރުން ހޯދައިދީ، އިރާދަކުރެއްވިއްޔާ ނަތީޖާ ނެރެދޭނަން.

އަދިވެސް އެއްފަހަރު، މި ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑު އެދެނީ، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި، ތިޔަބޭފުޅުން އަޅުގަނޑަށް ކުރެއްވި އިތުބާރުގައި، ކުރިއަށް ވަޑައިގެން ދެއްވައި، އަދި ކުރިއަށް ހުރި އިންތިޚާބުތަކުގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް އަޅުގަނޑުމެންނަށް މި ކުރެވޭ މަސައްކަތް ކާމިޔާބުވާނެ މަގުން ކަންތައްތައް ފަހިކޮށްދެއްވުމަށް. އާދެ، އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރިއްޔާ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، އަޅުގަނޑުމެންގެ ޤައުމު ކުރިއަށް ގެންދިޔުމުގައި، އަޅުގަނޑުމެންނަށް ހެޔޮ ތައުފީޤު މިންވަރު ކުރެއްވުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.